ކައިވެނީގެ ސަބަބުން ލިބޭ ފައިދާ

ކައިވެންޏަކީ އޭގައި ވަރަށްގިނަގުނަ ފައިދާތަކެއް އެކުލެވޭ އަދި ވަރަށް މާތް މަޤުޞަދުތަކަކާއި ޙިކުމަތް ތަކެއް އެކުލެވިގެންވާ އަޅުކަމެކެވެ. އެގޮތުން ހެޔޮގޮތުގައި ކައިވެނީގެ އެންމެހާ ގުޅުންތައް ކުރިއަށް ގެންދިޔުމީ އޭގެ ސަބަބުން އުޚުރަވީ ފައިދާތަކާއި އަދި ދުނިޔަވީ ފައިދާތައް، ކައިވެނީގެ ގުޅުމުން ގުޅިގެން އުޅޭ ދެމަފިރިންނަށާއި މުޅި މުޖުތަމަޢަށް ލިބިގެންދާނެ ކަމެކެވެ. އަދި މުޅި އިންސާނީ ދަރިފަސްކޮޅަށް އޭގެ ހެޔޮކަންލިބޭނެއެވެ.

ކައިވެނީގެ މުހިންމުކަމާމެދު ހުރިހާ ދީންތަކެއްގެ އަދި ހުރިހާ ޒަމާންތަކެއްގެ މީހުން އިޢުތިރާފުވެއެވެ. މިއީ އިންސާނީ ދަރިފަސްކޮޅު ފެށުނީއްސުރެ މިއަދާ ހަމައަށް އައިއިރުވެސް ބަދަލުވުމެއްނެތް ޢުރުފެކެވެ. ހުރިހާ ޒަމާނެއްގައިވެސް ޤަބޫލުކުރެވިފައިވާ ޙަޤީޤަތަކީ ކައިވެނި ކުރުމަކާނުލާ ދަރިން ހޯދުމަކީ އޭގެސަބަބުން އެތައްބައިވަރު މައްސަލަތަކެއް އުފިގެންދާ، އިންސާނީ މަޞްލަޙަތުތަކަށް ބުރޫއަރާ، ހަޑިހުތުރު ޢަމަލެއްގެ ގޮތުގައެވެ. ފަހެ ކައިވެންޏަކީ އިންސާނީ ދަރިފަސްކޮޅު އާލާވެ ދެމިގެން ދިޔުމަށްޓަކައި ، އެންމެހާ ޚަލްޤުތަކުންގެ ޚާލިޤުވަންތަ އިލާހު، ﷲ ޞުބަޙާނަހޫ ވަތަޢާލާ އެންމެ ފުރަތަމަ އިންސާނާއާއި ހަމައިން ފެށިގެން ހަމަޖައްސަވާފައިވާ ޤާނޫނެކެވެ.

ކައިވެނީގެ ސަބަބުން ދީނީގޮތުން ލިބޭ ފައިދާ (އުޚުރަވީ ފައިދާތައް)

އާދެ! އިންސާނީ ދަރިފަސްކޮޅު ފެށިފައިވަނީ އިންސާނުންގެ ބައްޕަކަމުގައިވާ އާދަމް ޢަލައިހިއްސަލާމް އާއި، އިންސާނުންގެ މަންމަ ކަމުގައިވާ ޙައްވާ ޢަލައިހިއްސަލާމް ކައިވެނިބައްލަވައިގެން ދުނިޔޭގައި ވަޒަންވެރިވި ހިސާބުންނެވެ. ޚާލިޤުވަންތަ ﷲ ޞުބުޙާނަހޫ ވަތަޢާލާ އާދަމް ޢަލައިހިއް ސަލާމް، މަށިން ހައްދަވައި ފުރިހަމަ އިންސާނަކަށް ބަދަލު ކުރައްވައި، އެކަލޭގެފާނުގެ އަރިކަށިފުޅުން ޙައްވާ ޢަލައިހިއްސަލާމް އުފެއްދެވުމަށްފަހު، އެދެބޭކަލުން ކައިވެނި ކޮށްދެއްވިއެވެ. އަދި އެދެބޭކަލުންގެ ފުށުން ދަރިން ލިބުމަށް އިރާދަ ކުރެއްވިއެވެ. އެގޮތުގެމަތިން އެދެބޭކަނބަލުންނާއި އެދެބޭކަނބަލުންގެ ދަރިފަންނަށްޓަކައި ވަކި އުސޫލުތަކަކާއި ވަކި ހަމަތަކެއް ހިމެނޭ ޤާނޫނެއް ބާވާލެއްވިއެވެ. މިޤާނޫނަކީ އިންސާނުންނަށްޓަކައި މާތްﷲ ކަނޑައަޅުއްވާފައިވާ އެންމެ ފުރިހަމަ ޤާނޫނެވެ. އެއީ އިސްލާމީ ޝަރީޢަތެވެ. އެގޮތުން މާތް ﷲ ކަނޑައަޅުއްވާފައިވަނީ ކައިވެނީގެ ރީތި ސާފު ސީދާގޮތްމަތީ، އިންސާނީ ނަސްލު ރައްކާތެރިކޮށް، އިންސާނީ ޙަޔާތް ރަނގަޅުގޮތުގައި ﷲގެ ޢަމުރުފުޅުތަކާއި އެއްގޮތަށް ދެމެހެއްޓުމެވެ. އަދި އިންސާނުންގެ ޠަބީޢަތުގައި ލައްވާފައިވާ އެދުންވެރިކަން ލައްވާފައިވަނީ ހެޔޮގޮތުގައި ހުއްދަ ކުރެވިފައިވާ ގޮތަށް އޭގެ ފައިދާ ލިބިގަތުމަށެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجاً لِّتَسْكُنُوۤاْ إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً إِنَّ فِى ذٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ ﴾[1] މާނައީ: “ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމިހުން އެކަނބަލުންގެ ފަރާތުން ހަމަ ހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.”

