ފައިރޫޒަށް ހޭލެވުނީ ތައްޓެއް ވެއްޓި ތެޅުން އަޑަށެވެ. މީހެއްގެ ހިލަމެއް ބިލަމެއް ނުވެއެވެ. ކޮޓަރީގައި އެންމެން ތިބީ ގަދަނިދީގައެވެ. ގަޑިން މެންދަމުން އަލިވެ ބަރާބަރު 2 ޖެހީއެވެ. ފައިރޫޒް ހިތާހިތާ ސުވާލުކުރިއެވެ. “ގަޑިން ބަރާބަރު 2 ޖެހީ. މިއީ އަނެއްކާ ކޮންކަމެއްބާ! ފެންތަށި ބަންޑުންވެފައި މިއޮތީ އަހަރެންގެ ފައިވާން މައްޗަށް.” ޝައްކުގެ ތެރޭގައި ފައިރޫޒް އޮތެވެ. އޭނާގެ ލޮލަކަށް ނިންޖެއް ނައެވެ. ދޮންމަންމަގެ ހިތްކަޅުކަމާހުރެ ގޭތެރޭގައި ހިތްހަމަޖެހިލައިގެން ނޫޅެވޭތާ ނިދައިވެސް ނުލެވެއެވެ. ފައިރޫޒްގެ ހިތުގެ ހިނގުން އަވަސް ވަމުން ދިޔައެވެ. ހާސްކަން އިންތިހާއަށް އިތުރުވެގެންދިޔައެވެ. ދޮންމަންމަގެ ކެހިވެރިކަމުން ސަލާމަތްވާނީ ކޮންދުވަހަކުން ބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. ދެފުށަށް ފުރޮޅިލަ ފުރޮޅިލައި އޮތްވާ ފަތިސްވެއްޖެއެވެ. ވަސްވާސްތަކުން ސަލާމަތްވެލުމަށް މިއޮތީ ރަނގަޅު ފުރުޞަތެކެވެ. ވުޟޫކޮށްލައިގެން ފައިރޫޒް މިސްކިތަށް ދިޔުމަށް އަވަސްވެގަތެވެ.

               ނަމާދުކޮށް އަވަދިވުމުން ފައިރޫޒްގެ ހިތަށް ވެރިވާން ފެށި ޝުޢޫރު ތަފާތެވެ. ” އާނ! ޔަޤީނުންވެސް އެފެންތަށި ބަންޑުންވީ ދޮންމަންމަގެ އަތުން. އެއީ އަހަރެންނަށް ސިހުރު ހެދުމަށް ކިޔެވެލިތައް ކިޔަވާފައިހުރި ފެންތައްޓެއް.” ފައިރޫޒްގެ ހިތަށް ފިނިކަމެއް ހޯދުމަށް މުދިން ހާޖީ ކައިރިއަށް ދިޔައެވެ. ފައިރޫޒަށް ދިމާވި ކަންތަކުގެ ވާހަކަ މުދިން ހާޖީއަށް ކިޔައިދިނެވެ. މުދިން ހާޖީ ބުންޏެވެ. ” ކޮއިފުޅާ! ޝައްކުތަކުން އެއްކިބާވޭ!  ރަގަޅަށް އުޅޭ މީހަކަށް ގެއްލުމެއް ނުދެވޭނެ. ދެރަގޮތެއް ނުހެދޭނެ. ކަންކަމުން ސަލާމަށްވުމަށް ހުރި ދުޢާތަކާއި ޒިކުރުތައް ކިޔަވާ ހަދާ! އޭރުން ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ!” މުދިން ހާޖީގެ ބަސް ފައިރޫޒް ޤަބޫލުކުރިއެވެ. ދޮންމަންމަގެ ނަފްރަތަށް އަޅާ ނުލުމަށް ފައިރޫޒްގެ ހިތުގައި ބިންވަޅު ނެގިއެވެ. އޭނާގެ ސާބިތުކަން ތަޤްވާގެ ކާނާއިން ވަރުގަދަކުރިއެވެ.

