ލެޕްޓޮޕުން ހަމުގެ ކެންސަރ ޖެހުމުގެ ފުރުސަތު ބޮޑު

ލެޕްޓޮޕުން ހަމުގެ ކެންސަރ ޖެހުމުގެ ފުރުސަތު ބޮޑު

simla ahmed

ގިނަ އިރުތަކެއް ވަންދެން ފައިގެ ފަލަމަސްގަނޑު މަތީގައި ލެޕްޓޮޕް ބަހައްޓައިގެން އޭގެ ބޭނުން ކުރާ މީހުންނަށް ހަމުގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ދިރާސާތަކުން ދައްކައިފިއެވެ.
ގޭމް ކުޅުމަށް ނުވަތަ ކޮންމެވެސް މަސައްކަތެއްކުރުމުގައި ގިނަވަގުތު ލެޕްޓޮޕް އުނގުމަތީގައި ބަހައްޓައިގެން ބޭނުން ކުރުމުން ލެޕްޓޮޕުން އަރާ ހޫނުގެ ސަބަބުން ހަންގަނޑަށް ނުރައްކާ ވުމުގެ ފުރުސަތު ބޮޑުކަމަށާއި “ޓޯސްޓެޑް ސްކިން ސިންޑްރޮމް” ގެ ނުރައްކަލާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރު އެބައޮތްކަމަށް ސްވިޒަލޭންޑްގެ ބާސާ ހޮސްޕިޓަލުގެ ޑިޕާޓްމެންޓް ޑާމަޓޮލޮޖީގެ ޑޮކްޓަރުންގެ ޓީމަކުން ކުރި ދިރާސާއަކަށްފަހު އެ ޓީމުން ހާމަކުރެއެވެ. މި ބައްޔަކީ އިރުގެ ހޫނުފަދަ ގަދަ ހޫނެއް ގިނަ އިރުތަކެއްވަންދެން ހަންގަޑަށް އެޅުމުން އެހޫނުވާ ސަރަހައްދުން ދިލަ ނަގާ އަދި ހަނގަނޑުގެ ކުލައަށް ބަދަލުގެނެސްދޭ ބައްޔެކެވެ. އަދި ނުރައްކާތެރި ދަރަޖައަކަށް ގޮސް ހަމުގެ ކެންސަރު ޖެހުމަކީ އެކަށީގެންވާ ކަމެއްކަމަށް ޑޮކްޓަރުން ބުނެއެވެ.
ލެޕްޓޮޕުން ޖެހޭ މި ނުރައްކާތެރި ބައްޔާމެދު ސަމާލުކަން ދޭން ޖެހުނީ 2004 ވަނަ އަހަރު އުމުރުން 12 އަހަރުގެ ފިރިހެންކުއްޖަކަށް ދިމާވި މިފަދަ ހާދިސާއަކާ ގުޅިގެންނެވެ. ވީޑިއޯ ގޭމް ކުޅުމަށް ޚާއްޞަ ޝައުގެއް ހުންނަ މިކުއްޖާ ދުވާލުގެ ގިނަވަގުތު އުނގުމަތީގައި ލެޕްޓޮޕް ބަހައްޓައިގެން ގޭމްކުޅުމުގައި ވަގުތު ހޭދަކުރާ ކަމަށްވެއެވެ. ގިނަވަގުތު ގޭމް ކުޅުމުގައި ހޭދަކުރެވޭ އިރު ލެޕްޓޮޕުން އަރާ ހޫނުގެ އިހްސާސްވެސް ކުރުމެއްނެތި ފައިގެ ފަލަ މަސްގަނޑުމަތީގައި ލެޕްޓޮޕް ބަހައްޓައިގެން ގޭމް ކުޅުމުގެ ނަތީޖާއަކަށް ވެގެންދިޔައީ އެކުއްޖާގެ ދެފައިގެ ފަލަމަސްގަނޑުގެ ކުލަ ގަދަ ރަތްކުލައަކަށް ބަދަލުވެ ފިހިފައި ހުންނަ ކަހަލަ ގޮތެއް ވެފައި ހުރުމެވެ. އެއީ “ޓޯސްޓެޑް ސްކިން ސިންޑްރޮމް” ގެ އަލާމާތެކެވެ.
ހަމަ މިފަދަ އެހެން ހާދިސާއެއް 2007 ވަނަ އަހަރު ވެސް ވަނީ ރިޕޯޓްކޮށްފައެވެ. އެއީ ވާޖިނިއާގައި ވަކީލުކަން ކިޔަވަމުންދިޔަ އަންހެންކުއްޖަކަށް ހަމަ މިފަދަ ނުރައްކަލަކާ ކުރިމަތިލާން ޖެހުމުންނެވެ. އެކުއްޖާ ދުވާލަކު 6 ގަޑިއިރުވަންދެން އުނގުމަތީގައި ލެޕްޓޮޕް ބަހައްޓައިގެން މަސައްކަތް ކުރަން އިންނަ ކަމަށްވެއެވެ. ފައިގެ ފަލަމަސްގަނޑުގެ ބޮޑުބައެއް ރަތްވެ އަނދައިގެން ގޮސްފައިވާ އެކުއްޖާއަށް ފަރުވާދެއްވި ޑޮކްޓަރ ވަނީ މި ކުއްޖާއަށް ވެސް ކުރިމަތިލާން ޖެހިފައިވަނީ “ޓޯސްޓެޑް ސްކިން ސިންޑްރޮމް” އާއި ކަމަށެވެ.
