ހ. އާޘާރީ ހުކުރު މިސްކިތާއި މުންނާރު

ހއ. ބާރަށުގައި އާޘާރީ ހުކުރު މިސްކިތަކާއި، އެމިސްކިތުގެ އުތުރު ހުޅަނގު ކަނުގައި ހަތަރެސްކަނަށް ބިނާކޮށްފައިވާ ވަރަށް އާޘާރީ މުންނާރެއް އެބަހުއްޓެވެ. މި މުންނާރުގެ މިންތަކަކީ އުސްމިން 9 ފޫޓް 4 އިންޗި، ފުޅާމިން 7 ފޫޓް 3 އިންޗި، ބިމުން ފަށައިގެން ތިރީ ބަރުފޯހާއި ހަމައަށް އުސްމިން 2 ފޫޓް 10 އިންޗި އެވެ. މީގެ ދޮރުހުރީ ދެކުނަށެވެ. ދޮރުން އުތުރު އަތަށް އަރާން 4 ހަރުފަތްގަނޑު އެބަހުއްޓެވެ. މިތަނުން ހުޅަނގު އަތަށް އަރަން ހުރީ 2 ހަރުފަތް ގަނޑެވެ. ދޮރުގެ ފުޅާމިނުގައި 2 ފޫޓް އުސްމިނުގައި 5 ފޫޓް 1 އިންޗި އެބަހުއްޓެވެ. މިތަން ރާނާފައިހުރީ ވެލިގަލުންނެވެ. މި މުންނާރަކީ ދެއްވަދޫ ރަސްގެފާނު މިސްކިތާއެކީ ބެހެއްޓެވި  މުންނާރެއް ކަމުގައި ބުނެއުޅެއެވެ.  މި މިސްކިތުގެ އުތުރުދާލައިގެ ހުޅަނގު ކޮޅުމަތީގައި ސަނދުވާ ދަމާފައި އިހަށް ހުއްޓެވެ. މިތަނަކީ އުތީމު ބަންޑާރައިން، ( ބޮޑުތަކުރުފާނު ) ނަމާދުފުޅުކުރެއްވިތަން ކަމުގައި ބުނެއުޅެއެވެ. ( މި މިސްކިތްކުރިން އެތާނގައި ހުރިމިސްކިތެއްގައި އުތީމު ބަންޑާރައިން ނަމާދުފުޅު ކުރައްވައި އުޅުއްވި ކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ. )  މި މިސްކިތަކީ މުސްކުޅިގޮތަށް ހަދާފައި، ބާވިބާވިހެން މަރާމާތުކުރަމުން އައިސްފައިވާ، ދުވަސްވީ މިސްކިތެކެވެ. މިސްކިތާއި މުންނާރުގެ ރޭނުންހުރީ ދާދި އެއްސިފައަކަށެވެ. މިމިސްކިތާއި މުންނާރު ވަރަށްބޮޑަށް ހަލާކުވެފައިވުމާއެކު، 2002 ވަނަ އަހަރުގެ ތެރޭގައި ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ފަރާތުން މިތަންތަން މިހާރުވަނީ މަރާމާތު ކުރައްވާފައެވެ.

ށ. ޤަދީމީ ގަލެއް

މި ރަށުގެ ދެކުނުކޮޅުގައިވާ، މީހުންނޫޅޭ ސަރަޙައްދުން ވަރަށް ޤަދީމީ ގަލެއް ފެނިފައިވެއެވެ.  އަލްއުސްތާޛް މުޙައްމަދު އިބުރާހިމް ލުތުފީ ވިދާޅުވި ގޮތުގައި، މިތަނަކީ އިހުގައި ޢީދުނަމާދު ކުރަމުން އައިތަނެކެވެ. މިގަލަކީ މިންބަރު ކަމުގައި މީހުން ބަލާއުޅުނެވެ. މިގަލަށް އެއްވެސް ގެއްލުމެއް ނުލިބި އެބައޮތެވެ.

ނ. އާޘާރީ ވަޅު

މިރަށުގައި ދެ އާޘާރީ ވަޅު އެބަހުއްޓެވެ. ބުނެވޭގޮތުގައި މިއީ އުތީމު ތިންބެއިން “ކަޅުއޮށްފުންމި” ބެންނެވި ތަނުގައި ދެލި އުނބަށް ފެންޖަހަން ބެހެއްޓެވި 2 ވަޅެވެ. މިތަނުން އެއް ވަޅަކީ ޑައިމީޓަރުގައި 3 ފޫޓުހުރި، 8 ކަންލީ ވަޅެކެވެ. އަނެއްވަޅަކީ 2 ފޫޓް 2 އިނޗީގެ ވަޅެކެވެ. މިދެވަޅަށް ގެއްލުމެއް ލިބިފައި ނުވިނަމަވެސް މިތަންވަނީ މަރާމާތުކުރުމުގެ ގޮތުން ބޭރުން ރާނާފައެވެ.

