بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ

الْحَمْدُ لِلَّهِ وَكَفَى وَصَلَّى اللَّهُ عَلَى النَّبِيِّ الْمُصْطَفَى . أَمَّا بَعْدُ !

ރާއްޖޭގެ ވަރަށް ރައްޓެހިނާއި ދަންނަ މީހުން އަޅުގަނޑާ ކުރަމުންދާ ސުވާލެކެވެ. އަދި ބައެއް ކައުސިލް އޮފީސްތަކުން މިމައްސަލާގައި އަޅުގަނޑަށް ސިޓީވެސް ފޮނުވަމުން އެބަ ދެއެވެ. ސުވާލަކީ: ޢީދު ނަމާދު މިސްކިތުގައި ކުރުމަކީ ބިދުޢައެއްތޯއެވެ؟ ޢީދު ނަމާދު ކުރުން އައުލާވެގެންވަނީ މިސްކިތުގައިތޯ ނުވަތަ ހުސް މައިދާނުގައިތޯއެވެ؟ މިހާރަކަށް އައިސް ބައެއް ޝައިޚުން އެއީ ބިދުޢައެއް ކަމުގައި ވިދާޅުވަމުން އެބަދެއެވެ.

ޖަވާބުގައި ދަންނަވަމެވެ.

ޢީދު ނަމާދަކީ ސުއްނަތް ނަމާދެކެވެ. އެއީ ފިޠުރު ޢީދާއި އަޟުޙާ ޢީދާއި ދެޢީދު ދެނަމާދެވެ. މިޢީދަކީ ޖަމާޢަތުގައްޔާއި އެކަހެރިކޮށްވެސް ކުރެވޭ ނަމާދެކެވެ. ނަމާދު އެޅިއްޖެނަަމަ ޤަޟާ ކުރުމީވެސް ސުއްނަތްވެގެންވާ ކަމެކެވެ. ޖަމާޢަތުގައި ކުރާނަމަ ޢީދު ނަމާދު ފަހުން ޚުޠުބާ ދިނުމީ ސުއްނަތެކެވެ. ބައެއް ތާބިޢީ ބޭކަލުން، އަޞްޙާބު ބޭކަލުންގެ ދުވަސްވަރު ޢީދު ކުރިންވެސް ޚުޠުބާ ދެއްވާފައި ވާކަަން ޞައްޙަ ރިވާޔަތްތަކުން ސާބިތުވާން އެބަހުއްޓެވެ. އެއީ ޢީދު ފަހުން ޚުޠުބާ ދެވޭއިރު އަޑުއަހަން މީހުން ނުތިބޭތީ ކަމުގައި ވެއެވެ.