މެޑިކަލް ޖާނަލިސްޓުން ބުނާ ގޮތުގައި 2007 ވަނަ އަހަރު ހަމައެކަނިސްވިޒަލޭންޑްގައި މިފަދަ 10 ހާދިސާ ރިޕޯޓް ކޮށްފައިވެއެވެ.
ޑޮކްޓަރުންގެ ޓީމުން ހާމަކޮށްފައިވާ ގޮތުގައި ލެޕްޓޮޕްގެސަބަބުން ހަމުގެކުލައަށް އަންނަ ބަދަލަކީ ދާއިމަށް އަންނަ ބަދަލެއް ކަމަށާއި ވަރަށް މަދު ފަހަރެއްގައި ކެންސަރުގެ ސްޓޭޖަށް ދިއުމަކީވެސް އެކަށީގެންވާކަމެއް ކަމަށެވެ. އަދި ކޮމްޕިޔުޓަރު ނުވަތަ ލެޕްޓޮޕް ބޭނުންކުރަމުންދާ އިރު އޭގެއިން އުފައްދާ ހޫނު 44ޑިގްރީ ސެލްސިއަސް އަށް މަތިވެގެންދާނެކަމަށާއި އޭގެ ސަބަބުން ހަންގަޑަށް ގެއްލުން ލިބޭނެކަމަށެވެ. އަދި ފައިގެ ފަލަމަސްގަނޑުގެ މަތީގައި ލެޕްޓޮޕު ބަހައްޓައިގެން ހުރުމުން އޭގެ ހޫނުމިން ބޭރުކޮށްދޭ ޖާގަ ބަންދުވެފައި ހުރުމުން ހޫނުކަން އިތުރުވެގެންދާނެކަމަށެވެ. މީގެ ސަބަބުން ހަންގަނޑުގައި ގަދަ ރަތްކުލައިގެ ލައްތަކެއް ޖެހިގެންދާނެކަމަށާއި މީގެ އަސަރު އެންމެ ބޮޑަށް ކުރާނީ ވައަތްފަރާތު ފަޔަށް ކަމަށްވެސް ޑޮކްޓަރުންގެ ޓީމުން ބުނެއެވެ. ސަބަބަކީ ލެޕްޓޮޕްގައި ހޫނު ބޭރުކޮށްދޭ ފަންކާ އާއި ބެޓެރީ ހުންނާނީ ވައަތްފަރާތުގައި ކަމަށްވާތީއެވެ.
ލެޕްޓޮޕްގެ ސަބަބުން ހަނގަނޑަށް ގެއްލުން ލިބިގެންދަނީ ކުރީގައި މާގިނަ ނިޝާންތައް ފެނުމަކާއި ނުލައި ކަމަށާއި ލެޕްޓޮޕް ބޭނުންކުރަން ފަށާއިރަށާއި ބޭނުންކޮށް ނިމުމުންވެސް ފައި ކަހާ ހިރުވާގޮތް ވެދާނެކަމަށް ޑޮކްޓަރުން ހާމަކުރައްވައެވެ.
އަދި މިކަމަށް އޮތް ހައްލަކީ ލެޕްޓޮޕް ބޭނުން ކުރާއިރު ސީދާ ހަމުގައި ނުޖެހޭ ގޮތަށް ހޫނު ބޭރުކޮށްދޭ ކަހަލަ އެއްޗެއް ލެޕްޓޮޕާއެކު ބޭނުން ކުރުން ނުވަތަ މޭޒެއް ފަދަ ތަނެއްގައި ލެޕްޓޮޕް ބަހައްޓައިގެން ބޭނުންކުރުން ކަމަށް އެޓީމުން ހާމަކުރައްވައެވެ.

މުސައްނިފް

އެރިނާ އެނިމޭޝަން އިންޓަރނޭޝަނަލް ޕުރޮގުރާމްގެ ދަށުން އެޑްވާންސް ޑިޕްލޮމާ އިން މަލްޓިމީޑިއާ އެނިމޭޝަން ނިންމުމަށްފަހު މަލްޓިމީޑިއާ އާއި ގްރެފިކްސް ޑިޒައިން ބެޗްލާސް 2018 ވަނަ އަހަރު ވަނީ ނިންމާފައެވެ. ސްކޫލް ދައުރުން ފަށައިގެންވެސް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރުމާއި އެކު މަނަދޫ ލައިވް އަދި ލަންދޫ އިންފޯ.ކޮމް, ވަގުތު.އެމްވީ، ގައި ހަބަރާއި އެކި ދާއިރާތަކުގެ ލިޔުންތައް ލިޔެފައިވާނެއެވެ. އަދި ނޯޕްލާސްޓިކް މޯލްޑިވްސްގެ އެއް ފައުންޑާރ އެވެ.

ރައްދު

Your email address will not be published. Required fields are marked *