ކޮލެސްޓްރޯލް ދެނެގަތުން ވަރަށް މުހިއްމު!

ކޮލެސްޓްރޯލް ދެނެގަތުން ވަރަށް މުހިއްމު!

- ޞިއްހަތު
0

ކޮލެސްޓްރޯލްއަކީ ސިއްރުން އިންސާނާ މަރުގެ އަނދަވަޅަށް ކޮއްޕާލާ އެއްޗެކެވެ. ހަކުރު ބައްޔާއި ލޭމައްޗަށް ދިޔުމާ ޚިލާފަށް ކޮލެސްޓްރޯލް މައްޗަށްދާކަމުގެ ނިޝާނެއް ދުރާލާ ފެންނަނީ ވަރަށް މަދުންނެވެ. ނަމަވެސް މިއީ ދުނިޔޭގައި އެތައް މިލިއަން މީހުން އެބައްޔކާ ހަގުރާމަކުރަމުންދާ ބައްޔެކެވެ.

ކޮލެސްޓްރޯލް ހުރިކަން ގިނަ ފަހަރަށް އެގެނީ ކޮންމެވެސް އެހެން ސިއްހީ މައްސަލައެއް ދިމާވުމުން ލޭގެ ޓެސްޓެއް ހެދުމުންނެވެ. ލޭގައި ހުންނަ ކޮލެސްޓްރޯލްގެ މިންވަރު 200 އަށްވުރެ އިތުރުނަމަ މިއީ މައްސަލައެއްކަމުގައި ބައްލަވާށެވެ. ކޮލެސްޓްރޯލް މަތިވުމުގެ މައްސަލައަށް އެކަށީގެންވާ ސަމާލުކަން ނުދީފިނަމަ ތިމާގެ އުމުރުން އަހަރުތަކެއް އަމިއްލައަށް މަދުކުރުން ފަދަ ކަމެކެވެ.

ކޮލެސްޓްރޯލްއަކީ އިންސާނުންނާއި ޖަނަވާރުންގެހަށިގަނޑުގައި އެކުލެވޭ ލޭގެ ފެނުގެ ބައި ނުވަތަ ލޭގެ ޕްލާޒްމާގައި ހުންނަ ތެޔޮ (ސަރުބީ އެކުލެވޭ) މާއްދާ އެކެވެ. ކޮލެސްޓްރޯލް އޭގެ އަސްލު ސިފައިގައި ހުންނައިރު ހުންނާނީ ސާފު ހުދު ކުލައިގައެވެ. އަދި އޭގައި އެއްވެސް ރަހައެއް ނުވަތަ ވަހެއްވެސް އެކުލެވިގެން ނުވެއެވެ. ކޮލެސްޓްރޯލް އުފައްދަނީ މޭގަނޑު އަދި ހަށިގަނޑުގެ ބައެއް އެހެން ގުނަވަންތަކުންނެވެ.

ކޮލެސްޓްރޯލްއަކީ ވެސް އިންސާނާގެ ހަށިގަނޑުގެ މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. މިގޮތުން އިންސާނުންނާއި ޖަނަވާރުންގެ ހަށިގަނޑުގެ ތެރޭގައިވާ ކޮންމެ ސެލްއެއްގެ ބޭރު ފަށަލައިގައި ކޮލެސްޓްރޯލް ހުރެއެވެ. ސެލްގެ ބޭރު ފަށަލައިގައި ހުންނަ ކޮލެސްޓްރޯލް އިން ސެކްސް ހޯމޯންތައް ކަމަށްވާ އެންޑްރޯޖެން އަދި އެސްޓްރޯޖެން އުފެއްދުމަށް އެހީތެރިވެދެއެވެ.

އަދި އެޑްރީނަލް ގްލޭންޑްސް އިން އުފައްދާ ހޯމޯންތައް ބޭރުކުރުމުގައި ވެސް ކޮލެސްޓްރޯލް މުހިއްމު ދައުރެއް އަދާކުރެއެވެ. އެޑްރީނަލް ގްލޭންޑަކީ އަކީ ކޮންމެ ގުރުދާއެއްގެ މަތީގައި ތިނެސްކަން ބައްޓަމަށް އިންނަ ގްލޭންޑް އެކެވެ. ސްޓްރެސް ހޯމޯންތައް ބޭރުކުރަނީ މި ގްލޭންޑްތަކުންނެވެ.