ޢީދު ނަމާދު ކުރުމަކީ ކުރިންވެސް ނަންގެނު ފަދައިން ޖަމާޢަތުގައްޔާއި އެކަހެރިކޮށް ކުރެވޭ ނަމާދެކެވެ. މިނަމާދު އެޅިއްޖެނަމަ ޤަޟާކުރުމީވެސް ސުއްނަތެކެވެ. ފިރިހެނުންނަށާއި އަންހެނުންނަށާއި ކުޑަކުދިންނަށާއި މުސްކުޅިންނަށެވެ. މިސްކިތުގައްޔާއި ހުސް މައިދާނުގައްޔާއި ގޭގައިވެސް މިނަމާދު ކުރުމީ ހުއްދަ ކަމެކެވެ. ނަމާދު ކުރުމަށް އެންމެ ރަނގަޅީ މިސްކިތެކެވެ. އެކަމަކު ޠާހިރު ކޮންމެ ތަނެއްގައި ނަމާދު ކުރެވިދާނެއެވެ. މިއީ ވަކި ޚާއްޞަ މަޤާމެއް ނެތި، ބިމުގެ ކޮންމެ ތަނެއްގައި ނަމާދު ކުރުން ހުއްދަވެގެންވާ ކަމީ، މިއުއްމަތަށް ޚާއްޞަ ވެގެންވާ ސިފައެކެވެ. އެނޫން އުއްމަތްތަކުގައި އެމީހުންގެ ފައްޅީގައި ނޫނީ ނަމާދު ނުކުރެވޭނެއެވެ. މިއީ ދީނުގެ އެންމެހާ ޢިލްމުރިން އެއްބަސްވެ ވަޑައިގަންނަވާ މައްސަލައެކެވެ. އިމާމު ބުޚާރީ އެކަލޭގެފާނުންގެ ޞަޙީޙުގައި ބާބު ގެންނަވައި އަންނަނިވި ޙަދީޘު ރިވާކުރަށްވާފައި ވެއެވެ. بَاب إِذَا فَاتَهُ الْعِيدُ يُصَلِّي رَكْعَتَيْنِ وَكَذَلِكَ النِّسَاءُ وَمَنْ كَانَ فِي الْبُيُوتِ وَالْقُرَى لِقَوْلِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ هَذَا عِيدُنَا أَهْلَ الْإِسْلَامِ وَأَمَرَ أَنَسُ بْنُ مَالِكٍ مَوْلَاهُمْ ابْنَ أَبِي عُتْبَةَ بِالزَّاوِيَةِ فَجَمَعَ أَهْلَهُ وَبَنِيهِ وَصَلَّى كَصَلَاةِ أَهْلِ الْمِصْرِ وَتَكْبِيرِهِمْ وَقَالَ عِكْرِمَةُ أَهْلُ السَّوَادِ يَجْتَمِعُونَ فِي الْعِيدِ يُصَلُّونَ رَكْعَتَيْنِ كَمَا يَصْنَعُ الْإِمَامُ وَقَالَ عَطَاءٌ إِذَا فَاتَهُ الْعِيدُ صَلَّى رَكْعَتَيْنِ([1]) މާނައީ: މިއީ ތިމާއަށް ޢީދު ނަމާދުގެ ޖަމާޢަތް ނުލިބި، ޖަމާޢަތް ފާއިތު ވެއްޖެ މީހާ ކަންކުރާނެ ގޮތް ބަޔާންވެގެންވާ ބާބެވެ. އޭނާ ކުރާނީ ދެރަކްޢަތް ނަމާދެވެ. އެހެންމެ އަންހެނާއަށް ކަންކުރުން އޮތީވެސް މިގޮތަށެވެ. އަދި ގޭގައި ހުރި މީހަކު ގޭގައެވެ. ކުދި ރަށްރަށުގައި އުޅޭ މީހުން އެރަށްރަށުގައެވެ. ކީރިތި رَسُولُ اللَّهِ jގެ އަރިހުން އަންނަނިވި ބަސްފުޅު ސާބިތުވާތީއެވެ. އެކަލޭގެފާނު ޙަދީޘު ކުރަށްވާފައި ވެއެވެ. “މިއީ ތިމަންމެން މުސްލިމުންގެ ޢީދެވެ.” ހަމައެހެންމެ މާތް ﷲ ރުއްސުންލެއްވި އަނަސްގެފާނު އަކަލޭގެފާނުންގެ ޣުލާމު އިބްނު އަބީ ޢުތުބަތަށް އަންގަވައިގެން އެކަލޭގެފާނުންގެ ގެކޮޅުގައި ގޭގެ ބޭފުޅުންނާއި ޢާއިލާ އެއްކުރަށްވައިގެން، އެބޭކަލުންނާއެކު އިމާމުވެ ނަމާދު ކުރެއްވިއެވެ. އަދި ނަމާދު ކުރެއްވީ، ޝަހަރުގައިވެސް މީސްތަކުން ޢީދު ކުރާފަދައިން ތަކްބީރު ކިއުއްވައި، އެއުޞޫލާ އެއްގޮތަށެވެ. އަދި މާތް ﷲ ރަޙްމަތްލެއްވި ޢިކްރިމާ ވިދާޅުވެފައި ވަނީ ކުދި ރަށްރަށުގެ އަހުލުވެރިންނާއި ދުރު އަވަށްތަކުގެ މީހުން އެއްތަނަކަށް ޖަމާވެ ޝަހަރުގެ އިމާމާ ކުރާ ފަދައިން ޢީދު ނަމާދުގެ ދެރަކްޢަތް ކުރުމަށެވެ. އަދި މާތް ﷲ ރަޙްމަތްލެއްވި ޢަޠާވެސް ވިދާޅުވަނީ ޖަމާޢަތް ދޫވެވިއްޖެމީހާ ދެރަކްޢަތް ނަމާދު ކުރުމަށެވެ.

