ގަޑިން މެންދަމުން އަލިވެ އެކެއްޖެހީއެވެ. މުޅިމާހައުލުވެސް ނިދާފައިވާ ކަހަލައެވެ. އެއްވެސްމީހެއްގެ އަޑެއްބަޑެއް ނީވެއެވެ. ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ނަމަވެސް މިދަންވަރުގެ ވަގުތުގައިވެސް ނިދުމުގެ އަރާމުން މަހްރޫމްވެފައިވާ އިފާ އިނީ ގިސްލަ ގިސްލާފައި ރޯށެވެ. މުޅި ރޭގަނޑު ހަތަރުދަމު އިފާގެ ދެލޯ ދުޅަވެފައިވާ ކަހަލައެވެ. މޫނުމަތިން ފެންނަނީ ވަރުބަލިކަމާއި މާޔޫސްކަމެވެ. ހިތާމަޔާއި ހިތްދަތިކަމުގެ އަސަރުތަކެވެ. އެނދުގެ އެންމެ ބިއްދަށައްއަރާ ފާރުގައި ލެނގިލައިގެން އިން އިފާ ކުއްލިއަކަށް ތެދުވެއްޖެއެވެ. ހީވަނީ ކުއްލިއަކަށް ވަރަށްބޮޑު އެއްޗެއް ހަނދާންވިހެންނެވެ. ބަރުހެލި ފިޔަވަޅުތަކަކާއެކު  ހިނގާފައިގޮސް އަލަމާރީގެ ދޮރު ހުޅުވާލިއެވެ. އަދި ފޮތެއްގެ ތެރެން ކުޑަ ކަރުދާސްކޮޅެއް ނެގިއެވެ. އޭގައި ލިޔެފައިވަނީ ހަމައެކަނި ” ގުޑްބާއި ” މިހެންނެވެ. އިފާގޮސްއެނދުގައި އިށީންދެ ލިޔެވެ. އަތުގައިވާ ކުޑަ ކަރުދާސްކޮޅުގެ ތެރެއިން އެތަކެއް ސަފްހާއެއްގެ މައްޗަށް އެކުލެވޭ އިފާގެ ޑައިރީ ހުޅުވާލިއެވެ. ހިރަފުހާ ތަތްތެޅިފައިވާ އިފާގެ މާޒީ އިފާގެ ލޮލުގެ ކުރިމަތީގައި ސިފަވާންފެށިއެވެ.

   މީގެ ފަސްމަސް ދުވަސް ކުރިއެވެ. މާދަމާއަކީ ސްކޫލް ހުޅުވޭ ދުވަސްކަމުން ސްކޫލަށްދާހިތް އޮތްލެއް ބޮޑުކަމުން މިރޭ އިފާއަށް ރަނގަޅަށް ނުވެސް ނިދުނެވެ. ވާނީވެސް އެހެންތާއެވެ. އިފާފަދަ ކިޔެވުމަށް ލޯބިކުރާ ކިޔެވުމުގެ ޝައުގުވެރިކަން ބޮޑު ކުއްޖަކަށް ގުރޭޑް 10ގައި އުޅޭ އަހަރުވާނީ ވަރަށްމުހިންމު އަހަރަކަށެވެ. ކޮންމެއަކަސް އިފާގެ ތައުލީމީ އެންމެފަހު އަހަރުކަމުން ސްކޫލް ހުޅުވުނު ދުވަސްވެގެންދިޔައީ ވަރަށްވަރުގަދަ އަޒްމަކާއެކު ކިޔެވުމާއި ކުރިމަތިލި ދުވަހަކަށެވެ. އިފާގެ އަޒްމަކީ ގަދަ ދިހައަކުން ޖާގަ ހޯދުމެވެ. މޮޅުދަރިވަރެއްގެ ގޮތުގައި ސްކޫލް ނިންމާލުމެވެ. މިއީ ހަމައެކަނި އިފާގެ އުންމީދެއްނޫނެވެ. އިފާގެ މައިންބަފައިންނާއި ދޮންތައާއި ދޮންތަބެގެވެސް އުންމީދެވެ.

  އެއްދުވަހަކު އިފާ ސްކޫލްނިމިގެން ގެއަށްއައިއިރު ވަރަށްރީތި ޒުވާން ފިރިހެންކުއްޖަކު ސިޓިން ރޫމްގައި އިނެވެ. އިފާއައިސް ގެއަށްވަނުމާއެކު މިޒުވާނާ އިފާއަށް ހިނިތުންވެލިއެވެ.  ބަދަލުގައި އިފާވެސް ހިނިތުންވިއެވެ. އިފާ އަވަސްއަވަހަށްގޮސް ދޮންތައާ ސްވާލު ކުރިއެވެ. ” އެއީ ކާކު؟ ” ދޮންތަކުޑަކޮށް ސިހިފައި ސުވާލުކުރިއެވެ. ދޮންތަ ކުޑަކޮށް ސިހިފައި ކޮބައިހޭ އަހާލިއެވެ.

