ކަލެޔާ ނަރަކަޔާއި ދެމެދުގައި ދެން ހުރީ ސަތޭކަ ކިލޯމީޓަރެވެ.

ކަލެޔާ ނަރަކަޔާއި ދެމެދުގައި ދެން ހުރީ ސަތޭކަ ކިލޯމީޓަރެވެ.

ތިންއެކުވެރިންގެ ވާހަކަ އަޑު އެއްސެވީމުތޯއެވެ؟ ސުބުޙާނަﷲ އެވެ. ﷲ ސުބުހަނަހޫ ވަތަޢާލާގެ އޯގާވަންތަ ކަމާއި ރަޙުމަތް ދެކޭށެވެ. އެއިލާހު ބޭނުންވެ ވޮޑިގެންވާ ފަރާތަކަށް މަގުދައްކަވައެވެ. އަދި ބޭނުންވެ ވޮޑިގެންވާ ފަރާތެއް މަގުފުރައްދަވައި މިދުނިޔެއާއި އަދި އާޚިރަތުގައި އަޛާބު ދެއްވައެވެ. އެންމެހާ އެކުވެރިންނޭވެ. މިވާހަކައަކީ އައްޝައިޚު އިބްރާހިމް ފަރީދު އަހުމަދު ދަރުސެއްގައި ކިޔައިދެއްވާފައިވާ ވާހަކައެކެވެ. ކަނުލައި ވިސްނައި ނިކަން ކުރިޔަށް ވަޑައިގަންނަވާށެވެ.
ދުނިޔޭގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އެންމެހާ އިންސީންނާއި ޖިންނީން އުފެއްދެވީ އެއިލާހަށް އަޅުކަންކުރުމަށެވެ. އަދި އިންސާނުން އެކި ޤައުމުތަކަށް ބައްސަވައި އެކި ޤަބީލާތަކަށް ލައްވަވާފައިވެއެވެ. މިގޮތުން އެއިލާހު އުފެއްދަވާފައިވާ އިންސާނުންގެ ތެރެއިން ޤައުމެއްގެ ބަޔަކުވިއެވެ. އެބައިމީހުންގެ ތެރޭގައި ވަރަށް އެކުވެރި އެއްކޮށް އުޅުނު ތިން އެކުވެރިޔަކު ވިއެވެ.އެތިން އެކުވެރިންގެ ތެރޭގައި ދެމީހަކީ ވަރަށް ފާފަކުރާ ފާޙިޝްކަންކަމަށް ގެބެމުންދިޔަ ދެ ޖާހިލުންނެވެ. އެދެމީހުން ހެޔޮބަސްތަކަށް އިންކާރު ކުރިއެވެ. ހެޔޮބަސްތަކަށް ކަނު ލޮލެއްދީ ބީރުކަންފަތެއް ދިނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެދެމީހުންނާއި ކިހިނަކުން ޖަޒާ ދެއްވާނެ ކަމާމެދު ތިޔަބައިމީހުން ހީކުރީމުހެއްޔެވެ؟

މިތިން އެކުވެރިންގެ ތެރެއިން ދެމީހުން ދުނިޔޭގެ އެކި ތަންތަނަށް ދަތުރުކޮށް އެއް ފާޙިޝްކަމުން އަނެއް ފާޙިޝްކަމަށް ގެނބެމުން ކޮފެމުން ދަތުރުކުރަމުން ދިޔައެވެ. އަދި މިހެން އުޅުމަށްފަހު އެއްރެއެއްގައި އެދެމީހުން އެދެމީހުންގެ ގައުމުގައި ވިއެވެ.
އަދި ނުބައި ފާޙިޝް ކަމަކަށް އަރައިގަތުމުގެ ނިޔަތުގައި މިދެމީހުން އެޤައުމާއި އިންވެގެން އޮތްގައުމަކަށް ކާރުގައި ދިޔުމަށް ނިންމިއެވެ. އެބައިމީހުންނަށް ވުރެ ރޭއްވެވުން ތެރި މޮޅު އިލާހެއްވާކަން އެމީހުން ހަނދާން ނައްތާލިއެވެ. އެބައިމީހުންގެ ތިންވަނަ އެކުވެރިޔާވެސް މިބައިމީހުންގެ ދަލުގައި ޖައްސައި ކާރަށް އަރުވައިގެން މިބައިމީހުން ހައިވޭގައި ދަތުރުކުރަމުން ދިޔައެވެ.

