ނ. އަތޮޅު ކުރެދިވަރު ފަޅުވުން…..!

ނ. އަތޮޅު ކުރެދިވަރު ފަޅުވުން…..!

ނ. އަތޮޅު ކުރެދިވަރަކީ ނޫނު އަތޮޅުގެ ފަޅުރަށުގެ ގޮތުގައި މިހާރު ފާހަގަކުރެވޭ 58 ރަށުގެ ތެރޭން ފާހަގަކޮށްލެވޭ ރީތި ރަށެކެވެ. މުޅި ޖުމްލަ 71 ރަށް އޮންނަ ނޫނު އަތޮޅުގައި މިހާރު އޮންނަނީ މީހުން އުޅޭ 13 ރަށެވެ. ނޫނު އަތޮޅުގައި ކުރިން މީހުން އުޅުނު ބައެއް ރަށްވަނީ ފަޅުވެފައެވެ. މިގޮތުން ފަޅުވި 2 ރަށެއްގެ ގޮތުގައި ފާހަގަކުރެވެނީ ކުރެދިވަރު އަދި ބޮަމަސްދުއެވެ. ދެން އޭގެ ފަހުން ނ. ތޮޅެންދޫ މީހުން ކެނދިކޮޅުކުޅުދުއައް ބަދުލުކުރެވުމާއި ގުޅިގެން ތޮޅެންދޫ ފަޅުވިއެވެ. ތޮޅެންދު ފަޅުރަށަކަށްވީ މީހުން ބަދަލުކުރުމުން ކަމުގައި ވީނަމަވެސް ކުރެދިވަރު ފަޅުރަށަކަށްވުމުގައި ވަރަށް އާދަޔާ ހިލާފު ވާހަކަތައް އަންނަނީ ދެކެވެމުންނެވެ.

ކުރެދިވަރަކީ މިހާރުވެސް ތަފާތު ބިރުވެރި ހާދިސާ ދިމާވާ ރަށެއްކަމަށް އެރަށައް ގޮސް އުޅޭ ބައެއް މީހުން ބުނެއެވެ. ހަމަ އެހެންމެ އެރަށުގެ މޫދުން ގިނައަދަދަކަށް މީހުންގެ ކަށި އަންނަނީ ފެންނަމުންނެވެ. އެރަށުގެ މޫދުގެ އެކި ހިސާބުތަކުން މީހުންގެ އެކި ގުނަވަންތަކުގެ ކަށިތައް  ފެނުމުގެ އިތުރުން ފަސްގަނޑަށް ލައްގަމުންދެއެވެ. ބުނެވޭ ގޮތުގައި ކުރެދިވަރަކީ ސިހުރު ހާހުރައިން  ރަށުގެ ދެބަޔަކު ހަނގުރާމަކޮށް ހަލާކުވިރަށެކެވެ.

ކުރެދިވަރު ފަޅުވެގެން ދިޔައީ ދެ ލޯބިވެރިންގެ މެދުގައި ޖެހުނު މައްސަލައެއްގެ ތެރެއަށް ދެފަރާތުގެ އާއިލާ ވަދެ ކުރި ހަނގުރާމައެއް ކަމުގައި ބުނާ އަޑުވެސް އެހީމެވެ. އެޔައްފަހު އެކި ސަބަބުތަކާއި ހުރެ އެރަށުގައި މީހުންނަށް ނޫޅެވިގެން ސަލާމަތުން ތިބި މީހުން ބޮމަސްދުއަށް ހިޖުރަކުރިއެވެ. މި ވާހަކަތަކަކީ ލިޔުމެއްގެ ގޮތުގައި ފެންނަން ނެތްނަމަވެސް ޚަޤީޤަތާއި ޚިލާފް ވާހަކަތަކެއްގެ ގޮތުގައި ނިންމުމަކީ އެންމެ އެދެވިގެންވާ ގޮތެއް ނޫނެވެ. އެހެނީ ޒަމާނުގެ ގޮތުންނާއި ދިރިއުޅުން އެހެން ރަށަކަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާ އެފަދަ ދަނޑިވަޅެއްގައި އެކަން ލިޔެ ރަށްކާކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ހަމަ އެހެންމެ އެފަދަ ހާލަތެއްގައި އެތަކެތި ލިޔެ ރަށްކާކުރުމަކީ ނުހަނު އުނދަގޫ ކަމަކަށްވެފައި ލިޔެފައި ހުރި ނަމަވެސް ގެއްލިގެން ދިއުމަކީވެސް އެކަށީގެންވާ ކަމެކެވެެ.

