ބީވެގެން ގޮސްފައިވާ މަލިކު

ބީވެގެން ގޮސްފައިވާ މަލިކު

- ތާރީޙް
2

ލިޔުނީ: މުޙައްމަދު ނާޖިޙު، ހުޅަނގުއައްސޭރި / މަރަދޫ، އައްޑޫ ސިޓީ

މިއީ މަލިކައި ބެހޭގޮތުން އަޅުގަނޑު ލިޔާ ދެވަނަ ލިޔުމެވެ. މީގެ ފުރަތަމަ ލިޔުން އަޅުގަނޑު ލިޔެފައިވާނީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިންނެވެ. އެލިޔުން އަރުވާފައިވަނީ www.raajjeislam.com އަށެވެ. މިފަހަރުގެ މިލިޔުމަކީ www.heyobas.com ގައި މަލިކައިބެހޭ ލިޔުމެއް ލިޔެދިނުމަށް އަޅުގަނޑުގެ ރަޙުމަތްތެރިޔަކު އެދުނު އެދުމެއްގެ މަތިން ލިޔާ ލިޔުމެކެވެ. އަޅުގަނޑުގެ މިލިޔުން ބިނާކޮށްފައިވާނީ 1990 ވަނަ އަހަރުގެ ތެރޭގައި ދިވެހި ސަރުކާރުގެ ފަރާތުން މަލިކައިބެހޭ ހޯދުންތަކެއް ހޯދުމަށް މަލިކަށް ދުރުވި ގ.ކޮއްކިރި އަލްފާޟިލް ޢަބްދުﷲ ފާރޫޤު ޙަސަން (ފުވައްމުލައް) އަދި ހ.އާމުލީގޭ އަލްފާޟިލް ޢަބްދުﷲ ޞާދިޤު (މުލި)، އޭރުގެ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރަ ޤައުމީ މަރުކަޒުން ނެރުނު “ފަތްތޫރަ” މަޖައްލާގައި މަލިކައި ބެހޭގޮތުން ލިޔުއްވާފައިވާ ލިޔުއްވުންތަކާއި، މަލިކުގައި ހުރި އަޅުގަނޑުގެ އެންމެ ގާތް ރަޙްމަތެރިޔާ މަލިކު މުރައިދުގަނޑުވަރު، ޑރ. ޢަބްދުލްމުނީރު މަނިކުފާނުގެ ފަރާތުންނާއި، އޭނާގެ ބޮޑުބޭބެ “މަލިކުގެ މުސްކުޅި ޙިކްމަތްތެރިޔާ” އާދެ! މަލިކު މުރައިދުގަނޑުވަރު، އަލްފާޟިލް ޢަލި މަނިކުފާނުގެ ފަރާތުންނާއި، މަލިކު ފެންގެންނަގޯތި، އަލްފާޟިލް މުޙައްމަދު (އެފްޖީ) ގެ ލިޔުންތަކުންނާއި، އަދިވެސް އެނޫން ތަފާތު އެކިފަރާތްތަކުން އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތުތަކާއި، އަޅުގަނޑު އަމިއްލައަށް އެކި ގޮތްގޮތުން ހޯދި މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ.

ތަޢާރަފު

މަލިކަކީ ޗާޓުތަކުގައި މިނިކޯއި އައިލެންޑްގެ ނަމުގައި މަޝްހޫރުވެފައިވާ ރަށެކެވެ. މަލިކު ސިޔާސީގޮތުން ހިމެނިފައިވަނީ އިންޑިއާގެ ޔޫނިއަން ޓެރިޓަރީއެއްކަމަށްވާ ލަކްޝަދްވީޕްގެ ތެރޭގައެވެ. ލަކްޝަދްވީޕަކީ އިނގިރޭސިން އިންޑިއާއޭ ކިޔޭ ސަބްކޮންޓިނެންޓުގެ ޤައުމުތަކުގެ މައްޗަށް ވެރިވެގަނެ މުޅި ސަބްކޮންޓިނެންޓް އެއްޤައުމެއްގެ ގޮތުގައި ހަދައިގެން އުޅުނުއިރު އެމީހުންގެ ދަށުގައި އޮތް ޓެރިޓަރީއެއް ކަމަށްވާ “ލެކަޑިވް، މިނިކޯއި އެންޑް އަމިންޑިވީ އައިލެންޑްސް” ގެ ނަމުގައި އޮތް ތަނެކެވެ. މިނަމަށް ބަލާލާއިރުވެސް އޭރުވެސް މަލިކު ބަލަމުން އައި ވަކިތަނެއްގެ ގޮތުގައި ކަން އެނގެއެވެ. އެހެނީ ލަކްޝަދްވީޕުގެ އެހެނިހެން ރަށްތަކާ މަލިކާ ވާކަމެއް ޙަރާމެވެ. ޖޯގުރަފީގެ ގޮތުންނާއި، ނަސްލީ ގޮތުންނާއި، ތާރީޚީ ގޮތުންނާއި، ޘަޤާފީ ގޮތުންނާއި އަދި އެނޫންވެސް ހުރިހައި ގޮތަކުން މަލިކާއި މިދެންނެވި ރަށްތަކާއި ހާސްބައި ތަފާތެވެ. އެރަށްތަކުގެ އަހުލުވެރިން އެންމެ ވައްތަރީ ދެކުނު އިންޑިއާގެ މަލަބާރު ސަރަޙައްދުގައި އުޅޭ މުސްލިމުންނާއެވެ. ވާހަކަ ދައްކައި އުޅެނީވެސް ތަމަޅަޔާއި، ހޮޅިބަހާއި މަސްހުނިކުރެވިގެން އުފެދިފައިވާ ޖަޒަރީ ނަމަކަށް ކިޔާ ބަހުރުވައަކުންނެވެ. މިހާރު އިންޑިއާގެ ރަސްމީ އިދާރާތަކުން އެތަނުގެ ބަހަކީ މަލަޔާޅަމްކަމަށް ވަނީ ހަމަޖައްސާފައެވެ. މިރަށްތަކައި ޚިލާފަށް މަލިކު މީހުންނަކީ ދިވެހި ބަހުން ވާހަކަދައްކާ ދިވެހި ނަސްލުގެ ބައެކެވެ.

