އާދަމުގެ ދަރީންގެ ޙަޔާތް ސީދާމަގުން ނެއްޓުން

” ކޮންމެ މަޚްލޫޤަކަށްވެސް ޚާލިޤަކު (އެބަހީ ހެއްދެވިފަރާތެއް) ވާންޖެހޭނެކަން އެމީހުންގެ ބުއްދިތަކަށްވެސް އެނގެއެވެ. މައުޖޫދުވެފައިވާ ކޮންމެ އެއްޗަކަށްވެސް އެއެއްޗެއް ހެއްދެވިފަރާތެއް ވާނޭކަން ދަނެއެވެ. އަދި އެހެންވީއިރު މިހާ ފުރިހަމަކޮށް މިހާ ރީތިކޮށް އަދި އެހާ ހިމުންކޮށް އުފެދިފައިވާ ކައުނަށް (ކައުނުގެ މާނައަކީ ދުނިޔެއެވެ) ކޮންމެހެންވެސް ޙިކުމަތްވަންތަ ކުޅަދުންވަންތަ އަދި ދެނެވޮޑިގެންވާ ފަރާތެއް އެބަހީ ކަލަކު ވާންޖެހޭނެކަން ދަނެއެވެ. އެކަމާއި މެދު އިންކާރުކޮށްފި މީހަކީ އެހެންޏާ ބުއްދިނެތް މީހެކެވެ. އެހެންނާ ބޮޑާކަމާއި ކިބުރުވެރިކަމުން ބުއްދިގޯސްވެ އަދި ތިމާގެ ނަފްސު ހަލާކުކޮށްފި މީހެކެވެ. އެފަދަ މީހުންނާމެދު ވާހަކަދައްކާކަށް ބޭނުމެއް ނެތެވެ.”
ﷲ ތަޢާލާ ޚަލްޤުތަކުން ހެއްދެވީ އެކަލާނގެއަށް އަޅުކަންކުރުމަށްޓަކައެވެ. އަދި އެކަންތައްތަކަށް އެހީ ވެވޭނެގޮތުން، އަޅުކަންކުރުމަށް ފަސޭހަވާނޭގޮތުން، އެބައިމީހުންނަށް އެކަލާނގެ ރިޒުޤު ތައްޔާރުކޮށްދެއްވާފައި ވެއެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ” وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ * مَا أُرِيدُ مِنْهُمْ مِنْ رِزْقٍ وَمَا أُرِيدُ أَنْ يُطْعِمُونِ * إِنَّ اللَّهَ هُوَ الرَّزَّاقُ ذُو الْقُوَّةِ الْمَتِينُ” (އައްޛާރިޔާތު 56-58) މާނައީ: ތިމަންރަސްކަލާނގެ ޖިންނީންނާއި އިންސާނުން ހެއްދެވީ އެބައިމީހުން ތިމަންރަސްކަލާނގެއަށް އެކަނި އަޅުކަންކުރުމަށްޓަކައެވެ. އެބައިމީހުންގެ ކިބައިން އެއްވެސް ރިޒުޤެއް ތިމަންރަސްކަލާނގެ އެދިވޮޑި ނުގަންނަވަމެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ރިޒުޤު ދެއްވާ ގަދަފަދަ ބާރުވެރި ރަސްކަލާނގެއެވެ. މިއެވެ. ނަފްސު އޭގެ އަޞްލު ފިޠްރަރުގެ (އެއްވެސް އެއްޗަކާ ނުގުޅިހުރި އަޞްލުގޮތުގެ) މައްޗަށް ދޫކޮށްލައިފިއްޔާ ﷲ ގެ އިލާހީވަންތަކަމަށް އިޤުރާރުވާ އެއްޗެއްކަމުގައިވެއެވެ. ﷲ އަށް ލޯބިވާ އެކަލާނގެއަށް އަޅުކަންކުރާ އަދި އެކަލާނގެއާ އެއްވެސް ޝަރީކެއްނުކުރާނެ އެއްޗެއްކަމުގައި ވިއެވެ. އެހެންނަމަވެސް އެނަފްސު ފާސިދުކޮށް ސީދާމަގުން ކައްސުވާލަނީ އިންސީންނާއި އަދި ޖިންނީންގެ ޝައިޠާތުން އެނަފްސަށް ޒީނަތްތެރިކޮށްދޭ އެކިއެކި ބާވަތް ބާވަތުގެ ވަސްވާސްތަކުންނާއި ކަންތައްތަކުންނެވެ.
މިބުނާ ޝައިޠާނުން އޭގެ އެއްބަޔަކު އަނެއްބަޔަކަށް ފޮނިބަސްތަކާއި ފާޑުފާޑުގެ ވަސްވާސްތައް ހެއްލުންތެރިކުރުމަށްޓަކައި ކިޔައިދީ ހަދައެވެ. ޒީނަތްތެރިކޮށްދެއެވެ.

