ކޮންމެ ކަމެއް ވެސް ވާނީ، އެ ކަން ވާން ހަމަޖެހިފައިވާ ގޮތަށެވެ. ދުނިޔެ އަށް މަޚުލޫގުން އައުމާއި، އެނބުރިދިޔުމަކީ އެ މަޚުލޫގެއްގެ ބާރުގެ ދަށުގައިވާ ކަމެއް ނޫނެވެ. މަރުވުމަށްޓަކައި އުސް ތަނަކުން ފުންމާލާ މީހާ ދިރިހުރެފައި، ނިދާފައި އޮންނަ މީހާ މަރުވުމުކީ، ބުއްދީގެ އަހުލުވެރިއަކަށް ޢިބުރަތަކަށް ފުދޭ ކަމެކެވެ.

ހޫނުގަދަ މެންދުރެކެވެ. ރަށުގެ މަސްވެރިކަން ދަށްކަމުން، އަމިއްލަ އަށް މަސްހިފުމަށްޓަކައި އަހަރެން ދާބުރިއެއް ގެންގުޅެމެވެ. އެ ދުވަހަކީ، ދާބުރީގެ ތަންކޮޅެއް ހަލާކުވެގެން އެ ކަމުގައި އަހަރެން އުޅުނު ދުވަހެކެވެ. ހޮޅުއަށީގައި، ނިކަން ގަޔާވެގެން ދާބުރި މަރާމާތުކުރަން އަހަރެން އިނީމެވެ. ހަމަހިމޭން ދުވަހެކެވެ. ގޮނޑުދޮށަށް ބީއްސަމުންދިޔަ ރާޅުތައް ކުޅުނު މިޔުޒިކަށް، ކާޅުތައް ކިޔަމުންގެންދިޔަ ލަވައިގެ އިތުރުން އެހެން އަޑެއް ނީވެއެވެ. މަސައްކަތުގައި އަހަރެން އިންއިރު، އަހަރެންގެ ދަރިންގެ ދިރިއުޅުމާމެދު އަހަންނަށް ވިސްނުނެވެ. ލިބިފައިވަނީ، ހައްތަހާ ވެސް އަންހެންދަރިންނެވެ. ތިން ކުދިން އުޅެނީ މާލޭގަ އެވެ. ވަޒީފާގަ އެވެ. ކޮންމެ ކުއްޖަކު ވެސް ގެ އަށް ފައިސާ ފޮނުވައެވެ. އެ ކަމާ އުފާކުރަމެވެ. އަނެއްކޮޅުން، ހިތުގައި ނުތަނަވަސް ކަމެއް ވެސް އޮތެވެ. ސަބަބަކީ، އެ ތިން ދަރިން ކުރި ކައިވެނި ވެސް ރޫޅުނީ އެވެ. އެ ކުދިންގެ ދިރިއުޅުމަށް ދެން ވާނީ ކިހިނެތްބާއޭ ހިތަށްއަރަ އެވެ. ރަށުގައި ހުރީ އެންމެ ހަގު ކުއްޖާ ޒުލްފާ އެވެ. ގުނަމުންދިޔައީ ފުރާވަރުގެ އަހަރުތަކެވެ. ކުދިންގެ ފުރާވަރުގެ އުމުރަކީ، އަހަރެން އެންމެ ކަންބޮޑުވާ އުމުރެވެ. ފަސޭހައިން ފައި ކައްސާލާ، ފައި ފުރޮޅާލާ ދުވަސްވަރެވެ. އަހަރެންގެ އަންހެނުން ޖަމީލާ ވެސް ހުންނަނީ ޒުލްފާ ހުންނަލެއް ހިމޭންކަމުން ކަންބޮޑުވެފަ އެވެ. ބަސްމަދުކަމުން، ޒުލްފާގެ ހިތުގަ އޮންނަ އެއްޗެއް އަންދާޒާ ކުރުމަކީ އަހަރުމެން ދެމަފިރިންނަށް ކުޅަދާނަ ކަމެއް ނޫނެވެ. ހިތް ބުނަނީ އެންމެ އެއްޗެކެވެ. ނުމޮށޭ ގުރާ ބާރަށް ދައިގަންނާނެ އެވެ.