ކައިވެނި ކުރުމަށް އިސްލާމްދީން ބާރުއަޅާ އަނެއް ސަބަބަކީ ހަވާނަފްސުގެ އެދުންތައް މައިތިރިކޮށް، ޝައިޠާނާގެ ވަސުވާސްތަކުން ރައްކާތެރިވުމާއި، ނަފްސަށް ހަމަޖެހުން ލިއްބައިދޭ ވަޞީލަތަކަށް ކައިވެނީގެ ގުޅުންތައް ވާތީއެވެ. މިކަން ބަޔާންކޮށްދެއްވަމުން ރަސޫލުއް ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (يا معشر الشباب من استطاع منكم الباءة فليتزوج فإنه أغض للبصر وأحصن للفرج ومن لم يستطع فعليه بالصوم فإنه له وجاء)[2]  މާނައީ: “އޭ ޒުވާނުންނެވެ! ތިޔަބައިމީހުންގެ ތެރެއިން ކައިވެނި ކުރުމަށް ކުޅަދާނަވާ މީހުން ފަހެ ކައިވެނި ކުރާހުށިކަމެވެ. އެއީ ލޮލަށް ރައްކާތެރިކަން  ބޮޑުވެފައި، ޖިންސީ ގުނަވަންވެސް އެންމެ ރައްކާތެރިކަން ބޮޑު ގޮތެވެ. އަދި މީހަކާ އިނުމަށް ކުޅަދާނަކަން ލިބިފައިނުވާ މީހާގެ މައްޗަށް އޮތީ ރޯދަހިފުމެވެ. ފަހެ ހަމަކަށަވަރުން އެއީ އޭނާ ނުބައިކަންތައްތަކުން ދުރުކޮށްދޭ އައްޑަނައެކެވެ.”

ކައިވެންޏަކީ ގިނަގުނަ ޘަވާބާއި ދަރުމަލިބޭ މާތް އަޅުކަމެކެވެ. އެއީ އަނބިމީހާއަށައި ފިރިމީހާއަށްވެސް މެއެވެ. އެއީ އެކަކު އަނެކަކުގެ ޙައްޤުތައް އަދާކޮށް، ދަރިން ރަގޮޅުގޮތުގައި ތަރުބިއްޔަތުކުރުމާއި އެކަމަށްޓަކައިކުރާ ހޭދައާއި، އަދި މީގެއިތުރުން ޙަލާލުކުރެވިފައިވާގޮތް ކަމުގައިވާ ކައިވެނީގެގޮތުން ގުޅިގެން އަނބިފިރިކަމުގެ ގުޅުން ހިންގުމުގެ ސަބަބުން ލިބޭ ޘަވާބެވެ. މިކަމަށް އަންނަނިވި ޙަދީޘުން ދަލީލުކޮށްދެއެވެ. (خيركم خيركم لأهله وأنا خيركم لأهلي)[3] މާނައީ: “ތިޔަބައިމީހުންކުރެ އެންމެ ހެޔޮކަންބޮޑު މީހަކީ، ތިޔަބައިމީހުންކުރެ އޭނާގެ އަނބިދަރިންނަށް ހެޔޮމީހާއެވެ. ފަހެ، ތިމަންކަލޭގެފާނީ ތިޔަބައިމީހުންކުރެ އަނބިދަރިންނަށް އެންމެ ހެޔޮމީހާއެވެ.”

ކައިވެނީގެ ސަބަބުން ދުނިޔަވީގޮތުން ލިބޭ ފައިދާތައް

ކައިވެންޏަކީ އިންސާނާގެ ޙަޔާތަށް ވަރަށްވެސް ބޭނުންތެރި އެއްޗެކެވެ. ފަހެ ދެޖިންސު ލައްވާފައިވަނީ އެއްޖިންސު އަނެއް ޖިންސަށްޓަކައެވެ. އެއީ ހަށިގަނޑަށް ފޭރާން ބޭނުންވާ ފަދައިންނެވެ. އާދެ! އިންސާނާގެ ޠަބީޢަތުގައި ލައްވާފައިވާ ޖިންސީ އެދުންވެރިކަމުގެ އަރާމާއި ހިތްހަމަޖެހުން ލިބިގަތުމަށް އޮތީ ކައިވެނި ކުރުމެވެ. އެކަމަށް ތިމާ ބޭނުންވެއްޖެނަމަ އަނބިމީހާގެ ކިބައިން އެކަން ފުއްދަަންވީއެވެ. އަދި ފިރިމީހާ އެކަމަށް އެދިއްޖެ ހިނދެއްގައި، އަނބިމީހާވެސް އެކަމަށް ބޭނުންވެ އިޖާބަދޭން ޖެހޭނެއެވެ. މިގުޅުމަކީ ޞިއްޙަތަށް ފައިދާތަށް ލިއްބައިދޭ ނަފްސަށް ހަމަޖެހުން ގެނެސްދޭ ކަމެކެވެ.