ޢީދަކީ މުސްލިމުން އުފާކުރަންވާ ދުވަސް ކަމުގައިވާތީއާއި ޢީދު ނަމާދަކީ އެއުފާ ފާޅުކުރުމަށް އޮތް ފެށުން ކަމުގައިވާތީ، އެއުފަލުގައި އެންމެހައި މުސްލިމުން ބައިވެރިވުމަކީ ސުއްނަތެކެވެ. އަދި އެކަމަށް رَسُولُ اللَّهِ j ބާރު އަޅުއްވާފައިވާ ކަމެކެވެ. އެހެންކަމުން ސުއްނަތްވެގެންވަނީ ރަށުގެ އަންހެން، ފިރިހެން، ކުދިބޮޑު، އެންމެން ނަމާދަށް ދިއުމެވެ. ދަތުރުވެރިންނާއި ވަޒަންވެރިން ކަމުގައިވިއަސް ވެހެވެ. ނަމާދު ނުކުރެވޭ ޙާލަތުގައި ތިބޭ އަންހެނުންވެސް ޢީދުގެ އުފަލުގައި ބައިވެރިވުމަށްޓަކައި ޢީދުކުރާތަނަށް ދިއުމާއި، ތަކްބީރު ކިއުމާއި، ދުޢާ ކުރުމާއި، ސަލާމް ގަލާމް ކުރުމާއި، އެނޫން އުފާތަކުގައި ޢީދަށްދާ މީހުންނާއެކު ބައިވެރިވުމަށް، ޢީދުކުރާ ތަނަށް ދިއުމީ ސުއްނަތް ވެގެންވާ ކަމެކެވެ. ބަޔާންވެދިޔަ އެއްވެސް ކަމަކީ ދީނުގެ ޢިލްމުވެރިން އެއިން ކަމެއްގައި ޚިލާފުވެ ވަޑައިގެންފައިވާ ކަމެއްނޫނެވެ. رَسُولُ اللَّهِ jގެ އަރިހުން މާތް ﷲ ރުއްސުންލެއްވި އުއްމު ޢަޠިއްޔާ ރިވާކުރަށްވާފައި ވެއެވެ. އެކަމާ ވިދާޅުވިއެވެ. عَنْ أُمِّ عَطِيَّةَ قَالَتْ أَمَرَنَا تَعْنِي النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ نُخْرِجَ فِي الْعِيدَيْنِ الْعَوَاتِقَ وَذَوَاتِ الْخُدُورِ وَأَمَرَ الْحُيَّضَ أَنْ يَعْتَزِلْنَ مُصَلَّى الْمُسْلِمِينَ([2]) މާނައީ: رَسُولُ اللَّهِ j ތިމަންމެންނަށް އަމުރު ކުރަށްވާފައި ވަނީ ތިމަންމެން އެންމެން ދެޢީދު ދެނަމާދަށް ނިކުތުމަށެވެ. އެއީ ބާލިޣުނުވާ ކުޑަ ކުދިންނާއި ބޮޑިމީހުންނާއި އެންމެންނެވެ. އަދި އަންގަވާފައިވަނީ ޙައިޟުވެރިން ނަމާދު ކުރާތަނާ ދުރުގައިތިބުމަށެވެ. މިއެވެ. އަދިވެސް މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَلَّى يَوْمَ الْعِيدِ رَكْعَتَيْنِ لَمْ يُصَلِّ قَبْلَهَا وَلَا بَعْدَهَا މާނައީ: رَسُولُ اللَّهِ j ޢީދު ނަމާދުގައި ދެރަކްޢަތް ކުރެއްވިއެވެ. އޭގެ ކުރިއަކުންވެސް އަދި ފަހުންވެސް އިތުރު ނަމާދެއް ނުކުރަށްވައެވެ. މިއެވެ.

ޢީދު ނަމާދު ކުރެވޭ ތަނަށް ބަލާއިރު رَسُولُ اللَّهِ j ގެ ދުވަސްވަރުގައްޔާއި އެނޫން ދުވަސްވަރުގައި މަދީނާގައި ޢީދު ކުރެވެމުން އައީ ހުސް މައިދާނެއްގައެވެ. ނަމަވެސް މައްކާގައި ނަމާދު ކުރެވެމުން އައީ މަސްޖިދުލް ޙަރާމުގައެވެ. މައްކާގައި މައްކާގެ އަހުލުވެރިން މިގޮތަށް ޙަރަމްފުޅުގައި ޢީދު ނަމާދު ކުރަމުން އައީއަކީ رَسُولُ اللَّهِ j އެކަމަށް އިރްޝާދު ދެއްވާފައި އޮވެގެން ކަމަކަށް ސާބިތުވާ ކަށެއްވެސް ނެތެވެ. މިއީ މައްކާއާއި މަދީނާގައި ކަންތައް ވަމުންއައި ގޮތެވެ. އާދެ، މަދީނާގައި ހުސް މައިދާނުގައެވެ. އަދި މައްކާގައި ހަރަމްފުޅުގައެވެ. ނަމަވެސް ވިއްސާރަ ވުމުން رَسُولُ اللَّهِ j ގެ ދުވަސްވަރު މަސްޖިދުއްނަބަވީގައި ކީރިތި ރަސޫލާ ޢީދު ނަމާދު ކުރެއްވި ކަމުގައި ރިވާޔަތްތަކުން ފެންނާން އޮތުމުން ދީނުގެ އެންމެހައި ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވަނީ ޢުޛުރެއް ދިމާވެއްޖެނަމަ ޢީދުކުރުން އައުލާވެގެންވަނީ މިސްކިތުގައިކަމަށެވެ. ހަމައެހެންމެ ދީނުގެ އެންމެހައި ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާ ގޮތުން ނަމާދުކުރުން ހުއްދަވާ ކޮންމެ ތަނެއްގައި ޢީދު ނަމާދުކުރުމީ ހުއްދަވެގެންވާ ކަމެކެވެ. އަދި ހުސް މައިދާނުގައި ކީރިތި ރަސޫލާއާއި ހަތަރުޚަލީފާއިން ޢީދުޚުޠުބާ ދެއްވީ މެންބަރުކޮޅެއް ބޭނުން ކުރަށްވައިގެނެއްވެސް ނޫނެވެ. ބިންމަތީ ކޮއްޅަށް ތިއްބަވައިގެންނެވެ. މިގޮތަށް ކަންތައް ވަމުން އަންނަނިކޮށް އެންމެފުރަތަމަ މައިދާނުގައި ޚުޠުބާ ދެއްވުމަށް މެންބަރެއް ބޭނުންކުރެއްވީ އަޞްޙާބު ބޭކަލުންގެ ދުވަސްވަރު މަދީނާގެ ގަވަރުނަރަކަށް ހުންނެވި މަރުވާން އިބްނުލް ޙަކަމެވެ. މިއީވެސް ދީނުގެ މަޝްހޫރު ދަންނަބޭކަލެކެވެ.

