ކައިވެނީގެ މުހިންމުކަން( 3 ވަނަ ބައި)

ކައިވެނީގެ ޙުކުމް

ކައިވެނި ކުރުން އެއީ އިސްލާމްދީނުގައި ޘާބިތު އަދި އެކަމަށްބާރު އަޅައިފައިވާ ކަމެކެވެ. އަދި އެއީ އަޅުކަމުގެ ތެރެއިންވެސް ހިމެނިގެންވާ ކަމެކެވެ. މިކަން ކީރިތި ޤުރުއާނުންނާއި، ރަސޫލާގެ ސުންނަތުން އަދި އިޖުމާޢުން ސާބިތުވެއެވެ.

ï    ޤުރުއާނުގެ ދަލީލު:

ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ﴿وَإِنْ خِفْتُمْ أَلاَّ تُقْسِطُواْ فِى ٱلْيَتَامَىٰ فَٱنكِحُواْ مَا طَابَ لَكُمْ مِّنَ ٱلنِّسَآءِ مَثْنَىٰ وَثُلاَثَ وَرُبَاعَ فَإِنْ خِفْتُمْ أَلاَّ تَعْدِلُواْ فَوَاحِدَةً أَوْ مَا مَلَكَتْ أَيْمَانُكُمْ ذٰلِكَ أَدْنَىٰ أَلاَّ تَعُولُواْ﴾[1]މާނައީ:”ފަހެ ތިޔަބައިމީހުން އންހެނުންގެ ތެރެއިން ތިޔަބައިމީހުނަށް ޙަލާލު ދެއަންހެނުންނާއި ނުވަތަ ތިންއަންހެނުންނާއި ނުވަތަ ހަތަރު އަންހެނުންނާ ކައިވެނި ކުރާ ހުށިކަމެވެ.”

ï    ސުންނަތުގެ ދަލީލު:

“عنابنمسعودرضياللهعنهقالقالرسولاللهصلىاللهعليهوسلم: (يامعشرالشبابمناستطاعمنكمالباءةفليتزوجفإنهأغضللبصروأحصنللفرج،ومنلميستطعفعليهبالصومفإنهلهوجاء)”[2]މާނައީ: “ޢަބްދުﷲ ބުނި މަސްޢޫދު ވިދާޅުވިއެވެ.ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. އޭޒުވާނުންގެ ޖަމާޢާތެވެ!ތިޔަބައިމީހުންގެ ތެރެއިން ކައިވެނިކުރުމަށް ކުޅަދާނަވާމީހުން ފަހެ ކައިވެނި ކުރާހުށިކަމެވެ. އެއީ ލޯތައްތިރިކޮށް، އަޢުރަ ރައްކައުތެރި ކޮށްދޭ ކަމެކެވެ. އަދި އެކަމަށް ކުޅަދަނަނުވާ މީހުން ރޯދަހިފާށެވެ! އެހެނީ އެކަން އެމީހުންނަށްޓަކައި، އެމީހުންރައްކައުތެރިކޮށްދޭ އެއްޗަކަށްވާނެއެވެ.”

ï     އިޖްމާޢް:ކައިވެނި ޝަރުޢު ކުރައްވާފައިވާކަމަށް މުސްލިމް ދަންނަބޭކަލުން ވަނީ އިޖްމާޢުވެވަޑައިގެންފައެވެ.

އެކި މީސްތަކުންގެ ޙާލަތަށްބަލާއިރު، ކައިވެނީގެ ޙުކުމް[3]

 

އެކިމީސްތަކުންގެ ޙާލަތަށްބަލާއިރު، ކައިވެނީގެ ޙުކުމް އެކިމީހުންގެ ނިސްބަތުން ތަފާތުވެފައިވެއެވެ.

(1) ކައިވެނި ކުރުން ވާޖިބުވުން:

އެއީ ކައިވެނިކުރުމަށް ހުރިހާގޮތަކުންވެސް ކުޅަދާނަކަން ލިބިގެންވާ މީހާ، އެކަމަށް އޭނާގެ ހިތް އެދޭނަމަ، އަދި ޒިނޭއަށް އެރިދާނެެކަމުގެ ބިރު ބޮޑުވެއްޖެނަމައެވެ.

