ތިމާގެ ދަރިން ހަލާކުގެ ތެރެޔަށް ވައްޓާނުލަށްވާ

ތިމާގެ ދަރިން ހަލާކުގެ ތެރެޔަށް ވައްޓާނުލަށްވާ

ކުޑަކުދިންނަކީ މާދަމާގެ މުސްތަގްބަލެވެ. ޤައުމުގެ ކުރިއެރުމާއި ތަރައްޤީ ގުޅިފައިވަނީވެސް ހަމަ އެ ކުޑަކުދިންނާއެވެ. އަޅުގަނޑުމެންގެ ތުއްތު ދަރިންނާއެވެ.  ޝައްކެތްނެތެވެ. ތުއްތު ތުއްތު އެ ދަރީންނަކީ ﷲ ދެއްވާ ވަރަށްވެސް ބޮޑު އަމާނާތެކެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުން ކުޑަކުދިންނާއި މެދު އިހްމާލްވެ އަޅާ ނުލާ މުޖުތައުމުގެ ތެރެއަށް ދޫކޮށްލުންވެސް މީ ރާއްޖޭގައި ހިނގަމުން އަންނަކަމެވެ. ހަމަ އެހެންމެ ވިހާފައި މަރާލުމުގެ ހާދިސާތައްވެސް ރާއްޖޭގައި އަންނަނީ ހިނގަމުންނެވެ.  މިފަދަ ދަށުދަރަޖައިގެ ކަންތައް ތަކަކީ އެއްގޮތަކަށްވެސް އިސްލާމީ ޤައުމެއްގައި ހިނގައިގެން ވާނޭ ކަންތައް ތަކެއް ނޫނެވެ. ހަމަ އެހެންމެ އެފަދަ ނުބައި އަމަލުތަކަކީ ﷲ ނަހީކުރަށްވާފައިވާ، އާހިރުގައި އެމީހަކާއި މެދު ސުވާލުވެވި އޭގެ އުޤޫބާތް ލިބެނިވި ކަންތައްތަކެވެ.

އަޅުގަނޑުމެންގެ ދަރީން ތުއްތު އިރުގައި ތަރުބިއްޔަތުކޮށް ހެޔޮގޮތުގައި ބަލާ ބޮޑުކުރުމަކީ ކޮންމެ މަންމަޔަކާއި ބައްޕައެއްގެ ބޮލުގައިވެސް އެޅިފައިވާ ވާޖިބެކެވެ. އެ ވާޖިބް ފުރިހަމަ ގޮތުގައި އަދާނުކުރެވިއްޖެނަމަ އެ ދަރީންނަކީ އަޅުގަނޑުމެންނަށް ކުރިމަތިވާ ހިތާމަޔަކާއި ހިއްދަތިކަމަކަށް ނުވެ ނުދާނެއެވެ. އެދަރިންނަކީ އަޅުގަނޑުމެންގެ ހިތުގެ ފިނިކަމެވެ. އެދަރިންނަށް އަޅުގަނޑުމެން ހެޔޮގޮތުގައި ތަރުބިއްޔަތު ނުދީފިނަމަ އެ ހާލާކުކޮށްލެވެނީ މުސްލިމް އުންމަތުގެ ބައެކެވެ. އެ އުފެއްދެނީ އުންމަތް އެ ބަޔަކާއި މެދު ހިތާމަކުރާނެ ފަދަ ބައެކެވެ. ކީރިތި ރަސޫލާ ޙަދީޡްކުރަށްވާފައިވާ ހަދީޡްއެއްގެ މާނައިގައިވެއެވެ. ” ތިޔަބައި މީހުންގެ ދަރިންނަށް ކަމޭހިތާ އަޅާލާށެވެ. އަދި އެކުދިންގެ އުޅުމަށާއި އަޚްލާޤާއި އަދަބު ރިވެތިކުރުމަށް މަސައްކަތްކުރާށެވެ.” މި ހަދީޡްގެ މާނަ ނަގާފައި ވަނީ “ދަރިން ތަރުބިއްޔަތު 1′ ވަނަ ބައިން ނެވެ

