ރަމަޟާންމަހު ރޯދަހިފުމަކީ ބައެއް މީހުންނަށް ވަރަށް ދަތި އުނދަގޫ ކަމެކެވެ. ޚާއްޞަކޮށް ހޫނުގަދަ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށެވެ. ރޯދަހިފުމުން އެމީހުން ވަރަށް ބޮޑަށް ވަރުބަލިވެ އެވެ. ތިރީގައި މިވަނީ، ވަރުބަލިވުމެއް ނެތި، ރޯދަހިފުމަށްޓަކައި ދެވޭ ސާދަ ނަސޭހަތެކެވެ.

1. ކާށެވެ! ނަމަވެސް އާދަޔާޚިލާފަށް ގިނައިން ނުކާށެވެ! ބޯށެވެ! ނަމަވެސް އާދަޔާ ޚިލާފަށް ގިނައިން ނުބޯށެވެ! ތެޔޮހުންނަ ތަކެއްޗާއި، ފޮނި ހެދިކާ ފަދަ ބަރުތަކެތި ނުކެއުމަކީ، ޞިއްޙީގޮތުން އަރާމުލިބި، ރޯދަހިފުން ލުއިފަސޭހަކޮށްދޭނެ ކަމެކެވެ.

2. އިރުއޮއްސިއްޖެކަން ޔަޤީންވުމުން ކުޑަ ހިނދުކޮޅަކަށް ވެސް ލަސްނުކޮށް، އަވަހަށް ރޯދަވީއްލާށެވެ!

3. ކަދުރުން ރޯދަވީއްލާށެވެ! ބަނޑު ހިކުމުން ސަލާމަތްކޮށްދޭ ފައިބަރ، ކަދުރުގައި ވެ އެވެ. ހަށިގަނޑުގެ ތެރެއަށް އަވަހަށް ގިރިގެންދާނެ ހަކުރު ވެސް އޭގައިވެ އެވެ. ކަދުރުން ރޯދަވީއްލުމުން، ބަނޑުފުރިއްޖެކަން އިޙުސާސްވެ، ތަފާތު ބާވަތްބާވަތުގެ ކާނާ ކެއުމުން ސަލާމަތްވެވޭނެ އެވެ.

4. ރޯދަވީއްލުމަށްފަހު އިރުކޮޅަކުން ކާށެވެ! ރޯދަވީއްލަން ކަދުރު ނުލިބިއްޖެނަމަ، ފެންފޮދަކުން ރޯދަވީއްލާށެވެ! ދެން މަޣުރިބު ނަމާދު ކޮށްގެން އައިސް ކާށެވެ! ރޯދަވީއްލާ ގޮތަށް ކާންފެށުމަކީ، ގެއްލުންހުރި ކަމެކެވެ.

5. ރޯދަވީއްލުމަށްފަހު، ޞިއްޙީ ކާނާ ކެއުމަށް އާދަކުރާށެވެ! ހަވާދާއި ރާހުތް ހުންނަ އެއްޗެހި ގިނައިން ނުކާށެވެ! އަދި ހަޖަމްކުރަން އުނދަގޫ ތަކެތި ވެސް ނުކާށެވެ!

6. ހާރުކައިގެން ރޯދަހިފާށެވެ! އަދި ހާރުކެއުން ފަސްކުރާށެވެ! ކިރާއި މާމުޔާއި މޭވާފަދަ ހަޖަމުކުރަން ފަސޭހަ ކާނާ، ހާރުކެއުމުގައި ހިމަނާށެވެ! ހާރުކައިގެން ފެންބޯށެވެ. ނަމަވެސް އާދަޔާ ޚިލާފަށް ގިނައިން ފެން ނުބޯށެވެ!

7. ލޮނުގަދަ އެއްޗިއްސާއި، ގިނައިން ހަވާދު އަޅާފައިވާ އެއްޗެހި ނުކާށެވެ! އެފަދަ ކާނާ ކެއުމަކީ، ރޯދައަށް ހުންނައިރު ފެންބޮވައިގަތުން އިތުރުވާނެ ކަމެކެވެ.

8. ބަނޑު ހިކޭނަމަ، ފައިބަރ ގިނައިން ހުންނަ ތަކެތި ކާށެވެ! ފޮނިހެދިކާ ކެއުމަށްވުރެ ބޮޑަށް، މޭވާއާއި ތަރުކާރީ ކެއުމަށް އިސްކަންދޭށެވެ! އަދި ރޯދަވީއްލުމަށްފަހު، ކަސްރަތު ލިއްބައިދޭ ކަމެއް ކުރާށެވެ!

