ޙަޔާތުގެ އަމާންދަތުރު ނަމާން ދަތުރަކަށް ވެގެންދަނީ ހަމަ ކުއްލިއަކަށެއް ނޫނެވެ. ތުފާން އައުމުގެ މާކުރިން އޭގެ އިންޒާރުތައް ލިބެމުން ދެއެވެ. އެއީ ކުއްލިއަކަށް ނޭންގިތިއްބައި އަންނަކަމެއްނޫނެވެ. ވަރިވުމުގެ މާކުރިއްސުރެ ، ދެމަފިރިންގެ ދެމެދުގައި ކުދި ކުދި މައްސަލަތަކުން ފެށިގެން ބޮޑެތި މައްސަލަތަކާ ހަމައަށް ގޮސް ވަރިއާ ހިސާބުން އެދެމިހުން ވަކިވެގެންދަނީ ، އެކަމުގެ ހައްލު ހޯދުމުގެ މަގު އިޚްތިޔާރު ނުކުރުމުގެ ސަބަބުންނެވެ.

ވަރިކުރުމަކީ އެއި ޒަވާޖީ ގުޅުން ކަނޑާލުމަށް ކިޔާނަމަކެވެ. އަދި ކޮންމެވެސް ސަބަބަކާލައިގެން ދެމަފިރިންގެ ދެމެދުގައި ޢަޤްދުވެގެންދިޔަ ކާވެނީގެ ގޮށް ވަގުތުން މޮހައިލުމެވެ. ނުވަތަ ޚާއްސަ ލަފްޒެއް ބޭނުންކޮށްގެން މުއްދަތަކަށްފަހު ކާވެނީގެ ޢަޤްދު މޮހިގެންދިޔުމެވެ. ވަގުތުން ވަރިވުމަކީ ، ބާއިން ވަރިއެކެވެ. ކާވެނީގެ އަޤްދު ފަހުން މޮހިގެން ދާ ވަރިއަކީ ރަޖްޢީ ވަރިއެކެވެ.

 ވަރިކުރުމަށް ބޭނުން ކުރާ ޚާއސަ ލަފްޒަކީ ޞަރީޙަ ލަފްޒެކެވެ. މިސާލަކަށް “ވަރިކޮށްފީމު” ނުވަތަ ކިނާޔަތުގެ ލަފްޒު މިސާލަކަށް ” ދުރުކޮށްލައިފީމު” ފަދަ ލަފްޒުތަކެވެ.

ދުލުން ބުނެވޭ ބަހެއްގެ ބަދަލުގައި މާނަ ދޭހަވާ ގޮތައް ލިޔެވޭ ލިޔުންތަކާއި އިޝާރާތްތައްވެސް ހިމެނެއެވެ. އަދި ވަރިކުރުމުގެ މާނައިގެ ތެރޭގައި ޚުލްޢުކުރުންވެސް ހިމެނެއެވެ. ހަމައެހެންމެ ދެމަފިރިއެއްގެ ވަރީގެ މައްސަލާގައި ޤާޟީއަކު އިއްވާ ނިޔާއެއްގައި، ފިރިމީހާ ވީތަނެއް ނޭންގުމުގެ ސަބަބުން ،ނުވަތަ ދިގު މުދަތަކަށް ޖަލަށްލާ ބަންދު ކުރުމުގެ ސަބަބުން ނުވަތަ ޚަރަދު ނުދޭތީ ނުވަތަ ދެމިހުންނަށް ހެޔޮގޮތުގައި ދިރިނޫޅެވޭތީ” އަހަރެން ކަލޭމެން ދެމީހުން ދުރުކޮށްފީމު ” ފަދަ ބަސްތައްވެސް ” ވަރި” އާއެއްފަދަ ވެގެންދާނެއެވެ.

ޚާއްސަ ލަފްޒަކުން ވަރިކުރުމޭ ބުނުމުން ، ކައިވެނި ” ފަސްޚްކުރުން” ވަރީގެ ތެރެއަކު ނުހިމެނެއެވެ. އެހެނީ ކައިވެނި ފަސްޚްކުރުމަކީ ، ފަސްޚްކުރެވި ވަގުތުން ފެށިގެން “ވަރީގެ” ލަފްޒް ބޭނުންކުރުމަކާނުލައި ޒަވާޖީ ގުޅުން ކެނޑިގެން ދާނެ ކަމެކެވެ. މިސާލަކަށް ބާލިޣުވުމުން ކައިވެނި ފަސްޚުކުރުމުގެ އިޚްތިޔާރު އޮންނަގޮތައް ކުރެވޭ ކުޑަކުއްޖާގެ ކައިވެންޔާއި ، ކައިވެނީގައި ކުފޫ ހަމަނުވާތީ ފަސްޚްކުރުމާއި ، ރަން އުނިވުމުން ފަސްޚްކުރުމާއި މުރުތައްދުވެގެން ފަސްޚްކުރުން ފަދަ ކަންކަން ހިމެނެއެވެ.

