ތުއްތު ދަރިފުޅުގެ ވިސްނުން ތަރައްޤީ ކުރާނީ ކިހިނެއް؟

ތުއްތު ދަރިފުޅުގެ ވިސްނުން ތަރައްޤީ ކުރާނީ ކިހިނެއް؟

ޑރ.ޢަބްދުލް މުޙްސިން މުޙައްމަދު
“ތުއްތު ކުއްޖާ އުފަންވާއިރު ދެކޮނޑު ދޭތެރޭ ބޮލެއް ހުރެއެވެ. އެބޮލުގައި އުނގެނުން ތައްޔާރަށް އޮތް ސިކުނޑިއެއްވެއެވެ. ނަމަވެސް އެސިކުނޑީގެ ތަފާތު ބައިތައް (ބަހުރުވަޔާއި ހިސާބާއި ހެވާއިނުބައި ވަކިކުރުމާއި ޝުޢޫރުތަކާއި އެނޫންވެސް ކަންތައްތަކާ ބެހޭ ތަފާތު ބައިތައް) ތަރައްޤީ ކުރުމަށް ބޭނުންވާ އެތަކެއް ބިލިއަން ސާކިޓްތައް (ނުވަތަ ދޭދޭ ނިޔުރޯންތަކުގެ ދެމެދުގައިވާ ގުޅުންތައް) ވައިރުކޮށް ފުރިހަމަކުރުމަށް ގިނަ އަހަރު ދުވަސްތަކެއްގެ ތަޖުރިބާ (ލޮލުން ބެލުމާއި، އަޑުއެހުމާއި، ކުޅުމާއި، މުޢާމަލާތްކުމުން ލިބެ ތަޖުރިބާ) ބޭނުންވެއެވެ.”

 

މިޢިބާރާތަކީ “ނިއުސްވީކް” މަޖައްލާގެ 1997 ވަނަ އަހަރުގެ ރަބީއުމޫސުމުގެ ޚާއްޞަ ނަމްބަރުގައި އެމަޖައްލާގެ ސީނިއަރ އެޑިޓަރ ޝެރޯން ބެގްލީ ލިޔެފައިވާ ޢިބާރާތެއްގެ ތަޖުރިބާއެވެ.
ޤަބޫލުކުރެވޭ ގޮތުގައި އިންސާނާގެ ވިސްނުން ބައްޓަންކުރަނީ އެކުއްޖާއަށް ފެންނަ މަންޒަރުތަކާއި، އިވޭއަޑުތަކާއި ކުރެވޭ ތަޖުރިބާއިންނެވެ. މީގެ ސައިންޓިފިކް ހެކި ފެންނާން އެބަހުއްޓެވެ. ޒަމާނުއްސުރެ ކުރެވެމުން އަންނަ ތަޖުރިބާތަކުންނާއި ވާރުތަވަމުން އަންނަ ހެޔޮ ވިސްނުމުންވެސް މިކަން ސާބިތުވެއެވެ. އަދުގެ ހޯދުންތަކުން ހާމަވާ އެއްކަމަކީ މާބަނޑުން ފެށިގެންވެސް ތުއްތު ދަރިފުޅު ވިސްނާކަމެވެ. އަދި އެވިސްނުން ތަރައްޤީ ކުރުމުގައި މައިންބަފައިންނަށް ދައުރެއް އަދާކުރެވޭ ކަމެވެ.
ހާވަޑް މެޑިކަލް ސްކޫލުގެ ޕްރޮފެސަރެއްކަމަށްވާ ޑރ. ބުރެޒެލަޓަން އާއި ޖޯޖް ވޮޝިންގޓަން ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގ ކުޑަކުދިންގެ ބަލިތަކާބެހޭ ޚާއްޞަ ޕްރޮފެސަރ ޑރ. ގޮރީން ސޮޕޭން ވިދާޅުވާ ގޮތުގައި ކޮންމެ ތުއްތު ކުއްޖަކަށްވެސް ކޮންމެހެން ފުރިހަމަ ކޮށްދޭންޖެހޭ އަސާސީ 7 ބޭނުމެއް އޮވެއެވެ. މި 7 ކަންތައްތައް ތިރީގައި މިވަނީއެވެ.
