އާންމު ލިޔުންވާހަކަ

މަންމާއެވެ.

އޭމަންމާއެވެ. ތިޔައީ އަހަރެންގެ ލޯބިވާމަންމައެވެ. އަހަރެންގެ އެންމެ ލޯބިވާ މަންމައެވެ. އަހަރެން މިދުނިޔެއަށް ނޭވާލުމުގެ ކުރިން މަންމަގެ  އޯގާތެރިކަން އެހާ ބޮޑެވެ. އަދި އުފަންވުމަށްފަހުގައިވެސްމެއެވެ. މަންމަގެ ފިރުމުންތަކާއި ކުލުނު އޮހިގެންދިޔައެވެ. އަހަރެންނަށްޓަކައި މަންމަގެ ވިސްނުން ބައްޓަންކުރީ އިއްޔެއަކު މިއަދަކު ނޫނެވެ. މާކުރިންވެސް މެއެވެ.

 އަހަރެންނަކީ މަންމަގެ ދަރިއެކެވެ. އަހަރެން ދުނިޔެއަށް ނޭވާލާތޯ މަންމަގެ ހިތުގައި އެތައް ދުޢާއެއްވިއެވެ. އެތައް ޝަޢުޤެއް ވިއެވެ. މަންމަގެ ހިތުގައި މިޝުޢޫރު އުފެދޭ ކޮންމެ ފަހަރަކު މަންމަގެ އަގު އިތުރުވިއެވެ. އަހަރެންގެ ލޯބިވާ މަންމާއެވެ. މަންމަގެ ޙަޔާތުގައި ކައިވެނީގެ އަގުމާތްވި ހަރުފަތް ގިރާކުރީމުއެވެ. އަހަރެން އުފަންވޭތޯ ކުރެވުނު އުއްމީދަށް ތަސައްލީއެއް ގެނައުމަށެވެ.

 މާތް ﷲގެ ރަޙްމަތްފުޅުން، އަހަރެން މަންމަގެ ރަޙިމުގައި ޤަރުބަގަތެވެ. މަންމަގެ އުއްމީދަށް ރޯޝަން ކަމެއް ލިބުނު ނޫންތޯއެވެ. މިމަރުޙަލާގައި އަހަރެން މަންމަގެ ފިރުމުންތަކުން ފައިދާ ހޯދީމެވެ. މަންމަގެ ހަށިގަނޑުގައި ދައުރުވި ލެއިން ކާނާ ހޯދީމެވެ. ފައިދާހުރި ކާނާ ކެވޭތޯ އުޅުނީމުއެވެ. އެހެނަސް ހަށިގަނޑަށް އެތައް ކެކުޅުމެއް ކުރިމަތިވިއެވެ. ގައިން ވަރުދޫވެ އެނދުމަތިކުރެވުނުކަން ގައިމެވެ. ބޭހުން ޝިފާހޯދުމުގައި އެޒަމާނާގުޅޭ ޙަކީމީބޭސް ބޭނުންކުރީމުއެވެ. ހިތިބޭސް ބުއިމުއެވެ. އެތަށްފަހަރަކު  ހޮޑުލެވުނެވެ. ޕާސްކިޔާފައި ހޮޑުއައެވެ. މިއީ ހަމަ ޙަޤީޤަތްކަމުގައި އަޅުގަނޑުގެ ހިތުން ރުހުމުން ޤަބޫލުކުރެވެއެވެ. މަންމަގެ ނިދި އަހަރެންނަށްޓަކައި ޤުރުބާންކުރީ ކިތަންމެ ރެއެއްގައެވެ. އަރިއަށްތޯ އުއްޑުންތޯ އޮންނާނީ، މިސުވާލު މަންމަ އަށްކުރި މަތިވި ނޫންތޯއެވެ؟ އޮށޯވެ އޮންނާނެ ނޯންނާނެ ގޮތެއް މަންމައަށް ކަނޑަނޭޅި ގެއްލުނީ ކިތައް ރޭގެ ނިދިކަންވެސް ނޭނގެއެވެ. އެއީ ޙަޤީޤަތުގައިވެސް މަންމަގެ އެދުވަހުގެ ޙާލަތެވެ. މަންމަ ކެތްގަދައެވެ. ރަޙްމު ބޮޑެވެ. ނުވަމަހާއި ނުވަދުވަސްވަންދެން އަހަރެން މަންމަގެ ރަޙިމުގައި ހޭދަކުރީ އުފަލާއެކުގައެވެ. ހިތްހަމަޖެހުމާއި މަންމަގެ ކުލުނާއި ފުރިހަމަ ލޯތްބާއިއެކުގައެވެ. އެހެނަސް މަންމަގެ ހާސްކަން ދިޔައީ ބޮޑުވަމުންނެވެ. ބައެއް ޙާލަތްތަކުގައި އުފާވެރިކަމުގެ ޝުޢޫރު ވެރިވި ކަމުގައިވިޔަސް މެއެވެ. މަންމަގެ ދުޢާއަކަށްވީ، “އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަހަރެންގެ ދަރިފުޅު ރަގަޅު ގޮތުގައި މިދުނިޔެއަށް އުފަންކުރައްވާނދޭވެ! އެދަރިފުޅަކީ ހިތުގެ ހިނިތުންވުން ކަމުގައި ލައްވާނދޭވެ!” އެވެ.