ކުއްލިއަކަށް، ކަރުހިއްކުމުގެ އިހުސާސް އަހަންނަށް ކުރެވުނެވެ. ގެ ހުންނަނީ ތަންކޮޅެއް ދުރުގަ އެވެ. ހިތަށްއެރި އެވެ. މުދިންކަލޭގެ ގެ އެހެރީ ޖެހިފަ އެވެ. އައިސްއަލަމާރިއެއް ވެސް އެ ގޭގައި ހުންނާނެ އެވެ. ފެންބޯން ދާނީ އެ ގެ އަށެވެ. ދާބުރި ބާއްވާފައި، އެ ގެއާ ދިމާލަށް މިސްރާބުޖެހީމެވެ. އަބަދު ވެސް އަހަރެން ގެންގުޅޭ ކޮށާވަޅި އަހަރެން އަތުގައި އޮތެވެ. އެއީ، ކުދިކުދި އެއްޗެހި ކޮށައިމަށައި ހެދުމަށްޓަކައި ގެންގުޅޭ، ތުނޑު ތޫނު ވަޅިއެކެވެ. އެ އޮންނާނީ، މުއްގަނޑުގައި ތިން އިންޗި ވަރުގެ ތިލައެއް އިންދައި ފިލިއަޅައިފަ އެވެ.

ގެ އަށް ވަންނަން ދިޔައިރު، މުދިންކަލޭގެ ގޭގެ ކަންމަތީގައި، އާންމުކޮށް ތިބޭ ޒުވާން ގުރޫޕު ފެނުނެވެ. އެއީ ކޮން ބައެއްކަން އަހަންނަށް އެނގެ އެވެ. ނޭނގެނީ އެ ކުދިން އެހެން އުޅެންޖެހުނު ސަބަބެވެ. އެއް ކުއްޖަކު އެ ވަގުތު މަދެވެ. އެއީ، މުދިންކަލޭގެގެ ދަރިފުޅު ފަރުހާދު އެވެ. ފަރުހާދުގެ ވިޔާނުދާކަމާހެދި، މުދިންކަލޭގެ ހުންނަނީ ގޮތް ހުސްވެފަ އެވެ. އެ ދަރިފުޅު ރަނގަޅު މަގަށް އެޅުވުމަށްޓަކައި، ކުރެވެން ހުރި ހުރިހާ މަސައްކަތެއް މުދިންކަލޭގެ ކޮށްފި އެވެ. ވީކަމެއް ނެތެވެ. އެ ގްރޫޕުގެ ހުރިހާ ކުދިންގެ މައިންބަފައިންނަކީ ވެސް ރަށުގެ ހީވާގި މަސައްކަތްތެރިންނެވެ. ދީންވެރި މީހުންނެވެ. އެހެންކަމާއެކުގައި ވެސް، މައިންބަފައިންނަށް ކުދިންނަށް ތަރުބިއްޔަތު ނުދެވުނީތާއޭ ހިތަށްއެރި އެވެ. އެހެން ނޫނީ، މީހުންނަށް ޖެއްސުންކޮށް، ވައްކަންކޮށް، މަސްތުގެ އަވައިގަ އެ ކުދިން ޖެހޭކަށް ނުޖެހުނީހެވެ.

“އައްސަލާމް އަލައިކުމް!” މުދިންކަލޭގެ ގެ އަށް ވަދެފައި އަހަރެން ގޮވާލީމެވެ.

ޖަވާބެއް ނައެވެ. ދެފަހަރަކު ސަލާމް ގޮވާލާފައި ގޭތެރެ އަށް ވަނީމެވެ.

“ހަބީބާ!” އަހަރެން ބުނީމެވެ. “ދީބަލަ ނިކަން ފިނި ފެންތައްޓެއް!”