ވަރިކުރުމަކީ ހުއްދަވެގެންވާ ކަންކަމުގެ ތެރެއިން އެންމެ ނުރުއްސަވާ ކަންތައް:

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަަމ ޙަދިޘް ކުރައްވާފައި ވެއެވެ.{ أبغضُ الحلال إلى الله الطلاق } މާނަ: “ކުރުން ހުއްދަވެގެންވާ ކަންކަމުގެ ތެރެއިން ، މާތް ﷲގެ ޙަޟްރަތުގައި އެންމެ ނުރުއްސަވާކަމަކީ، ވަރިކުރުމެވެ.” މިޙަދީޘުން ވެސް އެނގިގެންދަނި ހުއްދަ ކަމެއް ނަމަވެސް ކުރުން ރަނގަޅު ކަމެއް ނޫންކަމެވެ. ﷲ ތަޢާލާ ނުރުއްސަވާ ކަމަކަށް މިކަންވާއިރު މިކަން ނުކުރުމަކީ އެންމެ އެދެވިގެންވާ ކަމެކެވެ. އެހެނި ކާމިޔާބު ލިބުން ވަނީ ﷲ ތަޢާލާ ރުއްސަވާގޮތައް ދުނިޔޭގެ ޙަޔާތް ވޭތުކުރެވިގެނެވެ.

ވަރިކުރުމަކީ، އެކަމުގެ ނަތީޖާގެ ނުބައި އަސަރު ހިމެނޭ ކަމެއްމެއެވެ.  އެކުގައި ނޫޅެވޭނެ ދެމީހަކު ، ވަރި ނުވެވި ތިބުމަކީ ، އަދި އެއަށްވުރެ ނުބައި ނަތިޖާއެއް ނުކުންނާނެ ކަމަކަށް ވުމާއެކެ ، ވަރިކުރުން ހުއްދަ ކުރައްވާފައިވަނީ ، ” ދެ ނުބައިގެ ތެރެއިން އެންމެ ކުޑަ ނުބައެއް ލިބިގަތުން ހުއްދަވާ ” ފިޤްހީ ގަވާއިދަށް ރިޢާޔަތް ކޮށްފައެވެ.

 ޒަވާޖީ ޙަޔާތުގައި ދިމާވާ މައްސަލަތައް ޙައްލުނުކުރެވި ، ދެމަފިރިން އެކުގައި ނޫޅެވޭނެކަން ކަށަވަރު ވެއްޖެނަމަ ވަރިވުން ނޫންގޮތެއް ނެތްކަމަށް ފެންނަ ހިސާބުން ވަރިވުން ހުއްދަވެގެން ވެއެވެ.  އެކަމަކު ވަރިވުމާ ހަމައަށް ، ދާންވާނީ އެނޫން އެހެން އެއްވެސް ގޮތެއް ނެތް ހިނދެއްގައެވެ.  ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފއިވެއެވެ. { أيّما امرأةٌ سالت زوجها الطلاق فى غير ما بأس، فحرام عليها رائحة الجنة } މާނަ: “އެމީހެއްގެ ފިރިމީހާގެ ގާތުން މަޤުބޫލު އުޒުރަކާނުލާ ވަރިއަށް އެދެފި އަންހެނެއްގެ މައްޗައް ސުވަރުގޭގެ ވަސް ޙަރާމްވެގެން ވެއެވެ.”

