އަދަކީ މާދަމައެވެ. ސަމާލުވާށެވެ.

އިންސާނާގެ ޙަޔާތުގެ ކޮންމެ ހިނދުކޮޅަކީ އާޚިރަތަށްޓަކައި ތައްޔާރުވުމަށް އޮތް ފުރުޞަތެކެވެ. ދުނިޔެ އާރާސްތުކުރުމުގެ މަތިވެރި ޒިންމާ ވަރުބަލިކަމެއްނެތި އަދާކުރުމަކީ ވެސް މިޙަޔާތުގެ ތެރޭގައި ތަމްޘީލްވާންޖެހޭ ކަމެކެވެ. ޒަމާން ތަރައްޤީވެ ކުރިއަރައިދަނީ އިންސާނާގެ ޚިޔާލާތުގެ ނާރެސް އަރުތަވެރިވުމުންކަމުގައި ޤަބޫލުކުރަންޖެހެއެވެ. އެހެންކަމުން، ފަށުވިކަމާއެކު މާދަމާއަށްޓަކައި ވާޞިލުވެވެން އޮތް ހަމައެކަނި މަގަކީ މިއަދުގެ ޙަޤީޤަތެވެ. މިއަދު ފަރުމާކުރާ މޭސްތިރިންނާއި އުފަންކުރާ މުދައްބިރީންގެ ފޮނިކަމަކީ މާދަމާގެ ކާމިޔާބީގެ ފޮނިކަމެވެ. މިއަދު އުފަންވާ ދަރިންގެ ފުރިހަމަކަމަކީ މާދަމާގެ ފުރިހަމަކަމެވެ. މިޖީލުގެ ދުޅަހެޔޮކަމަކީ މާދަމާގެ ޖީލުގެ ދުޅަހެޔޮކަމެވެ. މިކަމުގައި މައިންބަފައިންނާއި، މުދައްރިސުންނާއި މީޑިޔާގެ ޒިންމާ ބޮޑު ކަމުގައި އަޅުގަނޑު ދެކެމެވެ.

ދަރިފުޅުގެ ޙަޔާތުގެ ކުރީކޮޅު މަންމައާއި ބައްޕަގެ ލޯތްބާއި އަޅާލުން ދޭންޖެހެއެވެ. އެދަރިފުޅަކީ މާތްވެގެންވާ އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި ހެދިބޮޑުވާ ދަރިއެއްކަމުގައި ހަދަންޖެހެއެވެ. އެކަމަކީ ވަރަށް ފަސޭހަކަމެވެ. އަދި އެހާމެ އުނދާގޫވެސް ކަމެކެވެ. މައިންބަފައިންގެ ރޭވުންތެރިކަމުގެ މުހިއްމު ދައުރެއް ދަރިންގެ ޅަފަތުގައި އޮންނަންޖެހެއެވެ. އެދަރިން ބައްޓަންކުރުމުގައި ބިންގާ ވަރުގަދަވެގެން ދިޔުމަކީ މުސްތަޤްބަލުގެ އާރޯކަންކަމުގައި ފަހަރެއްގައިވެސް ހަނދާން ނައްތާލައިގެން ނުވާނެއެވެ. ކޮންމެ މަޔަކުވެސް އަދި ބަފަޔަކުވެސް ދަރިންނާމެދު ވަރަށް ފޮނި އުއްމީދެއްކުރެއެވެ. އެދަރިންނަށް ރަގަޅު މުސްތަޤްބަލަކަށް އެދެއެވެ. ނަމަވެސް ދަރިންގެ މާދަމާއާ ދޭތެރޭ ވިސްނުމަށް މިއަދުގެ ފައިދާ ހޯދީ ކިތައް މައިންނާއި ބަފައިންތޯއެވެ؟