                 ގޭތެރޭގައި ދިމާވަމުންދާ ކޮޅިގަނޑުތަކަށް ނިމުމެއް ނާދެއެވެ. ދޮންމަންމަގެ ނުލަފާކަން ހައްދުފަހަނައަޅައި ދިޔައެވެ. ފައިރޫޒަށް މީރުކާއެއްޗެއް ކައެއް ނުލެވެއެވެ. މަދަރުސާއަށް ދާންޖެހެނީ ތަތްވެފައިވާ ޔުނިފޯމެއްގައެވެ. އަރަންޖެހެނީ ބާވެ ހަފުސްވެފައިވާ ބޫޓަކަށެވެ. ފިލާވަޅު ދަސްކުރަން ފުރުޞަތެއް ނުލިބެއެވެ. ލައިޓްތައް ނިންވާލަނީއެވެ. ދޮންމަންމަގެ ހަޅޭކުގެ ސަބަބުން ފައިރޫޒަށްކުރާ އަސަރު އޭނާގެ ބައްޕައަށް އިޙްސާސް ނުކުރެވެނީ ހެއްޔެވެ؟ ފައިރޫޒްގެ ބައްޕަ ހުންނަނީ ދޮންމަންމައާ އެއްކޮޅަށެވެ. ފައިރޫޒްގެ ހިމާޔަތުގައި ދުވަހަކުވެސް އޭނާގެ ބައްޕަ ބަހެއް ނުބުނެއެވެ. މަލާމާތްކޮށް ގޯނާކުރަމުން ދިޔައީ އިންތިހާއަށެވެ. ނަމަވެސް ފައިރޫޒްގެ ބައްޕަ އޭނާ ދެކެލޯބިވާނެ ކަމަށް އުއްމީދުކުރެވެއެވެ. ދޮންމަންމަގެ ދަރިންނަށް މީރުކާއެއްޗެހި ކާންދެއެވެ. ރީތި ހެދުން ލައްވައެވެ. ބޭނުންވާހާކަމެއް ކޮށްދެއެވެ.

                މަދްރަސީ ޙަޔާތުން ޘާނަވީ މަރުޙަލާ ކޮންމެ ޙާލަކާލައިގެންވެސް ފައިރޫޒް ފުރިހަމަކުރިއެވެ. އެންމެ މޮޅުނޫނަސް މެދު ދަރަޖައިގެ ނަތީޖާއެއް ހޯދިއެވެ. ފިހާރައެއްގެ “ސޭލްސްމަން” އެއްގެ ވަޒީފާއަށް ފައިރޫޒް ވަނެވެ. ފަސް އެނބުރި ނުބަލައި ފައިރޫޒް ކުރިއަށް ދިޔުމަށްޓަކައި ގަދައަޅައި މަސައްކަތްކުރިއެވެ. މާގިނަ ދުވަސްތަކެއް ނުވެ ފައިރޫޒް ފިހާރައިގެ ސޭޓަކަށް ބަދަލުވިއެވެ. ދޮންމަންމަގެ ފުށުން ސަލާމަތްވުމަށްޓަކައި ކޮޓަރިއެއް ކުއްޔަށް ހިފައިގެން އެގެއިން ނުކުތެވެ.

                   ކޮންމެ ދުވަހަކުވެސް ފައިރޫޒްގެ މަސައްކަތް ނިންމާލަނީ ‘ބޮސް’ ހިތްހަމަޖެހޭ ވަރުކޮށްދީފައެވެ. ވިކުރާގެ ހިސާބު ދުވަހުން ދުވަހަށް މައްޗަށް ޖައްސައިދެމުން ދިޔައެވެ. ހިނިތުންވުމާއެކު ވިޔަފާރިކުރަން އަންނަ ‘ކަސްޓަމަރުން’ނަށް ޚިދުމަތް ދިނުމުގައި ފައިރޫޒް ދެމިހުރީ ސާބިތުކަމާއެކުގައެވެ. ފައިރޫޒަށް ލިބިގެންވާ މަޑުމައިތިރިކަމާއި ހިތްހެޔޮކަމުގެ ސިފައިގެ ސަބަބުން ‘ކަސްޓަމަރުން’ގެ ޢަދަދު އިތުރުވަމުން ދިޔައެވެ. ޢާންމުކޮށް ފިހާރައަށް އަންނަ ލީނާއަށްވެސް ފައިރޫޒްގެ މިޒާޖް ވަރަށް ކަމުދިޔައެވެ. ފައިރޫޒްގެ މާތްކަމުގެ އަސަރު ލީނާގެ ހިތުގައި ތަސްވީރުވަމުން ދިޔައެވެ. ފައިރޫޒަށް ލީނާގެ ހިތްކިޔެވެ. މާގިނަދުވަސްތަކެއް ނުވެ ލޯބީގެ ގޮތުން އެދެމީހުން ގުޅުނެވެ. އާޙަޔާތަކަށް މިސްރާބު ބަދަލުކުރިއެވެ.

