ތިބާ އުފަންވުމުގެ އެއްއަހަރުކުރި ހިތައްގެންނާވާށެވެ. އޭރު ތިބާއަކީ ނެތުމުގެ ތެރޭގައިވާ ނަފްސެކެވެ. ތިބާގެ މައިމީހާގެ ބަނޑުގައި 9 މަހާ 9 ދުވަސް ހޭދަކުރުމަށްފަހު ދުނިޔެއަށް ނޭވާލަނީ މިހުސްކަމުގެ ތެރެއިންނެވެ. ތިބާ ބޭނުންވެގެންނެއްވެސް ނޫނެވެ. އެކަމަކު އެހެންބައެއްގެ ނިންމުމެއްގެ ސަބަބުންނެވެ. އެހެންބައެއްގެ މިންނަތުންނެވެ. އެހެއްބައެއްގެ ލޯތްބާ އަޅާލުމުގެ ސަބަބުންނެވެ. މާކުރިން އަޒަލުގައި ތިބާއަށް އެކަން ލިޔެވިފައިވާތިއެވެ. މިނެތުމުގެ ތެރެއިން މިދުނިޔެއަށް މިއަންނަ އިންސާނާއަކީ، މާތް ﷲގެ ރަޙުމަތްފުޅުން ފުރާނައެޅިގެން އަންނަ، ހަށިގަނޑެކެވެ. މިހަށިގަނޑު އެކަލާންގެ ރަޙުމަތާއި މަދަދުގައި ބޮޑުވަމުން ފުރިހަމަ ވަމުންދެއެވެ. އަދި މިދުނިޔެއިން ޖާގައެއް އެނަފްސް ހޯދައެވެ.
ނެތުމުގެ ތެރއިން އިންސާނާ ދުނިޔެއަށް ނޭވާލަނީ ވަރަށްބޮޑު ތިން ޙަޤީގަތާއެކުއެވެ.
ފުރަތަމަ ކަމަކަށް ކޮންމެނަފްސަކީވެސް ތަފާތު މީހެކެވެ. ތިބާއާ އެއްވައްތަރު ދެވަނަ މީހަކު މިދުނިޔެއަކު ނުވެއެވެ. ތިބާގެ އެއްމާބަނޑު އަޚާވެސް ތިބާއާ އެތައްގޮތަކުން ތަފާތުވެއެވެ. އަދި އިންސާނެއްގެ ސެލްބޭނުންކޮށްގެން ކްލޯންކުރާ( ނަކަލުކުރާ) ނަފްސުވެސް އޭގެ އަސްލާއި ޖިސްމާނީ، ނަފްސާނީ، އަދި ރޫޙީގޮތުން ނުހަނު ތަފާތުވާނެއެވެ. މާތް ﷲ އެކަލާނގެ ޚަލްޤްކުރައްވާ ނަފްސްތަކަށް، މަލާއިކަތުން މެދުވެރިކުރައްވާ އެއަޅުއްވާ ފުރާނައަކީ ސިދާ އެނަފްސަކަށް ހާއްސަ ފުރާނައެކެވެ. އެއާ އެއްކޮށް އެނަފްސުގައި ވާ ޖިސްމާނީ ނަފުސާނީ، އަދި ރޫޙީ ސިފަތަކަކީ އެނަފްސަކަސް ޚާއްސަ ސިފަތަކެކެވެ. އެނަފްސަކީ ތަފާތު ނަފްސެކެވެ.
ދެވަނަކަމަކީ ތިބާގެ ފުރާނައަކި ހަލާކުވުމެއްފަނާވުމެއްނުވާ ފުރާނައެކެވެ. ތިމާގެ ހަށިގަނޑު މަރުވެ، ފަނާވެ ބިމުގެ ވެއްޔާއެކުވެދެއެވެ. ނަމަވެސް ތިބާގެ ފުރާނެ ތިބާގެ ހަށިގަނޑާވަކިވެގެންދަނީއެވެ. އެނބުރި އަންނަގޮތަށެވެ. އެއީ ޤިޔާމަތްދުވަހުންނެވެ. މިކަން ހާމަކުރައްވާ މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވަނީ މިފަދައިންނެވެ.
