ޙިކުމަތުގެ ބަސް މިއީ ޝައިޙް ޙުސައިން ރަޝީދު އަޙްމަދު ލިޔުއްވާފައިވާ ވަރަށް އިބްރައްތެރި ބަސްތަކެކެވެ. ބަސްތަކަކީ ޙިކުމަތްތެރި މުހިންމު ބަސްތަކަކަށްވާތީ ހެޔޮބަސްގެ ކިޔުންތެރިންނާއި ހިއްސާކުރަމެވެ.

އިމާމު ޝާފިޢީ ވިދާޅުވެފައި ވެއެވެ.

” ﷲ ގަންދީ ބުނަމެވެ. ފިނި ފެނަކީ އެބުއިމުން އަހަރެންގެ ބަނިޔާދަން ކަން ގެއްލުވައިލާ އެއްޗެއްކަން އެނގޭނަމަ އަހަރެން ހޫނުފެން ނޫން އެހެން އެއްޗެއް ނުބުއީހެވެ.”

ހެއު ޞާލިޙުންގެ ކިބައިންޝަފާޢަތަށް އެދުން:

އިމާމު ޝާފިޢީގެ ޅެން ބަސްފުޅެއްގައި އައިސްފައި ވެއެވެ.

أحب الصالحين ولست منهم ** لعلي أن أنال بهم شفاعة

މާނައީ: އަހުރެންނަކީ މާބޮޑު ހެއު ޞާލިޙު މީހެއް ނޫނީމެވެ. އެހެނަސް އަހުރެން ޞާޙިލުން ދެކެ އަހުރެން ނުހަނު ލޯބުވެއެވެ. އަހުރެން އުއްމީދު ކުރަނީ އެއުރެންގެ ކިބައިން އަހުރެންނަށް ޝަފާޢަތެއް ލިބިދާނެ ކަމަށެވެ

ތިން ކަމަކާއި ލައިގެންނޫނީ ފައިދާއެއް ނުކުރާނެ:

ދަރުސާއި ނަޞީޙަތުގެ ބަހުން ފައިދާ ކުރާނީ އޭގައި ތިން ކަމެއް ހުރެގެންނެވެ. އެއީ:

ހިތުގެ އިޚްލާޞްތެރި ކަމާއިދުލުގެ ފަސޭހަ ކަމާއިއަޑުއަހާ މީހުންގެ ޠަބީޢަތް އެނގުމެވެ.

(1) ފުރަތަމަ ކަމަކީ ނަޞީޙަތްދޭ މީހާ އިޚްލާޞްތެރި މީހަކަށް ވުމެވެ. އެހެންކަމުން ތިމާ ދޭ ނަޞީޙަތަކީ ތިމާގެ ހިތާއި ﷲއާ ގުޅިފައިވާ، އެކަމުގައި ﷲގެ ވަޖުހުފުޅު ޚާލިޞްވެފައިވާ އިޚްލާޞްތެރި ކަމަކަށް ވާންޖެހޭނެއެވެ. ތިމާގެ ހިތުގައި ދެވަނަ އެހެން އެދުމެއް އޮވެގެން ނުވާނެއެވެ. މިގޮތުން މީހުންގެ ކުރިމަތީ ތިމާއަކީ މޮޅު މީހެއްކަން ދެއްކުމަށް، ނުވަތަ އަނެކުންގެ ކިބައިން ދުނިޔެވީ ކޮންމެވެސް މަންފާއެއް ޙާޞިލު ކުރުމުގެ ގޮތުން ތިމާގެމައްޗަށް ނަޞީޙަތް ބިނާ ކުރާނަމަ އެކަން ވެގެންދާނީ ފޫނެތް ފަޔަކަށް ފެންއެޅުން ކަހަލަ ކަމަށެވެ.

