މަހަލް ބަހަކީ ކޮންބަހެއްބާ ؟

މަހަލް ބަހަކީ ކޮންބަހެއްބާ ؟

- އާންމު ލިޔުން
0

އެއްވެސް ޝައްކެއް ނެތެވެ. މިއީ މަހަލްދީބު ނުވަތަ ރާއްޖޭގެ ވެރިކަންކުރާރަށް މާލެއަށް ނިސްބަތްވެގެންވާ ބަހެކެވެ. މިބަހަކީ ދިވެހިރާއްޖޭގައި ވާހަކަދައްކާ ދިވެހިބަހެވެ.

އާދެ، ދިވެހިބަހަށް މަހަލް ބަހޭ ކިޔަނީ ކޮންރަށެއްގައިހެއްޔެވެ؟ އެރަށަކީ އެތަކެއް އަހަރުކުރިން ދިވެހިރާއްޖޭގެ ރަށެއްކަމުގައިވެފައިވާ، އަދި މިއަދު އިންޑިޔާގެ ރަށަކަށްވެފައިވާ ދިވެހި ބަހުން ވާހަކަދައްކާ އަދި ދިވެހިންގެ އާދަކާދަތަކާއި ސަގާފަތެއް އެކުލެވިފައިވާ އާބާދީޔެއް ދިރިއުޅޭ މަލިކެވެ. މަލިކު ވަނީ ދިވެހިރާއްޖޭގެ އެންމެ އުތުރު ރަށެއްކަމުގައިވާ ތުރާކުނުން ފެށިގެން ގާތްގަނޑަކަށް 75 މޭލު އުތުރުގައެވެ. މަލިކަކީ މިއަދު ލަކްޝަދީބުގައި ހިމެނޭ ރަށެކެވެ. ލަކްޝަދީބުގެ ކުރީގެ ނަމަކީ ލެކަޑީވްސްއެވެ. މާނައަކީ އެއްލައްކަ ރަށެވެ. މިނަން ލަކްޝަދީބަށް ބަދަލު ކުރެވުނީ 1973 ވަނަ އަހަރުގައެވެ.

ރަސްމީގޮތުން ދިވެހިބަހަށް މަހަލްބަހޭ ކިޔައިއުޅުނުނަމަވެސް، މަލިކުގައިތިބި މުސްކުޅީންނަށް މިއަދުވެސް މިބަހަކީ ހަމަ ދިވެހި ނުވަތަ މަލިކު ބަހެވެ. ނަމަވެސް ޒުވާން އުމުރުގެ ދަރިކޮޅަށް މިބަހަކީ މަހަލް ބަހެވެ. ސަބަބަކީ އިސްކޫލުގެ ޕުރައިމަރީ ގުރޭޑުތަކުގައި މިބަސް ކިޔަވާދެވެނީ މަހަލްބަހުގެ ނަމުންނެވެ. އަދި ރަސްމީގޮތުން މަލިކު މަޝްހޫރު ވެފައިވަނީވެސް މިނިކޯއިގެ ނަމުންނެވެ. ނަމަވެސް މަލިކުގާތިބޭ އަހުލުވެރިން މިރަށަށް ކިޔައިއުޅެނީ ހަމަ މަލިކެވެ.

ތާރީޚު ލިޔުއްވާ ބޭފުޅުންނާއި އަދި ލަކްޝަދީބު، އިންފޮމޭޝަން ޑިޕާޓްމަންޓުން ބޭރުކުރާ ލިޔުންތަކުގައިވަނީ މަލިކުގެ މީހުންގެ ބަހަކީ މަހަލް ބަސްކަމުގައެވެ. އަދި އެބަސް ލިޔެ އުޅެނީ ދިވެހި އަކުރުންކަމަށެވެ. ނަމަވެސް ޙަޤީޤަތަކީ އެއެއް ނޫނެވެ. މަލިކު މީހުންގެ ބަހަކީ ސާފު ދިވެހި ބަހެވެ. އަދި ލިޔެ އުޅެނީ ތާނަ އަކުރުންނެވެ. އެތައް ސަތޭކަ އަހަރުވީއިރުވެސް ޙަޤީޤަތާ ޚިލާފަށް އޮތް މިއޮޅުންތައް މަލިކުގެ ޢިލްމުވެރިއަކު ރަނގަޅު ކުރެއްވުމަށް މަސައްކަތް ކުރައްވާފައިވާތަނެއް އަޅުގަނޑަކަށް ނުފެނެއެވެ. މިއީ ވަރަށް ހިތާމަހުރިކަމެކެވެ. މީގެ ސަބަބުން މަލިކުގެ ދަރިކޮޅަށް މިދެވެނީ ޙަޤީޤަތާއި ޚިލާފު މަޢުލޫމާތެވެ.