އޭ ލޯބިވާ މަންމާއެވެ. އެއީ އެހެންޒަމާނެކެވެ. އަދުގެ ޙާލަތާ އެދުވަހުގެ ޙާލަތު ތަފާތެވެ. ފޫޅުމައިދައިތަ ގެއަށް އައިސް ޙަކީމެއްގެ ދައުރު އަދާކުރިއެވެ. އެދައިތަގެ އިރުޝާދަށް ތަބާވެ ކިޔަމަންވެ އަހަރެންނަށްޓަކައި ކެތްކުރީމުއެވެ. މަންމަގެ ބަނޑަށް އަޅަންފެށިވޭން ތަސައްވުރުކުރެވޭނަމަ ކިހާރަގަޅު ހެއްޔެވެ؟  އެތެރިގޭ އުތުރު އެނދުގައި އޮށޯންނަން މަޖްބޫރުކުރުވި ޙާލަތުގައިވެސް މަންމަ ދެއްކެވީ ލާމަޘީލްކަމެވެ. ފޫޅުމައިދައިތަގެ އޯޑަރަށް ތަބާވުމުގައި ދެއްކެވީ ފުރިހަމަ ނަމޫނާއެވެ. ވޭންވަރު ގަދަވަމުން ގަދަވަމުން އައިވަގުތުގައިވެސް ދެއްކެވީ ކެތްތެރިކަމުގެ މާތް އަޚްލާޤެވެ. މަންމައަށްޓަކައި އަހަރެން ފަޚްރުވެރި ނުވާންވީ ކީއްވެތޯއެވެ؟ އަހަރެން ދުނިޔެއަށް ނޭވާލި އުފާވެރި ހިނދުކޮޅު މަންމަގެ ޝުޢޫރަކަށްވީ ‘އަލްޙަމްދުލިއްﷲ’ އެވެ.

މަންމަގެ ލޮބުވެތިކަން ވަރަށްވެސް ބޮޑެވެ. އަހަރެން އުފަންވުމުން، މަންމަގެ އަތްދަނޑިމަތީގައި އަހަރެން އުފުލީ ހިތްހެޔޮކަމާއެކުގައެވެ. މަންމަގެ އުނގުގައި ނިންދީ މަންމަގެ ފިރުމުން ތަކުގެ އަސަރުންނެވެ. މަންމަގެފަރާތުން އެންމެ އަގުބޮޑު ބުއިން ލިބިދިން ކަމުގެ އިޙްސާސް ކުރަން މަޖްބޫރެވެ. އެބުއިމުން އަހަރެންގެ ނަފުސް ތަރައްޤީވިއެވެ. ހަށިގަނޑުގެ ހެދިބޮޑުވުމަށް ބާރުލިބުނެވެ. އަހަރެންގެ ޞިއްހަތަށް ދިރުން ލިބުނެވެ. މައިވަންތަކަމުގެ ލޯބި ހުޅުދާންކޮށްދިނެވެ. މަންމަގެ ނިދި މަޙްރޫމްކުރިއެވެ.

