ގޮނޯރިއާ: ޖިންސީ ގުޅުމުގެ ޒަރީއާ އިން ޖެހޭ ނުރައްކާތެރި ބައްޔެއް!

ގޮނޯރިއާ: ޖިންސީ ގުޅުމުގެ ޒަރީއާ އިން ޖެހޭ ނުރައްކާތެރި ބައްޔެއް!

- ޞިއްހަތު
0

ގޮނޯރިއާ ނުވަތަ ކިހުނުވުމަކީ ނޭސޭރިއާ ގޮނޯރިއާ (ގޮނޮކޯކަސް) އޭ ކިޔާ ބެކްޓީރިއާ އަކުން ޖެހޭ ބައްޔެކެވެ. މިއީ ޖިންސީ ގުޅުމުގެ ޒަރީޢާއިން ފެތުރޭ ބަލިތަކުގެ ތެރޭގައި ހިމެނޭ އެންމެ ނުރައްކާތެރި އެއް ބައްޔެވެ. ކިހުނުވުން މެދުވެރިކުރުވާ ޖަރާސީމް ހަށިގަނޑަށް ވަންނަނީ ހަށިގަނޑުގައިވާ ތެތް ދުލިފަށްތައް ހުރަސްކޮށެވެ. އޭގެ ސަބަބުން އަންހެނުންނާއި ފިރިހެނުންނަށް ވެސް ކިހުނުވުން މެދުވެރި ކުރުވައެވެ. މިޖަރާސީމް ނަސްލު އުފެއްދުމާ ބެހޭ ނިޒާމްގެ ތެތް ހޫނު ހިސާބުތަކުގައި ފަސޭހަ ކަމާއެކު ބޮޑުވެ އިތުރުވެއެވެ. ރަހިމުގެ ކަރު، ރަހިމް، ބިސް ދަތުރުކުރާ ހޮޅި، ކުޑަކަމުދާ ހޮޅި، ފުރަގަސް ފަރާތް، ކަރުތެރެ، އަނގަ، އަދި ލޮލުގައި މިޖަރާސީމް ހެދި ބޮޑުވެއެވެ.

އަންހެނުންނަށް ގޮނޯރިއާ ޖެހުމުން ކުރިމަތި ފަރާތުން އާންމުކޮށް އަންނަ ދިޔަ ފިޔަވައި، ހުދު، ރީދޫ، ނުވަތަ ފެހިކުލައިގެ އެއްޗެހި އަންނަން ފަށައެވެ.އަދި ކުޑަކަމުދާއިރު ދިލަނަގައި ތަދުވެ ރިއްސުން، ޖިންސީ ގުޅުން ހިންގުމުން ދިލަނަގައި ތަދުވުން ފަދަ ކަންތައްތައް ވެސް މެދުވެރި ކުރުވައެވެ. މީގެ އިތުރުން ބަނޑުގައި ރިހުން އަދި ހުންއާދެއެވެ.  އަދި ޙައިޟުގެ މުއްދަތު ދެމިގެން ދިއުމާއި އަދި މާގިނައިން ލޭއައުމަކީ ވެސް ކިހުނުވުމުން ވެދާނެގޮތެކެވެ. ޢާންމު ގޮތެއްގައި އަލާމާތްތައް ފެންނާނީ ޖަރާސީމް ހަށިގަނޑުގައި އަށަގަންނަތާ 21-7 ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ.ޢާންމު ގޮތެއްގައި ކިހުނުވުން ކުރިމަތިވާ އަންހެނުންގެ 60 އިންސައްތަ މީހުންނަށް މިކަމުގެ ޢަލާމާތްތައް ނުފެނިދެއެވެ.

ގޮނޯރިއާ ޖެހުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ބަލިޖެހިފައިވާ މީހަކާ އެކު އެއްދާންކުރުން، ބަލިޖެހިފައިވާ މީހެއްގެ ތުވާލި ފަދަ ތަކެތި ބޭނުންކުރުން، ފާޚާނާ ހިއްސާކުރުން، ފަދަ ކަންތައް ހިމެނެއެވެ. އަދި މައިމީހާގެ ފަރާތުން ކުޑަ ދަރިފުޅުގެ ހަށިގަނޑަށް ވެސް މި ބަލީގެ ޖަރާސީމު ވާސިލްވެއެވެ.