                   ދުވަސްތައް މާޒީގެ ތެރެއަށް ފަރުދާވަމުން ދިޔައެވެ. ކައިވެންޏަށް ފަސް އަހަރުވީ އިރުވެސް ދަރިއަކު ނުލިބެއެވެ. ލީނާ އިންތިހާއަށް ދަރިއަކަށް އުއްމީދުކުރަމުން ދިޔައެވެ. ފައިރޫޒްވެސް ހަމަ އެފަދައެވެ. މާލޭގެ އެތަށް ޑޮކްޓަރުންނަކަށް ދަށްކައިގެންވެސް ދަރިޔަކު ލިބޭގޮތެއް ނުވިއެވެ. އިންޑިޔާ ސިލޯނަށް ފަސް ހަފަހަރު ގޮސްގެންވެސް އުއްމީދަށް އަލިކަމެއް ލިބޭގޮތެއް ނުވިއެވެ. އެންމެ ފަހުން ސިންގަޕޫރަށްގޮސް ހެދި ޓެސްޓުން ދެއްކީ ފައިރޫޒްގެ މައްސަލައެއް އުޅޭކަމަށެވެ. ލީނާ ފައިރޫޒް އާ ދޭތެރޭ  ދެކެމުން އައިގޮތް ބަދަލުވާން ފަށައިފިއެވެ. އޭނާ ފައިރޫޒްދެކެ ފޫހިވާން ފަށައިފިއެވެ. ލީނާ ފައިރޫޒްދެކެ ކިތަންމެ ފޫހިވިކަމުގައިވިޔަސް ލީނާގެ މަންމަ އާއި ބައްޕަ ފައިރޫޒަށް ވަރަށް ހެޔޮއެވެ. ގޭތެރޭގެ އެންމެންވެސް ފައިރޫޒަށް ރަގަޅެވެ. ފައިރޫޒްވެސް ލީނާގެ ޢާއިލާ ކުދިންނާ ގުޅެއެވެ. އެކުދިން ގޮވައިގެން ސައިކަލް ބުރުޖަހަން ދެއެވެ. ޕާކަށްދެއެވެ. މީރު ޗޮކްލެޓް މެޓާ ގެނެސް ދެއެވެ.

