ފުރަތަމަ ފަހަރަށް އަލިފާން ފަރުބަދަ މަތީ ކުރެވުނު ތަޖްރިބާ

ފުރަތަމަ ފަހަރަށް އަލިފާން ފަރުބަދަ މަތީ ކުރެވުނު ތަޖްރިބާ

ދުނިޔޭގެ ނިސްބަތުން އަލިފާން ފަރުބަދަ އެންމެ ގިނަ އެއް ސިޓީއަކީ ޖާވާއެވެ. ޖާވާގައި 44 އަލިފާން ފަރުބަދަހުރެއެވެ. މިގޮތުން މި ސަރަހައްދުގެ ބައެއް ވޮލްކެނޯ އަންނަނީ ގޮވަމުންނެވެ. އަދި ބައެއް ފަރުބަދަތައް އެތައް އަހަރެއްކުރިން ގޮވާފައި ވާނަމަވެސް މިހާރުވެސް އިތުރު ގޮވުންތަކުގެ ބިރުއެބަ އޮތެވެ.މިގޮތުން ތަންގްކަބަން ޕެހަރު ވޮލްކެނޯ އިން ދާދިފަހުން ވަނީ އަޅިއަރާފައެވެ. އާންމުކޮށްވެސް ދުން އަރާ މި ފަރުބަދައިން ދުމާއި އެކު އަޅި 500 މީޓަރު ދުރަށް ފޯރާފައިވެއެވެ. ތަންގްކަބަން ޕެހަރޫ އަކީ އަދިވެސް އިތުރު ގޮވުންތަކެއް ގޮވާފާނެ ކަމުގެ ބިރުވެސް ހީވަމުން އަންނަ ފަރުބަދައެކެވެ.

ތަންގކަބަން ޕެހަރޫ އަލިފާން ފަރުބަދަ އަކީ ބަންޑުންގެ ޕުރޮވިންސިއަލް ކެޕިޓަލް ވެސްޓް ޖާވާ ގައި 2083 މީޓަރު އުހުގައިވާ އަލިފާން ފަރުބަދައެކެވެ. މީގެ އެތައް އަހަރެއްކުރިން ފަރުބަދައިގެ ބައެއް ގޮވާފައިވާއިރު އަރިމަތިން ވަރަށް އުސްކޮށް ނުގޮވާ ބައެއްވާކަން ފާހަގަކުރެވެއެވެ. ފަރުބަދަ ގޮވާފައިވާ ސަރަހައްދަށް ގޮސް މައްޗަށް އަރާ ބަލާއިރު ވަރަށް ފުންކޮށް ފެންނަ ވަޅުގަނޑު ފުސްކަން ފާހަނގަވެއެވެ. ވަރަށް ފުސްކޮށް އަޑި ފެންނައިރު އަރިމަތިން ދުން އަރާމަންޒަރުފެނެއެވެ.

2012 ވަނައަހަރު އެކްޓިވް ވޮލްކެނޭގެ ގޮތުގައި 127 އަލިފާން ފަރުބަދަ އިންޑަނޭސިއާގައި ހުއްޓެވެ. އަލިފާން ފަރުބަދަ އެއްފަހަރު ގޮވާފައި އެތައް އަހަރެއް ފަހުންވެސް ގޮވުންތައް ގޮވާފާނެއެވެ. މައުންޓް ސިނަބުންގ އަކީވެސް އެތައް ސަތޭކަ އަހަރެއްކުރިން ގޮވާފައިވާ ފަރުބަދައެކެވެ. އެހެންނަމަވެސް ކުއްލިގޮތަކަށް 2010 ވަނައަހަރު އެފަރުބަދައަކީ އެކްޓިވް ވޮލްކެނޯއެއްގެ ގޮތަށް ބަދަލުވެގެން ދިޔައެވެ.

އަލިފާން ފަރުބަދައިގެ ދުންއަރާ ސަރަހައްދުން ނޭފަތަށް އުނދަގޫވާ ވަހެއް ހުރެއެވެ. އެހެންކަމުން އެ ދާއިރާގެ ތަޖްރިބާކާރު ބޭފުޅުން ބުނާގޮތުން އެ ދުމަކީ ސިއްޙީގޮތުން ގެއްލުން ލިބިދާނެ ކަމެކެވެ. އަދި ހަމަ އެހެންމެ އަޅުގަނޑުމެންގެ ވެރިއެއްގެ ގޮތުގައި އެ ސަރަހައްދުގައި ހަރަކާތްތެރިވި ޗިލީގެ ތިމާވެށީގެ ދާއިރާގެ ބޭފުޅަކާއި އަދި ޖަކާރޓާގެ ޓުއާރ ގައިޑް ފަރުބަދައިގެ ދުން އަރަމުންދާ ފަރާތާއި ކާރި ހިސާބެއްގައި އުޅެނިކޮށް އެއްފަރާތްކޮށް އެ  ސަރަހައްދަށް ދިއުން ރަށްކާތެރި ނޫން ކަމަށާއި ބަލައިގެން އުޅުމަށް އެދުނެވެ. މީގެކުރިން އަޅުގަނޑު ހީކުރަމުންއައީ ގޮވާފައިވާ އަލިފާން ފަރުބަދަ ކައިރި ހޫނުކަމެއް ހުންނާނެ ކަމަށެވެ. އެހެންނަމަވެސް އެ ސަރަހައްދުގެ މަތީގައި ހެނދުނުން ފަށައިގެން ހަވީރާ ހަމަޔަށް ހޭދަކޮށްކުރެވުމުން  ފާހަގަކުރެވުނީ އެ ހިސާބު އުސްވުމުގެ ސަބަބުން އާދަޔާޙިލާފް ފިނިކަމެއް ހުންނަކަމެވެ.. ސަރަހައްދު ފިނި ނަމަވެސް އެ ސަރަހައްދުގައި ހޫނު ފެންގަނޑުތަކެއް ހުރެއެވެ. މި ފެންގަނޑުތަކަށް ފައިދިކޮށްގެން ހީފިލުވުމަށް ބައެއް ފަރާތްތަކުން ހަރަކާތްތެރިވެއެވެ. އެ ފެންގަނޑުތަކުގެ ހޫނުކަމަށް ބަލާއިރު ބިސް ފަދަ ތަކެތި ފެންގަނޑަށް ލުމުން ކުޑަވަގުތުކޮޅެއްގެ ތެރޭގައި ރޯފިލައެވެ. އެހެންކަމުން ބައެއް ކުދިން އެކަން ތަޖްރިބާކުރުމަށްޓަކައި ބިސް ގެންގޮސް ޓެސްޓްކޮށްފައިވެއެވެ.

