މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. ކަން ހިނގާފައިވާ އަހަރު ހަނދާނެއް ނެތެވެ. އެހެންނަމަވެސް، އެއީ މާޗު މަހުގެ ހޫނުގަދަ މެންދުރެކެވެ. ހަޔާތުގެ ކުރިމަގާ މެދު ވިސްނާލަން އަހަރެން އިނީ، ބާވެ، ވީރާނާ ވެފައިވާ އަހަރެންގެ ޖިފުޓި ކައިރީގައި ހުރި ޖޯލީގަ އެވެ. އަބަދު ވެސް އެ ތަނަށް ހިޔާ އޮންނާނެ އެވެ. ބޮޑު ބަނބުކެޔޮގަހާއި، އިތުރަށް ހެދި، ވާވެފައިވާ ގަސްގަހުގެ ސަބަބުންނެވެ.

 އެ ދުވަސްވަރަކީ، ރަށްފުށުގައި ކުރާނެ މާ ގިނަ ކަންތައްތަކެއް އޮންނަ ދުވަސްވަރެއް ނޫނެވެ. އަމުދުން އަހަރެން ކަހަލަ، އުމުރުން ދުވަސްވީ މުސްކުޅި އަންހެނަކު ކުރަން އޮންނާނީ ވެސް ކޮން ކަމެއް ހެއްޔެވެ؟ ހުރިހާ ކުދިން ދިރިއުޅެނީ މާލޭގަ އެވެ. އަހަރެންގެ ފިރިމީހާ ނިޔާވިތާ، އޭރު ތިން އަހަރު ފުރެނީ އެވެ. އެކަނިވެރިކަމުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ އެވެ. އެހެންނަމަވެސް، ވަޒީފާތަކުގައި ބުރަކޮށް އުޅޭ ދަރިންގެ ތެރެއިން އެކަކު ކައިރި އަށް ވެސް އަހަރެން ދާހިތެއް ނެތެވެ. ހިނގައްޖެއްޔާ، ބެލުނު ގޮތަކަށް އެ ކުދިން އަހަރެން ބަލާނެ އެވެ. ކުދިންނަށް ބުރަޔަކަށް ވާން އަހަރެން ބޭނުން ނޫނީ އެވެ. ކުދިންގެ އެހީތެރިކަން އަހަންނަށް ލިބެއެވެ. ކެއުންބުއިމާއި، އުނުއޮރިޔާން ނިވާ ވަނީ، އެ ކުދިންގެ ދީލަތިކަމުންނެވެ. އެހެންނަމަވެސް، ކުދިންގެ ޚަރަދުބަރަދު ދެކޮޅުޖެހެނީ ކިރިޔާކަން އަހަންނަށް އެނގެ އެވެ. ކުދިން އެ ވާހަކައެއް ނުބުނެއެވެ. އަހަރެން ވެސް އެނގުނުކަމަކަށް ނުހަދަމެވެ. އެ ނޫން ގޮތެއް ނެތީމަ އެވެ. ހިތަށްއަރަ އެވެ. ރަށް ކައިރީގައި ރިސޯޓެއް ހެދިފައިވާތީވެ، އަހަރެންގެ ގެގަނޑު ރަނގަޅު ފެންވަރަކަށް ހަދާލެވޭނެ ނަމަ އެވެ. ގެސްޓު ޝޮޕެއް ހަދާލަން މީހަކު، ފަހަރެއްގައި ކުއްޔަށް ނަމަވެސް ހިފާނީ އޭރުންނެވެ. އޭރުން އަހަރެން ފުދުންތެރި މީހަކަށް ވީ އެވެ. ފަހަރެއްގައި، ކުދިންނަށް ފޯރުކޮށްދޭނެ ފައިސާކޮޅެއް އަހަންނަށް ލިބިއްޖެއްޔާ، ހިތްހަމަޖެހިގެން އަހަންނަށް މަރަށް އިންތިޒާރުކުރެވިދާނެ އެވެ.