(2) ކައިވެނިކުރުން މުސްތަޙައްބުވުން:

އެއީ ހުރިހާގޮތަކުން ކައިވެނިކުރުމަށް ކުޅަދާނަ ވެގެންވާ މީހާ، އެކަމަށް އޭނާގެ ހިތް އެދުމާއި އެކުވެސް، ޒިނޭއަށް އެރިދާނެކަމުގެ ބިރުބޮޑު ނުވާނަމައެވެ.

(3) ކައިވެނިކުރުން ޙަރާމްވުން:

އެއީ ޖިސްމާނީގޮތުންނާއި، މާލީގޮތުން ކައިވެނިކުރުމުގެ ކުޅަދާނަކަން ލިބިގެންނުވާނަމައެވެ.

(4) ކައިވެނިކުރުން މަކުރޫޙަވުން:

އެއީ އަނބިމީހާގެ ޙައްޤު ތަކަށް ރައްކާތެރި ނުވެވޭނެ ކަމުގެ ބިރު ހީވާނަމައެވެ. (މިސާލަކަށް އަނބިމީހާއަށް ޚަރަދު ނުދިނުމާއި، އެއްދާންނުކުރުމާއި މިފަދަ ކަންކަމެވެ.)

(5) ކައިވެނިކުރުމާއި ނުކުރުން އެއްވަރުވުން (ހުއްދަވުން)

އެއީ އިސްވެދިޔަ ހަތަރު ޙާލަތް ފިޔަވާ ދެންހުރި ޙާލަތްތަކުގައެވެ.

ކައިވެނި ނުކޮށް ހުރުމުގެ ޙުކުމް

ކައިވެނި ކުރުމުގެ ކުޅަދާނަކަން ލިބިފައިވާ މީހަކު ކައިވެނި ނުކޮށް ހުރުމީ ރަނގަޅު ކަމެއްކަމުގައެއް އިސްލާމް ދީން ނުދެކެއެވެ. ފަހެ ކައިވެންޏަކީ އަޅުކަމުގެ ތެރެއިން ހިމެނިގެންވާ ކަމެއްކަން ޤުރުއާނާއި ސުންނަތުން ޘާބިތުވެއެވެ. އަދި ކައިވެނި ނުކޮށް ހުރުމީ ރަސޫލާގެ ސުންނަތުން އެއްކިބާވުން ކަމުގައި ރަސޫލާ ޙަދީޘް ކުރައްވާފައިވާ އަންނަނިވި ބަސްފުޅުން ހާމަވެގެންދެއެވެ.

