ވަކި ޚާއްޞަ ކުއްޖަކު ހޯދުމަށްޓަކައި ދުޢާ ކުރެވިދާނެތަ؟

މިހާރަކަށްއައިސް ވަރަށް ގިނަބަޔަކު ވަކި ޚާއްޞަ ކުއްޖަކު ހޯދުމަށްޓަކައި ދުޢާ ކުރެވިދާނެތޯ ސުވާލު އުފައްދައެވެ. ހާއްސަކޮށް ޓީން އޭޖްގެ ކުދިންގެ މެދުގައި މިކަން އާންމުކަމަށް ފާހަގަކުރެވެއެވެ. އެހެންކަމުން މި ސުވާލުގެ ޖަވާބެއް ހޯދާ އެ ޖަވާބެއް އާންމުކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމެއްކަމަށްދެކި އެމްވީ ކިއުއޭ އިން ސުވާލުގެ ޖަވާބު ހޯދުމަށްފަހު ހެޔޮބަސްގެ ކިއުންތެރިންނާއި ޖަވާބު ހިއްސާކުރަމެވެ. ޖަބާބު ދެއްވާފައިވަނީ ފަޟީލަތުއްޝައިޚް މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފްއެވެ

ސުވާލު:ކައިވެންޏަށް، ވަކި ޚާއްޞަ ކުއްޖަކު ހޯދުމަށްޓަކައި ދުޢާ ކުރެވިދާނެތޯއެވެ؟ ނޫނީ ދުޢާ ކުރަންވީ ޢާންމުކޮށް ޞާލިޙް ކުއްޖެއް ދެއްވާތޯއެވެ؟

ޖަވާބު:

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ކައިވެންޔަކީ އަރާމާއި ހިތްހަމަޖެހުން ލިއްބައިދޭ ކަމެކެވެ.އެއީ ދުނިޔޭގެ އެންމެ މަތީ އުފާވެރި ކަމެވެ. އަދި މާތް ﷲ ގެ ގުދްރަތްތެރިކަމުގެ ދަލީލުތަކުގެ ތެރެއިންވާކަމެކެވެ. މާތް ﷲ ރޫމް ސޫރަތުގެ 21 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ.   )وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ ( الروم: ٢١   މާނައަކީ: “ތިޔަބައިމީހުން އާދަމްގެފާނުގެ ޖިންސުން ޙައްވާގެފާނުގެ ޖިންސު އުފައްދަވައި، އެދެމެދުގައި ހިތްހަމަޖެހުމަށް ރަޙްމަތާއި، ގުޅުން ލެއްވުން، އެއީ، އެކަލާންގެ ކުޅަދުންވަންތަކަމުގެ ދަލީލުތަކުގެ ތެރެއިންވާކަމެކެވެ. ހަމަކަށަވަރުން އެއީ، ވިސްނާމީހުންނަށް ހުރި ދަލީލުތަކެކެވެ.

ކައިވެންޔަކީ އިންސާނާގެ ޙަޔާތް ބާއްޖެވެރިވުމަށް މެދުވެރިވާ ކަމެކެވެ. މާތް ﷲ ރުއްސުން ލެއްވި ސަޢީދު ބިން އަބީ ވައްގާޞް ރިވާ ކުރެއްވި ޙަދީޘް އެއްގައިވެއެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (مِنْ سَعَادَةِ ابْنِ آدَمَ ثَلاَثَةٌ ، وَمِنْ شِقْوَةِ ابْنِ آدَمَ ثَلاَثَةٌ ، مِنْ سَعَادَةِ ابْنِ آدَمَ : الْمَرْأَةُ الصَّالِحَةُ ، وَالْمَسْكَنُ الصَّالِحُ ، وَالْمَرْكَبُ الصَّالِحُ ، وَمِنْ شِقْوَةِ ابْنِ آدَمَ : الْمَرْأَةُ السُّوءُ ، وَالْمَسْكَنُ السُّوءُ ، وَالْمَرْكَبُ السُّوءُ). މާނަ އަކީ: “އާދަމުގެ ދަރިޔާ ބާއްޖެވެރިވުމަށް މެދުވެރިވާ ތިން ކަމެއްވެއެވެ. އަދި އަބާއްޖެވެރިވުމަށް މެދުވެރިވާ ވެސް ތިން ކަމެއްވެއެވެ. ބާއްޖެވެރިވުމަށް މެދުވެރިވާ ކަންތަކުގެ ތެރޭގައި: ޞާލިޙް އަންބަކު ލިބުމާއި، އުޅޭނެ ރަގަޅު ތަނެއް ލިބުމާއި، ދުއްވާނެ ރަގަޅު ސަވާރީ އެއް ލިބުން ހިމެނެއެވެ. އާދަމުގެ ދަރިޔާ އަބާއްޖެވެރި ކުރުވާ ކަންތައްތަކުގެ ތެރޭގައި: ނުބައި އަންހެނަކާއި ޖެހުން، ދިރިއުޅެން ރަގަޅު ތަނެއް ނުލިބުން، އަދި ދުއްވާނެ ރަގަޅު ސަވާރީ އެއްނުލިބުންހިމެނޭ”.

