އާދަޔާ ހިލާފް ބޮޑުމީހެއްގެ ކަށިގަނޑު ވަނީ ސައުދީ އަރަބިއްޔާއިން ފެނިފައެވެ. މި ކަށިގަނޑު ފެނިފައިވަނީ 22 އެޕްރީލް 2004 ވީ ދުވަހުއެވެ. ސަހަރާގައި ކުރެވުނު ދިރާސާތަކެއްގެ ތެރޭން މި ކަށިގަނޑު ހޯދާފައިވަނީ ސައުދީ އަރަބިއްޔާގެ ދިރާސާކުރާ ޓީމެއްކަމަށްވާ އަރަމްކޯ އެކްސްޕްލޮރޭޝަން ޓީމުންނެވެ. ފެނުނު ކަށިގަނޑުގެ ބޮޑުމިނުގައި 10 މީޓަރު ހުރެއެވެ. އަދި އެ ސަރަހައްދުވަނީ ހިމާޔަތްކުރެވި ސައުދީ ސިފައިންގެ ބާރުގެ ދަށުގައެވެ. އަދި އަރަމްކޯ ގެ ފަރާތްތަކަށް ނޫނީ އެސަރަހައްދަށް ދިއުމަކީ މަނާކަމެކެވެ.

ދިރާސާކުރާ ފަރާތްތަކުން ހާމަކުރާގޮތުގައި އެ ކަށިގަނޑަކީ ޤުރުއާނުގައި ނަންގަނެވިގެންވާ ހޫދު ބާގަ އަދި އާދު ބާގައިގެ މީހުންގެ ތެރޭން މީހެއްގެ ކަށިގަނޑެވެ.  އެހެނީ ޤުރުއާނުގައި ބަޔާންވެގެންވާގޮތުން އާދު އަދި ހޫދު ބާގައިގެ މީހުންނަކީ ހަށިގަނޑު ބިޔަ ބާރުގަދަ ބައެކެވެ. އެހެންނަމަވެސް ﷲ ދެއްވި ނިޢުމައްތަކަށް ޝުކުރުކުރުމުގެ ބަދަލުގައި ބޮޑާވެގަނެ ﷲ އާ ރަސޫލާގެ އެންގެވުންތަކާއި ހިލާފްވީ ހިނދު ﷲގެ ކޯފާ އެބައިމީހުންގެ ތެރެއަށް ފޮނުއްވުނެވެ.  އަދި އެބައިމީހުން ހަލާކުރެއްވިއެވެ. ވިސްނާބަޔަކަށް ހެކިތަކެއް ހުއްޓެވެ. ބާރަކީ ﷲ ދެއްވާ އެއްޗެކެވެ. އެހެންނަމަވެސް އެ ބާރު ދެއްވި ﷲ އަށް ޝުކުރުނުކޮށް ބޮޑާވެ ގަންނަ ހިނދު އަނބުރާ އެ ބާރު ގެންދެވުމާއި ގަދަފަދަވެގެންވާ ކޯފާ ފޮނުއްވާ ހަލާކުކުރެއްވުމަށްވެސް ﷲ ކުޅަދުންވަންތައެވެ، އަދި ﷲއެއްވެސް އަޅަކަށް އަނިޔާވެރި ވޮޑިގެން ނުވެއެވެ. މިއީ މި ކަށިގަނޑާއި ބެހޭގޮތުން  މިއީ ހަގީގަތެއްކަން ދަށްކަން އިންޓަރނެޓްގައި އާންމުކުރެވިފައިވާ ލިޔުންތަކުގެ ހުލާސާއެވެ. އަދި މި ކަމާއި ބެހޭގޮތުން ލިޔެފައިވާ ލިޔުންތަކަކީ ވަރަށް ބޮޑަށް މުސްލިމުންނަށް ހާއްސަކޮށް ގަބޫލުކުރެވޭނެފަދަ ގޮތަކަށް ލިޔެފައިވާ ލިޔުންތަކެއްކަން ފާހަގަކުރެވެއެވެ. މީގައި މައްސަލަޖެހެނީ ނުވަތަ ގަބޫލުކުރަން ދަތިވަނީ ޤުރުއާނުގައި ބަޔާންވެގެންވާ ހޫދު އަދި އާދު ބާގައިގެ މީހުންގެ ވާހަކައެއް ނޫނެވެ.untitled

