النكاحނުވަތަކައިވެނީގެތަޢުރީފު:

  • ބަހުގެގޮތުންالنكاح: النكاح މިލަފްޛުގެ މާނަތައް ތަފާތުގޮތްގޮތަށް މާނަކުރެވެއެވެ. އެގޮތުން زواج (ގުޅުވާލުން ނުވަތަ އެއްކޮށްލުން) މިމާނައިގާ ބޭނުނުންކުރެވެއެވެ. މިނަންދެވުނީ ދެޖިންސުގެ ދެމީހަކު އެއްކޮށްލައި ގުޅުވާލާތީއެވެ.

العقد (ވާފަށެއް ގުޅުވާލުން ނުވަތަ ގޮށްޖެހުން) މިމާނާގައިވެސް ބޭނުންކުރެވެއެވެ. އަދި الوطء އާއި الإستمتاع (ޖިމާޢުވުން ނުވަތަ ޖިންސީ އަރާމު ލިބިގަތުން) މިމާނައިގާވެސް ބޭނުންކުރެވެއެވެ.

އިސްވެދެންނެވުނު މާނަތަކުގެ ތެރެއިން އެންމެ ޞައްޙަކަންބޮޑު ގޮތަކީ النكاح ގެ މާނައަކީ العقد އެވެ. އަދި މަޖާޒީގޮތުން އެއީ الوطء އެވެ.

ޢާންމުގޮތެއްގައި ޤުރުއާނުގައި النكاح މިލަފްޛު ވާރިދުވެފައިވަނީ العقدގެ މާނައިގައެވެ. وطيء ގެ މާނައިގައެއް ނޫނެވެ. މިކަމުގެ ދަލީލަކީ މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.﴿يٰأَيُّهَا ٱلَّذِينَ آمَنُوۤاْ إِذَا نَكَحْتُمُ ٱلْمُؤْمِنَاتِ ثُمَّ طَلَّقْتُمُوهُنَّ مِن قَبْلِ أَن تَمَسُّوهُنَّ فَمَا لَكُمْ عَلَيْهِنَّ مِنْ عِدَّةٍ تَعْتَدُّونَهَا فَمَتِّعُوهُنَّ وَسَرِّحُوهُنَّ سَرَاحاً جَمِيلاً﴾ މިއާޔަތުގައިއެވާ ﴿إِذَا نَكَحْتُمُ ٱلْمُؤْمِنَاتِ﴾ ގެ މާނައަކީ އަންހެނަކާއި ކައިވެނި ކުރުން ނުވަތަ ކައިވެނީގެ ގޮށްޖެހުމެވެ. އަދި ޖިމާނުކޮށް ވަރިކުރާވާހަކަ އާޔަތުގެ އަނެއްބައިގާ އެވަނީއެވެ.

  • ޝަރުޢީމާނަ: ޝަރުޢީމާނައިގާ ކައިވެންޏަކީ އަންހެނަކާއި ފިރިހެނަކު ކަނޑައެޅިފައިވާ ސީޣާއަކުން އެޝަރުތުތަކާއި ނުލައި ޞައްޙަނުވާ ވަކި ޝަރުތުތަކާއި އެކު ބަނދެވޭ ގޮށެކެވެ. އަދި އަރާމާއި ހިތްހަމަޖެހުންލިބި އެއްދާންކުރުން ހުއްދަކުރާ ޢަޤްދެވެ.

     ކައިވެނީގެ އަޤްދުގެ ސަބަބުން ޝަރުޢީގޮތުން ބަނދެވޭ ބަނދެވުންތަކެއް ވެއެވެ. އެއީ އަނބިފިރިކަމާއި އަނބިމީހާއާއި ފިރިމީހާ ޝާމިލުވާ ޙައްޤުތަކާއި، އަނބިމީހާ ފިރިމީހާއަށް އަދާކުރަންޖެހޭ ޙައްޤާއި، ފިރިމީހާ އަނބިމީހާއަށް އަދާކުރަން ޖެހޭ ޙައްޤާއި، މުދާ ވާރުތަވުމާއި، މަސްއޫލިއްޔަތާއި ޒިންމާތަކާއި އަދި ޤާނޫނީގޮތުން ލިބޭބާރުތަކާއި ޒިންމާއޮތުން، މިފަދަ ކިތަންމެ ކަމެއްވެއެވެ. ހަމައެފަދައިން ދުނިޔަވީގޮތުން އިންސާނާގެ ދިރިއުޅުމަށް ބަލާއިރު ކައިވެންޏަށްފަހު އުފެދޭ ގުޅުންތަކާއި އިހުސާސްތަކެއްވެއެވެ. އެއީ ކައިވެނީގެ ސަބަބުން ދެމަފިރިންގެ ގޮތުގައި އެކީއުޅެންފެށުމުން، ވަކިގޮތަކަށް އަމިއްލަދިރިއުޅުން ބިނާކޮށް ޙަޔާތްބައްޓަންކޮށް، ދުނިޔެވީ އަދި އުޚުރަވީ ހަޔާތް ބާއްޖަވެރި ކުރުމަށްޓަކައި މާތްﷲ ޙަލާލު ކުރެއްވެވި ގޮތުގައި ހަޔާތްވޭތުކުރުމަށްޓަކައި ކައިވެނީގެ ގުޅުމުގެ ޒަރިއްޔާއިން ދެޖިންސުގެ ބައިވެރިޔާގެ ކިބައިގާ ވަރުގަދަ ގުޅުމެއް އުފެދިގެންދެއެވެ. ކައިވެނި މާނަކުރެވެނީ މިދެންނެވިހެން ހުރިހާކަމެއް ޝާމިލުވާނޭހެންނެވެ.