 އަހަރެންގެ ފިރިމީހާ އަކީ ކެޔޮޅެކެވެ. ފިރިމީހާގެ ދުނިޔޭގައި، އަހަންނަކީ ބޭސްވެރިއަކީމެވެ. އަތްމަތި މާބޮޑަށް ދަތިވުމުން، ބޭނުންވާ ބޭސްތައް ނުލިބި، އެ ކަން މަޑުމަޑުން ފަނޑުވީ އެވެ. ދެން އަހަންނަށް ތަނަވަސްކަމެއް ލިބޭނީ ކޮން ގޮތަކުން ހެއްޔެވެ؟ އެއްވެސް ގޮތެއް ނެތެވެ. އެކަމަކު، އަތްމަތި ތަނަވަސްކޮށްދެއްވާތޯ، ކަލާނގެ ކިބައަށް އަހަރެން ދުޢާ ދަންނަވަމެވެ. ﷲ ދުނިޔޭގައި ލައްވާފައިވާ އަޖައިބުކުރުވަނިމި ހެކިތަކަށް ބަލާއިރު، އަހަންނަށް މަގެއް ފަހިކޮށްދިނުން އެއީ އެ ފަރާތަށް ދާދި ކުޑަކަމެކެވެ. ހިތަށްއަރަނީ އެހެންނެވެ. ބުނާތީ އަހަމެވެ. ހީވެސް ނުކުރާ ގޮތްގޮތުން އެ ކަލާނގެ ރިޒުގު ދެއްވައެވެ. ބޭނުންވަނީ، ވަރުގަދަ ޢަޤީދާއަކާއި އުންމީދެވެ. އެ ފިކުރުތައް އަހަރެން ކުރަމުންދިޔައިރު އަހަރެންގެ ދުޢާ، އޯގާތެރި ﷲ އިޖާބަކުރައްވައިފިކަމެއް، އޭރަކު އަހަރެން ނުދެނަހުރީމެވެ.

 އެއް ދުވަހެއްގެ ހެނދުނެވެ. ރަށަށް ފެތުރިގެން އައި އިރުގެ އަލިކަމާ އެކުގައި، އެހެން ޚަބަރެއް ވެސް އަހަރެންގެ ކަންފަތުގައި ޖެހުނެވެ. ވަރަށް ބޮޑު މަހުޖަނެއްގެ ޔޮޓު ރަށަށް އަންނަ ވާހަކަ އެވެ. ދުނިޔެ ބަލައިލަން އޭނަ ކުރާ ދަތުރުގައި، އަހަރެންގެ ރަށް ހިމެނުނީ ކީއްވެގެންކަމެއް އަހަންނަކަށް ނޭނގެ އެވެ. ހަނދާންވާ ގޮތުގައި އެއީ އިނގެރޭސިވިލާތުގެ ފިރިހެނެކެވެ. އެ ޚަބަރު ލިބިގެން، ރަށުގެ ޒުވާން ފުރައިގެ އަންހެންކުދިން އެކި ކަހަލަ ސަމާސަކުރާ އަޑު އަހަރެން އެހީމެވެ. އެ މީހާއާ ކައިވެނި ކުރެވިއްޖެއްޔާ އެ ކުއްޖެއްގެ ހަޔާތަށް އަންނާނެ އުފާވެރިކަމުގެ ވާހަކަ އެވެ. އަހަރެން ހިތަށްއެރި އެވެ. އެއީ، މީހަކާ ނީންނަ މީހަކީބާ އެވެ؟

 އެ ޔޮޓު ބަނދަރުކުރި އެވެ. މަންޒަރު ބަލާލަން އަހަރެން ވެސް އަތިރިމައްޗަށް ދިޔައީމެވެ. ހަޔާތުގައި އެ ފަދަ އުޅަނދެއް ފެނުނު ފުރަތަމަ ފަހަރަކީ އެއީ އެވެ. ރަށުގެ އެންމެން ކަހަލަ ގޮތަކަށް އެ ތަނަށް އެއްވެފައި އޮތެވެ. ދެން ހިތަށްއެރި އެވެ. މަހުޖަނުން ތިބޭ ގޮތް ވާނީ ބަލާލާށެވެ. އެއީ ވެސް ހަމަ އަހަރެން ކަހަލަ އިންސާނަކަށް ނޫނީ ނުވާނެ އެވެ. ޔޮޓުން ބޭލި، އިންޖީނުލީ ކުޑަ އުޅަނދެއްގައި، އެ ބުނާ މީހަކު ރަށަށް ފޭބިތަން ދުށީމެވެ. އޭނަ އަށް ކިޔަނީ ރިޗަޑް އެވެ.