(2) ދެވަނަ ކަމަކީ ވާހަކަ ދެއްކުމުގެ ގުޅަދާނަކަން ލިބިފައި ހުރުމެވެ. ތިމާގެ ދުލުގެ ފަސޭހަކަމަކީ ނުވަތަ ބަހުގެ ފަޞާޙަތްތެރިކަމަކީ ﷲގެ ޙަޟުރަތުން އެމީހަކަށް ލިބިފައިވާ މައުހިބާއެކެވެ. ހަދިޔާއެކެވެ. އެއީ ކޮންމެ ކޮންމެ މީހަކަށް ލިބިގެންވާ ކަމެއް ނޫނެވެ. މިމައުހިބާ ލިބުމުގައި ކޮންމެހެން އެމީހަކީ މޮޅު މީހަކަށް ނުވަތަ މާގިނަ އެއްޗެހިތަކެއް ދަންނަ މީހަކަށްވެސް ވުން ލާޒިމެއް ނޫނެވެ. މިގޮތުން ވާހަކަ ދެއްކުމުގެ ކުޅަދާނަކަމާއެކު ތިމާގެ ކިބައިގައި މައުރިފާވެރިކަން އިތުރުވެއްޖެނަމަ، އެއީ އަލީގެ މައްޗަށް އައްޔެކެވެ. އެހެންކަމުން ތިމާއަށް ދުލުގެ ފަޞާޙަތްތެރިކަމުގެ ނިޢުމަތް ލިބިއްޖެ މީހަކަށް ތިމާގެ މަޢުރިފާއާއި ޢިލްމުވެރިކަން އިތުރު ކުރުމަކީ ކޮންމެހެންވެސް ނުކޮށް ދޫކޮށްލައިގެން ވާނޭ ކަމެއް ނޫނެވެ. ނޫންނަމަ އެކަން ވެގެންދާނީ މޮޅު، ތޫނު ހަތިޔާރެއްގެ ބޭނުންކުރަން ނޭގޭ މީހެއްގެ މިލްކިއްޔަތުގައި އެފަދަ ހަތިޔާރެއް އޮތުންފަދަ ކަމެކެވެ. ޝައްކެއްނެތި ތިމާގެ އަތުގައި ޢުމަރުގެފާނުންގެ ކަނޑިކޮޅު އޮތަކަސް ޢުމަރުގެފާނަކަށް ނުވާނެއެވެ. އެފަދަ ފަހުލަވާނަކަށްވެސް ނުވާނެއެވެ.

(3) ތިންވަނަ ކަމަކީ ތިމާ ތަޖްރިބާވެރިއަކަށް ވުމާއެކު، ތިމާ މުޚާޠަބުވާ މީހުންގެ ޠަބީޢަތް ތިމާއަށް އެނގިހުރުމެވެ. ތިމާއަށް ކިތަންމެ ވަރަކަށް ޢިލްމު އެނގިފައި ހުއްޓަސް، އަދި ތިމާގެ ދޫ ކިތަންމެ ފަސޭހަވިއަކަސް، ތިމާގެ ކިބައިގައި ތަޖްރިބާއެއް ނިތިއްޖެނަމަ އަނެއްކާވެސް އެއޮތީ މޮޔައެއްގެ އަތަށް ކަނޑިއެއް ދިނުން ފަދަ ކަމަކާ މަތިވެފައެވެ. ޢިލްމަކީ ހަތިޔާރެކެވެ. އެހަތިޔާރު އޮންނަންވާނީ އޭގެ ބޭނުންކުރަން އެނގޭ، އެކަމުގެ ތަޖްރިބާއާއި ހުނަރު ހުރި މީހެއްގެ އަތުގައެވެ. ނުވަތަ އެމީހަކަށް އެޢިލްމުގެ ފައިދާއެއް ކުރާނީ އަދި އަނެކުންނަށް އެއިން ފައިދާއެއް ހޯދައިދެވޭނީ ތިމާގެ ކިބައިގައި އެކަމުގެ ފުރިހަމަ ޤާބިލިއްޔަތާއި ހުނަރުވެރިކަން ހުރެގެންނެވެ. މިގޮތުން ތިމާ އެބަޔަކާ މުޚާޠަބުކުރާ ބަޔަކީ ކޮންކަހަލަ، ކޮން ފެންވަރެއްގެ، ކޮން މާޙައުލެއްގައި ދިރިއުޅޭ، ކޮންމެ ޢުމުރެއްގެ، ޢިލްމާއި ޙިލްމުގެ ގޮތުން ކިހާހިސާބަކަށް ސިކުނޑި ފޯރާފައިވާ ބަޔަކުކަން، ތިމާއަށް ނޭގި ހުރެ އެމީހުންނަށް ނަޞީޙަތްދީ ވަޢުޒާއި ދަރުސުދޭން ފަށައިފިނަމަ އެއިން އެބަޔަކަށް ހަލާކާއި ކުރިމަތިލާން ޖެހުން ދުރުކަމަކަށް ނުވާނެއެވެ.

