ކައިވެނީގެ ފުރަތަމަ ރޭ

ކައިވެނީގެ ފުރަތަމަ ރޭ

ވާއު! އިނާޝާ ކޮޓަރީގެ ހުރިހާ ތަނަކަށް ފުންކޮށް ނަޒަރުހިންގާލިއެވެ. އަދި ދޮރުލައްޕާލިގޮތަށް ދެއަތްދަމާލުމަށްފަހު ކޮޓަރިތެރޭގައި އެނބުރެންފެށިއެވެ. ހީވަނީ ކުޑަކުއްޖަކު ” އެނބުރޭކޯ” ކުޅޭހެންނެވެ. ދުވެފައިގޮސް އެނދުމަށްޗަށް އުޑުތިލަމަތިން ވެއްޓިގަތެވެ. ދެއަތުން އެނދުގެ ގޮދަޑިއަށް ފިތާލިއެވެ. ކުއްލިއަކަށް ތެދުވެ ރިމޯޓްނަގާ އޭސީ ޖައްސާލިއެވެ. އަނެއްކާވެސް އެނދުގައި އޮށޯވެލިއެވެ.

އިނާޝާގެ ހިތަތް އަރަމުން ދެއެވެ. ރީތިފިރިއެކެވެ. ބޮޑުގަނޑުވަރެއްކަހަލަ ގެއެކެވެ. އަމިއްލަކާރެވެ. ރިސޯޓެވެ. ވާވް! ވާހް! ކޮންފަދަ ބޮޑުއުފަލެއްހެއްޔެވެ. އަހަންނަށް މިފަދަ ދިރިއުޅުމެއް ލިބޭނޭ ހީކުރާނީ ކާކުހެއްޔެވެ؟

މިރެއަކީ އިނާޝާއާއި އަޝްރަފުގެ ކައިވެނީގެ ފުރަތަމަ ރެއެވެ. ހަމަދެންމެ އިނާޝާއެއައީ ނަސަންދުރާގައިއޮތް ކައިވެނި ހަފްލާ ނިންމާލާފައެވެ.

އަޝްރަފަކީ މާލޭގެ މުއްސަނދި ވިޔަފާރިވެރިއެއްގެ ހުރި ހަމައެކަނި ފިރެހެންދަރިއެވެ. އަޝްރަފު ކިތަންމެ އުމުރުންޅަނަމަވެސް އޭނާއަކީ އޭނާގެ ބައްޕަގެ ވިޔަފާރިކުންފުނީގެ އެންމެ އިސްވެރިޔާއެވެ. ކައިވެނީގެ ކުރިން އިނާޝާއާއި އަޝްރަފު ބައްދަލުވެފައެއްނުވެއެވެ. އިނާޝާއަށް ފެނުނީ އަޝްރަފުގެ ފޮޓޯއެކެވެ. އެވަގުތުންފެށިގެން އިނާޝާގެ ހިތް އޮބިނޯވެގެން އުޅެނީ އަޝްރަފާއެކު ހޭދަކުރެވޭނެ ވަގުތުތަކެއްގެ އިންތިޒާރުގައެވެ. މިރޭގެ ކައިވެނި ހަފްލާވެސް އިނާޝާއަށް ވަރަށްކަމުދެއެވެ. މުޅިންވެސް ހަފްލާއަށް ހާޒިރުވީ ބޮޑެތި ވިޔަފާރިވެރިންނެވެ. ރިސޯޓް ތަކުގެ އޯނަރުންނެވެ. އޮފީސް އޮފީހާއި އެކި ކުންފުނިތަކުގެ އިސްފަރާތްތަކެވެ. މެޙްމާނުންނާއި ބައްދަލުކުރަން ތިބިއިރު ދެމީހުންވެސް ވާހަކަދެއްކީ ވަރަށްމަދުންނެވެ. ނަމަވެސް އެއްކަމެއް އިނާޝާވަރަށް ހައިރާންކުރުވިއެވެ. އަޝްރަފުއެދުނީ އިނާޝާ އަންހެނުންނާއި ސަލާމްކޮށްފައި އަޝްރަފު ފިރެހެނުންނާއި ސަލާމް ކުރުމަށެވެ. އެއްފަހަރަކު އިނާޝާގެ އަތް ބޭއިހްތިޔާރުގައި ވަރަށްރީތިފިރިހެނަކާދިމައަށް ދިޔައެވެ. އަޝްރަފު ކަޅިއަޅާލިގޮތުން އިނާޝާގެ އަތް ދަމައިގަނެވުނެވެ.