9. ރޯދަވީއްލުމަށްފަހު ނުނިދާށެވެ! އިރުކޮޅަކު އޮށޯތަސް މައްސަލައެއް ނެތެވެ. ނަމަވެސް ނިދައިފިނަމަ، ކަންނެތްކަން އިތުރުވެ، ލޮޑުވާނެ އެވެ.

10. ރަމަޟާންމަހު، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓައިލާށެވެ!

11. ރޯދައަށް ހުންނައިރު، ރުޅި ނާންނާށެވެ! އެހެނީ ރުޅިއައުމަކީ، ހަށިގަނޑުގައި އެޑްރިނަލިން ހޯމޯން އުފެދޭ ކަމެކެވެ. އެ ހޯމޯންގެ ސަބަބުން ރޯދަވެރިޔާގެ ޞިއްޙަތަށް ބޮޑެތި ގެއްލުންތައް ލިބޭނެ އެވެ. އަދި ނުރައްކާތެރި ކޮލެސްޓްރޯލް ވެސް އުފެދޭނެ އެވެ.

12. މާބަނޑު އަންހެނުންނާއި ކިރުމައިން ރޯދަހިފަންވާނީ، ޑަކުޓަރަކާ މަޝްވަރާކުރުމަށްފަހުގަ އެވެ.

13. ކުޑަކުދިން ރޯދައަށް ތިބޭއިރު، އެކުދިންނާމެދު އޯގާވެރިވާށެވެ! ހަތްއަހަރު ނުފުރެނީސް ކުޑަކުދިން ރޯދަހިފާކަށް ނުވާނެ އެވެ. ބޮޑަށް ރަނގަޅީ އުމުރުން ދިހަ އަހަރު ފުރުމުން ރޯދަހިފުމެވެ. ރޯދައަށް ތިބުމަށް ކުޑަކުދިންނަށް މަޖުބޫރުކޮށްގެން ނުވާނެ އެވެ. މަޖުބޫރުކުރާނަމަ، އެކުދިން ސިއްރިޔާތުގައި ފެން ބޯނެ އެވެ. ކުޑަކުއްޖަކު ރޯދައަށް ހުންނައިރު، އޭނާ މާބޮޑަށް ވަރުބަލިވެއްޖެކަން އެނގިއްޖެނަމަ، އެހިސާބުން އޭނާ ރޯދަވީއްލަން ވާނެ އެވެ. ބައެއް ކުޑަކުދިންގެ ޞިއްޙީ ޙާލަތު ހުންނަ ގޮތުން ރޯދަހިފުމަކީ، އެކުދިން ކޮށްގެންވާނެ ކަމެއް ނޫނެވެ. އެހެނީ، ރޯދަހިފުން މަނާކުރާ ބަލިތައް ވެ އެވެ. މައިންބަފައިންނާއި ބެލެނިވެރިން މިފަދަ ކަންތައްތަކާމެދު ފަރުވާތެރިވެ، ސަމާލުކަން ދޭންވާނެ އެވެ.

ބަލިމީހުންނާއި ދަތުރުވެރިންނަށް، ރޯދަހިފުމުން އެއްކިބާވެވިދާނެ އެވެ. އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް އެދެބައިމީހުން ޢަމަލުކުރުމަކީ އެންމެ ރަނގަޅު ގޮތެވެ      14.

ފަރޭބުލޮގް

Published by ހުސައިން ނިޔާޒު / ޅޮހި

އެރިނާ އެނިމޭޝަން އިންޓަރނޭޝަނަލް ޕުރޮގުރާމްގެ ދަށުން އެޑްވާންސް ޑިޕްލޮމާ އިން މަލްޓިމީޑިއާ އެނިމޭޝަން ނިންމުމަށްފަހު މަލްޓިމީޑިއާ އާއި ގްރެފިކްސް ޑިޒައިން ބެޗްލާސް 2018 ވަނަ އަހަރު ވަނީ ނިންމާފައެވެ. ސްކޫލް ދައުރުން ފަށައިގެންވެސް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރުމާއި އެކު މަނަދޫ ލައިވް އަދި ލަންދޫ އިންފޯ.ކޮމް, ވަގުތު.އެމްވީ، ގައި ހަބަރާއި އެކި ދާއިރާތަކުގެ ލިޔުންތައް ލިޔެފައިވާނެއެވެ. އަދި ނޯޕްލާސްޓިކް މޯލްޑިވްސްގެ އެއް ފައުންޑާރ އެވެ.

Leave a comment

Your email address will not be published. Required fields are marked *