1. ދިގުދެމިގެންދާ އޯގާތެރި ފަރުވާތެރި ބެލެހެއްޓުން
ކޮންމެ ކުޑަކުއްޖަކަށްވެސް އެތަކެއް އަހަރުވަންދެން ބެލެނިވެރިއެއްގެ ހިތްހެޔޮކަމާއި އޯގާތެރިކަމާއި އަޅާލުން ބޭނުންވެއެވެ. ދެތިން ހަފްތާއަކަށް ނުވަތަ ދެތިން މަހަކުން ނޫނެވެ. އެތަކެއް އަހަރަކަށް މިއަޅާލުން ދެމިގެންދާންޖެހެއެވެ. ވަކިވަރަކަށް ބޮޑުވާފަހުން ސްކޫލަށް ވައްދާ މޮޅު އުސްތާޛުންގެ އިރުޝާދު ދިނުމަށްވުރެ ކުއްޖާގެ ތޫނުފިލިކަމާ، ވިސްނުމުގެ ތަރައްޤީއަށް އެންމެ ޅަފަތުގައި ކުއްޖާއަށް އަޅާލުމުގެ މުހިއްމުކަން ބޮޑެވެ. މިއަޅާލުން މެދުކެނޑިއްޖެނަމަ ނުވަތަ ނެތި ހިގައްޖެނަމަ ކުއްޖާގެ ވިސްނުންކޮށިވެ، ނެގިމަޑުވެ، ހިތްވަރު އެލޭގޮތް ދިމާވެއެވެ. ކުރިޔަށް ދިޔުމުގެ ބާރު ކުޑަވެއެވެ. އެންމެ ޅަފަތުގެ ކުދީންނާއި، ޕްރީސްކޫލު ކުދިންނަށްވެސް މިއަޅާލުން ބޭނުންވެއެވެ.2. ޖިސްމާނީ ހިމާޔަތާއި، ރައްކާތެރިކަމާއި، ބެލެހެއްޓުންތެރި ކޮންޓްރޯލް
ރަޙިމުން ފެށިގެން އެންމެ ޅަފަތާއެކު ކުޑަކުދިންނަށް ހިމާޔަތްތެރި މާހައުލެއް ބޭނުންވެއެވެ. މިމާހައުލަކީ ކުއްޖާއަށް ގެއްލުންދެނިވި ތަފާތު ވައްތަރުގެ ވިހަތަކުން ރައްކާތެރިކަން ލިބިގެންވޭ މާހައުލަކަށް ވާންޖެހެއެވެ. ޖިސްމާނީ އަދި ނަފްސާނީ ހާނިއްކަތަކުން ކުއްޖާއަށް ރައްކާތެރިކަން ލިބިދޭންޖެހެއެވެ. އަނިޔާވެރި މަންޒަރުތަކާ އަޑުތައް ކޮންޓްރޯލް ކުރެވިފައިވާ މާހައުލަކަށް ވާންޖެހެއެވެ. ބަލިވެއިނީނއްސުރެ ދުންފަތާއި ޑޮކްޓަރުގެ ސީދާ އިރުޝާދުގެ ދަށުން ނޫންގޮތަށް ބޭނުންކުރާ ބޭހާއި، މަސްތުވާ ތަކެއްޗާއި، އަނިޔާވެރި ފިލްމުބެލުމާއި، ރުޅިގަދަކުރުމާއި، މިނޫންވެސް ދަރިފުޅަށް ނޭދެވޭ އަސަރު ކޮށްފާނެ ކަންކަމުން މައިންބަފައިން ދުރުވާންޖެހެއެވެ. މާބަނޑަކީ ދަރިފުޅުގެ ވަރަށް ގިނަ ސިފަތައް އަށަގަނެ ތަރައްޤީވާ މަރުހަލާއެއްކަން ޤަބޫލުކޮށް އެދަރިފުޅަށް ނޭދެވޭ އަސަރުކޮށްފާނޭ ވިހަތަކުން ރައްކާތެރިވާންޖެހެއެވެ.3. ކުއްޖާގެ ޚާއްޞަ ބޭނުންތަކާ ގުޅޭ ބިނާކުރަނިވި ތަޖުރިބާ ލިބޭނޭ ފުރުޞަތު ފަހިކޮށްދިނުން.