މާތް ރަސޫލާގެ ޙަދީޘެއްގައި ވެއެވެ.(عنأنسأننفراًمنأصحابالنبيصلىاللهعليهوسلمسألواأزواجالنبيصلىاللهعليهوسلمعنعملهفيالسر؟فقالبعضهم: لاأتزوجالنساء،وقالبعضهم: لاآكلاللحم،وقالبعضهم: لاأنامعلىفراش! فحمداللهوأثنىعليهفقال: مابالأقوامقالوا: كذاوكذا؛ولكنيأصليوأناموأصوموأفطروأتزوجالنساءفمنرغبعنسنتيفليسمني.)[4]މާނައީ: އަނަސްގެފާނު އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނުން ވިދާޅުވިއެވެ. ތިންމީހަކު، ސަލާމާއި ޞަލަވާތްލެއްވި އިތުރުއެކަލޭގެފާނުންގެ އަނބިކަނބަލުންގެ ގެކޮޅުތަކުގެ ކައިރިއަށް އައިސް އިތުރު އެކަލޭގެފާނުންގެ އަޅުކަމާއި ބެހޭގޮތުން ސުވާލުކުރެއްވިއެވެ. އެކަމުގެ ޚަބަރު ދެއްވުމުން އެމީހުންނަށް، އެމީހުންކުރާ އަޅުކަން ވަރަށް މަދުކަމުގައި އިޙްސާސް ކުރެވުނެވެ. އެމީހުން ބުންޏެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބަލާއިރު އަހަރެމެން މީ ކޮންބައެއްހެއްޔެވެ؟ އެކަލޭގެފާނަށް މާތްﷲ ވަނީ އެކަލޭގެފާނު ކުރީގައި ކުރައްވާފައިވާ ކަންތަކާއި ފަހުން ކުރައްވާނޭ ކަންތައްތައް ފުއްސަވައި ދެއްވާފައެވެ. އޭގެތެރެއިން އެކަކު ބުންޏެވެ. “އަހަރެން ރޭގަނޑު ހަތަރު ދަމު އަޅުކަން ކުރާނީއެވެ.” އަނެކަކު ބުންޏެވެ. “އަހަރެން މުޅި ޢުމުރު ރޯދަ ހިފާނީއެވެ.” އަނެކަކު ބުންޏެވެ. “އަހަރެން ދުވަހަކުވެސް ކައިވެންޏެއް ނުކުރާނަމެވެ.”ދެން ރަސޫލުﷲ ގެފާނު ވަޑައިގެން ޙަދީޘް ކުރެއްވިއެވެ. “މިވެނި އެވެނި ވާހަކަތައް ދެއްކީ ތިޔަބައިމީހުންތޯއެވެ؟ ތިޔަބައިމީހުން ދަންނާށެވެ! މާތް ﷲ ގަންދީ ވިދާޅުވަމެވެ. ތިޔަބައިމީހުންގެ ތެރެއިން މާތް ﷲއަށް އެންމެ ބިރުވެތިވާ ތަޤުވާވެރިއަކީ ތިމަން ކަލޭގެފާނެވެ. ނަމަވެސް ތިމަން ކަލޭގެފާނު ރޯދަހިއްޕަވަމެވެ. އަދި ރޯދަ ދޫވެސް ކުރަމެވެ. އަވާހަރަވެސް ލައްޕަވަމެވެ. އަދި ނަމާދުވެސް ކުރައްވަމުއެވެ. އަދި ކައިވެނި ބައްލަވައި ގަންނަވަމެވެ. ފަހެ ތިމަންކަލޭގެފާނުގެ ސުންނަތުން އެއްކިބާވާ މީހަކީ ތިމަންކަލޭގެފާނު އުޅުއްވާގޮތަށް އުޅޭ މީހެއް ނޫނެވެ.”

އަދި އެހެން ޙަދީޘެއްގައި ވެއެވެ. “عنسمرةبنجندب،عنالنبيصلىاللهعليهوسلم(أنهنهىعنالتبتل)”[5]މާނައީ: ޘަމަރު ބުނު ޖުންދުބުގެ އަރިހުން ރިވާވެގެންވެއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ކައިވެނި ނުކޮށް ހުރުން މަނާކުރެއްވިއެވެ.” މިއީ ޞަޙީޙު ޙަދީޘެއްކަމަށް އައްޝައިޚް އަލްބާނީ ވިދާޅުވެފައިވެއެވެ. ހަމައެފަދައިންކައިވެނި ކުރުމާއި ދުރުހެލިވާ މީހުންނަށް އިންޒާރު ކުރައްވަމުން ރަސޫލު ﷲ ގެފާނު  ޙަދީޘް ކުރައްވަނީ “من كان موسراً لأن ينكح ثم لم ينكح فليس منّي” މިފަދައިންނެވެ. މާނައީ: ކައިވެނި ކުރެވޭފަދަ ތަނަވަސް ކަން ލިބިހުރެ ކައިވެނި ނުކުރާ މީހަކީ ތިމަން ކަލޭގެފާނުގެ އުންމަތުގެ މީހެއް ނޫނެވެ.”

ކައިވެނީގެ މަޤުޞަދު

ކައިވެނީގެ ގޮށަކީ އަންހެނަކާއި ފިރިހެނަކާއި ދެމީހުން، އެދެމީހުންގެ ކިބައިން ދީނަށާއި، ޤައުމަަށާއި، މުޅި މުޖުތަމަޢުއަށާއި އިންސާނިއްޔަތަށް ވެވޭންއޮތްހާ ޚިދުމަތެއް ވެވުނު އެންމެ މަތީދަރަޖައަކަށް އަދާކުރުން މައްޗަށްކުރާ އަޙުދެކެވެ. އަދި އެއީ އެކަށޭނެ އެއްވެސް މަގެއް އޮއްވާ އެއާޚިލާފު ނުވުމަށް ވެވޭ މަތިވެރި އިޤުރާރެކެވެ.

