ލިޔުއްވީ: މާޝާ

“ލީނާ… ލީނާ… ލީނާ…” މަންމަގެ އެއްވެސް ވާހަކައަކަށް އަހަރެންގެ ފަރާތުން ޖަވާބެއް ނުލިބުމުން މަންމަ ގޮވާ އަޑު އަހަންނަށް އިވެއެވެ. ނަމަވެސް އެއަޑު އިވެނީ ވަރަށް ދުރުންނެވެ.

 “އަޔާން… އަޔާން… މަންމަގެ ދަރިފުޅާ…” އަހަންނަށް މަންމައާ ދިމާއަށް ބަލާލަމުން ބުނެވުނެވެ. މަންޒަރު ފުސްވާން ފެށިއެވެ. އަހަންނަށް އެއްވެސް އެއްޗެއް ސާފުކޮށެއް ނުފެނެއެވެ.

 “އަޔާން… އަޔާން… އަޔާން… އަޔާން…” ހުއްޓުމެއް ނެތި އަހަންނަށް އަޔާންއަށް ގޮވެނީއެވެ.

  “މަންމާ…؟ މަންމާ…؟” ދުރުދުރުން އަހަންނަށް އަޔާންގެ އަޑު އިވުނެވެ. ލޯހަނިކޮށްލާފައި ބަލާލީ ކުރިއަށް ވުރެން ސާފުކޮށް ފެނޭތޯއެވެ.

އަހަރެންގެ މޫނުގައި ދެއަތުން މީހަކު ފިރުމާހެން ހީވިއެވެ. އެއް އަތް ހިއްލާ އަހަރެން ލޯ ފޮހެލީމެވެ. ދެން ބަލާލި އިރު އަހަރެންގެ މޫނުގައި ދެއަތުން ހިފަހައްޓާލައިގެން އިނީ އަހަރެންގެ އަޔާންއެވެ. އަހަންނަކަށް ގަބޫލެއް ނުކުރެވުނެވެ. ބަލަހައްޓައިގެން އިނދެވުނީއެވެ.

ނޫނެކެވެ. އެއީ އަހަންނަށް ހީވާ ގޮތެއް ނޫނެވެ. ރަނގަޅަށް ނިދިން ހޭލެވުނެވެ. އަނދިރީގެ ތެރެއިން އަހަންނަށް ސާފުކޮށް ފެންނަން ފެށިއެވެ. އެއީ ހަމަ އަހަރެންގެ އަޔާންއެވެ. ދުރު ބަލާލިޔަސް އަޔާން ގެއްލިދާނެތީ އަހަރެން އަޔާން އުރާލީމެވެ. އަޔާންގެ މޫނަށް ބަލަން ހުރެ ގޮސް ހޮޅިބުރި ދިއްލާލީމެވެ.

“ޔާން…؟” އަހަރެން ގޮވާލީމެވެ.

“ލައްބައޭ މަންމާ… ކީއްވެތަ މަންމަ ނިދާފަ އޮވެ އެވަރަށް ޔާންއަށް ގޮވީ؟” އަހަރެންގެ ހަރަކާތްތައް ހުރި ގޮތުން ހައިރާން ވެފަ އިނދެ އަޔާން ސުވާލު ކޮށްލިއެވެ.

އަހަންނަށް މުޅިން ޔަގީން ވީ އެވަގުތުއެވެ. ރޮއެގެންފައި އަޔާން ގައިގައި ބައްދައިގަތީމެވެ.

“މަންމަގެ ދޫނީ… މަންމައަށް މާފު ކުރޭ… އައިމް ވެރީ ވެރީ ސޮރީ… މަންމަ ވަރަށް ލޯބިވޭ ޔާން ދެކެ… މަންމަ ދެން ދުވަހަކުވެސް ޔާންއާ ވާހަކަ ނުދައްކައެއް ނުހުންނާނަން… މަންމަ ވަރަށް ލޯބިވޭ ޔާން ދެކެ…” އަޔާންގެ މޫނުގައި ބޮސްދެމުން އަހަރެން ބުނީމެވެ.

“މަންމަ ޔާންއާ ރުޅިއެއް ނޫން ދޯ؟” އަޔާން އަހާލިއެވެ.

“ރުޅިއެއް ނޫން… މަންމަ ދެން ދުވަހަކުވެސް ދަރިފުޅަކާ ރުޅިއެއް ނުވާނަން…” އަހަރެން ބުނީމެވެ. އަދި ހެއްދެވި ފަރާތަށް ޝުކުރު ކުރީމެވެ. އަހަރެންގެ އަތުތެރޭގައި އަހަރެންގެ ދަރިފުޅު ވީތީއެވެ. އެދަރިފުޅު އަހަންނަށް ދެއްވީތީއެވެ.

“ޔާންވެސް ވަރަށް ލޯބިވޭ މަންމަ ދެކެ، ދެން އެހެންނެއް ނޫޅޭނަން ދުވަހަކުވެސް، ބަސް އަހައިގެން ކިޔަވާނަން، މޮޅު ކުއްޖަކަށް ވާނަން، މަންމަ ދެރަ ކުރެވުނީތީ ސޮރީ” އަޔާން ބުންޏެވެ.

“އޯކޭ، ޔާންއަށް މާފު ކޮށްފިން… ދެން ހިނގާ ދޯ ނިދަން؟” އަހަރެން އަޔާން ގޮވައިގެން އޮށޯތީމެވެ. އަޔާންވެސް އަހަރެން ގައިގައި ބައްދާލައިގެން އޮވެ ގިނަ އިރެއް ނުވެ ނިދިއެވެ. އެރޭ އަހަރެން އިތުރަކަށް ނުނިދަމެވެ. ފަތިން ނަމާދު ބަންގީގެ އަޑު އިވުނީ އަހަރެންގެ ދަރިފުޅުގެ މޫނަށް ބަލަން އޮއްވައެވެ. އަހަރެން ތެދުވެ ވުޟޫ ކުށްލައިގެން ނަމާދުކޮށް އަހަންނަށް ދެއްވި ނިޢުމަތަށް ޓަކާ

ހެއްދެވި ފަރާތަށް ޝުކުރު ދެންނެވީމެވެ.

މަގޭ ދަރިފުޅާ..( 1ވަނަބައި

މަގޭ ދަރިފުޅާ(2 ވަނަބައި)

Published by ހެޔޮބަސް ޓީމް

އަޅުގަނޑުމެންގެ މަޤްޞަދަކީ ދިވެހިންނަށް ހެޔޮބަސް ފޯރުކޮށްދިނުމެވެ.

Leave a comment

Your email address will not be published. Required fields are marked *