މަލިކު މިނިކޯއިއަށް ވީގޮތް

މަލިކު މިނަމަކީ ޢަރަބި ދަތުރުވެރިން ދީފައިވާނަމެއްކަމަށް މަލިކާއި ބެހޭގޮތުން ވިކިޕީޑިއާގައި ލިޔެފައިވާ ލިޔުމުގައި އޮވެއެވެ. އެހެންނަމަވެސް މިކަމަކީ އެއްވެސް ތާރީޚީ ޙަޤީޤީ ފެކްޓެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެއް ނޫނެވެ. ތާރީޚުން އެންމެ ދުރުންވެސް ހެކި ލިބެން އޮތީ އެންމެ އިހުއްސުރެ އެރަށުގެ ނަމަކީ މަލިކު ކަމެވެ. އެހެންނަމަވެސް ދުރު ތާރީޚެއްގައި މަލިކު މިއީ ދިވެހިރާއްޖޭގެ ބައެއް ރަށްރަށަށް ކިޔާ ފަދައިން މުލައް ނުވަތަ މުލަކު މިހެން ކިޔާ ރަށަކަށްވުމީވެސް ދުރުގައި އޮތްކަމެއް ނޫނެވެ. ދެން އޮތް އަނެއް ވާހަކައަކީ މަލިކަށް މިނިކޯއިއޭ ކިޔުނު ގޮތުގެ ވާހަކައެވެ. މިފަހަރުވެސް އެއްކަލަ ވިކިޕީޑިއާގައި އޮތީ މިކަމައި ބެހޭގޮތުންވެސް ބަޔަކު ނުވަތަ މީހަކު އަމިއްލަ ޚިޔާލުގެ މައްޗަށް ހަދާފައިވާ ފުލޯކު ވާހަކައެކެވެ. އެފުލޯކު ވާހަކައިގައި ބުނާގޮތުން މަލިކަށް މިނިކޯއިއޭ ކިޔުނީ މަލިކަށް އައި އިނގިރޭސިއަކު މަލިކު މީހަކު ކުރެން އޭނާގެ ރަށަށް ކިޔަނީ ކޮންނަމެއްހޭ އެހުމުން، ތިމަންނާއަކީ ޢާއްމުކޮށް “މިނިކާރާއްޖޭ”ގައި އުޅޭ މީހެކޭ ބުނުމުން، އިނގިރޭސި މީހާއަށް އެތަނުން ހަމައެކަނި “މިނިކާ” މިތަންކޮޅު ނޯޓުކުރެވިގެން، އެއީ އެރަށުގެ ނަންކަމަށް ލިޔެވެމުން އައީ ކަމަށެވެ. ނަމަވެސް މިއީ ކަނޑައެޅިގެން ދޮގު ވާހަކައެކެވެ. މިވާހަކަ މިއީ މަލިކު މީހުން ވާހަކަ ދައްކާ ބަހަށް “މަހަލް” އޭ ކިޔުނު ޙާދިޘާގެ މައްޗަށް ބިނާކޮށް ހެދިފައިވާ ފުލޯކު ވާހަކައެކެވެ. މިދެންނެވި ޙާދިޘާގެ ވާހަކަ އަދި ފަހުން އަންނާނެއެވެ. އިނގިރޭސިން އިންޑިއާގެ ދެކުނަށް ވެރިވެ މަލިކު އެބައެއްގެ ވެރިކަމުގެ ދަށުގައި އޮތް ކަންނަންނޫރު އަލީ ރާޖާގެ ވެރިކަން އެބައިމީހުންގެ ބާރުގެ ދަށަށް ގެނައިއިރުވެސް ބައިނަލްއަޤުވާމީ ޗާޓުތަކުގައި މަލިކުގެ ނަން އޮތީ މިނިކޯއިއަށް ބަދަލުވެފައެވެ.