މަތީގައި ލިޔެވުނުފަދައިން، އޮޅުމަކުން ދިވެހިބަހަށް މަހަލްބަހޭ ކިޔުނީ ކިހިނެއްހެއްޔެވެ؟ މިސުވާލަށް ޖަވާބެއްދިނުމުގެ ކުރިން މަލިކުގެ ތާރީޚަށް ބަލާލުމަކީ ވަރަށް މުހިންމުކަމެއް ކަމަށް އަޅުގަނޑު ދެކެމެވެ. އަޅުގަނޑުމެންނަކީ މިއަދު އިންޑިޔާގެ ރައްޔިތުންނެވެ. މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް އުފާކުރާކަމެކެވެ. އަދި އެކަމަށް ފަޚުރުވެރިވާވެސް ކަމެކެވެ. ނަމަވެސް، ތާރީޚަކީ ބަދަލު ކުރެވޭނެ އެއްޗެއް ނޫނެވެ. މީގެ އެތަކެއް ޒަމާނެއް ކުރިން، ލަފާކުރެވޭގޮތުގައި 500 އެއްހައި އަހަރު ކުރިން މަލިކަކީ ދިވެހިރާއްޖޭގެ ރަށެއްކަމަށް ތާރީޚުން ފެންނަން އެބައޮތެވެ. ލިޔުންތަކުން ފެންނަން ހުރިގޮތުގައި ދިވެހިރާއްޖޭގެ ސަރަހައްދެއްކަމަށް ހަމަޖެހިފައިވަނީ “މަލިކައްޑޫ މިދެމެދު” އެވެ. މިހެންކަމުން މަލިކަކީ އެދުވަސްވަރު ދިވެހިރާއްޖޭގެ ރަށެއްކަމަށް ސާބިތުވެއެވެ. މަލިކަކީ ދިވެހިރާއްޖޭގެ އުތުރު ސަރަހައްދުގެ އަތޮޅުތަކާ ތަންކޮޅެއް ފޭގައި އޮންނަ ރަށަކަށްވާތީ އެދުވަސްވަރުގެ ސަރުކާރަށް، މަލިކަށް އެހީތެރިކަންދިނުން މާފަސޭހަކަމަކަށް ނުވިއެވެ. އަދި މީގެ އިތުރުން ދިވެހިރާއްޖެ އަތުލައިގަންނަން އަންނަ މަލަބާރުގެ ރަސްކަލުންނާއި ބިދޭސީން އެންމެ ފުރަތަމަޔަށް މަލިކު އަތުލައިގަންނަކަމަށްވެއެވެ. އޭރު ކަންނަންނޫރު ޢަލީ ރާޖާ އޮތީ ވިޔަފާރީގެގޮތުން ލަކަޑީވްސްއަށް އަތްގަދަކޮށްފައެވެ. ރާއްޖެ އޮތީވެސް މިހިސާބުގައިކަމަށްވާތީ ދިވެހިރާއްޖެއާވެސް އޭނާ ދިމާކުރިއެވެ.

ކަންމިހެން ހުރުމުގެ ސަބަބުން މަލިކު އޮތީ އަބަދުވެސް ދެފަރާރަށް ކިރިކިރި އޮންނަ ރަށެއްގެގޮތުގައެވެ. ތާރީޚުން ފެންނަ ގޮތުގައި އެންމެފަހުން މަލިކު ދިވެހިރާއްޖެއިން ވަކިވުމުގެ ސަބަބަކަށްވީ ކަންނަންނޫރު ޢަލީ ރާޖާ 1752 ވަނަ އަހަރު މަލިކު އަތުލައިގަތުމެވެ. ލަކްޝަދީބުގައި ހިމެނޭ އަމިންދިވީ ގުރޫޕުގެ ރަށްތައް ބްރިޓިޝް ވެރިކަމުގެ ދަށަށް ދިޔައީ އެބައިމީހުން 1799 ވަނަ އަހަރުގައި ކުރި ހަނގުރާމައިގައި އިންޑިޔާގެ ސެރިންގަޕައްޓަމުގެ ސުލްޠާން ޓީޕު، ޝަހީދު ކުރުމަށް ފަހުގައެވެ.