ރ. ތިން ބެރެބެދި

މިރަށުގައި “ތިންބެރެބެދި” ކިޔާ އާޘާރީ ސަރަހައްދެއްވެސް އޮވެއެވެ. މިތަނަކީ ޕޯޒްގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކުރެއްވުމަށް މުޙައްމަދު ތަކުރުފާނު ކުރެއްވި ހަނގުރާމައިގައި ބޭނުންކުރެއްވި އޮޑި ” ކަޅުއޮށްފުންމީ” ގައި  ވަދެ މިކުމެވީ ދިމާކަމަށް ބުނެވެއެވެ.

ބ. ކަމަނާ މަގު

ހުކުރު މިސްކިތުން އިރަށް ދާންއޮތް މަގަށް ކިޔައި އުޅެނީ ކަމަނާ މަގެވެ. އެއީ މުޙައްމަދު ތަކުރުފާނު ރެހެންދި ގޮއްޔެ ގޮވައިގެން ހިންގެވި މަގުކަމުގައި ބުނެވެއެވެ. މި މަގުގައި އެޒަމާނުގެ ފެންވަޅެއް އެބަހުއްޓެވެ.

ޅ. ކާނިގަސް

މިރަށުގެ ޢީދުކުޅޭ މަގުގައި “ކަޅުއޮށްފުންމި” އަލަށް ބަންނަވައިގެން ރިޔާފައްސަވަން ޖެއްސެވި ކާނި ކަޑަ ކަމުގައިބުނާ ވަރަށްގިނަ ޒަމާންވީ  ކާނިގަހެއް އެބަހުއްޓެވެ.

ކ. ކަނބާ އައިސާގެ މަހާނަ

މިހާރު މިރަށު ސުކޫލް ހުރިމަގުގައި، ކަނބާއައިސާގެ މަހާނަފުޅުކަމަށް ބުނެވޭ މަހާނައަކީވެސް ރައްކާތެރި ކުރަންވެފައިހުރި ތަނެއްކަމަށް ފާހަގަކުރެވެއެވެ.

އ. “ކަޅުއޮށްފުންމިބެންނެވި ތަނާއި އެތާންގެ ދެފާރާތުގައި ހުރި ދެނިކަގަސް

“ކަޅުއޮށްފުންމި” ބެންނެވިތަން ކަމަށްބުނާ ތަނާއި އެތަނުގެ ދެފަރާތުގައި ހުންނަ ނިކަގަހާއި ހަރުގޭގެ ދެ މުޑި ކަމަށްބުނާ ދެ މުޑިވެސް މިސަރަޙައްދުގައި ވެއެވެ.

މިއީ ” ދިވެހިރާއްޖޭގައި ހުރި އާޘާރީ ތަންތަން” މިފޮތުން ނަގާފައިވާ ލިޔުމެކެވެ. އަދި މިއީ މިފޮތް ކިޔާލުމުގެ ފުރުޞަތު ލިބިފައިނުވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުމުގެ ގޮތުން ލިޔާ ސިލްސިލާ ލިޔުން ތަކެކެވެ.

Published by އަބޫ ނީމް

އަބޫ ނީމް އަކީ ލިޔުންތެރިކަމަށް ވަރަށް ޝައުޤުވެރި ލިޔުންތެރިކަމުގެ ތެރެއަށް ވަންނަމުން އަންނަ ޒުވާނެކެވެ.

Leave a comment

Your email address will not be published. Required fields are marked *

ނ. ކުރެދިވަރުގެ ހުކުރު މިސްކިތް ބިނާކުރެވުނީ އަލްއުސްތާޛް މުޒައްފަރު މުޙައްމަދު އިމާދުއްދީންގެ ރަސްކަމުގައި 1121ހ، (1709މ.) ވަނަ އަހަރުގައެވެ. މިރަށް ގިރަމުންގޮސް  ކުކުރު މިސްކިތާއި އެމިސްކިތުގެ ގަބުރުސްތާނުން ބޮޑުބައެއް ގިރައިގެން ދިއުމާއި ރަށުގެ ފެން ލޮނުވުމުން، 27 ޖޫން 1943މ. އެރަށު މީހުން ނ. އަތޮޅު ބޮމަސްދުއަށް ބަދަލުކުރެވުނެވެ. ބޮމަސްދޫވެސް ގިރަންފެށުމާއި ށ. ފަރުކޮޅު ފުނަދޫ އާބާދުކުރުމުގެ ގޮތުން 26 ސެޕްޓެމްބަރ 1970މ. ގައި، ބޮމަސްދޫގައި ތިބި ކުރެދިވަރު މީހުންފަރުކޮޅުފުނަދޫއަށް ވަނީ ބަދަލުކުރައްވާފައެވެ.