ހަބީބާ އަކީ މުދިންކަލޭގެގެ އަނބިމީހާ އެވެ. ގިނަ ވަގުތު އޭނަ ގޭގަ އުޅޭނެ އެވެ. އެކަމަކު، އެ ދުވަހު އޭނަގެ ހިލަމެއް ނުވިއެވެ. އެ ގެ އަކީ، އާންމުކޮށް އަހަރެން ވަދެއުޅޭ ގެއެކެވެ. އައިސްއަލަމާރި ހުންނަތަން އަހަންނަށް އެނގެ އެވެ. އަމިއްލަ އަށް ފެން ނަގައިގެން ބުޔަސް، އެކަކު އެކައްޗެކޭ ވެސް ނުބުނާނެ އެވެ. އެހެންނަމަވެސް، މީހަކު ފެންނަން ނެތިއްޔާ އަހަރެން އަޅާނުލާ ދަނީ އެވެ. އެ ދުވަހު، ފެންބޮވާފައި ހުރިވަރުން، ދެން ހަދާނެ ގޮތަކާމެދު ވިސްނާލަން މަޑުކޮށްލެވުނެވެ. ކޮޓަރިތެރެއިން އަޑެއް އިވުނީ އެ ވަގުތު އެވެ. އަހަރެން ހީކުރީ ހަބީބާ ގޭގައި އުޅެނީ ކަމަށެވެ.

“ހަބީބާ!” އަހަރެން ގޮވާލީމެވެ.

ދެވަނަ ފަހަރަށް އަހަންނަށް އިވުނު އަޑުން، މެޔަށް ހީވީ ފެންއެއްޗެއް އޮއްސާލިހެންނެވެ. އެއީ މީހެއްގެ ކަރުބުޑުން ނުކުތް އަޑެކެވެ. ފުރަތަމަ އިވުނު އަޑާއި ދެވަނަ ފަހަރަށް އިވުނު އަޑު އެއްކޮށްލުމުން، އެ ނަންބަރުގެ ޖަވާބު އަހަންނަށް އެނގުނެވެ. ކުރިން ވެސް އެއް ފަހަރު، އެ ފަދަ ހާދިސާއަކާ އަހަރެން ކުރިމަތިލާފައިވާތީ އެވެ. ގަޔަށް ލެވުނުހާ ބާރެއް ލާފައި ގޮސް، ދޮރުގައި ހިފާލިއިރު ދޮރު ހުރީ ތަންޑުއަޅާފަ އެވެ. އުމުރުން ދުވަސްވެފައި ވިޔަސް، އަހަރެންގެ ގައިބާރު ދެރައެއް ނުވާނެ އެވެ. ޖެހިގަތްގަތީނުން ދޮރު ހުޅުވާލީމެވެ. އޭރު ފަރުހާދު މަރަށް ތެޅެނީ އެވެ. އަތުގައި އޮތް ކޮށާވަޅިން ވާގަނޑު ބުރިކޮށްލުމާއެކު ފަރުހާދު ބިންމައްޗަށް ވެއްޓުނެވެ. ދަންޖެހިފައި އޭނަ ހުރީ އެހާ އުހަކު ނޫނެވެ. ކަރުގައި އޮތް ވާގަނޑު މޮހާލުމަށްފަހުގައި، ބޭރަށް ނުކުމެފައި އަހަރެން ހަޅޭއްފަޅޭއްޖަހައިގަތީމެވެ.

ފަރުހާދުގެ ފުރާނަ ސަލާމަތްވި އެވެ. އޭނަ ދަންޖެހެން އުޅުނީ، ލޯބީގެ މައްސަލައެއްގައިކަން އެނގުނެވެ. ލޯބިވެރިޔާ އަކީ ކާކުކަމެއް ނުވަތަ ލޯބިވެރިޔާ ކުރީ ކީއްކަމެއް އޭރަކު ނޭނގެއެވެ. ފަރުހާދަކީ، ހިތުން މާ ކެރިގެން އުޅޭ ޒުވާނެކެވެ. ވީއިރު، އެހާ ފިނޑި މަރަކުން އޭނަ މަރުވާން އުޅުނީ ކީއްވެގެން ހެއްޔެވެ؟ ކިތަންމެ ވަރަކަށް ވިސްނި ނަމަވެސް، އެ ސުވާލުގެ ޖަވާބެއް އަހަންނަކަށް ނުލިބުނެވެ.