ކޮންމެ ކުއްޖަކީ ތަފާތު ކުއްޖެކެވެ. އެކުއްޖާގެ މިޒާޖާއި ޠަބީއަތް އެހެން ކުދީންނާ ތަފާތުވާނެއެވެ. އެކުއްޖާގެ ޝައުޤުވެރިކަން އެންމެ ޅަފަތުން ފެށިގެން ދެނެގަންނާން މަސައްކަތް ކުރާންޖެހެއެވެ. އަދި އެކަންކަން ތަރައްޤީކުރުމުގެ ފުރުޞަތުތަކެއް އެންމެ ޅަފަތުން ފެށިގެން ފަހިކޮށްދިނުމަކީ ކުއްޖާގެ ކުޅަދާނަކަން އިތުރު ކުރުމަށާއި، ކުއްޖާގެ ޤާބިލުކަން ތަރައްޤީކުރަން އެޅޭ ވަރަށް މުހިއްމު ފިޔަވަޅެކެވެ. މިސަބަބަށްޓަކައި އެންމެ ޅަފަތުގައިވެސް ކުއްޖާއާއެކު ތަފާތު ކަންތައް ކުރުމަށާއި ކުޅުމަށް ބޮޑެތި މީހުން ވަގުތު ހޭދަކުރުން މުހިއްމެވެ. މިގޮތަށް ހޭދަކުރާ ވަގުތުގައި ކުއްޖާގެ ޚާއްޞަ ސިފަތައް ދެނެގަނެވޭނެއެވެ. ކޮންމެ ކުއްޖަކުވެސް ވަރަށް ޅަފަތުގައި އަޑުއަޑު ލައްވާނެއެވެ. ނަމަވެސް ބައެއް ކުދިން ތަންކޮޅެއް އަވަހަށް ވާހަކަ ދައްކަން އުޅެއެވެ. މިފަދަ ކުދިންނަށް ވާހަކަދެއްކުމުގެ ފުރުޞަތު ހޯދާދެވިއްޖެނަމަ އެކުދިންގެ ވިސްނުން ތަރައްޤީ ކުރުމަށް ބާރެއް އަޅައިދެވުނީއެވެ. އަނެއްބައި ކުދިން އާދަޔާ ޚިލާފު އަވަހަށް އެއްޗެހީގައި ހިފަން ފަށައެވެ. މިފަދަ ކުދިންނަށް ތަފާތު އެއްޗެހީގައި އަތްލައި ހިފައި ހެދުމުގެ ފުރުޞަތު ދެވިއްޖެނަމަ އެކުއްޖާގެ ވަށައިގެންވާ މާހައުލާ ދޭތެރޭ ވިސްނާނެ ފުރުޞަތުދެވި އޭނާގެ ވިސްނުން ތަރައްޤީ ކުރުމަށް އެހީވެދެވޭނެއެވެ.4. ކުއްޖާއަށް ކުރެވޭ ތަޖުރިބާ އޭނާގެ ހެދިބޮޑުވުމާ މުނާސަބުވުން
ބޮޑުވަމުން އަންނަ ކުއްޖަކަށް އޭނާގެ އެކި ޢުމުރުގައި އަޅާލުން ބޭނުންވަނީ އެކިގޮތަށެވެ. އެ އަޅާލުމާއި ބެލެހެއްޓުން އެކުއްޖެއްގެ ޢުމުރާ މުނާސަބު ވާންޖެހެއެވެ. އެންމެ ޅަފަތުގައި އަޅާލުމުގެ ގޮތުން ކުރަންޖެހޭ ބައެއް ކަންކަމަކީ އެއަށްވުރެ ދޮށިވުމުން ކުރުން އެއްމެ ރަގަޅު ކަމަކަށް ނުވެދާނެއެވެ. އަދި އެންމެ ޅަފަތުގައި އަޅާލުމަށްޓަކައި ނުކުރާ ބައެއް ކަންތައްތައް އެއަށްވުރެ ދޮށިވުމުން ކުރަންޖެހެއެވެ. މިގޮތުން ކުއްޖާއަށް