ތަނގްބަން ޕެރަހޫއިން ދެން ފެނުނު އެންމެ އާދަޔާ ހިލާފް ކަމަކީ އެ ސަރަހައްދުގެ މަތިން ފެނުނު އާދަޔާ ހިލާފް ގަސްތަކެވެ. ކަޅުކުލައެއްގައި ހުރި މި ގަސްތަށް އެންމެ ވައްތަރީ އެންދެރިއާއެވެ. ގަސްތައް ހިލަތަކުގެ މަތީގައި ހެދިފައިވާއިރު ގަހުގެ ލަކުޑިވެސް ވަރަށް ހަރުކަން ފާހަގަކުރެވެއެވެ. މި ގަސްތަކަކީ އެތަނަށް ދާ ގިނަ މީހުން ވަރަށް ބޮޑަށް އަޅައިގަންނަ ގަސްތަކެކެވެ. އާންމުކޮށް ފެންނަ ގަސްތަކާއި ތަފާތުވުމެވެ. އަލިފާން ފަރުބަދަ ހުރި ސަރަހައްދުގެ ޖަންގަލީގެ ސަރަހައްދުގެ ތެރޭގައި ބައެއް ހިސާބުތަކުގައި ވަރަށް ބޯކޮށް އަޅި ހުރެއެވެ. މީގެ އިތުރަށް ކަޅު ދެއްޔަށްވެފައިވާ ހިލަގަނޑުތަށް އެކި ހިސާބުތަކުގައިވެއެވެ. ހަމަ އެހެންމެ އެސަރަހައްދުގެ މަތީގައި ދެމިގެންވާ ފަރުބަދަތައް ހުރެއެވެ. ފުރަތަމަފަހަރަށް އަލިފާން ފަރުބަދަޔަކަށް ދެވުމުން ވަރަށް ބޮޑަށް އެތަނާއި މެދު ވިސްނާލެވުނެވެ.. ވަރަށް ތަފާތުކޮށް ފެންނަ އެ މާހައުލަކީ ބޮޑެތި ގޮވުންތަކެއް ގޮވާފައިވާ ޖާވާގެ ތާރީހާއި ގުލިފައިވާ ޖާވާގެ އެންމެ މަސްހޫރު އެއް މަންޒިލްއެވެ. އެ ވޮލްކެނޯއާއި އެންމެ ގާތްކޮށް އޮންނަ މީހުން އުޅެ ރަށަކީ ޖާވާ ޕަރަތްއެވެ. އެ ސަރަހައްދަކީ ދަނޑުވެރި ވަރަށް މަސައްކަތްތެރި ބަޔަކު އުޅޭ ސަރަހައްދެކެވެ. އެ ސަރަހައްދުގައި ތިބޭއިރު ޖާވާގެ ރީތިކަން އަދި ބައެއް ސަރަހައްދުތަކަށް ވޮލްކެނޭ ފެންނާނެއެވެ.

މި ލިޔުމަކީ 2011 ވަނަ އަހަރު އ.ދ ގެ ތިމާވެއްޓާއި ބެހޭ ޖަމިއްޔާގެ ފަރާތުން އ.ދ ގެ މެންބަރު ގައުމުތަކުގެ ޒުވާނުންނާއި ކުޑަކުދިންނަށް ހާއްސަކޮށްގެން ރިއޯ20 އަށް ތައްޔާރު ވުމަށް ބޭއްވި ތިމާވެށީގެ ކޮންފަރެންސްގެ ދަތުރުގެ ފީލްޑް ޓްރިޕް ނިންމާލުމަށް ފަހު ލިޔެފައިވާ ލިޔުމެކެވެ.

މުސައްނިފް

އެރިނާ އެނިމޭޝަން އިންޓަރނޭޝަނަލް ޕުރޮގުރާމްގެ ދަށުން އެޑްވާންސް ޑިޕްލޮމާ އިން މަލްޓިމީޑިއާ އެނިމޭޝަން ނިންމުމަށްފަހު މަލްޓިމީޑިއާ އާއި ގްރެފިކްސް ޑިޒައިން ބެޗްލާސް 2018 ވަނަ އަހަރު ވަނީ ނިންމާފައެވެ. ސްކޫލް ދައުރުން ފަށައިގެންވެސް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރުމާއި އެކު މަނަދޫ ލައިވް އަދި ލަންދޫ އިންފޯ.ކޮމް, ވަގުތު.އެމްވީ، ގައި ހަބަރާއި އެކި ދާއިރާތަކުގެ ލިޔުންތައް ލިޔެފައިވާނެއެވެ. އަދި ނޯޕްލާސްޓިކް މޯލްޑިވްސްގެ އެއް ފައުންޑާރ އެވެ.

ރައްދު

Your email address will not be published. Required fields are marked *