ރޯދަމަސް އަންނާތީވެ، ވަރަށް ގިނަ ކަންތައް ކުރަން ބޭނުންވި އެވެ. އެންމެ ދޮށީ ދަރިފުޅު ރޯދަ އަށް ރަށަށް އަންނަން ހަމަޖެހިފައިވާތީވެ، އޭނަގެ ކޮޓަރީގެ ފާރުގެ ކުލަކަހާލައި، ކުލަކޮޅެއް ހާކާލާހިތް ވަރަށް ވި އެވެ. ރައްޓެއްސެއްގެ ގެ ހަދާފައި، ލާންގެނައި ކުލައިގެ ބައި ފާޓާ ހުރީ ބާކީވެފަ އެވެ. އެނދުގެ ބާލީހަށް ބޭނުންވާ ދެ އުރަ އާއި، އެނދުގެ ބެޑްޝީޓު ފެހުމުގައި ޖަމީލާ އަވަދިނެތި އުޅުނެވެ. ގޭގައި ހުރި ހަމައެކަނި ދަރިފުޅު ހާލު، އަހަރުމެންނަށް ވުރެ ބޮޑެވެ. އޭނަގެ އުމުރުން އެންމެ ސަތާރަ އަހަރުގައި، ރަށަށް އައި ފަހީމަށް އޭނަ ހިތްކިޔައިފި އެވެ. ފަހީމަކީ، ދަތުރުކުރަން އުޅެފައި، ފަޔަށް އަނިޔާވެގެން ރަށަށް އައި މީހެކެވެ. ހަތަރު ކުދިންގެ ބައްޕައެކެވެ. މާ ކުރިން ވެސް އަހަންނަށް އޮތީ ހީވެފަ އެވެ. އަހަރެންގެ ހަގުދަރި ސަހަލު ކަމެއް ނުކުރާނެ އެވެ.

“އެކަމަކު ދަރިފުޅާ!” ޒުލްފާ އަށް ވިސްނައިދެވޭނެ ކަމުގެ އުންމީދުގައި ޖަމީލާ ބުންޏެވެ. “އެއީ ދަރިފުޅު ބައްޕަ އުމުރުގެ މީހެއްނު. އެހެން ނޫނަސް، އަދި ނުވެއެއްނު ދަރިފުޅު މީހަކާ ރައްޓެހިވާކަށް. މީ ކިޔަވާ އުމުރެއްނު!”

“ފަހީމު ބުނީ މެލޭޝިޔާ އަށް ގެންދާނަމޯ.” ޒުލްފާގެ ޖަވާބަކީ އެއީ އެވެ.

ތިމާގެ ފިރިއަކަށް ހަދާ މީހާގެ ހުންނަންޖެހޭނެ ޝަރުތުތަކަކީ ކޮބައިކަން ޒުވާން އަންހެންކުދިންނަށް ނުވެސް އެނގެނީ ހެއްޔެވެ؟

“ބައްޕައަކަށް ނުފެނޭ ތިކަން ކުރިއަށް ގެންދާކަށް ދަރިފުޅާ!” އަހަރެން އެދުނީނެވެ.

އަހަރެންގެ ނަސޭހަތް ބޮލާލާޖަހާފައި، ފާޅުގައި ފަހީމުއާ އެކުގައި ޒުލްފާ ރަށުތެރޭގައި ހިނގަންފެށި އެވެ. ހުރިހާ ވެސް މައްސަލައެއް ހިނގަން މެދުވެރިވި ސަބަބަކީ އެއީ އެވެ.

“ލަބީބު! ލަބީބު!” ޖަމީލާ ވަރަށް ބާރަށް ގޮވާ އަޑު އިވުނެވެ.

ކުލަލާން ހުރެފައި، ތެޅިފޮޅިގެންފައި އަހަރެން ނުކުތީމެވެ. ޖަމީލާ ރޮއިހޭރެނީ އެވެ.

“ކިހިނެތްވީތަ؟” އަހަރެން އެހީމެވެ.

“މަގޭ ދަރި މަރައިފި!” ޖަމީލާ އެހެން ބުނެފައި ހޭބަލިވެގެން ވެއްޓުނެވެ.