އެހެންކަމުން ބަޔާންވެދިޔަ ތިން ސިފައަކީ ދަޢުވަތުދޭ މީހަކަށް ނުވަތަ ދީނަށް ގޮވައިލާ މީހަކަށް ނުވަތަ ދާޢީއަކަށް ނުވަތަ ދަރުސުދޭ މީހަކަށް، އެމީހެއްގެ ކިބައިގައި ކޮންމެހެން ބަހައްޓަންޖެހޭ މުހިންމު ތިން ސިފައެވެ. މިތިން ސިފައަށް އިޝާރަތް ކުރަށްވަމުން ކީރިތި ޤުރުއާނުގެ، އައްނަޙްލު ސޫރަތުގެ 125 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރަށްވާފައި ވަނީ މިފަދައިންނެވެ. اُدْعُ إلَى سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ وَجَادِلْهُمْ بِالَّتِى هِيَ أَحْسَنُ މާނައީ: އޭ ރަސޫލާއެވެ! ކަލޭގެވެރި ރަސްކަލާނގެ މަގަށް، މީސްތަކުންނަށް ދަޢުވަތު ދޭހިނދު ޙިކުމަތްތެރިކަމާއި މޮޅު، ރިވެތި ނަޞީޙަތާއެކު އެމީހުންނަށް ވިސްނައިދޭށެވެ! އަދި އެމީހުންނާ ބަހުސެއް ކުރަން ޖެހިއްޖެ ޙާލަތެއްގައިވެސް އެކަމުގައި އޮންނަ މަޑުމައިތިރި ރިވެތި މަގު އިޚްތިޔާރު ކުރާށެވެ.

މުދާ ރައްކައުތެރި ކުރެވޭނެ ތިންސިފަ:

މުދަލަކީ ﷲގެ ޙަޟުރަތުން މީހާއާ ޙަވާލުކުރެވޭ އެއްޗެކެވެ. އެއީ ކޮންމެހެން ތިމާގެ ޢިލްމަކުން، ނުވަތަ ތިމާގެ ބާރަކުން، ނުވަތަ ތިމާގެ ހުނަރަކުން ލިބެމުންދާ އެއްޗެއް ނޫނެވެ. ޙަޤީޤަތުގައި ތިމާއަށް މުދާ ދެއްވަނީ ތިމާއަށް ﷲގެ ޙަޟްރަތުން ކުރިމަތިކުރެވޭ އިމްތިޙާނަކަށެވެ. ފާސްވޭތޯ ބެއްލެވުމަށެވެ. ނުވަތަ ފޭލިވެގެންދަނީ ކިހާ އަވަހަކަށްތޯ ދެއްކެވުމަށެވެ. އެހެންކަމުން މުދަލެއް ތިމާއަށް ލިބިއްޖެނަމަ އޭގައި ތިން ސިފަ އެކުލެވިގެން ނުވާނަމަ ތިމާއަށް އެމުދާ ތިމާގެ އަތުގައި ރައްކައުތެރި ނުކުރެވޭނެއެވެ. ޝައްކެއްނެތެވެ. ތިމާއަށް ލިބިފައިވާ، ތިމާގެ މުދާ ތިމާގެ އަތުގައި ސަލާމަތްތެރިވެ ރައްކައުތެރި ކުރެވޭނީ ތިމާގެ ކިބައިގައި މުދަލާ ގުޅޭ ތިން ސިފައެއް ހުރެގެންނެވެ.

(1) އަނިޔާވެރިކަމެއް ނެތުން: ތިމާ ޖަމާކުރާ މުދާ ހޯދިފައި ހުންނަންޖެހޭނީ، އެހޯދުމުގައި އެއްވެސް އަނިޔާވެރިކަމެއް ނެތިއެވެ. ޙަލާލު ގޮތުގައެވެ. މުދަލަކީ ވިހައެއްފަދަ އެއްޗެކެވެ. ނަހަލާލު ގޮތެއްގައި މުދާ ހޯދައިފިނަމަ ތިމާއަށް އެމުދާ ވިހަލާނެއެވެ. ތިމާއަށް އާފަތަކަށް އެމުދާ ވެގެންދާނެއެވެ.