ކޮންމެއަކަސް އަޅުގަނޑު މިކަމަށްޓަކައި ކުޑަކުޑަ ދިރާސާއެއް ކުރީމެވެ. އަޅުގަނޑު ކުރި ދިރާސާއަކީ އެންމެ އިހުއްސުރެ މިވީހާތަނަށް ލިބެންހުރި ދެކުނު އޭޝިޔާގެ ޗާޓުތައް އެއްކޮށް އެކިދުވަސްވަރުގެ ޗާޓުތަކުގައި މަލިކަށް ކިޔާފައިވާ ނަންތަކަށް ބެލީއެވެ. މިގޮތުން ބެލިބެލުމުން އަޅުގަނޑަށް އެނގި ކަށަވަރުވީ މިނިކޯއި މިނަމަކީ ސީދާ މަލިކު މިނަމުން އުފެދުނު ނަމެއް ކަމަށެވެ. އެހެނީ މަލިކުގެ ނަން ޗާޓުތަކުގައި ރޯމަން އަކުރުން އޭގެ ސްޕެލިންގ އެކިއެކި މީހުންނަށް އެކިގޮތްގޮތަށް ލިޔެވެމުން އައީއެވެ. މިގޮތުން އެނަން Malick, Maliku, Malicut, Malique, Malicoy, Milicoy, Minicoy، މިފަދަ ގޮތްގޮތަށް ލިޔެވިފައިވެއެވެ. އަޅުގަނޑުގެ މިކުރި ދިރާސާއަށް ބާރުދޭ އެއްފަރާތަކީ މަލިކައި ބެހޭގޮތުން މިހާތަނަށް އެންމެ ބޮޑު ޢިލްމީ ދިރާސާއެއް ކުރެއްވި ޖަރުމަންވިލާތުގެ ޑރ.އެލަން ކެޓްނަރ އެވެ. ޑރ. އެލެން ކެޓްނަރ ވިދާޅުވާ ގޮތުންވެސް މިނިކޯއި އަކީ މަލިކު މިނަމުން އުފެދިފައިވާ ނަމެކެވެ. އަދި އެހެންކަމުން އޭނާގެ ރިސަރޗް ކަރުދާސްތަކުގައިވެސް މިނިކޯއިގެ ބަދަލުގައި މުޅިންވެސް ބޭނުންކޮށްފައި ހުންނަނީ މަލިކެވެ.

ދެން ވިކިޕީޑިއާގައި ވާގޮތުން މަލިކު މީހުންނާއި، ދިވެހިން މިނިކާރާއްޖެ ކިޔަނީ އެންޑަމަން އެންޑް ނިކޮބަރ އައިލެންޑްސްއަށް ކަމަށާއި، މަލިކު މީހުން އޮޑިފަހަރުގައި ވިޔަފާރިކަމު ގޮސް ނިކޮބަރ ގައި ވަޒަންވެރިވެ އެތަނުން މަލިކަށް އައިސް ގޮސްވާ ކަމަށެވެ. ނަމަވެސް ދިވެހިރާއްޖޭގެ މީހުންވެސް އަދި މަލިކު މީހުންވެސް މިނިކާރާއްޖެ ކިޔަނީ ހަމައެކަނި އެންޑަމަން އައިލެންޑްސް ނުވަތަ އަންޒަމާނު ކަރައަށެވެ. ނިކޮބަރ އައިލެންޑްސްއަށް ދިވެހިރާއްޖޭ މީހުންނާއި މަލިކު މީހުން ނާގަބާޑި ފިޔަވައި އެހެން ނަމެއް ކިޔާކަމެއް އެނގިފައެއްނެތެވެ. އަދި އޮޑިފަހަރުގައި ވިޔަފާރިކަމު ގޮސް މަލިކު މީހުންނާއި ދިވެހިރާއްޖޭގެ ރަށްރަށުގެ މީހުން ގޮސް ހަދާފައިވަނީ ނާގަބާޑިއަށް ކަން ތާރީޚު ހެކިދެއެވެ. އަދި މިއަދާ ޖެހޭންދެންވެސް މަލިކު މީހުންގެ ދަރިކޮޅުން އައިސްފައި ތިބިމީހުން ނާގަބާޑީގައި އުޅެމުން އެބައާދޭމެއެވެ. ދެން އަނެއްކޮޅުން “މިނިކާ” މީހުން އުޅޭ ރަށަކަށް މަލިކު މީހުން ކީއްކުރަން ދިވެހިރާއްޖޭގެ ރަށެއްގެ މީހަކުވެސް ބެހިގެން ނޫންގޮތަކަށް ގޮސް ނޫޅޭނެކަން ބުއްދިން ވިސްނާ ބަޔަކަށް އެނގޭނެއެވެ. ޚާއްޞަކޮށް އެޒަމާނުގައި ދިވެހިންގެ ވިސްނުން ހުރި ގޮތުގެ މައްޗަށް ބަލާއިރުގައެވެ.