ކައިވެނީގެ ޢަޤްދު މުހިންމުވެގެން ދަނީ މިދެންނެވި ގުޅުންތަކުގެ މައްޗަށް ފިތުރަތު ހަމަޖެހިފައިވުމާއެކު، އިންސާނީ ދަރިފަސްކޮޅު ޠާހިރުކޮށް، އިންސާނީ ޙަޔާތް ބާއްޖަވެރިކަންމަތީ ކުރިއަށް ގެންދިޔުމަށްޓަކައެވެ.

ކައިވެނިޝަރުޢުކުރެއްވުން

ކައިވެންޏަކީ ކީރިތި ޤުރުއާނުންނާއި ކީރިތި ރަސޫލާގެ ސުންނަތުން ޘާބިތުވާ، ޝަރުޢުގައި  އޭގެ ޙުކުމްތައް ބަޔާންވެގެންވާ ދީނީ އަޅުކަމެކެވެ. އަދި ދުނިޔެވީފައިދާތައްވެސް އެކަމުން ލިބިގެންދާ މުޢާމަލާއެކެވެ.

ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީ ކުރައްވާ ފައިވެއެވެ.﴿وَإِنْ خِفْتُمْ أَلاَّ تُقْسِطُواْ فِى ٱلْيَتَامَىٰ فَٱنكِحُواْ مَا طَابَ لَكُمْ مِّنَ ٱلنِّسَآءِ مَثْنَىٰ وَثُلاَثَ وَرُبَاعَ فَإِنْ خِفْتُمْ أَلاَّ تَعْدِلُواْ فَوَاحِدَةً أَوْ مَا مَلَكَتْ أَيْمَانُكُمْ ذٰلِكَ أَدْنَىٰ أَلاَّ تَعُولُواْ﴾ މާނައީ:”ޔަތީމުންނާމެދު ޢަދުލުވެރި ނުވެވޭނެކަމަށް ތިޔަބައިމީހުންނަށް ހީވެ، ބިރުގެންފިނަމަ (އެބަހީ: ތިޔަބައިމީހުންގެ ބެލުމުގެ ދަށުގައިވާ ޔަތީމު އަންހެން ކުދިންނާ ކައިވެނި ކުރުމުގައި، ޢަދުލުވެރި ނުވެވޭނެކަމަށް ހީވާނަމަ، އެނޫން) އަންހެނުންގެ ތެރެއިން، ތިޔަބައިމީހުން ހިތްރުހޭ ބަޔަކާއި ކައިވެނީ ކުރާށެވެ. ދެމީހުނާއެވެ. ނުވަތަ ތިންމީހުންނާއެވެ. ނުވަތަ ހަތަރު މީހުންނާއެވެ. ފަހެ، ޢަދުލުވެރި ނުވެވޭނެކަމަށް ބިރުގެންފިނަމަ، އެކަކާއެވެ. ނުވަތަ ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުއަންހެނުންނާއެވެ. އެގޮތް ތިޔަބައިމީހުން އަނިޔާވެރިނުވުމާ ގާތްކަން ބޮޑެވެ.”

އަދި ހަމައެފަދައިން ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. (يا معشر الشباب من استطاع منكم الباءة فليتزوج فإنه أغض للبصر وأحصن للفرج ومن لم يستطع فعليه بالصوم فإنه له وجاء)  މާނައީ: “އޭ ޒުވާނުންނެވެ! ތިޔަބައިމީހުންގެ ތެރެއިން ކައިވެނި ކުރުމަށް ކުޅަދާނަވާ މީހުން ފަހެ ކައިވެނި ކުރާހުށިކަމެވެ. އެއީ ލޮލަށް ރައްކާތެރިކަން  ބޮޑުވެފައި، ޖިންސީ ގުނަވަންވެސް އެންމެ ރައްކާތެރިކަން ބޮޑު ގޮތެވެ. އަދި މީހަކާ އިނުމަށް ކުޅަދާނަކަން ލިބިފައިނުވާ މީހާގެ މައްޗަށް އޮތީ ރޯދަހިފުމެވެ. ފަހެ ހަމަކަށަވަރުން އެއީ އޭނާ ނުބައި ކަންތައްތަކުން ދުރުކޮށްދޭ އައްޑަނައެކެވެ.”

Leave a comment

Your email address will not be published. Required fields are marked *