މައިންނާއި ބަފައިން ދަރިންގެ ތަރުބިއްޔަތުގެ މިއަދުގެ ހަރުފަތް މާދަމާއަށްޓަކައި މުހިއްމު ދައުރެއް އަދާކުރަންޖެހެއެވެ. “ތިޔަ އުޅޭ ތާކަށް އުޅެންދޭ… ކޮންފަދަ ނުފޮރުއްޕާނެއްތަ… މިތަނުން ފެއްސިގެން ގޮސްބަލަ” ފަދަ ބަސްތައް މަންމަގެ ދުލުކުރިއަށް އަންނައިރު އެދަރިންގެ މުސްތަޤްބަލާ ދޭތެރޭ ވިސްނާލެވޭނެކަމަކަށް ނުބެލެވެއެވެ. “ކަލޯތީ މަގޭ ދަރިއެއްނޫން… މީކިހާބޮޑު ދުއްޕާނެއް… މިއެއްޗަކާހެދި އުޅެވޭކަންނެތް…” ފަދަ ބަސްތައް ބައްޕަގެ ހަޅޭކުގައި ބޭނުންކުރެވޭނަމަ، އެދަރިންގެ ޙަޔާތުގައި ލާނީ ކިތައް ރެނދުކަންވެސް ނޭގެއެވެ. މިއަދުގެ ތަރުބިއްޔަތުގައި ހަޅޭކާއި އެއްޗެހިގޮވުން ޢާންމުވެއްޖެނަމަ، މާދަމާގެ ނަތީޖާއަކީ ނަފްރަތާއި އިދިކީލިކަމެވެ. އަޑުގަދަކަމާއި ގޮތްދޫނުކުރުމެވެ. ބަސްހަރުކަމާއި ނުކިޔަމަންތެރިކަމެވެ. އެހެންނަމަވެސް މިއަދުގެ ތަރުބިއްޔަތުގައި އަޅާލުމާއި ލޯތްބާއި ކުލުނު އަށަގެންފިނަމަ، ދަރިންގެ ވެށީގައި ހަމަހިމޭންކަމާއި ހިތްގައިމުކަމުގެ އަސަރުތައް ފެތުރޭނެއެވެ. ދަރިންގެ އުއްމީދުތަކުގައި ޙަޤީޤީ ކުލަޖައްސައިދެވޭނީ މައިންނާއި ބަފައިންނަށެވެ. އެހެންކަމުން، މިއަދު މިދެމީހުންގެ ކިބައިގައި ހުރި ހަރުދަނާކަމާއި ހުށިޔާރުކަމާއި ކުޅަދާނަކަމަކީ ދަރިންގެ މާދަމާގެ ބާއްޖަވެރިކަމަށް ކޮށާލެވޭ އާރާސްތު މަގެއް ކަމުގައި ނޫނީ ނުވާނެއެވެ. މައިންނާއި ބަފައިންނޭ! މިކަމާ ސަމާލުވާށެވެ.

