މިހާރަކަށް އައިސް ބައެއްމީހުން ގިނަ ފާފަތައް ކުރުމަށްފަހު، އެފާފަކުރެވުނު ސަބަބަކީ ޤަޟާޤަދަރުގައި ލިޔެވިފައިވާތީ ކުރެވުނު ކަމެއްކަމަށް ބުނާއަޑު އިވެއެވެ. އިންސާނުންނަކީ ގިނަކަންތައްތަކުގައި އެކަންތައް ކުރުމާއި ނުކުރުމުގެ އިޚްތިޔާރު ލިބިގެންވާ ބައެކެވެ. ބައެއްކަންތައްތަކަކީ އިންސާނުންނަށް އިޚްތިޔާރު ލިބިގެންވާ ކަންތައްތަކެއް ނޫނެވެ. މިސާލަކަށް މީހަކު ދުނިޔެއަށް އައުމުގެކުރިން އެމީހަކު ފިރިހެނަކަށް ވުމާއި އަންހެނަކަށް ވުމުގެ އިޚްތިޔާރު އެއްވެސް މީހަކަށް ލިބިގެން ނުވެއެވެ. އަދި އެމީހެއްގެ ކުލައަކީ ދޮންކުލަ ނުވަތަ ކަޅުކުލަ ކަމުގައި ހެދުމާއި އިންސާނާގެ ކުރުމިނާއި ދިގުމިން ވަކިމިންވަރެއްގައި ބެހެއްޓުމުގެ ބާރެއްވެސް އެއްވެސް މީހަކަށް ލިބިގެން ނުވެއެވެ.

މިނޫނަސް އިންސާނުންނަށް އިޚްތިޔާރު ލިބިގެންނުވާ ކަންތައް ހުރެއެވެ. އެހެންނަމަވެސް އިންސާނާގެ ޢަމަލްތަކާއި ތަޞައްރުފާތަކީ އިންސާނާއަށް އިޚްތިޔާރު ލިބިގެންވާ ކަންތައްތަކެވެ. އެފަދަ ކަންތައްތަކުން ކަމެއް ނުކޮށް ދޫކޮށްލުމާއި އެފަދަކަމެއް ކުރުމުގެ އިޚްތިޔާރު އިންސާނާއަށް ލިބިގެންވެއެވެ. މިސާލަކަށް ވާހަކަދެއްކުމާއި ވާހަކަ ނުދައްކައި ހަނުހުރުމުގެ އިޚްތިޔާރު އިންސާނާއަށް ލިބިގެންވެއެވެ. އެމީހަކު ވިހައި ބޮޑުވި މާޙައުލުގައި ހުރި ކަންތައްތަކުގެ ތެރެއިން އެތައްކަމެއް އެމީހަކު ބޮޑުވުމަށްފަހު ދޫކޮށްލައިފައިވަނީ ކިތައް މީހުން ހެއްޔެވެ؟ އަދި ކުޑައިރު ލިބިފައިވާ ތަރުބިއްޔަތާއި ޚިލާފަށް އެހެން ގޮތްގޮތަށް އުޅެމުންދަނީ ކިތައްމީހުން ހެއްޔެވެ؟ އަދި އެކިގޮތްގޮތުން ވާރުތަކޮށްފައިވާ ސިފަތައް އެމީހަކަށް ލިބެމުންދާ ޢިލްމާއި ހުނަރުގެ ސަބަބުން ބަދަލުކޮށްފައިވަނީ ކިތައްމީހުން ހެއްޔެވެ؟

މިހިރަ ކަންތައްތަކުން އިންސާނާއަކީ އިޚްތިޔާރުލިބިގެންވާ މީހެއްކަން ސާބިތުކޮށްދެއެވެ. އިންސާނާއަކީ އިޚްތިޔާރެއް ނެތް މީހެއްނަމަ އެކަންތައް ބަދަލުވެގެން ނުދިޔައީސްކަން ކަށަވަރެވެ. ﷲ ޞުބްޙާނަހޫ ވަޠަޢާލާ އިންސާނުންނަށް އިޚްތިޔާރުދެއްވައިފައިވާކަން ކީރިތި ޤުރްއާނުގެ އެތައް އާޔަތްތަކަކުން އެނގެން އެބަހުއްޓުވެ. ކީރިތި ޤުރްއާނުގެ ސޫރަތުއް ތަކުވީރުގެ އަށާވީހާއި ނަވާވީސްވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. لِمَن شَاءَ مِنكُمْ أَن يَسْتَقِيمَ ﴿٢٨﴾ وَمَا تَشَاءُونَ إِلَّا أَن يَشَاءَ اللَّـهُ رَ‌بُّ الْعَالَمِينَ ﴿٢٩﴾ މާނައީ: ” ތިޔަބައިމީހުންކުރެ ސީދާވެގަތުމަށް އެދޭ މީހަކަށްޓަކައެވެ. ޢާލަމްތަކުގެ ވެރި ﷲ އިރާދަކުރެއްވުމުން މެނުވީ ތިޔަބައިމީހުންނަކަށް (އެއްވެސްކަމެއް) ނުކުރެވޭނެތެެވެ.”