އެނދުގައި އޮށޯވެ އޮތް އިނާޝާ ތެދުވިއެވެ. ލޯގަނޑުގެ ކުރިމަށްޗަށް ހުއްޓި މޫނު ބަލައިލިއެވެ. “އަލުންމޭކަޕު އާކޮށްލަންވީ! އަޝްރަފު އަންނަންވާއިރަށް ރަނގަޅަށް ކުލަ އާކޮށްލަންވާނެ. ބޮޑަށް ލަދުން ހުންނަ ކުއްޖެއްގޮތަށް މޭކަޕްކުރާނީ. ކުއްލިއަކަށް އިނާޝާއަށް ބަލައިލެވުނީ ލައިގެންހުރި ހެދުމަށެވެ. ކައިވެނީގެ ހެދުމެވެ. އަގުބޮޑު ރީތި ހެދުމެކެވެ. އެކަމަކު މިބޮޑު ހެދުމާއެކީ ހުންނަން އޭނާއަށް ވަރަށް އުނދަގުލެވެ. ކުއްލިއަކަށް އިނާޝާއަށް މުޅިންއާ ވިސްނުމެއް އައެވެ. އަޝްރަފު އަންނަންދެން ހުންނާނީ މިހެދުމާއެކުއެވެ. ހިންދީފިލްމުތަކުގައިވެސް ކައިވެނީގެ ފުރަތަމަރޭ ނިދަނީ ވެޑިންޑުރެސްއާއެކުގައެވެ. ހުރިހާ ގަހަނާއެއްވެސް ބާލާދޭނީ ފިރިމީހާއެވެ.

އިނާޝާ އެނދުގައި ލައްވެލައިގެން އެއިނީ އަޝްރަފުގެ އިންތިޒާރުގައެވެ. މުއްސަނދި ރީތި ފިރިޔަކާއެކު ކައިވެނީގެ ފުރަތަމަރޭ ހޭދަކޮށްލުމުގެ އިންތިޒާރުގައެވެ. މިގޮތައްއިންނައިރު އިނާޝާގެ ހިތައްއަރައެވެ. “އަނެއްކާ ހަނީމޫނަށް ދާނީ ކޮންގައުމަކަށްބާ! ސިންގަޕޫރަށްކަންނޭގެ! ނޫން. ދާނީ ޔޫރަޕްގެ ކޮންމެވެސް ގައުމަކަށް. މިރޭ އެވާހަކަވެސް އަޝްރަފުގާތު އަހާލަންވާނީ. މާދަމާ އަޝްރަފުއާއެކު އަޝްރަފުގެ އޮފީހަށް ގޮސްލަންވާނެ! އެތާންގެ މުއައްޒަފުން އަހަންނަށް ކިޔާނީ “މެޑަމް” ކަންނޭގެ. އޯހް! ނޫން މާދަމާ ދާނީ ރިސޯޓަށް. އޭރުން އެތާންގާ އުޅޭ މުއައްޒިފުންވެސް އޯނަރުގެ އަންހެނުންނަށް ބަލާނެ.” މިހިޔާލުތައް އައުމުން ބޭއިހްތިޔާރުގައި އިނާޝާއަށް ހީލެވުނެވެ.