ފަހެ އިންސާނާގެ އަޞްލު ފިޠްރަތުގައި ތައުޙީދު ބިންވަޅުނެގިގެން ވެއެވެ. ޝިރުކަކީ އެއަށް ބޭރުން ވަދެގެން އުޅޭ އިތުރު އެއްޗެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. “فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًا فِطْرَةَ اللَّهِ الَّتِي فَطَرَ النَّاسَ عَلَيْهَا لاَ تَبْدِيلَ لِخَلْقِ اللَّهِ” (އައްރޫމް 30) މާނައީ: “ކަލޭގެފާނުގެ މޫނުފުޅު ސީދާކުރައްވައިގެންވާ ޙާލު ދީނަށް ކުރިމަތިފުޅުކުރައްވާށެވެ. (ނުވަތަ އިސްލާމްދީނުގައި ޤާއިމްވެވަޑައިގެން ހުންނަވާށެވެ.) އެއީ އެގޮތެއްގެ މަތީގައި މީސްތަކުން ﷲ ހެއްދެވި ފިޠުރަތެވެ. ﷲގެ ހެއްދެވުމަކަށް ބަދަލުވުމެއްނެތެވެ. އެބަހީ އެކަލާނގެ ދީނަކަށް ބަދަލުވުމެއް ނުވެއެވެ. މިއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “كُلُّ مَولُودٍ يُولَدُ عَلَى الْفِطْرَةِ فَأَبَوَاهُ يُهَوِّدَانِهِ أَو يُنَصِّرَانِهِ أَو يُمَجَّنَاسِهِ “(الحديث فى الصحيحين) މާނައީ: “ކޮންމެ ދަރިއަކު ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ މަތީގައެވެ. ދެންފަހެ އޭނާގެ މައިންބަފައިން އޭނާ ޔަހޫދީކުރެއެވެ. ނުވަތަ އޭނާ ނަޞްރާނީ (ނަޞްރާނީކުރުމަކީ ކްރިސްޓިއަންކުރުމެވެ.) ނުވަތަ އޭނާ މަޖޫސީކުރެއެވެ.” މިއެވެ. އާދަމުގެ ދަރީންގެ މެދުގާ އަޞްލަކީ ތައުޙީދެވެ.

ފަހެ ސަލާމްލެއްވި އާދަމް ޢަލައިހިއްސަލާމްއަށް ފަހު ދިގު ޤަރުނުތަކަކަށް ދާންދެންއައި އެކަލޭގެފާނުންގެ ދަރިކޮޅުވަނީ އިސްލާމްދީން މަތީގައެވެ. ތައުޙީދުގެ މަތީގައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. “كَانَ النَّاسُ أُمَّةً وَاحِدَةً فَبَعَثَ اللَّهُ النَّبِيِّينَ مُبَشِّرِينَ وَمُنْذِرِينَ ..” (އަލްބަޤަރާ 213) މާނައީ: “މީސްތަކުންވީ އެއް އުއްމަތަކަށެވެ. ދެންފަހެ އުފާވެރިކަމުގެ ޚަބަރުދެއްވާ އަދި ބިރުވެރިކަމުގެ ޚަބަރުދެއްވާ ޙާލުގައި ﷲ ތަޢާލާ ނަބީބޭކަލުން ފޮނުއްވެވިއެވެ. މިއެވެ.