(2) އިސްރާފު ނުކުރުން: މުދަލަކީ ﷲ ތިމާއާ ޙަވާލުކުރަށްވާފައިވާ އަމާނަތެކެވެ. އެއަމާނާތަށް ޚިޔާނާތްތެރިވެގެން ނުވާނެއެވެ. ޚަރަދު ކުރުމުގައި ތިމާއަށާއި ތިމާ ޚަރަދުކުރަން ވާޖިބުވެފައިވާ މީހުންގެ އިތުރުން ﷲގެ ޙައްޤާއި އަނެކުންގެ ޙައްޤު އަދާކުރަން ވާނެއެވެ. މިއިން އެއްވެސް ކަމެއްގައި އިސްރާފުކޮށް، ބޭނުންނެތް ވިޔާނުދާ ޚަރަދު ކޮށްގެން ނުވާނެއެވެ. ނޫންނަމަ އެމުދާ އެންމެފަހުން ވެގެންދާނީ އާފަތަކަށެވެ. އިސްރާފު ކުރުމަކީ ތިމާގެ އަތްމަތިން ބަރަކާތް ހުސްވެގެންދާ ކަމެކެވެ. ޒަކާތް ދިނުމާއި ޞަދަޤާތް ދިނުމަކީ ތިމާގެ އަތްމަތީގައި ބަރަކާތް އިތުރުވެ، މުދާ އިތުރުވާ ކަމެކެވެ. އެހެންކަމުން އިސްރާފު ކުރުމެއްނެތި މިކަންކަމުގައިވެސް ތިމާގެ މުދާ ބައިވެރިކުރަންވާނެއެވެ. މާތް ﷲ ވަޙީ ކުރަށްވާފައި ވެއެވެ. يَا بَنِي آدَمَ خُذُوا زِينَتَكُمْ عِنْدَ كُلِّ مَسْجِدٍ وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا إِنَّهُ لَا يُحِبُّ الْمُسْرِفِينَ (الأعراف: 31) މާނައީ: އޭ އާދަމުގެ ދަރިންނޭވެ! ނަމާދަށް ދާއިރު ރީތިވެ، ޒީނަތްތެރިވެގެން ﷲ ގެ ޙަޟުރަތަށް ކުއްތަންވާށެވެ! އަދި ﷲ ދެއްވި މުދަލުން، އުފަލާއެކު ކައިބޮއި އުޅޭށެވެ! އެހެނަސް ނަމަނަމަ އިސްރާފު ނުކުރާށެވެ! ދަންނާށެވެ! އިސްރާފުކުރާ މީހުންދެކެ ﷲ ލޯބިވެ ވޮޑިނުގަންނަވައެވެ. މިއެވެ.