މަންމާއެވެ. އަހަރެންނަކީ މަންމަގެ ޙަޤީޤީ ދިރުމެވެ. މަންމަގެ ކިބައިން ލިބިދިން އަޅާލުމާއި ލޯތްބާއި ކުލުނު ތަމްޘީލްވެގެން އެބަދެއެވެ. އަހަރެން ބޮޑުވެ ތަސައްރަފްފުދެމުން އައި ތަފާތު މަރުޙަލާތަކުގައި، މަންމަގެ ފިރުމުންތަކުން ފައިދާ ހޯދީމެވެ. މަންމަގެ އުނގުން ރައްކާތެރިކަން ހޯދީމެވެ. މަންމަގެ ތަރުބިއްޔަތުން ފުރާފުރިހަމަވީމެވެ. މަންމަގެ އުގަންނައިދިންތަކުން ޢިލްމާއި ޙިލްމު ހޯދީމެވެ. މަންމަގެ ހޭދައިން ދިރިހުރީމެވެ. ބޭނުންތައް ފުއްދީމެވެ. އުފާވެރިކަން ލިބިގަތީމެވެ. ނަފްސަށް ދިރުން ގެނައިމެވެ. އިސްލާމީ ރިވެތި އުޞޫލުތަކުގައި ފައިތިލަ ޘާބިތުކުރީމެވެ. އަދި ކުރާނަންވެސް މެއެވެ.

ފަޚްރުވެރި މަންމާއެވެ. މަންމަގެ ޙަޔާތަށް ދިރުން ގެނެސްދިނުމުގައި އަހަރެން ދެމިހުންނަން ޖެހެއެވެ. މަންމަގެ ތަރުބިއްޔަތުގެ ގޯތިން ދިރިއުޅުން އާރާސްތުކުރަންޖެހެއެވެ. މަންމަގެ ބައްޔަށް ޝިފާ ހޯދައިދިނުމުގައި ދެމިހުންނަންޖެހެއެވެ. މަންމަ ހިތްހަމަ ޖައްސައި ދިނުމުގައި ވަގުތު ހުސްކުރަންޖެހެއެވެ. މަންމައަށްޓަކައި އަހަރެންގެ ހެޔޮދުޢާއެވެ. އަބަދުގެ އަބަދަށެވެ. މަންމަގެ މިދުނިޔޭގެ ޙަޔާތުގައެވެ. މާދަމާ ނުފެންނަ ފަށުގައިވެސްމެއެވެ. އޭލޯބިވާ މަންމާއެވެ. އަހަރެންގެ ހިތްހަމަޖެހުމުގެ އަސްލުކަމުގައިވި މަންމާއެވެ. އަހަރެންގެ ހަޤީޤީ މޭސްތިރިޔާއެވެ. އަހަރެންނަށްޓަކައި މަންމަ ވީ ޤުރުބާނީގެ އަގު އަދާކުރެވޭނެ ދުވަހެއް އަންނާނެހެއްޔެވެ؟ ހަމަ ޔަޤީނުންވެސް ނާންނާނެވެ. މަންމައަށް އުފާވެރިކަމެވެ. މަންމަގެ ޙަޔާތަށް އާރޯކަމެވެ. މަންމަގެ މާދަމާގެ ޙަޔާތަށް ބާއްޖަވެރިކަމެވެ.

___________________________

 

What's your reaction?

Excited
0
އަޙުމަދު އިބުރާހިމް/ ނ.ޅޮހި
އަޙުމަދު އިބްރާހިމް އަކީ ތަޢުލީމީދާއިރާގެ ތަފާތު ތަޖުރިބާތަށް ކޮށްފައިވާ ހިންގުންތެރިއެކެވެ. އަދި ތަޖުރިބާކާރު ޓީޗަރެކެވެ. އަދި މޮޅު ލިޔުންތެރިއެކެވެ.

    You may also like

    Leave a reply

    Your email address will not be published. Required fields are marked *