އިސްރާފުކުރުމަކީ، ޚިޔާނާތެކެވެ. އެތައް ބަޔަކަށްވެވޭ އެތައް ހިތި ނަތީޖާ ނިކުންނަ ކަމެކެވެ. އިސްރާފުކުޮށްލެވޭ އެއްމެ ރޮށިފަޅިއަކުންވެސް އެތައްބައެއްގެ ބުރަ މަސައްކަތާއި، ހޭދައާ ވަގުތު ބޭކާރުވެގެން ދެއެވެ. ތިބާއަށް މި ރޮށިފަޅީގެ މުހިންމުކަން ނޭނގިދާނެއެވެ. އެކަމަކު ދުނިޔޭގައި، ބަނޑުފުރާނަ މުއްތިކުރާނެ ރެވިއޮއްޓަރެއްގެ މިންވަރުވެސް ނެތި ހަނަފަސްކަމާ، ހައިހޫނުކަމުގައި ދުނިޔެ ދޫކުރަމުންދާ ޅަދަރިންގެ ޢަދަދު އެނގިއްޖެނަމަ، އެކަމާ ވިސްނާ ފިކުރު ކޮށްލައިފި ނަމަ، ގައިން ހީބިހި ނަގައިގެން ދާނެކަން ކަށަވަރެވެ.

ދުނިޔޭގެ ތިމާވެށިގެ ދުވަހުގެ މި އަހަރުގެ ސިޔާރު ގުޅިފައިވަނީ އިސްރާފުކުރުމާ ދެކޮޅަށެވެ. ކާބޯތަކެތިން ކުރާ އިސްރާފު މަދުކުރުމާ ދެކޮޅަށެވެ. ދުނިޔޭގެ މުއްސަނދިންގެ ސަހަރުކަމުގައިވާ ހުޅަނގުގެ ގައުމުތަކުގެ މީހުން މިކަމަށް ހޭއެރިކަމީ ނަސީބެއްތާއެވެ. ދުލުކުރިންނަ މަވެސް ބުނެލަން އޫޅާކަން އެއީ ހެޔޮފާލެކެވެ. އެހެނީ މުޅި ސަބުސަހާރާ އެފްރިކާގައި އުފަށްދާ ޖުމްލަ ކާބޯތަކެއްޗަށްވުރެ، ދުނިޔޭގައި އިސްރާފުކޮށް އުކާލެވޭ ކާއެއްޗެހި ގިނައެވެ. އަލިފު ދާލުގެ “ކާނާއާ ދަނޑުވެރިކަމާ ބެހޭ ޖަމިއްޔާ”ގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރަކު 1.3 ބިލިޔަން ޓަނުގެ ކާބޯތަކެތި އިސްރާފުކުރެއެވެ. އެހެންކަމާއެކުވެސް ދުނިޔޭގެ ކޮންމެ 7 މީހަކުން އެކަކު ދުވަސްނިންމާލަނީ ބަނޑުހައި ހޫނުކަމާއެކުއެވެ. 5 އަހަރުން ދަށުގެ 20،000 ކުޑަކުދިން ކޮންމެ އަހަރަކު ބަނޑުހައި ހޫނުކަމުގެ ސަބަބުން މަރުވެއެވެ. މި ހިސާބުތަކަށް ބަލާ އިރު، އިސްރާފުގެ “ހިތި ބިލް” އެތައް ބިލިއަން ޑޮލަރަކަށް އަރާނެ ކަން ކަށަވަރެވެ.

ކާބޯތަކެތި އިސްރާފުކުރުމުގެ ސަބަބުން އިސްރާފުވެގެން ދަނީ ހަމަ އެކަނި ތަރުކާރީއާ މޭވާއެއް ނޫނެވެ. ގޮދަނާ، މަހާ ކިރެއްވެސް ނޫނެވެ. ވަގުތާ ފައިސާ އާ، ކާ އެއްޗެހި އުފަށްދަން ކުރާ ބުރަމަސައްކަތްވެސް ބޭކާރުވެ އިސްރާފު ވެގެންދެއެވެ. އަޅުގަނޑުމެން އެއްލާލާ ޕާންފޮއްޗާ މެދު ވިސްނާލަމާތޯއެވެ. ޕާންފޮއްޗެއް އުފެއްދުމަށްޓަކައި ގޮދަންބޭނުންވެއެވެ. ގޮދަން ހެއްދުމަށްޓަކައި، ދަނޑުވެރިންނާ، ބިމާ، ބޭހާ، ފެނާ ގަސްކާނާ ބޭނުންވެއެވެ. އަދި މިއާ ގުޅުންހުރި ހުރިހާ ކަމާކާއި ތަކެއްޗެއް ބޭނުންކުރެވެއެވެ. ޕާން ފިހުމަށްޓަކައި، މެޝިނާ، ކެޕިޓަލް ބޭނުންވެއެވެ. އަދި އެތަށް ތެލެއް އަންދަންޖެހެއެވެ. މީގެ ސަބަބުން ނުރައްކާތެރި ގޭސްތައް ޖައްވަށް ގޮސް، ޖައްވު ކިލަނބުކުރެއެވެ. މިދެންނެވުނީ އެއްމެ ޕާން ފޮއްޗެއް އުފެންދުމަށް ކުރަން ޖެހޭހާ ކަންކަމެވެ. އެހެން ކަމުން އިސްރާފުކުރެވޭ ޕާންފޮތިން އިސްރާފު ވެގެން އެދަނީ ޙިޔާލަށް ގެންނަންވެސް އުނދަގޫވާހާ ގިނަ އެއްޗިއްސެވެ.