“އަދި ( މަޙުޝަރަށް ފޮނުއްވާހިނދު އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން، ތިމަންރަސްކަލާންގެ ޙަޟްރަތަށް ތިޔައައީ، އެކަހެރީންގެ ގޮތުގައެވެ. ފުރަތަމަ ފަހަރު ތިމަންރަސްކަލާންގެ ތިޔަބައިމީހުން ހެއްދެވި ފަދައިންނެވެ. އަދި ތިޔަބައިމީހުންނަށް، ތިމަންރަސްކަލާންގެ ދެއްވިތަކެތި ތިޔަބައިމީހުންގެ ފަހަތަށް ދޫކޮށްފައެވެ. ތިޔަބައިމީހުންނާއެކު، ތިޔަބައިމީހުންގެ ޝަފާޢަތްތެރިން ވަނިކޮށެއް ނުފެެނެއެވެ. އެތަކެއްޗަކީ، ތިޔަބައިމީހުންގެ ތެރޭގައި، ޝަރީކުންކަމަށް ތިޔަބައިމީހުން ހީކޮށްގެން އުޅުނު ތަކެއްޗެވެ. ތިޔަބައިމީހުންނާ އެތަކެއްޗާ ދެމެދުގައިވާގުޅުންތައް ކެނޑި، ވަކިވެއްޖެކަން ކަށަވަރެވެ. އަދި ( ޝަފާޢަތްތެރިވާނެކަމަށް ) ތިޔަބައިމީހުން ހީކޮށްއުޅުނު ތަކެތި، ތިޔަބައިމީހުންގެ ކިބައިން ގެއްލިއްޖެއެވެ. ” (6:94)
ތިބާދުނިޔެއަށް ލޯހުޅުވާލާ އުފާވެރި ހިނދުކޮޅާއެކު، ތިބާވެގެންދަނީ ބަދަހިކޮންގުޅިފައިވާ އާއިލައެއްގެ މެންބަރަކަށެވެ. ތިބާގެ މައިންބަފައިންނާއި، ދައްތައިންނާއި، ބޭބެމެން، މާމައިންނާއި ކާފައިން، ބޮޑުބޭބެއިންނާއި ބޮޑުދައިތައިންނަކީ، ފުރަތަމަ ނޭވާއިންފެށިގެން ތިބާގެ އެއްމެގާތްގުޅުމުގެ އަހުލުންނެވެ. މިއިން އެއްވެސް މީހަކީ ތިބާއަމިއްލައަށް އިޙްތިޔާރުކުރި ބައެއްނޫނެވެ. ނަމަވެސް ޙަޔާތުގެ އެކިދުވަސްވަރު ތިބާ ހޯދާރައްޓެހިންނާ، އަވައްޓެރިން އަދި އަންބިން ނުވަތަ ފިރިންނަކީ ތިބާގެ ހޮވުންތަކެވެ. ހަމައެފަދައިން ތިބާގެ އުފަންތާރިޚާއި، ތަނާ ޤައުމަކީވެސް ތިބާގެ ހޮވުމެއްނޫނެވެ. މިއިންކޮންމެ ކަމަކީ ތިބާއަށް މާތް ﷲދެއްވާފައިވާ އިލާހީ ނިޢުމަތެކެވެ. އެނިޢުމަތް ޝުކުރުވެރިކަމާއެކު ބަލައިގަންނަން ޖެހެއެވެ.
