ކަސްތޮޅު

    ޖަލުގެތޭރި ތަކުގެތެރެއިން ވަންނަ އަލި ދޯދިފަށެއް ފިޔަވާ އެއްވެސް އަލިކަމެއްނެތެވެ. ތަނަށްވެރިވެފައިވާ ހަމަހިމޭންކަން ނަގާލީ ބަރުހެލި ފިޔަވަޅުތަކެއް އަޅަމުން އަންނަ ބޫޓެއްގެ އަޑެވެ. ޖޯން އިސްއުފުލާލާފައި ކުރިމަތީގައި ހުއްޓިހުރި މީހާއާދިމާލަށް ފައިންފެށިގެން ބޮލާހަމަޔަށް ބަލާލިއެވެ. ފެނިގެންދިޔަ މަންޒަރުން ސިހޭގޮތްވިއެވެ. އެމީހަކު ދެނެގަނެވުނީ ގިނައިރުތަކެއްވަންދެން ބެލިފަހުންނެވެ. ޖޯންގެ ދެލޯ ބޯޑުވިއެވެ. އަނގަ ހާވިއެވެ. ވާހަކަދައްކަންބޭނުންވި ނަމަވެސް އަޑެއްނުނިކުމެއެވެ. ހައިރާންކަންވަނީ އިންތިހާއަށްގޮހެވެ. ޖޯންގެ ކުރިމަތީ އެއްފަހަރާ އެތަށް މަންޒަރުތަކެއް ސިފަވާން ފަށައިފިއެވެ. މުޅިމީހާގެ ބޮލަށް ބާރުވާން ފަށައިފިއެވެ. ސިކުނޑި ހީވަނީ ފަޅައިގެން ހިނގައިދާނެހެންނެވެ. މަޑުމަޑުން މަންޒަރުތައް އެއްކޮޅަކުން ފަށައިގެން ކުލަވަމުން އަންނަހެން ޖޯންއަށް ހީވެއެވެ.

    ޖޯން ތޯއެވެ. އޭނާގެ ޢުމުރުން ބާރަ ތޭރަ އަހަރުންފެށިގެން މައިންބަފައިންގެ ބެލުމުގެ ދަށުން ވީއްލި މަގުމަތިވެއްޖެއެވެ. ގޭންގު ގުރޫޕްތަކުގެ ތެރެއިން މާރާމާރީއާއި މަސްތުވާތަކެތީގެ ޓްރެއިނިންގ ހަދަމުންދިޔައެވެ. ވައްކަމުގެ ކުދި މައްސަލަތަކުން ތިޖޫރީތައް ފޭރިގަތުމާ ހަމަޔަށް ވައްކަމުގެ ރޮނގުންވެސް މަތީ ފާސްތަކެއް ހޯދިއެވެ. އެންމެފަހުން ޖަބީން، ޖޯންގެ ގޮތުގައި މުޅި ރާއްޖެއަށް މަޝްހޫރުވިއެވެ. ޕާޓޭންގެ އިމާމެއްގެ ގޮތުގައެވެ. ޖޯންއާއި ޖޯންގެ ގުރޫޕުން މާރާމާރީ ހިންގުމުގެ ބޮޑެތި ކާމިޔާބުތަކެއް ހޯދިއެވެ. މަގުމަތިން ހިނގާފައިދާ މީހާގެ ގައިގައި ކަޓަރު ދަމައިގަތުމަށްފަހު ވޮލެޓް ނުވަތަ ފައިސާ ދަބަސް ޖަހައިގަނެގެން ފިލުމަކީ އާދައިގެ ކަމެކެވެ. ބައެއްފަހަރު ޖޯންއާއި ޖޯންގެ ބައިވެރިން ހައްޔަރުވެސް ވެއެވެ. ނަމަވެސް ގިނަފަހަރު އެކަންކަން ފަނުފުލުންގޮސް މިނިކާވަގު ކޮށިން ދޫކޮށްލުމެކޭ އެއްފަދައެވެ. ޖޯންގެ އުމުރުގެ ބޮޑުބައި މިފަދަގޮތަކަށް ހޭދަވިއިރު ޖޯންގެ އަނިޔާވެރިކަން ލިބުނު އެތައްބަޔަކު މިޤައުމުގައި ވާނެއެވެ. ހަމައެފަދައިން މަސްތުވާތަކެތި ވިއްކައިގެން ދިރިއުޅުން ނަގާލެވުނީ ކިތައް ޒުވާނުންގެކަމެއްވެސް ޖޯންއަކަށް ނޭންގެއެވެ.

