ޙަބީބާ ޙުސައިން ޙަބީބް

ބަހުގެ ޢިލްމުވެރިން ވިދާޅުވާ ފަދައިން އަދި އިންސައިކްލޯޕީޑިއާ ބްރިޓޭނިކާގައިވެސްވާ ފަދައިން، ދުނިޔޭގެ އަހުލުވެރިން ވާހަކަ ދައްކައި ލިޔެކިޔެއުޅޭ ތިންހާހަކަށްވުރެ ގިނަ ބަސް އެބައޮތެވެ. ނަމަވެސް، މީގެތެރެއިން މިހާރުވެސް ބައެއް ބަސްތައް އުވެމުން އެބަދެއެވެ. އެއީ އެބަސްބަހުގެ އަޞްލާ ހަމައަށް ދިރާސާ ނުކުރެވި އަދި އެ ބަސް މުއްސަނދި ނުކުރެވުމުގެ ސަބަބުންނެވެ.
ބަހަކީ ވަކި ޢާއިލާތަކަށް ބެހިފައި އޮންނަ އެއްޗެކެވެ. ބަހުގެ ޢިލްމުވެރިން (ފިލޯލޮޖިސްޓް) އާދެ! ފިލޯލޮޖިސްޓުން ބަސް އުފެދިފައިވާ ގޮތް، އެބަހެއްގެ އަޞްލު ގުޅިފައިވާ ހިސާބުން ދިރާސާކޮށް ބަލައެވެ. ބަސް ދިރާސާ ކުރުމަށް މުހިންމު ނުކުތާތަކެއް އޮންނަ ކަމަށްވެސް، މި ފިލޯލޮޖިސްޓުން ނުވަތަ ބަހުގެ ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އެއީ:
.1    ބަހުގެ އަޑުތައް ކަންފަތުގައި ޖެހޭއިރު، ބޮޑަށް ފާހަގަކުރެވޭ ވަކި އަޑުތަކެއް ފާހަގަކޮށް ކަނޑައެޅުން. މިއަޑުތަކަށް ޔޫނާނީ ބަހުން ފޮނެމް  ނުވަތަ ފޮނެމްސް ކިޔައެވެ.
.2    ބަހުގައި ހުންނަ ޚާއްޞަ ރާގު ނުވަތަ ލަހެޖާ (ތަލަފުޒު).
.3    ބަސްބަހުގައި އެކުލެވޭ ކޮންމެ ވަކިބަހަކީ ނުވަތަ ލަފްޒަކީ (ވޯރޑް) އެތައް އަޑެއް ގުޅިގެން ހެދޭ ލަފްޒެކެވެ. މި ލަފްޒަކީ ވަރަށް މުހިންމު އެއްޗެކެވެ.

.4    އެތައް އަޑަކުން އުފެދިފައިވާ ލަފްޒު (ވޯރޑް) ތައް އެއްކޮށްލުމުން އުފެދެނީ ބަސްކޮށާރެކެވެ. ބަސްކޮށާރަކީ ބަހެއް ދިރާސާ ކުރުމަށް ވަރަށް މުހިންމު އެއްޗެކެވެ. އެހެނީ ބަހެއްގެ ބަސްކޮށާރަކީ، އެބަހަކުން ވާހަކަ ދައްކައި އުޅޭ ބައެއްގެ ޤައުމެއްގެ ޘަޤާފަތާއި، އާދަކާދައާއި، އިޖްތިމާޢީ ދިރިއުޅުން ބިނާވެފައި އޮންނަ މައިގަނޑު އުޞޫލުތައް ދައްކައިދޭ މޫނުބަލާ ލޯގަނޑު ކަމަށްވާތީއެވެ.
އެބަހެއްގެ ޤައުމިއްޔަތު ހޯދާލުމަށް ލިބޭ އެހީ ކަމަށްވެސްވާތީއެވެ. ބަސް ދިރާސާ ކުރައްވާ ބަހުގެ މާހިރުން، ތަފާތު ޢާއިލާތަކަށް، ތަފާތު ބައިބަޔަށް ބަސް ބެއްސެވުމުގައި، އެބަސްބަހުގައި ހިމެނޭ ލަފްޒުތައް އެއީ އެބަހެއްގެ އަޞްލު ކަމަށް ކަނޑައަޅުއްވައެވެ. އަދި ކަނޑައަޅުއްވާ މައިބަހާ ބަދަހިގޮތުގައި ގުޅި، ބަސް ބަދަލުވެފައި އޮތްތޯ ނުވަތަ ނޫންތޯ ބެއްލެވުމަށްވެސް ޚާއްޞަ ސަމާލުކަމެއް ދެއްވައެވެ. އެހެނީ ބަސް ބަދަލުވުމާއި ނުވުންވެސް އެއީ ބަސް ދިރާސާ ކުރުމަށް ވަރަށް މުހިންމު ކަމަކަށްވާތީއެވެ.