މީގެ އިތުރުން ފެނަށް ގިރިގެންދާ ވިޓަމިންތައް (ފެޓް ސޮލިއެބްލް ވިޓަމިންސް) ކަމުގައިވާ ވިޓަމިން އޭ، ޑީ، އީ، އަދި ކޭ ހަޖަމްކުރުމުގައި ވެސް އެހީތެރިވާ އެއްޗަކަށް ކޮލެސްޓްރޯލްވެފައިވެއެވެ. ނަމަވެސް މި މަސައްކަތްތައް ކުރުމަށް ކޮލެސްޓްރޯލް ބޭނުންވަނީ ވަކި މިންވަރަކަށެވެ. ބޭނުންވާ ވަރަށްވުރެ އިތުރަށް ކޮލެސްޓްރޯލްގެ މިންވަރު މައްޗަށް ދިޔުމަކީ މައްސަލައެކެވެ. ކޮލެސްޓްރޯލް މައްޗަށް ދިޔުމަކީ މިއީއެވެ.

ކޮލެސްޓްރޯލްއަކީ އޭގެ ޒާތުގައި ލެއާއެކު ދައުރުވާ އެއްޗެއްނޫނެވެ. ލެއާއެކު ދައުރުވުމަށް ކޮލެސްޓްރޯލްއަށް އެހީތެރިވަނި ލޭގައި ހިމެނޭ ޕްރޮޓީންއެކެވެ. އެހެންކަމުން ހަށިގަނޑުގެ އެކި ގުނަވަންތަކަށް ކޮލެސްޓްރޯލް ފޯރުކޮށްދެނީ މިދެންނެވި ޕްރޮޓީންގެ އެހީގައެވެ. ކޮލެސްޓްރޯލްއާ މި ޕްރޮޓީން އެކުވުމުން ‘ލިޕޯޕްރޮޓީން’ އުފައްދައެވެ. އެހެންކަމުން ލޭގައި ކޮލެސްޓްރޯލް ހުންނަނީ ޕޯޕްރޮޓީން އާ ތަތްވެފައެވެ. ލިޕޯޕްރޮޓީންގެ ދެ ވައްތަރެއްވެއެވެ. އެއީ ހައި ޑެންސިޓީ ލިޕޯޕްރޮޓީން އާއި ލޯ ޑެންސިޓީ ލިޕޯޕްރޮޓީންއެވެ.

އެޗް.ޑި.އަށް ”ރަގަޅު” ކޮލެސްޓްރޯލް އޭ ވެސް ކިޔައެވެ. މިއީ ލޭގައި ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު މަދުކޮށް ދަށްކުރުމަށް އެހީތެރިވެދޭ ލިޕޯޕްރޮޓީން އެކެވެ. މީގެ ސަބަބުން ކޮލެސްޓްރޯލް ސެލްތަކާ ވަކިކޮށް މޭގަނޑަށް އަނބުރާ ޖަމާކުރެއެވެ. މޭގަނޑުން މި ކޮލެސްޓްރޯލްތައް ހަޖަމުކޮށް ނަޖިހުގެ ގޮތުގައި ހަށިގަނޑުން ބޭރުކޮށްދެއެވެ.

ލޯ ޑެންސިޓީ ލިޕޯޕްރޮޓީންއަކީ ނުރަގަޅު ނުވަތަ ގޯސް ކޮލެސްޓްރޯލްއެވެ.

އެލް.ޑީ.އެލް ގެ މަސައްކަތަކީ މޭގަނޑުން ސެލްތަކަށް ކޮލެސްޓްރޯލް ގެނެސްދިނުމެވެ. މިގެ މިންވަރު މަތިވެއްޖެނަމަ ސަރުބީތައް ސެލްތަކުގައި ޖަމާވެ ލޭނާރުތަކުގައި ލޭ ދައުރުވުން ލަސްކޮށް ހަށިގަނޑުގައި ލޭ ދައުރުވާންޖެހޭ ގޮތަށް ދައުރުވުން ހުއްޓިދެއެވެ. އަދި ގިނަ ދުވަސްވުމުން ހަށިގަނޑުގެ މުހިއްމު ގުނަވަންތައްކަމުގައިވާ ގުރުދާއާއި ގޮހޮރަށް ވެސް ލޭ ދައުރުވުން ހުއްޓިދެއެވެ. މިބާވަތުގެ ލިޕޯޕްރޮޓީން ގިނަވުމުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ބޮޑެވެ.

