އެމަހަކީ މުސްލިމުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުމާ ކެއްތެރިކަން ލިއްބައިދޭ މަހެކެވެ. އެހެނީ އެމަހަކީ އަޅުކަމުން ފުރިގެންވާ މަހެކެވެ. އެމަހުގައި މުސްލިމުން އަވަދިނެތި އުޅެނީ ﷲތަޢާލާ ހަނދުމަކުރުމުގައެވެ. އާދޭހެވެ! އެއީ އެހެން އަހަރުތަކެކޭވެސް އެއްގޮތައް މިއަހަރުވެސް ﷲ ގެ އިރާދަފުޅުން އަޅުގަނޑުމެނާ ބައްދަލު ކުރާނެ ރަމަޟާންމަހެވެ. ރަމަޟާން މަސް އަޅުގަޑުމެނާ ބައްދަލު ކުރާއިރު އެންމެހާ މުސްލިމުން އެމަހަށްޓަކައި ތައްޔާރުވަމުންދެއެވެ.

 އެގޮތުން ރާއްޖޭގައި އިހުޒަމާޏުއްސުރެ މިއަދާ ހަމައަށް ރަމަޟާން މަހަށްޓަކައި ވަރަށް ފޯރިއާއެކު ތައްޔާރު ވާކަމީ ދޮގަކަށްނުވާނެއެވެ. ރޯދަމަސް ކައިރިވުމުން މާހެފުމުގެ ނަމުގައި މީރު ކާތަކެތި ހަދައިގެން ރަށުގެ ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް އެކެއުމުގައި ބައިވެރިވުމަކީ މިއަދުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރިއާއެކު ކުރަމުންއަންނަ ކަމެކެވެ.ރަމަޟާން މަހަށްޓަކައި ގޭގައި ހުރިއްޔާ ހުރި ފަރުނީޗަރެއް އުކާލަނީ އާ ފަރުނީޗަރުތަކެއް ހޯދުމުގެ މަޤުޞަދުގައެވެ. މިކުރެވެނީ އިސްރާފެއް ކަމެއް އެކަންކުރާ މީހުންގެ ސިކުޑިތަކައް ނުވިސްނެނީ ކަންނޭންގެއެވެ. ނޫނީ އެކަމާ ވިސްނަން ބޭނުން ނުވަނީ ކަންނޭނެގެއެވެ.

 ހިތާމައަކީ ތިމާގެ ގެދޮރު ސާފުޠާހިރުކުރާ ފަދައިން ތިމާގެ ހިތް ޠާހިރުކުރަން ސަމާލުކަންދޭ މީހުން މަދުކަމެވެ.މި މުޖުތަމައުގައި މަދުބަޔަކު ނޫނީ އެ މާތް މައްސަރުގެ ދަރުމައާ ސަވާބަށް އިންތިޒާރު ނުކުރެއެވެ. ތިމާއަށް ކުރެވިފައިވާ ފާފަތަކާމެދު ވިސްނާލާ އެފާފަތަކުން ތައުބާވެ އެމަހުގެ ދަރުމައާ ސަވާބު ހޯދުމަށް މަސައްކަތް ކުރަނީ މަދު ބައެކެވެ. ނޭންގި ހުއްޓާ މަރުއައިސް ބައްދަލު ކުރާނެކަން ހަނދުމަވެ މި ރަނުގެ ފުރުސަތުކަމަށްވާ މި މަހުގެ މާތް އަޅުކަން އަދާކުރުމަށް މަސައްކަތްކުރަނީ ކިތައް މީހުންބާވައެވެ!

 ގިނަބަޔަކަށް ހީވެފައި އޮންނަނީ ރަމަޟާންމަހަކީ މީރު ކާތަކެތި ހަދާލާގެން ކައިހަދާ، ކުޅިވަރާ މަޖަލުގެ މަހެއްކަމުގައެވެ. އެގޮތުން ދުވާލު ހުސްބަނޑާ ހުރުމަށްފަހު ރޭގަނޑު ހަތަރުދަމު ހޭލާ ރައްޓެހިންނާއެކު ކުޅެމަޖާކޮށްލުމަށްފަހު ހާރުކާއިގެން ނިދާ ގޮތައް ހޭލާނީ އަސްރު ވުމުންނެވެ. އަސްރު ނަމާދުކުރުމުގެ ބޭނުމަކު ނޫނެވެ. މީރު ކާތަކެތި ހަދާލުމަށް ބަދިގެއަށް ވަދުމުގެ މަގުޞަދުގައެވެ.ނޫނީ ހަވީރުު ފިނި ބުރު ޖަހާލުމުގެ ނިޔަތުގައެވެ.