    އެންމެފަހުން ޖަލުގައި ހައްޔަރުވިފަހަރު ވަރަށްހެޔޮލަފާ ވިސްނުންތެރިޔަކާ ޖޯންއާ ބައްދަލުވިއެވެ. އޭނާ ޖަލަށްލެވިފައިވަނީ ސިޔާސީ މައްސަލައެއްގައިކަމަށް އޭނާ ބުނެއެވެ. އޭނާ ޖޯންއަށް ހެޔޮވިސްނައިދިނެވެ. މިހާރުގެ އުޅުންދޫކޮށް އަނބިދަރިން ހޯދައިގެން ދިރިއުޅުމުގެ ވިސްނުން ވިސްނައިދިނެވެ. މިއެކުވެރިޔާއާއިއެކު ޖަލުގައި ހޭދަކުރި ދުވަސްތަކުން ޖޯންއަށް ހެޔޮބަދަލުތަކެއް އައެވެ. ކުރީގެ އުޅުން ދޫކޮށް ރަނގަޅަށް އުޅުމުގެ އަޒުމް ކަނޑައެޅިއެވެ. އެހެންކަމުން މިފަހަރު ޖޯން ޖަލުން ސަލާމަތްވުމުން އޭނާގެ އުޅުމަށް ބޮޑުބަދަލުތަކެއް އައިސްފައިވާކަން އާއިލާގެ މީހުންނަށްވެސް ފާހަގަވިއެވެ. ޖޯން ކައިވެންޏެއްގެ ޚިޔާލު ކުރަންފެށިއެވެ. މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ހިތްއެދެންފެށިއެވެ. ގޭންގުތަކާއި ކޮންމެވެސް ވަރަކަށް ދުރުވެ ބޭބެއެއްގެ ފިހާރައެއްގައި ވަގުތުހޭދަކުރަންފެށިއެވެ. ބޭބެވެސް ޖޯންއަށް މިއައި ބަދަލު ބަލައިގަތީ ހިތުން ރުހުމުންނެވެ. އެހެންކަމުން ޖޯންގެ ހަޔާތަށް މިއައި ބަދަލާއެކު ދިރިއުޅުމެއްގެ އުންމީދު އާލާވިއެވެ.

