ކައިވެނީގެ މުހިންމުކަން( 4 ވަނަ ބައި)

     ކައިވެނީގެ އެންމެ މުހިންމު މަޤުޞަދުތަކުގެ ތެރެއިން ޢިއްފަތްތެރިވުން:  

ސަމާވީ ހުރިހާ ދީންތަކެއްވެސް ބުނާގޮތުގައި ކައިވެނީގެ މަޤުޞަދު ތަކުގެ ތެރެއިން އެންމެ މުހިންމު މަޤުޞަދަކީ އޭގެ ސަބަބުން އިންސާނުންގެ ކިބައިގައިވާ ޖިންސީ ޣަރީޒާއަށް ޙައްލެއް ގެނެސް ޢިއްފަތްތެރިކަމާއި ރައްކާތެރިކަމާއި ސަލާމަތްގޮތުގައި މިބޭނުންތައް ފުރިހަމަ ކުރާނޭ މަގު އިންސާނުންނަށް ތަނަވަސްކޮށްދިނުމެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿وَٱللَّهُجَعَلَلَكُمْمِّنْأَنْفُسِكُمْأَزْوَاجاًوَجَعَلَلَكُمْمِّنْأَزْوَاجِكُمبَنِينَوَحَفَدَةًوَرَزَقَكُممِّنَٱلطَّيِّبَاتِأَفَبِٱلْبَاطِلِيُؤْمِنُونَوَبِنِعْمَةِٱللَّهِهُمْيَكْفُرُونَ﴾[1]މިއާޔަތުގެ މާނައަކީ: “އަދި ތިޔަބައިމީހުންގެ ތެރެއިން ތިޔަބައިމީހުންނަށްޓަކައި އަނބިން ލައްވައި، އަދި ތިޔަބައިމީހުންގެ އަނބިންގެ ކިބައިން، ދަރިންނާއި، ދަރިންގެދަރިން ދެއްވައި، އަދި ރަނގަޅު ޙަލާލުތަކެތިން، ތިޔަބައިމީހުންނަށް ރިޒްޤު ދެއްވިއެވެ. ފަހެ، އެއުރެން އީމާންވަނީ، ބާޠިލްއަށް ހެއްޔެވެ؟ އަދި އެއުރެން ކާފިރުވަނީ، ﷲ ގެ ނިޢުމަތަށް ހެއްޔެވެ؟ “

ޝައްކެއްނެތެވެ. އިންސާނުންނަށްޓަކައި އެބައިމީހުންގެ ޖިންސުގެ ތެރެއިން އަނބިންނާއި ފިރިން ލައްވައި، ކައިވެނި ހުއްދަ ކުރައްވާފައިވާކަމީ ﷲގެ ނިޢުމަތްތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. އެހެންނަމަވެސް ބައެއްމީހުން ﷲ ހުއްދަކުރައްވާފައިވާ މަގު ދޫކޮށްލާ، ޖިންސީ ކަންކަމުގައި ހައްދު ފަހަނައަޅާދެއެވެ. ﷲ ގެ އިމުގެ ތެރެއިން ނިކުމެދެއެވެ. ފަހެ، އެއީ ބާޠިލްއަށް އީމާންވުމެވެ. އެއީ ﷲގެ ނިޢުމަތަށް ކުފުރުވެރި ވުމެވެ. ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ ކައިވެނި ކުރުމަށް އަހަރެމެންނަށް އަމުރު ކުރައްވާފައެވެ. އޭގެ ސަބަބުން ލޯތަކަށާއި ޖިންސީ ގުންނަންތަކަށް ރައްކާތެރިކަން ލިބޭ ކަމަށް އަންގަވާފައިވެއެވެ. އަދި ކައިވެނި ކުރުމުގެ ކުޅަދާނަކަން ލިބިގެންނުވާމީހާ ގިނަގިނައިން ރޯދަހިފުމަކީ، ރައްކާތެރިކަން ލިބޭނެ ކަމެއްކަމުގައި އަންގަވާފައިވެއެވެ.

ޝައްކެއްނެތްގޮތުގައި، ޝަރިޢާ ހުއްދަކުރާ ކައިވެންޏެއްކޮށް އެދާއިރާގެ އިންސާނާގެ ޖިންސީ ޣަރާއިޒު ފުރިހަމަ ކުރުމަށްވުރެ ރައްކާތެރި، އެއަށްވުރެ އެކަށީގެންވާ ގޮތެއް ނޯންނާނެއެވެ.