އާދޭހެވެ! މިއީ އަޅުގނޑުމެންގެ މި ކުޑަކުޑަ މުޖުތަމަޢުގެ ގިނަ މީހުންގެ ޙާލަތެވެ. ރޯދައިގެ ޙަޤީގީ މަޤސަދު ވިސްނެނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުނަށްބާވައެވެ.ތިމަންނަ މިހުރީ ރޯދައަށޭބުނެ ދުވާލު ނުކައި ހުސްބަނޑާ ހުއްޓަކަސް އެ ރޯދަ ފުރިހަމަވީ ކަމުގައި ނުބެލެވޭނެއެވެ. ރޯދައަށްހުރެ  އަޅުކަމުގައި ގިނަވަގުތު ހޭދަކޮށް ހަށިގަނޑުގެ އެދުންތަކުން އެއްކިބާވާންޖެހެއެވެ.ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމގެ ޞަޙާބީން،އެބޭކަލުން އުޅުއްވާ ގެދޮރު ރަމަޟާން މަސްއަންނާތީވެ  ޒީނަތްތެރިކޮށް އާކޮށް ނުހައްދަވައެވެ.އޭގެބަދަލުގައި އެބޭކަމލުން އެންމެ އިސްކަމެއް ދެއްވަވާފައިވަނީ ކުރެވިފައިވާ ފާފަތަކުން ތައުބާވެ ހިތްތައް ތޯހިރުކުރެއްވުމަށެވެ.

ރޯދަމަހަކީ ތަޤުވާވެރި ކަމުގެ މައްސަރެވެ:

އަލްއިމާމް ޙަސަން ބަޞަރީގެ އަރުހުން މީހަކު ސުވާލު ދެންނެވިއެވެ. ކަލޭގެފާނު ތިޔަފަދަ ތަޤުވާވެރި ޙަޔާތެއް ހޭދަކުރެއްވުމުގެ ސިއްރަކީ ކޮބައިތޯއެވެ! ވިދާޅުވިއެވެ. ހަތަރު ކަމެއްގެ ސަބަބުންނެވެ. ފުރަތަމަ ކަމަކީ މާތް ﷲ ކޮންމެ ދިރޭ އެއްޗަކަށް އޭގެ ރޯދި ކަނޑައަޅުއްވާފައިވުމާ އެ ރޯދިން ޒައްރެއްގެ މިންވަރު ވިޔަސް އެހެންމީހަކަށް ނުގެންދެވޭނެ ކަމުގެ ޔަޤީންކަން ލިބިގެން ވުމާއެކު ލިބޭ ހިތްހަމަޖެހުމެވެ. ދެވަނަ ކަމަކީ އެމީހަކު ކުރަންޖެހިފައިވާ އެއްވެސް ކަމެއް އެހެން މީހަކަށް ކޮށްނުދެވޭނެތީ އެކަންކަން ކުރުމުގައި ވަގުތު ހޭދަކުރަމުން ގެންދާކަމެވެ. ތިންވަނަކަމަކީ، ކޮންމެތަނެއްގައި ހުރިނަމަވެސް މާތްﷲ ގެ ބައްލަވާ ވޮޑިގަތުމުން ބޭރުވެގެން ނުދެވޭކަމުގެ ޔަގީންކަން ލިބިގެންވާތީ ފާފައަކަށް އަރާގަތުމަށް ޖެހިލުންވުމެވެ. ހަތަރުވަނަކަމަކީ، ދިރުންހުރި ކޮންމެ އެއްޗަކާ މަރު އައިސް ބައްދަލުކުރާނެކަން ހަދާނުން ކެހިގެން ނުދާތީ އަދި މަރު އެއްވެސް މީހަކަށް އިންތިޒާރު ނުކުރާނެތީ އެކަމަށް އަބަދުވެސް ތައްޔާރުވެގެން ހުރުމެވެ. އަހަރެން ތަޤުވާވެރި ވުމުގެ ސިއްރަކީ މިއީއެވެ. ޝައްކެއްނެތެވެ! ރަމަޟާން މަހަކީ ތަޤުވާގެ މައްސަރަށް ވީހިނދު އެމަހުގެ ރޫހާނީ ތަރުބިއްޔަތުން ފައިދާ ލިބިގަތުމަށް އަވަސްވެ ގަތުން ވަރަށްވެސް މުހިއްމެވެ. ރޯދައިގެ މާތް އަޅުކަމުގެ ތެރެއިން ތަޤުވާވެރިކަން ލިބިގަނެވޭތޯ ގަދައަޅާ މަސައްކަތް ކުރަމާތޯއެވެ! ރޯދަހިފުމުގެ ސަބަބުން ލިބިގަތުން ގަސްދުވެގެންވާ އަމާޒަކީ ތަޤުވާވެރިކަމެވެ. އެހެންކަމަށް ވުމާއެކު ރޯދަހިފުމުގެ ތެރެއިން ތަޤުވާވެރިކަން ޙާސިލްނުވެވޭނަމަ ، ރޯދައިގެ އަމާޒަށް ވާސިލްނުވެވުނީއެވެ.