ކޮށްދެވޭ ކޮންމެ ކަމަކުން އަދި ކޮށްނުދީ ދޫކޮށްލާ ކޮންމެ ކަމަކުން އެކުއްޖާއަށް ލިބޭ ތަޖުރިބާއިން ފިލާވަޅުތަކެއް ލިބިގަންނާނެއެވެ. އަދި ބަލަދުވެރިންނަށް އެނގިގެންނާއި ނުއެނގި ކުއްޖާއަށް ހުށަހެޅޭ ތަފާތު ތަޖްރިބާތަކުގެ އަސަރު ކުއްޖާގެ ވިސްނުމުގައި ބިންވަޅުނެގި ހަރުލާފައި ހުންނާނެއެވެ. ބޮޑެތިމީހުން މަޖާކޮށްލުމުގެ ގޮތުން ބަލާ ތަޅާފޮޅާ ފިލްމުގެ އަސަރު އުނގުގައި އޮންނަ ކުއްޖާއަށް ކުރާނެއެވެ. ކުއްޖާއަށް ދިމާވާ ބިރުވެރި ހާދިސާތަކުގެ އަސަރު އޭނާގެ ވިސްނުމަށް ކުރާނެއެވެ. ކުއްޖާއާ މުޢާމަލާތު ކުރެވޭ ބަހުރުވައާއި ކައިރީގައި އުޅޭމީހުންގެ އަސަރު ކުއްޖާއަށް ކުރާނެއެވެ. އަނެއްކޮޅުން ބަލާއިރު ކުއްޖާގެ ހަށިގަނޑާއި ވިސްނުން ތައްޔާރު ނުވަނީސް ގަދަކަމުން ކަންކަން ކުރުވުމަކީ އޭގެ ނޭދެވޭ އަސަރު އޭނާއަށް ކުރާނޭ ކަމެކެވެ. އަތާއި އިގިލިތައް ރަނގަޅަށް ތައްޔާރު ނުވަނީސް އަކުރުއަޅުވަން މަސައްކަތް ކުރުވުމުން ލިޔުން ލަސްވެ ހުތުރުވެއެވެ. ހިނގައިގަންނަން ތައްޔާރު ނުވަނީސް ހިންގުވަން މަސައްކަތް ކުރުވައިފިނަމަ ހިނގުން ލަސްވުމަކީ އެކަށީގެންވާ ކަމެކެވެ. ވަކިކަމަކަށް ކުއްޖާ ތައްޔާރުވުމުން އޭނާގެ އުޅުމުން އެކަން އެނގޭނެއެވެ. އެއިރުން އެކަމެއް ކުރުމުގެ ފުރުސަތު ފަހިކޮށްދޭން ވިއެވެ. ކޮންމެކަމަކީ ކުއްޖާގެ ޢުމުރާއި ކުއްޖާގެ ހެދިބޮޑުވުމާއި މުނާސަބު ކަންކަންތޯ ފަރުވާތެރި ކަމާއެކު ބަލަން ޖެހެއެވެ. ކުއްޖާއާ މުނާސަބު ނޫން ތަޖުރިބާތަކަކަށް ހުށަހެޅިއްޖެނަމަ އޭގެ ނޭދެވޭ އަސަރު ކުރާނެއެވެ.5. އަޚުލާޤީ މިންގަނޑުތައް ކަނޑައެޅުމާއި، ދިރިއުޅުން ރޭވުމާއި ޙާޞިލްކުރަންވީ މިންގަނޑުތައް ކަނޑައެޅުން