ކާރު ދިޔައީ ނުހަނު ހަލުވި ދުވެލީގައެވެ. ނަމަވެސް ފަހަތުގައި އިން ތިންވަނަ އެކުވެރިޔާ އިނީ މާޔޫސްވެ ކަންބޮޑުވެފައެވެ. މިހެން އިންދާ އެބައިމީހުން މަގުގެ އެއްފަރާތުގައި ދުރުމިން އަންގައިދޭން ޖަހާފައި ހުރި ބޯޑެއް ކައިރިން އެރޭގަނޑު ކުރި ކަނޑައިފިއެވެ. އެވަގުތު ފަހަތުގައި އިން މިދެމީހުންގެ ތިންވަނަ އެކުވެރިޔާއަށް ފެނުނީ އެބޯޑުގައި މިފަދައިން ލިޔެވިފައިވަނިކޮށެވެ.

“ނަރަކައާ މިތަނާއި ދެމެދުގައި ވަނީ 150 ކިލޯމީޓަރެވެ”

އެވަގުތު ތިންވަނަ އެކުވެރިޔާގެ ދެލޯބޮޑު ވިއެވެ. އަދި އެއީ ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ނިޝާނެއް ކަމުގައި ބުނެ އެދެ އެކުވެރިންނަށް ވިސްނައިދެވޭތޯ ބެލިއެވެ. ނަމަވެސް އެދެމީހުންގެ ޖަވާބަކަށްވީ މަލާމާތުގެ ހުނުމާއި ފުރައްސާރައެވެ. އެބައިމީހުންނަށް ތައުބާވާން ނަޞީޙަތް ދެވުމުންވެސް އެބައިމީހުން ފުރަގަސް ދިނެވެ. ދެން ތިންވަނަ އެކުވެރިޔާ ހަމަހިމޭންވިއެވެ. އަދި ބުނާނެ އެއްޗެއް ނޭންގިފައި އެއްފަރާތަށް ބަލަހައްޓައިގެން އިންދައި އަނެއްކާވެސް މަގުގެ އެއްފަރާތެއްގައި ހުރި ބޯޑަކުން ކުރީ މެސެޖް ފަދަ މެސެޖެއް ފެނުނެވެ.

“ނަރަކައާއި މިތަނާއި ދެމެދުގައި ވަނީ 100 ކިލޯ މީޓަރެވެ،”

ތިންވަނަ ރަޙުމަތްތެރިޔާ މިފަހަރު އެބައިމީހުންނަށް ދެއްކުމުންވެސް އެބައިމީހުންނަކަށް އެބޯޑެއް ފެންނަ ކަމަކަށް ނުވިއެވެ. އަސްތަޣުފިރުﷲއެވެ. ތިންވަނަ ރަޙުމަތްތެރިޔާ ކޮންމެވެސް ނުރައްކާތެރިކަމެއް ވާން އުޅޭ ކަމުގެ އިޙުސާސް ކުރަން ފެށިއެވެ. އަދި އެބައިމީހުންނަށް ކާރު އަނބުރާލުމަށް އެދުނެވެ. ނަމަވެސް އެބައިމީހުން ކުރީ އިންކާރެވެ. އެބައިމީހުންނަކަށް ނުވިސްނުނެވެ. އެބައިމީހުން ބޭނުންވީ ފާފަތަކަށް ގެނބިގަންނާށެވެ. ފާޙިޝްކަންތައްތަކުން ފެންވަރައިލާށެވެ.

