ދުނިޔޭގެ އެންމެ ބޮޑު މެރިން ރިޒާވަކީ އޮސްޓްރޭލިއާގެ ކުއިންސްލޭންޑް ކައިރީގައި 2،600 ކިލޯމީޓަރަށް ފެތުރިފައި އޮންނަ ބޮޑުފަރެވެ.  ގްރީޓް ބެރިއާރ ރީފްގެ ނަމުން ނަންދެވިފައިވާ  ސަރަހައްދަކީ ދޮންވެލި ތުނޑިތަކާއި900 ރަށް ހިމެނޭ މޫދާއި ކަނޑުގެ ދިރުންތަކުން އެންމެ މުއްސަނދި ސަރަހައްދެވެ. އަދި މި ސަރަހައްދަކީ ވޯރލްޑް ހެރިޓޭޖް ސައިޓްތަކުގެ ތެރޭގައި ހަމަޖެހިފައިވާ ސަރަހައްދެކެވެ. ނިއު ސެވަންވޮންޑާރސްގެ ތެރޭގައިވެސް މި ސަރަހައްދު ވަނީ ހިމެނިފައެވެ.

ދުނިޔޭގައިވާ އެންމެ ބޮޑު މެރިން ރިސާރވްގެ ގޮތުގައި ފާހަގަކުރެވިފައިވާ ގްރީޓް ބެރިއާރ ރީފް އަކީ އެންމެ ގިނަ ވައްތަރުގެ ގަލާ މުރަކަ ހިމެނޭ ސަރަހައްދެވެ.  އަދި ހަމަ އެހެންމެ އެހެނިހެން ދިރުންތައްވެސް އެންމެ ގިނަކަމަށް ރެކޯޑްކުރެވިފައިވަނީ މިސަރަހައްދުގައެވެ. މިގޮތުން 400 ވައްތަރުގެ ގަލާއި 1،500 ވައްތަރުގެ މަސް އަދި މޮލަސްކްގެ ގޮތުގައި ފާހަގަކުރެވިފައިވާ 5000 ވައްތަރު ހިމެނެއެވެ. އަދި ހާޑް ކޮރަލްގެ ގޮތުގައި  360 ވައްތަރު ފާހަގަކުރެވިފައިވެއެވެ.  އަދި ހަމަ އެހެންމެ 175 ވައްތަރުގެ ކަނޑުމަތީ ދޫނި ގްރީޓް ބެރިއާރ ގައި އުޅެއެވެ.

މޫދުގެ ދިރުންތަކުން މުއްސަނދިވެފައިވާ ގްރީޓްބެރިއާރ އަކީ ފަތުރުވެރިންގެ މެދުގައިވެސް ވަރަށް މަގުބޫލު މަންޒިލެކެވެ. އެހެންކަމުން ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަކުރުމުގެ ސަބަބުން އަހަރަކު  ބިލިއަން ޑޮލަރުގެ ފައިދާއެއް އެއްސަރަހައްދުން ލިބެއެވެ.

ގްރީޓްބެރިއާރ ރީފްގައި ތިރީސް ވައްތަރުގެ ބޮޑުމަހާއި ކޯމަހުގެ ބާވަތްތައް އުޅޭކަން ރެކޯޑްތަކުން ދަށްކާއިރު އޭގެތެރޭގައި އާންމުކޮށް ފާހަގަކުރެވިފައިވަނީ އިންޑޯ ޕެސިފިކް ހަމްޕްބެކް ޑޮލްފިންއާއި ހަމްޕްބެކް ވޭލްއެވެ. އަދި ފަރުގައި އުޅޭ 1500 ވައްތަރުގެ މަހުގެ ތެރޭގައި ބޮޑަށް ފާހަގަކުރެވެނީ މާގަނޑު މަސް، ފާނައިގެ ވައްތަރުތައް، ފިލޮޅު، އުނިޔަ، އަދި ހަނދި، ހިމެނެއެވެ. ރާއްޖެ ފަދަ ގައުމުތަކުން އާންމުކޮށް ނުފެންނަ ބާވަތެއްކަމަށްވާ މޫދު ހަރުފައިގެ 17 ވައްތަރުއުޅެއެވެ.