އަސްރަފުއައިސް ކޮޓަރިއަށް ވަނެވެ. އިނާޝާ އިސްޖަހާލިއެވެ. ކުޑަކޮށް ގުރުޑުވެލިއެވެ. ޖައްސާފައި ހުރިކުލައިގެ އެހީގައި މަސްނޫއީ ލަދުވެތިކަމެއް ދެއްކޭތޯ އިނާޝާ ހިތްވަރު ކުރަނީއެވެ. އަޝްރަފުއައިސް އިނާޝާއާ ވަރަށްކައިރީގައި އިށީންދެލިއެވެ. “އިނާޝާ!  މަޑުމައިތިރި އަޑަކުން އަޝްރަފުގޮވާލިއެވެ. އިނާށާގެ ހިތް ނަށައިގަތެވެ. “އަހަރެން ރާއްޖެއައީ އިއްޔެ! އެހެންވެ އިނާޝާއާއި ބައްދަލުކުރާނެ ފުރުޞަތެއްވެސް ނުލިބުނީ.” އަޝްރަފު ވާހަކަދެއްކިއިރުވެސް އިނާޝާ އިސްއުފުލާ ބަލާވެސް ނުލިއެވެ. އަނެއްކާވެސް އަޝްރަފު ވާހަކަދެއްކިއެވެ. “އެކަމަކު މިފަހަރު ….. އަޝްރަފުގެ އަޑުގައިވަނީ ރިހުމެވެ. “ތިއިނީ ލަދުންތަ؟ ކުރިން އިނާޝާގެ ގާތުން އަރާމާ އުފާ ހާސިލްކުރިމީހުންދެކި ތިހާ ލަދުނުގަތީ ކީއްވެ؟؟؟؟ ކައިވެނި ނުކުރާތީތަ؟؟؟؟ އިނާޝާގެ އަތުގައި އަހަރެންނަށް ނަށް ދޭނެ އާއެއްޗެއް އެބައޮތްތަ؟؟؟؟ އެމީހުންނަށް ނުކޮށްދޭ އާކަމެއް ކޮށްދެވިދާނެތަ؟؟؟؟” އަޝްރަފުގެ މިބަސްތައް އިނާޝާގެ ކަންފަތުގެ ތެރެއިން ވަދެގެންދިޔައީ ހޮނުގުގުރިއެއްފަދައިންނެވެ. ގަތްލަދުން އިނާޝާއަށް އެނބުރުންއަރައިގަތްކަމުގެ އިހްސާސެއް ކުރެވިއްޖެއެވެ. ބޮލުންފަށައިގެން މުޅި ހަށިގަނޑު ހޫނުވެ ދާހިއްލަން ފަށައިފިއެވެ. ކޮޓަރީގެ ފާރުތަކަށްދަންދެން ހީހީފައި މަލާމާތްކުރާހެން އިނާޝާއަށް ހީވިއެވެ.

އަޝްރަފު ފުން ނޭވާއެއްލިއެވެ. އަދި އިރުކޮޅަކު ވިސްނާލުމަށް މަޑުކޮށްލިއެވެ. އަދި ބުނަންފެށިއެވެ. ” އަހަރެން ޕާޓީ ނިންމާފައި ގެއަށްއަންނަން ކާރަށް އަރަނިކޮށް ކުރިމަށްޗަށް ފިރެހެނަކު އެރި. ވަރަށް ޖެހިލުންކުޑަ ކޮށްލާފައި އެމީހަކު ބުނި. “ކިތަންމެ މުއްސަންޖަސް ކަލެއަށް އިންނަން ތިޔަ ލިބުނީ ބޮޑު ބަޑިއެއް. ރަންޑިއެއް. ތުންފުއްސެއް. އަހަރެންފަދަ އެތައްބަޔަކަށް ކެހި ދީފައިހުރި މުޑުދާރު އަންހެނެއް.” އޭނާގެ ނަމަކަށް ބުނީ ވިޝާމް.” ވިޝާމްގެ ނަން އިވުމުން އިނާޝާ ގަނޑުވި ކަހަލައެވެ. އިނާޝާ މިކައިވެނި ކުރަން ނިންމީ ވިޝާމްގެ ހިތް ކުދިކުދި ކޮށްލާފައެވެ. އެއީ އިނާޝާގެ އެންމެ ފަހުގެ ލޯބިވެރިޔާއެވެ.

” އަހަރެންގެ ކައިވެންޏަށް ކުއްޖަކުހޯދީ އަހަރެންގެ މަންމަ. އަހަންނަށްލިބުނީ އިނާޝާގެ ފޮޓޯއެއް. އިނާޝާގެ ރީތިކަން އަހަރެން އިތުރަށް ކަމެއް އޮޅުން ފިލުވުމަށް ހަދާން ނައްތުވާލި. ވިޔަފާރީގެ ބޭނުމުގައި ސިންގަޕޫރުން އައިއިރު ހުރިހާކަމެއް އޮތީ ތައްޔާރުވެފައި. އިނާޝާއަށް އެނގޭތަ؟ އަހަރެންގެ ހިތައް އެރިއެއްޗިހި ގިނަކަމުން އެތައް އިރެއްގައި މިސްކިތުގައި އިނިން. ނަމަވެސް ވީކަމެއް މިއޮތީވެފައި.”