މުދައްރިސުންގެ ދައުރު ދަރިންގެ މާދަމައަށްޓަކައި  މުހިއްމެވެ. އެހެންކަމަށްވާނަމަ، މުދައްރިސުންނޭ ކިޔަންޖެހޭނީ ޙަޤީޤަތުގައިވެސް ޙަޤީޤީ މުދައްރިސުންނަށެވެ. ޙަޤީޤީ މުދައްރިސުންނަކީ ދަރިވަރުންގެ މާދަމާއަށްޓަކައި ތަސްވީރުކުރަހައިދިނުމުގެ ޝަޢުޤުހުރި މުދައްބިރީންކަން ގައިމެވެ. މުދައްރިސުންގެ ސަމާލުކަން ބައްޓަންވާންޖެހެނީ ކުދިންގެ ތޫނުފިލިކަމުގައި ހަރުދަނާ ކުލައެއް ޖެއްސުމަށެވެ. ކުދިންގެކިބައިގައި ހުރި ހުނަރުތައް ތަރައްޤީކުރުމަށެވެ. އަޚްލާޤީ މާތް ސިފަތައް އަށަގެންނެވުމަށެވެ. ޢިލްމާއި ޙިލްމުން އެކުދިންގެ ހިތްތައް ޖަރީކުރުމަށެވެ. މުދައްރިސުންގެ ހަމައެކަނި ޒިންމާއަކީ މަޢުލޫމާތެއް ފޯރުކޮށްދިނުމެއް ނޫނެވެ. އެކުދިންގެ މާދަމާގެ ފުރިހަމަ ޙަޔާތަށް ބޭނުންވާނެ ހުރިހާ ޤާބިލްކަމަކާއި ސިފަތަކެއް އަށަގެންނެވުމަށް މުދައްރިސުންގެ ހުށިޔާރުކަން އިސްކުރަންޖެހެއެވެ. މުދައްރިސުންގެ އިޚްލާޞްތެރި ނިޔަތާއި ޤާބިލުކަން ރުކުރުވާލައި، އެއްބައިވަންތަ ބައެއްގެ ގޮތުގައި ޢަމާޒަށް ވާޞިލްވުމަށް ޙަރަކާތްތެރިވުން ލާޒިމެވެ. ލޮބެވެތި މުދައްރިސުންނޭ! މިކަމާ ސަމާލުވާށެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގައި އޮބިނޯންނަ ފަށަށް މިއަދުގެ ޙާލަތު ގޮސްފިކަމުގައި އަޅުގަނޑުމެން ޤަބޫލުކުރަންޖެހެއެވެ. މީޑިޔާގެ މިނިވަންކަމުގެ އަސްލު ނަޒަރިއްޔާތަކީ ހޭލުންތެރިކަން ގެނައުމާއި އިންސާނިއްޔަތުގެ ދުޅަހެޔޮކަމަށް ވާޞިލްވުމެވެ. އިންސާނުން ތަރައްޤީކުރުމެވެ. އަމާންވެއްޓެއް ޤާއިމުކޮށް ދިރިއުޅުމުގެ ފަސޭހަތަކަށް އިންސާނުންގެ ޙިއްސުތައް ހޭލެއްވުމެވެ. މިޤައުމުގެ މިއަދުގެ ޙާލަތު ވަޒަންކުރެވޭ އެންމެ ބޮޑު ވަޞީލަތަކީ މީޑިޔާކަމުގައިވީ ހިނދު، މާދަމާއަށްޓަކައި ޚަބަރު ފަތުރާ ވަޞީލަތްތައް މިހާރަށްވުރެ ޒިންމާރުވުން މުހިއްމެއް ނޫންތޯއެވެ؟ މާދަމައަށްޓަކައި މިއަދު މިވަޞީލަތްތަކަށް ކޮށްދެވިދާނެ ކަންތައްތައް ޢަދަދު ނުކުރެވޭހާ ގިނަގުނައެވެ. މީޑިޔާގެ ވަޞީލަތަކީ ރީތި ބަހުން މުޢާމަލާތުކުރާ އެކަކު އަނެކަކަށް އިޙްތިރާމްކުރަން ދަސްކޮށްދޭ ވަޞީލަތަކަށް ހެދުމާއި، ޙަޤީޤީ މުޢުތަބަރު ޚަބަރުތައް އަސްލާ އެއްގޮތަށް ފޮނުވައި ތެދުބުނުން ޢާންމުކުރުމާއި، ޖީލްގެ ހޭލުންތެރިކަމަށްޓަކައި ޕްރޮގްރާމްތައް ބައްޓަންކުރުމާއި، ޒަމާނީ ތަރައްޤީގެ އާހޯދުންތަކަށް ލޯހުޅުވައި ދިނުމާއި، މުޖްތަމަޢުގެ އަމަން އަމާންކަން ޤާއިމުކޮށް އެއްބައިވަންތަކަން ދިރުވުމަށް އިސްނެގުމާއި، ޙަސަދައާއި ބައިބައިވުމުން މިވަޠަން ސަލާމަތްކުރުމަށް ޑޮކިޔުމެންޓްރީތައް ފަރުމާކުރުމާއި، މިޖީލްގެ ޝަޚްޞިއްޔަތު ވަރުގަދަކުރުންފަދަ ކަންތައްތައް ފޯރުކޮށްދޭ ވަޞީލަތަކަށް ހަދަންޖެހެއެވެ. އަރާރުންވުމާއި ދެކޮޅުވެރިކަމުގެ ހަރަކާތްތައް އަބަދާއިއަބަދު މީޑިޔާތަކުން ތަމްޘީލުކުރެވޭނަމަ، މާދަމާގެ މިޤައުމުގެ ޙާލަތު އޮންނާނެ ގޮތާ ދޭތެރޭ ސުވާލު އުފެދެއެވެ. ޤައުމުގެ ކަންކަން ބޮއްސުންލައި ދިރިހުރުމުގެ ޙައްޤުން މިވަޠަނުގެ ދަރިން މަޙްރޫމްވެގެން ދާނެކަމުގެ ސިގްނަލްތައް މިހާރުވެސް މިދަނީ ފެންނަމުންނެވެ. އެހެންކަމުން، މާދަމާއަށްޓަކައި މީޑިޔާގެ ދައުރު ފުޅާކޮށް ހަރުދަނާ ކުރަންޖެހެއެވެ. މީޑިޔާގެ ބޭފުޅުންނޭ! މިކަމާ ސަމާލުވާށެވެ.