ޢީދު ނަމާދު ކުރުމުގައި މަތީގައި ބަޔާންވެދިޔަ ދެމަޤާމު އޮތްއިރު އެކަމުގައި ސަބަބާއި ޢިއްލަތާއި މެދު ދީނުގެ އިލްމުވެރިންގެ މެދުގައި ވަނީ ރައުޔު ތަފާތު ވެފައެވެ. އިމާމު އަބޫ ޙަނީފާއާއި ޙަނަފީ މަޛްހަބުގެ ދަންނަބޭކަލުން ވިދާޅުވަނީ އައުލާ ވެގެންވަނީ ހުސް މައިދާނުގައި ޢީދު ކުރުން ކަމަށާއި ޢުޛުރެއް ދިމާވެއްޖެ ކޮންމެ ޙާލަތެއްގައި މިސްކިތުގައި ޢީދުކުރުން އައުލާވެގެންވާ ކަމަށެވެ. އިމާމު މާލިކާއި މާލިކީ މަޛްހަބުގެ ދަންނަބޭކަލުން ވިދާޅުވަނީ ހުސް މައިދާނުގައި ޢީދު ނަމާދު ކުރުމީ މުސްތަޙައްބު ކަމެއް ކަމަށެވެ. އަދި ޢުޛުރެއް ނެތި މައްކާގައި ނޫން ތަނެއްގައި މިސްކިތުގައި އެނަމާދު ކުރުމީ މަކްރޫހަ ކަމެއް ކަމަށެވެ. އަދި މަސްޖިދުލް ޙަރާމަކީ އެންމެ މާތް ބިންކޮޅު ކަމުގައިވާތީ މައްކާގައި ޢީދުކުރުން އައުލާވެގެންވަނީ ޙަރަމްފުޅުގައި ކަމާއި ޙަރަމްފުޅު ފެންނަ ހިސާބުގައި ކަމެވެ. ހަންބަލީ މަޛްހަބަށް ބަލާއިރު އެމަޛްހަބުގެ ދަންނަބޭކަލުން ވިދާޅުވަނީ ހުސް މައިދާނުގައި ޢީދު ނަމާދުކުރުން ސުއްނަތް ވެގެންވަނީ އެމައިދާނަކީ ޢާއްމު މީހުން ދިރިއުޅޭ ގެތަކާއި ކައިރީގައި އޮތްތަނަކަށް ވާނަމައެވެ. އެނޫން ގޮތަކަށް އެތަން ޢާއްމު މީހުން ދިރިއުޅޭ ގެތަކާއި ދުރުގައި އޮތްކަމުގައި ވާނަމަ އެފަދަ މައިދާނެއްގައި ނަމާދުކުރުން ޞައްޙަނުވާނޭ ކަމަށެވެ. އަދި އެބޭކަލުންވެސް ވިދާޅުވާ ގޮތުގައި ޢުޛުރެއްނެތި މިސްކިތުގައި ޢީދު ކުރުމީ މަކްރޫހަ ކަމެކެވެ. މައްކާ ފިޔަވައެވެ. އެހެނީ މައްކާގެ އަހުލުވެރިން ޢީދު ކުރަމުން އައީ ހަރަމްފުޅުގައެވެ. އިމާމު ޝާފިޢީއާއި ޝާފިޢީ މަޛްހަބުގެ ދަންނަބޭކަލުންގެ ރައުޔަށް ބަލާއިރު އެބޭކަލުން ވިދާޅުވަނީ އެންމެހައި ނަމާދުތަކެއް ފަދައިން ޢީދު ނަމާދުވެސް ކުރުން އައުލާވެގެންވަނީ މިސްކިތުގައެވެ. ޝަހަރުގައްޔާއި ކުދި ރަށްރަށުގައެވެ. އެހެނީ ބިން މަތީ ﷲ ލައްވާފައިވާ އެންމެ މަތިވެރި ތަނަކީ މިސްކިތް ކަމުގައިވާތީއެވެ. ނަމަވެސް ޢުޛުރެއް ދިމާވެއްޖެނަމަ ސުއްނަތް ގޮތަކީ ޞަޙަރާއެއް ނުވަތަ މައިދާނެއްގައި ޢީދު ކުރުމެވެ.