ޒަވާޖީޙަޔާތުގެ މުހިންމުކަން ބޮޑަށް އިހުސާސްކުރެވެނީ އެކަނިމާއެކަނި ހުރިހާކަމެއް ކުރަންޖެހުނީމައެވެ. އާމްދަނީ ހޯދުމަށް މަސައްކަތްކުރަމުން، ކައްކާ އެއްޗެހިދޮވެ،ކުނިކަހާ ސާފުކޮށް، މިހުރިހާ ބުރައެއް އުފުލަން ޖެހުމަކީ ކައިވެނި ނުކޮށް ފަރުނުޖެއްސޭނެ އެއްސަބަބު ކަމުގައި ވަރަށް ގިނަބަޔަކު ފާހަގަ ކުރެއެވެ. އާދެ! ވަރަށްބޮޑު ތެދެކެވެ. ކައިވެނީގެ ސަބަބުން ގޭތެރޭގެ މަސައްކަތްތަށް ބެހި ވަކިތަރުތީބަކުން ކަންތައްތައް ގެންދިއުމަށް މަގު ފަހިވެއެވެ. އަދި ކަންތައްތައް ހަލުއިވެ ވަގުތު ސަލާމަތް ކުރެއެވެ. މިކަމުގެ ސަބަބުން އާމްދަނީ އިތުރު ކުރުމަށާއި އުފާލިބިގަތުމަށް އަދި ދިރިއުޅުން ބާއްޖަވެރި ކުރުމަށް ދެމަފިރިންގެ ހިއްސާއާއެކު މަސައްކަތްތައް ކުރެވެމުން ދާނެއެވެ.

ރަސޫލުﷲ ގެފާނު ޙަދީޡްފުޅު ކުރަށްވާފައިވާ ބަސްފުޅެއްގައި ވެއެވެ. “الدنيا متاع وخير متاع الدنيا المرأة الصالحة”[4] މާނައީ: “ދުނިޔެއަކީ ވަގުތީ ފައިދާއެކެވެ. ދުނިޔެއިން ލިބޭނެ ފައިދާތަކުގެ ތެރެއިން އެންމެބޮޑު ފައިދާއަކީ ރަނގަޅު ހެޔޮލަފާ އަންހެނެކެވެ.”

އަދިވެސް އެހެން ޙަދީޘްފުޅެއްގައި ވެއެވެ. “ألا أدلكم على خير ما يكنز الرجل؟ المرأة الصالحة التي إذا نظر إليها سرته، وإذا أمرها أطاعته، وإذا أمرها أطاعته، وإذا غاب عنها حفظته في نفسها وماله”[5] މާނައީ:”ފިރިހެނާއަށް ލިބިފައިވާ އެންމެހެޔޮ ނަސީބަކީ ކޮބައިކަން، ތިމަންކަލޭގެފާނު ތިޔަބައިމީހުނަށް އަންގަވަން ހެއްޔެވެ؟ އެއީ ރަނގަޅު ޞާލިހު އަނތްބެކެވެ. އެއަނބިމީހާއަށް ބަލައިފިނަމަ އޭނާ އުފާވާނެއެެވެ. އޭނާގެ ކިބައިން ކަމަކަށް އެދިއްޖެނަމަ، އުފަލާއެކު އެކަމެއް ކޮށްދޭނެއެވެ. އޭނާ ދުރުތަނަކަށް ހިނގައްގެނަމަ، އޭނާގެ އަމިއްލަ ނަފްސާއި، ފިރިމީހާގެ މުދަލާއި ގެދޮރު ރަނގަޅަށް ބަލަހައްޓާނެއެވެ.”

ހަމައެފަދައިން އަންހެނުންނަށްވެސް ހެޔޮލަފާ، ޚަރުދަނާ ފިރިއެއް ލިބުމަކީ އަންހެނާއަށް ލިބޭނެ އެންމެބޮޑު އެއް ނިޢުމަތެވެ. އެހެނީ ސުވަރުގޭގައި އޭނާގެ ފިރިއަކީ ހަމަ އެފިރިމީހާއަށް ވާއިރު ދުނިޔޭގައިވެސް އޭނާގެ ކިބައިން ލޯތްބާއި އަޅާލުމާއި އެހީތެރިކަން ލިބޭނެއެވެ.