     ކައިވެނީގެ ދެމީހުންގެ ކިބައިން، ދެމީހުން ޢިއްފަތްތެރި ކުރުމާއި ދެމީހުންގެ ހުއްދަ އުފަލާއި އަރާމުތައް ލިބިގަތުމަގެ މައްސަލަ، އިތުރު ބަޔާނަކަށް ބޭނުންވާ ވަރަށްވުރެން ވާޟިހެވެ. ނަމަވެސް މިއީ ކައިވެނީގެ އެންމެ މަތިވެރި މަޤުޞަދެއް ނޫނެވެ. އަދި ކީއްތޯއެވެ! މިއީ އޭގެ ދެވަނަ މަޤުޞަދުގެވެސްް ދަށުގައިވާ ކަމެކެވެ.

     ފުރަތަމަ މަޤުޞަދަކީ، ޖަލާލު ވަންތަ މާތް ރަސްކަލާންގެ މިލޮބުވެތި އިންސާނާ އުފެއްދެވުމުން ވުޖޫދަށް ނެރުއްވާން އިރާދަ ކުރެއްވި ޙިކުމަތްފުޅު، ފުރިހަމަވުމުގެ އަސްބާބުގެ އެންމެ އިސްކަމެއް ކަމުގައިވާ ފިޠުރީ ސުންނަތާއި ތަބަޢަވުމެވެ. އިންސާނީ ދަރިފަސްކޮޅުގެ ސިލްސިލާ އެއްވެސް ކިލައެއް މިލައެއް ނެތި ގެތިގެން އައުމަށް ކީރިތި ﷲ ލައްވާފައިވާ މަގަކީ ކައިވެނީގެ މަގެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ އިންސާނާގެ އިންސާނީ ވަންތަކަމުގެ ކަރާމާތް ރައްކާތެރިކޮށް ދިނުމާއެކު އޭނާގެ ނަފްސާނީ، ޖިސްމާނީ އުންމީދުތައް ޙާޞިލުކޮށްދޭ ހަމައެކަނި ވަޞީލަތަކީ ކާވެންޏެވެ. ޝަރުޢީ ވަކި ހަމަތަކެއްގެ މަތިން އަންހެނަކާއި ފިރިހެނަކާއި ދެމެދު ވެވޭ ޒަވާޖުގެ ޢަޤްދެވެ. ޖަހާލެވޭ ކައިވެނީގެ ބަދަހީގެ ގޮށެވެ. މަޤުޞަދަކީ ދެދުނިޔޭގެ ކާމިޔާބީއެވެ. އިންސާނާގެ ޢިއްޒަތުއް ނަފްސުގެ އަގު ހިފެހެއްޓުމާއެކު ހެޔޮލަފާ ރަނގަޅު ދަރިފަސްކޮޅަށް ފައިދާ ކުރުމެވެ. މާތް ﷲ މިބުމުގައި ޚަލީފާ ކުރެއްވެވި މިމާތް އިންސާނާގެ މަސްއޫލިއްޔަތު އޭގެ އެންމެ ފުރިހަމަގޮތުގައި އަދާކުރުމެވެ.[6]

      ދެވަނަ މަޤުޞަދަކީ ތިމާ، މިމާތް އިންސާނީ ސޫރައިގާލެއްވިކަމުގެ ޝުކުރެއްގެ ގޮތުން އިންސާނިއްޔަތަށް ތިމާމެންގެ ކިބައިން ވެވުނުހައި ޚިދުމަތެއް އޭގެ އެކަށޭނަ އެންމެ މަތީ ދަރަޖައަކަށް ކުރުމުގައި، ދީންރުހޭ ގޮތްތަކުގެ މަތިން މަޖްހޫދު ހޭދަކުރުމެވެ.