ސަޢޫދީ ޢަރަބިޔާގެ މިޒަމާނުގެ މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވާ ޝައިޚު ޢުޘައިމީން މިފަދައިން ވިދާޅުވެފައި ވެއެވެ. މިއީ ޙަންބަލީ މަޛްހަބުގެ ޝައިޚެކެވެ. “ޙަޤީޤަތުގައި ޢީދު ނަމާދު ކުރުމުގައި ސުއްނަތް ގޮތަކީ މައިދާނުގައި ނަމާދު ކުރުމެވެ. އެހެނީ رَسُولُ اللَّهِ j ޢީދު ކުރަށްވާ އުޅުއްވީ މައިދާނުގައެެވެ. އެހެންނާ އެކަލޭގެފާނު ވަނީ އެކަލޭގެފާނުގެ މިސްކިތްކޮޅުގައި ނަމާދު ކުރުމަކީ އެއްހާސް ސަވާބު ލިބޭ ކަމެއް ކަމުގައި އަންގަވާފައެވެ. ކަން އެހެން އޮތް އިރުވެސް އެކަލޭގެފާނު ޢީދު ކުރެއްވުމުގައި އެކަލޭގެފާނުގެ މިސްކިތް ކޮޅު ދޫކުރަށްވާފައެވެ. އެހެންކަމުން އަހަންނަށް ބުނެވޭނީ ސުއްނަތް ގޮތަކީ ޢީދުނަމާދު މައިދާނަކަށް ނިކުމެ ކުރުން ކަމުގައެވެ. އެއީ ދީނުގެ މިޝިޢާރު ބޮޑަށް ފާޅު ކުރެއްވުމުގެ ގޮތުންނެވެ. ރަށް ބޮޑުވި ކަމުގައި ވިއަސް މީގައި އޮތް މޮޅު ގޮތަކީ ޞަޙަރާއަށް ނިކުމެ ޢީދު ކުރުމެވެ. ނަމަވެސް ޞަޙަރާއަށް ނުގޮސް މިސްކިތުގައި ޢީދު ކުރުމަކުންވެސް މައްސަލައެއް ނެތެވެ. މިހެނީ ޢީދު ނަމާދު ޞަޙަރާގައި ކުރުން އޮންނަނީއަކީ ވާޖިބެއްގެ ގޮތުގައެއް ނޫނެވެ. މުސްތަޙައްބު ކަމެއްގެ ގޮތުގައެވެ.” މިއެވެ.

މިގެނެވުނީ ދީނުގެ ޢިލްމުވެރިން ޢީދު ނަމާދު ކުރަންވާ ތަނަކީ ކޮބައިކަން ބަޔާން ކުރަށްވާފައިވާ ގޮތާއި އެކަމުގައި އެބޭކަލުންގެ ރައުޔެވެ. ޚުލާޞާއަކީ ދީނުގެ ޢިލްމުވެރިން އެންމެން އެއްބަސްވެ ވަޑައިގަންނަވާ ގޮތުން ނަމާދުކުރުން ހުއްދަ ކޮންމެ ތަނެއްގައި ޢީދު ކުރެވިދާނެއެވެ. އިޚްތިލާފު ވެފައިވަނީ އައުލާ ވެގެންވާ ތަނަކީ ކޮބައިކަމާ މެދުއެވެ. ތިން އިމާމުން ވިދާޅުވަނީ މިސްކިތަށްވުރެން އައުލާކަން ބޮޑީ މައިދާނެވެ. އެއީ ޚުޠުބާ ދިނުމަށް މިންބަރެއް ބޭނުންކުރުމަކާ ނުލައެވެ. ޝާފިޢީ މަޛްހަބުގައި އައުލާކަން ބޮޑީ މިސްކިތެވެ. އެއީ މިސްކިތަކީ އެންމެ މާތް ބިންކޮޅު ކަމުގައި ވާތީއެވެ.