ގޮނާރިއާ އަށް ފަރުވާނުކޮށް ގިނަދުވަސް ވެއްޖެނަމަ މިބަލީގެ ސަބަބުން ފިލޯޕިއަންޓިއުބާއި އޯވަރީގައި ޖަރާސީމް އުފެދި ޕެލްވިސް އިންފްލެމޭޓްރީ ޑިސީސް (ޕީއައިޑީ) އަށް ވާރުތަ ކުރުވައެވެ. މިގޮތުން ޕީއައައިޑީ ޖެހުމުން އުނަގަނޑުގައި ރިއްސުމާއ، ހުންއައުން ނުވަތަ ހުންވައްތަރުވެފައި ހުރުމުގެ އިތުރަށް ޖިންސީ ގުޅުންހިންގާއިރު ތަދުވުން ހިމެނެއެވެ. ބައެއް ފަހަރު ކިހުނުގެ އަސަރު ބިސް ދަތުރުކުރާ ހޮޅިއާއި ހަމައަށް ފެތުރި ހޮޅި ބެދޭގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުން ދަރިން ނުލިބޭގޮތް މެދުވެރިވުމަކީ ވެދާނެ ކަމެކެވެ. އަދި ރަހިމުގެ ވަށައިގެން ލެވިފައިވާ ތެތްދުލިފަށް ހަލާކުވުން، އަދި ޖިންސީ ގުނަވަން ހަލާކުވުން ފަދަ ކަންތައް މެދުވެރި ކުރުވައެވެ. ބިސް ދަތުރުކުރާ ހޮޅީގައި ފެން ނުވަތަ ދޮސް ފަދަ އެއްޗެއް ޖަމާވުމަކީ ވެސް ނުރައްކާތެރި ޙާލަތަކަށް ބަލި ވާޞިލްވެއްޖެ ނަމަ ވެދާނެ ގޮތެކެވެ. އަދި ކިހުނުވެފައިވާ މީހަކާއެކު އަނގައިގެ ޒަރީއާއިން ޖިންސީ ގުޅުން ހިންގައިފިނަމަ އަނގައާއި ކަރުތެރެ ފާރުވާގޮތްވެއެވެ. އަދި ފުރަގަސް ފަރާތް ބޭނުންކޮށްގެން ޖިންސީ ގުޅުން ހިންގައިފިނަމަ ފުރަގަސް ފަރާތުދޮރާއި އެހިސާބު ފާރުވެ ހަލާކުވެއެވެ. މީގެ އިތުރުން ކުޑަ ދަރިފުޅުގެ ލޮލަށް ވިހެއުމުގެ ތެރޭގައި މިއިންފެކްޝަން ވާޞިލްވެއްޖެނަމަ އުފަންވާއިރު ލޯ އަނދިރިވެފައި ހުރުމަކީ ވެސް ކިހުނުވުމުގެ ސަބަބުން ދިމާވެދާނެކަމެކެވެ.

ކިހުނުވުމުން ރައްކާތެރިވުމަށް އެންމެ މުހިއްމު ފިޔަވަޅަކީ ރައްކާތެރި ގޮތުގައި ޖިންސީ ގުޅުން ހިންގުމެވެ. މިގޮތުން ޖިންސީ ގުޅުން ހިންގުމަށް ވަފާތެރި އެކަކު އިޚްތިޔާރުކުރުމާއި ކައިވެނިން ބޭރުގައި މިފަދަ އަމަލުތައް ނުހިންގުމާއި ޖިންސީ ގުޅުން ހިންގާއިރު ހުރަސް ފަދަ ތަކެތި ބޭނުންކުރުން ހިމެނެއެވެ.

މިބަލިޖެހިފައިވޭތޯ ބެލުމަށްޓަކައި ޖަރާސީމްގެ އަސަރު ހުރިތޯ ކަރާއި ޖިންސީ ގުނަވަނުން ކަފަބުރެއް ޒާތު އެއްޗަކުން ސާމްޕަލް ނަގައިގެން ޓެސްޓް ކުރެވެއެވެ. މި ބައްޔަކީ ވެސް ބަލީގެ ކުރީކޮޅު ފަރުވާ ކުރެވިއްޖެނަމަ އަވަހަށް ރަގަޅުކުރެވިދާނެ ބައްޔެކެވެ.

ރައްދު

Your email address will not be published. Required fields are marked *