                    އެއްދުވަހެއްގެ ރޭގަނޑެވެ. ފިހާރައިގެ މަސައްކަތް ނިންމާލުމަށްފަހު ފައިރޫޒް ކޮޓަރިއަށް ވަނުމާއެކު ރުޅިވެރިކަމާއެކު ލީނާ ބުންޏެވެ. “އަހަންނަށް ކަލެއާ އިނދެގެން އުޅެވޭކަށްނެތް. އަހަރެން ވަރިކުރޭ!” ފައިރޫޒްގެ ދެލޮލުން ހޯސްކިޔާފައި ކަރުނަތައް ފައިބައިގަތެވެ. ހިތަށްކުރި ފުން އަސަރެއްގެ ސަބަބުން ފައިރޫޒްގެ ބަސް ހުއްޓުނެވެ. މުޅި ޙަޔާތަށް ބަނަ ވިލާގަނޑެއްގެ އަނަދިރިކަން ކުރިމަތިވި ފަދައެވެ. ގިތިކަމުގެ ރަހަ އިޙްސާސްކުރެވުނު ކަހަލައެވެ. މަޑުމައިތިރިކަމާއެކު ލީނާއަށް ވިސްނައިދެވޭތޯ ފައިރޫޒް މަސައްކަތްކުރިއެވެ. ޒަވާޖީ ޙަޔާތަށް ގުޑުމެއް އަޔަނުދީ ކުރިއަށް ދިޔުމަށް ލީނާގެ  ކިބައިން އާދޭހާއެކު ފައިރޫޒް އެދެމުން ދިޔައެވެ. މާތްﷲ އަށް ވަކީލުކުރުމަށް ލީނާއަށް ކިޔައިދެމުން ދިޔައެވެ. ލީނާގެ ހިތަށް މޮޑުމޮޅިކަން ވެރިވެގެން ދިޔައެވެ. އީމާންކަމުގެ ފޮނިކަން ލީނާއަށް އިޙްސާސްކުރެވުނެވެ. “ޙަޤީޤަތުގައިވެސް ފައިރޫޒަކީ ތެދުވެރިއެއް. އުއްމީދަށް ރޯޝަންކަން ގެނެސްދޭނެ ބައިވެރިއެއް. ޒާހިދު އަޅެއް. މާތްﷲގެ އިރާދަފުޅުން ޙަޔާތަށްވެރިވެފައިވާ ފުސްކަން ސާފުކޮށްދޭނެ ފިރިއަކީ ފައިރޫޒް.” ލީނާގެ ހިތުގައި ދެމިގެންދިޔަ އޮއިވަރު ލީނާގެ ދުލުން ބަޔާންކުރީ މިފަދައިންނެވެ.

ފައިރޫޒްގެ ދިރިއުޅުމަށް އެޅިފައިވާ ބޯވިލާގަނޑުން ސަލާމަތްވުމަށް ކަމަރު ބަނދެލިއެވެ. ދަރިއަކު ލިބޭތޯ ހެޔޮދުޢާކުރިއެވެ. ރޭގަނޑުގެ އަރާމް ތަންމަތި ދޫކޮށް ގަދައަޅައި ދަމު ނަމާދުކުރަން ފެށިއެވެ. އިހުނަށްވުރެ ގިނައިން ޤުރުއާން ކިޔަވަން  ފެށިއެވެ. ފަރުޟު ފަސްނަމާދަށް ރައްކާތެރިވުމުގައި ދެމިހުއްޓެވެ. ލީނާވެސް ފުރިހަމަ އީމާނުގައި ފައިތިލަ ސާބިތުކުރިއެވެ. ފައިރޫޒް ވިޔަފާރި ދަތުރެއްގައި ބޭންކޮކަށް ގޮސްހުއްޓައި ފައިރޫޒްގެ ކައިވެންޏަށް އަށް އަހަރާ ހަތާވީސްވީ ދުވަހު ލީނާ، ފައިރޫޒްގެ ދަރިއަކަށް ބަލިވެ އިންކަމުގެ އުފާވެރި ޚަބަރު ލިބުނެވެ. ހުރި އުފަލެއްގެ ބޮޑުކަމާއެވެ. މާތްﷲގެ ކުޅަދުންވަންތަކަން ނިކަން ދެކެބަލާށެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން ފައިރޫޒް އޭނާގެ ބައްޕައަށް ފޯނުކޮށްފައި އެޚަބަރު ދިނެވެ. ނަމަވެސް ބައްޕަގެ މާބޮޑު އަޅާލުމެއް އެކަމަކަށް ނުދިނެވެ. ވާނީވެސް އެހެންތާއެވެ. ފައިރޫޒް އުޅެމުން ދަނީ ކޮން ޙާލެއްގައިތޯވެސް އޭނާގެ ބައްޕަ ބަލައެއް ނުލައެވެ.