ދުނިޔޭގައިވާ އެންމެ ބޮޑު މެރިން ރިސާރވްގެ ގޮތުގައި ފާހަގަކުރެވޭ ގްރީޓްބެރިއާރގައި 6 ވައްތަރުގެ ކަހަނބު އުޅެއެވެ. އޭގެތެރޭގައި ހިމެނެނީ ގްރީން ސީޓާރޓްލް، ލެދަރބެކް ސީޓާރޓުލް، ހަވްކްސްބިލް ޓާރޓްލް، ލޮގާރހެޑް ސީ ޓާރޓްލް، ފްލެޓްބެކް ޓާރޓްލް، އޮލިވަރ ރިޑްލީ، އެވެ.  ގްރީޓްބެރިއާރގައި ވެލާކަހަނބު ގިނަކަން ބޮޑަށް ފާހަގަކުރެވެނީ މޫދުވިނަ ގިނަ ސަރަހައްދުތަކުގައެވެ. ގްރީޓްބެރިއާގައި ގިނަ ސަރަހައްދުތަކުގައި 500  ވައްތަރުގެ މޫދުވިނަ ހެދިފައިވެއެވެ.

ގްރީޓްބެރިއާރ ރީފްއަކީ ދުނިޔޭގައި އެންމެ ގިނަ ވައްތަރުގެ ދިރުންތައް ފެންނަ ސަރަހައްދަށްވާއިރު ވަކިން އެސަރަހައްދުން ނުފެންނަ ދިރޭއެއްޗެއް ދުނިޔޭގެ ކަނޑު ފަރުތަކުގައި މަދުވާނެއެވެ. މިގޮތުން މޫދުގައި އުޅޭ ވައްތަރުގެ ކިނބޫ(ސޯލްޓްވޯޓަރ ކޮރުކޮޑައިލް) ވެސް މޫދާއި ގުޅިފައިވާ މެންގރޫވް ހުންނަ ސަރަހައްދުތަކުގައި އުޅެއެވެ. އަދި އެސަރަހައްދުގައި 125 ވައްތަރުގެ މިޔަރާއި މަޑި އުޅެއެވެ. ފަރުގައި އުޅޭ 5000 ވައްތަރުގެ މޮލަސްކްގެ ތެރޭގައި އާންމުކޮށް ފާހަގަކުރެވެނީ ބައެއް ވައްތަރުގެ ބޮލި އަދި ގާހަކަ ، އަދި ބޮލީގެ ތެރޭގައި ހިމެނޭ ވިހަގަދަ ވައްތަރެއްކަމަށްވާ ކޯން ޝެލްއެވެ. ފަރެކޭ އެއްގޮތަށް ފަރުހިމެނޭ ސަރަހައްދުގެ ރަށްތަކަކީވެސް ދިރޭތަކެތި ގިނަ ރަށްތަކެވެ.. 215 ވައްތަރުގެ ކަނޑުމަތީ ދޫނި ފަރުގެ ސަރުހައްދުގައި ހިމެނޭ ރައްތަކުގައި ވިހާ ހަދާކަންވަނީ ފާހަގަކުރެވިފައެވެ.