އެންމެ ފުރަތަމަ ޢަޤީދާގައި ޝިރުކު އުފެދި ސީދާމަގުން ނެއްޓުނީ ސަލާމްލެއްވި ނޫޙު ޢަލައިހިއްސަލާމްގެ ޤައުމުގައެވެ. ފަހެ، އެކަލޭގެފާނު، އެބަހީ ނޫޙު ޢަލައިހިއްސަލާމް ވީ އެންމެ ފުރަތަމަ އެ ރޮނގުން ވަޑައިގެންނެވި ރަސޫލާ ކަމުގައެވެ. (އެބަހީ މީސްތަކުންގެ މެދުގައި އުފެދިފައިވާ ޝިރުކު ނެތިކުރައްވައި މީސްތަކުން ތައުޙީދުގެ މަގަށް ސީދާ ކުރެއްވުމަށްޓަކައި އެންމެފުރަތަމަ ފޮނުއްވެވުނު ރަސޫލުބޭކަލަކީ ނޫޙު ޢަލައިހިއްސަލާމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. “إِنَّا أَوْحَيْنَا إِلَيْكَ كَمَا أَوْحَيْنَا إِلَى نُوحٍ وَالنَّبِيِّينَ مِنْ بَعْدِهِ” (އައްނިސާ 163) މާނައީ: “ހަމަކަށަވަރުން ކަލޭގެފާނަށް ތިމަން ރަސްކަލާނގެ ވަޙީ ބާވައިލެއްވެވީ ނޫޙު ޢަލައިހިއްސަލާމްއާއި އަދި އެކަލޭގެފާނަށްފަހު ވަޑައިގެންނެވި ނަބީބޭކަލުންނަށްވެސް ވަޙީ ބާވައިލެއްވި ފަދައިންނެވެ. އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. ސަލާމްލެއްވި އާދަމްގެފާނާއި ސަލާމްލެއްވި ނޫޙުގެފާނާއި ދެމެދު ދިހަ ޤަރުނުވިއެވެ. އެއެންމެން ވީ އިސްލާމްދީން މަތީގައެވެ. އިޣާޘަތުއް ލަހްފާން އެވެ ކިޔުނު ފޮތުގައި އިބްނުލްޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. މިބަސްފުޅު އެބަހީ އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވި ބަސްފުޅުއެއީ ކަނޑައެޅިގެން ސީދާ ތެދު ބަސްފުޅެކެވެ. އެހެނީ ބަޤަރާ ސޫރަތުގެ އާޔަތުގައި އުބައްޔު ބުން ކަޢްބުގެ ޤިރާއަތުގައިވަނީ “فاَخْتَلَفُوا فَبَعَثَ اللَّهُ النَّبِيِّينَ” މިފަދައިންނެވެ. މާނައީ: ފަހެ އެމީހުން އިޚްތިލާފްވިއެވެ. ދެން ﷲ ތަޢާލާ ނަބީބޭކަލުން ފޮނުއްވެވިއެވެ. މިއެވެ. އަދި މިޤިރާއަތަށް ހެކިދޭ އަނެއް ބަސްފުޅަކީ ﷲ ތަޢާލާ ވަޙީކުރައްވާފައިވާ “وَمَا كَانَ النَّاسُ إِلاَّ أُمَّةً وَاحِدَةً فَاخْتَلَفُوا …” (ޔޫނުސް 19) މާނައީ: “އެއް އުއްމަތެއްކަމުގައި މެނުވީ މީސްތަކުން ނުވެއެވެ. ދެން އެމީހުން އިޚްތިލާފްވީއެވެ. މިއެވެ. މިވާހަކަތަކުން އެކަލޭގެފާނު އެބަހީ: އިބްނުލްޤައްޔިމް ރަޙިމަހުﷲ ވިދާޅުވުމަށް އެދިވަޑައިގަންނަވަނީ ހަމަކަށަވަރުން ނަބީބޭކަލުން ފޮނުއްވެވުމުގެ ސަބަބަކީ މީސްތަކުން އެދީނެއްގެ މަތީގައި ތިބި ޞައްޙަދީނުން ތަފާތުވެ އިޚްތިލާފްވުމެވެ. އެއީ ޢަރަބީންވެސް އިބްރާހިމް ޢަލައިހިއްސަލާމްގެ ދީންމަތީގައި ތިބިފަދައިންނެވެ. އެހެން ތިއްބާ ޢަމްރޫ ބުނު ލުޙައްޔު އަލްޚުޒާޢީ އެވެ ކިޔާމީހަކު އައިސް އިބްރާހިމް ޢަލައިހިއްސަލާމްގެ ދީން ބަދަލުކޮށް ތަޣައްޔަރުކުރީއެވެ. ޢާއްމުކޮށް ޢަރަބިކަރައަށް ޚާއްޞަކޮށް ޙިޖާޒުކަރައަށް ބުދުތައް ގެނެސްހަދައި ﷲ ފިޔަވައި އެބުދުތަކަށް އަޅުކަން ކޮށްފޫއެވެ. ފަހެ މުޤައްދަސް (ޠާހިރު،މާތް) ވެގެންވާ ރަށާއި އެރަށާއި ގާތްވެގެންވާ ރަށްރަށުގައި ޝިރުކު ފެތުރިގެންދިޔައެވެ. ނަބީކަން