ބަހުގެ ދިރާސާވެރިން ކަނޑައަޅާފައިވާ މުހިންމު އެއް ރައުޔަކީ، ބަހަކާ ބެހޭގޮތުން ފުރަތަމަ ވިސްނާލާއިރުގައި، އެބަހުގެ ތެރޭގައިވާ ލަފްޒު އެއީ ޤުދްރަތީ ގޮތުން އިވުނު އަޑު ނަކަލު ކުރުމުގެ ގޮތުން އިންސާނުންގެ އަނގައިން ބޭރުކުރި އަޑެވެ. ނުވަތަ އަޑުތަކެވެ. ދެވަނަ ރައުޔަކީ، ފުރަތަމަ ބަސްތަކަކީ އިންސާނާގެ ހިތާއި ސިކުނޑިއަށް ވެރިވެގަތް ގަދަ ޖަޒްބާތަކުން އިޚްތިޔާރަކާނުލައި އިއްވުނު އަޑުތަކެކެވެ. ޢާންމު ގޮތެއްގައި، ބަސްތަކެއް ބުނުން ނުވަތަ ވާހަކަ ދެކެވުން އެއީ އެނގި ހޯދައި، އޭގެ މައްޗަށް ބުރަވެ ތިބެގެން ކުރެވޭ ކަމެއް ނޫންކަމެވެ.
ހަމައެކަނި އިންސާނުންގެ އިންސާނީ ފިޠުރަތުން ކުރެވިފައިވާ ކަމެއް ކަމުގައެވެ. ދުނިޔޭގެ ބަސްތައް ވަރަށްބޮޑު ދެބަޔަކަށް ބަހާލެވިފައިވާ ކަމަށް، ބަހުގެ ޢިލްމުވެރިން ނުވަތަ ބަސް، ޢިލްމެއްގެ ގޮތުގައި ބައްޓަންކޮށް ފާޑުކިޔާ މީހުން ބުނެފައިވެއެވެ. އެއީ، އެވޭލާ ޒަމާނުއްސުރެ މިހާރާ ހަމައަށް އައިސް، މިހާރު ނެތި ގޮސްފައިވާ ބަސްބަހާއި، މިހާރު ދިރެމުން، އޭގެ ޒާތުގައި ބަދަލުވަމުން އަންނަ ބަސްބަހެވެ.
ގިނަފަހަރު މި ބަދަލު، ހަލުވިކަމާއެކު އަންނަނީ، ވާހަކަ ދައްކާ ބަހުރުވައަށެވެ. ނަމަވެސް، ޒަމާންތަކާއެކު ބަހުގެ ހަރުދަނާކަން ހިފަހައްޓައި، ބަހުގެ ގަވާއިދަށްވެސް ބަދަލު ގެނެވިފައިވެއެވެ. ހަމައެހެންމެ، ބަހުގެ ރާގު ނުވަތަ ލެހެޖާވެސް، އެކިތަންތަނުގައި ބަދަލުވާ ފަދައިން، އެކި ދައުރު ދައުރުގައިވެސް ބަދަލުވެފައި އެބަހުއްޓެވެ. ޒަމާންވީ ބޮޑެތި އަދި ހަރުދަނާ އުޞޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ ގިނަ ބަސްތަކެއް އަދިވެސް އުވިގެން ނުގޮސް އެބަހުއްޓެވެ. ހަމައެހެންމެ، ދެބަހަކަށްވުރެ ގިނަ ބަސްތަކެއްގެ އަޞްލު، އެއްބަހަކާ ގުޅިފައިވެސް އެބަހުއްޓެވެ.
މިހުރިހާ ބަސްބަހުގެ ޢާއިލީ އަޞްލު ނުވަތަ މޫ ހަމަޖައްސަން މުހިންމުވަނީ މިސަބަބާ ހެދިއެވެ. ދިވެހިބަހާ އެންމެ ސީދާ ގޮތުގައި މިރޮނގުން ގުޅިފައިވާ ނުވަތަ މިބަހުގެ ކާބަފައިން ކަމަށްވާ ބަހަކީ، އިންޑޯ ޔޫރަޕިއަން ޢާއިލާ ބަހެވެ. ބަހުގެ ޒާތަށް ވިސްނާފައި، ބަހުގެ ޢިލްމުވެރިން ޔޫރަޕިއަން ބަސް، ބަދަހި ދެގޮތްޕަކަށް ބަހާލާފައިވެއެވެ. ފިލޮލޮޖިސްޓުން ބުނާގޮތުގައި، މިއީ ހުޅަނގަށާއި، އިރުމައްޗަށް ބަހާލެވިފައިވާ ދެގޮތްޕެވެ. މީގެ ތަފްޞީލް، ތިރީގައި އެވަނީއެވެ.)ދުނިޔޭގެ އިރުމައްޗަށް ބަހާލެވިފައިވާ ބަސްބަހުގެ ބައެއް މިސާލަކީ، ފާރިސީ ބަސް، ސަންސްކްރިތް ބަހާއި، އުތުރު އިންޑިޔާގެ ބަސް، އަފްޣާނިސްތާނުގެ ބަސްފަދަ ބަސްބަހެވެ. އަދި ހުޅަނގަށް ބަހާލެވިފައިވާ ބައެއް ބަސްބަހުގެ މިސާލަކީ، ޖަރުމަނު ބަސް، އިނގިރޭސި ބަސް، ޕޯޗްގީޒް ބަސް އަދި ސްޕެނިޝް ބަސްފަދަ ބަސްބަހެވެ. މިއީ މިސާލެއްގެ ގޮތުގައި ބަޔާން ކުރެވުނު ބަސްކޮޅެކެވެ.