ވޭނީ އެތައް އަސަރަކުން ފުރިގެންވާ ފުންނޭވާއަކަށް ފަހު އަޝްރަފުގެ ވާހަކަ ނިންމާލިއެވެ.

 އުޅެވުނު ވައްތަރު އިނާޝާގެ ލޮލުގެ ކުރިމަތީ ސިފަވާންފަށައިފިއެވެ. ކޮންމެވެސް ރިސޯޓަކުންނެވެ. ގެސްޓްހައުސްއަކުންނެވެ. ރެސްޓޯރެންޓްތަކާއި ފަޅުރައްތަކުގައެވެ. ކުޅިވަރަށެވެ. މަޖަލަށެވެ. އެކިދުވަހު އެކިމީހުންނާއެކުގައެވެ. އަޅާކޮންމެ ހެދުމަކަށް ބިޓެކެވެ. އެހުރިހާ މަންޒަރެއް އިނާޝާގެ ކުރިމަތީ އެނބުރިގަތްހިނދު އިނާޝާގެ ދެލޯ ފެންކަޅިވިއެވެ. ލަދުން ފިތްކަނޑައިގެން ހިނގައްޖެއެވެ.

އަނެއްކާވެސް އަޝްރަފުގެ އަޑު އިވުނެވެ. ” އަހަރެންހުރީ އަންބަކު ލިބޭތީ ވަރަށް އުފަލުން. އަހަރެން ހީކުރީ އަހަރެންގެ އަނބިމީހާ ވާނީ ވަރަށް މައުސޫމް ކުއްޖަކަށްކަމަށް.” އަޝްރަފު އެދުން ތެދުވިއެވެ. ” އިނާޝާ އާދެބަލަ!” އަޝްރަފު ގޮވާލިއެވެ. އިނާޝާ ސިއްސައިގެންދިއައެވެ. އެއުޅެނީ ވަރިކުރަންބާވައޭ ހިތައް އެރިއެވެ. އިނާޝާ އެދުން ތެދުވީ ބަސްއަހާ ކުޑަކުއްޖަކު ފަދައިންނެވެ. ތުރުތުރުއަޅާ ހާލުގައެވެ. އަޝްރަފު ހުއްޓުނީ އަލަމާރި ކައިރިއަށެވެ. “މިހިރީ އިނާޝާއަށްޓަކާ އަހަރެން ހޯދާފައިހުރި އެއްޗެހި.” އިނާޝާގެ ދެލޯބޮޑުވިއެވެ. ” ކަޅުހެދުން. މޫނުބުރުގާ.” އިނާޝާ ހީކުރީ އަޝްރަފު މަލާމާތް ކުރަނީ ކަމަށެވެ. ނަމަވެސް އަޝްރަފު ވާހަކަދެއްކީ  ވަރަށްއޯގާތެރި އަޑަކުންނެވެ. މިކޮޓަރިން ނިކުންނަކަމުގައި ވަނީނަމަ އިނާޝާ ލާންވާނީ މިހެދުން. މިއީ އަހަރެންގެ އަންބަކަށް ވާންއޮތް ޝަރުތެއް. ދެން ކޮންމެ ވަގުތަކުވެސް ނަމާދުކުރަންވާނެ! މިގޭގައި އުޅޭނީ އަހަރެންގެ މަންމައެކަނި. ގޭތެރޭގެ ކަންކަމުގައި އަމިއްލައަށް ޒިންމާނަގައިގެން މަންމައަށްއެހީތެރިވާން ޖެހޭނެ. މިގޮތުގައި ހުރިހާދުވަހަކު އަހަރެންމިހުރީ އިނާޝާއާއެކުގައި. މިގޮތް ގަބޫލްކުރާނަމަ އަހަރެން އިނާޝާ އުފަލުގައި  ގެންގުޅޭނަން.”

އަޝްރަފު ގޮސް އެނދުގައި އޮށޯވެލިއެވެ. އަދި ދެލޯމަރާލިއެވެ. އިނާޝާއަށް ހިނގައިވެސް ނުގަނެވުނެވެ.