ކައިވެންޔަކީ ދީނުގެ ދެބައިކުޅަ އެއްބައެވެ. މާތް ﷲ ރުއްސުންލެއްވި އަނަސް ބިން މާލިކްގެ ކިބައިން ރިވާވެގެންވާ ޙަދީޘް އެއްގައި އަންނަނީ ކީރިތި ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (مَن رزقه الله امرأة صالحة فقد أعانه الله على شطر دينه ، فليتق الله في الشطر الثاني) މާނައަކީ: މާތް ﷲ މީހަކަށް ޞާލިޙް އަންބަކު ދެއްވައިފިނަމަ އޭނާގެ ދީނުގެ ދެބައިކުޅަ އެއްބައި ފުރިހަމަ ކުރުމުގައި އެހީތެރިވެދެއްވައިފިއެވެ. ބާކީ އޮތް ބަޔާމެދު ތިޔަބައިމީހުން މާތް ﷲ އަށް ބިރުވެތިވެ ތަގްވާވެރިވާށެވެ. އެހެން ރިވާޔަތެއްގައި އާދެއެވެ. (إذا تزوج العبد فقد استكمل نصف الدِّين فليتق الله فيما بقي) މާނައަކީ: “އަޅާ ކައިވެނި ކޮށްފިނަމަ އޭނާގެ ދީނުގެ ދެބައިކުޅަ އެއްބައި ފުރިހަމަ ވެއްޖެއެވެ. ބާކީ އޮތް ބަޔާއިމެދު މާތް ﷲ އަށް ބިރުވެތިވެ ތަގްވާވެރިވާށެވެ”.

މިޙަދީޘްގެ ދޭހަ އަކީ އަޅާ ކައިވެނި ކުރުމުން އޭނާގެ ފޮރުވިފައިވާ ގުނަވަންތައް ރައްކާތެރިކޮށްދީ އޭނާ ޢިއްފަތް ތެރި ކުރުވައެވެ. އެހެންކަމުން ނުބައިކަމުގެ އެންމެ ބޮޑު ދެދޮރު ގެ ތެރެއިން އެއްދޮރު ބަންދުވީއެވެ. ބާކީ އޮތް ދެވަނަ ދޮރާއިމެދު ސަމާލުވާށެވެ. އެއީ އިންސާނާގެ ދުލެވެ. އެހެނީ އިތުރު އެކަލޭގެފާނުގެ އެހެން ބައެއް ޙަދީޘް ތަކުން ދޭހަވާ ގޮތުގައި އިންސާނުން އެންމެ ގިނައިން ނަރަކަ އަށް ވައްދަވަނީ ފޮރުވިފައިވާ ގުނަވަންތައް ޢިއްފަތްތެރި ކަމާއިއެކު ރައްކާތެރި ނުކުރެވުމުގެ ސަބަބުންނާއި ދޫ ރައްކާތެރި ނުކުރެވުމުގެ ސަބަބުންނެވެ. އެހެންކަމުން ޙަދީޘް ކުރައްވާފައިވެއެވެ. (من يضمن لي ما بين لحييه وما بين رجليه أضمن له الجنة) މާނަ އަކީ: “ތިޔަބައިމީހުން ގެ ދެކޯދޭތެރޭގައިވާ ތަނާއި (ދޫ)، ދެފައިދޭތެރޭގައިވާތަން (ފަރްޖު) ރައްކައުތެރި ކުރާނެ ކަމުގެ ޖާމިނުކަން ދިން މީހަކަށް ސުވަރުގެ ލިބޭނެކަމުގެ ޖާމިނުކަން ތިމަންކަލޭގެފާނު ދެއްވަމެވެ”.