ދަރިންގެ މެދުގައި ތަފާތުކުރުން

ދަރިންގެ މެދުގައި ތަފާތުކުރުމަކީ މައިން ބަފައިންނާއި މެދު ދެކޭ ގޮތް ބަދަލުވެ ބައެއް ފަހަރަށް މައިން ބަފައިންނާއި މެދު ނަފްރަތު އުފެދިގެން ދާނެ ކަމެކެވެ. މިގޮތުން އަޅާލާ ލޯބި ދިނުމުގައި އެއްކުއްޖަކާއި އަނެއްކުއްޖަކާއި ތަފާތުކުރާ ވާހަކަތައް ވަރަށް ގިނައިން އަޑުއިވެއެވެ. އަދި ހަދިޔާ ދިނުމުގައިވެސް ތަފާތުކުރެވެއެވެ. މިފަދަ ގޮތްގޮތަށް ކަންތައް ކުރެވޭނަމަ އެއީ ތުއްތު ދަރިފުޅުގެ ޅަ  ސިކުނޑިއަށް ނޭދެވޭ އަސަރުތަކެއްކޮށް މައިން ބަފައިންނާއި މެދު ދެކޭ ގޮތް ވަރަށް ބޮޑަށް ބަދަލުވެގެން ދާނެ ކަމެކެވެ. އަދި އައްސުންނަތުލް ކުބުރާގައި ރިވާގެންވެއެވެ. ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާ ޙަދީޡްފުޅުކުރެއްވިއެވެ. ޙަދީޡްގެ މާނަ: ” ހަދިޔާ ދިނުމުގައި ތިޔަބައި މީހުން ތިޔަބައިމީހުންގެ ދަރިންގެ މެދުގައި ހަމަހަމަ ކުރާށެވެ. ތިމަން ކަލޭގެފާނު އެކަކަށްވެސް އަނެކަކަށްވުރެ މާތްކޮށް ހިއްތެވިނަމަ އަންހެނުންނަށް މާތްކޮށް ހިއްތެވީމުހެވެ.”

ތުއްތު ކުދިން އިރިއޮއްސޭ ގަޑީގައި އަދި ދެ ނަމާދު ދޭތެރޭ ވަގުތު ބޭރުގައި އުޅުން

ކުޑަކުދިން އިރުއޮއްސޭ ވަގުތާއި ދެ ނަމާދު ދޭތެރޭ ވަގުތު ބޭރަށް ނެރުގެން އުޅުމާއި އެ ގަޑީގައި ޤުރުޢާން ކިޔެވުމަކީ އަޅުގަނޑުމެންގެ ކާބަފައިންގެ ފަރާތުން އަޅުގަނޑުމެންގެ ތެރެއަށްއައި ރަނގަޅު އާދައެއް ނަމަވެސް މިހާރު މިވަނީ އެކަމަކީ ބޯދާ ކަމަކަށްވެ އެ އާދަ ނެތިގޮސްފައެވެ. މިހާރު އެގަޑިތަކަކީ ގިނަ ކުދިން އެންމެ ގިނައިން ބޭރުގައި ހޭދަކުރާ ވަގުތަށް ވެއްޖެވެ. އެހެންނަމަވެސް އެ ވަގުތުތަކު ކުޑަކުދިން ބޭރަށް ނިކުތުން ކާބަފައިން މަނާކުރަމުން އައީ އަސްލެއް ނެތިއެއް ނޫނެވެ. އިސްލާމް ދީނުގެ އިލްމް ލިބިވަޑައިގެން ރާއްޖެ ވަޑައިގެން އިލްމްވެރިންގެ ލަފަޔާއި އިރުސާދުގެ މަތީންނެވެ.  އެހެނީ އިސްލާމްދީނުގެ އަސްލުތަކުގެ އަލީގައި އިލްމްވެރިން މިހާރުވެސް ދަނީ އެކަންކަމަށް ނަސޭހަތްތެރިވަމުންނެވެ. އަދި އެ ވަގުތުތަކުގައި ކުޑަކުދިން ބޭރަށް ނެރުމަކީ ޝައިތާނީ ވަސްވާސް ގަދަވެ އޭގެ އުނދަގޫތަށް ކުރިމަތިވެދާނެ ކަމެކެވެ.  ޝައިތާނާގެ އުނދަގޫ ހަމަ އެކަނި ވަނީ ޖިންނި މޮޔަވުމުގެ ގޮތުގައި ނޫންކަންވެސް ފާހަގަކުރެވެއެވެ. ބައެއް ފަހަރަށް ކުއްޖާގެ އަޙްލާގް ގޯސްވެ ބަސްނޭހުމާއި ކިޔެވުމާއި ދުރުވުން ފަދަ ކަންތައް ތައްވެސް މެދުވެރިވެއެވެ.