ހަރުދަނާ ކައިވެނީގެ ސަބަބުން މުޖުތަމަޢަށް ލިބޭ ފައިދާ

     ކޮންމެ މުޖުތަމަޢެއްވެސް އެކުލިވިގެންވަނީ ޢާއިލާތަކެއްގެ މައްޗަށެވެ. އެގޮތުން ކޮންމެ ޢާއިލާއަކީ ކުޑަ މުޖުތަމައެކެވެ. މުޖުތަމަޢުތައް ހެޔޮވުމާއި ނުވުން ބިނާވެގެންވަނީ ޢާއިލާތަކުގެ މައްޗަށެވެ. އެހެންކަމަށްވީއިރު، މިކުޑަ މުޖުތަމަޢު (ޢާއިލާ) ހަރުދަނާ ބިންގަލެއްގެ މައްޗަށް ބިނާވެފައި އޮވެގެން މެނުވީ މުޅި ޤައުމުގެ މުޖުތަމަޢުވެސް ހަރުދަނާ ބިންގަލެއްގެ މައްޗަށް ބިނާވެފައެއް ނޯންނާނެއެވެ. އަދި ހުރިހާ ޢާއިލާތަކެއްގެވެސް ޢާއިލީ ދިރިއުޅުން ރަނގަޅު އުސޫލުތަކެއްގެމަތިން ހަމަޖެހިފައި އޮވެގެން މެނުވީ މުޖުތަމަޢުގެ ޙަޔާތްވެސް ރަނގަޅު އުސޫލުތަކުގެ މަތިން ހަމަޖެހިފައެއް ނޯންނާނެއެވެ. ހަމައެހެންމެ އެމުޖުތަމަޢަކީ ކައިވެނީގެ މަޤުޞަދު ރަނގަޅަށް ދަންނަ ބަޔަކުއުޅޭ މުޖުތަމަޢެއް ކަމުގައިވާނަމަ އެ މުޖުތަމަޢެއްގެ އަހުލުވެރީން އުޅެމުންދާނީ އުފާފާގަތި ކަމުގައެވެ. ސަލާމާއި ސަލަވާތްލެއްވެ އިތުރު ރަސޫލާގެ އަނބިކަނބަލުން އުންމުލް މުއުމިނީން މައިމޫނަތުގެފާނުގެ ކިބައިން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ސަލާމާއި ޞަލަވާތްލެއްވި ރަސޫލު ﷲ ގެފާނު ޙަދީޘްކުރައްވަނިކޮށް ތިމަންކަމަނާ އަޑުއެއްސެވީމެވެ.” لا تزال أمتي بخير ما لم يفش فيهم ولد الزنا فإذا فشا فيهم ولد الزنا فأوشك أن يعمهم الله بعذاب” [6] މާނައީ: “އެބައިމީހުންގެ ތެރޭގައި ޒިނޭގެ ދަރިން ގިނަނުވާހާ ހިނދަކު ތިމަންކަލޭގެފާނުގެ އުއްމަތްވަނީ ރަނގަޅު ގޮތުގައެވެ. އެބައިމީހުންގެ ތެރޭގައި ޒިނޭގެ ދަރިން ގިނަވެއްޖެހިނދު އެބައިމީހުންގެ މައްޗަށް މާތް ﷲގެ ކޯފާ އައުން ކައިރިވެއްޖެއެވެ.”  ނިކަން ވިސްނާ ބަލާށެވެ! ދީނަށާއި އަޚުލާޤަށް ޚުރުމަތްތެރިކޮށް ހިތާ ޢާާއިލާއެއްގެ ތަރުބިއްޔަތު ލިބިފައިވާ ކުދިން ވަރަށް މަދު ޙާލަތެއްގައި މެނުވީ ވާނީ ޤައުމަށް ހެވާލާބަ ހޯދައިދިނުމަށްޓަކައި މަސައްކަތްކުރާ ހަރުދަނާބަޔަކަށެވެ. ހަމައެފަދައިން ދީނީ އަދި އަޚުލާޤީ އުސޫލުތަކަށް ފަރުވާތެރިކަން ނުބަހައްޓާ ޢާއިލާއެއްގެ ތަރުބިއްޔަތު ލިބިފައިވާ ކުދިން މުޅިންހެން ވެފައިތިބެނީ، އެބައިމީހުން ދިރިއުޅޭ މުޖުތަމަޢެއްގެ އުސޫލުތަކާއި ދެކޮޅުހަދާ ވިޔާނުދާ ބަޔަކަށެވެ.

     ކޮންމެ އާއިލާއެއްގެވެސް ދިރިއުޅުން ބިނާވެފައި އޮންނާނީ މައިންބަފައިންގެ ދެމެދުގައި އޮންނަ ގުޅުމެއްގެ މައްޗަށެވެ. މިގުޅުމަކީ އެކުވެރިކަމާއި ލޯތްބާއި ރަހުމުގެ ގުޅުމެއް ކަމުގައިވާނަމަ އެއާއިލާއެއްގެ ދިރިއުޅުން ވަރަށް އެދެވޭ ގޮތަކަށް ހަމަޖެހިފައި އޮންނާނެކަން ކަށަވަރެވެ. މިއާޚިލާފަށް ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުމަކީ ނޭއްގާނިކަމާއި ދެކޮޅުވެރިކަމުގެ ގުޅުމަކަށް ވާނަމަ އެއާއިލާއެއްގެ ދިރިއުޅުންވާނީ، ވޭންތަކާއި މައްސަލަތަކުން ފުރިގެންވާ، ހަމަޖެހުމެއް ނެތް ދިރިއުޅުމަކަށްކަން ޔަޤީނެވެ. މިހެންވެ، އަހަރެމެންގެ މާތްވެގެންވާ އިސްލާމް ދީން، ދެމަފިރިންގެ ދެމެދުގައި އޮންނަންވާ ގުޅުމަށް ވަރަށް ޚާއްޞަ އަހަންމިއްޔަތެއް ދީފައިވެއެވެ. މިގުޅުމުގެ އަސްލުކަމުގައިވާ ކައިވެންޏަކީ ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައިވާ ގޮތުގައި “ވަރުގަދަ މުޢާހަދާ” އެކެވެ. މި މުޢާހަދާއާ ގުޅޭގޮތުން އިސްލާމް ދީން އަހަރެމެންނަށް ވަރަށް ޙިކުމަތްތެރި އިރުޝާދު ތަކެއް ދެއްވާފައިވެއެވެ. އަދި ދެމަފިރިން ކުރެެ ކޮންމެ މީހެއްގެވެސް ޙައްޤުތަކާއި ޒިންމާތަކާއި ވާޖިބުތައް އެހާމެ ސާފުކޮށް ބަޔާންކޮށް ދެއްވާފައިވެއެވެ.