އަޚުލާޤާއި ރޭވުންތެރިކަމާއި އިންތިޒާމް އެންމެ ޅަފަތުން ފެށިގެން ކުޑަކުދިންނަށް ބޭނުންވެއެވެ. އަމިއްލަ ނަފުސު ކޮންޓްރޯލް ކުރުމަށާއި، ދިރިއުޅުން ރޭވުމަށް ބޭނުންވާ އަޚުލާޤީ މިންގަނޑުތައް އެކުދިންނަށް ދަސްކޮށްދޭންޖެހެއެވެ. ރުޅި ކޮންޓްރޯލްކޮށް ސުލްޙަވެރިގޮތުގައި މައްސަލަ ޙައްލުކުރަން ދަސްކޮށްދޭންޖެހެއެވެ. އަޚްލާޤީ މިންގަނޑުތައް ދަސްކޮށްދިނުމަށްޓަކައި އެކުދީންނާއެކު ވަގުތު ހޭދަކޮށް ވަކިކަހަލަ ކަންކަމަށް އަބަދު ސަމާލުކަންދީ އެކުދީންގެ ސަމާލުކަމަށް ވަކި ކަންތައްތަކެއް ގެނެސްދިނުމުގައި ފޫހިކަމެއްނެތި ވަގުތު ހޭދަކުރާނޭ ބޮޑެތި މީހުން ތިބެންޖެހެއެވެ. ކުއްޖާގެ އަމަލުތައް ގެންގުޅެންޖެހޭނޭ ވަކި މިންގަނޑުތަކެއް ކަނޑައަޅައި ބަޔާންކޮށްދީ ތަކުރާރުކޮށް ހަނދާންކޮށްދޭނޭ ބޮޑެތި މީހުން ތިބެގެން މެނުވީ އެދެވޭ އަޚުލާޤީ މިންގަނޑުތައް އެކުދީންނަށް ދަސްކޮށް ނުދެވޭނެއެވެ. އެކުދިންނަށް ނޭދެވޭ ޢަމަލެއް ކުރެވޭ ހިނދު “ވިޔާނުދާ” ނުވަތަ “ގޯސް” ކުއްޖެއްކަމުގެ ލަގަބު ދިނުމުގެ ބަދަލުގައި ކެއްތެރިކަމާއެކު ކަންކުރަންވީގޮތް ހަނދާންކޮށްދޭ ބޮޑެތި މީހުންގެ އެހީ ކޮންމެ ކުއްޖަކަށްވެސް ބޭނުންވެއެވެ. އެކުއްޖާއަށް އެންމެ އެދެވޭގޮތަށް ކަމެއް ނުކުރެވޭހިނދު އެކަން އެފަހަރު އޭނާއަށް ނުކުރެވުނަސް ދެން ފަހަރަކުން މަސައްކަތްކުރުމުން ރަގަޅަށް އެކަން ކުރެވޭނެކަމުގެ ޔަޤީންކަން އޮތްކަން އެކުއްޖާއަށް އަންގައިދީ ހިތްވަރުދީ ރަގަޅަށް މަސައްކަތް ކުރާނޭގޮތް ބުނެދޭނޭ ބޮޑެތިމީހުން އެކުއްޖާއަށް ބޭނުންވެއެވެ. އެކުދީންގެ ޤާބިލުކަމާއި، ކުރެވޭ ކަންކަމާއި ނުކުރެވޭ ކަންކަން ދެނެތިބެ ކުރެވޭކަންކަން ރަގަޅަށް ކުރުމަށާއި އެއްވެސް މީހަކަށް ހުރިހާކަމެއް އެންމެ ރަގަޅަށް އަދި އެންމެ ފުރިހަމައަށް ނުކުރެވޭނޭކަން ބުނެދީ ހިތްވަރުދޭނޭ ބޮޑެތިމީހުން ކޮންމެ ކުއްޖަކަށްވެސް ބޭނުންވެއެވެ. ޅަފަތުން ފެށިގެންވެސް ކުއްޖާއަށް ބޭނުންވަނީ ހިތްވަރެވެ. ކާމިޔާބު ކުރުމަށް ކަންކުރަންވީގޮތުގެ ނަމޫނާއެވެ. ނާކާމިޔާބުވެ ދިޔަ ލަދުވެތިގޮތުގެ ހަނދާން އައުކޮށް ދިނުމެއް ނޫނެވެ. ހިތްވަރު ދޭންވީ އެކުއްޖާގެ “ޕާސަނަލް ބެސްޓް” ނުވަތަ އެކުއްޖާއަށް ކަންކުރެވޭ އެންމެ ފުރިހަމައަކަށް ކޮންމެ ކަމެއްވެސް ކުރުމަށެވެ.