އެހެންކަމުން ކައިވެނި ކުރުމުގެ ބޮޑު ނިޢުމަތް މާތް ﷲ ދެއްވުމުން ދީނުގެ ބާކީ އޮތްބައި ކަމުގައިވާ ދުލާއި މެދު ޚާއްޞަ ފަރުވާތެރި ކަމެއް ބަހައްޓަންވާނެ އެވެ. މީހުންގެ ވާހަކަ ދެއްކުމާއި ދެބައޮޑުވުމާއި މިފަދަ ނުބައި ނޭއްގާނީ ކަންތަކުން ދުރުހެލިވެ، މާތް ﷲ ޛިކުރުކުރުމާއި ހެޔޮބަސް ބުނުމަށް މެނުވީ ދުލުގެ ބޭނުން ހިފައިގެން ނުވާނެއެވެ.

ޒަވާޖީ ޙަޔާތް އެންމެ ފުރިހަމަ ގޮތުގައި ބާއްޖެވެރި ކުރުވުމަށްޓަކައި ކައިވެނީގެ ކުރިންނާއި ފަހުން، އަދި ކައިވެނީގެ ހުރިހާ ކަންތަކެއްވެސް ގެންދަންވާނީ ކީރިތި ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމަ ދެއްވި މަތިވެރި އިރްޝާދުތަކުގެ އަލީގައެވެ.

·      ކައިވެނީގެ ކުރިން ކުރަންޖެހޭ ކަންތައްތައް:

ކައިވެނީގެ ކުރިން ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި ކައިވެންޔަށް އިޚްތިޔާރު ކުރެވޭ ކުއްޖާ އަކީ ތިރީގައިމިވާ ޞފަތައް ފުރިހަމަވާ ކުއްޖެއް ކަމުގައިވާންވާނެ އެވެ.

1.                    ދީންވެރި ޞާލިޙް ކުއްޖަކު އިޚްތިޔާރު ކުރަންޖެހެއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިންރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (تُنكَحُ المرأةُ لأربَعٍ : لِمَالِهَا وَلِحَسَبِهَا وَجَمَالِهَا وَلِدِينِهَا فَاظفَر بِذَاتِ الدِّينِ تَرِبَت يَدَاكَ) މާނަ އަކީ: “ހަތަރުކަމަކަށް އަންހެނުންނާއި ކައިވެނިކުރެވެ އެވެ. އޭނާގެ މުދާވެރިކަމާއި، ހަސަބާއިނަސަބުގެ މަތިވެރިކަމާއި، ރިވެތިކަމާއި، ދީންވެރިކަމަށެވެ. ތިޔަބައިމީހުން ދީންވެރި ކަމަށް އިސްކަންދޭށެވެ”.

މިޙަދީޘްގައި ދީންވެރިކަމަށް އިސްކަންދޭށޭ އޮތުމުން އޭގެ މާނަ އަކީ އަންހެން ކުއްޖާގެ ރީތި ކަމާއި މެދު އަޅާ ނުލުމެއް ނޫނެވެ. މިޙަދީޘްގައި އެވަނީ މީސްތަކުން އާއްމު ގޮތެއްގައި ކައިވެނި ކުރުމުގައި ބަލައި އުޅޭ ކަންތައްތަކުގެ ވާހަކަ އެވެ. އެހުރިހާ ކަމަކަށްވުރެ ދީންވެރިކަން މުހިންމު ވާހަކަ އެވެ. ހަމައެކަނި ރީތިވުމަކުން ނުފުދޭނެކަމާއި، ރީތިކަމާއި އެކު ދީންވެރިކަންވެސް ހުންނަންޖެހޭނެ ވާހަކައެވެ.