ތިންވަނަ އެކުވެރިޔާގެ މަސައްކަތް ބޭކާރުވުމުން އޭނާ ނިންމީ ކާރުން ފޭބުމަށެވެ. އަދި އެބައިމީހުން ކާރު ހުއްޓާފައި އެފުރަ ކަނު މެންދަމު ތިންވަނަ ރަޙުމަތްތެރިޔާ އެތަނަށް ބާލާފައި އެކަނި ކޮށްލާފައި އެބައިމީހުންގެ ފާފައިގެ މަންޒިލަށް ދަތުރު ފެށީއެވެ.

ތިންވަނަ ރަހުމަތްތެރިޔާ ކާރުން ފޭބުމަށްފަހު އެތަނުގައި މަޑުކޮށްގެން ހުއްޓައި މާގިނަ އިރުތަކެއް ނުވެ މާތްﷲ ގެ ރަހުމަތް ފުޅުން ދުރުން އަންނަ ބޮޑު ޓުރަކެއް ފެނިއްޖެއެވެ. އެނާ ދަތުރުކުރާނެ ސަވާރީއެއް ދެއްވިކަމަށްޓަކައި މާތްﷲ އަށް ޝުކުރު ކުރާ ހާލު އެ ޓުރަކު ހުއްޓުމުން އެޔަށް އަރައިފިއެވެ.
އޭގެ ޑުރައިވަރު އިނީ ކަންބޮޑުވެ ހާސްވެފައެވެ. އޭނާ ބުނަމުން ދިޔައެވެ. އަހަރެން ވަރަށް މަސައްކަތްކުރީމެވެ. އަހަރެން ވަރަށް މަސައްކަތްކުރީމެވެ. ނަމަވެސް އެދެމީހުންނެއް ސަލާމަތެއް ނުވިއެވެ. ތިންވަނަ ރަޙުމަތްތެރިޔާގެ ދެލޯބޮޑުވެ އޭނާ އެއީ ކޮންބަޔެއްތޯއާއި ވީ ކީއްތޯ ސުވާލުކުރިއެވެ. އެހިނދު ޓުރަކުގެ ޑުރައިވަރު ކިޔައިދިނެވެ. މަގުގެ މިކޮޅުން ބާރަށް ދުއްވާފައި ދިޔަ ކާރަކާއި އެކްސިޑެންޓު ވީ ވާހަކައެވެ. އަދި އެ ކާރު އެނދިލެއް ބޮޑުކަމުން ކާރުގައި ތިބި ދެޒުވާނުން ސަލާމަތް ނުކުރެވުނު ވާހަކައެވެ.
ތިންވަނަ ރަހުމަތްތެރިޔާ އެކާރުގެ ކުލައިން ސުވާލުކުރިއެވެ. އެންމެފަހުން ވީ އޭނާ ދަތުރުކުރި ކާރަށެވެ.
ސުބުޙާނަﷲއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ އޯގާވަންތަކަން ދެކޭށެވެ. އެއިލާހަށް ކިޔަމަންތެރިވާ އަޅުން އެއިލާހު ރަހުމަތް ލައްވައެވެ. އަދި އުރެދޭ ފަރާތްތަކަށް އަޛާބު ދެއްވުމުގައި އެއިލާހު ގަދަފަދަ ވޮޑިގެންވެއެވެ.
ތިންވަނަ ރަޙުމަތްތެރިޔާ މިކަމަށްޓަކައި ﷲ އަށް ޝުކުރު އަދާކުރިއެވެ. މާތްﷲގެ ރަޙުމަތުގެ ތަނަވަސްކަމާއެވެ. ނިމުނީ
އަޅުގަނޑުމެންވެސް ތައުބާވާ ބަޔެއްކަމުގައި ލައްވައި ފާފަ ކުރާ އުރެދޭ މީހުންގެ ތެރެއިން ނުލައްވާށިއެވެ. އާމީން

ރައްދު

Your email address will not be published. Required fields are marked *