އޭ ޤައުމުގެ މުވާތިނުންނޭވެ. މިއަދުގެ ޙާލަތު ބަދަލުކޮށް މާދަމާއަށްޓަކައި، ރަގަޅު ފިޔަވަޅުތަކެއް އެޅުމަށް އަވަސްވެގަންނަމާ ހިނގާށެވެ. ވަކިފަރުދަކު ވަކި މުވައްސަސާއެއް އިސްތިސްނާ ކުރުމެއްނެތިއެވެ. މިޤައުމުގައި މިއަދު އެޅޭ ކޮންމެ ހަރުދަނާ ބިންގަލެއް އާރާސްތުވާނީ މާދަމާގެ ބޮޑު ބިޔަ ވަރުގަދަ އިމާރާތަކަށެވެ. މިއަދު ބިނާކުރެވޭ ޖީލަކީ ހަރުދަނާ ޤާބިލް ޚުލްޤުހެޔޮ ޖީލަކަށް ހެދިއްޖެނަމަ، މާދަމާގެ ޖީލު ހިނިތުންކުރުވާނެއެވެ. ޤައުމުގެ އަރުތައާއި ފަޚްރުވެރިކަން އުހައް އުފުލޭނެއެވެ. ޤައުމީ ޙަޔާތުގެ ފެންއާރުން ޤައުމުގެ ދަރިންނަށް ދިރުން ލިބޭނެއެވެ. އެހެންކަމުން، މިއަދުގެ ކޮންމެ ފިޔަވަޅެއްގެ ނިޝާންތަކާއި އަސަރުތައް މާދަމާއަށްޓަކައި ވާޞިލްވާނެކަމުގައި އަޅުގަނޑުމެން އެންމެން ޤަބޫލުކުރަމާތޯއެވެ.

__________________________

What's your reaction?

Excited
0
އަޙުމަދު އިބުރާހިމް/ ނ.ޅޮހި
އަޙުމަދު އިބްރާހިމް އަކީ ތަޢުލީމީދާއިރާގެ ތަފާތު ތަޖުރިބާތަށް ކޮށްފައިވާ ހިންގުންތެރިއެކެވެ. އަދި ތަޖުރިބާކާރު ޓީޗަރެކެވެ. އަދި މޮޅު ލިޔުންތެރިއެކެވެ.

    You may also like

    Leave a reply

    Your email address will not be published. Required fields are marked *