ދައްޔޫޘުންގެ މައްޗަށް ސުވަރުގެ ވަނީ ހަރާމްކުރައްވާފައި

ދައްޔޫޘުންގެ މައްޗަށް ސުވަރުގެ ވަނީ ހަރާމްކުރައްވާފައި

- އިޖްތިމާއީ, ދީން
0

ދައްޔޫޘުންނަކީ އެމީހެއްގެ ކިބާގައި ޣީރަތްތެރިކަމެއް ނެތްމީހާއެވެ. ނުވަތަ ތިމާގެ އަނބިމީހާ ޒިނޭކުރާކަން އެނގޭޙާލުގައިވެސް އޭނާ ވަރިނުކޮށް ހިފަހައްޓައިގެން ހުންނަމީހާ އެވެ.އަނބިމީހާގެ ރީތިކަމާއި މުއްސަނދިކަމުގެ ސަބަބުން އޭނާ އުޅޭނެގޮތަކަށް އުޅެންދޫކޮށްލާ ފިރިން ވެސް ތިބެއެވެ. ތިމާއަކީ އަނބިމީހާއަށްވުރެ ސިފަ ހުތުރު މީހެއްނަމަ ތިމާ ދޫކޮށް ހިނގައިދާނެކަމުގެ ބިރަށްޓަކައި އަނބިމީހާ އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލުމަކީ ވަރަށް ބޮޑު ފާފައެކެވެ.

ބައެއް މީހުން ދެކޭގޮތުގައި އެއްވެސް މީހަކީ އަނެކާއާބެހޭގޮތުން ސުވާލުކުރެވޭނެ މީހެއްނޫނެވެ. އެފަދަ މީހުން ބުނާގޮތުގައި އެމީހަކު ކުރި އަމަލެއްގެ ޖަޒާ ލިބޭނީ އެމީހަކަށެވެ. އެހެންކަމުން އަނބިމީހާ އެހެން މހަކާއެކު ނަހަމަ ގުޅުމެއް ބާއްވާނަމަ އެއީ އަނބިމީހާގެ ކަމެކެވެ. އެކަމުގެ ޢަޒާބު ލިބޭނީ ހަމައެކަނި އަނބިމީހާއަށެވެ. ނަމަވެސް ޙަޤީޤަތަކީ އެމީހާ ބަހަލައްޓަންޖެހޭ އޭނާގެ އަހުލުވެރިންނާ މެދުގައި ވެސް ޤިޔާމަތްދުވަހުން ސުވާލުކުރެވޭނެކަމެވެ.

މާތްﷲ އެދެބަފައިކަލުންނަށް ރުއްސުން ލެއްވި އުމަރުގެފާނުގެ ދަރިކަލުން ޢަބްދުﷲގެފާނު ވިދާޅުވިއެވެ. މާތް ނަބިއްޔާ ހަދީސްކުރެއްވިއެވެ. ”ތިން މީހެއްގެ މައްޗަށް ﷲ ތަޢާލާ ސުވަރުގެ ހަރާމްކުރެއްވެވިއެވެ. އެއީ ބަނގުރާ ބުއިން އާދަކޮށްފި މީހާއާއި މައިންބަފައިންނަށް ނުކިޔަމަންތެރިވާ މީހާއާއި ތިމާގެ އަނބިމީހާ ފާޙިޝްކަންތައްކުރާކަން އެނގިހުރެ އަޅާނުލާ ހުންނަ ދައްޔޫޘެވެ”.

އެހެން ޙަދީޘެއްގައިވެއެވެ. (إنَّ الْمُؤْمِنَ يَغَارُ وَإِنَّ اللَّهَ يَغَارُ وَغَيْرَةُ اللَّهِ أَنْ يَأْتِيَ الْعَبْدُ مَا حُرِّمَ عَلَيْهِ) وَقَدّ قَالَ تَعَالَى : ( الزَّانِي لَا يَنْكِحُ إلَّا زَانِيَةً أَوْ مُشْرِكَةً وَالزَّانِيَةُ لَا يَنْكِحُهَا إلَّا زَانٍ أَوْ مُشْرِكٌ وَحُرِّمَ ذَلِكَ عَلَى الْمُؤْمِنِينَ)މާނައަކީ: “ހަމަކަށަވަރުން މުއިމިނުންގެ ޣީރަތްތެރިކަމެއްވެއެވެ. އަދަ ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ ޣީރަތްތެރިވެވޮޑިގެންވެއެވެ. ﷲ ގެ ޣީރަތްތެރިކަމަކީ އަޅާ ޙަރާމް ކުރެއްވި ކަމަކަށް އަރައިގަތުމެވެ، ހަމަކަށަވަރުން ﷲ ވަޙީ ކުރައްވާފައިވެއެވެ. (الزَّانِي لَا يَنْكِحُ إلَّا زَانِيَةً أَوْ مُشْرِكَةً وَالزَّانِيَةُ لَا يَنْكِحُهَا إلَّا زَانٍ أَوْ مُشْرِكٌ وَحُرِّمَ ذَلِكَ عَلَى الْمُؤْمِنِينَ) މާނައަކީ: “ޒިނޭކުރާ ފިރިހެނަކު ޒިނޭކުރާ އަންހެނަކާ ނުވަތަ މުޝްރިކް އަންހެނަކާ މެނުވީ ކައިވެންޔެއް ނުކުރާނެއެވެ. އަދި ޒިނޭކުރާ އަންހެނުން ޒިނޭކުރާ ފިރިހެނަކާ ނުވަތަ މުޝްރިކަކާ މެނުވީ ކައިވެނި ނުކުރާނެއެވެ. މިކަންތަކަކީ މުއިމިނުންގެ މައްޗަށް ޙަރާމް ކުރެވިގެންވާ ކަންތަކެވެ”. އެހެންކަމުން ޒިނޭކުރާ އަންހެނަކު ތައުބާ ވުމުން ނޫނީ އެފަދަ މީހަކާ ކައިވެނި ކުރުމަކީ މުއިމިނުންގެ މައްޗަށް ޙަރާމްވެގެންވާ ކަމެކެވެ. އަދި ކައިވެންޔަށްފަހުގައި އޭނާ ޒިނޭ ކުރާނަމަ އެކުގައި ގެންގުޅުމަކީ ޙަރާމްކަމެކެވެ. އެގޮތަށް ގެންގުޅެނީނަމަ އެފަދަ މީހަކު ވާހުށީ ދައްޔޫޘުންގެ ތެރެއިންނެވެ.