2.    އަންހެން ކުއްޖާގެ ރީތިކަމަށް ވެސް ކޮންމެވެސް ވަރަކަށް ބަލަންވާނެއެވެ. ރަސޫލް ޞައްލަ ﷲ އަލައިހި ވަސައްލަމް ގެ އަރިހުން އެންމެހެޔޮކަންބޮޑު އަންހެނަކީ ކޮބައިތޯ ސުވާލު ކުރެވުމުން ޙަދީޘް ކުރެއްވިއެވެ. (التِي تَسُرُّهُ إِذَا نَظَرَ إِليهَا ، وَتُطِيعُهُ إِذَا أَمَر ، وَلا تُخَالِفُهُ فِي نَفسِهَا وَلا فِي مَالِهِ بِمَا يَكرَهُ) މާނަ އަކީ: “އެންމެ ހެޔޮ އަންހެނަކީ ފިރިމީހާ އޭނާ އަށް ބަލައިލުމުން އުފާވެރިކަންލިބޭ، ކަމަކަށް އަމުރުވެވިއްޖެނަމަ ކިޔަމަންތެރިވާ،  ނަފްސާއި މުދަލުން ފިރިމީހާ ނުރުހޭފަދަ ކަންތަކުން ދުރުހެލިވެގެންތިބޭ އަންހެނުންނެވެ”.

އަންހެން ކުއްޖާގެ ރީތިކަމަށް ބެލުމަކީ އިސްލާމްދީން ހުއްދަ ކުރާކަމެއްކަން ދޭހަވާ އަނެއް ދަލީލަކީ ކައިވެނީގެ ކުރިން އަންހެން ކުއްޖާއަށް ބެލުމަށް ކީރިތި ރަސޫލް ޞައްލަ ﷲ އަލައިހި ވަސައްލަމަ އިރްޝާދު ދެއްވާފައިވުމެވެ. ޙަދީޘް ކުރެއްވިއެވެ. (أنظر إليها فإنه أحرى أن يؤدم بينكما ) މާނަ އަކީ: “ކައިވެނި ކުރަން އުޅޭ އަންހެންކުއްޖާ އަށް ބަލާށެވެ، އެއީ ތިޔަ ދެމީހުންގެ ކައިވެނި ދެމިއޮތުމަށް އެޅޭ ބާރެކެވެ”. ކައިވެނީގެ ކުރިން ބެލުން ހުއްދަވެގެންވަނީ ހަމަ އެކަނި އަންހެން ކުއްޖާގެ މޫނަށާއި ދެއަތްތިލަ އަށް އެކަންޔެވެ. އެހެނީ މޫނަށް ބެލުމުން ކުއްޖާގެ ރީތިކަން ރަގަޅަށް ދޭހަވެގެންދާނެއެވެ.

މިކަމުގައި އިތުރަށް ހިތުގައި ބަހައްޓަން ޖެހޭނެ ތަންކޮޅަކީ ކިތަންމެ ރީތި އަންހެން ކުއްޖަކަސް އޭނާގެ ކިބައިގައި ދީންވެރިކަމާއި ރިވެތި އަޚްލާގެއް، އަދި ފިރިމީހާއަށް ކަމޭ ހިތުމުގެ އިޙްސާސް ނެތްކަމަށް ވަނީނަމަ ރީތިކަމުގެ ބޭނުމެއްނެތެވެ. އަނބިރީތީ ހެވީއްޔާއޭ ދިވެހި ހަރުބަހުގައިވެސް ބުނެއުޅެއެވެ.

3.     ކައިވެނިކުރެވޭ އަންހެން ކުއްޖާގެ ހުންނަންޖެހޭ އަނެއް ޞިފަ އަކީ ގިނައިން ވިހާ ކަހަލަ ކުއްޖަކަށް ވުމެވެ. މާތް ﷲ ރުއްސުންލެއްވި މަޢުގަލް ބިން ޔަސާރު ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ތިޔަބައިމީހުން ގިނައިން ވިހާކަހަލަ އަންހެނުންނާ ކައިވެނި ކުރާ ހުށިކަމެވެ. ހަމަކަށަވަރުން ތިމަންކަލޭފާނުގެ އުއްމަތުގެ މީސްތަކުން ގިނަވުމުން ފަޚުރުވެރިވަޑައިގަންނަވަމެވެ”.

ވީމާ،. ޞާލިޙް އަންބަކު ދެއްވާތޯ ދުޢާ ކުރާށެވެ. والله أعلم

ޖަވާބު ދެއްވީ: ފަޟީލަތުއްޝައިޚް މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް

What's your reaction?

Excited
0
ހެޔޮބަސް ޓީމް
އަޅުގަނޑުމެންގެ މަޤްޞަދަކީ ދިވެހިންނަށް ހެޔޮބަސް ފޯރުކޮށްދިނުމެވެ.

    You may also like

    Leave a reply

    Your email address will not be published. Required fields are marked *