     ދެމަފިރިންގެ ޙައްޤުތަކާއި ބެހޭގޮތުން އިސްލާމް ދީން އަހަރެމެންނަށް ދީފައިވާ އެންމެ ފުރަތަމަ އިރުޝާދަކީ، އެކަކު އަނެކަކަށް ކަމޭހިތާއި ހެޔޮކޮށް ކަންތައް ކުރުމެވެ. އަނެކާއަކީވެސް ތިމާފަދަ އިންސާނެއްކަން ރަނގަޅަށް ދަނެ، ތިމާގެ ޙައްޤުތަކަށް ރައްކާތެރިވާ ފަދައިން އޭނާގެ ޙައްޤުތަކަށްވެސް ރައްކާތެރިވުމެވެ. އާއިލާގެ ކަންތައްތައް ބެލެހެއްޓުމުގައި ފިރިމީހާގެ މަސްއޫލިއްޔަތު ބޮޑުވުމާއެކު، ފިރިހެނުން މިކަމަށް ޚާއްޞަ ފަރުވާތެރިކަމެއް ބެހެއްޓުމަށް ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީ ކުރައްވާ އަންގަވާފައިވަނީ އަންނަނިވި ފަދައިންނެވެ. ﴿يَا أَيُّهَا ٱلَّذِينَ آمَنُواْ لاَ يَحِلُّ لَكُمْ أَن تَرِثُواْ ٱلنِّسَآءَ كَرْهاً وَلاَ تَعْضُلُوهُنَّ لِتَذْهَبُواْ بِبَعْضِ مَآ آتَيْتُمُوهُنَّ إِلاَّ أَن يَأْتِينَ بِفَاحِشَةٍ مُّبَيِّنَةٍ وَعَاشِرُوهُنَّبِٱلْمَعْرُوفِ فَإِن كَرِهْتُمُوهُنَّ فَعَسَىٰ أَن تَكْرَهُواْ شَيْئاً وَيَجْعَلَ ٱللَّهُ فِيهِ خَيْراً كَثِيراً﴾[7] މިއާޔަތުގައި ފާހަގަކޮށްފައި އެވާބައިގެ މާނައީ “ތިޔަބައިމީހުން އެކަނބަލުނަށް (ޔަޢުނީ އަނބިންނަށް) އޯގާތެރިވެ ހެޔޮކޮށް ކަންތައް ކުރާށެވެ.” ހަމައެފަދައިން ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. “خيركم خيركم لأهله” މާނައީ: ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮކަން ބޮޑުވެގެންވަނީ އެބައެއްގެ އަނބި ދަރިންނަށް އެންމެ ހެޔޮ ބަޔެކެވެ.”

ދެމަފިރިންގެ ދެމެދުގައި އޮންނަންވާ އޯގާތެރިކަމާއި ރަޙުމު ހިމެނިގެންވަނީ އީމާންތެރިކަމުގެ ބައެއްގެގޮތުގައި ކަމަށް ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައި ވަނީ “أكمل المؤمنين إيماناً أحسنهم خُلقا وألطفهم بأهله” މިފަދައިންނެވެ. މާނައީ: “މުއުމިނުންގެ ތެރެއިން އީމާންކަން އެންމެ ފުރިހަމަވެގެންވާ ބަޔަކީ، އެބައިމީހުންގެ ތެރެއިން އެންމެ އަޚުލާޤު ރަނގަޅު އަދި އެބައެއްގެ އަނބިދަރިންނަށް އެންމެ އޯގާތެރި ބައެކެވެ.”

        އަނބިމީހާގެ ޝަރަފާއި ޢިއްފަތްތެރިކަމަށް ރައްކާތެރިވުމީވެސް ފިރމީހާގެ ވާޖިބެކެވެ. އެހެނީ، އަނބިމީހާ ބެލުމާއި، އޭނާއަށް އިރުޝާދުދީ ނަސޭޙަތްތެރިވުމީ ފިރިމީހާގެ މަސްއޫލިއްޔަތެކެވެ. މިކަން ބަޔާންކުރައްވާ މާތްﷲ ވަޙީ ކުރައްވާފއިވެއެވެ. ﴿ٱلرِّجَالُ قَوَّامُونَ عَلَى ٱلنِّسَآءِ بِمَا فَضَّلَ ٱللَّهُ بَعْضَهُمْ عَلَىٰ بَعْضٍ وَبِمَآ أَنْفَقُواْ مِنْ أَمْوَالِهِمْ﴾[8]  މާނައީ: “ފިރިހެނުންނަކީ އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި ޤާއިމުވެގެންތިބޭ ބަޔެކެވެ. އެއީ އެއުރެންގެ އެއްބަޔެއްގެ މައްޗަށް ﷲ މާތްކުރައްވާ، އިތުރު ކުރައްވާފއިވާ ކަމަށްޓަކައެވެ.” މިއާޔަތުގެ މުރާދަކީ ފިރިހެނުންނަށް އަންހެނުންގެ ޤިވާމަތު (ޔަޢުނީ: އެމީހުން ބެލެހެއްޓުމުގެ ޙައްޤު) ލިބިގެންވެއެވެ.

     އިސްލާމް ދީނުގެ ނަޒަރުގައި ކައިވެންޏަކީ ހަމައެކަނި ދެމަފިރިންނަށް އޮތް މަސްލަޙަތެއް ނޫނެވެ. އެއާޚިލާފަށް އިސްލާމް ދީން އަންގާގޮތުގައި އެއީ މުޖުތަމަޢުއަށް އޭގެ ފައިދާއޮތް ކަމެކެވެ. އެހެނީ ކޮންމެ މުޖުތަމަޢެއް އުފެދެނީ ޢާއިލާތަކަކުންނެވެ. ޢާއިލާއަކީ ހަރުދަނާ ބަދަހި ޢާއިލާއަކަށް ވެގެން މެނުވީ ރަނގަޅު މުޖުތަމަޢެއް އެކުލަވައެއް ނުލެވެއެވެ. އެހެންވެ ކައިވެންޏަކީ އޭގެ ސަބަބުން ހުއްދަގޮތުގައި އިންސާނީ ދަރިފަސްކޮޅު އިތުރު ކުރުމުގެ ސަބަބު ކަމުގައި ލައްވާފައިވެއެވެ.