ކައިވެނީގެ މަޤުޞަދުތަކަށްޓަކައި ކައިވެނީގެ ޢަޤުދު ދެމެހެއްޓުން

     ކައިވެނީގެ ޙަޔާތް ބާއްޖަވެރިގޮތުގައި ދެމެހެއްޓުމަށް އިސްލާމް ދީން ދެއްވާފައިވާ އަހަންމިއްޔަތު އެހެން އެއްވެސް ދީނެއްގައި މިކަމަށް ދީފައެއް ނުވެއެވެ. އެހެންކަމާއެކު، އިސްލާމް ދީނުގައި ދެމަފިރިންގެ ޙައްޤުތަކަކާއި ވާޖިބުތަކެއް ކަނޑައަޅުއްވާ، މިޙައްޤުތަކާއި ވާޖިބުތަކަށް ދެމަފިރިންވެސް ރައްކާތެރި ވުމަށް ޢަމުރު ކުރައްވާ ފައިވެއެވެ. މިގޮތުން ތިމާގެ ޙަޔާތުގެ ބައިވެރިޔާއަށް ހެޔޮކޮށްހިތާ ކަމޭހިތުމަށް ޢަމުރުކުރައްވާފައިވެއެވެ.

     އިންސާނީ ޠަބީޢަތް ނިޔާކުރާގޮތުގެމަތިން، ކިތަންމެ އެކުވެރި، ގުޅޭ ދެމަފިރިއެއްގެ ދެމެދުގައިވެސް ދެބަސްވުމެއް އުފެދި ދާނެއެވެ. އެހެންނަމަވެސް، ތިމާގެ އަނބިމީހާގެ ނުވަތަ ފިރިމީހާގެ ކިބައިން ފެންނަ އުނި ސިފައަކާމެދު ހިތްހަމަ ނުޖެހި، ނުރުހުންވުމަށްވުރެން ހެޔޮގޮތުގައި އެކު އުޅުމަށް މަސައްކަތްކުރުން ބުއްދިވެރިއެވެ.

     ޝައްކެއްނެތެވެ. ކޮންމެ އިންސާނެއްގައި ތަފާތު ރަނގަޅު ސިފަތައް މާތްﷲ ލައްވާފައި ވެއެވެ. ޙަޔާތުގެ ބައިވެރިޔާގެ ކިބައިން ފެންނަ ހިތްހަމަ ނުޖެހޭ ކަމަކާމެދު އޭނާއާއި ދެބަސްވެ، ދިރިއުޅުން ބަރުބާދު ކޮށްލުމުގެ ކުރިން ފިނިހިތަކައިގެން ވިސްނާލައިފިނަމަ، ތިމާގެ ހިތްހަމަޖެހޭފަދަ ކިތަންމެ ސިފަތަކެއްވެސް އޭނާގެ ކިބައިން ފެނިގެންދާނެކަން ކަށަވަރެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މިމަތިވެރި ޙާޤީޤަތް ހާމަކުރައްވާ ޙަދީޘް ކުރައްވާފައިވެއެވެ. “لايفركمؤمنمؤمنةًإنكرهمنهاخلقاًرضيمنهاخلقاًآخر”[2]މާނައީ: “މުއުމިނު ފިރިހެނަކު މުއުމިނު އަންހެނަކާމެދު ނުރުހުންތެރި ނުވާހުށިކަމެވެ! އެކަނބުލޭގެ ކިބައިން ފެނުނު ކަމަކާ އޭނާ ނުރުހުން ވިޔަސް، އޭނާ ރުހޭ އެހެން ކަމެއް އެކަނބުލޭގެ ކިބައިން އޭނާ ދެކޭހުއްޓެވެ.”

       އިންސާނީ ދަރިފަސްކޮޅު ހެޔޮގޮތުގައި އިތުރުކޮށް ދެމެހެއްޓުމައްޓަކައި، ކާވެނިކުރުން ޝަރުޢުކުރަށްވާފައިވެއެވެ. ކައިވެނީގެ ގުޅުމަކީ، ނުވަތަ ޒަވާޖީގުޅުމަކީ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިސްމުފުޅުގެ ބަރަކާތުން ޤާއިމްކުރެވޭ ވަރަށްވެސް މަތިވެރި މުޤައްދަސް ގުޅުމެކެވެ. އެހެންކަމާއެކު ﷲ ގެމަތިވެރި އިސްމުފުޅު މެދުވެރިކޮށް ގުޅުވާލެވިފައިވާ މިމާތް މުޤައްދަސްގުޅުން، ކެނޑުނަނުދީ ހެޔޮގޮތުގައި ދެމެހެއްޓުމަށް އިސްލާމްދީނުގައި ވަރަށް މަތިވެރި އިސްކަމެއް ދެއްވާފައިވެއެވެ.