” އެތާ ސިޓިންގ ރޫމުގައި ” ވައިއަޑަކުން އިފާ ބުނެލިއެވެ.

” ސާބަސް އެއީ ދޮންތަބެމެންގެ ޖަމިއްޔާއިން މިރަށުގައި ކޯހެން ހިންގަން އައިސްހުރި ކުއްޖެއް.” މިހެންބުނެފައި އިފާގެ ދޮންތަ ހީލިއެވެ. އިފާވެސް އިތުރަށް އޮޅުންފިލުވާކަށް ބޭނުމެއް ނުވިއެވެ.

ޒަމީލްހުނަންނީ އިފާމެންގޭގައެވެ. އިފާއާ ޒަމީލް ބައްދަލުވަނީ މަދުމަދުންނެވެ. ސަބަބަކީ އިފާ ގިނަވަގުތު އުޅެނީ ސްކޫލްގައިކަމަށްވެފައި ޒަމީލް ގިނަވަގުތު އުޅެނީ ކޯސް ހިންގަންކަމަށްވާތީއެވެ. ނަމަވެސް ޒަމީލް އިފާމެންގެ ގެއަށް އައިތާ ދެތިން ދުވަހެއް ތެރޭގައި ޒަމީލްގެ ކަތި ނަޒަރުތައް އިފާއަށް އަމާޒްވާން ފަށައިފިއެވެ. ޒަމީލްގެ ބަލައިލުމާއި ހިނިތުންވުމުގެ ޖާދޫގައި އިފާ ޖެހެންފަށައިފިއެވެ. ޒަމީލް ވާހަކަދައްކާނޭ ވަގުތަކަށް އިފާގެ ހިތްއެދެން ފަށައިފިއެވެ. ކިޔެވުމުގެ ބުރަ ވަގުތުތަކުގެ ތެރެއިންވެސް އިފާގެ ލޮލުގެ ކުރިމަތީގައި ޒަމީލްގެ ތަސްވީރު ކުރެހެންފަށައިފިއެވެ. ފަހުންފަހުން ރޭގަނޑު އިފާ ފޮތްކިޔާ ގަނޑީގައި އިފާގެ ގާތުގައި ޒަމީލް އިށީންނަން ފަށައިފިއެވެ. ބައެއްފިލާވަޅުތައް ބުނެދީ އެކަކު އަނެކަކާ ވާހަކަދައްކަންފަށައިފިއެވެ. މިގާތްކަން ދުވަހެއްދުވަހަކަށް ބަދަހިވަމުން ގޮސް އެންމެފަހުން ލޯތްބަށް ބަދަލުވެއްޖެއެވެ. އާދައިގެ މަތިން އިފާ ފިލާވަޅުހަދަން އިންދާ މިރޭވެސް ޒަމީލް އިފާގެ ގާތަށް އައެވެ. ނަމަމެސް ގޮނޑީގައި އިށީނުމުގެ ބަދަލުގައި އިފާއާވަރަށްކައިރިއަށް ހުއްޓި ” އިފާ ” މިހެން ގޮވާލިއެވެ. އިފާއަށްހީވީ މަޑުމަޑުންމީހަކު އިފާގެ ހިތުގައި ފިރުމާލިހެންނެވެ. ޒަމީލްގެ އަޑުގައިވަނީ ބުނެދޭންނޭންގޭފަދަ އަސަރުތަކެކެވެ. އިފާ ޒަމީލްގެ މޫނަށް ބަލާލަމުން ބުންޏެވެ. އިފާއަށް މިރޭ ޒަމީލްފެންނަނީ ވަރަށް ތަފާތުކޮށެވެ. ޒަމީލްއަނެއްކާވެސް މަޑުމަޑުން ބުނެލިއެވެ. ” އަހަރެންގެ ހަޔާތުގެ ބައިވެރިޔަކަށް ވާންކެރިދާނެތަ؟ ” އިފާއަށް ދޭނެ ޖަވާބެއް ނޭންގުނެވެ. ލަދުން ގޮސް މުޅިމީހާ ގަނޑުވިކަހަލައެވެ. އެހާމެ، އުފާވެސް ވިއެވެ. އެކަމަކު އާއެކޭ ބުނާކަށްވެސް ނުކެރުނެވެ. އިފާ ދުއްވައިގަތެވެ. ނަމަވެސް ޒަމީލް އިފާގެ އަތުގައި ހިފެހެއްޓިއެވެ. އަދިބުނެލިއެވެ. “ދެވޭނީ ކޮންމެވެސް އެއްޖަވާބެއް ދީފައި.” އިފާގޮތް ހުސްވިއެވެ. އިސްދަށަށްޖެހުނެވެ. ” އަހަރެންވެސް ޒަމީލްއާ ގުޅެން ބޭނުން. ” ވަރަށް މަސައްކަތުން އިފާ ބުނެލިއެވެ. އަދި ޒަމީލް އަތްފޮޅުވާ ލުމަށްފަހު ގޮސް ކޮޓަރިއަށް ވަނެވެ. އިފާއާއި ޒަމީލްގެ ލޯތްބަކީ ސިއްރެކެވެ. ގޭގެ އެހެންމީހުންގެ ކުރިމަތީގައި އެދެމީހުންގެ ގުޅުންހާމަކުރާކަށް ބޭނުމެއްނޫނެވެ. ނަމަވެސް އެކަނިވާ ކޮންމެފަހަރަކު ދެމީހުންގެ ލޯބީގެ މާތަށް ފޮޅުވައެވެ.