ހަމައެހެންމެ މައިން ބަފައިންގެ އެދުމުގެ މަތިން ފިރިމީހާގެ ގާތުން ވަރިވުމަށް އެދެވިދާނެއެވެ. މިކަމަށް ތާއިދުލިބޭ ދަލީލަކީ ، އިބްނު ޢުމަރުގެ އަރިހުން ވާރިދުވެފައިވާ ޙާދިޘާއެވެ. އިބްނު ޢުމަރު ވިދާޅުވިއެވެ. ތިމަން، މީހަކާ ކައިވެނި ކުރީމެވެ. އަދި އެއަންހެނާދެކެ ލޮބިވެސް ވީމެވެ. އެހެންނަމަވެސް، އަހަރެންގެ ބައްޕަ އެއަންހެނާދެކެ ފޫހިފުޅުވެއެވެ. އަދި އެއަންހެނާ ވަރިކޮށްލުމަށް އަހަރެންގެ ގާތުގައި އެދިވަޑައިގެން ހިނދު އެކަމާ އަހަރެން އިންކާރުކުރީމެވެ. ބައްޕަ ވަޑައިގެން ކީރިތި ރަސޫލާއަށް މިވާހަކަ ދެންނެވުމުން ޙަދީޘް ކުރެއްވި އެވެ. {يا عبد الله بن عمر: طلّق امرأتك}މާނަ:” އޭ ޢަބްދުﷲ ބުން ޢުމަރެވެ! ތިބާގެ އަންހެނުން ވަރިކޮށްލާށެވެ! “މިބަސްފުޅުން ދޭހަވަނީ ، ވަރިކުރުމަކީ ، އެދެވިގެންވާ ކަމެއްކަމުގައި ނުވިނަމަވެސް މައިންބަފައިންގެ ނުރުހުމުގައި ކައިވެނި ނުކުރުމާއި ، އަދި މައިންބަފައިންގެ އެދުމާއެކު ވަރިކޮށްލުންވެސް ހުއްދަވެގެންވާ ކަމެވެ.  އެހެނީ އާއްމުކޮށް ކަންހިނގާގޮތުން ،މައިންބަފައިން، ދަރިންނަށް ނަސޭހަތްތެރިވާނީ ، އެދަރިންގެ މަސްލަޙަތު ރައްކާތެރިވެވޭނެ މަގުންނެވެ. މި މައްސަލައަކީ، ހުރިހާ ޢިލްމުވެރިން އިއްތިފާޤުވެފައިވާ މައްސަލައެއް ނޫނެވެ. އެހެންކަމާއެކެ، މައިންބަފައިން ކިތަންމެ ހެޔޮލަފާ ބަޔަކު ކަމުގައި ވިއަސް ، ކައިވެނި ކުރުމާ ވަރިކުރުމުގެ މައްސަލާގައި މައިންބަފައިންނށް ކިޔަމަންވުން ޙަންބަލީ މަޛުހަބުގައި ލާޒިމެއް ނޫނެވެ.

ވަރިކުރުމަކާ ހަމައަށް ދިއުމުގެ ކުރިން ޢަމަލުކުރަންވީގޮތް އިސްލާމްދިނުގައި ކަނަޑައަޅުއްވާފައިވެއެވެ:

ދެމަފިރިއަކު ނުހަނު ލޯބިން ކުރި ކައިވެނި ، އަދި އިތުބާރާއެކު ފެށި ޒަވާޖީ ޙަޔާތުގެ ދަތުރު ، ވަރިވުމަކުން ނިމިދިއުމަކީ ، އެއްވެސް މީހަކު ބޭނުން ވާނެކަމެއްނޫނެވެ. އެހެންވެ، ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުކުރުމުގެ ބައެއް ގޮތްތައް އިސްލާމްދީނުގައި  ކަނޑައަޅުއްވާފައިވެއެވެ. އެގޮތުން  ނަސޭހަތްތެރިވުމާއި ،ހެވާ ނުބައި ވިސްނައިދިނުމާއި، އިސްލާޙު ކުރުމުގެ ނިޔަތުގައި ، އަދި ޢިބްރަތެއް ލިއްބައި ދިނުމުގެ ބޭނުމުގައި ދެމިހުން ދުރުގައި ތިބެލުން، ހަމައެހެންމެ އެކަކު އަނެކެއްގެ ބޭނުންތެރިކަމުގެ  މުހިއްމުކަން ތަޖްރިބާ ކޮށްލުމުގެ ގޮތުން ދެމީހުން ދެތަންމަތީގައި ނިދާލުމާއި ، ދެފަރާތުގެ ޢާޢިލާގެ މީހުން އެދެމެދަށް ވަދެ ޞުލްޙަކުރުމުގެ ގޮތުން ދެމަފިރިންނަށް ނަސޭހަތްތެރިވުމާއި، ދެމަފިރިންގެ ފަރާތުން ކަނޑައެޅޭ ދެނިޔާވެރިންގެ އެހީތެރިކަން ހޯދުން ފަދަ ކަންތައްތައް ހިމެނެއެވެ. މިފދަ ކަންކަމަށް އިޝާރަތްކުރައްވާ ކީރިތި ޤުރުއާނުގައި އަންގަވާފައިވނީ {وَإِنِ ٱمْرَأَةٌ خَافَتْ مِن بَعْلِهَا نُشُوزاً أَوْ إِعْرَاضاً فَلاَ جُنَاْحَ عَلَيْهِمَآ أَن يُصْلِحَا بَيْنَهُمَا صُلْحاً وَٱلصُّلْحُ خَيْرٌ وَأُحْضِرَتِ ٱلْـأَنْفُسُ ٱلشُّحَّ وَإِن تُحْسِنُواْ وَتَتَّقُواْ فَإِنَّ ٱللَّهَ كَانَ بِمَا تَعْمَلُونَ خَبِيراً}(النساء128)މާނަ: “ފިރިމީހާ ދުރުހެލިވެ ، ނުވަތަ ވާހަކަ ނުދައްކާ ހުރެދާނެކަމަށް އަންހެނަކަށް ބިރުހީވެއްޖެނަމަ ، އެދެމީހުންގެ މެދުގައި އެކުވެރިކަމުގެ ޞުލްހަވުމަކުން ޞުލްޙަވުމާމެދު، އެދެމީހުންގެ މައްޗަކަށް ކުށެއްނެތެވެ. ޞުލްޙަވުން ހެޔޮކަން ބޮޑެވެ. އަދި ތިމާގެ ގާތުން ކުރަންޖެހޭ ހޭދައަކާމެދު ، އަދި ތިމާއަށް ލިބެންވީ ލިބުމާދު ދަހިވެތިވުން ހިތްތަކުގައި ލައްވާފައި ވެއެވެ. އަދި ތިޔަބައިމީހުން އިޙްސާންތެރިވެ، އަދި ތަޤުވާވެރިވާނަމަ ، (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން ތިޔަބައިމީހުން ކަނތައް ކުރާގޮތް މޮޅަށް ދެނެވޮޑިގެންވާ  ކަލަކު ކަމުގައި ﷲ ދެނެވޮޑިގެން ވެއެވެ”. އަދިވެސް އެހެން އާޔަތެއްގައި ﷲ ތަޢާލާ ވަހީ ކުރައްވާފައިވަނީ މިފަދައިންނެވެ. {ٱلرِّجَالُ قَوَّامُونَ عَلَى ٱلنِّسَآءِ بِمَا فَضَّلَ ٱللَّهُ بَعْضَهُمْ عَلَىٰ بَعْضٍ وَبِمَآ أَنْفَقُواْ مِنْ أَمْوَالِهِمْ فَٱلصَّالِحَاتُ قَانِتَاتٌ حَافِظَاتٌ لِّلْغَيْبِ بِمَا حَفِظَ ٱللَّهُ وَٱللاَّتِى تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَٱهْجُرُوهُنَّ فِى ٱلْمَضَاجِعِ وَٱضْرِبُوهُنَّ فَإِنْ أَطَعْنَكُمْ فَلاَ تَبْغُواْ عَلَيْهِنَّ سَبِيلاً إِنَّ ٱللَّهَ كَانَ عَلِيّاً كَبِيراً}(النساء34) މާނަ: “އެކަނބަލުން ނުކިޔަމަންތެރިވެދާނެކަމަށް ، ތިޔަބައިމީހުން ބިރުގަންނަނަމަ ،ފަހެ، އެކަނބަލުންނަށް ނަސޭހަތް ދޭށޭވެ! އަދި އެކަނބަލުންނާއެކު އެއްދާންކުރުން ދޫކޮށްލާށެވެ! އަދި އެކަނބަލުންގެ ގައިގައި (ހާނިއްކަ ނުވާގޮތައް) ޖަހާށެވެ! ފަހެ ތިޔަބައި މީހުނަށް އެކަނބަލުން ކިޔަމަންވެއްޖެނަމަ ، އެކަނބަލުންގެ މައްޗައް ( އަނިޔާވެރި ) މަގަކަށް ނޭދޭށެވެ! ހަމަކަށަވަރުން ، ﷲ އީ އެންމެ މަތިވެރި، އެންމެ ބޮޑު ރަސްކަލާނގެ ކަމުގައި ވެއެވެ.”