    ކައިވެންޏަށް އެދިއެދިހުރި ޖޯންގެ ހިތުގައި ފުރަތަމަވެސް ފިރުމާލީ އައިޝާގެ ރީތި ހިނިތުންވުމެވެ. ޖޯން ފިހާރައިގައި އިންނަންފެށިފަހުން އެންމެ ގިނައިން ފެންނަ މޫނަކަށް ވަނީ އައިޝާއެވެ. އެހާވެސް ގިނައިން އައިޝާ މިފިހާރައަށް އާދެއެވެ. ޖޯންފަދައިން އައިޝާވެސް ހުންނަނީ ބާރު ޓޮޕާއި ބާރު ޖިންސްލާފައެވެ. ކޮނޑާހަމަޔަށް ބުރިކޮށްފައިވާ އިސްތަށިގަނޑު ހުންނަނީ ހާވާލާފައެވެ. ތުންފަތްކަޅެވެ. ކަރުގައި ފަލަ ޗޭނެއް އޮވެއެވެ. އައިޝާގެ މި ސިފަޔާ ޖޯން އާ ވަރަށް ގުޅެއެވެ. ޖޯން ބަދަލުވުމުގެ މަގުމަތީގައި އުޅުނަސް އަދިވެސް ހުންނަނީ ދިގު އިސްތަށިގަނޑު ކޮށުމުގެ ބަދަލުގައި ފުރަގަހަށް އައްސާފައެވެ. ކަރާއި އަތުގައި އަޅާފައިވާ ޗޭނުތަކާ ޕެކެންތައް ހުރީ ހަމަ އެގޮތަށެވެ. ސިނގިރޭޓްބުއިމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ.  ކޮންމެއަކަސް އައިޝާ މަޑުމަޑުން ގާތްވަމުން އައިސް ހަފްތާއެއްހާ ދުވަހުތެރޭގައި ހަމަރަނގަޅަށްވެސް ގުޅާލައިފިއެވެ. ޖޯންއަށް ހަޔާތުގެ ބައިވެރިއަކުވެސް ލިބުނީއެވެ. ދެމީހުންގެ ދުއްވާލުންތަކާއި ރެސްޓޯރެންޓްތަކުގެ ކެއުންތައް ގިނަވާންފެށިއެވެ. އައިޝާ ވީ ޖޯން ހީކުރިވަރަށްވުރެވެސް ތަހުޒީބު ކުއްޖަކަށެވެ. ޖޯންއަށްވުރެ ގިނައިން އައިޝާ ސިނގިރޭޓް ބޮއެވެ. އުޅުމުންވެސް ވަރަށް ގައިގޯޅިއެވެ. އައިޝާ ބޭނުންވަނީ ވަރަށް އަވަހަށް މެރީކުރާށެވެ. ވަކި އެޕާޓްމަންޓެއް ކުއްޔަށްހިފައިގެން ވަކިން ދިރިއުޅޭށެވެ. އައިޝާގެ އައިޑިޔާ ޖޯންއަށްވެސް ވަރަށް ކަމުދިޔައެވެ. ރަނގަޅު ޑީލެއް ހަދަންވީއެވެ. ބޭރުގައިހުރި ޖޯންގެ އެޖެންޓަކަށް ގުޅައިގެން 3 ކިލޯގުރާމުގެ މަސްތުވާތަކެތި ގެނައުމުގެ އިންތިޒާމް ހަމަޖެއްސިއެވެ. ކައިވެނީގެ ކަންތައް ނިންމާލާ ހަނީމޫނަށް ދިއުމާ، އެޕާޓްމަންޓެއްވެސް ހިފާލެވޭހާ ފައިސާ ލިބޭގޮތްވީއެވެ. އިންޑިޔާ މީހަކު ސާމާނުހިފައިގެން އަންނަމަހުގެ ފަނަރައިގައި މިކޮޅަށް އަންނާނެކަމުގެ އުފާވެރި ޚަބަރު ޖޯން އައިޝާއަށް ދިނެވެ. ޖޯންއާއި އައިޝާތިބީ ވަރަށް އުފަލުންނެވެ.

    ޖޯން އިނީ ހުޅުމާލޭ ފެރީޓާމިނަލްގައި މަޑުކޮށްލައިގެންނެވެ. އިންޑިޔާއިންނަންނަ އޭނާގެ ޕާޓްނަރެއްގެންނަ ބްރީފްކޭސް ބަލައިގޮހެވެ. ފަޅަށްވަދެގެން އަންނަ ދޯނީގެ އިންތިޒާރުގައެވެ. ރަތް ޓީޝާޓެއްލާފައި ރަތްތޮއްޕެއް އަޅާފައި އެއްކަންފަތުގައި އެލޭއެއްޗެއްލާފައިހުރިމީހާ ކޮބައިތޯ މީހުންތަކާދިމާލަށް ބަލައިލިއެވެ. ޖޯންގެ ލޮލުގައި އޭނާ އަޅައިގަތުމުން ޖޯން އަތްހޫރާލިއެވެ. އެމީހަކުއައިސް ޖޯންގެ އަތަށް ބުރީފްކޭސް ދިނެވެ. ޖޯންގެ ސައިކަލް އިސްޓާޓުކުރަން މަސައްކަތްކުރިއެވެ. ނަމަވެސް ފުލުހުންގެ ދެމީހުން އައިސް ޖޯން ހިފަހައްޓައިފިއެވެ. އަދި ބްރީފްކޭސް އަތުލާ، ދެއަތުގައި ބިޑިއެޅުވިއެވެ. ޖޯންއާއި އޭނާގެ ޕާޓްނަރުގެ ކުރިމަތީ ފޮށި ޗެކުކުރިއެވެ. ޑަބަލް ފޫ އަޅާއިފައިވާ ފޮށީގައިހުރި 3 ކިލޯގުރާމްގެ މަސްތުވާތަކެއްޗާއެކު ޖޯން ހައްޔަރުކުރިއެވެ.

