މިއަދަކީ ބަރަކާތްތެރި އަޟްހާ ޢީދު ދުވަހެވެ. އިސްލާމީ އުންމަތަށް އަންނަ އެންމެ އުފާވެރި އެއްދުވަހެވެ. އަދި ދިވެހިންނަށްވެސް އައި އެންމެ އުފާވެރި ދުވަހަކީ އީދުދުވަހެވެ.  ހަމަ އެހެންމެ  މާތްވެގެންވާ މައްކާގެ ބިމުގައި އަޅުގަނޑުމެންގެ  އަޙުންނާއި އުހުތުން ހައްޖުގެ މާތް އަޅުކަން އަދާކުރުމަށް ގޮސްފައިވާއިރު އަޅުގަނޑުމެން ހަނދާންކުރަން ޖެހޭ ގިނަ ކަންތައް ތަކެއް އެބަހުއްޓެވެ. ހައްޖުވެރިންގެ އާއިލާތަކުންވެސް މިކަންކަމާއި މެދު ވިސްނާ ހެޔޮ ދުވާކޮށް ހެޔޮ މަގުގައި ލެހެއްޓެވުން އެދި ދުޢާކުރަން ޖެހެއެވެ.

އެ މާތް މަތިވެރި އަޅުކަން އަދާކުރުމަށްފަހު ކުރީގެ ގޮތަށް ޖާހިލު ކަމުގެ ތެރެއަށް ވެއްޓި މަގު ގެއްލި ދާ މީހުންވެސް މަދެއް ނޫނެވެ. އަޅުގަނޑު މި ބަޔާންކުރަނީ ދީން ބަދަލުކުރުން ނުވަތަ އެންމެ ބޮޑެތި ފާފަތައް ކުރާ މީހުން ގިނަ ވާހަކައެއް ނޫނެވެ. އެހެންނަމަވެސް ހައްޖުގެ އަޅުކަމަށް ފަހުވެސް ﷲ ނުރުއްސަވާ ފަދަ ފާފަތަކުރުން އާންމުވެފައި ވާހަކައެވެ. އެފަދަ ފާފަތައް ތަކުރާރު ކުރަމުންދާ ވާހަކައެވެ. އޭގެތެރޭގައި ޒުވާބުކުރުމާއި ހަޑިހުތުރު އެއްޗެހި ގޮވުމާއި ނެތި ނުބައި ކިޔުމާއި ނަމާދުތައް އަދާކުރުމުގައި ފަރުވާ ކުޑަވެ އާއިލީ ގުޅުންތައްވެސް ކަނޑާވާހަކައެވެ.  އެހެންކަމުން މިފަދަ ކަންކަމާއި މެދު ވިސްނާ ޙައްޖުގެ އަޅުކަމުގެ ސަބަބުން ލިބުނު ހެޔޮ ދަރުމައާއި ސަވާބަށްވުރެ ނުބައި އަމަލު ގިނަވެދާނެފަދަ އަމަލުތައް ކުރުމާއި ދުރުހެލިވުން ހުއްޓެވެ. އެހެން ނޫންނަމަ ތިމާ ކުރި  މާތްވެގެންވާ އަޅުކަމުގެ ސަވާބާއި ދަރުމަ ބޭކާރުވެ އަބާއްޖެވެރިންގެ ތެރޭންވުމަކީ އެކަށީގެންވާ ކަމެކެވެ. މޮޅަށް ދެނެވޮޑިގެން ވަނީ ﷲ އެވެ.

ﷲ ގެ ފުޅަށް ގޮސް މާތްވެގެންވާ ހައްޖުގެ އަޅުކަން އަދާކޮށްގެން އަންނަ ފަރާތްތަކުގެ އާއިލާތަކުގައި ހިމެނޭ ފަރާތްތަކުން ﷲ ގެ މިއާޔަތްތައް އެފަރާތްތަކަށް ހަނދުމަކޮށްދީ ތެދުމަގުގައި ސާބިތުވުމަށް އެހީތެރިވެދޭށެވެ.

ކީރިތި ޤުރުޢާނުގައި ވަނީ:

ފަހެ، ތިޔަބައިމީހުންގެ ޙައްޖުގެ ހުރިހާ އަޅުކަމެއް އަދާކޮށް ނިމިއްޖެހިނދެއްގައި ތިޔަބައިމީހުން، ތިޔަބައިމީހުންގެ ކާބަފައިން ހަދުމަކޮށް އުޅުނު ފަދައިން ނުވަތަ އެއަށްވުރެ ގަދަވެގެންވާ ހަނދުމަކުޅައުމަކުން ތިޔަބައިމީހުން ﷲ ހަނދުމަކުރާށެވެ! ” އަޅަމެންގެ ވެރި ރަސްކަލާކޮއެވެ! ދުނިޔޭގައިވެސް އަޅަމެންނަށް ހެޔޮކަން ދެއްވާންދޭވެ” އޭ ކިޔާ ދުޢާކުރާ މީހުން މީސްތަކުންގެ ތެރެއިންވެއެވެ. އެއިން މީހަކަށް އާޙިރަތުގައި އެއްވެސް ނަސީބެއްނެތެވެ.( ސޫރަތުލް ބަޤަރާގެ 200 ވަނަ އާޔަތުގެ މާނަ)

އަދި  ” އަޅަމެންގެ ވެރި ރަސްކަލާކޯއެވެ! ދުނިޔޭގައި ހެޔޮކަން އަދި އާޙިރަތުގައިވެސް ހެޔޮކަން އަޅަމެންނަށް ދެއްވާންދޭވެ، އަދި ނަރަކައިގެ އަޒާބުން އަޅަމެން ދިންނަވާދޭވެ” އޭ ކިޔައި، ދުޢާކުރާ މީހުންވެސް އެއުރެންގެ ތެރެއިންވެއެވެ.(201 ވަނަ އާޔަތުގެ މާނަ)

އެއުރެން ހޯދި ހެޔޮކަމުގެ ނަސީބު  އެއުރެންނަށް ހުށްޓެވެ. ﷲއީ، ހިސާބު ބެއްލެވުން އަވަސްވެ ވޮޑިގެންވާ ރަސްކަލާންގެއެވެ.(202 ވަނަ އާޔަތުގެ މާނަ)

އިސްލާމީ އުންމަތަށް ނަސްރުދެއްވާ މިއަހަރުގެ ޙައްޖުގައި ބައިވެރި ފަރާތްތައް ތެދުމަގުގައި ސާބިތުކުރަށްވާންދޭވެ! آمين
و الله أعلم
وسلام على المرسلين

އާޔަތްތަކުގެ މާނަ ނަގާފައިވަނީ ދިވެހި ޤުރުއާން ތަރުޖަމާއިން

Published by ހެޔޮބަސް ޓީމް

އަޅުގަނޑުމެންގެ މަޤްޞަދަކީ ދިވެހިންނަށް ހެޔޮބަސް ފޯރުކޮށްދިނުމެވެ.

Leave a comment

Your email address will not be published. Required fields are marked *