ބަރުދަން އިތުރުވުމަކީ ކޮލެސްޓްރޯލް މައްޗަށް ދިޔުމަށް މެދުވެރިވާ ސަބަބެކެވެ. އަދި ވާރުތަވުމާއި، އުމުރުން ދުވަސްވުމާއި ކެއިންބުއިމުގެ ގޯސްއާދަތަކާއި ކަސްރަތާ ދުރުވުމަކީ ވެސް ލޭގައި ހިމެނޭ ކޮލެސްޓްރޯލްގެ މިންވަރު މަތިކޮށްދޭ ކަންތައްތަކެވެ. ކޮލެސްޓްރޯލްގެ މިންވަރުދަށްކޮށް އެއްވަރެއްގައި ބެހެއްޓުމަށް ބައެއް ކަންތައްތަކަށް ސަމާލުކަންދިނުން މުހިއްމެވެ.

ލޭގައި ކޮލެސްޓްރޯލްގެ މިންވަރު މަތިވުމުން ލޭހޮޅިތަކުގެ ތެރޭގައި ލޭހޮޅިތަކުގައި ލޭދައުރުކުރުމަށް ހުރަސްތަކާއި ކުރިމަތި ކުރުވައެވެ. މިގޮތަށް ލޭހޮޅީގެ ތެރޭގައި ސަރުބީ ޖަމާވުމުން، ލޭހޮޅި ހަރުވާގޮތް ދިމާވެއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ އެކި ހިސާބުތަކަށް ލޭފޮނުވާދޭ މިންވަރު ދަށްވެ، ހިތްހުއްޓުން އަދި ވާގިނެތޭ ބަލި ޖެހުން ފަދަ ކަންތައްތައް ކުރިމަތި ކުރުވައެވެ. އެހެންކަމުން ކޮލެސްޓްރޯލްދަށްކޮށް ވަކި މިންގަނޑެއްގައި ބެހެއްޓުމަކީ ވަރަށް މުހިއްމުކަމެކެވެ.

–        އެންމެ ފުރަތަމަ ސަރުބީ ގައިން އެކުލެވޭ ކާނާ(ބަޓަރު، ތެޔޮ، ޗީޒް، ބިހުގެ ގޮބޮޅި އަދ އެއްގަމު މަހުގެ ބާވަތްތައް) ކެއުން މަދުކުރުން

–        ފެޓް މަދުން ހިމެނޭ ކިރުގެ ބާވަތްތައް ބޭނުންކުރުން

–        ބަންދުކޮށްފައި ހުންނަ ލޮނުގަދަ ބާވަތްތަކުގެ ކާނާ ބޭނުންނުކުރުން

–        މަސްބޭނުންކުރާއިރު މަދުން އެއްގަމު މަހުގެ ބާވަތްތައް ކެއުން، ސީފުޑްގެ ތެރެއިން ލޮބްސްޓަރ، ޝްރިމްޕް ނުކެއުން

–        ހައި ޕްރޮޓީން އަދި ފައިބަރ އެކުލެވޭ ކާނާ ގިނަކުރުން(ބީންސް، ގްރީންޕީސް، ނަޓްސް)

–        ތެލުލި އެއްޗެއް ކާން ބޭނުންނަމަ ސަރުބީ މަދުން ހުންނަ ތެޔޮ(ޒައިތޫނު އަދި ސަންފްލާވަރ) ތެލުގައި ތައްޔާރުކުރުން

–        ގަވާޢިދުން ކަސްރަތު ކުރުމަކީ ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށް، ރަގަޅު ކޮލެސްޓްރޯލްގެ މިންވަރު މަތިކޮށްދޭ ކަމެއް. އެހެންކަމުން ކޮންމެ ދުވަހަކު ގަވާޢިދުން މަދުވެގެން 30 މިނިޓް ހަށިގަނޑަށް ފައިދާހުރި ކޮންމެވެސް ކަސްރަތެއް ކުރުން

–        ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމުން ރަގަޅު ކޮލެސްޓްރޯލްގެ ނިސްބަތް މަތިވާކަމެއް

ބައެއް ފަހަރު ހަމައެކަނި ކެއުމަށް ބަދަލު ގެނައުމާއި، ކަސްރަތު ކުރުން ކޮލެސްޓްރޯލް ދަށްނުވުމަކީ އެކަށީގެންވާކަމެކެވެ. އެހެން ކަމުން ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން ބޭސް ބޭނުންކުރަންވާނެއެވެ.

ރައްދު

Your email address will not be published. Required fields are marked *