     އަޅުގަނޑުމެންގެ އިސްލާމް ދީން އަންގަވަނީ މާތް ﷲ އަށް ތަޤުވާވެރި ވުމާއެކު، ޢާއިލީ ޙަޔާތްތަށް ޚަރުދަނާ ބިންގަލެއްގެ މައްޗަށް ބިނާކުރުމަށެވެ. އަދި އެކަލާނގެ އަންގަވާފައިވާގޮތުގެ މަތިން އަނބިދަރިން ބަލައި، އެބައިމީހުންގެ ޙައްޤުތަކަށް ރައްކާތެރި ވުމަށެވެ. ހަމައެހެންމެ ދީނަށް ޚުރުމަތްތެރިކޮށް ހިތާ އުފާވެރި ޖައްވެއްގައި ކުދިން ތަރުބިއްޔަތުކޮށް މުޖުތަމަޢުގެ ދިރިއުޅުން ރަނގަޅު އުސޫލުތަކެއްގެ މަތިން ގެންދިޔުމަށްވެސް އިސްލާމްދީން ބާރުއަޅުއްވައެވެ.

 

 

ހަރުދަނާ ޢާއިލާއެއް ބިނާކުރުމުގައި ކައިވެނީގެ ދައުރު

     އުންމަތްތައް ބިނާވެގެންވަނީ ޢާއިލާތަކެއްގެ މައްޗަށެވެ. އެހެންކަމުން ކޮންމެ ޤައުމަކީވެސް ޢާއިލާތަކަކުން އުފެދިފައިވާ ޢާއިލާއެކެވެ. ކޮންމެ މީހަކީވެސް އެގޮތުން ވަކި މުޖުތަމަޢަކަށް ނިސްބަތްވެގެންވާ މީހެކެވެ. ވުމާއެކު މުޅި މުޖުތަމަޢުގެ ދުޅަހެޔޮކަމާއި ސަލާމަތްތެރިކަން ބިނާވެފައި އޮންނާނީ އެމުޖުތަމައެއްގައި ހިމެނޭ ކުދިކުދި މުޖުތަމަޢުތައް ބިނާ ކުރެވޭގޮތެއްގެ މައްޗަށެވެ. މިދެންނެވި ކުދި މުޖުތަމަޢުތަކަކީ އާއިލާތަކެވެ. އެހެންކަމުން ޢާއިލާއަކީ މުޖުތަމަޢުގެ ބިންގަލެވެ. ހަރުދަނާ މުޖުތަމައެއް ބިނާ ކުރެވޭނީ މުޖްތަމަޢުގެ ބިންގާ ކަމުގައިވާ އާއިލާ ޚަރުދަނާކޮށްގެންނެވެ. އަދި ޚަރުދަނާ އާއިލާތަކެއް ބިނާ ކުރެވިގެންނެވެ. މިކަން މިގޮތަށް ވެގެންދާނީ ކައިވެނީގެގޮތުން ގުޅިންގެން، އެކައިވެނި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންގޮސްގެންނެވެ. މިކަންވަނީ މިހާރުގެ ހޯދުންތަކުންވެސް ޘާބިތުވެފައެވެ. އަދި ދަރިންހޯދުމުގައި ޢާއިލާއެއްގެ ދައުރުގެ މުހިންމުކަން ހާމަވެފައިވެއެވެ. ކައިވެނީގެ ގުޅުމާނުލާ ދަރިން ހޯދުމަކީ އިންސާނީ ދަރިފަސްކޮޅަށް ބޮޑަތި މުޞީބާތްތައް ކުރިމަތިވެ، އިންސާނީ ނަސްލު ނެތިގެން ހިނގައިދާނެކަން ވަނީ، ޢިލްމީ ހޯދުން ތަކާއި، އިންސާނުން ކޮށްފައިވާ ތަޖުރިބާއިން އެނގި ޘާބިތުވެފައެވެ. ނަމަވެސް ޙަޤީޤަތަކީ މިކަންތައްތަކަކީ އިސްލާމް ދީނުގައި މާކުރިން ހާމަކޮށްދީފައިވާ ކަންކަމެވެ. އެންމެފުރަތަމަ އިންސާނުން (އާދަމް ޢަލައިހިއް ސަލާމްއާއި ޙައްވާ ޢަލައިހިއްސަލާމް) ބިމުގައި ވަޒަންވެރިވުމާއި ހަމައިން އާއިލާގެ ގުޅުން ޤާއިމްކޮށް، އިންސާނީ ދަރިފަސްކޮޅު ދެމެހެއްޓުމަށްޓަކައި ﷲގެ ޤާނޫނުވަނީ އިންސާނުންނަށްޓަކައި ބާވާލައްވާފައެވެ. މިޝަރީޢަތުގައި ޢާއިލާ އިންތިޒާމް ކުރާނެ އުސޫލުތަކާއި ހަމަތައް ކަނޑައެޅިފައިވަނީ ހަމަ އިންސާނީ ނަސްލު ޠާހިރުކަންމަތީ ދެމެހެއްޓުމަށްޓަކައެވެ.