ދުނިޔޭގައިވާ އެންމެބޮޑު މެރިން ރިސާވްގެ ގޮތުގައި ފާހަގަކުރެވިފައިވާ ގްރީޓްބެރިއާރ އަށް ވެސް އަންނަނީ ތިމާވެށީގެ ތަފާތު މައްސަލަތައް ކުރިމަތިވަމުންނެވެ. ފަރުގެ ބައެއް ހިސާބުތައް މަރުވެ ބައެއް ދިރުންތައް ނެތި ހިނގައިދާނެކަމުގެ ބިރުވަނީ ހީވެފައެވެ. މިގޮތުން ގްރީޓްބެރިއާރއަށް އޮތް އެންމެ ބޮޑު ބިރަކީ މޫސުމައް އަންނަ ބަދަލުތަކުން ފަރަށް ލިބިދާނެ ގެއްލުންތަކެވެ. އޭގެތެރޭގައި ދުނިޔެ ހޫނުވަމުން ދިއުމުގެ ސަބަބުން ފެންގަނޑުގައި އުފެދޭ ފާޑުފާޑުގެ ބެކްޓީރިއާ ގެ އަސަރު މަސްމަހާމެއްސައްކުރުމާއި އަދި ފަރުތަކަށް ދިމާވާމާ މުރަކަ ހުދުވުމުގެ މައްސަލަޔާއި   އަދި ހޫނުގަދަވުމުން ބައެއް ވައްތަރުގެ މަސްމަހާމެހި ނެތިދާނެ ކަމުގެ ބިރެވެ. އަދި ހަމަ އެހެންމެ ކަނޑުގައި ކުނިބުނީގެ ސަބަބުން އުފެދޭ ނުސާފުކަމަކީވެސް ފަރުގައި އުޅޭ ބައެއް ވައްތަރުގެ މަސްމަހާމެއްސާއި އިތުރު ދިރުންތައް މަދުވެގެންދާނެ ސަބަބެކެވެ.  އަދި މިހާރުވެސް ގްރީޓް ބެރިއާރއަށް ދިމާވެފައިވާ ކަށިބޯގިނަވުމުގެ މައްސަލައަކީވެސް ފަރުގެ ދިރުންތައް ނެތިދިއުމަށް މެދުވެރިވާ ސަބަބެކެވެ. މީގެ އެންމެ ބިރުބޮޑުކަމަކީ ކަށިބޯ ގާ ނުވަތަ މުރަކަތަކުގެ މަތީފަށަލަ ކެއުމުގެ ސަބަބުން ގާ ހަލާކުވެގެން ދެއެވެ. އަދި ނަތީޖާއަކީ އެގަލަކީ ދިރުންނެތް ގާތަކަކަށްވެ ފަރުގެ ގިނަ ހިސާބުތަކެއް މަރުވުމެވެ.

ނޯޓް: މިލިޔުމުގައި އެ ފަރަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކުގެ ގޮތުގައި ލިޔެވިފައިނީ  ތިމާވެށީގެ ދާއިރާގައި ހަރަކާތްތެރިވާ ކްއިންސްލެންޑްގެ ޒުވާނެއްގެ ފަރާތުން  ކުރިން ލިބިފައިވާ މައުލޫމާތެވެ.


Published by ހުސައިން ނިޔާޒު / ޅޮހި

އެރިނާ އެނިމޭޝަން އިންޓަރނޭޝަނަލް ޕުރޮގުރާމްގެ ދަށުން އެޑްވާންސް ޑިޕްލޮމާ އިން މަލްޓިމީޑިއާ އެނިމޭޝަން ނިންމުމަށްފަހު މަލްޓިމީޑިއާ އާއި ގްރެފިކްސް ޑިޒައިން ބެޗްލާސް 2018 ވަނަ އަހަރު ވަނީ ނިންމާފައެވެ. ސްކޫލް ދައުރުން ފަށައިގެންވެސް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރުމާއި އެކު މަނަދޫ ލައިވް އަދި ލަންދޫ އިންފޯ.ކޮމް, ވަގުތު.އެމްވީ، ގައި ހަބަރާއި އެކި ދާއިރާތަކުގެ ލިޔުންތައް ލިޔެފައިވާނެއެވެ. އަދި ނޯޕްލާސްޓިކް މޯލްޑިވްސްގެ އެއް ފައުންޑާރ އެވެ.

Leave a comment

Your email address will not be published. Required fields are marked *