ބައެއް ފަރާތްތަކުގެ ވިސްނުމުގައި ކުރެދިވަރު ފަޅުވެގެން ދިޔައީ ސިހުރުގެ ސަބަބުންކަމަށް މުޅިން ނިންމޭކަށް ނެތެވެ. އެހެނީ ކުރެދިވަރަކީ ރަށްގިރުމުގެ މައްސަލަ ވަރަށްބޮޑަށް ދިމާވި ރަށެކެވެ. މިހާރުވެސް ކުރެދިވަރު އަންނަނީ ގިރަމުންނެވެ. ކުރެދިވަރުގައި މީހުން އުޅުން ޒަމާނުގައި ބޭނުންކުރި އާންމު ފެންވަޅުވެސް އަޅުގަނޑުމެން އެންމެ ފުރަތަމަ ކުރެދިވަރަށް ދިޔައިރުވެސް ހުންނަނީ މޫދުގައެވެ. އެއީ ހަނދާންވާ ގޮތުން 1992 ނުވަތަ 1993 ހާ ހިސާބުގައެވެ. އަދި ރަށުގެ މީހުން އުޅުން ސަރަހައްދު އަންނަނީ ވަރަށް ބޮޑަށް ގިރަމުންނެވެ. ހަމަ އެއާއި އެކު އިރުމަތީފަރާތް އަންނަނީ ވޮޑެމުންނެވެ.

ދިވެހި ތާރީޙުން އެނގޭގޮތުގައި ކުރެދިވަރަކީ އެންމެ ފުރަތަމަ ދިވެހި ތާރީޚް ލިޔުއްވި އަލްޤާޒީ ޙަސަން ތާޖުއްދީންގެ އަނބިކަބަލުންގެ ރަށެވެ. އަދި ތާޖުއްދީންގެ ކާފަ ދަރިކަލުންކަމުގައިވާ އަލްޤާޒީ އިބްރާހިމް ސިރާޖުއްދީން ނިޔާވެ ވަޅުލެވިފައި އޮތީ ކުރެދިވަރުގައެވެ. މިގޮތުން މަހާނަ ގަލުގައި އޮތީ.. ” ނިޔައުވީ 1182ހ ވަނަ އަހަރުގެ ރަބީއުލްއާޚިރު މަހުގެ 04 ވީ ބުރާސްފަތި ވިލޭރޭ” ގައެވެ. (ދިވެހިރާއްޖޭގެ ޖޯގްރަފީގެ ވަނަވަރު) . އަޅުގަނޑުމެން ކުރެދިވަރަށް ގޮސް އުޅެން ފެށިއިރުވެސް މިސްކިތުގެ މިންބަރާއި ދިމާގައިވާ ޒިޔާރަތުން މަހާނަ ގާ ފެންނާންހުރެއެވެ. އެހެންނަމަވެސް ތާރީޚީ މުހިންމު އެ ތަރިކަ ވަނީ ކޮންމެވެސް ބަޔަކު ނަގައިގެން ގެންގޮސްފައެވެ. މިހާރު ފެންނަނީ ގަލުގެ ބުޑު އެކަންޏެވެ.

ކުރެދިވަރަކީ އެޒަމާނުގައި ވަރަށް މަސްޙޫރު ރަށެކެވެ. އަދި އެޒަމާޏުގައި އެރަށަކީ ރަސްކަމުގެ އާއިލާއާއި ގުޅުންއޮތް ނުފޫޒުގަދަ ބަޔަކު ދިރިއުޅުނު ރަށަކަށްވުމުން ދައުލަތުގެ ނާކޮޅު އެރަށު މީހުން ބޭނުންވާ ތަކެތި ހިފައިގެން އައިސް ގޮސް އުޅެއެވެ. އެހެންކަމުން އެރަށު މީހުންނަކީ ފުދުންތެރި ބައެކެވެ. ހަމަ އެހެންމެ ރަށްވެހިކަމުގައި ކުރިއަރާފައިވާ މަސައްކަތްތެރި ބައެކެވެ. ކުރެދިވަރުގެ މީހުންނަކީ މަސައްކަތްތެރި ހީވާގި ބައެއްކަން މިހާރުވެސް އެރަށުން ފެންނާން އެބަހުއްޓެވެ. މިޒަމާނުގައި އައިނުަކަނޑައިގެން ނެރު ހެދުމަށް ހައިމާރކު އަދި ގޮއްވާތަކެތި ގެންގުޅޭއިރު ކުރެދިވަރުގައި މާނެރު ފުންކޮށްފައިވަނީ ކުރެދިވަރުގެ ރައްޔިތުންނެވެ. މި ޒަމާނުގައި ބޭނުންކުރާފަދަ އެއްވެސް ވަސީލަތެއް ބޭނުން ނުކޮށެވެ.

  ކުރެދިވަރަކީ ވަރަށް ބޮޑަށް މުރަކައިގެ ފަރުން ބެދިފައިވާ ރަށެކެވެ. ހަމަ އެހެންމެ އެހާމެ ފުޅާ އެ ތޮށިގަނޑު ކަނޑާ ރަށާ ގާތްކުރަން ބޮޑު މަގެއް ހަދާފައިވަނީ އައިނު ކަނޑައިގެންނެވެ. ހަމަ އެހެންމެ ވަރަށް ބޮޑެތި ހިރިޔާ ގާތައް ނަގާ އެއްފަރާތްކޮށްފައިވާކަން މޫދުގައި ފީނާލުމުން އެނގެން އެބަހުއްޓެވެ.  ބުނެވޭގޮތުގައި މިނެރަކީ ދައުލަތުގެ ނާކޮޅު ވަދެ ނިކުމެ އުޅުމަށް ކޮނެވުނު ނެރެކެވެ.