ޝައްކެއްނެތެވެ. އިންސާނާ މަރުވުމަށްފަހު، ދުނިޔޭގައި އުޅުނުއިރު ކުރި ޢަމަލުތަކުގެ ޙިސާބު ބެލެވި، ހެޔޮކަންތައްތަކަށް ޘަވާބާއި ދަރުމަލިބުމާއި ނުބައިކަންތައްތަކަށް ޢަޛާބާއި ޢިޤާބު ދެއްވުން ލައްވަވާފައިވުން އެއީވެސް އިންސާނުންނަށް އިޚްތިޔާރު ލިބިގެންވާކަމުގެ ވަރުގަަދަ ހެއްކެކެވެ. އިންސާނުންނަކީ މަޖުބޫރު ކުރެވިފައިވާ ބައެއްކަމަށް ވީނަމަ އެމީހުން ކުރާ ކަންތަކަށް ޘަވާބު ދެއްވުމާއި ޢަޛާބުދެއްވުންވާނީ ބޭކާރު ކަމެއްކަމުގައިކަން ބުއްދި ސަލާމަތުންހުރި ކޮންމެ މީހަކުވެސް ޤަބޫލުކުރާނެއެވެ.

އިންސާނުން ހެއްދެވުމުގެ އެތައްއަހަރެއް ކުރިން އެއިންސާނުން ކުރާނޭ ޢަމަލްތައް ތަޤްދީރުގައި ލިއުއްވުމުގެ މާނައަކީ އެމީހުން ވަކިގޮތަކަށް ޢަމަލްކުރުން މަޖުބޫރުކުރެއްވުމެއް ނޫނެވެ. އާގެ މާނައަކީ ﷲ ޞުބްޙާނަހޫ ވަޠަޢާލާ ގެ ޢިލްމުފުޅުގެ ތަނަވަސްކަމުން ހުރިހާކަމެއްވުމުގެ ކުރިން އެކަންތައްތައް ވާނޭގޮތް އެކަލާނގެ ދެނެވޮޑިގެންވާކަމެވެ. އަދި އޭގެމައްޗަށް ބިނާކުރައްވައި އެކަންތައްތައް ވާނޭގޮތް ލިޔުއްވާފައިވެއެވެ. ޢަބްދުﷲ ބުނު ޢަމްރު ބުނުލްޢާޞް رضي الله عنه ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. “އުޑާއި ބިން ހެއްދެވުމުގެ ފަންސާސްހާސް އަހަރުގެ ކުރިން ﷲ ތަޢާލާ ވަނީ ޚަލްޤުތަކުންގެ ކަންތައްތައް، އެބަހީ ކުރާނެ ކަންތައްތަކާއި ނުކުރާނެ ކަންތަކާއި ހުރިހާކަމެއް ތަޤްދީރުގައި ލިއުއްވާފައެވެ. އޭރު ﷲ ތަޢާލާގެ ޢަރުޝި ވަނީ ފެންމަތީގައިއެވެ.”

ﷲ ޞުބްޙާނަހޫ ވަޠަޢާލާ އެކަލާނގެ މަޚްލޫގާތުތަކަށް އަނިޔާވެރިވެ ވޮޑިގަތުން އެއީ މުސްތަޙީލު ކަމެކެވެ. އެއްވެސް މަޚްލޫޤަކަށް އެކަލާނގެ އަނިޔާވެރިވެވޮޑިނުގަންނަވާނެ ކަމަށާއި އަނިޔާވެރިވެވޮޑިގަތުން އެކަލާނގެ ވަނީ އެކަނލާނގެ ޒާތުފުޅަށް ޙަރާމްކުރައްވައިފައިކަންވެސް އެކަލާނގެވަނީ އަންގަވާފައެވެ. އެހެންކަމުން ކަންކަމުގެ ވާހަކަ ދެއްކުމުގެ ކުރިން ޙަޤީޤަތް ހޯދުމަކީ މުހިއްމު ކަމެކެވެ.
————————————————

އިސްލާމީ ނޫރުން ނަގާފައި

ލިޔުނީ: ޢަބްދުﷲ ޖަމީލް

Published by ހެޔޮބަސް ޓީމް

އަޅުގަނޑުމެންގެ މަޤްޞަދަކީ ދިވެހިންނަށް ހެޔޮބަސް ފޯރުކޮށްދިނުމެވެ.

Leave a comment

Your email address will not be published. Required fields are marked *