އަލްއިމާމު އައްޝާފިޢީ އެކަލޭގެފާނުންގެ މަޝްހޫރު ފޮތް ކަމުގައިވާ އަލް އުއްމުގައި ވިދާޅުވެފައި ވެއެވެ. ” ތިމަން ކަލޭގެފާނަށް ޚަބަރު ލިބިވަޑައިގެންފައިވާ ގޮތުން رَسُولُ اللَّهِ j އާއި އެކަލޭގެފާނަށް ފަހުގެ ބޭކަލުން، މައްކާގެ އަހުލުވެރިން ފިޔަވައި ޢީދު ކުރަށްވާފައިވަނީ މައިދާނަށް ނިކުމެ ވަޑައިގެންނެވެ. އަދި އައްސަލަފުއްޞާލިޙުންގެ އެއްވެސް ބަޔަކު މައްކާގައި ޙަރަމްފުޅުގައި ނޫނީ ޢީދު ކުރެއްވި ކަމަކަށް ތިމެން ކަލޭގެފާނަށް އެނގިވަޑައިގެންފައެއް ނެތެވެ. މިއެވެ. ދެން އެއަށްފަހު އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. މިއިން ތިމެން ކަލޭގެފާނަށް ވިސްނި ވަޑައިގަންނަވަނީ އަލްމަސްޖިދުލް ޙަރާމަކީ ކާއިނާތުގައި ހުރި އެންމެ މަތިވެރި ތަން ކަމުގައިވާތީ އެބޭކަލުން އެތާގައިނޫނީ ނަމާދު ކުރަށްވަން ބޭނުންފުޅު ނުވަނީ ކަމަށެވެ. އަދި މައްކާގެ ބިމުގައި ޙަރަމްފުޅު ކައިރީ، އެބައިމީހުންނަށް އެފަދަ އެއްވުމަކަށް، އަދި ނަމާދުކުރުމަށް އެނޫންތަނެއް ލިބިވަޑައި ނުގަންނަވަނީ ކަމަށެވެ. އަދި ތިމަން ކަލޭގެފާނަށް ވިސްނި ވަޑައިގަންނަވާ ގޮތުން މިގޮތަށް މައްކާގައި، އެމީހުންގެ ގެތަކާ ކައިރީގައި، ޢީދު ނަމާދާއި އިސްތިސްޤާ ނަމާދު ފަދަ ނަމާދުތައް ކުރުމަށް ޙަރަމްފުޅު ފިޔަވައި އެހެން ތަނަވަސް ޖާގައެއް ލިބޭން ނެތީ ކަމަށެވެ. އެހެންކަމުން ރަށެއް ބިނާކުރެވި އެރަށުގެ އަހުލުވެރިން މިގޮތަށްއެއްވެ ޖަމާވެވޭ ވަރުގެ ބޮޑުމިސްކިތެއް އެޅިއްޖެ ކަމުގައިވާނަމަ ތިމަން ކަލޭގެފާނު ދެކެވަޑައިގަންނަވަނީ، އައުލާގޮތަކީ އެމިސްކިތުގައި ޢީދު ކުރުން އައުލާ ކަމަށެވެ. އަދި މިސްކިތް ކުޑަވެފައި ތަނަވަސްކަމެއް ނެތްނަމަ މޮޅު ގޮތަކީ ގެތަކާ ކައިރި މައިދާނެއްގައި ޢީދު ކުރުމެވެ. އަދި މިގޮތަށް ތަނަވަސްކަމެއް ނެތް މިސްކިތުގައި ޢީދު ކުރުމަކީ ތިމެން ކަލޭގެފާނު ދެކެވަޑައިގަންނަވާގޮތުން މަކްރޫހަ ކަމެކެވެ. އަދިވެސް އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. ވިއްސާރަ ވުމާއި އެނޫންވެސް ޢުޛަރަކާހުރެ މައިދާނުގައި ނަމާދު ކުރުން ދަތިވެއްޖެނަމަ އޮތްގޮތަކީ މިސްކިތުގައި ޢީދު ކުރުމެވެ. އެޙާލަތުގައި މައިދާނަށް ނިކުމެގެން ނުވާނެއެވެ. އެހެނީ ތިމަން ކަލޭގެފާނަށް ރިވާޔަތް ލިބިވަޑައިގެންފައިވާ ގޮތުން މާތް ﷲ ރުއްސުންލެއްވި އަބާން އިބްނު ޢުޘްމާން، ވިއްސާރަަޔާހުރެ، މީސްތަކުންނާއެކު އިމާމުވެ ޢީދު ނަމާދު ކުރެއްވީ މަސްޖިދުއްނަބަވީގައެވެ. ހަމައެހެންމެ ޞައްޙަ މަގުން ތިމަން ކަލޭގެފާނަށް ޚަބަރު ލިބިވަޑައިގެންފައިވާ ގޮތުގައި ޢުމަރު އިބްނުލް ޚައްޠާބުގެ ދުވަސްވަރު އެކަލޭގެފާނުވެސް ވިއްސާރައާހުރެ ފިޠުރު ޢީދު މަސްޖިދުއްނަބަވީގައި އިމާމުވެ ކުރަށްވާފައި ވެއެވެ.”

