ލޮލުގެ ރީތިކަން އިތުރުކުރުމަށް ބޭނުންކުރެވިދާނެ އެތައް ވައްތަރެއްގެ ތަކެތި ހުރެއެވެ. މަސްކަރާ، އައިލައިނަރ، އައިލެޝް އަދި ތަފާތު ވައްތަރުގެ މޭކަޕް ކުލަތަކަކީ ލޮލުގެ ރީތިކަން އިތުރުކޮށްދޭ ތަކެއްޗެވެ. ނަމަވެސް މިއިން އެއްވެސް އެއްޗަކީ ދާއިމީ ފަރުވާއެއްނޫނެވެ. އެހެންކަމުން ލޯކައިރި ކަޅުވުމަށް މިއިން އެއްވެސް އެއްޗަކުން އެކަށީގެންވާ ފަރުވާއެއް ނުލިބެއެވެ. ލޯ ކައިރި ކަޅުވުމަކީ މީހާ ވަރުބަލިވެ އުމުރަށްވުރެ ދޮށިކަމަށް ދައްކާނެ ކަމެކެވެ.

ބައެއް މީހުން ޤަބޫލުކުރާގޮތުގައި ލޯކައިރި ކަޅުވުމަކީ އާއިލީގޮތުން ވާރުތަވާ ކަމެކެވެ. ނަމަވެސް މިކަމުގެ ތެދުކަން ހާމަކޮށްދޭފަދަ ހެއްކެއް މިހާތަނަށް ހޯދިފައިނުވެއެވެ. ނިދިމަދުވުމާއި ހާސްވެ ކަންބޮޑުވުމުގެ އިތުރުން ކެއިން ބުއިމުގެ އާދަތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކަކީ ލޯކައިރި ކަޅުވުމަށް މެދުވެރިވާ ބައެއް ސަބަބުތަކެވެ. ކޮންމެ ސަބަބަކާ ހުރެ ލޯކައިރި ކަޅުވާން ދިމާވި ނަމަވެސް މުހިއްމު ކަމަކީ ކުރީކޮޅުގައި މިކަމަށް އެކަށީގެންވާ ފަރުވާ ހޯދުމެވެ. ނޫންނަމަ ފަރުވާކުރުން އުދަނގޫވާ ހިސާބަށް މައްސަލަ ގޯސްވުމަކީ އެކަށީގެންވާ ކަމެކެވެ.