     ތިންވަނަ މަޤުޞަދަކީ، އެމައްޗަށް އެކުލެވިގެންވާހާސް ކަމުގެ ތެރެއިން، އެންމެ ފަހުން އަންނަނިވި ކަމަކީ، އެކަކުގެ ކިބައިން އަނެކާ ޢިއްފަތްތެރިވުމުގެ އެހީ ލިބުމާއި، ދެމީހުންގެ އުފާތައް ދެމީހުންގެ ކިބައިން ފުރިހަމަވުމެވެ.

     ކައިވެނީގެ މަތިވެރި ގުޅުން އިންސާނުންގެ ތެރޭގައި ލައްވާފައި އޮތުމުގެ އަނެއް މަޤުޞަދަކީ ނަފްސާނީ އަދި ރޫހާނީ ހިތްހަމަޖެހުން ޙާޞިލު ވުމެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީ ކުރައވާފައި ވެއެވެ. ﴿وَمِنْآيَاتِهِأَنْخَلَقَلَكُممِّنْأَنفُسِكُمْأَزْوَاجاًلِّتَسْكُنُوۤاْإِلَيْهَاوَجَعَلَبَيْنَكُممَّوَدَّةًوَرَحْمَةًإِنَّفِىذٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ﴾[7]މާނައީ:ތިޔަބައި މީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ ނަފްސުތަކުން އަނބިންހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާންގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި އޯގާވެރިކަން ލެއްވެވިއެވެ. ހަމަކަށަވަރުން މިކަމުގައި ވިސްނާ ފިކުރުކުރާ ބަޔަކަށް ހެކިތަކެށް ވާކަން ކަށަވަރެވެ.”

     ކައިވެނީގެ ގުޅުމަކީ ވަރަށްވެސް މާތް ގުޅުމެކެވެ.ކައިވެނިވުމުގެ ކުރިން އެކަކު އަނެކަކު ނުދަންނަ ދުރު ހިލޭ ދެމީހުން ކައިވެނީގެ ބަނދެވުމަކުން އެދެމީހުން ބަނދެވުމުން ޙަޔާތަށް އަންނާނީ އާދަޔާޚިލާފު ހެޔޮބަދަލު ތަކެކެވެ. އެދެމަފިރިންގެ ދެމެދުގައި ވަނީ ލޯތްބާއި އޯގާވެރިކަމެވެ. އެއްހަށިގަނޑެއްގައިވާ ދެފުރާނަފަދައިންނެވެ. އުފަލާއި ހިތާމައިގާ އެއްވަރަކަށް ޙިއްސާ ކުރާ ޙާލުގައެވެ. ދުރުހިލޭ ދެމީހެއްގެ ދެމެދުގައި ކައިވެނީގެ ސަބަބުން މިފަދަ މާތް ގުޅުމެއް އުފެދިގެން އައުމަކީ، މާތް ﷲގެ ކުޅަދުންވަންތަކަން ނޫން ދެން ކޮންކަމެއް ތޯއެވެ. އެއީ ރެޔާއި ދުވާލުގެ މަސައްކަތުން އަވަދިވެގެން އެނބުރި އަންނައިރު ވަރުބަލިކަން ފިލުވައިދޭނެ ޙަޔާތުގެ ބައިވެރިއަކު ހުރުމަކީ ވަރަށްބޮޑު ހިތްހަމަޖެހުން ލިބިދޭނެ ކަމެކެވެ. ފިތުރަތުގެ ޤާނޫނު ނިޔާކުރާގޮތުން އެއްވެސް މީހަކީ އަމިއްލައަށް ހުރިހާކަމެއް ކުރެވޭނެ މީހެއް ނޫނެވެ. އުފާވެރި ވަގުތުގައި އުފަލުގައި ބައިވެރިވާނެ މީހަކު ހުރުމަކީ ލިބޭނެ ވަރަށް ބޮޑު އުފަލެކެވެ. އަދި ހިތާމައަކާއި ކުރިމަތިވެއްޖެ ހިނދެއްގައި ހިތްހަމަޖައްސާދޭނެ މީހަކު ނެތުމަކީ ކުރިމަތިވާނެ އިތުރު ހިތާމައެކެވެ. ވީމާ ޙަޔާތުގެ ބައިވެރިއަކު ހުރުމަކީ އިންސާނެއްގެ ޙަޔާތަށް އިތުރު ފުރިހަމަ ކަމެއް ގެނެސް ދޭނެ ކަމެކެވެ. އެއިން ކޮންމެ މީހަކަށް އަނެކާގެ ކިބައިން ހިތްހަމަޖެހުން ލިބެން ޖެހޭނެއެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ﴿هُوَٱلَّذِىخَلَقَكُمْمِّننَّفْسٍوَاحِدَةٍوَجَعَلَمِنْهَازَوْجَهَالِيَسْكُنَإِلَيْهَافَلَماَّتَغَشَّاهَاحَمَلَتْحَمْلاًخَفِيفاًفَمَرَّتْبِهِفَلَمَّآأَثْقَلَتْدَّعَوَاٱللَّهَرَبَّهُمَالَئِنْآتَيْتَنَاصَالِحاًلَّنَكُونَنَّمِنَٱلشَّاكِرِينَ﴾[8]މާނައީ: “އެކަލާނގެއީ، އެންމެ ނަފްސަކުން ތިޔަބައިމީހުން ހެއްދެވި ކަލާނގެއެވެ. އަދި އެނަފްސުން، އެނަފްސުގެ އަނބި ހެއްދެވިއެވެ. އެއީ އެކަނބުލޭގެ ގާތަށްގޮސް، ހިތްހަމަ ޖެހުމާއި ހަމަހިމޭންކަން ލިބިގަތުމަށެވެ. ފަހެ، އޭނާ އެކަނބުލޭގެއާ އެއްދާންކުރި ހިނދު، ލުއިގޮތެއްގައި ހައްޔަރުގައި އިނދެ އެކަމުގައި ދުވަސްތަކެއް ވޭތުވިއެވެ. ދެންފަހެ، އެކަމުން ބުރަވިހިނދު، އެދެމީހުންގެ ވެރި ﷲ އަށް އެދެމީހުން ދުޢާ ކުރިއެވެ. އިބަރަސްކަލާނގެ އަޅަމެންނަށް ޞާލިޙު ދަރިއަކު ދެއްވައިފި ނަމަ، ޝުކުރުކުރާ މީހުންގެ ތެރެއިން ހަމަކަށަވަރުން، އަޅަމެން ވާހުށީމެވެ.”