މަލިކަށް މިނިކޯއި ކިޔުނު ގޮތަށް މަލިކު އަތޮޅުގައި އޮންނަ ވިރިނގިލި މިއީ ކޮންގޮތަކަށް ކިއިފައި އޮތް ނަމެއްތޯ ބަލާލަމާތޯއެވެ. އަލްފާޟިލް ޢަބްދުﷲ ފާރޫޤު ޙަސަން ވިދާޅުވާ ގޮތުގައި މަލިކު ބަހުރުވާގައި ވަރަށް ގިނަ ފަހަރަށް ލ، ރ އަށް ބަދަލުވެފައިވެއެވެ. އެގޮތުގެ މަތިން ވިލިނގިއްޔަށް ވިރިނގިލި ކިޔުނީ ކަމަށެވެ. ކޮންމެއަކަސް ދިވެހިރާއްޖޭގައި އޮތް ވިލިނގިލިތަކަށް ބަލާއިރުގައިވެސް އެކި އަތޮޅުގެ މީހުން ކިޔާ ގޮތްވެސް ތަފާތެވެ. މާލެ އަތޮޅުގައި “ވިލިނގިލި” އޮންނަ އިރު، ހުވަދޫގައި އޮންނަނީ “ވިލިގިއްލާ” ނުވަތަ “ވިރިގިއްލާ” އެވެ. އައްޑޫގައި އޮތީ “ވިލިގިލި” އެވެ. މިކަމުގައި މީހަކު ބުނާނޭ އިތުރު އެއްޗެއް ނެތެވެ. މިއުޅެނީ ބަހުރުވައިގެ ތަފާތެކެވެ.

މިފަހަކަށް އައިސް އިންޑިއާއިން ވަނީ އެޤައުމުގައި ހުރި އިނގިރޭސިން ނަންދީފައި ހުރި ރަށްތަކާއި އަވަށްތަކުގެ ނަންތައް އުވާލައި، އެރަށްތަކާއި އަވަށްތަކުގެ އެތަންތަނުގެ އަހުލުވެރިން ކިޔައިއުޅޭ ނަންތަކަށް ބަދަލުކޮށްފައެވެ. މިގޮތުން ބޮމްބޭއަށް މުމްބައި، މެޑްރާސްއަށް، ޗެއްނައި، ޓްރިވެންޑްރަމަށް ތިރުވަނަންތަޕޫރަމް އަދި ބެންގަލޯރއަށް ބެންގަލޫރޫއަށް ވަނީ ބަދަލުކޮށްފައެވެ. އެހެންނަމަވެސް މަލިކުގެ ނަން ބަދަލު ކުރުމެއް ނެތެވެ. ހަމަ އަދިވެސް ކިޔަންވީ ބިދޭސީ ބަޔަކަށް މަލިކުގެ ނަން އޮޅިގެން ކިޔެމުން އައިސް އުފެދުނު “މިނިކޯއި” އެވެ.

މަލިކުގެ ޖޯގުރަފީ

މަލިކަކީ އުތުރު ޢަރުޟުން 8 ދަރަޖަ 17 މިނެޓު އަދި އިރުމަތީ ޠޫލުން 73 ދަރަޖަ 04 މިނެޓުގައި އޮތް އަތޮޅެކެވެ. މިއީ ދިވެހިރާއްޖެ ހިކިފައި އޮތް ކަނޑުއަޑީގެ އަށީގެ އެންމެ އުތުރަށް އޮތް އަތޮޅެވެ. މަލިކައި އެންމެ ކައިރީގައި އޮތީ މަލިކުގެ ދެކުނުން 76 މޭލު ފޭގައި އޮތް ދިވެހިރާއްޖޭގެ ޤުދުރަތީ އަތޮޅުތަކުގެ ތެރެއިން އެންމެ އުތުރުގައިވާ އިހަވަންދިއްޕޮޅު އަތޮޅެވެ. އެއަތޮޅުންވެސް މަލިކައި އެންމެ ކައިރިއަށް އޮތީ ތުރާކުނެވެ. މަލިކު އެސަރަޙައްދެގައި ހިމެނިފައިފާ އިންޑިއާގެ ޔޫނިއަން ޓެރިޓަރީ އޮފް ލަކްޝަދްވީޕް ނުވަތަ ލައްކަދީބުގެ ރަށްތަކުގެ ތެރެއިން މަލިކައި އެންމެ ކައިރިއަށް އޮތް ކަލްޕޭނިއާއި މަލިކައި ދެމެދު 124 މޭލު ހުރެއެވެ. އިންޑިއާގެ ކޮޗިންއާއި މަލިކައި ދެމެދު ހުރީ 215 މޭލެވެ. އަދި އިންޑިއާގެ ކަލިކަޓްއާ މަލިކައި ދެމެދު ހުރީ 240 މޭލެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ރަށްތަކުގެ ތެރެއިން ކުޅުދުއްފުއްޓައި މަލިކައި ދެމެދު ހުރީ 112 މޭލެވެ. ހައްދުންމަތީ ގަމާއި މަލިކައި ދެމެދު ހުރީ 436 މޭލެވެ. ހުވަދުއަތޮޅު ތިނަދުއާއި މަލިކައި ދެމެދު ހުރީ 530 މޭލެވެ. އަދި އައްޑޫ ސިޓީއާއި މަލިކައި ދެމެދު ހުރީ 607 މޭލެވެ. އާދެ! ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށްކަމުގައިވާ މާލެއާއި މަލިކާއި ދެމެދު 282 މޭލު ހުންނައިރު މާލެއާއި ދިވެހިރާއްޖޭގެ އެންމެ ދެކުނަށް އޮތް އައްޑޫ ސިޓީއާއި ދެމެދުގައި 327 މޭލު ހުންނަ ކަން މިތަނުގައު ފާހަގަ ކޮށްލަމެވެ. އައްޑުއަށް ވުރެވެސް މާލެއާއި ކައިރީ މަލިކު ކަން ބަޔާންކޮށްދީ، ހަމައެހެންމެ މަލިކު ދިވެހިރާއްޖެއާއި ކައިރި މިންވަރު ބަޔާންކޮށް ދިނުމުގެ ބޭނުމުގައެވެ.