ކުޑަ ކުދިންނަށް ކުރެވޭ އަނިޔާ ތަކުން ކުއްޖާ ސަލާމަތްކުރުން

ކުޑަކުދިންނަށް ކުރާ އަނިޔާތަކުން ކުއްޖާ ސަލާމަތްކުރުމަކީވެސް މައިން ބަފައިންގެ މައްޗައް ވާޖިބެކެވެ. އަދި މައިން ބަފައިން ދަރިންނަށް އަނިޔާ ކުރުމަކީވެސް ކުރެވިގެންވާނެ ކަމެއް ނޫނެވެ. އެހެންނަމަވެސް އިސްލާމްދީނުގެ އުސޫލުތަކާއި ހިލާފްނުވާނެ ގޮތުގެ މަތިން ކުއްޖާ ރަނގަޅަށް ތަރުބިއްޔަތުކުރުމުގައި އަދަބު ދެވިދާނެއެވެ. ދުނިޔޭގެ ގައުމުތަކުގެ ތެރޭން ތަރައްޤީވަމުން އަންނަ ގައުމުތަކާއި ފަގީރު ޤައުމުތަކުގައި އަދިވެސް ކުޑަކުދިންނަށް ދެވޭ އަނިޔާތައް ގިނަކަން ފާހަގަކުރެވެއެވެ. މިގޮތުން ރާއްޖޭގައިވެސް އެފަދަ ތަފާތު އަނިޔާތައް ކުޑަކުދިންނަށް އަންނަނީ ލިބެމުންނެވެ. އަނިޔާ އަކީ ހަމަ އެކަނި ގައިގައި ތެޅުމެއް ނޫނެވެ. ކުޑަކުދިންނަށް ކުރެވޭ އަނިޔާތަކުގެ ތެރޭގައި ޖިންސީ ގޯނާ ތަކާއި މައިން ބަފައިންގެ އަޅާލުމުން މަހުރޫމްކުރުމާއި އެކަށީގެން ނުވާ މަސައްކަތްތައް ކުރުމަށް ކުޑަކުދިން ބޭނުންކުރުމާއި، ޑްރަގް ވިއްކުން ފަދަ ކަންތައް ތަކުގައި ކުޑަކުދިން ބޭނުންކުރުމާއި، ޖިންސީ ގޯނާތަކަށް މަގުފަހިކުރުމަށްޓަކައި ކުރާ އަނިޔާތައްވެސް ހިމެނެއެވެ. އަދި މިހުރިހާ އަނިޔާއާއި ގުޅިފައިވާ ނަފްސާނީ އަނިޔާ އަކީ ކުއްޖާގެ މުޅި ދިރިއުޅުމުގެ ދަތުރު އަނދިރިކޮށްލާ އަނިޔާއެކެވެ. ހަމަ އެހެންމެ ކުއްޖާ ދިރިއުޅުމާއި މެދު ކުރާ އުންމީދުތައް ވިއްސިވިހާލިވެ ކުއްޖާއަކީ މުޖުތަމައުއަށް ނުރަށްކާތެރި މީހަކަށް ވެދެއެވެ. އެހެންކަމުން އަޅުގަނޑުމެންގެ ޅަ ދަރީންނާއި މުޖުތަމައުގައި އުޅޭ ތުއްތު ކުދިންނަށް ހިމާޔަތާއި ރަށްކާތެރިކަމާއި އެހީތެރިކަން ދިނުމަކީ ކޮންމެ މަންމަޔަކާއި ބައްޕައެއްގެވެސް ވާޖިބެކެވެ.