މި ސަރަހައްދުން އާންމުވެފައިވާ ފޮޓޯއަކީ ބުނެވޭގޮތުގައި މިލިޓަރީ ހެލިކޮޕްޓާރ އަކުން ނަގާ އިންޓަރނެޓްގައި އާންމުކުރެވިފައިވާ ފޮޓޯއެކެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. މި ޒަމާނުގެ ކުރިއަރާފައިވާ ޓެކްނޮލޮޖީގެ އެހީގައި މިފަދަ ފޮޓޯއެއް ހަދާ ލިޔެ ވާހަކަ ފެތުރިދާނެއެވެ. އެހެންނަމަވެސް މި ބަޔާންކުރެވުނު ކަށިގަނޑުގެ ވާހަކަ އިސްލާމީ ތަފާތު ސައިޓްތަކުގައި ޖަހާފައިވެއެވެ. އެހެނީ މިފަދަ ކަށިގަނޑެއް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. ޤުރުއާނުގައި ބަޔާންކުރެވިފައިވާ ހޫދު އަދި އާދު ބާގައިގެ މީހުންނަކީ ޤުރުއާނުގެ އަލީގައި އިލްމުވެރިން ވިދާޅުވާގޮތުން އާދަޔާ ޙިލާފަށް ބޮޑެތި ބައެކެވެ. މި ފޮޓޯތައް ބަލާފައި ބައެއް ފަރާތްތަކުން މިއީ މުއުޖިޒާތެއްކަމެއް ކުޅަދުންވަންތަކަމުގެ ހެއްކެއްގެ ގޮތުގައި މި ބުނެވުނު ގޮތަށް ބަޔާންކުރާއިރު އެކަށީގެންވާ ވަރަށް ޙަގީގަތް ނުބަލާކަން ފާހަގަކުރެވެއެވެ.

މި ހަބަރު ވަނީ ނެޝަނަލް ޖިއޮގރަފިކސް ޗެނަލް އިން ދޮގުކޮށްފައި!
މި ހަބަރު ވަނީ ނެޝަނަލް ޖިއޮގރަފިކސް ޗެނަލް އިން ދޮގުކޮށްފައި!

  Wikipedia   ގައި އެމްޓީ ކުއާރޓާރ(ދުނިޔޭގައިވާ އެންމެ ބޮޑު ސަހަރާ،  ވެލީގެ ސަހަރާއެއް،ސައުދީ އަރަބިއްޔާގެ ބައެއް) އަކި ސައުދީގެ ސަރަހައްދެއްކަމަށް ލިޔެފައިވާއިރު  މި ފޮޓޯ ޕްރޮމޯޓްކުރަން ލިޔަމުން އައި އިންޑިއާގެ ބުލޮގްތަކުގައިވާ ގޮތުން އެއީ އިންޑިއާގެ  ސަރަހައްދެކެވެ. ދެ ގޮތަށް ލިޔެފައިވާ މީހުންވެސް ލިޔެފައިވާ ގޮތުން ދެ ގައުމުންވެސް އެއް ފޮޓޯއިން މި ފެންނަ ކަށިގަނޑު ފެނިފައިވަނީ ހަމަ އެއް ނަމެއް ކިޔާ ސަރަހައްދަކުންނެވެ. އަދި އިންޑިއާގެ ބައެއް ބުލޮގްތަކާއި ސައިޓްތަކުގައި މިވާހަކަ ގެނެސްފައިވަނީ ޓައިމްސް އޮފް އިންޑިއާގެ މުންބާއީ އެޑިޝަންގައި 22 އެޕްރީލް 2004 ގައި ޖަހާފައިވާ ލިޔުމަކާ ހަވާލާދީފައެވެ. އެހެންނަމަވެސް ޓައިމްސް އޮފް އިންޑިއާގެ އެ ދުވަހުގެ އަދަދުންވެސް މި ހަބަރު ފެންނަންނެތްކަން ފާހަގަކުރެވެއެވެ. އަދި ވެބްސައީޓްތަކުގައި މި ހަބަރު އާންމުވެ އަދި ބައެއްފަރާތްތަކުން ނޭޝަނަލް ޖިއޮގްރަފިކް ޗެނަލް އާއި ހަވާލާދީ ލިޔަމުން އައިސްފައިވާތީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ ޗެނަލަށް މީ ހަގީގަތެއް ބެލުމަށް ސުވާލު ފޮނުވާފައިވެއެވެ. އެހެންކަމުން އެ ޗެނަލުންވެސް މީ ހަގީގަތެއް ނޫންކަމަށް ވަނީ ހާމަކޮށްފައެވެ.