     ކޮންމެ އިންސާނަކަށްވެސް އޭނާއަށް ޙިމާޔަތްތެރިކަމާއި، އޯގާތެރިކަން  ލިބިދޭނޭ ޢާއިލާއެއް ބޭނުންވެއެވެ. އެހެނީ މިއީ އިންސާނުންގެ މާއްދީ ބޭނުންތަކުގެ ތެރޭގައި ހިމެނޭ އަސާސެކެވެ. މިގޮތުން އަނބިމީހާއާއި ފިރިމީހާގެ މެދުގައި އުފެދޭ މުޤައްދަސް ގުޅުމުގެ ސަބަބުން ދަރީން ލިބި، ޢާއިލާއެއް ބިނާކުރާނެ ގޮތްތައް އިސްލާމްދީނުގައި ވަރަށް ފުރިހަމައަށް ބަޔާންކޮށްދީފައި ވެއެވެ. މިކަންކަމުން މަގުދައްކައިދެނީ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށެވެ. އެކުދިންނަށް އަޅާލާ، އުފާވެރި މާޙައުލެއްގައި އެކުދިން ތަރުބިއްޔަތުވެ ބޮޑުކުރުމަށެވެ.

     ކައިވެނީގެ މާތް ގުޅުމުން ގުޅި ލާމެހޭ އަނބިމީހާއަށާއި ފިރިމީހާއަށް ނިސްބަތްކޮށް ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ބަސްފޫލުތަކުން ދޭހަވާގޮތުގައި، ކައިވެނިވާ ދެމީހުންނަކީ ޢާއިލާއެއް ފެށުމަށް ޤާބިލު ބައެއް ކަމުގައި ވާންޖެހޭނެއެވެ. އެދެމީހުންނަކީ ޚުލްޤުވެރި، ލޮބުވެތި، ރަނގަޅު ހެޔޮލަފާ ދިރިއުޅުމެއް އުޅޭ ބައެއް ކަމުގައި ވާންޖެހޭނެއެވެ. އަދި އެމީހުންގެ ދިރިއުޅުމަށް އިތުރު މީހަކު (ދަރިއަކު) އައުމަށްޓަކައި އެދެވޭ މާހައުލެއް ތައްޔާރު ކުރަންޖެހޭނެއެވެ.[9]

ޢާއިލީ މުޖުތަމަޢު ބިނާކުރުމުގެ ގިއުގަނޑަކީ އިންސާނާއެވެ. ޢިލްމީ ދިރާސާތަކުން ޘާބިތުވާ ގޮތުގައި ކުޑަކުއްޖެއްގެ ޙަޔާތުގައި އަންނަ އެންމެ މުހިންމު މަރުޙަލާއަކީ އެކުއްޖެއްގެ ޅަފަތުގެ ދުވަސްތަކެވެ. ކުއްޖާގެ ޢާއިލާއަކީ ހަމަޖެހޭ ޢާއިލާއެއްނަމަ، ކުއްޖާ ބެލެހެއްޓުމަށްޓަކައި ޙަވާލުކުރާނީ ގޭގައި ގެންގުޅޭ މީހަކާއެއް ނޫނެވެ. އަދި ޢާއިލާއަކީ ރޫޅިފައިވާ ޢާއިލާއެއްނަމަ ކުއްޖާބޮޑުވެ ފުރާފުރިހަމަވާނީ، ވަރަށް ނުކުޅެދުންތެރި ގޮތުގައެވެ. އިސްލާމްދީން ދެކެގޮތުގައި މުޖުތަމަޢެއްގެ އަސާސަކީ ޢާއިލާއެވެ. އެއީ ވަރަށް މަތިވެރި އަދި އެހެން މީހުންގެ އިޙުތިރާމާއި ލޯތްބާއި ޤަދަރު ލިބިގެންވާ ޢާއިލާއެވެ. މިކަން ބަޔާން ކޮށްދެއްވަމުން ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿يٰأَيُّهَا ٱلنَّاسُ ٱتَّقُواْ رَبَّكُمُ ٱلَّذِى خَلَقَكُمْ مِّن نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالاً كَثِيراً وَنِسَآءً وَٱتَّقُواْ ٱللَّهَ ٱلَّذِى تَسَآءَلُونَ بِهِ وَٱلأَرْحَامَ إِنَّ ٱللَّهَ كَانَ عَلَيْكُمْ رَقِيباً﴾ [10]  މާނައީ: “އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާންގެއަށް ތިޔަބައިމީހުން ތަޤުވާވެރިވާށެވެ! އެކަލާންގެއީ، އެންމެ ނަފްސަކުން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. އަދި، އެނަފްސުގެ ކިބައިން އޭގެ އަނެއްޖިންސު ހެއްދެވިއެވެ. އަދި އެދެކަބަލުންގެ ކިބައިން، ގިނަ ފިރިހެނުންނާއި، ގިނަ އަންހެނުން ފެތުރުއްވިއެވެ. އަދި ތިޔަބައިމީހުން ﷲއަށް ތަޤުވާވެރިވާށެވެ! އެކަލާނގެއީ، އެކަލާންގެ މެދުވެރިކޮށް ތިޔަބައިމީހުން އެކަކު އަނެކަކާ ސުއާލުކޮށް، ކަންކަމަށް އެދިއުޅޭ ރަސްކަލާނގެއެވެ. އަދި ތިމާގެކަމުގެ ގުޅުންތަކަށް ތިޔަބައިމީހުން ރައްކައުތެރިވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކަންތައް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި، ﷲ ވޮޑިގެންވެއެވެ.”