ދުނިޔޭގެ ދެބައިކުޅަ އެއްބައި މީހުން ވާހަކަ ދައްކައި އުޅެނީ، އިންޑޯ ޔޫރަޕިއަން ބަހުގެ އާދައިގައި ހިމެނޭ ސަތޭކަ ތިރީސް ބަހަށްވުރެ ގިނަ ބަސްތަކުގެ ތެރެއިން ބަހަކުންނެވެ. ބަހުގެ މާހިރުންގެ ރައުޔުތަކުންނާއި އަދި އިންސައިކްލޯޕީޑިއާތަކުން ދޭހަވަނީ، މި ބަސް ޢާއިލާ އުފެދުނީ، ޔޫރަޕްގެ މެދެއްހާ ހިސާބުގައިވާ ބޯލްޓިކް ކަނޑު (ބަޙުރުލް ބަލްޠިޤް) ކައިރީގައިވާ ހިސާބުގަނޑުގައި ކަމަށްވެއެވެ. އަދި މިބަސް އުފެދުނީ، އިންޑޯ އާރިއަނުންނާއި، އާރިއަނުންގެ މެދުގައި ކަމަށްވެސްވެއެވެ. މިބަސް އުފެދުނީ، އިންޑޯ އާރިއަނުން، އޭޝިޔާގެ ޤައުމުތަކުގައި ފެތުރިގެންދިޔަ ދުވަސްވަރުގައެވެ.

މީގެއިތުރަށް އަދި އެހެން މުހިންމު ބަސް ޢާއިލާއެއްވެސް، މިދުވަސްވަރު ދުނިޔޭގައި ފެތުރިގެންދިޔައެވެ. އިނގިރޭސިބަހުން މިޢާއިލާއަށް ކިޔަނީ، ޔޫރަލް އަލްޓެއިކް ޢާއިލާއެވެ.  އިންޑޯ ޔޫރަޕިއަން ބަސް ޢާއިލާގެ ހަރުދަނާ ބަސްތަކުގައި، އެތެރެވަރީގައި ޚާއްޞަކޮށް، އިންޑިޔާގެ ވަރަށް ޒަމާންވީ، އާރުލާ ބަހެއްގެ ގޮތުގައި އޮތީ ސަންސްކްރިތް ބަހެވެ. މި ސަންސްކްރިތް ބަހަކީ، ކުރީ ޒަމާނުގައި އިންޑިޔާގައި ލިޔެކިޔާ އުޅުނު ބަހެކެވެ. ނަމަވެސް، މިހާރު މިއީ [މަރުވެފައިވާ] ބަހެއްގެ ގޮތުގައި ބެލެވޭ ބަހެކެވެ. މިހެންވުމުގެ ސަބަބަކީ، މިބަހުން ވާހަކަ ދައްކައި ނޫޅޭތީއެވެ. އަދި ޢާންމުކޮށް މިބަހުން ލިޔުންތައް ލިޔެ ނޫޅޭތީއެވެ.