މީހުންއުޅޭ ސަރަޙައްދުގެ %25 ބިމަކީ ކާނާ އުފެއްދުމަށްޓަކައި ބޭނުންކުރާ ބިންތަކެވެ. އިނސްސާނުން ބޭނުންކުރާ ފެނުގެ %70 ޕަސެންޓް ބޭނުންކުރަނީ ކާނާ އުފެއްދުމަށެވެ. އަދި ކާނާ އުފެއްދުމަށްޓަކައި ޖަންގަލިތަކުގެ %80 ހަލާކުވެގެންދާއިރު، %30 ގްރިންހައުސް ގޭސް ޖައްވައްބޭރުވެގެން ދެއެވެ. މިއީ އެއްކަމަކަށް ދުނިޔޭގެ ވަސީލަތްތައް އެއްމެބޮޑަށް ބޭނުންކުރާ އެއް ކަންތަކެވެ. އެކަމަކު އަދިވެސް ދުނިޔޭ ދަނީ ބަނޑަށް ޖެހެމުންނެވެ.

ދުނިޔެއަށް ކުރިމަތި ވެފައިވާ އެއްމެބޮޑު އެއްކަންބޮޑުވުމަކީ ދުނިޔޭގެ އަހުލުންނަށް ކާބޯތަކެތި އިންސާފުވެރިކަމާއެކު ފޯރުކޮށް ނުދެވުމުގެ ކަންބޮޑުވުމެވެ. ދުނިޔޭގެ އާބާދީ 7 ބިލިއަނަށް އަރާފައިވާއިރު އޭގެ %14 މީހުންތިބީ މަލްނިއުޓްރިޝަންގެ ޝިކާރަ އަކަށްވެފައެވެ. ދުނިޔެގެ އާބާދީ 2050 ހުގަ 9 ބިލއިއަނަށް އަރާނެކަމަށް ލަފާކުރާއިރު، މިހާރު އަޅުގަނޑުމެންގެ ޢަމަލުތައް މިދާގޮތް ބަދަލު ނުކޮށްފިނަމަ، އާދެ އިސްރާފުނުކުރުމާ، ފަހަށްރައްކާކުރުމާއި، ހަމަހަމަކަން އިސްނުކޮށްފިނަމަ، ދުނިޔޭގެ ބަނޑަށް ޖެހިފައިވާ އާބާދީ އެތައް ގުނައަކަށް އިތުރުވެދާނެއެވެ.

ބަނޑުހައި ހޫނުކަމާދެކޮޅަށް، ކުރެވޭނެ އެއްމެ ބޮޑު އެއްކަމަކީ، އިސްރާފުކުރުން ދޫކޮށް، ފަހަށް ރައްކާކުރުމެވެ. އަދި ލިބޭމީހުން ނުލިބޭމީހުންނަށްދީ، އަޚުވަންތަކަމާ، އޯގާތެރިކަމާ، ހަމްދަރުދީން އަޅުގަނޑުމެންގެ ހިތްތައް ފުރާލުމެވެ. އަދި ދަނޑުވެރިކަމުގައި ޒަމާނީ ޓެކްނޮލޮޖީބޭނުންކޮށް އެފަދަ ޓެކްނޮލޮޖީ ފަޤީރު ގައުމުތަކަށާއި، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ އަތްފޯރާ ހިސާބަށް ތިލަކޮށްދިނުމެވެ. ސިޔާސަތުތައް ރާވާހިންގާ މީހުންނަކި އިހްލާސްތެރި އަމާނަތް ތެރި ބަޔަކަށް ވުމެވެ.

އިސްރާފުނުކުރުމަށް އަޅުގަނޑުމެންގެ ދީން އަޅުގަނޑުމެންނަށް އަމުރުކުރެއެވެ. އަދި އިންސާނަކު ފުރާނެ އެއްމެ ނުބައި ކަންވާރަކީ އޭނާގެ ބަނޑުކަމުގައި އަޅަމަންގެ މާތް ރަސޫލާ ވަނީ އިންޒާރު ކުރައްވާފައެވެ. އަދި ފަހުޒަމާނުގައި މުދަލާއި ކާނާއިތުރުވެ ބަންޑުންދާވަރުވާނެކަމާށައި، ނަމަވެސް ބަޔަކުމީހުން ފަޤީރުކަމާ އެކު އުޅޭނެކަން މާތް ރަސޫލާވަނީ އަންގަވާފައެވެ. އެކަމަކު އެއީ ދުނިޔެ ފަޤީރުވުމީމައެއް ނޫނެވެ. އެކަމަކު ދުނިޔޭން އަމާނަތްތެރިކަން އަރުއްވައިގަނެ އިޙްލާސްތެރިން ޣައިބު ވީމައެވެ. ހުރިހާ ކަމެއްގެވެސް ހައްލު ފެންނަން އޮތީ އިސްލާމް ދީނުގައެވެ. އެ ހައްލުހޯދޭނީ ފެންނަށް އޮތް ހަޤީޤަތުގެ މަށްޗަށް އިންސާނުން ޢަމަލުކުރުމުންނެވެ.

ނޯޓް: މިލިޔުމުގައިވާ ތަފާސް ހިސާބުތަށް ނަގާފައިވަނީ ޔޫއެންގެ ރަސްމީސައިޓުންނެވެ.

Published by އަބޫ ނީމް

އަބޫ ނީމް އަކީ ލިޔުންތެރިކަމަށް ވަރަށް ޝައުޤުވެރި ލިޔުންތެރިކަމުގެ ތެރެއަށް ވަންނަމުން އަންނަ ޒުވާނެކެވެ.

Leave a comment

Your email address will not be published. Required fields are marked *