ނުވަމަހާ އައްޑުވަސްވީ ދުވަހު ލީނާ ވިހައިފިއެވެ. އައި.ޖީ.އެމް ހޮސްޕިޓަލުގައި ލީނާ އެނދުމަތިކުރީތާ ދެދުވަސްފަހުންނެވެ. ދަރިފުޅުގެ ޙާލުރަގަޅެވެ. ލީނާގެ ފިރުމުންތަކުން ދަރިފުޅުގެ ހިތަށް ތާޒާކަން ލިބެމުން ދިޔައެވެ. ދަރިފުޅު ބޮޑުވަމުން އަންނަނީ މައެއްގެ ފުރިހަމަ އަޅާލުމުގެ ތެރެއިންނެވެ. ބަފައެއްގެ ހިތްހެޔޮކަމުގެ ތެރެއިންނެވެ. ލީނާގެ މަންމަ އެހެން މާމަ ދަރިންނަށްވުރެ ބޮޑަށް ލީނާގެ ލޯބިވާ މައިޝާ ދެކެ ލޯބިވެއެވެ. އަޅާލައެވެ. ފެންވަރުވައިދެއެވެ. މާމަގެ އަތުން ކާންދެއެވެ.

ގޭތެރޭގައި ކުދިވެރިން ކުޅެމުންދެއެވެ. އެއްކުއްޖަކު އަނެއް ކުއްޖަކަށް ތޮޅެ ހަދައެވެ. ދެބަސްވެއެވެ. ފަހަރިންނަށް ފަހަރިންގެ ދަރިން ދޮންފުތުވާން ފަށައިފިއެވެ. މާމަ ދަރިޔަކީ ހަމައެކަނި ލީނާގެ ދަރިކަމުގައި ފަހަރިންގެ ދުލުން ބޭރުވާން ފަށައިފިއެވެ. މިއަޑު ތަކުރާރުވާން ފަށައިފިއެވެ. ނަފުރަތުގެ ބަސްތައް ގޭތެރެއިން ބަންޑުންވިއެވެ. ކުރިއެކޭވެސް އެއްގޮތަށް ފައިރޫޒް، ލީނާގެ ކޮށްކޮމެންނާ ދޭތެރޭ ކަންތައް ކުރެވޭތޯ ބެލިއެވެ. ނަމަވެސް ފަހަރިންގެ މޫނުމަތިން ފެންނަ ރާޅުކަން އިތުރުވެގެން ދިޔައެވެ. ގޭތެރޭގެ މަޝްރަހަށް ފިނިކަމެއް ލިބޭނެ މަގެއް ނުފެނުނެވެ.

އެންމެފަހުން ފައިރޫޒް އެހެން ގެއަށްކަށް ބަދުލުވުމަށް މަޖްބޫރުވިއެވެ. ފައިރޫޒްގެ ލޯބިވާ އަނބިމީހާއާއި ހިތުގެ ފިނިކަންކަމުގައިވާ ފައިރޫޒްގެ މައިޝާ އާއެކު އެހެން ގެއަކަށް ބަދަލުވިއެވެ. އަމިއްލަ  އާދިރިއުޅުމަކަށް ދަތުރުފެށިއެވެ. އެދިރިއުޅުމުގައި ރަންދޯދީގެ އަލިކަން ފައުޅުވާން ފަށައިފިއެވެ. ހަމަޔަޤީނުންވެސް އެޙަޔާތަށް ވެރިވީ ހިތްގައިމުކަމެވެ.

              ޖެހުނު ގަދަކޮޅިގަނޑުތަކުން ފެށުނޭ ޙަޔާތް މަތިވެރިކަމުން

                                ލިބުނު ގިނަ ޢިބްރަތްތަކުން ވެރިވީ ޙަޔާތަށް ހިތްގައިމުކަން

Published by އަޙުމަދު އިބުރާހިމް/ ނ.ޅޮހި

އަޙުމަދު އިބްރާހިމް އަކީ ތަޢުލީމީދާއިރާގެ ތަފާތު ތަޖުރިބާތަށް ކޮށްފައިވާ ހިންގުންތެރިއެކެވެ. އަދި ތަޖުރިބާކާރު ޓީޗަރެކެވެ. އަދި މޮޅު ލިޔުންތެރިއެކެވެ.

Leave a comment

Your email address will not be published. Required fields are marked *