މިޔަންމާގެ މުސްލިމް އާބާދީ ނައްތާލުމަށް ކުރެވެމުންދާ މަސައްކަތް

ލިއުނީ : ފާތުން

 މިޔަންމާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންގެންދާ ގަތުލު އާންމު ތަކާމެދު މުސްލިމް  ދުނިޔޭގައި  ވަރަށް ބޮޑަށް ކަންބޮޑުވުން އުފެދެމުންދާ މިދަޑިވަޅާ ދިމާކޮށް މިކަމާބެހޭ ކޮންމެވެސް ވަރެއްގެ މައުލޫމާތު ކޮޅެއް ހިއްސާކޮށްލުމަށް މަސައްކަތް ކޮށްލާނަމެވެ .

މިޔަންމާގެމުސްލިމުންގެތެރެއިން ”ރޮހިންގޔާމުސްލިމުން“ނޭކިޔާ ނަސްލަށް ނިސްބަތްވާމީހުން އެއްކޮން ނައްތާލުމަށް ސަރުކާރުން ގަސްތުގައި މަސައްކަތް ކުރަމުންދާ ކަމަށް ހެކިލިބޭ އެތައް ހާދިސާތަކެއް ފަހުގެ ތާރީޚެއްގައި މިޔަންމާގައި އަންނަނީ ހިގަމުންނެވެ . އަދި އެގައުމުގެ ރައިސް ވަނީ ރޮހިންގޔާ މުސްލިމުން އެގައުމުން ބޭރުކުރުމުގެ އަމުރެއްވެސް ނެރުއްވާފައި ކަމަށް ވެއެވެ . މިގޮތުން ރޮހިންގޔާ މުސްލިމުން ގައުމުން ބޭރުކޮށް އދން ހިންގާ ރެފިއުޖީ ކޭމްޕް ތަކަށް ފޮނުވާލުމަށް ރައީސް އަންގަވާފައިވާކަމަށް ބަޔެއް ރިޕޯޓްތައް ބުނެއެވެ .

މިޔަންމާގެ ސިޔާސީ ކަންކަން ދިރާސާ ކުރާ އިސްފަރާތަކުން ސިފަކުރާގޮތުގައި ސަރުކާރުގެ މި ނިންމުމަކީ ހަގީގަތުގައިވެސް އެތުނިކް ކްލެންސިންގ ނުވަތަ ވަކި ނަސްލެއް އެއްކޮން ނައްތާލުމަށް ކުރާ މަސައްކަތެއް ކަމަށް ސިފަކޮށްފައިވޭ. އަދި ނޯބެލް ސުލްހައިގެ އިނާމް ލިބިވަޑައިގެންފައިވާ ، މިޔަންމާގެ ޑިމޮކްރަސީ ލީޑަރ އައުންސަންގ ސޫޗީ ވެސް މިކަމާބެހޭ ގޮތުން ހަނު ހުންނަވާ ކަމަށް އޭނަވަނީ ތުހުމަތު ކުރައްވަފައެވެ . އަދި މިފަދަ މުހިންމު މަސްއަލަ އެއްގައި ހަނު ހުންނެވުމަކީ ޖަރީމާއެއް ކަމަށްވެސް  އޭނާ ސިފަ ކުރައްވާފައިވެއެވެ .

މިދިޔަމަހު ޖެނީވާގައި  އޮތް ނޫސްވެރިންގެ ބައްދަލް ވުމެއްގައި ވާހަކަފުޅު ދައްކަވަމުން އައުންގ ސަންގ ސޫޗީ ވަނީ ރޮހިންގޔާ މުސްލިމުންނަކީ މިޔަންމާގެ ރައްޔިތުންކަން ނުވަތަ ނޫންކަން އޭނާޔަށް އެގިވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވެފައެވެ.