ރޯދައަކީ ރޫހާނީ ތަމްރީނެކެވެ. އެއި ޖިސްމާނީ ތަމްރީނެއްނޫނެވެ. ރޯދައިގެ އަޅުކަމާ ކުރިމަތިލާކޮންމެ މީހަކު އެންމެ އިސްކަމެއް ދޭންޖެހޭނީ ތަޤުވާވެރިކަން ލިބިގަތުމަށެވެ. ރޯދައަށް ހުރެގެން ޖިސްމަށްލިބޭ ބަޑުހައި ހޫނުކަމުގެ ޙަޤީޤީ މޭވާއަކީވެސް އެއީއެވެ. ރޯދައިގެ ރޫހާނީ ތަމްރީން ލިބިގަތުމާއެކު ތަޤުވާވެރި ވެއްޖެ ކޮންމެ މީހަކީ ވަރަށް ބޮޑު ނަސީބުވެރިއެކެވެ. މާތް ﷲ ރުއްސަވާ އިމުގެ ތެރޭގައި އިންސާނާއަށް ހުރެވޭނީވެސް ތަޤުވާވެރި ކަމުގެ ސަބަބުންނެވެ. ތަޤުވާވެރިކަމާ ވަކިވެއްޖެނަމަ، އިންފަހަނައަޅާ ދާކަށް ލަހެއްފަހެއް ނުވާނެއެވެ. ހަވާނަފްސުގެ އެދުންތަކަށް އިޖާބަދެވޭގޮތްވެ ޙަރާމްކުރެއްވި ކަންކަމަށް އަރާގަތުމަށް އެއްވެސް ޖެހިލުމެއްނުވާ ސަބަަބަކީވެސް އެއީއެވެ.ރޯދައިގެ އަޅުކަން އަދާކުރުމަށް ކަނޑައަޅުއްވާފައިވާ ހަމަތަކަށް ވިސްނާލުމުން ހާމަވެގެންދާ ޙަޤީޤަތަކީ، ތަޤުވާވެރިކަމާ ރޯދައާ ލާމެހިގެންވާކަމެވެ. ރޯދައަކީ ވަކިވަގުތެއް އައިސް ޖެހެންދެން ހުއްދަވެގެންވާ ވަރަށްގިނަ ކަންކަމުން މަހްރޫމްވެގެން ހުންނަންޖެހޭ އަޅުކަމެކެވެ.

މިއަޅުކަން އަދާކުރަމުން ގެންދާ ވަގުތު ސާބިތުކޮށްދެނީ އިންސާނާ އަކީ އަމިއްލަ ނަފްސު ކޮންޓުރޯލް ކުރެވިދާނެ މީހެއްކަމުގައެވެ. އެހެނީ، އިންސާނާ އެންމެ ކުރާހިއްވާ ކަންކަމާ ދުރުގައި ކެތްތެރިވަނީ ވަރަށް ގަދަ އަޒުމަކާ އެކުގައެވެ. ރޯދައަށް އުނިކަން ލިބިދާނެ އެއްވެސް ޢަމަލެއް ސިއްރުގައި ވިއަސް ނުކުރުމުގެ ޢަަޒުމެވެ. ސިއްރާ ފާޅު ދެނެވޮޑިގެންވާ ރަސްކަލާނގެ ޙަޟްރަތަށްވަފާތެރި  ވެގެންވާ ޙާލުގައެވެ. ފާޅުގައި އިންސާނާގެ އެންމެ ބޮޑު ޢަދާވަތްތެރިއަކީ އިބިލީސް ކަމުގައިވާފަދައިން ސިއްރުގައިވެސް އެންމެ ބޮޑު ޢަދާވަތްތެރިއަކީ އެއީކަމުގައި ދެކެމުންނެވެ.