ޒުލްފާ އެކަނިމާއެކަނި ހިނގާފައި ދަނިކޮށް، ފަރުހާދު ވަޅިއަކުން ހަމަލާދިނީ އެވެ. ޞިއްޙީމަރުކަޒަށް ގެންދެވުނުއިރު ޒުލްފާ އޮތީ މަރުވެފަ އެވެ. ފަރުހާދު ހައްޔަރުކުރި އެވެ. ކުރި ކުށަށް ފަރުހާދު އެއްބަސްވި އެވެ. ޖެހިލުމެއްނެތި އެވެ. ފަހުން އަހަންނަށް އެނގުނު ގޮތުގައި، ފަރުހާދު ދަންޖެހެން އުޅުނީ ޒުލްފާ ރުޅިވީމަ އެވެ. އަދި، ފަހީމާއި ޒުލްފާ ގާތްކަން ބާއްވަން ފެށުމުން، ފަރުހާދު ބަދަލުހިފީ އެވެ. އެއީ، އެހާ ވެސް ކުރުކޮށް ކިޔައިދެވިދާނެ ވާހަކައެކެވެ.

ފަރުހާދަށް ދަންނުޖެހެވުނީ އަހަރެންގެ ސަބަބުންނެވެ. އެކަމަކު، އޭނަގެ ފުރާނަ ސަލާމަތްކުރީ އަހަންނެއް ނޫނެވެ. އެ ކަން ކުރެއްވީ ފުރާނައިގެ ވެރިފަރާތުންނެވެ. ފަރުހާދުގެ އަޖަލު ނުޖެހުނީ އެވެ. އިތުރު ހެޔޮކަމެއް ނުވަތަ ނުބައިކަމެއް ފަރުހާދުގެ ހަޔާތުގައި ލިޔެވިފައި އޮތީ އެވެ. ފަރުހާދުގެ އެ ޚަބަރު އިވުނު އެންމެން ވެސް ކިއީ، އޭނަގެ ފުރާނަ ސަލާމަތްކުރީ އަހަރެން ކަމުގަ އެވެ. އެއީ ޙަޤީޤަތެއް ނޫނެވެ.

ކަން ވީގޮތަކީ މިއީ ނޫންބާ އެވެ؟ އަހަންނަކީ، ޒާހިދު މީހެކެވެ. ވީމާ، ފަރުހާދު މެދުވެރިކޮށް، އިންސާނެއްގެ ފުރާނަ ސަލާމަތްކުރިކަމުގެ ދަރުމަ އަހަންނަށް ލިބެން އޮތީ ހެއްޔެވެ؟ ފަރުހާދަކީ ނުބައި މީހެއް ކަމުގައި ވެދާނެ އެވެ. އަހަރެންގެ ދަރިފުޅު މެދުވެރިކޮށް، އިންސާނެއް މަރާލިކަމުގެ ފާފަ އޭނަ އަށް ލިބެން އޮތީ ހެއްޔެވެ؟ ކަންކަން ވަނީ ރޭވިފަ އެވެ. ނުބައި މަގަށް މީހާ އެނބުރެނީ، އެ މީހާގެ އިޚުތިޔާރުންނެވެ. އެ ހިސާބުން ނުބައި ޒިންމާތަކެއް އޭނަގެ ބޮލުގައި އެޅެނީ ނޫންބާއެވެ؟

މުދިންކަލޭގެ ގޭ ކައިރީގައި އަހަންނަށް އިނދެވުނީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ފެންބޮވައިގަތީ ކީއްވެގެން ހެއްޔެވެ؟ މުދިންކަލޭގެގެ ގެ އަށް ދެވުމާއި، އެ ވަގުތު އަހަރެންގެ އަތުގައި ކޮށާވަޅި އޮތީ ކީއްވެގެން ހެއްޔެވެ؟ ފަރުހާދު މަރުވާން ދޫކޮށްލި ނަމަ، އޭނަގެ އަތުން އަހަރެންގެ ދަރިފުޅު މަރުވީސް ހެއްޔެވެ؟ އެ ހުރިހާ ކަމަކަށް އިއްތިފާގެއް ނުކިޔޭނެ އެވެ. އެކަމަކު، އަހަރެން އަދި ވެސް މިހިރީ، ދެން ކިޔާނެ ނަމެއް ނޭނގިފަ އެވެ.

ނިމުނީ

Leave a comment

Your email address will not be published. Required fields are marked *