މަތީގައި ބަޔާން މިކުރެވުނީ އިމާމު ޝާފިޢީގެ ބަސްފުޅުތަކާއި އެހެން ޢިލްމުވެރިންގެ ބަސްފުޅުތަކެވެ. ޝައްކެއްނެތި ކީރިތި رَسُولُ اللَّهِ j ޢީދު ނަމާދު ކުރަށްވާފައި ވަނީ މަސްޖިދުއްނަބަވީގައެވެ. އަދި ޢުޛުރެއް ދިމާނުވާ ޙާލު ހަތަރު ޚަލީފާއިން ޢީދު ކުރެއްވީ މަސްޖިދުއްނަބަވީގައެވެ. މީގެ ސަބަބަކީ ޢީދު ނަމާދަކީ ރަށުގެ އެންމެން ބައިވެރިވާން އޮންނަ ނަމާދަކަށް ވެފައި އަދި މަދީނާގެ ކައިރި ރަށްތަކާއި އަވަށްތަކުންވެސް އެދުވަހު ކީރިތި ރަސޫލާގެ ފަހަތްޕުޅުގައްޔާއި ޚަލީފާވެރިންގެ ފަހަތްޕުޅުގައި ޢީދު ނަމާދު ކުރަން ބޭނުންވާތީއާއި އެމީހުންވެސް ނަމާދަށް ޙާޟިރުވާތީއާއި މަސްޖިދުއްނަބަވީގައި އެފަދަ ތަނަވަސްކަމެއް އެދުވަސްވަރު ނެތުމާއެކު އެކަން އެގޮތަށް ކުރަށްވަމުން އައީއެވެ. އަދި މައްކާގައި މިހާރުވެސް ޢީދުކޮށް އުޅެނީ ޙަރަމްފުޅުގައެވެ. ނަމަވެސް ޢަޒީޒިއްޔާއާއި މިނާފަދަ މައްކާގެ ދުރު އަވަށްތަކުގައި ހަރަމްފުޅު ފިޔަވައި އެހެން ބޮޑެތި މިސްކިތްތަކުގައި ޢީދު ކުރެވެއެވެ. އަދި މަދީނާއަށް ބަލާއިރު މިހާރު މަދީނާގައި މަސްޖިދުއްނަބަވީ ބޮޑުވެފައި އެތައް މިލިޔަން މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ތަނަވަސްކަން އެމިސްކިތުގައި އޮތްކަމަށްޓަކައި، ހުސް މައިދާނުގައި ނަމާދު ނުކޮށް މަސްޖިދުއްނަބަވީގައި މަދީނާ މީހުން ޢީދު ކުރަމުން އަންނަތާ އެތަކެއް ޒަމާނެއް ވެއްޖެއެވެ. އެނޫނަސް ދުނިޔޭގެ ބޮޑެތި ރަށްރަށުގައި ކަންވަމުން އަންނަނީ މިގޮތުގެ މަތިންނެވެ.

ޙަދީޘު ޢިލްމާއި ފިޤުހުގެ ޢިލްމަށް އަަރާހުންނެވި، ވަރަށް ބޮޑު މުޙައްޤިޤެއް ކަމުގައިވާ، އިމާމު އިބްނު ޙަޖަރު، ބުޚާރީގެ ޝަރަޙަ ފަތުޙުލްބާރީގައި މިފަދައިން ލިއުއްވާފައި ވެއެވެ. وَمُقْتَضَى هَذَا أَنَّ الْعِلَّةَ تَدُورُ عَلَى الضِّيقِ وَالسَّعَةِ، لَا لِذَاتِ الْخُرُوجِ إِلَى الصَّحْرَاءِ ، لِأَنَّ الْمَطْلُوبَ حُصُولُ عُمُومِ الِاجْتِمَاعِ ، فَإِذَا حَصَلَ فِي الْمَسْجِدِ مَعَ أَفْضَلِيَّتِهِ كَانَ أَوْلَى މާނައީ: ޢިލްމުވެރިންގެ މިބަސްފުޅުތަކުން ދޭހަވާ އެއްޗަކީ މިމައްސަލައިގެ ސަބަބާއި ޢިއްލަތް ވަނީ ތަނަވަސްކަމާއި ދަތިކަމާއި ގުޅިފައި ކަމެވެ. ހުސް މައިދާނަށް ނިކުތުމާއި ނުނިކުތުމަކާ ސީދާ ގުޅިފައި އޮތް ކަމެއް ނޫންކަމެވެ. މިހެނީ ބޭނުންވަނީ އިޖްތިމާޢީ އެއްވުން ބޭއްވޭނެ ގޮތް ފަސޭހަ ވުމެވެ. އެހެންކަމުން މިސްކިތުގެ އައުލާކަމާހުރެމެ އެފަސޭހަކަން މިސްކިތުން ލިބޭ ކަމުގައިވާނަމަ އައުލާ ގޮތަކީ މިސްކިތުގައި ޢީދު ކުރުމެވެ.