 ބައެއް ބުލޮގުތަކުގައި މި ކަށިގަނޑުގެ ވާހަކަ ތަފާތުކޮށް ލިޔެފައިވެއެވެ. މިގޮތުން އިންޑިއާގެ ސަރަހައްދަކުން ފެނިފައިވާ ކަށިގަނޑެއްކަމަށް ބުނެ ލިޔެފައިވެއެވެ. ތަފާތު ގޮތްގޮތަށް މި ކަށިގަނޑުގެ ވާހަކަ ލިޔެ ފޮޓޯ އާންމުކުރެވިފައިވާއިރު މި ކަށިގަނޑުގެ ހަގީގަތް ހޯދުމަށް އިންޓަރނެޓްގައި ސާރްޗުކޮށް އެކި ފަރާތްތަކާއި މަސްވާރާކޮށް ދިރާސާކުރި ފަރާތަކުން ފާހަގަކޮށްފައިވާ ގޮތުން މި ކަށިގަނޑުގެ ފޮޓޯތަކަކީ ފޮޓޯ ސޮޕުން ހަދާފައިވާ ފޮޓޯތަކެކެވެ.  ފޮޓޯ ސްޕް ބޭނުންކުރަށްވާ ފަރާތްތަކަށް މިފަދަ ފޮޓޯއެއް ހެދިދާނެކަމަށް ގަބޫލުކުރެވޭނެއެވެ. އަޅުގަނޑަކީ ގުރެފިކް ޑިޒައިން ކިޔަވާ ދަރިވަރަކަށްވާތީ މި ފޮޓޯ އަށް ބަލާއިރު ހަދާފައިވާ އެއްޗެއްކަން ސައްކެް ނެތް މިންވަރަށް ގަބޫލުކުރެވެއެެވެ ބުނަން އޮތީ މިފަދަ ގޮތަކަށް އަދި މިއަށްވުރެ ރަނގަޅަށްވެސް ފޮޓޯ އެއް ހަދާލުމަކީ އުނދަގޫ ކަމެއް ނޫނެވެ.

އަދި އެފަރާތުން ބުނެފައިވާ ގޮތުން މިފަދަ ކަންކަމަކީ ބައެއް ފަރާތްތަކުން ސަމާލުކަން ހޯދަން ކުރާ ކަންކަމެވެ.  އެއީ ސަހަރާއިން ފެނިފައިވާ ކަށިގަނޑެއް ކަމަށްބުނެ ދަށްކާ ފޮޓޯއިން ފެންނަގޮތުގައި އެ ކަށިގަނޑު އޮތީ ޗަސް ބިމެއްގައެވެ.  އެހެންކަމުން މީވެސް އެއީ ހަމަޖެހޭ ގޮތަކަށް ފެތުރޭ ވާހަކައެއް ނޫންކަން ދަށްކައިދޭ ހެއްކެކެވެ.  ހަމަ އެއާއި އެކު  އެއްބައި ލިޔުންތަކުގައި 10 މީޓަރު ކަމަށް ބަޔާންކޮށްފައިވާއިރު އަނެއްބައި ލިޔުންތަކުގައި 24 މީޓަރ ކަމަށްވެސް ލިޔެފައިވެއެވެ. އަދި އެއީ ހަގީގަތެއްނަމަ އަރަމްކޯ އޭ ކިޔާ  އެކްސްޕްލޮރޭޝަން ޓީމުގެ ރަސްމީ ސައިޓްތަކުގައި ނުވަތަ ސައުދީގެ ރަސްމީ ފަރާތްތަކުން މިމައުލޫމާތު ހިއްސާކުރާނެއެވެ. އަރަމްކޯ އާއި ބެހޭގޮތުން ހޯދި މައުލޫމާތުން އެނގުނުގޮތުގައި އަރަމްކޯ އަކީ ސައުދީގެ ތެޔޮ ކުންފުންޏެކެވެ. އަދި އަރަމްކޯ ޖަހާފައި ސާރޗުކުރުމުން އަންނަ އަރަމްކޯ 2 ސައިޓަކީ ސައުދީ ސައިޓަށް ވީނަމަވެސް މިފަދަ ހަބަރެއް ސައިޓުން ފެންނަން ނެތްކަން ފާހަގަކުރެވެއެވެ.( އަރަމްކޯގެ ވެބްސައިޓް:  ، www.aramco.com