1787 ވަނަ އަހަރުން ފެށިގެން މިރަށްތައްވަނީ ޓީޕުސްތާން ވެރިކަމުގެ ދަށުގައެވެ. ނަމަވެސް ލެކަޑިވްސް ގުރޫޕުގައި ހިމެނޭ ރަށްތަކާއި އަދި މަލިކު، ބްރިޓިޝް ވެރިކަމުގެ ދަށަށް ދިޔައީ އެތަކެއް އަހަރު ފަހުންނެވެ. 1875 ވަނަ އަހަރު ޢަލީރާޖާގެ އަތްމަތިން ބްރިޓިޝް އީސްޓް އިންޑިޔާ ކޮމްޕެނީގެ ވެރިކަމުގެ ދަށަށްގޮސް 1905 ވަނަ އަހަރު ބްރިޓިޝް އިންޑިޔާގެ ވެރިކަމުގެ ދަށަށް މަލިކު ދިޔައެވެ. އަދި ބްރިޓިޝް ވެރިކަމުން 1947 ވަނަ އަހަރު އިންޑިޔާއަށް މިނިވަންކަން ލިބުމަށްފަހު 1956 ވަނަ އަހަރު މަލިކު ރައްޔިތުންގެ ތެރޭގައި ރެފަރެންޑަމެއް ފާސްކުރުމަށްފަހު މަލިކު އިންޑިޔާގެ ރަށަކަށްވީއެވެ. މިގޮތަށް ރެފަރެންޑަމެއް ފާސްކުރަންޖެހުނީ ދިވެހިރާއްޖޭގެ ސަރުކާރާ މަލިކުގެ ވަފްދަކާދެމެދު ދެކެވުނު ވާހަކަތައް ކާމިޔާބުނުވުމުންކަމަށް ބުނެވެއެވެ. މިދެންނެވުނީ ތާރީޚުގެ ވަރަށްކުޑަ ތަޢާރަފެކެވެ.

ލަކްޝަދީބް ތާރިޚު ލިޔުއްވާ އެއްވެސް ބޭފުޅަކު މަލިކުގެ ތާރީޚަށް މާބޮޑު އިސްކަމެއް އަދި ސަމާލުކަމެއްވެސް ނުދެއްވައެވެ. މަލިކާއިމެދު އެއްޗެއް ލިޔުއްވިޔަސް އެލިޔުއްވުމެއްވަނީ ވަރަށް ބޮޑަށް އޮޅުވާލައިފައެވެ. މިސާލަކަށް ބައެއް ބޭފުޅުންގެ ލިޔުއްވުންތަކުން އިބްނުބަޠޫޠާ މަލިކަށް ދަތުރު ކުރެއްވި ވާހަކަޔާއި މަލިކު ދެއަންހެނުންނާ ކައިވެނި ކުރެއްވި ކަމަށްވެސް ލިޔުއްވާފައިވާތީ ފެނިގެންދެއެވެ. އަދި މަލިކަކީ އަންހެނުންގެ ރަށެއްކަމަށް އިބްނުބަޠޫޠާ ބުނެފައިވާކަމަށް އެބޭފުޅުންގެ ލިޔުއްވުންތަކުން ފެނިގެންދެއެވެ. ނަމަވެސް މިއީވެސް ބޮޑު އޮޅުމެކެވެ. އިބްނުބަޠޫޠާ ބުނެފައިވާ މުލޫކަކީ ދިވެހިރާއްޖޭގައި އޮންނަ މުލަކުއަތޮޅު މުލަކު (ބޮލިމުލައް) ކިޔާ ރަށެވެ. ދިވެހިރާއްޖޭގެ ތާރީޚާއި އަދި އިބްނުބަޠޫޠާގެ ދަތުރު ވިދާޅުވާ ކޮންމެ ބޭފުޅަކަށްވެސް މިއޮޅުންތައް ސާފުވެވަޑައިގަންނަވާނެއެވެ. (އަލްފާޟިލް މުޙަންމަދު އިބްރާހީމް ލުޠުފީ ލިޔުއްވައިފައިވާ އިބްނުބަޠޫޠާގެ ދަތުރުނާމާގެ ތަރުޖަމާ)