ބުނެވޭ ގޮތުގައި ކުރެދިވަރު ފަޅުވީ އެރަށުގައި އުފެދުނުބޮޑު ފިތުނަވެރިކަމެއްގައި، އެފިތުނައިގެ ދެފަރާތުގައި ތިބި ވާދަވެރިން ސިހުރުހާހޫރައިގެ ތަކެތި ރަށުގެ އެތަންމިތަނުގައި ވަޅުލައި ހެދުމުން އެތަކެތި ހުރިތަންތަން ގިރައި”ކަނޑަށް” ވެގެންނެވެ. ކުރިން ކުރެދިވަރުގައި ތިބީ ނ. އަތޮޅު އެކުޅިވަރުގައި ތިބި މީހުންނެވެ. ބުނެވޭގޮތުގައި އެކުޅިވަރު މީހުންދާ ކޮންމެރަށަކުން މީހުން ފައިބަން ޖެހެނީ “ރައްގިރާތީ” އެވެ. ކުރެދިވަރު ގިރަމުންދިޔަ ވެލިގަނޑުން ރަށުގެ ދެކުނުކޮޅުގައި ފިނޮޅުއަޅައި، ރަށާއެކުވޮޑި، މިހާރުއަސްލު ކުރެދިވާރާއެއްވަރު ރަށެއްއުފެދި، ރުއްގަސް ހެދިފައި ވެއެވެ. އަސްލު ކުރެދިވަރުން ނުގިރައި އޮތީ ވަރަށް ކުޑަތަންކޮޅެކެވެ.

ކުރެދިވަރަކީ އަލްޤާޟީ ޙަސަން ތާޖުއްދީންގެ އަނބިކަނބަލުންގެ ރަށެވެ. ނަމަވެސް މި އަނބިކަނބަލުންގެ ނަންފުޅު އަދިވަނީ ނޭނގުމުގެ ތެރޭގައެވެ. ތާޖުއްދީނުގެ ކާފަދަރިކަލުން އަލްޤާޟީ އިބްރާހިމް ސިރާޖުއްދީން ނިޔައުވެ ވަޅުލެވިފައިވަނީ އެރަށުގައެވެ. މަހާނަގަލުގައި އޮތީ”… ނިޔައުވީ 1182ހ. ވަނަ އަހަރު ރަބީޢުލްއާޚިރު މަހުގެ 4 ވީ ބުރާސްފަތި ވިލާރޭ” އެވެ.

މިއީ ” ދިވެހިރާއްޖޭގައި ހުރި އާޘާރީ ތަންތަން” މިފޮތުން ނަގާފައިވާ ލިޔުމެކެވެ. އަދި މިއީ މިފޮތް ކިޔާލުމުގެ ފުރުޞަތު ލިބިފައިނުވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުމުގެ ގޮތުން ލިޔާ ސިލްސިލާ ލިޔުން ތަކެކެވެ.

Published by އަބޫ ނީމް

އަބޫ ނީމް އަކީ ލިޔުންތެރިކަމަށް ވަރަށް ޝައުޤުވެރި ލިޔުންތެރިކަމުގެ ތެރެއަށް ވަންނަމުން އަންނަ ޒުވާނެކެވެ.

Leave a comment

Your email address will not be published. Required fields are marked *

 ނ. މިލަދޫގައި” ރެދިންގެ ގައުފުނި” ކިޔާ ތަނަކާއި ” އުސްގަނޑު” ކިޔާތަނެއް އޮވެއެވެ. 1987 ވަނަ އަހަރުގެ މެއިމަހުގެ ތެރޭގައި އާކިއޮލޮޖިކަލް ސާރވޭ އޮފް އިންޑިއާ ޓީމަކާއި އަލްއުސްތާޛް މުޙައްމަދު އިބުރާހިމް ލުތުފީ މިރަށް ތަޙުޤީޤު ކުރެއްވިއެވެ.