ރޯދަމަހުގެ ކޮންމެ ދުވަހަކީ ތަޤުވާވެރިކަމުގެ ތަމްރީނެއް ލިބިގެންވާ ދުވަހެކެވެ. ރޯދައިގެ އަޅުކަން އަދާކުރުމަށް ހަމަޖެހިފައި އޮންނަނީ ތަޤުވާވެރި ވުމަށް މަގުފަހި ވެގެންދާ ގޮތެއްގެ މަތިންނެވެ. އެހެނީ، ތަޤުވާވެރިވުމަކީ ހުރިހާ ޙާލަތެއްގައި ވެސް މާތްﷲ އަށް ބިރުވެތިވުމެވެ. އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރިކަން އަދާކުރުމެވެ. މަނާކުރައްވާފައިވާ އެންމެހާ ކަންކަމުން ދުރުހެލިވުމެވެ. ރޯދަހިފިމުގައިވެސް ޢަމަލު ކުރަންޖެހެނީ ހަމަ މިފަދައިންނެވެ. ރޯދަނޫން ވަގުތުތަކުގައި ހުއްދަކަންކަމުންވެސް ރޯދައިގެ ސަބަބުން ދުރުހެލިވެ ހުންނަންޖެހެއެވެ. ކެއުމާއި ބުއިމުންނެވެ. އަނބިފިރިކަމުގެ ގުޅުން ހިންގުމުންނެވެ. މިއިން ކަމެއް ރޯދަވެރިޔާ ކުރާ ހިތްނުވަނީ މާތްﷲއަށް ބިރުވެތިވާތީއެވެ. ހަމަމިމޭރުމުން ތަޤުވާވެރިޔާވެސް ފާފަތަކަށް އަރާގަތުމަށް ޖެހިލުންވަނީ އެކަލާނގެއަށް ބިރުވެތިވާތީއެވެ.

ރޯދައަކީ އައްޑަނައެއް:

ރޯދައިގެ ސަބަބުން ސިއްޙީގޮތުންނާއި ޖިސްމާނީގޮތުން އަދި ނަފްސާނީގޮތުން އިންސާނާއަށް ވަރަށް ބޮދުފައިދާތަކެއް ލިބޭކަމީ ވަރަށް ބޮޑު ޙަޤީޤީގަތެކެވެ. އެގޮތުން އިންސާނާގެ ހަށިގަނޑުގައި ހިނގާ ޖިންސީ ޣަރީޒާތައް ކޮންޓްރޯލްކުރާ ވަސީލަތަކަށް ރޯދަ ހިމެނިގެންވާ ކަމީ ޝައްކެއް އޮތްކަމެއްނޫނެވެ. އަދި ތަފާތު ނުރައްކާތެރި ބަލިތަކުން ސަލާމަތް ކޮށްދޭ އައްޑަނައެއް ކަމުގައި މި މަތިވެރި އަޅުކަން ވެއެވެ. ރޯދަ ހިފުމުން ހަށިގަނޑުގަ ހުންނަ ފެޓްގެ ބައިތައް ބޭނުންކުރެވޭތީ، އެފެޓްގަ ޖަމާވެފަ ހުންނަ ބައެއްކަހަލަ ވިހަ މާއްދާތައް، ހަށިގަނޑުގެ އެކި ހިސާބުތަކަށް ދައުރުކޮށް ނެތިދެއެވެ. ދުވާލު ހަތަރުދަމުހެން މަސައްކަތްކުރާ މައިދާއަށައި ކާތަކެތި ހަޖަމުކުރާ ނިޒާމަށް އެންމެ ބޮޑު އަރާމެއް ލިބެނީވެސް ރޯދައިގެ ސަބަބުންނެވެ. އެހެނީ، ރޯދަ ހިފަން ފެށުމުން ގިނަމީހުނަށް އެހެން މަސްމަހުގައި ކައިހަދާ ގޮތައް ބަަދލު އާދެއެވެ.

ރާއްޖެބަލިފަދަ ހުޅުހުޅުގަ ރިއްސާ ބައްޔަށް އޮތް ވަރަށް ރަނގަޅު ފަރުވާއަކަށް ރޯދަހިފުން ވެއެވެ. ހަމައެހެންމެ މީ ހަށިގަނޑާ ނުގުޅޭ ތަކެތި ހަށިގަނޑަށް ވާސިލްވުމުގެ ސަބަބުން މެދުވެރިވާ “އެލާޖީ” ގެ ބަލިތަކުގެ ފަރުވާއެކެވެ.