ކަންތައް މިގޮތަށް ހުރިކަމަށްވިޔަސް، ބޭރުގެ ރިސާޗަރެއްކަމުގައިވާ ޑރ. އެލެން ކާޓްނާގެ ރިސާޗް ޕޭޕަރުގައި މަލިކުގެ އާދަކާދަތަކާއި އަދި ތާރީޚާއި ބެހޭގޮތުން ތެދުވެރިކަމާއެކު ވަރަށް ރަނގަޅަށް ޙަޤީޤަތް ހާމަކުރައްވާފައިވެއެވެ. އޭނާގެ ލިޔުއްވުމުގައި މަލިކުގައި ވާހަކަދައްކާ ބަހަކީ ދިވެހިރާއްޖޭގައި ވާހަކަދައްކާ ދިވެހިބަސްކަމަށާއި އަދި އަކުރަކީ ތާނަ އަކުރުކަމަށް ވިދާޅުވެފައިވެއެވެ. ވިސްނާވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް މިއީ ޙަޤީޤަތެއްކަން ޤަބޫލުކުރެއްވޭނެއެވެ. ދިވެހިރާއްޖެއަށް ކުރީގައި ކިޔާއުޅޭ ނަންތަކުގެ ތެރެއިން އެއްނަމަކީ މަޙްލަދީބެވެ. ލަފާކުރެވޭގޮތުގައި އެދުވަސްވަރު މަލިކަށް ދަތުރުކުރެއްވި ބްރިޓިޝް އޮފިސަރަކަށް މިބަހަށް މަހަލް ކިޔުނީއެވެ. އެއީ އެއޮފިސަރު މަލިކުމީހަކާއި ސުވާލުކޮށްލުމުން އަޅުގަނޑުމެން ވާހަކަދައްކާ ބަހަކީ މަޙަލްދީބު ބަސްކަމަށް ބުނެފައިވާތީކަމަށް ވެދާނެއެވެ. އެގޮތަށް ބުނުމުން އެއޮފިސަރަށް އެބަހަކީ މަޙަލްކަމަށް ވިސްނުނެވެ.

އެހެނަސް އަޅުގަނޑުގެ ސިކުނޑިއެއް މިކަމެއް ޤަބޫލެއް ނުކުރެއެވެ. ދިވެހިރާއްޖޭގެ އުސްތާޛުން ލަފާކުރައްވާ ގޮތުގައި މަލިކުގައި މިއަދުވެސް ވާހަކަދައްކާއުޅޭ ބަހަކީ ދިވެހިންގެ ޒަމާންވީ ހަމައަސްލު ދިވެހިބަހެވެ. އެއީ އިހުޒަމާނުގައިވެސް ދިވެހިރާއްޖޭގައި ޢާންމުކޮށް ވާހަކަދައްކާ އުޅުނުބަހެވެ. މިއަދުވެސް އެބަހުގައި މާބޮޑު ފަރަގެއްނެތެވެ. ހަމަގައިމުވެސް ހުވަދުއަތޮޅާއި އައްޑުއަތޮޅާއި އައްޑު އަތޮޅު ބަހުރުވަޔާ މައިދިވެހިބަހާ ދެމެދުގައި ހުންނަފަދަ ފަރަގެއް އެބަހަކު ނެތެވެ. ބްރިޓިޝް އޮފިސަރުންނަކީ މަތީ ދަރަޖައަކަށް ޢިލްމު ޙާޞިލްކޮށްފައިވާ ބައެކެވެ. އަދި އެމީހުންނަކީ ވިސްނުންތޫނު ބައެއްކަމުގައިވެސްވެއެވެ. އަދި އެމީހުންނަކީ ދުނިޔޭގެ ގިނަ ޤައުމުތަކަށް ދަތުރުކޮށްފައިވާ ބައެކެވެ. މަލިކުގައި އޮންނަ އާދަކާދަތަކާއި ދިވެހިރާއްޖޭގެ އާދަކާދަތަކާއި އެއްވެސް ފަރަގެއްނެތެވެ. އަދި ލައި އުޅުނު ހެދުންތައްވެސް އެއްފަދައެވެ. ފަރަންސޭސި ވިލާތުގެ މަޝްހޫރު ލިޔުންތެރިޔާ ޕިރާޑް ޑީ ލާވަލްއަކީ ދިވެހި ރާއްޖޭގައި ކަލާފާނުގެ ރަސްކަމުގެ ދުވަސްވަރު 8 އަހަރެއްހައިދުވަސް (1602-1609) ހޭދަކުރެއްވި ބޭފުޅެކެވެ. އޭނާ ލިޔުއްވި “ދަ ވޮއޭޖް އޮފް ފްރާންސިއޮސް ޕިރާޑް ދި ލަވަލް” ކިޔާ ފޮތުގައި ރަށަށް އެނބުރި ވަޑައިގަތުމަށް މާލެއިން ފުރާވަޑައިގަތް ދަތުރުގެ ތެރޭގައި މަލިކަށް ވަޑައިގަތްކަމަށް ވިދާޅުވެއެވެ. މަލިކުމީހުންގެ އާދަކާދަތަކާއި އަދި ބަސް ދިވެހިރާއްޖޭގެ އާދަކާދަތަކާއި އަދި ބަހާއި އެއްގޮތްކަމަށާއި އަދި ކޮންމެވެސް ދުވަސްވަރެއްގައި މަލިކަކީ ދިވެހިރާއްޖޭގެ ރަށެއްކަމަށް އޭނާ ވިދާޅުވެއެވެ.