    އެއްކޮޅަކުންފަށައިގެން ކުލަވަމުންއައި މަންޒަރުތައް ސިފަވެ ނިމުނީކަންނޭގެއެވެ. ޖަލުގެ ކުޑަގޮޅީގައި ޖޯން ހަމަޖެހިލިއެވެ. ފެންކަޅިވެފައިވާ ދެލޮލުން ޖޯންގެ ކުރިމަތީގައި ހުރި ޕޮލިސް އިނިސްޕެކްޓަރ އައިޝަތު ރީމާއާއި ދިމާލަށް ބަލައިލިއެވެ. ސާދަވިލޭރޭގެ ހަނދުފަދަ ރީތި ސޫރައެއްގައި ޖޯންގެ ކުރިމަތީ އެހުރީ ޖޯންއާއެކު އެއްމިޖާޒެއްގައި އުޅުނު ޖޯންގެ ލޯބިލޯބި އައިޝާއެވެ. އާއެކެވެ. އިއްޔެއާޖެހެންދެން ޖޯންގެ ކޮނޑަށް އަތްވައްޓާލައިގެން ހިނގި އައިޝާއެވެ. އެ އައިޝާ އެތައް މާލަންތަކެއްގައި ޖޯންގެ އުނގުގައި ބޯއަޅައިލައިގެން އޮތެވެ. އެކަމަކު މިއަދު ހަރުދަނާ ފުލުހެއްގެ ހެދުމުގައި ފުރިހަމަ ބާރާއި ހަރުކަށިކަމާއެކު  ޖޯންގެ ކުރިމަށްޗަށް ހުއްޓި އެހުރީވެސް ހަމަ އެ އައިޝާއެވެ. އެދުވަހުގެ ކަޅު ދެތުންފަތް މިއަދު ފިނިފެންމަލެއްގެ ފިޔަފަދައެވެ. ހާވާލާފައިވާ އިސްތަށިގަނޑު އޮމާންކޮށް ހުޅިޖަހާފައިވާއިރު އައިޝާގެ ހައިބަތު ކިހާ ބޮޑުހެއްޔެވެ. އިއްޔެއާއި ޖެހެންދެން ޖޯންއަށް މިއުޅެވުނީ  އަވާމެންދުރެއްގައިކަން އޭނާއަށް އިހްސާސްވިއެވެ. އައިޝާ ޖޯންލައްވާ ޢިމާރާތްކުރުވި ޚިޔާލީ ބިނާހުރީ ދިޔަރެސް މަތީގައެވެ. އިސާހިތަކު ރާޅުޖަހާ ގިރާލީއެވެ. ހީލަތްތެރި ކަމުގެ ކަސްތޮޅަކުން ޖޯންވަނީ ރަނގަޅަށް ބަނދެލާފައިކަން އޭޏާއަށް އެނގުނެވެ. އޭނާއަށް ޤަބޫލުކުރަން ދަތިވިނަމަވެސް ހަޤީޤަތަކީމިއީއެވެ. އަންހެނެއްގެ މަކަރު ދަށުވީއެވެ. އެކަމަކު ކީއްވެ ހެއްޔެވެ؟