ޙަތިމުކުރެއްވި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ، ﷲ ތަޢާލާ، ނަބީކަމައިގެން ފޮނުއްވައިފުމަށް ދާންދެނެވެ. އެކަލޭގެފާނު ވަޑައިގެން މީސްތަކުންނަށް ތައުޙީދުގެ މަގަށް ގޮވާލައްވައި އިބްރާހިމް ޢަލައިހިއްސަލާމްގެ މިއްލަތް (ދީން) އަށް ތަބާވުމަށް ވިދާޅުވިއެވެ. ޙައްޤުވެގެންވާ ޖިހާދަކުން ﷲގެ މަގުގައި ޖިހާދުކުރައްވައި ބުދުތައް ކުދިކުދިކުރައްވައި ތައުޙީދުގެ ޢަޤީދާއާއި އިބްރާހިމް ޢަލައިހިއްސަލާމްގެ މިއްލަތަށް އެނބުރި އިޢާދަވެއްޖައުމަށް ދާންދެން ޖިހާދުކުރެއްވިއެވެ. އަދި ﷲ އެކަލާނގެ ދީން އެކަލޭގެފާނުންގެ އަތްޕުޅުމައްޗަށް ފުރިހަމަކުރެއްވިއެވެ. އަދި މުޅިދުނިޔެއަށް އެކަލާނގެ ނިޢުމަތް ފުރިހަމަކުރައްވާ ބަރާބަރުކުރެއްވިއެވެ. ފަހެ މިއުންމަތުގެ ކުރީކޮޅުން ފެށިގެން މާތްވެގެންވާ ޤަރުނުތައް ދިޔައީ އެކަލޭގެފާނުންގެ މިއްލަތުގެ މަތީގައެވެ. އެކަލޭގެފާނު ކަނޑައަޅާ ދައްކަވާ ދެއްވި ސީދާ ޤަވާޢިދުގެ މަތީންނެވެ. ދެންފަހެ އޭގެ ފަހުގެ ޤަރުނުތަކުގައި ޖާހިލުކަން ފެތުރި އެހެނިހެން ދީންތަކުން އެތަކެއް ބައިވަރު ބޭކާރު ތަކެތި އިސްލާމްދީނަށް ވަދެ މަސްހުނިވެ އަދި މަގުފުރައްދާ ދާޢީންގެ ސަބަބުންނާއި ޤަބުރުތަކުގެ މަތީގައި ޒިޔާރަތްތަކާއި އެކިއެކި ބިނާތައް ހެދުމުގެ ސަބަބުންނާއި އަދި މިނޫންވެސް މިބާވަތުގެ އެތައްކަމެއްގެ ސަބަބުން އަލުންވެސް މިއުއްމަތުގެ އެތަކެއް ބައެއްގެ މެދުގައި ޝިރުކު އުފެދިއްޖެއެވެ. ވަލީވެރިންނާއި ޞާލިޙު މާތް މީހުންނަށް ތަޢުޡީމު (މާތްކޮށް ހިތުމޭ) ކިޔައިގެން އަދި އެމީހުންނަށްވާ ލޯބީގެ ނަމުގައި އެމީހުންގެ ޤަބުރުތަކުގެ މަތީގައި ޒިޔާރަތްތައް ބިނާކޮށް ހެދީއެވެ. އަދި އެތަންތަނަކީ ﷲ ފިޔަވައި އަޅުކަންވެވޭ ބުދުތަކެއް ކަމުގައި އިޚްތިޔާރުކޮށް ނަދުރުބުނުން، ޤުރުބާންކުރުން، ސަލާމަތަށް އެދި ގޮވާ އާދޭސްކުރުން ކަހަލަ އެބާވަތުގެ އަޅުކަން ﷲ ފިޔަވައި އެތަންތަނަށް ކުރަން ފަށައިފިއެވެ. އަދި އެބާވަތުގެ ޝިރުކުތައް ކޮށްފައި އެއީ ޞާލިޙު މާތް ބޭކަލުންނަށް ތަވައްސުލު ކުރުމާއި (ގާތްކަން ހޯދުން، މީހަކު މެދުވެރިކޮށް އެހީ ހޯދުން) އެބޭކަލުންނަށް ހުންނަ ލޯބިވެތިކަން ފާޅުކުރުން ކަމުގައި ހަދައިފިއެވެ. އަދި އެމީހުން ދެކޭގޮތުގައި އެފަދަ ކަންތައްތައް ކުރުމަކީ އެބޭކަލުންނަށް އަޅުކަންކުރުން ކަމުގައި ނުވެއެވެ. (ނަމަވެސް އެއީ އެބޭކަލުންނަށް އަޅުކަން ކުރުމެވެ) އަދި ހަމަ އިސްވެދިޔަ މުޝްރިކުންގެ ބަހަކީވެސް އެއީކަން އެމީހުން ހަނދާންނެތިއްޖެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. “…مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّهِ زُلْفَى..” (އައްޒުމަރު 3) މާނައީ: ﷲ އާއި ކުއްތަންވުމަށް މެނުވީ، އަހަރެމެން އެތަކެއްޗަށް އަޅުކަންކުރާ ކަމުގައި ނުވަމެވެ. މިއެވެ. (މިއީ ބުދަށް އަޅުކަންކުރި އިސްވިދެޔަ ކާފަރުންގެވެސް ބަހެވެ.)