ރާއްޖޭގެ ނިސްބަތުން މިހާރުވެސް ކުޑަކުދިންނަށް ގިނަ އަނިޔާތަކެއް ލިބެމުން އަންނައިރު ވިލިގިލީ ކުޑަކުދިންގެ ހިޔާގައިވެސް މައިން ބަފައިންގެ ލޯބިން މަހުރުމޫވެ ތިބި އެތަކެއް ކުޑަކުދިންނެއް އެބަތިއްބެވެ. އޭގެން ގިނަ ކުދިންނަކީ މައިން ބަފައިން ތިބި ކުދިންނެވެ. ބައެއް މައިންނާ ބަފައިންނަކީ ޑްރަގްގެ އަވައިގައި ޖެހިފައި ތިބި މީހުންނެވެ. މީގެ ތެރޭން ބައެއް ކުދިންގެ މައިން ބަފައިން އެކުދިންގެ ހާލު ބަލާލަން އެތަނަށް އަންނައިރު އަނެއް ބަޔަކު އެއްވެސް ވަރަކަށް ޒިޔާރަށްކޮށްލާފައިވެސް ނުވެއެވެ. މިކަމަކީވެސް ހަމަ ކޮންމެ މަންމަޔަކާއި ބައްޕަޔަކުވެސް ވިސްނާ ފިކުރުކުރާން މިއަދު ޖެހިފައިވާ ކަމެކެވެ. އެހެނީ އެއްކަލަ ކުދިން އެ ހާލުގައި ޖެހިފައިވަނީ ބަޔަކަށް ހަރުދަނާ ތަރުބިއްޔަތެއް ޅަފަތުގައި ދެވިފައި ނެތުމުންނެވެ. އެކުދިން ވިހާފައި އެއްލާލި މައިންނާއި ބަފައިންނަކީ ހަމަ ދިވެހިންނެވެ. އެ ދަރިންގެ ފަރާތުން އުފަންވީ ދަރިން އެވަނީ ނިކަމެތި ޙާލުގައެވެ.  މާދަމާ އެކުދިން ބޮޑެތިވެ އެކުދިންގެ މައިން ބަފައިންނާއި މެދު އޮންނަންވާ ގުޅުން އޮންނާނެތޯއެވެ. އަދި މީގެން ބައެއް ކުދިން ކުށުގެ ވެއްޓަށް ބަދަލުވެ ކުށްތައްކުރާ ބަޔަކަށްވަނީކީވެސް މަދެއްކޮށް ނޫނެވެ.  މި ދެންނެވި އެންމެހާ ކަންކަން އިސްލާހްކުރެވެން އަންނަނީ ޅަފަތުގައި އަޅާލާ ރަނގަޅު ތަރުބިއްޔަތެއް ދީގެންނެވެ.

ނުނިމޭ

މުސައްނިފް

އެރިނާ އެނިމޭޝަން އިންޓަރނޭޝަނަލް ޕުރޮގުރާމްގެ ދަށުން އެޑްވާންސް ޑިޕްލޮމާ އިން މަލްޓިމީޑިއާ އެނިމޭޝަން ނިންމުމަށްފަހު މަލްޓިމީޑިއާ އާއި ގްރެފިކްސް ޑިޒައިން ބެޗްލާސް 2018 ވަނަ އަހަރު ވަނީ ނިންމާފައެވެ. ސްކޫލް ދައުރުން ފަށައިގެންވެސް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރުމާއި އެކު މަނަދޫ ލައިވް އަދި ލަންދޫ އިންފޯ.ކޮމް, ވަގުތު.އެމްވީ، ގައި ހަބަރާއި އެކި ދާއިރާތަކުގެ ލިޔުންތައް ލިޔެފައިވާނެއެވެ. އަދި ނޯޕްލާސްޓިކް މޯލްޑިވްސްގެ އެއް ފައުންޑާރ އެވެ.

ރައްދު

Your email address will not be published. Required fields are marked *