ތިބާގެ އުފަންވި ދުވަހާ، ތަނާ ތާރިޚް އެނގެއެވެ. ނަމަވެސް އެއީ ކޮންމެވެސް މީހަކު އެ ހިސާބުތައް ޖަހާ ރައްކާކޮށް ފައިވާތީއެވެ. އަދި އެމީހަކު ތިބާއަށް އެ ހިސާބުތައް ބުނެދީފައިވާތީއެވެ. ތިބާއަށް ޔަޤީންކުރަން ދަތި ކަމަކީ ތިބާ މިދުނިޔޭގައި ޙަޤީގަތުގައިވެސް ވާކަން ފުރަތަމައިނުން އިޙުސާސް ކުރެވުނު ތާރީޚީ ވަގުތެވެ. ތިބާއަކީ ތިބާކަން، އަދި ތިބާއަކީވެސް މިދުނިޔެއިން ޖާގައެއް ލިބިގެންވާ މީހެއްކަން ދެނެގަނެވޭ ވަގުތެވެ. މި ޙަޤީގަތާ އެއްކޮށް ކޮންމެ މީހަކުވެސް، މުޅިންތަފާތު ނަފުސަކާއެކު ދުނިޔޭގެ ތަޖުރިބާތަކުގެ ތެރެއަށް ފީނަން ފަށައެވެ. އަދި ދުނިޔޭގައި ހިނގާ ސުމާރެއްނުވާ ގިނަކަންތައް ތަކުގައި ތިބާ އެކަމަކާމެދު ދެކޭ ގޮތާ، އެކަމަކުން ކުރާ އަސަރާ، އަދި އެކަމަކާ ގުޅިގެން ތިބާއަޅާ ފިޔަވަޅަކީ ތިބާގެ ހާއްސިއްޔަތު( ޔުނިކްނެސް)ގެ މައްޗަށް ބިނާވެފައިވާ ކަންކަމެވެ. ހަމަ މިކަންކަން އެހެން މީހުންދެކޭގޮތާ، ކުރާއަސަރު ތިބާޔާ ހާސްބައި ތަފާތުވެދާނެއެވެ.

ޢަޒަލުގައި ވަކިގޮތެއް ކަނޑައެޅި ނިމިފައިމިވާ އިންސާނާގެ ޙާޔާތުގައި، މުޅިން އާ އެތައް މަޢުލޫމާތު ތަކެއް ހޯދައެވެ. އާ ތަޖުރިބާތަކެއް ކުރެއެވެ. އާދަތަކެއް ހަރުލައްވައެވެ. މިކަންތައްތަކާއެކު، ފުރިހަމަ އިންސާނެއްގެ ގޮތުގައި މު ދުނިޔެ އާރާސްތުކުރަން ފަށައެވެ. މި ގޮތުން ތިބާގެ ޙަޔާތައް އެއްޗެހިތަކެއް އިތުރުވަމުން، އުނިވަމުންދެއެވެ. އަދި ބައެއްފަހަރު އުނިވި އެއްޗެއް އަލުންލިބެއެވެ. އަދި ލިބުނުއެއްޗެއް އުނިވެސް ވެއެވެ. ނަމަވެސް ތިބާއަށް ގެއްލުމަށްފަހު ނުލިބޭ އެކަތިވެއެވެ. އެއީ ދުނިޔޭގެ ހުރިހާ ޖަވާހިރަކާ، ރނައްކަށްވެސް ނުގަނެވޭވަރުގެ އަގު ބޮޑު އެއްޗެކެވެ. ކީއްވެތޯއެވެ. އަނބުރާ ނުލިބޭތީއެވެ. ކޯޗެއްތޮއެވެ. އާދެ! ވަގުތެވެ. ގެއްލިއްޖެ ވަގުތަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ. ކޮންމެ ވަގުތުކޮޅަކީ ޙަޔާތުގެ އެތިކޮޅެކެވެ. ވަރައް އަގުބޮޑު ނަމަވެސް ބީވެެގެންދާ އެތިކޮޅެކެވެ. ތިބާ މި އެތިކޮޅުތައް ރަނގަޅު ގޮތުގައި ބޭނުންކުރާނީ ތޯއެވެ. ނުވަތަ ޣާފިލުކަންމަތީ ބޭކާރު ކޮށްލާނީތޯއެވެ. ތިބާގެ ޙަޔާތާއި ވަގުތު ތިބާގެ ވަށައިގެން އެނބުރެމުން އެތިކޮޅަކަށްފަހު އެތިކޮޅެއް ހުސަކުރަމުން ތިބާނެތުމުގެ ތެރެއަށް ދަންދެން ހުންނާނީތޯއެވެ. ނުވަތަ ޙަޔާތުގެ މި އަގުނުކުރެވޭ ޖައުހަރުގެ ފައިދާ ފުރިހަމަ ގޮތުގައި ހޯދާނީތޮއެވެ. ޙަޔާތުގެ މިދެންނެވި އެތިކޮޅުތައް، އެއްކޮށްވިޔަސް، ނުވަތަ ބައިބަޔަށްވިޔަސް، ބޭކާރުކޮށް ލުމަކި ހމަޔަގީނުންވެސް އިންސާނަކު ހިންގާނެ އެއްމެބޮޑު ޖަރީމާއެވެ. ނެތުމުގެ ތެރެއިން އުފައްދަވާ އަމިއްލަވަންތަކަމުގެ ބާރެއްދެއްވާ ދުނިޔެއިން ޖާގައެއް ދެއްވަނީ ވަކި ވަގުތަކަށެވެ. އަދި އަވަގުތު ތަކަކީ ތިބާގެ ޙަޔާތެވެ. އެޙަޔާތް ބޭކާރު ކޮށްލުމަކީ ކިހާބޮޑު ބޭއިންސާފެއް ހެއްޔެވެ. ކިހާބޮޑު ކުށެއްހެއްޔެވެ.
