ވާހަކަ ލިޔުއްވީ: މާޝާ

  “މަންމާ، ޔާން ބަސް އަހާނަމޭ… ބަސް އަހާނަމޭ… ބަސް އަހާނަމޭ… ބަސް އަހާނަމޭ…

މަންމާ ޔާންއާ ވާހަކަ ދައްކަބަލަ ޕްލީޒް… ޕްލީޒް… ވާހަކަ ދައްކަބަލަ… ވާހަކަ ދައްކަބަލަ…

މަންމާ، ބުނެބަލަ ޔާން ދެކެ ލޯބި ވެޔޭ… ބުނެބަލަ ޕްލީޒް… މަންމަ ޔާން ދެކެ ލޯބި ވެޔޭ ބުނެބަލަ…”

އަހަރެންގެ ދަރިފުޅުގެ އާދޭސް އަހަރެންގެ ހިތާ ސިކުނޑީގައި ތަކުރާރު ވަމުން ދިޔައެވެ. އެއް ފަހަރަކު ދެ ފަހަރަކު ނޫނެވެ. ވިހި ތިރީސް ފަހަރަކުވެސް ނޫނެވެ. އެތައް އެތައް ސަތޭކަ ފަހަރަކުއެވެ.

އަހަންނަށް ލޯމަރާލަމުން ދެކަންފަތުގައި އަތް އަޅާ ބާރުކޮށްލެވުނެވެ.

ނަމަވެސް އެއަޑެއް ނުކެނޑުނެވެ. އަޔާން ދުވެލާފައި ދާއިރު އެކުދި ފިޔަވަޅުތަކުގެ އަޑު އިވެނީއެވެ. އަހަރެންގެ އަތުގަ ނުޖެހެން ވެގެން ދުއްވައިގަންނަމުން ހީލާ ލޯބި ހީލުމުގެ އަޑު އިވެނީއެވެ. އުމުރުން ހައަހަރުގައިވެސް ރަނގަޅަށް “ރ” ނުކިޔޭ އަޔާންގެ ލޯބިލޯބި ވާހަކަތައް އަޑު އިވެނީއެވެ.

ނަމަވެސް އެހުރިހާ އަޑަކަށް ވުރެން ބާރަށް އިވެނީ އެއަޑެވެ.

“މަންމާ… ޔާން ބަސް އަހާނަމޭ… މަންމަ ޔާންއާ ވާހަކަ ދައްކަބަލަ ޕްލީޒް، މަންމަ ޔާން ދެކެ ލޯބި ވެޔޭ ބުނެބަލަ… މަންމާ، ޔާން ދެން އެހެންނެއް ނޫޅޭނަމޭ، ޔާން މަންމަ ދެކެ ލޯބި ވެޔޭ… ޔާންއާ ވާހަކަ ދައްކަބަލަ މަންމާ… ޔާން މަންމަގެ ބަސް އަހާނަމޭ…”

ހަމަ އެއާއެކު އަހަރެންގެ ހެދުމުގެ ފަސްބައިގައި އެއް އަތުން ހިފަހައްޓައިގެން ހުރެ އަހަރެންގެ ފަހަތުން ހިނގަމުން އަނެއް އަތުން ލޮލުން އަންނަމުން ދިޔަ ކަރުނައާ، ގިނައިރު ރުއިމުގެ ސަބަބުން ނޭފަތުން އަންނަމުން ދިޔަ ފެން ފޮހެމުން ދިޔައިރު ދެރަވެ ގިސްލެވިފައި ހުރި އެ މައުސޫމް ސޫރަ އަހަރެންގެ ހިތުން އެންމެ ސިކުންތަކަށްވެސް ފިލައިގެނެއް ނުދެއެވެ.

“ޔާން… މަންމަގެ ޔާން…” ލޯހުޅުވާލަމުން ދެއަތްތިލަ ގުޅުވާލުމާ އެކު މޭގައި ޖައްސާ ބާރު ކޮށްލާފައި އަހަރެންގެ ދަރިފުޅަށް ގޮވާލަމުން އަހަންނަށް ބާރަށް ރޮއެގަނެވުނެވެ.