އިލާހީ އަދި ފަހުގައިވެސް އާދަމުގެ ދަރީންގެ މެދުގައި އުފެދިފައިވާ ޝިރުކާއި އެކުވެސް އޭގެތެރެއިން ގިނަމީޙުން ﷲގެ ރުބޫބިއްޔަ ވަންތަކަމަށް އީމާންވެއެވެ. (ރުބޫބިއްޔަ ވަންތަކަން އެއީ ربّ ވަންތަ ކަމެވެ.) ތައުޙީދުގެ އެބައި އެމީހުންވެސް ޤަބޫލުކުރެއެވެ. އެކަމަކު ކަށަވަރުންވެސް އެމީހުން ޝިރުކު ކުރީ އަޅުކަން ކުރުމުގައެވެ. ތައުޙީދުލް އުލޫހިއްޔާ ގައެވެ. (އުލޫހިއްޔާ އަކީ އިލާހު ވަންތަކަމެވެ.) ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ. “وَمَا يُؤْمِنُ أَكْثَرُهُمْ بِاللَّهِ إِلاَّ وَهُمْ مُشْرِكُونَ ” (ޔޫސުފް: 106) މާނައީ: “އޭގެތެރެއިން ގިނަމީހުން ﷲ އަށް ޝިރުކު ކުރާ ޙާލުގައި މެނުވީ އީމާންވާ ކަމުގައި ނުވެއެވެ. ފިރްޢައުނު ކަހަލަ އަދި ދަހްރީން ކަހަލަ (ދަހްރީންނަކީ ދުނިޔޭގައިވާ ތަކެތި އުފެދި ފަނާވަނީ ޒަމާންއެނބުރެމުން ހިނގަމުންދާ ގޮތުންކަމަށް އީމާންވާ މީހުންނެވެ.) އަދި މިޒަމާނުގެ ޝުޔޫޢީން (އެބަހީ ކޮމިއުނިސްޓުން) ކަހަލަ މަދުބަޔަކު މެނުވީ ރައްބު ވޮޑިގެންވާކަމާއިމެދު އިންކާރު ނުކުރެއެވެ. އަދި އެފަދަ މީހުންވެސް އެކަލާނގެ ވޮޑިގެންވާކަމާމެދު އިދިކޮޅުހަދާ އަދި އިންކާރުކުރީ ބޮޑާކަމާއި ކިބުރުވެރިކަމުންނެވެ. އެހެންނޫންނަމަ އެމީހުންގެ އެތެރެފުށާއި އަދި ނަފްސު ޤަރާރުކޮށްދޭގޮތުގައި އެކަލާނގެ ވޮޑިގެންވާކަމަށް އިޤްރާރުވާން މަޖުބޫރުވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. “وَجَحَدُوا بِهَا وَاسْتَيْقَنَتْهَا أَنْفُسُهُمْ ظُلْمًا وَعُلُوًّا” (އައްނަމްލު 14) މާނައީ: “އެމީހުންގެ ނަފްސުތައް އެކަން ޔަޤީންކުރެއެވެ. ނަމަވެސް އެމީހުން އެކަމަށް ދެކޮޅުހެދީ އަނިޔާވެރިކަމާއި ބޮޑާކަމުންނެވެ.” މިއެވެ.