ކޮންމެއަކަސް ޒަމީލް އެރަށުގައި ހުރުމަށް ކަނޑައެޅިފައިވާ 15 ދުވަސް ހަމަވެ މާދަމާއަކީ ޒަމީލް މާލެދާން ފުރާދުވަހެވެ. މިކަމާ އިފާގެ ހިތަށްވަނީ  ބަޔާންކުރަންވެސް ދަތި ހިތްދަތި ކަމެއްވެރިވެފައެވެ.

ޒަމީލް އިފާގެ ގާތުގައިހުންނާނެ އެންމެފަހު ރޭކަމުން އިފާވެސް ބޭނުމީ މުޅިރޭގަނޑު ޒަމީލްއާއެލު ހޭދަކުރާށެވެ. އެހެންކަމުން ޒަމީލް އަންނާނެކަމުގެ އިންތިޒާރުގައި އިފާ ސިޓިންގރޫމުގައި އިނެވެ. ކުއްލިއަކަށް އިފާއަށް އިވުނީ ޒަމީލްގެ އަޑެވެ. ” އިފާ އަހަރެން އިފާގާތު ދައްކަން ވަރަށްގިނަ ވާހަކައެބަހުރި. އިފާގެ ކޮޓަރިން އަހަންނަށް އިންތިޒާރުކުރާނެކަމަށް ހީކުރަން. ޒަމީލް މަޑުވެސްނުކޮށް ނިކުމެގެން ހިގައްޖެއެވެ.

މިރޭ ޒަމީލްގެ ކޮންމެ އެދުމަކަށް އިފާ އިޖާބަދޭނެއެވެ. އެއީ  ޒަމީލްވަކިވާތީއެވެ. އޭނާ އުފާކޮށްދޭށެވެ. ހިތްހަމަ ޖައްސައިދޭށެވެ. ވީވެސް އެހެންނެވެ. ލޯބީގެ ތަފާތު ވާހަކަތަކުގެ ތެރެއިން ޒަމީލްގެ ހިތުގެ އެދުން އިފާގެ ކިބައިން ހާސިލްކުރިއެވެ. އިފާގެ އަތުގައި ރައްކާކޮށްފައިވާ އިތްފަތްތެރިކަމުގެ ގަހަނާ އިފާގެ ކިބައިން ބީވެގެން ހިނގައްޖެއެވެ. ޖަޒްބާތުގެ އޮއިވަރުގައި ޖެހި އިފާގެ ހަޔާތުގައި ބޮޑުލައްގަނޑެއް ޖެހިގެން ދިޔައިރުވެސް އިފާއަކަށް އެކަން އިހްސާސެއް ނުވެއެވެ. އެއަށްވުރެ ބޮޑަށް އޭނާ ޒަމީލްދެކެ ލޯބިވެއެވެ. ޒަމީލް ދާތީ ދެރަވެއެވެ.