މަލިކު އަތޮޅަކީ އިރުއުތުރުން ހުޅަނގު ދެކުނަށް ދެމިފައި އޮތް ގާތްގަނޑަކަށް ކުކުޅުބިސް ބުރަށް އޮންނަ އަތޮޅެކެވެ. އަތޮޅުގެ ސީދާ ދިގުމިނުގައި ހުންނަނީ 9.78 ކިލޯމީޓަރެވެ. އަތޮޅުގެ ފުޅާމިނުގައި އެންމެ ފުޅާހިސާބުން 5.59 ކިލޯމީޓަރު ހުރެއެވެ. އަދި އެންމެ ހަނި ހިސާބުގައި ހުރީ 737 މީޓަރެވެ. މަލިކު އަތޮޅުގައި އޮންނަނީ ޖުމުލަ 2 ރަށެވެ. އެއީ އަތޮޅުގެ ނަން އެރަށަކަށް ނިސްބަތްވާ މަލިކާއި، ވިރިނގިއްޔެވެ. އަދި މިދެރަށުގެ އިތުރުން ރަށްގަނޑޭކިޔާ އަކިރި ހުރައެއްވެސް މަލިކު ފަރުމަތީގައި އޮވެއެވެ. މަލިކު އޮތީ އަތޮޅުގެ އިރުމަތީ ފަރާތުގެ އެއްކޮޅުން އަނެއްކޮޅަށް ދެމިގެންވާ ދިގު ރަށެއްގެ ގޮތުގައެވެ. ވިރިގިނލި އޮތީ މަލިކުގެ ހުޅަނގު ދެކުނުން 640 މީޓަރު ކައިރީގައެވެ. މަލިކުގެ ދިގުމިނުގައި ބޮޑުމަހަރަގަނޑުން ފެށިގެން ތުނޑިއާ ހަމައަށް 10.38 ކިލޯމީޓަރު ހުރެއެވެ. މަލިކުގެ ދިގުމިނަށް ބަލާއިރު، މަލިކައި އެންމެ ގާތްކުރާވަރުގެ ދިގުމިނެއް ލިބިގެންވާ ދިވެހިރާއްޖޭގެ ޤުދުރަތީ ރަށަކީ އައްޑޫ ސިޓީގެ ހިތަދޫއެވެ. ހިތަދޫގެ ދިގުމިނުގައި ކޯއްޓޭއިން ފެށިގެން ގައުކެނޑިއާ ހަމައަށް 9.89 ކިލޯމީޓަރު ހުރެއެވެ. މަލިކުގެ އެންމެ ފުޅާ ހިސާބުގައި ހުރީ 966 މީޓަރެވެ. އަދި އެންމެ ހަނި ސަރަޙައްދުތަކުގައި ހުންނަނީ 30 ވަރަކަށް މީޓަރެވެ. ވިރިނގިއްޔަކީ 182 މީޓަރު ދިގު 117 މީޓަރު ފުޅާ ކުޑަކުޑަ ރަށެކެވެ. މަލިކުގެ ބޮޑުމިނުގައި 4.4 އަކަކިލޯމީޓަރު ހުރެއެވެ. ބޮޑުމިނަށް ބަލާއިރުވެސް މަލިކައި އެންމެ ކައިރިކުރާ ދިވެހިރާއްޖޭގެ ޤުދުރަތީ ރަށަކީ އައްޑޫ ސިޓީގެ ހިތަދޫއެވެ. ހިތަދޫގެ ބޮޑު މިނުގައި 4.67 އަކަކިލޯމީޓަރު ހުރެއެވެ.

މަލިކުއަތޮޅުގެ ފަޅަކީ ވަރަށް ފުޅާ ދިގު ފަޅެކެވެ. މިގޮތުން ފަޅުގެ ދިގުމިނުގައި 9.78 ކިލޯމީޓަރު ހުންނައިރު، ފަޅުގެ އެންމެ ފުޅާ ހިސާބުގައި 4.7 ކިލޯމީޓަރުވަރު ހުރެއެވެ. އަދި މިބޮޑު ފަޅަށް ވަނުމަށްޓަކައި ޚާއްޞަ ކުރެވިފައިވާ 4 ނެރެއް އޮވެއެވެ. އެއީ އުތުރުން ދެކުނަށް ސާލުމަގު، ކަނޑިންމަމަގު، ނެރުމަގު އަދި ފޯޗަންޗޯރު މަގެވެ.