 ރިޗަޑް އަކީ، މެދު އުމުރުން މައްޗަށް ގޮސްފައިވާ މީހެކެވެ. ދޮންކަމުން ހީވަނީ ކަފަކޮޅެއް ހެންނެވެ. އޭނަ ލައިގެން ހުރީ، ވަރަށް އާދައިގެ ގަމީހަކާއި ފަޓުލޫނުބުރިއެކެވެ. ހިނގާއިރު ކޮރެއްޖަހަ އެވެ. އަތުގައި އަސައެއް އޮތެވެ. އޭނަގެ ކަނައަތް ފަރާތުގައި ހުރީ، ލަފާކުރެވޭ ގޮތުގައި އޭނަގެ އަންހެނުންނެވެ. ކަތީބު ހުރީ ވައަތްފަރާތުގަ އެވެ. ރިޗަޑްގެ ފަހަތުން ރަށުގެ ކުދިވެރިން، ހިނިރޮނގު ހަދައިގެން އައެވެ. އަހަރެން ހުރަސްކޮށްފައި ރިޗަޑް ދިޔައިރު، އަހަންނަށް ޝައްކެއް ވިއެވެ. އޭނަ ޖަހަމުންދިޔަ ކޮރަށް އަހަރެންގެ ސަމާލުކަން ހުއްޓުނެވެ. އެ ފަޔަށް ވެފައި ހުރީ ކީއްކަން އަހަންނަށް އެނގެ އެވެ. އެ ކަން ރަނގަޅު ކުރިދާނެ އެވެ. ދެން ހިތަށްއެރި އެވެ. ނޫނެކެވެ. ރަނގަޅު ކުރެވޭނެ ނަމަ، އޭނަ ނުކޮށް ހުންނާނެ ހެއްޔެވެ؟ ދުނިޔޭގައި އޭނަ އަށް ބޭސް ނުކުރެވޭނެ ތަނެއް ނުހުންނާނެ އެވެ. އެހެންނަމަވެސް، އަހަރެންގެ ހިތް ބުންޏެވެ. އެ ކޮރުޖެހުން ރަނގަޅު ކުރެވޭނެ އެވެ. އަހަންނަކީ، ތެޔޮދެމުމުގެ ތަޖުރިބާ ހުރި މީހެކެވެ. އެންމެ މޮޅަށް އަހަރެން ކުރި ކަމަކީ ވެސް އެއީ އެވެ. ވިލާތުން ފުރައިގެން އަހަރެންގެ ރަށަށް އޭނަ އައުމުގައި ޙިކުމަތެއް ނޯވެއެއް ނުދާނެ އެވެ.

 ރިޗަޑް ރަށަށް ބޭސް ހަދިޔާކުރި އެވެ. މާ ބައިވަރެއް ނޫނެވެ. އެކަމަކު، ރަށާ އަޅާބަލާއިރު، ޝުކުރު ކުރާހާ ވެއެވެ. ރަށުތެރެ ބަލާލުމަށްޓަކައި، ތަންތަނަށް ވަންނަމުން ރިޗަޑް ހިނގި އެވެ. ލިބުނު ދަނޑިވަޅެއްގައި، ކަތީބުއާ އަހަރެން ވާހަކަދެއްކީމެވެ.

 “އޭނަގެ ފައި ރަނގަޅު ކުރެވިދާނެހެން ހާދަހާ ހީވެއޭ.” އަހަރެން ބުނީމެވެ.

