މީގެ އަހަރުތަކެއް ކުރިން ފަށައިގެން ރާއްޖެގައި އަންނަނީ މީހުން މެރުން އާންމުވަމުންނެވެ. މިގޮތުން އެކި އުމުރުގެ މީހުން މަރާލާފައި އެއްލާފައި ވަނިކޮށް އެތައް ތަނަކުން ވަނީ ފެނިފައެވެ. މަރާލެވިފައިވާ ބައެއް މީހުންނަކީ އުމުރުން ދުވަސްވި ވީ މީހުންނެވެ. މިގޮތުން ދާދި ފަހަކުން މާފަރުގައި މަރާލެވިފައިވާ ބަކުރުބެ އަކީ 65 އަހަރުވެފައި ވާ ފަސް ވަގުތު ނަމާދުކުރަމުން އައި ހެޔޮ ލަފާ މީހެކެވެ. އަދި ހުވަރަފުށީގައި މަރާލެވިފައިވާ ހުސައިން މަނިކް އަކީވެސް މީހުންނާއި ގުޅޭ ހިއްހެޔޮ އާންމުންނައް އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުން އައި ހެޔޮލަފާ ބޭފުޅެކެވެ. މާތް ﷲ އެ މަރުހޫމުންނަށް ހެޔޮރަޙްމައް ލައްވާށިއެވެ.

މީހުން މެރުން ރާއްޖޭގައި އާންމުވެފައިވާއިރު މަރާލާފަ އެއްލާފައިވާ ކުޑަ ކުދިންވެސް އަންނަނީ ފެންނަމުންނެވެ. މިގޮތުން ބައެއް ކުދިން ދަޅައް ލާފައި ވެސް އެއްލާފައި ވެއެވެ.  އަދި ބައެއް ކުދިންގެ ފުރާނަ ދުއްވާލެވިފައި ވަނީ ސްކޫލައް ގޮސް ގެޔައް އަަންނަ މަގުމަތީގައެވެ. އަދި ބޭރުތެރޭންނާއި ފަޅުގެތަކުންވެސް މަރާލެވިފައިވާ މީހުން ފެނިފައިވެއެވެ.  އަދި ގިނަފަހަރަށް މިގޮތަށް މަރާލެވިފައިވަނީ ތޫނު އެއްޗެހިން ހަމާލާދީގެންނެވެ. މިކަންކަމުން އެތައް އާއިލާތަކެއްވަނީ ހިތާމައިގައެވެ. އެހެންކަމުން އެފަދަ އާއިލާތަކަށް ކެއްތެރިކަން ދެއްވުން އެދެމުން މިފަދަ ނުބައި ޖަރީމާތަކާއި ބެހޭގޮތުން މާތްވެގެންވާ އިސްލާމްދީނުގައި ވާ ގޮތް ބަޔާންކޮށްލަމެވެ. މިގޮތުން އިސްލާމީ ނޫރުގައި މިކަމާއި ބެހޭގޮތުން ކުރެވުނު ސުވާލަށް ޝައިހް އިބްރާހިމް ފަރީދު ދެއްވި ޖަވާބު ހެޔޮބަސް ގެ ކިޔުންތެރިންނަށް ހިއްސާކޮށްލަމެވެ. އަދި ޖަވާބުގެ އޯޑިއޯ ވެސް އަޑުއައްސަވަން ބޭނުންފުޅު ފަރާތްތަކަށް ޑައުންލޯޑްކުރެވޭނެއެވެ.
ސުވާލާއި ޖަވާބު ޑައުންލޯޑް ކުރައްވާ!

ކުށެއްނެތް އިންސާނަކު މަރާފިޔާ އެމަރާ މީހާގެ ހުކުމަކީ ކޮބާ؟ އަދި އޭނާއަށް ތައުބާވެވޭނެތަ؟ އަދި އޭނާ ތައުބޭވެ ހުރެ ކުށެއް ނެތި އޭނާ މަރުވުމުން އޭނާއަށް އެކަމުގަ އަޒާބު ލިިބޭނެތަ؟