 އަނބިމީހާ އައުރަ ނިވާނުކޮށް ބޭރަށް ދިޔުމަށް ހުއްދަދީ ހިލޭ ފިރިހެނުންނާއެކު އެކަހެރިވުމުގެ ފުރުސަތުދޭ ފިރިންނަށް ހުރި ޢަޒާބުގެ ބޮޑުކަން މި ހަދީސުން އެނގއެވެ. އެހެންކަމުން ރީތިކަމާއި ގެދޮރާއި މުދަލާއި ފައިސާގެ ބޭނުމުގައި އަނބިމީހާގެ ފާފައިގައި ޝާމިލްވެގެން ފެންނަ ކަންތައް ނުފެންނަ ކަމަށް ހަދައިގެން ތިބުމަކީ ބޮޑެތި ފާފައިގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ތަރައްޤީވެ ކުރިއަރާފައިވާ މި ފަހު ޒަމާނުގައި ކަންތައްތައް ހިނގާގޮތަށް ބަލާއިރު މި ނުބައި އަމަލުގެ ތެރޭގައި ޝާމިލްވާ އެހެން ބަޔެއް މީހުން ވެސް އެބަތިއްބެވެ. މިގޮތުން ތިމާގެ ދަރިފުޅު ހިލޭ ފިރިހެނުންނާ ގުޅުން ބަހައްޓާކަން އެނގިހުރެ އަޅައިނުލުމާއި އަންހެންކުދިން ހިލޭ ފިރިހެނުންނާ އެކަހެރިވެ ވަކިން ބައްދަލުކުރުމުގެ ހުއްދަ ދިނުން ފަދަ ކަންތައްތައް ހިމެނެއެވެ. އަދި އަންހެން ދަރިންނާއި އަންހެންކުދިން އޮރިޔާން ހާލުގައި ގެއިން ބޭރަށް ފޮނުވުމާއި މީސްތަކުންގެ ސަމާލުކަން އެފަރާތްތަކަށް ހުއްޓުވާފަދަ ސެންޓާއި އަތަރު ބޭނުންކޮށްގެން ހިލޭ ފިރިހެނުންގެ ތެރެއަށް އަންހެންކުދިންނާއި އަނބިން ފޮނުވުން ހިމެނެއެވެ.

ތިމާއާއި ތިމާ ބަލަހައްޓަންޖެހޭ ފަރާތްތައް ނަރަކައިގެ އަލިފާނުން ސަލާމަތްކުރުމަކީ ކޮންމެ މީހެއްގެ މައްޗަށް ވެސް ވާޖިބު ކަމެކެވެ. އެހެންކަމުން އަނބިމީހާއާއި އަންހެން ދަރިން ހިލޭ ފިރިހެނުންގެ ލޯތަކުން ސަލާމަތްކުރުމަށް އެކަނބަލުންގެ ޢައުރަ ނިވާކޮށްދޭފަދަ ފޭރާން އަޅައި ނިވާވުމަށް އަމުރުކުރުން ހުއްޓެވެ. އެހެނީ ޢައުރަ ނިވާނުކޮށް އުޅުމަކީ ނަހަމަ ގުޅުންތަކަށް މަގުފަހިކޮށްދޭ ކަމެކެވެ. އަދި ޒިނޭ ފަދަ ހުތުރު އަމަލެއް ތިމާގެ އަނބިމިހާ ނުވަތަ އަންހެން ދަރިން ހިންގާކަން އެގިއްޖެނަމަ އެކަމުން މަނާވެގަތުމަށް ނަސޭހަތްދީ ދީނުގައިވާގޮތުގެ މަތިން އެކަން ހުއްޓުވުމަކީ ކޮންމެ ފިރިހެނަކު ވެސް އެންމެ ބޮޑަށް އިސްކަންދޭންޖެހޭ ކަމެކެވެ.

ރައްދު

Your email address will not be published. Required fields are marked *