ދީން

ރަމަޟާން މަހާއި ރޯދަ : ލައިލަތުލް ޤަދްރި ވިލޭރޭ ހޯދަން މަސައްކަތްކުރުން

ލައިލަތުލް ޤަދްރި ވިލޭރެއަކީ ކޮން ރެއެއްކަން ކަނޑައެޅިގެން ބަޔާން ކުރައްވާފައި ނުވިނަމަވެސް އެރޭވަނީ ރަމަޟާންމަހުގެ ފަހުދިހައިގެ ރޭތަކުގެ ތެރޭގައިކަން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ޙަދީޘްފުޅުތަކުން ވަނީ ޘާބިތުވެފައެވެ. ޚާއްޞަކޮށް ފަހުދިހައިގެ އޮނަހިރި ރޭތަކުގެ ތެރޭގައި އެރޭވާކަމަށް އިޝާރާތް ކުރައްވާ ވިދާޅުވެފައިވާ ބަސްފުޅުތައް ވަރަށް ގިނައެވެ.

ލައިލަތުލް ޤަދްރި ވިލޭރެއަކީ ކޮންރެއެއްކަމާއި މެދުގައި ޢިލްމުވެރިންގެ ބަސްފުޅުތައް އައިސްފައިވެއެވެ. މިކަމާބެހޭގޮތުން 40 އަށްވުރެ ގިނަ ބަސްފުޅު ވާރިދުވެގެން އައިސްފައިވާކަމަށް ޢިލްމުވެރިން ލިޔުއްވާފައިވެއެވެ.

ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި، އެރެއަކީ ރަމަޟާންމަހުގެ 21 ވިލޭރެއެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ އެއީ 23 ވިލޭރޭ ކަމުގައެވެ. އަދި އަނެއްބައި ޢިލްމުވެރިން އެއީ 25 ވިލޭރޭ ކަމަށް ވިދާޅުވާއިރު އެހެން ޢިލްމުވެރިން އެއި 27 ވިލޭރޭ ކަމަށް ބަޔާން ކުރައްވާފައިވެއެވެ.

ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ލައިލަތުލްޤަދްރި ވިލޭރެއަކީ ރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުގެ ތެރެއިން ބަދަލުވަމުން އަންނަ ރެއެކެވެ. އަދި ކޮންމެ އަހަރަކު އެރޭ ދިމާވާނީ އެއްރެއަކާނޫނެވެ. އެއްއަހަރު އެރެއަކީ 21 ކަމަށް ވެފައި އަނެއް އަހަރު އެއީ 23 ވިލޭރޭ ކަމަށްވެސް ވެދާނެއެވެ. އަދި އެއްއަހަރު އެއީ 27 ނުވަތަ 29 ވިލޭރެއަށްވެސް ވެދާނެއެވެ. މީގެ މާނައަކީ ލައިލަތުލްޤަދްރިވިލޭރެއަކީ ބަދަލުވަމުންދާ ރެއެކެވެ. އެރޭ ދިމާވާނީ އެކި ރަމަޟާންމަހު އެކި ރޭޔާއިއެވެ. އެހެންނަމަވެސް އެރޭވަނީ ރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުގައިކަން ކީރިތި ރަސޫލާ ގެ ބަސްފުޅުތަކުން ޘާބިތުވެއެވެ.

ކޮންމެ އަކަސް ޔަޤީންކަމާއެކު އެރޭ ހޯދައި އެރޭގައި އަޅުކަން ކުރަން ބޭނުންނަމަ އަޅުގަނޑުމެން މުޅި ރަމަޟާންމަހުގެ ހުރިހާ ރެއެއްގައި އަޅުކަން ކުރަންވީއެވެ. އެއިރުން ހަމަ ޔަގީނުންވެސް އެރޭ ނައްޓައެއް ނުލާނައެވެ. އެހެނީ އެރޭވަނީ ރަމަޟާންމަހުގައިކަން ކީރިތި ޤްރުއާނުގައި ޞަރީހަކޮށްވަނީ އަންގަވާފައެވެ. އަދި ލޮބުވެތި ރަސޫލާގެ ސުންނަތުންވެސް އެރެއަކީ ރަމަޟާންމަހުގައިވާ ރެއެއްކަން ޘާބިތުވެފައިވެއެވެ.

ލައިލަތުލްޤަދްރި ވިލޭރޭ އިޙްޔާ ކުރުމުގެ ގޮތުން ކުރާނެ ވަކި އަޅުކަމެއް ޚާއްޞަ ކުރައްވާފައެއް ނުވެއެވެ. އެހެންކަމަށްވުމާއެކު އެރޭ ތަރާވީޙް ނަމާދު ކުރުމާއި، ﷲ ގެ މަތިން ގިނަގިނައިން ހަނދުމަކުރުމާއި، ދަމުނަމާދު ކުރުން ފަދަ ހުރިހާ ހެޔޮކަމެއް ކުރުމަކީ އެދެވިގެންވާކަމެކެވެ.