މަލިކުގެ ފުށްޓަރު އޮންނަނީ ރަށުގެ އިރުމައްޗަށެވެ. މިފަރާތަށް މަލިކުގައި ކިޔަނީ ފުރުވަށެވެ. ނުވަތަ ފުރުވަށް ފަރާތެވެ. މަލިކުގެ ފުރުވަށް ފަރާތު ގޮނޑުދޮށުން ފެށިގެން 100 ވަރަކަށްފޫޓު ނުވަތަ އެއަށްވުރެވެސް ހަނިކޮށް އޮންނަ ފަރެއް އޮވެފައި ދެން އޮންނަނީ ރާޅު ބިންދާ ހިސާބެވެ. އޭގެ ބޭރަށް އޮންނަނީ ފުންކަނޑެވެ. ފުރުވަށްފަރާތުގެ ދިގުމިނަށް ރާއްޖޭގެ ރަށްރަށެކޭ އެއްފަދައި ހޭޅިފަށެއް އޮންނައިރު މީހުންއުޅޭ ސަރަޙައްދާ ދިމާލުން ހޭޅިއެއް ނޯވެއެވެ. އެހިސާބުގައި އޮންނަނީ ދިވެހިރުއް ގިނައިން ހެދިފައިވާ ގަލާއި އަކިރީގެ ފަސްގަނޑެކެވެ. އަލްފާޟިލިލް ޢަބްދުﷲ ފާރޫޤު ޙަސަން ލިޔުއްވާ ގޮތުން އެހިސާބުގައި އުވަދެވުމަށްޓަކައި ވަރަށް ގިނައިން އުވަވަޅު ކޮނެފައި ހުރެއެވެ. އާދެ! އެއީ މަލިކުގެ ދިވެހިވަންތަކަން ދައްކުވައިދޭނެ ވަރަށް ފުރިހަމަ މަންޒަރަކަށް ވާނެއެވެ.

މަލިކުގެ އެއްކޮޅުން އަނެއްކޮޅަށް ވަނީ އެކިސަރަޙައްދުތަކަށް ބަހައި ޒަމާނުއްސުރެ ތަފާތު ނަންތައް ކިޔައިފައެވެ. އަޅުގަނޑުމެންގެ އައްޑޫ ސިޓީގެ ހިތަދޫގެވެސް ގައުކެނޑިއަކާއި، ރުއްޖެހެރެއަކާއި، އަބޫހެރެއަކާއި… އޮޑެއްސަލަކާއި މިހެންގޮސް ތަފާތު ނަންތައް ކިޔާ ސަރަޙައްދުތަކެއް އޮންނަ ފަދައިންނެވެ. މިގޮތުން މަލިކުގެ އުތުރުން ދެކުނަށް ހުރި ސަރަޙައްދުތަކަކީ ބޮޑުމަހަރަގަނޑު، ހިކިއަކިރިގަނޑުކޮޅު، ރަށްބުރިވިތަން، މޮޑޭގަސްގަނޑު، ރަނަށްގަތްތަން، ދުރުކޯޑި، މާކަނާއިއްތާގަސްދޮށް، ބޮޑުހަވަލިގަނޑު، ކޯޑި، ރުއްގަނޑުކޮޅު، މައުވަލު، ފައިބެންނަމަގު، ފިޔޮޅުރިވެތިމަގު، ފަލައްސޭރި، ބަރަބޯމަގު، ކުދެހިމަގު، ފުންހިލޮޅު، ދިހަމަތި، މުރަނބު، ތިރީސްމީހުންކާލި ކުންނު، ފަންޖެހިދަނޑި، އަލޫޑި، މާލިޔާމަގު، ސޭޑިވަލު، ބޮޑުރަށްމެދު، އުޑިންނަމަގު، ރަށްމެދު، ހަތަރެއްމަގު، ބޮޑުކޮށިދޮށް، ބޮޑުއަތިރި، ކަންޑަމާތުމަގު، އައުމަގު، ބާޑަ، ވައިމައްތި، ބޮޑުވަޅު، ކުދިންގެމަގު، އެއްލާމަގު، ފުރެއްދޮށް، ހުޅަނގަށްލާމަގު، ކަތުރަންކެއްކިމަގު، އޮޑިވަޅު، އަންދާތުމަގު، ތޭވަރާތުމަގު، ވަގުތޮންޑަގާތުމަގު، ފާކަނާތެރެ، ހައިވަޅުމަގު، މުލިމައްތިމަގު، ތޮންޑަގާތުމަގު، މާލިމީމަގު، ގޮއިފަލުމަގު، ކަށިމަގު، ޒިޔާރަތްދޮށް، ކަލޭގެފާނު ގާތް، ކަލޭގެފާނު ފެންގަނޑު، ކޯރު، ރަށްބޭރުފަރާތް އަދި ތުނޑިއެވެ.