މި ސަރަހައްދުން ގޯތިދެވި، ސަރަހައްދުގެ ބޮޑުބައިވަނީ އާބާދީގެ ތެރެއަށް ވަދެފައެވެ. އަލްއަމީރު މުހައްމަދު އަމީނުގެ ވެރިކަމުގައި ބަޔަކުމީހުން މިތަނުން ގާނަގަނިކޮން، ހިރިގަލުން ހުރި ފޮއްޓަކާއި އޭގެތެރޭގައިވާ ތަކެތި ފެނިގެން، އެތަކެތި މާލެއަށް ފޮނުވުނުކަމަށް ރަށުއޮފީހުން އަލްއުސްތާޛް މުޙައްމަދު އިބުރާހިމް ލުތުފީއަށް މަޢުލޫމާތު އެރުވިއެވެ. ތަނުގެ ހުރަސްފާރުތަކާއި ސަރަހައްދުގެ ވަށާފާރުގެ ހުރަސްކޮޅުތައް، ގިރައިގެން ގޮސްފައިވާތަނުން ފެންނަން 1987 ވަނަ އަހަރު ހުއްޓެވެ. ރަށުގެ މެދު ތެރެއިން ކޮންނަމުންދާއިރު ބުޑިސްޓް ދީނުގެ ދުވަސްވަރުގެ ގަލާއި އެފަދަ ތަކެތި ނެގޭކަމަށް ބުނެއެވެ. ފެންނަފެނުމުގައި މިރަށަކީ ކުރީޒަމާނުގައި މުހިންމު ރަށެކެވެ. އަދި ފަހުންވެސް ހަރުދަނާބަޔަކު އުޅެމުން އައިސްފައިވާ ރަށެކެވެ. ނ. އަތޮޅުގެ ނަން” މިލަދުންމަޑުލު” ނިސްބަތް ކުރެވިފައިވަނީ މިރަށަށް ކަމަށްވާތި، އިހުޒަމާނުގައި އަތޮޅުގެ އެންމެ އިސްރަށަކީ މިލަދޫ ކަމަށް ބެލެވެއެވެ.

“ރެދިންގެ ގައުފުނި” ކިޔާ ތަނަކީ އެރަށުގައި ބުޑިސްޓް މޮނާސްޓްރީއެއް ހުރި ތަނެއްކަމަށް އާރކިއޮލޮޖިކަލް ސާރވޭ އޮފް އިންޑިއާގެ ޓީމުން ވިދާޅުވިއެވެ. މިތަންހުރީ ރަށުގެ އިރުމަތި ފަރާތުގައެވެ. އެދިމާއިން 150 ވަރަކަށް ފޫޓް ގިރައިގެން ތަނުގެ ބޮޑުބައިވަނީ މޫދަށް ގޮސްފައެވެ. ކުރިން މިތަނާ ގޮނޑުދޮށާ ދެމެދު 180 ފޫޓް ނުވަތަ 200 ފޫޓް ހުންނާނެ ކަމުގެ ހެކި އިބްރާހިމް ލުތުފީއަށް ފެނިވަޑައިގަތެވެ. މިތަނަކީ ތަޙުޤީޤް ކުރަންވެފައިވާ މުހިންމު ތަނެކެވެ.

މިރަށުގައިހުރި ދެވަނަ އުސްގަނޑަކީ ކުނި އެޅުމުގެ ސަބަބުން ގޮނޑަކަށްވެ އުސްގަނޑަކަށް ވެފައިވާ ތަނެއް ކަމުގައި އަލް އުސްތާޛް އިބްރާހިމް ލުތުފީ ވިދާޅުވެފައި ވެއެވެ.

މިރަށުގައިވާ އާޘާރީ ތަންތަނަކީ އިތުރަށް ތަޙުޤީޤް ކުރުމަށް ބޭނުންވާ ތަންތަނެވެ.

މިއީ ” ދިވެހިރާއްޖޭގައި ހުރި އާޘާރީ ތަންތަން” މިފޮތުން ނަގާފައިވާ ލިޔުމެކެވެ. އަދި މިއީ މިފޮތް ކިޔާލުމުގެ ފުރުޞަތު ލިބިފައިނުވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުމުގެ ގޮތުން ލިޔާ ސިލްސިލާ ލިޔުން ތަކެކެވެ.

Published by އަބޫ ނީމް

އަބޫ ނީމް އަކީ ލިޔުންތެރިކަމަށް ވަރަށް ޝައުޤުވެރި ލިޔުންތެރިކަމުގެ ތެރެއަށް ވަންނަމުން އަންނަ ޒުވާނެކެވެ.

Leave a comment

Your email address will not be published. Required fields are marked *