އަޅުގަނޑުމެންގެ މި އިސްލާމް ޤައުމުގައި އިސްލާމީ ޝަރިއާ ފުރިހަމަ ވެފައި ނެތުމުގެ ސަބަބުން މުޅި ޤައުމު މިވަނީ ބޮޑުވެގެންވާ ބިރުވެރިކަމެއްގެ ތެރޭގައެވެ. މީހެއްގެ ފުރާނައަކަށް އަމާންކަމެއް ހުރީކީ އެއް ނޫނެވެ. މީހެއްގެ މުދަލަކަށް އަމާންކަމެއް ހުރީކީ އެއް ނޫނެވެ. މީހެއްގެ އަބުރާ އިއްޒަތަކަށް އަމާންކަމެއް ހުރީކީ އެއްނޫނެވެ. ކުޑަކުއްޖަކަށް އުމުރުން ދުވަސްވީ މީހަކަށް އަމާންކަމެއް ހުރީކީ އެއް ނޫނެވެ. އަންހެނުންނާއި، ނިކަމެތިންނާއި، ޔަޠީމް ކުދިންނަށްވެސް އަމާން ކަމެއް ހުރީކި އެއް ނޫނެވެ. މީހުން މެރުން އާންމުވެފައި ވަނީ އެކަމުގައި އެއްވެސް ބިރުވެރިކަމެއް ނުވާ ހާލުގައެވެ. ސަބަބަކީ އޭނާ ނުމަރާނެކަން އެނގޭތީއެވެ. މިޤައުމުގައި އަތުން ލިޔެވި ފައިވާ ޝަރިއަތުގައި(ޤާނޫނުގައި މިވަނީ) މިފަދަ ކުށްތައް ޘާބިތުވީ ކަމުގައިވިޔަސް ބޮޑުމިންވަރަކަށް އުމުރަށް ޖަލަށް ލުމެވެ. ނަމަވެސް މާތްﷲ ވަނީ ޤިޞާސް (މަރަށް މަރު ހިފުން) ފަރްޟް ކުރައްވާފައެވެ. އަޅުގަނޑުމެން ރޯދަ ހިފަނީ އަޅުގަނޑުމެންގެ މައްޗަށް ރޯދަ ފަރްޟް ކުރެއްވީތީއެވެ.

ތިރީގައި މިވަނީ އިސްލާމީ ނޫރު ސުވާލާއި ޖަވާބު ބަޔަށް ކިޔުންތެރި އަކު ކުރައްވާފައިވާ ސުވާލެއްގެ ޖަވާބެވެ. ޖަވާބު ދެއްވާފައިވަނީ އައްޝެއިޚް އިބްރާހިމް ފަރީދު އަޙްމަދު އެވެ.

ސުވާލު:ކުށެއްނެތް އިންސާނަކު މަރާފިޔާ އެމަރާ މީހާގެ ހުކުމަކީ ކޮބާ؟ އަދި އޭނާއަށް ތައުބާވެވޭނެތަ؟ އަދި އޭނާ ތައުބޭވެ ހުރެ ކުށެއް ނެތި އޭނާ މަރުވުމުން އޭނާއަށް އެކަމުގަ އަޒާބު ލިިބޭނެތަ؟