ޙަޤީޤަތަކީ މިއީކަމުގައިވާއިރު މަލިކުގައި ވާހަކަދައްކާ ބަހަކީ ދިވެހިބަސްކަން އެއޮފިސަރަށް ނުވިސްނުނުކަމީ ޙަޤީޤަތާއި ވަރަށް ޚިލާފުކަމެކެވެ. އެއޮފިސަރު ދިވެހިރާއްޖެއަށް ދަތުރުކޮށްފައި ނުވާކަން އޭގެ ސަބަބަކަށްވެދާނެއެވެ. 1956 ވަނަ އަހަރަށްފަހު މަލިކާއި ދިވެހިރާއްޖެއާއި ދެމެދުގައި އޮންނަ ގުޅުން ކެނޑުމުގެ ސަބަބުން އަޅުގަނޑުމެންގެ ބަހުގެ ތަރައްޤީވަނީ ހުއްޓުމަކަށް އައިސްފައެވެ. މިހާރު ގިނަ ޢަދަދަކަށް ހޮޅި (މަލަޔާޅަމް)، ހިންދީ، އަދި އިނގިރޭސި ބަސްތައްވަނީ މަލިކުގެ ދިވެހިބަހާއި މަސްހުނިވެ ބޭނުން ކުރަންފަށާފައެވެ. މިގޮތަށް އެބަހާއި އެހެން ބަސްތައް މަސްހުނި ކުރުމަކީ އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންގެ ބަހަށް ލިބޭ ވަރަށް ބޮޑު ގެއްލުމެކެވެ. އަދި މާގިނަ ދުވަހެއްނުވެ އަޅުގަނޑުމެންގެ މި މާދަރީބަސް އުވިގެންދާނެމީ އެއްވެސް ޝައްކެއް އޮތްކަމެއްނޫނެވެ. މަލިކަކީ އިންޑިޔާގެ ރަށެއްކަމުގައިވިއަސް މިބަސް މަލިކުން އުވިގެން ދިއުމަކީ ހަމަ ދިވެހިބަހަށް ލިބޭ ބޮޑު ގެއްލުމެކެވެ. ކުރިންވެސް ދެންނެވިފައި ވާނެއެވެ. (ދިވެހިރާއްޖޭގެ އައްޑުއަތޮޅާއި ހުވަދު ހުވަދު އަތޮޅާއި ފުވައްމުލަކުގައި ވާހަކަދައްކާ ދިވެހި ބަހުރުވަޔަށްވުރެ މަލިކުގައި ވާހަކަދައްކާ ބަހުރުވަ ރާއްޖޭގައި ޢާންމުކޮށް ވާހަކަދައްކާ ބަހާއި މާ އެއްގޮތަކަންބޮޑެވެ.)

ވީމާ، މަލިކުން މިބަސް، މިލޮބުވެތި ދިވެހިބަސް އުވިގެން ދިޔަނުދިނުމަށް އެހީވެދެއްވުމަށް ދިވެހިބަހަށް ލޯބިކުރައްވާ ހުރިހާ ފަރާތްތަކަށް އަޅުގަނޑު އާދޭހާއެކު އިލްތިމާސްކުރަމެވެ.

މަސްދަރު: ޑރ. ޢަބްދުލްމުނީރު / މުރައިދުގަނޑުވަރު / މަލިކު .ފަތްތޫރަ 301

ރައްދު

Your email address will not be published. Required fields are marked *