     ޢާއިލާއެއް ބިނާކުރުމާއި ދަރިން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރުމަކީވެސް ކައިވެނީގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކައިވެނި ކުރުމަކީ ހަމައެކަނި ޖިންސީ ބޭނުމެއް ފުއްދުމެއް ނޫނެވެ. ޖިންސީ ބޭނުން ފުއްދުމަކީ ކައިވެނީގެ މަޤުޞަދު ކަމުގައި ހަދާ، ކައިވެނި ކުރުމަކުން އެމީހެއްގެ ބޭނުންތަށް ފުދިގެނެއް ނުވެއެވެ. އެނަޒަރުން ވިސްނައިގެން ކައިވެނި ކުރާ ފިރިހެނަކަށް އެކެއް ދެމީހެއްގެ ކިބައިން އެބޭނުންތަށް ފުއްދޭވަރެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން އެފަދަމީހުން، އަނބިމީހާގެ މަތިން ފޫހިވެ ޙަރާމް ގޮތުގައި އެބޭނުންތަށް ފުއްދުމުގެ މަގު ޚިޔާރު ކުރާކަށް ޖެހިލުމެއް ނުވާނެއެވެ. މިއާ ޚިލާފަށް ކައިވެނީގެ އެންމެ މުހިންމު މަޤުޞަދަކީ، ރަނގަޅު އާއިލާއެއް ބިނާކޮށް ހެޔޮލަފާ ދަރިންތަކެއް ވުޖޫދަށް ނެރުންކަމުގައި ދެކެފި މީހާ އެންމެ އަންބެއްވެސް ފުދިގެން ވެއެވެ. ކޮންމެ ދެމަފިރިއަކީ މުޑުވައްކުރުމުގެ ބާރު ލިބިގެންވާ ބައެއް ނޫނެވެ. އިންސާނީ ނައު ދެމެހެއްޓުމަށްޓާކައި ދަރިފަސްކޮޅަކީ ވަރަށް މުހިންމު އެއްޗެކެވެ. ކީރިތި ޤުރުއާނުގައި މިވާހަކަވެސް ބަޔާންކޮށްފައިވެއެވެ. އެގޮތުން މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ﴿وَٱللَّهُجَعَلَلَكُمْمِّنْأَنْفُسِكُمْأَزْوَاجاًوَجَعَلَلَكُمْمِّنْأَزْوَاجِكُمبَنِينَوَحَفَدَةًوَرَزَقَكُممِّنَٱلطَّيِّبَاتِأَفَبِٱلْبَاطِلِيُؤْمِنُونَوَبِنِعْمَةِٱللَّهِهُمْيَكْفُرُونَ﴾[9]މިއާޔަތުގެ މާނައަކީ: “އަދި ތިޔަބައިމީހުންގެ ތެރެއިން ތިޔަބައިމީހުންނަށްޓަކައި އަނބިން ލައްވައި، އަދި ތިޔަބައިމީހުންގެ އަނބިންގެ ކިބައިން، ދަރިންނާއި، ދަރިންގެދަރިން ދެއްވައި، އަދި ރަނގަޅު ޙަލާލުތަކެތިން، ތިޔަބައިމީހުންނަށް ރިޒްޤު ދެއްވިއެވެ. ފަހެ، އެއުރެން އީމާންވަނީ، ބާޠިލްއަށް ހެއްޔެވެ؟ އަދި އެއުރެން ކާފިރުވަނީ، ﷲ ގެ ނިޢުމަތަށް ހެއްޔެވެ؟”