ޖަވާބު:الحمد لله رب العالمين، والصلاة والسلام على نبينا محمد وآله وصحبه أجمعين..أما بعد
އާދެ! ޝައްކެއް ނެތް ގޮތުގަ އިންސާނުންނަށް ﷲ ސުބްހާނަހޫ ވަތަޢާލާ ޙަރާމް ކުރައްވާފައިވޭ އަނެއް އިންސާނާގެ ލެޔަށް މުދަލަށް، އަބުރަށް އަރައިގަތުން، އެހެންވީމަ މިގޮތުން އަނެއް އިންސާނާގެ ލޭ އޮހޮރުވާލާފިކަމުގަ ވާނަމަ، އަނެކާ މަރާލާފިކަމުގަ ވާނަމަ ޝައްކެއް ނެތް ގޮތުގަ އޭނާ އެ އެރިގަތީ ބޮޑުވެގެންވާ ފާފަ އަކަށް. ﷲ ސުބްހާނަހޫ ވަތަޢާލާ ކިރިތި ޤުރުއާންގައި ވަޙީ ކުރައްވާފައިވަނީ “وَمَن يَقْتُلْ مُؤْمِنًا مُّتَعَمِّدًا فَجَزَاؤُهُ جَهَنَّمُ” “އަދި ގަސްތުގައި މުއުމިނު އަޅަކު މަރާފިކަމުގަ ވާނަމަ، ފަހެ އެމީހެއްގެ ޖަޒާ އަކީ ޖަހަންނަމަ އޭ” “خَالِدًا فِيهَا” “އޭނާ އަބަދަށްޓަކައި އެތަނުގައި ދެމި ހުންނާނެތެވެ.” “وَغَضِبَ اللَّـهُ عَلَيْهِ” “އަދި ﷲ ސުބްހާނަހޫ ވަތަޢާލާ އޭނާގެ މައްޗަށް ކޯފާ އިސްކުރަށްވަވާހުއްޓެވެ.” “وَلَعَنَهُ” “އަދި އޭނަ އަށް ލަޢުނަތް ލައްވަވާ ހުއްޓެވެ.(އެބަހީ ރަޙްމަތުން ދުރުކުރައްވަވާ ހުއްޓެވެ.)” “وَأَعَدَّ لَهُ عَذَابًا عَظِيمًا” “އަދި އޭނާ އަށް ބޮޑުވެގެންވާ ޢަޒާބު ތައްޔާރު ކުރެއްވެވިއެވެ.” އެހެންވީމާ ގަސްތުގައި މުއުމިނު އަޅަކު މަރާފި މީހެއްގެ ޙުކުމަކީ އަބަދަށްޓަކާ ދެމި ހުންނަނިވި ގޮތުގައި ޖަނަންނަމަ. އެހެންވީމާ އެފަދަ އިންސާނަކު އެފަދަ ކަމެއް ކުރެވިއްޖެ ކަމުގައި ވާނަމަ އޭނާގެ މައްޗަށް އޮތީ ތައުބާވެ ގަތުމަށް އަވަސްވެ ގަތުން. އާދެ! ތައުބާވުން އަވަސްވެގަތުން، ވީހާވެސް އަވަހަކަށް އޭނާ ތައުބާވުން. އާދެ! މިގޮތުން އޭނާ އިޚްލާސްތެރި ތެދުވެރި ތައުބާއަކުން ތައުބާވީ، އެހެންވެއްޖެ ކަމުގަ ވާނަމަ އިންޝާﷲ އޭނާ އަކީ ޖަހަންނަމައިގެ އަހުލުވެރިޔަކަށް އޭގެ ފަހަކުން ނުވާނެ، އެހެންނަމަވެސް ޤިޔާމަތް ދުވަހުގަ އެއްކަލަ އިންސާނާޔަށް ހައްޤުތަކެއް އިބަހުރި، އެހެންވިމާ އެއިންސާނާއަށް އެކަމުގެ ބަދަލް ﷲ ސުބްހާނަހޫ ވަތަޢާލާ ޤިޔާމަތް ދުވަހުން ހެޔޮ ޘަވާބުން އެމީހަކަށް ދެއްވަވާނެ، ދެން އެހެންނަމަވެސް އެމީހަކު ޖަހަންނަމައިގެ އުޤޫބާތުން އިންޝާﷲ ސަލާމަތްވީ، އެހެންނަމަވެސް، މިސާލަކަށް މީހަކު ހަމަ އެގޮތަށް ޤަސްތުގައި މީހަކު މަރާފައިވަނިކޮށް ތައުބާ ނުވެ ހުއްޓާ މަރުވީ، އެހެންވެއްޖެ ކަމުގައި ވާނަމަ އޭނަ އެދިޔައީ ﷲ ތަޢާލާ ގެ މަޝީޢަތުގެ ތެރެޔަށް، އޭނަ އެދިޔައީ ﷲ ތަޢާލާ ގެ އިރާދަފުޅުގެ ދަށަށް، އާދެ! ﷲ އަންގަވާފައިވަނީ ﷲ އަށް ޝަރީކު ކުރުމުގެ ފާފަ ނުފުއްސަވާނެކަމަށް، މީހަކު ޝަރީކު ކުރާ ހާލުގަ ތައުބާ ނުވެ ހުއްޓާ މަރުވެއްޖެ ކަމުގަ ވާނަމަ، އެފާފަ ނުފުއްސަވާނެކަމަށް، އެހެންނަމަވެސް އެނޫން އެހެން ފާފައެއް ކޮށްފި މީހަކަށް އެއިލާހު އިރާދަ ކުރަށްވާފިނަމަ އެފާފަ އެއް ފުއްސަވާ ދެއްވަފާނެ! އެހެންވީމާ ﷲ އަށް ޝަރީކު ކުރުމެއްނޫން ގަސްތުގައި މީހެއް މެރުމަކީ، އެހެންވިމާ ﷲއަށް ޝަރީކު ކުރުން ނޫން އެހެންކަމަކަށް ޤަސްތުގައި މީހުން މެރުން ހިމެނިގެންވާތީވެ، ތައުބާ ނުވެ ހުއްޓާ މިފަދަ މީހެއް މަރުވެއްޖެ ކަމުގަ ވާނަމަ، ﷲ ސުބްހާނަހޫ ވަތަޢާލާ އިރާދަ ކުރައްވަވާފިކަމުގަ ވާނަމަ މިމީހާ ނަރަކައިން ސަލާމަތް ކުރައްވަވާ ސުވަރުގެ ވައްދަވަފާނެ! އެހެންނޫނިއްޔާ އެމީހަކު ޝައްކެއް ނެތްގޮތުގަ ސަލާމަތެއް ނުކުރައްވަވާނެ!…والله أعلم

LEAVE A REPLY

Please enter your comment!
Please enter your name here