ޢާއިލާއެއް ބިނާކުރުމަށް އިންސާނާ އޭނާގެ ޖިންސީ ޣަރީޒާ ފުއްދުމަށްޓަކައި ކާވެނީގެ މަތިވެރި ގުޅުމުން ގުޅުމާއެކު، ޝަރުޢުގައި ހުއްދަކުރައްވާފައިވާ ގޮތަށް ތިމާގެ ޖިންސީ ޣަރީޒާ ފުއްދުމަށް އަންގަވާފައިވެއެވެ. އެއީ ތިމާގެ ޢިއްފަތްތެރިކަމާއި، އިންސާނީ މުޖުތަމަޢު ފަސާދައާއި ނުބައިކަމުގެ ތެރެއަށް ވެއްޓިގެން ދިޔުމުން ސަލާމަތްކުރުމުގެ ގޮތުންނެވެ. ރަނގަޅު ޖައްވަކާއި ވެއްޓެއް އަދި ރަނގަޅު ބިމެއް އިންސާނީ ކާއިނާތު އުފެދިބޮޑުވުމަށް ހޯދައިދިނުމުގެ މަސައްކަތާއި ގެރެންޓީ ދިނުމަށްޓަކައެވެ.

     އިސްލާމްދީނުގައި ޢާއިލާއެއް އެކަށައެޅުމުގައި ތަފާތު ވަޒީފާތައް އެކުލަވާލާފައި ވެއެވެ. އަދި މިޢާާއިލީ ވަޒީފާވަނީ އެއްބައި އަނެއްބަޔާ ގުޅިފައެވެ. އެއީ ފިޠުރީގޮތުންނާއި ނަފްސާނީގޮތުންނާއި އިޖުތިމާޢީ ގޮތުންނެވެ. މިގޮތުން ނަފްސާނީ އަމާންކަމުގެ ވަޒީފާފާވަނީ ނަސްލު ރައްކާތެރި ކުރުމާއި ނަސްލު ދެމެހެޢްޓުމުގެ ވަޒީފާއާއި ގުޅިފައެވެ. އަދި މުޖުތަމަޢަށް މުޅިން އާބައިވެރިން އިތުރު ކުރުމާއެވެ. އެއީ އުންމަތުގެ ޒުވާންކަން އިތުރުކޮށް ފިކުރީ ބާރާއި އުފެއްދުންތެރިކަމުގެ ބާރު އިތުރު ކުރުމަށްޓަކެއެވެ. އެހެންކަމުން މިކަންކަމުން އެނގި ބަޔާންވެގެންވަނީ ދެމަފިރިންގެ ޙަޔާތް އެކަށައަޅުއްވާފައިވަނީ ހަމަނުޖެހުމާއި، ބިރިވެރިކަމާއި، މައްސަލަތަކުން އެއްކިބާވެގެންނެވެ. ހަމައެފަދައިން ދެމެފިރިން ލައްވާފައިވަނީ އެކަކު އަނެކަކުގެ ނިވަލެއް ކަމުގައެވެ. ނުބައިކަން ދުރުކޮށްދޭ މީހެއްގެ ގޮތުހައެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ﴿ وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجاً لِّتَسْكُنُوۤاْ إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً إِنَّ فِى ذٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ ﴾[11]  މާނައީ: ތިޔަބައި މީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި އޯގާވެރިކަން ލެއްވެވިއެވެ. ހަމަކަށަވަރުން މިކަމުގައި ވިސްނާ ފިކުރުކުރާ ބަޔަކަށް ހެކިތަކެށް ވާކަން ކަށަވަރެވެ.”

އިސްލާމްދީނުގައި ކައިވެނީގެ އަޙްދުގެ ވާހަކަ ބަޔާންކުރައްވާފައިވަނީ (الميثاق الغليظ) މިޘީޣާގައެވެ. އަދި ޢާއިލީ ދަރިފަސްކޮޅު ފެތުރިގެން ދިއުމުގެ ޚައްލިއްޔާއަކީ ކުރިން ދެންނެވި ވަރުގަދަ ގުޅުމެވެ. އެގުޅުމުގެ ނަތީޖާއެއްގެގޮތުން ތަފާތު ދަރިކޮޅުތަކަކަށް އިންސާނީ ނަސްލު ބެހިގެންދެއެވެ.[12]

        އިސްވެދެންނެވުނު ވާހަކަތަކާމެދު ފުންކޮށް ވިސްނާލާށެވެ. އަދި އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރީންނާއި މުޖުތަމަޢާއި، ޤައުމާއި، އުއްމަތުގެ މުސްތަޤުބަލް އުޖާލާ ކުރުމަށްތަކައި، ކީރިތި ޤުރުއާނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގެ އަލީގައި ޢާއިލާ ބިނާކުރަމާތޯއެވެ.


[1] سورة الروم :21

[2] رواه البخاري والمسلم

[3] رواه الترمزي

[4] رواه المسلم

[5] رواه أبو داوود

[6] رواه أحمد

[7] سورة النساء : 19

[8] سورة النساء : 34

[9] المنبر ، ޙައްޥާ ޝާފިޢާ ރިޟާ ، ޞ :41

[10] سورة النساء : 1

[11] سررة الروم: 21

[12] المنبر ، މޫސާ އަންވަރު ޙަސަން ، ޞ :31

:ކައިވެނީގެ މުހިންމުކަން( 5 ވަނަ ބައި)

LEAVE A REPLY

Please enter your comment!
Please enter your name here