އެހެންކަމުން އަޅުގަނޑު ބުނާނީ، ޢީދު ނަމާދަކީ ސުއްނަތް ނަމާދަކަށް ވެފައި، އެނަމާދު ކުރުން ފަސޭހަވީ ތަނެއްގައި އެނަމާދުގެ އިންތިޒާމު ކުރުމީ އެންމެ ރަނގަޅު ގޮތެވެ. ފަސޭހައީ މިސްކިތް ނަމަ އެންމެ މޮޅު ތަނަކީ މިސްކިތެވެ. އަދި މިސްކިތުގައި ތަނަވަސްކަމާއި ފަސޭހަކަން ނެތްނަމަ، އެރަށެއްގެ އެންމެން އެތަނަކަށް ޙާޟިރުވުމުގައި ދަތިތަކެއް ދިމާވާނަމަ ރަށުގެ ވެރިންނަށް ފެންނަ ގޮތަކަށް ހުސް މައިދާނެއްގައި ނަމާދުގެ އިންތިޒާމު ކުރުމަކީ މައްސަލައެއް ނެތްކަމެއް ކަމުގައި ޢިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި އަޅުގަނޑު ދެކެމެވެ. އަދި އެޙާލަތުގައި މޮޅު ގޮތަކީވެސް އެއީއެވެ. ނަމަވެސް ރާއްޖޭގެ ހާމަ ބިމުގައި ނަމާދު ކުރާއިރު، ދަނެގަންނަންޖެހޭ ވަރަށް މުހިއްމު މައްސަލައެއް އެބަ އޮވެއެވެ. އެއީ ރާއްޖޭގެ ވަރަށް ގިނަ ތަންތާ ޒަމާނުއްސުރެން މީހުން ވަޅުލެވި މިނީ ކަށިތައް ހުންނަކަމަށް ޚަބަރު ލިބެމުންދާތީ އެގޮތަށް އިޚްތިޔާރު ކުރެވޭ މައިދާނެއްގައި ނުވަތަ ޞަޙަރާއެއްގައި އެފަދަ މިނީ ކަށިތަކެއް ހުރެއްޖެނަމަ ނުވަތަ ހުންނާނެކަމަށް ޝައްކު ކުރެވޭނަމަ އެފަދަ މައިދާނެއްގައި އެއްވެސް ނަމާދެއް ކުރުން ޞައްޙަ ނުވާނެއެވެ. މިއީ ދީނުގެ އެންމެހައި ޢިލްމުވެރިން އެއްބަސްފުޅުވެ ވަޑައިގަންނަވާ މައްސަލައެކެވެ.

އަދިވެސް އެއްވާހަކައެއް ބުނެލަން ބޭނުންވެއެވެ. ދީނުގައި ބިދުޢައޭ މިކިޔަނީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ  މީހަކު އެމީހަކު ނުރުހޭ ކަމަކާ ދިމާވެއްޖެނަމަ ބުނަން އޮންނަ އެއްޗަކަށް ނޫނެވެ. އެއީ ދީނުގައި ކަނޑައެޅިފައި އޮންނަ އުޞޫލާ ޚިލާފަށް، ދީނުގައި އެއްވެސް އަޞްލެއް ނެތް ކަމަކާމެދު ވަކިގޮތެއް ކަނޑައަޅާނަމަ ދެވިފައިވާ ނަމެކެވެ. އަދި ބިދުޢައެއް ކުރުމަކީ ޙަރާމް ކަމެކެވެ. ނަމަވެސް ދަންނަބޭކަލުންގެ މެދުގައި އައުލާ ގޮތާ މެދު ޚިލާފު އުފެދިފައި ދެގޮތް ޞައްޙަ ކަމަށް ދަންނަބޭކަލުން އެއްބަސްވެ ވަޑައިގަންނަވާއިރު، އެފަދަ ކަމަކަށް ބިދުޢައޭ ބުނުމަކީ ޖަހާލަތުގެ ޢަލާމަތެކެވެ. ތިމާއަށް ދީނުގެ ކަންތައް އޮޅުން ފިލާފައި ނުވާކަމުގެ ހެއްކެކެވެ. ދީނުގެ ޢިލްމުވެރިން ވިދާޅުވެފައި ވަނީ ކަމަކާމެދު ދީނުގެ ޢިލްމުވެރިން އިޚްތިލާފުވެ، އެއްބޭކަލަކު އިޖްތިހާދުން ނެރުއްވި މައްސަލައެއް އަނެއް ބޭކަލެއްގެ ރައުޔާ ތަފާތުވިއަސް އެއިޖްތިހާދީ މައްސަލައަށްވެސް ބިދުޢައޭ ނުބުނެވޭނެ ކަމަށެވެ. އެހެންކަމަށް ވާނަމަ، މިސްކިތުގައި ޢީދު ނަމާދު ކުރުމީ ބިދުޢައެއް ކަމުގައި ބުނާ ބަޔަކު އެބުނަނީ، މައްކާއާއި މަދީނާއާއި ސަޢޫދީ ޢަރަބިޔާގެ އެހެން ބޮޑެތި ރަށްތަކާއި އެނޫނަސް ދުނިޔޭގެ ބޮޑެތި ޝަހަރުތަކުގައި މިސްކިތްތަކުގައި ކުރާ ޢީދު ނަމާދަކީ ބިދުޢައެއް ކަމުގައިތޯއެވެ؟ وَاللَّهُ أَعْلَمُ!

މާތް ﷲ އަހަރެމެންނަށް ހިދާޔަތު ދެއްވައި، ދީނުގެ ކަންކަމުގައި ހެއުގޮތް ދައްކަވާށިއެވެ. އާމީން!

 

LEAVE A REPLY

Please enter your comment!
Please enter your name here