 އަހަރެންގެ ފަރުވާއާ މެދު ކަތީބު ޝައްކެއް ނުކުރާނެ އެވެ. އަހަރެންގެ ރަން ދުވަސްވަރު އެ ކަން އޮންނާނީ ސާބިތުކޮށްދީފަ އެވެ. ރިޗަޑްގެ ކަންފަތަށް ކަތީބު އެ ޚަބަރު ގެންގޮސްދިނީ އެހެންވެ އެވެ. ރިޗަޑް އައެވެ. އަހަންނާ ބައްދަލުކުރި އެވެ.

 “އަހަރެން މި ފަޔަށް އެމެރިކާއިން ވެސް ބޭސްކުރިން،” އޯގާތެރިކަމާ އެކުގައި އޭނަ ބުންޏެވެ. “އަހަރެންގެ ރަށުގެ އެންމެ މޮޅެތި ޑޮކްޓަރުންނަށް ދެއްކިން. އެކަމަކު، އަސާގަނޑު ދޫކޮށްލެވޭ ވަރެއް ނުވި.”

 އަހަރެން ބުނާނީ ކީކޭ ހެއްޔެވެ؟ އަހަންނަކީ އެ ބުނާ ފަދަ މޮޅު ޑޮކްޓަރެއް ނޫނެވެ.

 “އެއް ދުވަހުން ނިމޭނެތަ؟” ރިޗަޑް އެހި އެވެ. “އެހެންނޫނީ ދަތުރަށް ވަރަށް ބޮޑު ބަދަލެއް ގެންނަންޖެހޭނެ.”

 “އެއް ދުވަހަކުން ނުނިމޭނެ.” އަހަރެން ބުނީމެވެ.

 ރިޗަޑް ވިސްނާލި އެވެ. އޭނަ އިތުބާރުކުރަން އަހަރެން މީ ކާކު ހެއްޔެވެ؟

 “އަޅެ އެއް ފަހަރު އަހަރެން ތެޔޮދަމާލަންތަ؟” ކަތީބު ގާތުގައި އެހީމެވެ.

 ރިޗަޑް އާއި ކަތީބު ވާހަކަތަކެއް ދެއްކި އެވެ. އޮޕަރޭޝަނެއް ނުކޮށް، ބޭސްތަކެއް ކާން ނުޖެހޭތީވެ، ރިޗަޑް އެއްބަސްވި އެވެ. އަހަރެން ބޭނުންވި ތެޔޮ ރަށުން ލިބެން ހުއްޓެވެ. ހުރިހާ ވެސް ސަމާލުކަމެއް އަހަރެން ދިނީ، ފައިގެ ވަކި ނާރަކަށެވެ. ކައްޓަށް ނުވަތަ މަހަކަށް ނޫނެވެ. ތެޔޮދަމާ ނިމިގެން އޭނަ ތެދުވެފައި ހިނިތުންވެލި އެވެ. ޝުކުރުވެރިކަމާ އެކުގައި އަހަންނަށް ބަލައިލި އެވެ.

 “ޔަގީނުން ވެސް ކުރި އަށް ވުރެ ރަނގަޅު،” އޭނަ ބުންޏެވެ. “އަހަރެން ހަމަ އަޖައިބުވެއްޖެ!”

 އޭނަގެ އިތުބާރު އަހަންނަށް ލިބުނެވެ. ދަތުރުގެ ތާވަލު ބަދަލުކޮށްފައި، އަހަރެން ބޭނުން މުއްދަތަކަށް ރަށުގައި މަޑުކުރަން ރިޗަޑް ނިންމި އެވެ. އަހަރެން ބޭނުންވީ އެންމެ ހަފުތާއެކެވެ. އެހެންނަމަވެސް، ތިން ވަނަ އަށް ވީ ދުވަހު، އަސާ ބޭނުން ނުކޮށް އޭނަ ހިނގަންފެށި އެވެ. ހައިރާނަށް ވުރެ ބޮޑަށް، އުފަލުން ގޮސް އޭނަ އަށް ރޮވުނީ އެވެ. އަދި، ކުޑަކުޑަ ރަށެއްގައި ހުރި، އަހަރެން ފަދަ ނިކަމެތި މީހެއްގެ ކިބައިގައި ހުރި ހުނަރަށް އޭނަ ތަޢުރީފުކުރި އެވެ. މަސައްކަތުގެ އަގު ވަޒަންކުރި އެވެ.