(3) ދަހިނުވުން: މުދާ ބަލަހައްޓައި ރައްކައުތެރި ކުރަންޖެހޭނީ ތިމާ އެއަށް ދަހިވެ ބަޚީލުވެގެނެއް ނޫނެވެ. ދަހިވުމަކީ ބައްޔެކެވެ. މުދަލުގައި ވިހަ ފަނި އަޅާ ކަމެކެވެ. އަދި ފަނިއެޅުމަކީ މުދާ ހަލާކު ކޮށްފަނިވި ކަމެކެވެ. ތިމާގެ ޢާއްމު ތަކެތީގައި ފަނިއެޅުމުން ހަލާކުވާ ފަދައިންނެވެ. އެއިން ބަރަކާތް ހުސްވެ ކަމީނާވާ ކަމެކެވެ. މުދަލުން އިސްރާފު ނުކުރުމުގެ މާނައަކީ ދަހިވެތި ވުމެއް ނޫނެވެ. އަހަރެމެން ހަނދުމަ ބަހައްޓަން ޖެހޭ ކަމަކީ ތިމާގެ ކިބައިގައި ދަހިވެތިކަމާއި ބަޚީލުކަމުގެ ބަލި އަށަގެންފި ކަމުގައި ވާނަމަ މުދާ ތިމާގެ އަތުގައި ހަރުނުލާނެއެވެ. ތިމާއަށް ހީވަނީ މުދަލުން ޚަރަދު ނުކުރުމުން އިތުރުވެދާ ކަމަށެވެ. ޙަޤީޤަތަކީ އެއީއެއް ނޫނެވެ. މުދާ އިތުރުކުރަން ބޭނުންނަމަ ޚަރަދުވެސް ކުރަންޖެހޭނެއެވެ. މިގޮތުން ޚަރަދުކުރުމުގައި އަބަދުވެސް ތިން ފަރާތެއްގެ ޙައްޤެއް އޭގައި ވާކަން ދަންނަންވާނެއެވެ. އެއީ ތިމާގެ ނަފްސުގެ ޙައްޤާއި ﷲގެ ޙައްޤާއި ތިމާއަށް ބަލަދު އަރާފައިވާ މީހުންގެ ޙައްޤެވެ. މިތިން ޙައްްޤު ފުރިހަމައަށް އަދާކޮށްގެން ނޫނީ މުދަލާމެދު ހެއުގޮތުގައި މުޢާމަލާ ނުކުރެވޭނެއެވެ. މުދަލާއެކު ހެއު ގޮތުގައި މުޢާމަލާ ނުކުރާ މީހަކާއެކު މުދާ ދެމިހުންނާނެއެވެ. އައްތަޣާބުން ސޫރަތުގެ 16 ވަނަ އާޔަތާއި 17 ވަނަ އާޔަތުގައި މާތް ﷲ އަންގަވާފައި ވަނީ މިފަދައިންނެވެ.  فَاتَّقُوا اللَّهَ مَا اسْتَطَعْتُمْ وَاسْمَعُوا وَأَطِيعُوا وَأَنْفِقُوا خَيْرًا لأنْفُسِكُمْ وَمَنْ يُوقَ شُحَّ نَفْسِهِ فَأُولَئِكَ هُمُ الْمُفْلِحُونَ (١٦) إِنْ تُقْرِضُوا اللَّهَ قَرْضًا حَسَنًا يُضَاعِفْهُ لَكُمْ وَيَغْفِرْ لَكُمْ وَاللَّهُ شَكُورٌ حَلِيمٌ (١٧) މާނައީ: ތިޔަބައިމީހުން، ތިމާމެންނަށް ވީމިންވަރަކުން ﷲއަށް ބިރުވެތިވެ އުޅޭށެވެ. އަދި އެއިލާހުގެ އަމުރުފުޅުތަކަށް ސަމާލުކަންދީ، ކަންފަތްދޭށެވެ! އަދި އެއިލާހުގެ އެންގެވުންތަކަށް ތަބާވާށެވެ! ތިމާއަށް އެއިލާހު ދެއްވި މުދަލުން ހޭދަކޮށް އުޅޭށެވެ. ތިމާމެންނަށްޓަކައި އޮތް ހެއުމަގަކީ މިއީއެވެ. ދަންނާށެވެ! ތިމާގެ ޠަބީޢަތުގައި ހުންނަ ދަހިވެތިކަމުން ތިމާގެ ނަފްސު ސަލާމަތްކޮށްފި މީހާއީ ޔަޤީނުންވެސް ކާމިޔާބުގެ މަގު ލިބިގެންފި މީހެކެވެ. އަދިވެސް ދަންނާށެވެ! ﷲގެ މަގުގައި ތިޔަބައިމީހުން ހެއުގޮތުގައި ހޭދަކުރާ ކަމުގައި ވަނީނަމަ، އޭގެ ބަދަލުގައި ﷲ ތިޔަބައިމީހުންގެ މުދަލުގައި ބަރަކާތް ލައްވައި، މުދާ އެތަށްގުނައަށް އިތުރުކޮށް ދެއްވާނެތެވެ. އަދި ތިޔަބައިމީހުންގެ ފާފަ ފުއްސަވައި ދެއްވާނެތެވެ. ދަންނާށެވެ! ﷲ އީ ޝުކުރުކުރާ މީހުންނަށް ފުރިހަމަ ބަދަލު ދެއްވާ، ފާފަވެރިއަޅުންނަށް ކޯފާވެވޮޑިގަތުމުގައި ކެތްތެރިވެ ވޮޑިގެންވާ އިލާހެވެ.

يابني ذقت الطيبات كلها فلم أجد أطيب من العافيه ދަރިފުޅާއެވެ! އަހުރެން މިވަނީ އެންމެހައި މީރު ތަކެއްޗެއްގެ ރަހަ ބަލައިފައެވެ. ނަމަވެސް ފުރިހަމަ ޞިއްޙަތާއި ޢާފިޔަތުގެ ވުރެން މީރު އެއްޗެއް އަހަންނަކަށް ނުފެނުނެވެ.

LEAVE A REPLY

Please enter your comment!
Please enter your name here