މިޔަންމާގައި މިލިއަނަކާ ގާތްކުރާ އަދަދަކަށް ރޮހިންގޔާ މުސްލިމުން ތިބި އިރު ސަރުކާރުން ވަނީ އެއީ ތިބި ބަޔެއް ކަމަށް ބަލައިގަތުމަށް ވެސް އިންކާރު ކޮށްފައި ކަމަށްވެއެވެ . އދން ވެސް ސިފަ ކުރާ ގޮތުގައި ، ދުނިޔޭގައި އެބަޔަކާ ދެކޮޅަށް އެންމެ ގިނައިން ދައުވާ ކުރެވޭ އެއް ނަސްލަކީ މިޔަންމާގެ ރޮހިންގޔާ މުސްލިމުންނެވެ .

ރޮހިންގޔާ  މުސްލިމުން މިޔަންމާގައި ދިރި އުޅެމުން އަންނަތާ އެތައް ޖީލު ތަކެއް ވެފައިވީ ނަމަވެސް މިޔަންމާގެ ވެރިކަމުގެ ބާރުތަކުން ބުނަނީ ރޮހިންގޔާ މުސްލިމުންނަކީ އެގައުމުގެ ގަދީމީ ވަޒަންވެރިން ނޫންކަމަށާ އެއީ ޢައިރު ގާނޫނީ ގޮތުން އެގައުމަށް ހިޖްރަ ކޮށްގެން ތިބި ބަޔެއް ކަމުގައެވެ .

މިޔަންމާގެ ރޮހިންގޔާ މުސްލިމުންގެ މަސްއަލައިގައި އެމެރިކާއިންވެސް ހަނު އޮންނަކަމަށް ، މިކަމާ ދެކޮޅަށް އަޑުއުފުލާ ފަރާތްތަކުން ބުނަމުން ގެންދެއެވެ . މިގޮތުން އެމެރިކާއިން މިޔަންމާއާ ދެކޮޅަށްއަލާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މިމަސްއަލަޔަށް ހައްލެއް އަންނަންދެން ދަމަހައްޓަން ޖެހޭނެ ކަމަށް އެފަރާތްތަކުން ބުނެއެވެ .

މިޔަންމާގެ މިހާރުގެ ސަރުކާރުގައި އިސް މެމްބަރުންގެ ގޮތުގައި   އަސްކަރީ އޮފިޝަލުން ތިއްބަވާ އިރު މިފަރާތްތަކުން އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮން ނުހިތާ ކަމުގެ ތުހުމަތު ވަރަށް ބޮޑަށް ކުރެވެމުންދެއެވެ .

މިޔަންމާގެ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް އެންމެ ފަހުން ދީފައިވާ ރަހުމުކުޑަ ހަމަލާތަކަށް ބަލާއިރު ، ބަންގްލާދޭޝްއާ އިންވެގެން އޮންނަ ސަރަހައްދެއްގައި ޖޫންމަހުގެ ތިންވަނަ ދުވަހު މުސްލިމުން ދަތުރުކުރި ބަހަކަށް ބުޑިސްޓުން ދިން ހަމަލާއެއްގައި ފަނަރަ މީހުން  އެއްފަހަރާ މަރުވެފައިވެއެވެ .

މިޔަންމާގައި އެތުނިކް މުސްލިމުންނާ ދެކޮޅަށް ސަރުކާރުން ، އަބަދު އަބަދު އަޅަމުންގެންދާ އިންތިހާ ދަރަޖައިގެ ދަތިކުރުމުގެ ފިޔަވަޅު ތަކުގެ ސަބަބުން ގައުމު ދޫކޮށް ދިއުމަށްވެސް ފާއިތުވި ދެއަހަރެއްހާ ދުވަހުގެ ތެރޭ އެތައް ހާސް މީހުން މަސައްކަތް ކޮށްފައިވެއެވެ.

  ( ބޭރުގެ ބަޔެއް ނޫސް ރިޕޯޓްތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ލިޔުމެއް . )

މިޔަންމާގައި ރަހުމު ކުޑަކޮން މަރާލެވިފައިވާކަމަށް ބުނާ ބަޔެއް މުސްލިމުންގެ ހަށިތަކެއް .

————

 

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ރޯދަމަހާއި ގުޅޭ ދުޢާތައް

Next Article

ރަމަޟާން މަހާއި ރޯދަ : ލައިލަތުލް ޤަދްރި ވިލޭރޭ ހޯދަން މަސައްކަތްކުރުން

Related Posts