 (http://www.saudiaramco.com

 އަދި އާންމުކޮށް އިންސާނުންގެ ކަށިގަނޑު މިހާ ގިނަ ދުވަސްވަންދެން ހަލާކުނުވެ ހުރެދާނެކަމީ ނާދިރުކަމެކެވެ. އެހެނީ އަޅުގަނޑުމެންނަށް ރަށުގެ ހަނގުރާމަ ފަސްގަނޑު ( ނ.ޅޮހީގެ ހަނގުރާމަ ފަސްގަނޑަކީ ބޮޑު ލޭ އޮހޮރުވުމެއް ހިނގާފައިވާ ސަރަހައްދެއްބާ؟ ) ގެ ގޮތުގައި ނަންދެވިފައިވާ ސަރަހައްދުން ފެންނަ މީހުންގެ ކަށިގަނޑުތަށް ބަލާލާއިރު އެ ކަށިގަނޑުތަށްވެސް ވަނީ ފީވެ ހަލާކުވެ ވެއްޔައް ވާން ގާތްވެފައެވެ. އެހެންކަމުން ރާއްޖޭގެ ރަށްތަށް އުފެދުމުގެ ކުރިން ރަސޫލާ މުހައްދުގެ ފާނު ދުނިޔެއަށް ފޮނުއްވުމުގެ އެތަށް ސަތޭކަ އަހަރެއްކުރިން ދިރިއުޅެފައިވާ ބައެއްގެ ކަށިގަނޑުތަށް ސަލާމަތުން ހުރުމަކީ ބުއްދީގެ ހަމަތަކުން ބަލާއިރު ގަބޫލުކުރަން ދަތި ކަމެކެވެ. އެހެންކަމުން މިފަދަ ކުރެހުންތަކާއި ފޮޓޯތައް ފެންނައިރަށް ހަގީގަތެއް ބެލުމެއްނެތި އެނގުމެއް ނުވާކަމެއް ﷲ ގެ އާޔަތްތަކާއި އަޅުވާފައި އާންމުކުރުމަކީ މާތްވެގެންވާ މި ދީނަށް ވެވޭ ހިޔާނާތެއްކަން ޔަގީނެވެ. އެހެންނަމަވެސް މި ކަށިގަނޑުގެ ވާހަކަ އަދި މީގެ އިތުރަށްވެސް މިފަދަ އެތަށް ވާހަކަތަކެއްވަނީ މުސްލިމުންގެ ތެރޭގައި އާންމުވެ އެއީ 100 ޕަސެންޓް ހަގީގަތެއްގެ ގޮތުގައި ގިނަ ގައުމުތަކެއްގެ މުސްލިމުން  ވަނީގަބޫލުކޮށްފައެވެ.  މޮޅަށް ދެނެވޮޑިގެންވަނީ ﷲއެވެ.

 

Published by ހުސައިން ނިޔާޒު / ޅޮހި

އެރިނާ އެނިމޭޝަން އިންޓަރނޭޝަނަލް ޕުރޮގުރާމްގެ ދަށުން އެޑްވާންސް ޑިޕްލޮމާ އިން މަލްޓިމީޑިއާ އެނިމޭޝަން ނިންމުމަށްފަހު މަލްޓިމީޑިއާ އާއި ގްރެފިކްސް ޑިޒައިން ބެޗްލާސް 2018 ވަނަ އަހަރު ވަނީ ނިންމާފައެވެ. ސްކޫލް ދައުރުން ފަށައިގެންވެސް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރުމާއި އެކު މަނަދޫ ލައިވް އަދި ލަންދޫ އިންފޯ.ކޮމް, ވަގުތު.އެމްވީ، ގައި ހަބަރާއި އެކި ދާއިރާތަކުގެ ލިޔުންތައް ލިޔެފައިވާނެއެވެ. އަދި ނޯޕްލާސްޓިކް މޯލްޑިވްސްގެ އެއް ފައުންޑާރ އެވެ.

Leave a comment

Your email address will not be published. Required fields are marked *