 • އާމަންޑް ތެލުން ލޯކައިރި މަސާޖުކުރާށެވެ. މަސާޖުކުރުމުގައި ލޮލުގެ އެތެރޭގައި އެއްވެސް ވަރަކަށް ތެޔޮ ހާކައިގެންނުވާނެއެވެ. މިގޮތަށް މަސާޖުކުރުމުން ލޭ ދައުރުވުން ރަގަޅުވެއެވެ.
 • ކޮންމެ ރެއަކު ވެސް 8 ގަޑިއިރުގެ ނިދި ލިބިގަންނަން އާދަކުރާށެވެ. ނިދިމަދުވުމާއި ވަރުބަލިކަން އިހްސާސްކުރެވުމުގެ ސަބަބުން ހަންގަނޑުގެ ދިރުން ފަނޑުކޮށްދެ އެވެ. ނިންޖަކީ ވަރަށް ގިނަ ސިއްޙީ މައްސަލަތަކުގެ ފަރުވާއެކެވެ.
 • ރެއާއި ދުވާލު މަދުވެގެން 8 ތަށި ފެން ބުއިމަކީ ވަރަށް މުހިއްމު ކަމެކެވެ. ސިއްހަތާ ގުޅިފައިވާ ކޮންމެ ކަމަކަށް ފެނަށް ވުރެ ރަގަޅު ފައިދާހުރި ބުއިމެއް ނުވެއެވެ.
 • ރޯއަލުވި ގޭނުމަށްފަހު އޭގެ ދިޔަ 10 މިނެޓްވަންދެން ލޯ ކައިރީގައި އުނގުޅައި މަސާޖުކުރާށެވެ. އަދި އަލުވި ތުނިކޮށް ފޮތި ކުރުމަށްފަހު ކޮންމެ ރެއަކު ނިދުމުގެ ކުރިން ލޯ މަތީގައި ބާއްވައިގެން ވަގުތުކޮޅެއް ހޭދަކުރާށެވެ. މިއީ ލޯކައިރި ކަޅުވުމަށް ގޭގައި ދެވިދާނެ ވަރަށް އާންމު ފަރުވާއެކެވެ.
 • ކެއުމުގައި ފެހިކަން ގަދަ ފަތާއި ތަރުކާރީ ގިނަކުރާށެވެ. އަދި ވިޓަމިން އީ އާއި ވިޓަމިން އޭ ހިމެނޭ ކާނާގެ ބާވަތްތައް ކެއުން އާދަކުރާށެވެ. އަދި ކެއުމުގައި ގިނައިން ލޮނު ބޭނުންނުކުރާށެވެ.
 • ހިނގުމާއި ޖޮގިން އަދި ޔޯގާގެ ތެރެއިން ‘ޕްރަނަޔަމާ’ އަކީ ހަމުގެ މައްސަލަތައް ހައްލުކޮށްދޭ ކަސްރަތުތަކެވެ.
 • ކިއުކަމްބާ ފޮތިކުރުމަށްފަހު ލޯ މަތީގައި ބޭއްވުމަކީ ވެސް ލޯކައިރި ކަޅުވުމުން ސަލާމަތްކޮށްދޭ ކަމެކެވެ. އަދި މިއީ ލޮލަށް ފިނިކަން ގެނެސްދޭ ކަމެއް ވެސް މެއެވެ.
 • ކަފަކޮޅެއް ފިނިފެނުން ފޯކުރުމަށްފަހު ލޯކައިރި ސާފުކުރަން އާދަކުރާށެވެ.
 • ލޯކައިރީގައިވާ ހަމަކީ ވަރަށް ނާޒުކު އެއްޗަކަށްވާތީ އެތަނުގައި ކެމިކަލް ހިމެނޭ ތަކެތި ހޭކުން ބުއްދިވެރި ނޫނެވެ.
 • ސައިފަތް ޕެކެޓް ހިހޫވުމުން އެއިން ލޮލުގެ ކައިރި މަސާޖުކުރުމަކީ ވެސް ކަޅުވުން ކުޑަކޮށްދޭ ކަމެކެވެ. ސައިފަތަކީ ދުޅަވުން ކުޑަކޮށްދިނުމަށް އެހީވެދޭ މާއްދާތައް ހިމެނޭ ބާވަތެއް ވެސް މެ އެވެ.
 • އަވީގައި އުޅެންޖެހޭނަމަ އަބަދު ވެސް އަވި އައިނު ބޭނުންކުރާށެވެ. އިރުގެ ދޯދިން ލޮލަށް ގެއްލުން ވުމަކީ އެކަށީގެންވާ ކަމެކެވެ.
 • ލޯ ކައިރީގައި ކަޅުވެފައި ހުންނަ ހުރުން ފޮރުވުމަށް ކޮންސީލާ ބޭނުންކުރުމަކީ ވެސް އޮތް ހައްލެކެވެ. މިއީ މިކަމަށް އޮތް ދާއިމީ ފަރުވާއެއް ނޫންކަމުގައި ވީ ނަމަވެސް މީހާގެ މޫނުމަތިން ފެންނަ ވަރުބަލިކަން މި ކަމުން ކުޑަކޮށްދެ އެވެ. މިއީ އާދަކޮށް ކުރަން ރަގަޅުކަމެއް ނޫނެވެ. އެންމެ ރަގަޅު ގޮތަކީ ޕާޓީއެއް ނުވަތަ އެފަދަ ހަފްލާއަކަށް ދާންޖެހިއްޖެނަމަ ކޮންސީލާ ބޭނުންކުރުމެވެ.

މި ލިޔުމަކީ ދިވެހިންނަށް އިސްލާމްދީނުގެ އުސޫލުތަކާއި އެއްގޮތަށް ތަފާތު މައުލޫމާތު ފޯރުކޮށްދިނުމަށް ހެޔޮބަސް ޓީމުން ކުރާ މަސައްކަތަށް އައްޑޫ އޮންލައިންގެ ފަރާތުން ދެއްވާފައިވާ އެހީތެރިކަމެކެވެ.  އަޅުގަނޑުމެންގެ އަމާޒަކީ ދިވެހިންނަށް ހެޔޮބަހާއި ނަސޭހަތާއި އިލްމީ މައުލޫމާތު ފޯރުކޮށްދިނުމެވެ. އެހެންކަމުން ހެޔޮބަސްޓީމަށް އެހީތެރިކަން ދީގެން އައްޑޫއޮންލައިން ކުރިޔައްދިއުމައް ނިންމެވީތީ އެފަރާތަށް ޝުކުރު އަދާކުރަމެވެ. http://www.adduonline.com.mv

LEAVE A REPLY

Please enter your comment!
Please enter your name here