” ކައިވެނީގެ ފުރަތަމަ ރޭ ” އިނާޝާގެ ހިތާހިތުން ކިޔާލެވުނެވެ. ” ތެދެކެވެ. އަހަރެންފަދަ އަންހެނަކަށް އަންނާނީ ކޮން ފުރަތަމަ ރެއެއްހެއްހެވެ. އިއްފަތްތެރިކަން ވަނީ ފައިދަށުވެފައެވެ. ފިރިމީހާއާއެކު ކުރާނެ ވަކި އާކަމެއް ނެތެވެ. އިނާޝާގެ ދެފައިން ބާރުދޫވިއެވެ. އަލަމާރީގައި ލެނގިލައިގެން އިނދެ އެތައް އިރެއްވަންދެން ރުޔެވެ. ގިސްލިއެވެ. ފުރަތަމަފަހަރަށް ހަޔާތުގައި ލަދުވެތިކަމުގެ އިހްސާސް ކުރެވުނީ މިރެއެވެ. ފުރަތަމަފަހަރަށް އަމިއްލަ ނަފްސާމެދު ވިސްނާލެވުނީ މިރެއެވެ. ކަރުނައިގެ ތެރެއިން އަޝްރަފުގެ މޫނަށް އިނާޝާ ބަލާލިއެވެ. އޭނާއޮތީ ލޯމަރައިލައިގެންނެވެ. އެއީ މާތް އިންސާނެއްކަމަށް އިނާޝާގެ ޟަމީރު ވިސްނައިދިނެވެ. ހުރިހާ ހަގީގަތެއް އެނގިހުރެ އިނާޝާ ބަލައިގަތީމައެވެ. ” އަހަރެންނަކީ ޢިއްފަތްތެރި އަންހެންކުއްޖަކަށްވީނަމަ… އޯހް.  މިރޭވީހީ އަހަރެންގެ ހަޔާތުގެ ކޮންފަދަ ބޮޑު އުފާވެރި ރެޔަކަށްހެއްޔެވެ؟

ވީ ކިހާއިރެއްކަމެއްވެސް ނޭންގެއެވެ. އިނާޝާއަށް ހޭވެރިކަންވީ ފަތިސްނަމާދުގެ ބަންގީގެ އަޑަށެވެ. އިނާޝާ ހިތްވަރާއެކު ތެދުވިއެވެ. ފާޚާނާއަށްވަދެ އިސްކުރުދޫކޮށްލީ ހުރިހާ ނުތާހިރުކަމަކުން އެއްފަހަރާ ތާހިރުވުމުގެ ނިޔަތާވެސް އެކުގައެވެ. ފަތިސްނަމާދަށްފަހު އިނާޝާ ފުރަތަމަފަހަރަށް ތަޢުބާވުމުގެ ނިޔަތުގައި ދެއަތްއުފުލައިގެންއެތައް އިރަކުއިނެވެ. އެއަށްފަހު އަލަމާރިހުޅުވާލުމަށްފަހު އަޝްރަފު ހޯދާފައިވާ ކަޅުހެދުންލާ  ލޯގަނޑު ކުރިމަތީހުރެ މޫނުބުރުގާ އަޅާލިއެވެ. އެއާއެކު އަޝްރަފުގެ އަންބެއްގެ ގޮތުގައި ހަޔާތްވޭތިކުރުމުގެ އުފާވެރި އިހްސާސް އިނާޝާގެ ނާރުތަކުގައި ހިނގައިގަތެވެ. އިނާޝާ ސިއްސައިގެން ދިޔައެވެ. އިނާޝާގެދާދި ގާތުގައި އެހުރީ އަޝްރަފެވެ. ހިނިތުންވެފައިވާ އުޖާލާމޫނަކާއިގެންނެވެ. އިނާޝާ ލަދުން އިސްޖަހާލިއެވެ. އަޝްރަފު ވަރަށްލޯބިން އިނާޝާގެ އަތަށް ފިތާލިއެވެ. = ނިމުނީ =

މުސައްނިފް

ރަމްޒީނާ މުޙައްމަދުއަކީ ދިވެހި ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން އަންނަ ބޭފުޅެކެވެ. ތަޢުލީމީ ދާއިރާގައި 15 އަހަރަށްވުރެ ގިނަދުވަސް ހޭދަކުރައްވާފައިވާ ތަޖުރިބާކާރު ޓީޗަރެކެވެ.

ރައްދު

Your email address will not be published. Required fields are marked *