ވީމާ އެމަތިވެރި ރޭ ހޯދުމަށްޓަކައި، މިބަރަކާތްތެރި މައްސަރުން ބާކީ މިއޮތް ރޭތައް ގިނައިން އަޅުކަން ކުރުމުގައި ހޭދަކުރެވޭތޯ ބަލަންވީއެވެ. އަދި އެމީހެއްގެ މުޅިޙަޔާތް އެއްވެސް ހެޔޮކަމެއްނުކޮށް ބޭކާރުގޮތުގައި ނަގާލިމީހުން ލައިލަތުލްޤަދްރިވިލޭރޭ ހޯދުމަށް ހީވާގި ކަމާއެކު މަސައްކަތް ކުރަންވީއެވެ. އެއިރުން ގެއްލިގެން އެދިޔަ ޢުމުރުގެ އަގު ހުރި ދުވަސްތައްއަނބުރާ ލިބިގަނެވިދާނެއެވެ. އެދުވަސްތަކުގެ ކައްފާރާ އެންމެ ރެއަކުން އަދާކުރެވިދާނެއެވެ. އަދި މިބަރަކާތްތެރި ރޭ ނުލިއްބިއްޖެމީހަކީ ބަދުނަޞީބު ވެރިއެއްކަން ކަށަވަރެވެ. ވީމާ ލައިލަތުލްޤަދްރި ވިލޭރޭ ލިބިގަތުމަށްޓަކައި ގަދައަޅާ މަސައްކަތް ކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެކެވެ.

5 އިރުއަރަންދެން މިސްކިތުގައި މަޑުކުރުން ޖަމާޢަތުގައި ފަތިސްނަމާދު ކުރމަށްފަހު އިރު އަރަންދެން މިސްކިތުގައި މަޑުކުރުމަކީ ވަރަށް މާތް ކަމެކެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފަތިސްނަމާދު ކުރެއްވުމަށްފަހު އިރު އަރައްޖައުމަށްދާންދެން މިސްކިތުގައި އިންނަވައެވެ. )ރަވާހު މުސްލިމް(

އަނަސް ރަޟިޔަﷲ ޢަންހުގެ އަރިހުން ތިރުމިޛީ ރިވާ ކުރެއްވި ހަދީޘްފުޅެއްގެ މާނާގައިވެއެވެ. ހަމަކަށަވަރުން ކީރިތ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރެއްވިއެވެ. ޖަމާޢަތުގައި ފަތިސްނަމާދު ކުރުމަށްފަހު ﷲއަށް ޒިކުރު ކުޅައުންމަތީ އިރު އަރައްޖައުމަށްދާންދެން މިސްކިތުގައި މަޑުކުރުމަށްފަހު އިރުއެރުމުން ދެރަކްޢަތް ނަމާދެއް ކޮށްފިނަމަ އޭނާއަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ޙައްޖަކާއި ޢުމްރާއެއްގެ ސަވާބު ފުރިހަމައަށް ދެއްވާ ހުއްޓެވެ. ކީރިތި ރަސޫލާގެ މިހަދީޘްފުޅުން ފަތިސްނަމާދަށްފަހު އިރުއަރަންދެން މިސްކިތުގައި މަޑުކުރުމަށްފަހުގައި ދެރަކްޢަތް ނަމާދެއް ކުރުމުގެ މަތިވެރިކަން ވަރަށް ރަނގަޅަށް ހާމަވެއްޖެއެވެ. ވީމާ މިމަތިވެރި ސަވާބު ހޯދުމަށްޓަކާ ގަދައަޅާ މަސައްކަތް ކުރަމާތޯއެވެ. މިކަމަކީ ރަމަޟާންމަހަށް ޚާއްޞަ ކަމެއްނޫނެވެ. ރަމަޟާންމަހާއި އެނޫން މައްސަރުތަކުގައިވެސް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިކަން މިގޮތަށް ކުރައްވައެވެ

.9 އޮކްޓޯބަރ، 2006

 މިއަދު

What's your reaction?

Excited
0
ހެޔޮބަސް ޓީމް
އަޅުގަނޑުމެންގެ މަޤްޞަދަކީ ދިވެހިންނަށް ހެޔޮބަސް ފޯރުކޮށްދިނުމެވެ.

    You may also like

    More in:ދީން

    Leave a reply

    Your email address will not be published. Required fields are marked *