މިއާޔަތަށް އެކުއެކުގައި ބަލާލުމުން އެނގެނީ ދަރިފަސްކޮޅަކީ ކައިވެނިން ޙާޞިލުވުން އުންމީދު ކުރެވޭ ކަމެކެވެ. އެކަމަކު އެއީ ކަިވެނީގެ މުޅި މަޤުޞަދެއް ނޫނެވެ. އެކަމަކު ދަރިން ލިބުމުން ދެމަފިރިންގެ ދެމެދުގައިވާ ހިތްހަމަޖެހުން އިތުރުވެ ގަދަވެގެން ދެއެވެ. އަދި އެއީ މިހިތްހަމަޖެހުން ގަޑުބަޑުވުމާއި    ދުރުހެލި ކުރާކަމެކެވެ. އަދި މިއާޔަތްތަކުން އެގޭ ގޮތުގައި ކައިވެނީގެ ހިމެނޭޖިންސީ ގުޅުމަކީ ދަރިން ހޯދުމަށްޓަކައި އަންނަން ޖެހޭ ގުޅުމަކަށް ކޮންމެހެން ވާކަށް ނުޖެހެއެވެ. މިއީ އިސްލާމް ދީނާއި އެހެނިހެން ދީންތަކުގައި ޒަމާނީ ގުޅުންތަކުގެ އެންމެ މުހިންމު މަޤުޞަދުތަކުގެ ތެރޭގައި ދަރިން ހޯދުން ހިމެނެއެވެ.

     ހަމައެހެންމެ އަންހެންނުންގެ ޙައްޤުތައް ރައްކާތެރިކޮށްދީ އިންސާނާގެ ނަސްލު ދަމަހައްޓާއި ދިނުމާއެކު، އިންސާނާގެ އަބުރާއި ޢިއްޒަތް ރައްކާތެރިކޮށްދިނުން، ކައިވެނީގެ މުހިންމު މަޤުޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.


[1]سورة النساء : 3

[2]رواه البخاري ومسلم

[3]އިސްލާމީ ފިޤުހު 1 ، ޞ : 26

[4]رواه مسلم

[5]النسائي

[6]ބަދަހި ޒަވާޖީ ޙަޔާތުގެ ސިއްރުތައް ، އަޙުމަދު ނަޖީބު ، ޞ : 1

[7]سررةالروم:21

[8]سورة الأعراف : 189

[9]سورة النحل : 72

What's your reaction?

Excited
0

You may also like

Leave a reply

Your email address will not be published. Required fields are marked *