ނަމަވެސް، ދީނީ ބައެއް ޝިޢާރުތަކާއި، ފޮތްތަކާއި، ފަންނީ ލިޔުންތައް، ކުރީގައި ސަންސްކްރިތް ބަހުން ލިޔެ، ކަމާބެހޭ ދަފްތަރުތަކުގައި ރައްކާކޮށްފައިވާ ފަދައިން، އަދުވެސް މިކަން މިގޮތަށް ކޮންމެވެސްވަރަކަށް ކުރަމުން ދިޔުމަކީ އެކަށީގެންވާ ކަމެކެވެ. އިންޑިޔާގެ ތަފާތު މުޖްތަމަޢުތަކުގައި، ސަންސްކްރިތް ބަސް އަޞްލަކަށްވާ ގޮތަށް ތަފާތު ބަސްތަކެއް އުފެދިފައިވެއެވެ.

އިންޑިޔާގެ ބަސްބަހުގެ ތާރީޚުން މިކަންތައް ސާބިތު ކުރެވެއެވެ. މިގޮތަށް އުފެދިފައިވާ ބަހުގެ ޖަމާޢަތްތަކަކަށް ޕްރާކިރިތް ބަހޭ ކިޔެއެވެ. ޕްރާކިރިތް ބަހުގެ ޖަމާޢަތްތަކުގައި ވަރަށް އާރުލާ ހަރުބަސްތަކާއި ބަހުރުވަ ހިމެނިފައިވެއެވެ. ދިވެހިބަހާއި ޕްރާކިރިތް ބަހާ ގުޅެނީ ކިހާ ހިސާބަކުން، ކިހާވަރެއްގެ ބަދަހިކަމަކާތޯ ބަލައި ދިރާސާ  ކުރުމަކީވެސް މުހިންމު ކަމެއް ކަމުގައި އަޅުގަނޑަށް ލަފާކުރެވެއެވެ. ހަމައެހެންމެ، ދިވެހިބަސް މިހާރު އޮތް ފެންވަރަށްވުރެ ބޮޑަށް ޢިލްމުވެރިކޮށް، މުއްސަނދިކޮށް، ބަހުގެ އަދަބިއްޔާތު ރީތިކުރުމަށް ޕްރާކިރިތް ބަސްތަކުގެ އަޞްލާ ހަމައަށް، ނޫންނަމަ، އަދިވެސް މީގެއިތުރަށް، ސަންސްކްރިތް ބަސް ދަސްކޮށް، ބަސް ދިރާސާ ކުރުމަކީ، މުހިންމު ކަމެއް ކަމުގައިވެސް ލަފާކުރެވެއެވެ.

ޒަމާނުއްސުރެ ދިވެހިންވެސް ޤަބޫލުކުރާ ނުކުތާއަކީވެސް މިއީ ކަމުގައިވިޔަސް، މިމަސައްކަތް އަދި އޮތީ ނުކުރެވިފައެވެ. ދިވެހިބަސް މުއްސަނދި ކުރުމަށް، މިބަހުގައި ކުރިން އުފެދިފައިވާ އެކިއެކި ބަސްބަހުގެ ޖަމާޢަތުން އައިސްފައިވާ ބަސްތައް ދިރާސާކޮށް، މުއްސަނދި ކުރުމަކީ، ދިވެހިބަސް މުއްސަނދިވެގެންދާނެކަމާމެދު ޝައްކެއް އޮތް ކަމެއް ނޫން ކަމަށް އަޅުގަނޑު ދެކެމެވެ.

05 ޖޫން، 2011

މިއަދު ނޙުން ނަގާފައި

LEAVE A REPLY

Please enter your comment!
Please enter your name here