ކާވެނިމަތީގައި ދެމިތިބުމަށް އިސްލާމްދީން ބާރުއަޅުއްވާފައިވުން:

ކައިވެނީގެ ޙަޔާތުގައި ފިރިމިހާއަށާއި އަނބިމީހާއަށް ދިމާވެދާނެ ހަމަނުޖެހުންތަކަށާއި ދަތި އުނދަގޫތަކަށް ކެއްތެރިވުމަށް އިސްލާމްދީން ވަރަށް މަތީ ދަރަޖައަކަށް ބާރުއަޅާފައިވެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ.  {يَا أَيُّهَا ٱلَّذِينَ آمَنُواْ لاَ يَحِلُّ لَكُمْ أَن تَرِثُواْ ٱلنِّسَآءَ كَرْهاً وَلاَ تَعْضُلُوهُنَّ ُلِتَذْهَبُواْ بِبَعْضِ مَآ آتَيْتُمُوهُنَّ إِلاَّ أَن يَأْتِينَ بِفَاحِشَةٍ مُّبَيِّنَةٍ وَعَاشِرُوهُنَّ بِٱلْمَعْرُوفِ فَإِن كَرِهْتُمُوهُنَّ فَعَسَىٰ أَن تَكْرَهُواْ شَيْئاً وَيَجْعَلَ ٱللَّهُ فِيهِ خَيْراً كَثِيراً} (النساء19) މާނައަކީ :”އަދި ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ! ތިޔަބައިމީހުން އެކަނބަލުންނާ ނުރުހުންތެރިވެއްޖެނަމަ، ( ދަންނާށެވެ!) ބައެއްފަހަރަށް ތިޔަބައިމީހުން އެއްޗަކަށް ނުރުހުންތެރި ވެދާނެއެވެ. އަދި، އެއެއްޗެއްގައި ﷲ ގިނަވެގެންވާ ހެޔޮކަން ލައްވާފާނެތެވެ.” ހަމަ އެހެންމެ ކީރިތި ރަސޫލާ ޙަދީޘް ކުރއްވާފއި ވެއެވެ. {لا يفرك مؤمن مؤمنة، إن كره منها خلقا، رضي منها آخر} މާނަ:” މުއުމިނު ފިރިއަކު މުއުމިނު އަތްބަކުދެކެ ރުޅި ނާންނަހުށިކަމެވެ. އެކަނބުލޭގެ ކިބައިން ހިތްހަމަ ނުޖެހޭ އެއްސިފައެއް ހުރިނަމަވެސް ، އެހެން ރަނގަޅު ސިފައެއް ހުރުމުން ރުހޭގޮތް ވެދާނެތެވެ”.

ޝައްކެއްނެތެވެ. ޒަވާޖީ ޙަޔާތަކީ ، ދެމަފިރިންގެ އެއްބާރުލުމާއި އެކަކު އަނެކަކަށް ދޫދިނުމާއި، އެކެއްގެ ކިބައިން ފެންނަ ހިތްހަމަނުޖެހޭ ކަންކަމަށް އަނެކަކު މައާފްކުރުމާއި ކެތްތެރިވުމުގެ ޙަޔާތެކެވެ. އެއްވެސް އިންސާނަކީ ހުރިހާ ގޮތަކުން ފުރާފުރިހަމަ ވެފައިވާ މިހެއްނޫނެވެ. ދެމަފިރިންގެ ކިބާގައި ހުންނަ އުނިކަންކަން ފުރިހަމަ ވާންވާނީ ދެމިހުންގެ ކިބާގައިވެސްހުންނަ ރަނގަޅު ކަންތައްތަކުގެ ސަބަބުންނެވެ. އެކެއްގެ ކިބާގައި ހުރި އުނިކަންކަން ، ފޫބައްދައި ދޭންވީ ، އަނެކެއްގެ ކިބާގައިހުރި  ރަނގަޅުކަމުގެ ބޭނުންކޮށްގެނެވެ.  ޒަވާޖީ ޙަޔާތުގެ މަރުހަލާތަކުން ދަތުރުކޮށްދާންވީ، ދަތުރުގެ އެކުވެރިން ފަދައިންނެވެ.  ޒަވާޖީ ޙަޔާތުގެ މިދަތުރު އަމާންކުރުން، ނުވަތަ ނާމާންކޮށްލުން އޮތި އެދެމީހުންގެ އަތްމަތީގައެވެ. ކައިވެނިގެ ބާއްޖަވެރި ކަމުގެ އިޙްސާސްތަކާއެކު ، ދުނިޔެވީ ޙަޔާތް ހޭދަކޮށްލުމަކީ ، ދެމަފިރިއެއްގެ ހެޔޮ ވިސްނުން ބޭނުންކޮށްފިނަމަ، ވަރަށް ފަސޭހަ ކަމެއްވެސްމެއެވެ.

LEAVE A REPLY

Please enter your comment!
Please enter your name here