    މަޑުމަޑުން ޖޯން އަހާލިއެވެ. “ކީއްވެ؟” “ބަދަލުހިފަން” ދަތްކުނޑި ވިކާފައިހުރި ރީމާގެ ޖަވާބު ހަރުކައްޓެވެ. އެކަމަކު ރީމާގެ ޖަވާބުން ޖޯން އިތުރަށް ހައިރާންވިއެވެ. ބަދަލުހިފީ ކޮންކަމަކަށްބާއޭ ޖޯންގެ ހިތަށް އެރިއެވެ. މިފަހަރުވެސް ވާހަކަދެއްކީ ރީމާއެވެ. “ކަލޭ ހަނދާންކޮށްބަލަ! އަހަރެންގެ ބައްޕަ ގ. ޔާސިމީން، އަލީޙުސައިންގެ ކަރަށްވަޅިހަރާ، މަރާލި ދުވަސް. އެދުވަހު ބައްޕަގެ އެތައްލައްކަ ޑޮލަރެއް ކަލޭ ފޭރިގަތީ. އަހަރެން ޔަތީމްކޮށްފަ. އަހަރެންގެ ޢުމުރުން އެންމެ ސާދަ އަހަރުގައި އަހަރެންގެ މަންމަ ހުވަފަތްކޮށްލީ. އެދުވަހު އަހަރެން އަޒުމް ކަނޑައެޅިން ތިޔަ ޕާޓޭގެ ކިބައިން ބަދަލު ހިފަން. ކަލޭހެކިންނަށް ބިރުދައްކާ ޝަރީއަތް އޮއްބާލީ. ހަނދާންވޭތަ؟ ކަލޭހިތަކަށްވެސް ނާރާ ކަލެއަށްވުރެ ނުލަފާމީހަކު ހުރެދާނެކަމަކަށް.

    ރީމާގެ ކަރުގައި އަޅުވާލާފައިވާ ދަބަހުގެ ތެރެއިން އޭނާގެ ލެޕްޓޮޕް ނަގާ ޕްލޭ ކޮށްލިއެވެ. ފެންނަ ވީޑިއޯއިން ވާހަކަދައްކަނީ ޖޯންއެވެ. ވީޑިއޯގައި ޖޯންބުނެއެވެ.” އެނގޭތަ؟ އެއްފަހަރު އަހަރެންނަށް ޢުމުރުދުވަހުގެ ހުކުމެއްނައީ ހަމަ ކިރިޔާ. އެއީ އަލީ ޙުސައިންކިޔާ ވިޔަފާރިވެރިއަކު މަރުވެގެން. ސަލާމަތްވެވުނީ ހަމަކިރިޔާ. އަހަރެން އެނާގެ ކަރަށް ވަޅިހެރީ. ދެމީހަކަށްއެމަންޒަރު ފެނުނު. އަހަރެމެން އެމީހުންނަށް އިންޒާރުދީ ބިރުދެއްކީ. އެހެންވެ އެމީހުންނަކަށް ހެކިބަސް ދޭކަށް ނުކެރުނު. އެހެންކަމުން ސަލާމަތްވީ. ނޫންނަމަ އައިޝާގެ ޖޯން ހުރީހީ މުޅިޢުމުރަށްވެސް ޖަލުގައި.”

    އައިޝާގެ ލެޕްޓޮޕް ލައްޕާލިއެވެ. އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. އެކަމަކުވެސް ބާރަށް ހެނީއެވެ. ހީވަނީ މޮޔައެއްހެންނެވެ. އައިޝާ ދިއުމުގެ ކުރިން ބުންޏެވެ. “ތިމައްސަލަޔާއެކު މިމައްސަލައިގެ ހުކުމްވެސް ކަލެޔަށް ހަދިޔާކުރަން. ބާއި” އައިޝަ ދާ މަންޒަރުބަލަން ޖޯން އިނީ ގޮތްހުސްވެފައެވެ. ހަޔާތުގެ ބާކީއޮތްބައި ފަޅުކަމާ އަނިޔާވެރިކަން ފިޔަވާ އެހެން އެއްޗެއްނެތް ޖަލުގެ ކުޑަ ގޮޅީގައި ހޭދަކުރަންޖެހުނުކަމުގެ ހިތްދަތި އިހްސާސްތަކާއެކުގައެވެ.

What's your reaction?

Excited
0
ރަމްޒީނާ މުޙައްމަދު / ޅޮހި
ރަމްޒީނާ މުޙައްމަދުއަކީ ދިވެހި ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން އަންނަ ބޭފުޅެކެވެ. ތަޢުލީމީ ދާއިރާގައި 15 އަހަރަށްވުރެ ގިނަދުވަސް ހޭދަކުރައްވާފައިވާ ތަޖުރިބާކާރު ޓީޗަރެކެވެ.

    You may also like

    Leave a reply

    Your email address will not be published. Required fields are marked *