ގިސްލެވުމާއެކު އަހަންނަށް އަނެއްކާވެސް ލޯމަރާލެވުނެވެ. އެވަގުތު ހީވީ އަހަރެންގެ އަޔާން އަހަންނަށް ގޮވާލި ހެންނެވެ.

“މަންމާ…”

އެއާއެކު އަހަރެންގެ ދެއަތުގެތެރޭ އަހަރެންގެ ދަރިފުޅު ވާކަމުގެ އިހުސާސެއް ކުރެވުނެވެ.

ލޯހުޅުވާ ބަލާލީމެވެ. ދެއަތް ދުރުކޮށް ދެއަތް ތިލައަށް ވަކިވަކިން ބަލާލެވުނެވެ. ފަޅު ވެފައިވާ އުނގަށް ބަލާލެވުނެވެ.

އެއީ ހީވި ހީވުމެކެވެ. އަހަރެންގެ ދަރިފުޅު އަހަރެންގެ އަތުތެރެއަކު ނެތެވެ. އަހަރެންގެ އަޔާން އަހަރެންގެ މޭގައި ބޯޖައްސާލައިގެން އަހަރެން ގައިގައި ބައްދާލައިގެންނެއް ނެތެވެ.

އަހަރެންގެ ދެއަތް ހުހެވެ. އަހަރެންގެ އުނގު ހުހެވެ. އެވަގުތު އަހަރެންގެ ހަށިގަނޑުގެ އެތެރެވެސް ހުސްހެން ހީވިއެވެ. މޭގެ ތެރޭގައި ހިތެއް ނެތެވެ. އެއްވެސް ގުނަވަނެއް އަހަރެންގެ އެތެރެ ހައްޓަކު ނެތެވެ.

އެހެން ވީއިރު އަހަރެންގެ މެއަށް މިހާ ތަދުވަނީ ކީއްވެ ހެއްޔެވެ؟ މުޅި ހަށިގަނޑުގައި ވޭނީ ރިހުމެއް މިވަނީ ކީއްވެ ހެއްޔެވެ؟ ހަށިގަނޑުގައި ހިތެއް ނެތް އިރު، މީހަކު ހިތް ނަގާ ފޮތިފޮތި ކޮށްލި ނަމަވެސް ނުވާނެހާ ތަދު އަހަންނަށް އިހުސާސް ކުރެވެނީ ކީއްވެ ހެއްޔެވެ؟ ފަހަރަކަށް ވުރެން ފަހަރެއް އެތަދު އިތުރު ވަނީ ކީއްވެ ހެއްޔެވެ؟

މިވޭނަށް އަހަރެން ކެތް ކުރާނީ ކިހިނެއް ހެއްޔެވެ؟

އަހަރެންގެ ދަރިފުޅުގެ ހަނދާނުން އަހަންނަށް ލިބެމުން މިދާ ރިހުމާ ވޭން އެތައް ގުނައެއް އިތުރު ވެގެން ދަނީ އަހަންނަށް ކަންތައް ކުރެވުނު ގޮތް ހިތައް އެރުމުންނެވެ. އެންމެ ފަހުން އަހަންނަށް ބުނެވުނު ބަސްތައް ހަނދާން ވުމުންނެވެ.

އަހަންނަކަށް އިތުރަކަށް ކެތެއް ނުކުރެވޭނެއެވެ.

“އަޔާން….!” އަހަރެންގެ ދުލުން ހަޅޭކެއްގެ ސިފައިގައި ބޭރުވީ އެނަން އެކަންޏެވެ. ނަމަވެސް އަހަރެންގެ ހިތް ރޮމުން ބުނަމުން ދިޔަ ބަސްތައް އިވެނީ އަހަރެންގެ ހިތަށް އެކަންޏެވެ.