މަލިކުގައި ޒަމާނުއްސުރެ މީހުން އުޅެނީ ރަށުގެ ގާތްގަނޑަކަށް މެދަށްވާ ހިސާބުގައި ވަރަށް ކުޑަކުޑަ ތަންކޮޅެއްގައެވެ. މިގޮތުން މީހުން އުޅޭ ސަރަޙައްދުގެ ދިގުމިނުގައި ހުންނަނީ ގާތްގަނޑަކަށް 1.42 ކިލޯމީޓަރެވެ. އަދި ފުޅާމިނުގައި 400 ވަރަކަށް މީޓަރެވެ. މީހުން އުޅޭ ސަރަޙައްދުގެ އުތުރަށް އޮތީ އުތުރު ބަންޑާރަގަނޑާއި ކޯޑިކޮޅެވެ. މިތަނުން ކޯޑިކޮޅަކީ އިހުޒަމާނުގައި ޒުޖާމްބަލި (މަލިކު ބަހުރުވައިން ކޯޑިބަލި) ޖެހޭމީހުން ކަރަންޓީނުކޮށްފައި ބައިތިއްބާ ސަރަޙައްދެވެ. މީހުން ދިރިއުޅޭ ސަރަޙައްދުގެ ދެކުނަށް އޮތީ ދެކުނު ބަންޑާރަގަނޑާއި، މަލިކު ތުނޑިއެވެ. މަލިކުގެ މީހުންގެ ތުންތުންމަތިން ކިޔެމުން އައިސްފައި އޮންނަ ގޮތުގައި މަލިކު ދެކުނު ބަންޑާރަގަނޑަކީ ދިވެހިރާއްޖޭގެ ރަށެއްގެ ގޮތުގައި މަލިކު އޮތްއިރު ދިވެހި ރަސްކަމުގެ ފަރާތުން މަލިކުގެ ބޮޑުންނަށް ދީފައި އޮންނަ ބިމެކެވެ. ވަރަށް ފަހަކާ ޖެހޭންދެން އެސަރަޙައްދު ފާހަގަކުރުމަށް ދިވެހި ސަރުކާރުން ބެހެއްޓި ގަލެއް ހުރިކަމަށް މަލިކުގެ ދުވަސްވީ މުސްކުޅިން ބުނާކަމަށް އަލްފާޟިލް ޢަބްދުﷲ ފާރޫޤު ޙަސަން ލިޔުއްވާފައިވެއެވެ. ކޮންމެއަކަސް މަލިކު ބަންޑާރަގަނޑުން ބޮޑު ސަރަޙައްދެއް މިއަދު މަލިކު އެޤައުމެއްގެ ދަށުގައިވާ އިންޑިއާ ސަރުކާރުގެ ބޭނުމަށްވަނީ ނަގާފައެވެ. މިގޮތުން އިންޑިއާ ސަރުކާރުން މަލިކުގައި ޤާއިމްކޮށްފައިވާ އެކިއެކި އޮފީސްތަކާއި، އެތަންތަނުގައި މަސައްކަތްކުރާ މީހުން ދިރިއުޅޭނޭ ކުއާޓަރުތަކާއި، އިންޑިއާގެ ނޭވަލް ބޭސްއެއްވެސް އެސަރަޙައްދުގައި އޮވެއެވެ. އަދި ފާހަގަކޮށްލެވޭ އަނެއް ކަމަކީ ތައުޙީދުގެ މަތީގައި 800 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ބިމުގެ މިސަރަޙައްދުގައި ހިންދޫއިންގެ ބުދުފައްޅިއެއްވަނީ އަޅާފައެވެ. އާދެ! މަލިކުގައި އިންޑިއާ ސަރުކާރުގެ ވަޒީފާތަކަށް އައިސްގޮސް ހަދާ ހިންދޫ ދީނުގެ މީހުންނަށްޓަކައެވެ. ބަންޑާރަގަނޑުން ބާކީ ހުރިބިންތައްވަނީ މަލިކުގެ އެކިއެކި ޢާއިލާތަކުގެ މެދުގައި ބަހާފައެވެ. މިއަދު މީހުން އުޅޭ ސަރަޙައްދުން ބޭރުގައި ދެކުނު ބަންޑާރަގަނޑުގެ އެކިހިސާބުތަކުގައި ގެއަޅައިގެން އަވަށު ނިޒާމުން ބޭރުގައިވެސް މަލިކުގެ ބައެއް މީހުން ދިރިއުޅެއެވެ.