އެންމެފުރަތަމަ، ވަރިކުރުމަކީ ހުއްދަކަމެއް ކަމުގައިވިޔަސް، އެއީހުއްދަ ކަންކަމުގެ ތަރެއިން ﷲ އެންމެ ރުއްސަވާވޮޑިގެންނުވާ ކަންތައްކަމުގައި ލައްވާފައިވެއެވެ. އެއަށްފަހު، ވަރިކުރުމުގެކުރީން އެތަކެއް ފިޔަވަޅު އެޅުމަށްފަހުގައެނޫނީ، ވަރިނުކުރުމަށް އަންގަވާފައިވެއެވެ. ދެމަފިރިންގެމެދުގައި އެފަދަ ފިޔަވަޅުތައްއަޅައި އޭގެ ޙައްލެއް ނުފެނުނުނަމަ ދެފަރާތުގެ ސަހަރޯވެރިން މެދުވެރިކޮށް، ޞުލްޙައެއް ފެނޭތޯ ބެލުމަށްވެސް އަންގަވާފައި ވެއެވެ. މިހުރިހާ ކަމަކަށްފަހު، ވަރިނުކޮށް ފަރުނުޖެހޭހިނދު އެމުއްދަތު ހަމަވުމުގެކުރިން، ދެމަފިރިންނަށް ރުޖޫޢު ކުރެވޭނެ ދެފުރުޞަތު އޮންނަގޮތުގައިވެސް ލައްވާފައިވަނީ ކާވެނި މުޅިންރޫޅިގޮސް، ދެމަފިރިންގެ ހިތުގެ މޭވާކަމުގައިވާ ލޮބުވެތިދަރިން ތިބިނަމަ އެދަރިންނަށާއި ދެފަރާތުގެ ޢާއިލާއަށް ނުލިބި ނުދާނެ ގެއްލުންތަކުން ސަލާމަތް ކުރެއްމަށް ޓަކައެވެ.

     ދެމަފިރިންގެ ދެމެދުގައި އެކިކަންކަމުގައި އުފެދޭ ދެބަސްވުންތަކުގެ ޙަޤީޤަތްއޮތީ ކިހިނެއްތޯ ބަލައިލާއިރު، އެއްވެސް އިންސާނެއްގެ ކިބައިގައިވާ ހުރިހާ ސިފަތަކަކީ ނުރަނގަޅު ސިފަތަކެއް ނޫންކަން އަންގަވާފައިވެއެވެ. އެއްސިފައަކާމެދު ހިތްހަމަނުޖެހުނު ކަމުގައިވިޔަސް، އެހެން އެތަށް ރަނގަޅު ސިފައެއް ނެތި ނުދާނެއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ﴿فَإِنكَرِهْتُمُوهُنَّفَعَسَىٰأَنتَكْرَهُواْشَيْئاًوَيَجْعَلَٱللَّهُفِيهِخَيْراًكَثِيراً﴾[3]މާނައީ: “ތިޔަބައިމީހުން އެކަނބަލުންނާ ނުރުހުންެތެރިވެއްޖެނަމަ (ދަންނާށެވެ!) ބައެއްފަހަރަށް ތިޔަބައިމީހުން އެއްޗަކަށް ނުރުހުން ވެދާނެއެވެ. އަދި، އެ އެއްޗެއްގައި ﷲ ގިނަވެގެންވާ ހެޔޮކަން ލައްވައިފާނެތެވެ.”

     ޢާއިލީ ދިރިއުޅުން ބާއްޖަވެރި ކުރުމަށްޓަކައި، ދެމަފިރިންކުރެ ހަމަކޮންމެ މީހަކުވެސް ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ އުސޫލުތައް ދަތުމާއެކު އެއަށް ޢަމަލު ކުރުން ހުއްޓެވެ! އެކަކު އަނެކަކާ ހިތްހެޔޮކަމާއެކު މަޝްވަރާކޮށް، ލަފާއެހުމާއެކު އެކަކުވެސް އަނެކަށް ކުޅަދާނަ ނުވާވަރުގެ ބުރައެއް ނުޖެއްސެވުން ހިމެނެއެވެ.



[1]سورة النحل : 72

[2]رواه مسلم

[3]سورة النساء : 19

What's your reaction?

Excited
0

You may also like

Leave a reply

Your email address will not be published. Required fields are marked *