ކުރެދިވަރުގައި އޮންނަނީ ވަދެ ނިކުމެ އުޅުމަށް ދެ ނެރެކެވެ. އެއީ އަކިރިގަނޑުނެރާއި މާނެރެވެ. އަކިރިގަނޑު ނެރަކީ ކުރެދިވަރުގެ ރައްޔިތުން އާންމުކޮށް ބޭނުންކުރަމުންއައި ނެރުނަމަވެސް މާ ނެރު ހެދުމަށްފަހު މާނެރުއައީ ބޭނުންކުރަމުންނެވެ. ބުނެވޭ ގޮތުގައި ކުރެދިވަރު ނެރު ފުންކުރުމަށް ބޮޑެތި ގަލާ ހިލަ ނެގުމަށް ރަށުގައި ހުރި ބޮޑެތި ބަނބުކެޔޮ ގަސް ކަނޑާފައި އެތަކެތި ބޭނުންކޮށްފައިވެއެވެ. ހިކި ދިޔައިގައި ބަނބުކެޔޮ ގުޅިތައް ގާތަކުގައި އައްސައިގެން ބޮޑު ދިޔައިގައި ގަސްގަނޑު ތަޅުވައި ހަދައިގެން ގާތައް އުފުރާލައިގެން އެއްފަރާތް ކުރީކަމަށް  ބުނެވެއެވެ.

ކުރެދިވަރު މީހުން ރަށަށް އަރާ ފައިބަން ބޭނުންކުރި ނެރުގެ ދެ ފަރާތްވެސް އަޅުގަނޑު އެކި ފަހަރުމަތިން ބަލާފައިވާނެއެވެ. އެކި ފަހަރުމަތިން އެ ސަރަހައްދުތަކުގައި ފީނާފައިވާނެއެވެ. އަޅުގަނޑަށް އެތަން ބެލި ބެލުމުން އެތާ ކޮށްފައި ހުރި ބުރަ މަސައްކަތާއި މެދު ހައިރާންވިއެވެ. މިޒަމާނުގައި ގެންގުޅޭ ޒަމާނީ ވަސީލަތްތައް ނެތި އެހާ ރަނގަޅަށް ހިރިތަކާއި ގާތައް ނަގާ ފުންކޮށްފައިވާކަން ފާހަގަކުރެވުނެވެ. އެހެންނަމަވެސް މިހާރު ގިނަ ޒަމާންތަކެއް ވެފައި ވުމުގެ ސަަބަބުން ނެރުތައް ބެދެން ފަށާފައިވާކަން ފާހަގަކުރެވުނެވެ. ބައެއް ހިސާބުގައި މުރަކަ އަދި ހިރި ފަދަ ތަކެތި މިހާރު ހުރިކަން ފާހަގަކުރެވުނެވެ. މިގޮތުން މިހާރު އާންމުކޮށް ބޭނުން ނުކުރާ އަކިރިގަނޑު ނެރުގެ ތޮށިގަނޑާއި ވީ ހިސާބު ވަނީ ވަރަށް ބޮޑަށް ތިލަވެފައެވެ. (ނުނިމޭ)

ކުރެދިވަރު މިސްކުތު ގެ މިންބަރު

20140125_132125

މީ ކުރެދިވަރު މިސްކި ކައިރި ވެވުގެ އަރިމަތީގެ ބައެއް

20140125_13262820140201_133500

ކުރެދިވަރުގައި އެންމެ ފަހުން މީހުން އުޅުނު ސަރަހައްދުގައި ހުރި ގެޔެއްގެ ފާރު

20140201_133737

އަލްޤާޒީ އިބްރާހިމް ސިރާޖުއްދީން ވަޅުލެވިފައިވާ ތަން

20140125_13243220140125_132416

ނޯޓު: މިލިއުން ލިޔުމަށްޓަކައި އެރަށުގައި މީހުން އުޅުން ދުވަސްވަރު ގޮސް އުޅުން މީހުންގެ ފަރާތުން ލިބުނު މައުލޫމާތު ހޯދުނެވެ. އަދި ހަމަ އެހެންމެ އެރަށައް އެކިފަހަރު މަތިން ގޮސް ރަށުގެ އެކި ހިސާބުތަކަށް ގޮސް އަދި މޫދުގައި ފީނާ ހެދުމުން  ފާހަގަކުރެވުނު ކަންތައްތަކުގެ މައުލޫމާތު ހިމަނާލަމެވެ.

ރައްދު

Your email address will not be published. Required fields are marked *