މަލިކުގެ މީހުން ދިރިއުޅޭ ސަރަޙައްދު ބެހިފައިވަނީ 10 އަވަށުގެ މައްޗަށެވެ. ދިވެހިރާއްޖޭގެ ރަށްރަށުގައިވެސް އަވަށްތައް ހުރިފަދައިންނެވެ. މިގޮތުން މަލިކުގައި އޮންނަ އަވަށްތަކަކީ އުތުރުން ދެކުނަށް ކެނޑިޕާޓީ، ފަލައްސޭރި، ކުދެހި، ފުންހިލޯޅު، އަލޫޑި، ސޭޑިވަލު، ރަށްމެދު، ބޮޑުއަތިރި، އައުބޮޑުއަތިރި، އައުމަގު އަދި ބާޑައެވެ. މިއަވަށްތަކުގެ ތެރެއިން ކެނޑިޕާޓީއަކީ ފަސްދޮޅަހުގެ އަހަރުތަކުގެ ތެރޭގައި ފަލައްސޭރި އަވަށުން ވަކިވެގެން އުފެދުނު އަވަށެކެވެ. އަދި އައުބޮޑުއަތިރިއަކީ ވަރަށް ފަހަކުން ބޮޑުއަތިރިން ވަކިވެގެން އުފެދުނު އަވަށެކެވެ. މަލިކުގެ އަވަށު ސަރަޙައްދު އޮންނަނީ ދިވެހިރާއްޖޭގެ ކުރީގެ ރައީސް ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމެނާކިލެފޭނު ރާއްޖޭގެ ރަށްރަށުގައި މަގުތައް ހެދުމުގެ ކުރިން އޮތްގޮތަށެވެ. އާދެ! ގޯތިގެދޮރު ހުންނަނީ ވަރަށް ކައިރިކައިރިކޮށެވެ. މިގޮތުން މިހާރުވެސް މަލިކުގެ އަވަށު ސަރައްޙައްދާ އެންމެ އެއްގޮތަށް އޮންނަ ދިވެހިރާއްޖޭގެ ރަށަކީ ނައިފަރެވެ. އަވަށުތެރޭގައި ހުންނަ ހަނިގޯޅިތައް ފިޔަވައި ރަށުތެރޭގައި ދަތުރުފަތުރު ކުރުމަށްޓަކައި ރަށުގައި ބޮޑުބައެއް ކަވަރުވާ ވަރުގެ ދެމަގު އޮވެއެވެ. އެހެންނަމަވެސް މިއީ އެއްސީދަލަކަށް އޮންނަ ދެމަގެއް ނޫނެވެ. މިދެމަގަކީ ލޭނުމަގާއި، މައިމަގެވެ. (ނުނިމޭ)

ގުޅޭ އިތުރު ލިޔުންތައް

މަލިކު

މަލިކުގެ ތާރީޙުގެ ތެރެއިން( 1 ވަނަ ބައި)

ދިވެހި ނަމެއް ސައިންޓިފިކް ނަމެއްގެ ގޮތުގައި ދެވިފައިވާ މަހެއް

2 Comments

  1. ނަން (ކޮންމެހެން ޖަހަންޖެހޭ):

    މަލިކާ އެންމެ ކައިރި ރަށަކީ ދިވެހިރާއްޖޭގެ ތިލަދުންމަތީ އުތުރުބުރީ ތުރާކުނެވެ. މަލިކާ ތުރާކުނާ ދެމެދު ހުންނަނީ ގާތްގަނޑަކަށް 70 ނޯޓިކަލް މޭލެވެ.
    ރާއްޖޭގެ އެންމެ ބޮޑު ރަށަކީ ލ. ގަމެވެ. ސ. ހިތަދުއާ ޚިލާފަށް ލ. ގަމަކީ ހިތަދުއަށް ވުރެ ދިގު އަދި މާ ފުޅާކޮށް ބޮޑުކޮށް އޮންނަ ރަށަކަށްވާތީ ބިމުގެ އަކަމިން ހިތަދުއަށް ވުރެ މާ ބޮޑެވެ. ހިތަދުއަކީ ހަނިކޮށް ދިގުކޮށް އޮންނަ ރަށެކެވެ.

  2. މަލިކާ އެންމެ ކައިރި ރަށަކީ ދިވެހިރާއްޖޭގެ ތިލަދުންމަތީ އުތުރުބުރީ ތުރާކުނެވެ. މަލިކާ ތުރާކުނާ ދެމެދު ހުންނަނީ ގާތްގަނޑަކަށް 70 ނޯޓިކަލް މޭލެވެ.
    ރާއްޖޭގެ އެންމެ ބޮޑު ރަށަކީ ލ. ގަމެވެ. ސ. ހިތަދުއާ ޚިލާފަށް ލ. ގަމަކީ ހިތަދުއަށް ވުރެ ދިގު އަދި މާ ފުޅާކޮށް ބޮޑުކޮށް އޮންނަ ރަށަކަށްވާތީ ބިމުގެ އަކަމިން ހިތަދުއަށް ވުރެ މާ ބޮޑެވެ. ހިތަދުއަކީ ހަނިކޮށް ދިގުކޮށް އޮންނަ ރަށެކެވެ.
    މިންތައް އަމިއްލައަށް ބަލަން ބޭނުންނަމަ ގޫގުލް އަރތހުގެ ‘ރޫލަރ” ނަގައިގެން މިން އަޅައިގެން ބަލާށެވެ.

ރައްދު

Your email address will not be published. Required fields are marked *