ކޮންމެ މަޚްލޫޤަކަށްވެސް ޚާލިޤަކު (އެބަހީ ހެއްދެވިފަރާތެއް) ވާންޖެހޭނެކަން އެމީޙުންގެ ބުއްދިތަކަށްވެސް އެނގެއެވެ. މައުޖޫދުވެފައިވާ ކޮންމެ އެއްޗަކަށްވެސް އެއެއްޗެއް ހެއްދެވިފަރާތެއް ވާނޭކަން ދަނެއެވެ. އަދި އެހެންވީއިރު މިހާ ފުރިހަމަކޮށް މިހާ ރީތިކޮށް އަދި އެހާ ހިމުންކޮށް އުފެދިފައިވާ ކައުނަށް (ކައުނުގެ މާނައަކީ ދުނިޔެއެވެ) ކޮންމެހެންވެސް ޙިކުމަތްވަންތަ ކުޅަދުންވަންތަ އަދި ދެނެވޮޑިގެންވާ ފަރާތެއް އެބަހީ ކަލަކު ވާންޖެހޭނެކަން ދަނެއެވެ. އެކަމާއި މެދު އިންކާރުކޮށްފި މީހަކީ އެހެންޏާ ބުއްދިނެތް މީހެކެވެ. އެހެންނާ ބޮޑާކަމާއި ކިބުރުވެރިކަމުން ބުއްދިގޯސްވެ އަދި ތިމާގެ ނަފްސު ހަލާކުކޮށްފި މީހެކެވެ. އެފަދަ މީހުންނާމެދު ވާހަކަދައްކާކަށް ބޭނުމެއް ނެތެވެ.

What's your reaction?

Excited
0

You may also like

Leave a reply

Your email address will not be published. Required fields are marked *