6. ހިތްވަރުދެނިވި އިޖުތިމާޢީ ހަމަޖެހުމާއި ޘަޤާފަތް
ފުރިހަމަ މީހަކަށް ވުމަށްޓަކާ ބޮޑުވަމުން އަންނަ ކުއްޖާއަށް ހަމަޖެހޭ އިޖުތިމާޢީ ވެއްޓެއް ބޭނުންވެއެވެ. އެ އިޖުތިމާޢީ ވެށީގެ ޒަރީއާއިން އިޖުތިމާޢީ އަގުތަކާއި އަބުރުވެރިކަމުގެ މިންގަނޑުތައް އެކުއްޖާއަށް ނަގުލުވެ ދަސްވާންޖެހެއެވެ. އެކުއްޖާގެ ޘަޤާފަތަކީ ކޮބައިކަމާ އެކުއްޖާގެ މުޖުތަމަޢުގައި އުޅޭންވީ ސުލޫކާއި އަޚުލާޤީ މިންގަނޑުތައް އެކުއްޖާއަށް އުނގެނޭނެ ތަޖުރިބާތަކެއް އެ މުޖުތަމަޢުން ލިބޭންޖެހެއެވެ. ތާރީޚާއި ޘަޤާފަތާއި ދެދުނިޔޭގެ އަގުހުރި ފިލާވަޅުތައް އެކުއްޖާއަށް ލިބިދޭންޖެހެއެވެ. އެ ފުރުޞަތުތައް އެންމެ ޅަފަތުން ފެށިގެން ލިބެންޖެހެއެވެ. މިތަޖުރިބާތަކުން ކުއްޖާ ދަސްކުރާނެއެވެ. އުނގެނޭނެއެވެ. މިކަންކަމާދޭތެރޭ ވިސްނާނެއެވެ. ފިކުރުކުރާނެއެވެ.

7. މުސްތަޤުބަލް ހިމާޔަތްކޮށްދިނުން
ރަހިމުގައި ޤަރުބަގަތް ދުވަހުން ފެށިގެން މިބަޔާންކުރެވުނު ބޭނުންތައް ދަރީންނަށް ފުއްދައިދޭން މަސައްކަތް މިބަޔާންކުރެވުނު ބޭނުންތައް ދަރީންނަށް ފުއްދައިދޭން މަސައްކަތްކުރުމަށް އަހައްމިއްޔަތު ދޭންޖެހެއެވެ. މީން އެއްވެސް ކަމަކަށް އިހުމާލުކުރެވިއްޖެނަމަ މުސްތަޤުބަލާ ކުރިމަތި ލުމުގެ ނަފްސާނީ ޤާބިލުކަން އެދަރީންނަށް ނުލިބުމުގެ ފުރުޞަތު ބޮޑެވެ. ބޮޑެތި މީހުންގެ ދުނިޔެ ކާމިޔާބު ކުރުމުގެ ވިސްނުމާއި ނަފްސާނީ ކެރިފޯރުންތެރިކަން ނުލިބިދާނޭކަމުގެ ބިރު ބޮޑެވެ.

އާދެ! ޢިލްމުވެރިން ވިދާޅުވާގޮތުގައި މާބަނޑުން ފެށިގެން ދަރިފުޅު ތަރުބިއްޔަތު ކުރުމާއި އޭނާގެ ވިސްނުން ތަރައްޤީކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. އެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ދަރިފުޅުގެ ވިސްނުމާއި ނަފްސާނީ ކެރިފޯރުންތެރިކަން ތަރައްޤީވެއެވެ. އަދި އޭނާގެ ދިރިއުޅުން ކާމިޔާބުކޮށް ދިނުމުގެ ބިންގާ އަޅައިދެވެއެވެ.

ރައްދު

Your email address will not be published. Required fields are marked *