އިންސާނާ އޭނާގެ ޙަޔާތް އާދެ އުމުރު ނަގާލާ އެތައްބައިވަރު ގޮތައްތައް ހުރެއެވެ. ފަރުވާތެރިކާމައެކު އަޅުގަނޑުމެންގެ ވަށައިގެން ހިނގަމުންދާ ކަންތައްތަކަށް ބަލައިލައިފިނަމަ އަޅުގަނޑުމެންނަށް މިއިން އެތައްގޮތެއް ފެންނާނެއެވެ: އެއްވެސް އަމާޒެއްނެތް ދިރިއުޅުމެކެވެ. އަޅުގަނޑުމެންގެ އަމިއްލަ ނަފުސަށް ދޭ އަނިޔާއެވެ. ތިމާގެ ވެއްޓާމެދު އެއްވެސް އަޅާލުންތެރިކަމެއް ނުބެހެއްޓުމެވެ. މިއިން ކޮންމެ ކަމަކީވެސް އަޅުގަނޑުމެންގެ އަތުން މިމާތް ވަގުތުކޮޅުތައް ބީވެގެންދާކަމުގެ ހެކިތަކެކެވެ. އިންސާނުންނަކީ ދުވަހަކުވެސް ހިތްފުރޭނެ ބައެއް ނޫނެވެ. އިންސާނުންނަކީ އަބދުވެސް ކޮންމެވެސް އެހެން އެއްޗެއްގެ މަށްޗަށް ބިނާވެފައިވާ މަޚުލުޤެކެވެ. އެހެންކަމުން އަހަރެމްނަށް، ކުޑަ ހިނދުކޮޅަކަށް ނަމަވެސް، ހިތާމައެއް، ދެރައެއް ނުވަތަ ހިތްނޭދޭ ކަމެއް ދިމާވެއްޖެ ނަމަ އެކާމާ އަހަރެމެން ކަންބޮޑުވެ ދެރަވެއެވެ. އެހެން ކަމުން ދުނިޔެއިން ފެންނަމުން މިދާ އުނިއުތުރުވުންތަކަށް ވުރެ މާ ފުރިހަމަ، މާތް މަޤްސަދުތަކެއް ހާސިލުކުރުމަށްޓަކައި މެނުވީ، އަހަރެމެން ގެ ޙަޔާތުގެ އެތިކޮޅުތައް ބޭނުންކޮށްގެން ނުވާނެއެވެ. އެހެން ވެއްޖެ ނަމަ އަބަދުވެސް އަޅުގަނޑުމެންގެ މައްޗަށް ވެރިވަމުން ދާނީ ހިތާމާއާ ނާ އުއްމީދެވެ.

Published by އަބޫ ނީމް

އަބޫ ނީމް އަކީ ލިޔުންތެރިކަމަށް ވަރަށް ޝައުޤުވެރި ލިޔުންތެރިކަމުގެ ތެރެއަށް ވަންނަމުން އަންނަ ޒުވާނެކެވެ.

Leave a comment

Your email address will not be published. Required fields are marked *