އިފާއަށް ހޭލެވުނީ ގަޑިން ހަތެއް ޖެހިފަހުންނެވެ. ކުއްލިއަކަށް ހަނދާންވީ ރޭގަނޑު ހިނގާދިޔަ ކަންތައްތަކެވެ. ނަމަވެސް ފުރަތަމަ އޭނާ އަވަސްވެގަތީ ޒަމީލް ފުރިތޯ ބެލުމަށެވެ. ކޮޓަރީގެ ދޮރު ހުޅުވާލާފައި ބޭރުބަލައިލިއެވެ. މީހަކުފެންނާކަށްނެތެވެ.

” ކޮންތާކުން ” ކުއްލިއަކަށް ދޮންބެ ބޭރުންއައިސް ގެއަށްވަންނަތުންފެނުމުން ބޭއިހްތިޔާރުގައި އިފާއަށް އަހާލެވުނެވެ.

” މިއައީ ޒަމީލް ފުރުވާލާފައި ” ދޮންތަބެގެ އަގައިން ނިކުތްޖުމްލައިން އިފާގެ ހިތްކުދިކުދިވިއެވެ.

އަވަސްއަވަހަށްކޮޓަރިއަށްވަދެ ދޮރުތަޅުލިއެވެ. އިފާގެ ލޮލުގައި އަޅައިގަތީ މޭޒްމަތީގައިވާ ކަރުދާސްކޮޅެކެވެ. ހަމައެކަނި ލިޔެފައިވަނީ  ” ގުޑްބާއި ” މިހެންނެވެ. އިފާ އެކަރުދާސްކޮޅު މޭގައި ޖައްސާލިއެވެ. އަދި ޒަމީލްގެ ޚިޔާލްތަކުގެ ތެރެއަށް ގެއްލުނެވެ.

އިފާހުރީ ޒަމީލްގެ އިންތިޒާރުގައި ގަޑިގުނާލަ ގުނާލައެވެ. ނަމަވެސް ދުވަސްތައް ހަފްތާތަކަށް އެއްމަސް ދެމަސް ތިންމަހަށް ބަދަލުވީއިރުވެސް ޒަމީލްގެ ޚަބަރެއް ނުވެއެވެ. ކުޑަމިނުން ގުޅައިނުލިތާ ޒަމީލްދީފައިވާ ނަންބަރަށް ނުވެސް ގުޅެއެވެ. މިހިސާބުން އިފާގެ ހިތަށް ނުތަނަވަސްކަން ވެރިވާންފެށިއެވެ. އެކަނިވެރިކަމާ ވަރުބަލިކަމުގެ އިތުރުން ބޯއަނބުރާ މޭނުބައިކުރާގޮތްވެސް ވާންފަށައިފިއެވެ. އިފާހީކުރީ މާބޮޑަށް ވިސްނާތީ ވާގޮތެއްކަމަށެވެ. އިފާ އިނީ ކުލާހުގައި ޓެސްޓެއް ހަދާށެވެ. ކުއްލިއަކަށް އިފާ އެނބުރުން އަރައިގެން ވެއްޓިއްޖެއެވެ. އަވަސް އަވަހަށް އިފާ ސިއްޙީ މަރުކަޒަށް ގެންދެވިއްޖެއެވެ. އިފާ ބެލުމަށްފަހު ޑަކްޓަރު އެދުނީ އިފާގެ މަންމައާ ބައްދަލުކުރާށެވެ. މިހިސާބުން އިފާ މަރުކަޒްގައި އޮތްކަން އެނގުމުން އިފާގެ އާއިލާގެ އެންމެން ޖަމާވެއްޖެއެވެ. ޑޮކުޓަރުގެ ކޮޓަރިން އިފާގެ މަންމައަށް ލިބުނު ޚަބަރުން އެނބުރުންއަރައިގެން ނުވެއްޓުނީ ކިރިޔާއެވެ. ހުރިތަނަށް ގަނޑުވިކަހަލައެވެ. ޑޮކުޓަރުގެ ކޮޓަރިން އިފާގެ މަންމަނެރުނީ އިފާގެބައްޕަ އަތުލަފި ކޮށްގެންނެވެ. އަނގައިންވަނީ ބަސްހުއްޓިފައެވެ. ދެލޮލުން ފެން ހިލިހިލިހުއްޓެވެ.