“މަންމަގެ އަޔާން! މަންމަގެ ދަރިފުޅާ! މަންމަ ގާތަށް އާދޭ… ހެޔޮ ނުވާނެ… އެންމެ ފަހަރަކު ވިޔަސް އާދޭ މަންމަގެ އުނގަށް… މިފަހަރު އާދޭސް މިކުރަނީ މަންމަ… ޕްލީޒް ޕްލީޒް ޕްލީޒް… ދަރިފުޅާ އެންމެ ފަހަރަކު… މަންމަ އެދުވަހު ބުނީ ތެދެއް ނޫނޭ މަންމަގެ ދޫންޏާ… މަންމަ ދަރިފުޅު ދެކެ ވަރަށް ލޯބިވޭ… ދަރިފުޅު އެދުވަހު މަންމަގެ އަޑު ނޭހިޔަސް މަންމައަށް އެނގޭ ތީ ބަސްއަހާ ކުއްޖެއް ކަން… އާދޭ މަންމަ ގާތަށް… މަންމަ ދަރިފުޅާ ވާހަކަ ދައްކާނަމޭ… ދަރިފުޅު ބޭނުން އިރެއް ވަންދެން ވާހަކަ ދައްކލަން މަންމަ އިންނާނަން ދަރިފުޅު ގާތު… މަންމަ ދަރިފުޅު ދެކެ ވަރަށް ވަރަށް ވަރަށް ބޮޑަށް ލޯބިވޭ… ޕްލީޒް، އާދޭ މަންމަ ގާތަށް، އެންމެ ފަހަރަކު ވިޔަސް އަދި މަންމަ ގައިގަ ބައްދާލަން އާދޭ… ޔާން، އަވަހަށް އާދޭ ޕްލީޒް…”

އަހަރެންގެ ހަޅޭކުގެ އަޑަށް އަހަރެން މަންމައާ ކޮއްކޮ އައިސް ވަނެވެ. އަހަރެންގެ ހާލު ފެނި ވަގުތުން އެދެމީހުންނަށްވެސް ރޮވުނެވެ.

“ދޮންތާ… ދެން ނުރޮއެބަލަ، ހިތްވަރު ކޮށްބަލަ…”

“ދަރިފުޅާ… ހެޔޮ ނުވާނެ، ތިވަރަށް ނުރޮއެ… މަންމައަށް އެނގޭ ދެރަ ވާނެ ކަން… އެކަމަކު ހިތްވަރު ކުރަން ވާނެއެއްނު…؟”

އަހަރެންގެ މަންމައާ ކޮއްކޮ ރޮމުން އަހަރެން ގައިގައި ފިރުމަމުން ބުނަމުން ދިޔައެވެ. ނަމަވެސް އަހަންނަށް އެއަޑެއް ނީވެއެވެ.

އަހަރެން ހަނދާން ވަމުން ދިޔައީ އެދުވަހެވެ. އަހަރެންގެ ދަރިފުޅާ އަހަރެން އެންމެ ފަހުން ވާހަކަ ދެއްކި ދުވަހެވެ. ވާހަކަ ދެއްކި ގޮތެވެ. އަހަރެންގެ ދަރިފުޅު ރުއި ރުއިމެވެ. އަހަރެންގެ ހެދުމުގެ ފަސްބައިގައި ހިފައިގެން ހުރެ ރޮމުން ކުރި އާދޭހެވެ.

 ނުނިމޭ

މިވާހަކަ ލިޔުއްވާފައިވާ ލިޔުންތެރިއާ މާޝާ އަކީ ވާހަކަ ލިޔުމުގެ ފަންނުގައި ކުރިއަރަމުން އަންނަ ފަރާތެކެވެ. އަދި މާޝާ ގެ ބައެއް ވާހަކަ ފޮތްތައް ވަނީ ޗާޕްކޮށް ނެރެފައެވެ.

Published by ހެޔޮބަސް ޓީމް

އަޅުގަނޑުމެންގެ މަޤްޞަދަކީ ދިވެހިންނަށް ހެޔޮބަސް ފޯރުކޮށްދިނުމެވެ.

Join the Conversation

2 Comments

Your email address will not be published. Required fields are marked *