މިހާރަކަށްއައިސް ދަރިން ނުލިބޭ ބައެއް މީހުން ދަރިން ނުލިބެނީ ކީއްވެގެންތޯ ބެލުމަށް ފާލުބަލަން ބޭނުންވެ އެކަމަކީ ކުރެވިދާނެ ކަމެއްތޯ ބެލުމަށްވަނީ ނުހަނު ބޭނުންވެފައެވެ. އަދި ދީނުގައި އެ ކަން އޮންނަ ރަނގަޅުގޮތް އޮޅުންފިލުވަން ގިނަ ބަޔަކު ވަނީ ބޭނުންވެފައެވެ. އެހެންކަމުން އެކަމާއި ބެހޭގޮތުން ރާއްޖޭގެ މަސްޙޫރު އިލްމުވެރިޔަކު ބުނެފައިވާ ބަސް ހިއްސާކޮށްލަމެވެ. ދަރިން ނުލިބެނީ ކީއްވެގެންތޯ ބެލުމަށް ފާލުބެލުން މިކަމާއި ބެހޭގޮތުން ފަޟީލަތުއްޝައިޚް މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ

لحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ކާހިނުން ގާތަށްގޮސް ކަންކަން އޮޅުންފިލުވާ ހެދުމަކީ މުސްލިމުންނަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަދިކިއެއްތަ، އެއީ ބޮޑުވެގެންވާ ނުބައިކަމެކެވެ. އެކަންކުރާމީހުންގެ ޙުކުމް ބަޔާން ކުރައްވާ ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވައެވެ. (مَنْ أَتَى عَرَّافًا فَسَأَلَهُ عنْ شَيْءٍ لَمْ تُقْبَلْ لَهُ صَلاةٌ أَرْبَعِينَ لَيْلَةً) މާނައަކީ: “ފާލުބަލާމީހެއްގެ ގާތަށްގޮސް އެމީހުންކުރެ ކަމަކަށް އެދި ސުވާލުކޮށްފިމީހާގެ ނަމާދު ސާޅީސްރޭ ވަންދެން ގަބޫލު ނުކުރައްވާނެއެވެ”.

އަދިވެސް އެހެން ޙަދީޘެއްގައި އައިސްފައިވެއެވެ. (مَنْ أَتَى كَاهِنًا أَوْ عَرَّافًا فَصَدَّقَهُ بِمَا يَقُولُ فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ) މާނައަކީ: “ކާހިނެއް ނުވަތަ ފާލުބަލާމީހެއްގެ ގާތަށްގޮސް އެމީހަކު ދައްކާވާހަކަ ގަބޫލުކޮށްފި މީހާ މުޙަންމަދުގެފާނުގެ މައްޗަށް ބާވާލެއްވި ތަކެއްޗަށް ކާފިރުވެއްޖެއެވެ”.

މިފަދަ މީހުންގެ ވާހަކަ ތައް ގަބޫލު ނުކުރުމަށް އަންގަވާފައިވާ ސަބަބަކީ އެބައިމީހުންނަކީ ޖިންނީންނަށް އަޅުކަން ކުރާ، ޖިންނީންގެ ފަރާތުން މަޢުލޫމާތު ހޯދާ ބަޔަކަށްވާތީވެއެވެ. އެމީހުން ނަމާދުކޮށް ގުރްއާން ކިޔަވާ އުޅެނީ މީސްތަކުންނަށް އޮޅުވާލުމުގެ ބޭނުމުގައެވެ. ޙަގީގަތުގައި އެބައިމީހުންނަކީ ގުރްއާނަށް އެންމެބޮޑަށް ކާފިރުވާމީހުންނެވެ. އެބައިމީހުން ގުރްއާން ނަޖިސް ތަކުގެ ތެރެއަށްލައި، ﷲ އަށް ކާފިރުވެ، ޖިންނީންނަށް އަޅުކަން ކުރުމުން މެނުވީ ޖިންނީން އެބައިމީހުންނަށް އެއްވެސް މަޢްލޫމާތެއް ނުދޭނެއެވެ. އެބައިމީހުން ނަމާދުކުރި ކަމުގައިވީނަމަވެސް ޙަގީގަތުގައި އަޅުކަން ކުރަނީ ޖިންނީންނަށެވެ. ﷲ އަކަށް ނޫނެވެ.

ދަރިން ދެއްވަނީ ﷲއެވެ. އެއިލާހު އިރާދަކުރައްވާ މީހަކަށް އަންހެންދަރިން ދެއްވައެވެ. އަދި އިރާދަކުރައްވާ ބަޔަކަށް ފިރިހެން ދަރިން ދެއްވައެވެ. އަދި އިރާދަކުރައްވާ މީހަކަށް އަންހެންދަރިންނާއި ފިރިހެން ދަރިން ދެއްވައެވެ. އަދި އިރާދަކުރައްވާ މީހަކަށް ދަރިން ނުދެއްވައެވެ. އެއިލާހުގެ ބައްސަވައިދެއްވުމާއި ރުހިގެންވާ ބަޔަކު ކަމުގައި މުއުމިނުން ވާންޖެހޭނެއެވެ. އެހެނީ އަޅުންގެ މަޞްލަޙަތު އެންމެ މޮޅަށް ދެނެވޮޑިގެންވަނީ އެއިލާހެވެ.

އެހެންކަމުން ބަނޑުބޮޑު ނުވަނީ ކީއްވެގެންތޯ ބެލުމަށް ކަމުގައިވިޔަސް އަދި އެނޫން ކަމެއްގައިވިޔަސް ފާލުބެލުމަކީ ހުއްދަކަމެއްނޫނެވެ. އޭގެބަދަލުގައި ދުޢާކޮށް ﷲ ގެ ޙަޟްރަތުން ފާފަފުއްސެވުން އެދި ދެންނެވުން އެދެވިގެންވެއެވެ. والله أعلم

Published by ހުސައިން ނިޔާޒު / ޅޮހި

އެރިނާ އެނިމޭޝަން އިންޓަރނޭޝަނަލް ޕުރޮގުރާމްގެ ދަށުން އެޑްވާންސް ޑިޕްލޮމާ އިން މަލްޓިމީޑިއާ އެނިމޭޝަން ނިންމުމަށްފަހު މަލްޓިމީޑިއާ އާއި ގްރެފިކްސް ޑިޒައިން ބެޗްލާސް 2018 ވަނަ އަހަރު ވަނީ ނިންމާފައެވެ. ސްކޫލް ދައުރުން ފަށައިގެންވެސް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރުމާއި އެކު މަނަދޫ ލައިވް އަދި ލަންދޫ އިންފޯ.ކޮމް, ވަގުތު.އެމްވީ، ގައި ހަބަރާއި އެކި ދާއިރާތަކުގެ ލިޔުންތައް ލިޔެފައިވާނެއެވެ. އަދި ނޯޕްލާސްޓިކް މޯލްޑިވްސްގެ އެއް ފައުންޑާރ އެވެ.

Leave a comment

Your email address will not be published. Required fields are marked *