އިފާއޮތީ ކޮޓާރީގެ އެނދުގައިބާއްވާފައެވެ. އަދިވެސް އިފާ ވަރަށް ވަރުބައްޔެވެ. ގޭ އެންމެން އިފާގެ ކައިރީ ތިއްބެވެ. ނަމަވެސް މިވަތުގު އެމީހުން އެތިބީ އިފާ ބަލިވީމަ ދެރަވެގެންނެއްނޫނެވެ. ތަހުޤީގަށް ހާޒިރުވެއެވެ. އެމީހުން ބޭނުންވަނީ ހިތުގައި އުފެދިފައިވާ ސުވާލުފުންޏަށް ޖަވާބު ހޯދާށެވެ. އިފާގެ ބަނޑުގައިވާ ދަރިފުޅާމެދުގައެވެ. އެކަން ހިނދިގޮތަކާ އެކަން ކުރިމީހަކާބެހޭ ގޮތުންނެވެ. އިފާގެ ތުންފަތް މަޑުމަޑުން ހަރަކާތް ކޮށްލިއެވެ. “ޒަމީލް” މިއަޑާއެކު އިވުނީ މީހަކު ހަޅޭއްލަވައިގެން އަޑެވެ. ޒަމީލޭ! އެއީކާކު. އަހަރެންގާތު އަހާލިނަމަ، އެއީ ދާހާރަށަކުން މީހުންނަށް ލަނޑުދެމުންދާމީހެއް. އަންބަކާ ދެދަރިންވެސް ތިބޭ. އަނބިމީހަ އެއިންނަނީ އަބަދު ރޮއެރޮއެ.

ސިހިގެންގޮސް އިފާއަށް ހޭވެރިކަންވިއެވެ. މިއަދު އިފާމިވަނީ އެއްވެސް މީހަކާ ހަތަރުކަޅި ހަމަކޮށްލެވޭވަރަށްވުރެ މާ ބޮޑު ލަދެއްގައި ބެދިފައެވެ. ކުރެވުނު އެންމެ ކުށަކުންނެވެ. މީހަކުދެކެ ލޯބިވެވުނީމައެވެ. ނޫނެކެވެ. އެއީ ކުޑަކުޑަ ކުށެއްނޫނެވެ. ލޯބީގެ ނަމުގާ ދުނިޔެއާއި އާޚިރަތްވެސް ނަގާލެވުނީއެވެ. ވާންވީވަރަށްވުރެ ބޮޑަށް މީހަކާގާތްވެވުނީއެވެ. ކުރިންވިސްނާލުމެއްނެތި ދޭންނުޖެހޭ އެއްޗެހިވެސް މީހަކަށް ހިލޭ ދެވުނީއެވެ. ލޯބިވާ ކޮންމެ މީހެއްގެ އަތްމައްޗަށް އިއްޒަތުން ނަފްސު ދޫކޮށްލެވިއްޖެނަމަ، ވާނީ މިހެންނެވެ. ދެލޯބިވެރިންގެ މެދުގައި އޮންނަންވީ އިއްފަތްތެރިކަމުގެ ފާރު ފޫއަޅުވާލުމުގެ ފުރުޞަތު އިފާއަށް ދެވުނީއެވެ. މިއީ ޒަމީލު އެދިއެދިހުރި ފުރުޞަތުކަން ކުރިން އިފާއަށް ނުވެސް ވިސްނުނީއެވެ. ކެހިވެރިއެއްގެ ދަލުގައި ހަމަ ރަނގަޅަށްވެސް ބެދެވުނީއެވެ. ޒަމީލްގެ ” ގުޑްބާއި” ގެ މާނަ ވިސްނިއްޖެއެވެ. އިފާ ޖަވާހިރަކަށްހަދައިގެން ފޮރުވައިގެން ގެންގުޅުނު ކަރުދާސްކޮޅަކީ ވިހަ ހަރުފައެއްކަން އިހްސާސްވީ އަދި ކިރިޔާއެވެ. އިފާ އެކުޑަކަރުދާސްކޮޅު ވީދާކުދިކުދިކޮށްލިއެވެ. ހީވަނީ އިފާގެ ހިތުގައިވާ ޒަމީލްގެ ލޯބި ކުދިކުދިކޮށް ވަޔަށްބުރުއްސާލިހެންނެވެ.

އިފާއަށް އާދަޔާ ހިލާފު ހިތްވަރެއް ލިބިފައިވާކަހަލައެވެ. ވަރަށްބާރަށް ހިނގާފައިގޮސް ފާޚާނާއަށް ވަދެ އިސްކުރުދޫކޮށްލިއެވެ. މިރޭ އޭނާ ބޭނުންވަނީ އޭނާއަށްކުރެވިފައިވާ ހުރިހާ ފާފަތަކެއް ދޮވެލާށެވެ. ފެންވަރާނިމިގެން ވުޟޫކޮށްލިއެވެ. އަދި މުސައްލަމަތީ އިށީނުމަށްފަހު ދެއަތް އުފުލާލިއެވެ.  (ނިމުނީ)

LEAVE A REPLY

Please enter your comment!
Please enter your name here