 “އަގު ކިޔާ!” އޭނަ ޖޯޝާއެކުގައި އެދުނެވެ. “ވަރިހަމަ ކޮންމެ އަގެއް ކިޔަސް.”

 އަހަރެން ގާތަށް އައީ ހިންޏެވެ. ކުރި މަސައްކަތަށް އަހަރެން ކިޔާނެ މާ ބޮޑު އަގެއް ނެތީމަ އެވެ.

 “ފަންސާސް ރުފިޔާ!” އަހަރެން ބުނީމެވެ.

 ކަތީބު މެދުވެރިކޮށް، އެ އަގު ބުނުމުން ރިޗަޑް ހޭންފެށި ގޮތަށް، ދެން ހުއްޓާލާނީ ކޮންއިރަކުންބާއޭ އަހަރެންގެ ހިތަށްއަރާ ވަރު ވި އެވެ. އަދި، ހޭނެ ވަރަކަށް ހުނުމަށްފަހު، އެ އަގު ދޭން އޭނަ އިންކާރު ކުރި އެވެ.

 “ތި އަގެއް ނުލިބޭނެ،” ހިނިތުންވެފައި ރިޗަޑް ބުންޏެވެ. “މަށަށް އެނގޭނީ ދޭނެ އަގު.”

 ރިޗަޑް ބޭނުންވީ އަހަރެންގެ ގެ ހަދައިދޭށެވެ. ރަށުގައި ނެތް ފެންވަރުގެ ރީތި އަދި ބޮޑު ގެއެކެވެ. އެ ވަގުތު، އަހަރެންގެ ލޮލުން ކަރުނަ އައެވެ. ބޭއިޚުތިޔާރުގައި އުޑަށް ބަލާލެވުނެވެ. ޝުކުރުވެރިކަމުން އަހަރެންގެ ހިތް އުތުރުއެރި ކަހަލަ އެވެ.

 ގެސްޓު ހައުސް އަކާއި، ގެސްޓު ފިހާރަ އެއް މިހާރު އެހެރީ އަހަރެންގެ ޖިފުޓި ކުރިން ހުރި ތަނުގަ އެވެ. ކުދިންނަށް މިހާރު އަހަރެން ފައިސާ ފޮނުވަމެވެ. އާނއެކެވެ. ކަލާނގެ އިރާދަކުރައްވައިފި އަޅަކަށް، ހީވެސް ނުކުރާ ގޮތްގޮތުން އެ ކަލާނގެ ރިޒުގު ދެއްވައެވެ. އިނގެރޭސިވިލާތު ކްރިސްޓިއަން މަހުޖަނެއްގެ އަތަށް އަހަރެންގެ ރޯދި ދެއްވި އެވެ. ރާއްޖޭގެ ހުރި ނިކަމެތި އިސްލާމެއްގެ އަތުގަ އޭނަގެ ޝިފާ ލެއްވި އެވެ. ﷲ ކަންކަން ނިންމަވާ ގޮތްގޮތާއި، ދެއްވަވާ ވަގުތަކީ އިންސާނުންގެ ބުއްދި އަށް ވިސްނޭނެ އެއްޗެއް ނޫނެވެ. އެހެންނަމަވެސް، އެ ކަމެއް ނިންމެވުމާއެކު، ދެން ޖެހޭނީ އެ ކަމެއް ވާށެވެ. އެއީ، އެއް ބައްރުގައިވާ ރޯއްޖެއް އަނެއް ބައްރަށް ދަތުރުކުރުން ކަމުގައި ވިޔަސްވެހެވެ. އީމާންވާށެވެ. ޢަޤީދާ ވަރުގަދަކުރާށެވެ. އެ އަށް ފަހު ރިޒުގަށް އެދޭށެވެ.

 ނިމުނީ

Leave a comment

Your email address will not be published. Required fields are marked *