ހަމައެހެންމެ ރޯދައަށް ހުރުމުން ލޮލުގެ ހުދުކަޅި އިތުރަށް ސާފުވާކަމުގައި ދިރާސާތަކުން ދައްކައެވެ. އަދި ދުލުގައިވާ ރަހަ ދެނެގަތުމުގެ ނިޒާމަށް ރޯދައަށް ހުރުމުން ތާޒާކަންލިބި، ކާތަކެތީގެ ފުރިހަމަ ރަހަ އިޙްސާސް ކުރެވެއެވެ. ދިރާސާތަކުން އެނގިފައިވާ ގޮތުގައި ،ކާބޯހައިޑްރޭޓިކް މާއްދާތަކާއި ޖަނަވާރުގެ ސަރުބީ ހުންނަ ގިތެލާއި އަދި ބަޓަރާއި ކްރީމްފަދަ ތަކެތި ކެއުމުގައި ހައްދުފަހަނައަޅާނުގޮސް ، އާދައިގެ މަތިން ކޮންމެ ދުވަހަކު ކުރަމުން ގެންދާ މަސައްކަތް ކުރަމުން ގެންދިއުމާއެކު ހަތަރު ހަފްތާވަންދެން ކޮންމެ ދުވަހަކު ރޯދަހިފާގެން ގާތްގަނޑަކަށް 12ގަޑިއިރު ނޫނީ 14ގަޑިއިރު ކެއިން ބުއިމުން އެއްކިބާގެންވުމީ ބަނޑާއި، ފަލަމަހާއި ދައްބަޑުފަދަ ތަންތަނުގެ ވަށާގެން ޖަހާފައިވާ ސަރުބީ ތަކުން ވަރަށް ބޮޑު ބައެއް މަދުކޮށްލާ ކަމެކެވެ.

ރޯދަހިފުމަކީ ، ކަންނެއްކަމާއި ގިނަވަގުތު އޮތްތަނުގަ އޮތުމާއި ނިދުމުގެ ޒަރިއްއާއަކަށް ނުހަދާ ، މާތްﷲއަށް ކިޔަމަންތެރިކަން އަދާކުރުމުގައި ނަމާދުކޮށް މިސްކިތައްގޮސް އުޅުންފަދަ އަޅުކަންތައް ކޮށްއުޅޭމީހަކަށް ފަލަވާބަލިފަދަ ބަލިތަކުން ރައްކާތެރިވެ ގަތުމަށްޓަކައި އައްޑަނައެކެވެ. އަދި ލޭހޮޅިތައް ހަރުވެ ހަލާކުވުމުން ރައްކާތެރިވެ ގަތުމަށް ޓަކައިވެސް ރޯދައަކީ، އާ މެޑިކަލް ދިރާސާތަކުން ޔަގީންކޮށްދޭ ގޮތުގައި ، އެންމެ މޮޅު ފަރުވާއެވެ.

ރޯދަހިފުމަކީ އެއްވެސް ޝައްކެއްނެތި ހަށިގަނޑުގައި އިތުރުވެފައިވާ ބަރުދަން ލުއިކޮށް ދިނުމަށާއި ނަމޫނާ ބަރުދަނެއްގައި ހަށިގަނޑު ހިފަހައްޓައި ދިނުމަށް ދެވަނަ މިސާލެއްނެއް އަޅުކަމެކެވެ. ސައިންޓިފިކް ދިރާސާތަކުން ސާބިތުވެފައިވާ ގޮތުގައި ރޯދައަކީ ހަމުގެ ބަލިތަކަށް ލުއިފަސޭހަކަން ލިެއްބައިދޭ އަޅުކަމެކެވެ. އެފަދަ ދިރާސާތަކުން އެނގޭ ގޮތުގައި ރޯދަހިފުމަކީ ޒުވާނުންގެ މޫނުގަނަގާ އޮށާޅައަށް އޮތް ފަރުވާއެކެވެ.

 ރުޅިގަނދަވުމާއި ހިތްނުތަނަވަސްވުމާއި ކަންކަމާމެދު ފިކުރު ބޮޑުވުންފަދަ ނަފްސަށް އަންނަ ހީނަރު ހާލަތްތަކަކީ އިމާންތެރިކަން ކުޑަކަމުގެ ޢަލާމާތް ތަކެކެވެ. އެފަދަ ހީނާރު ހާލަތްތަކުގެ ސަބަބުން ސިއްހަތައް ބުރުއަރާނަމަ، ރަމަޟާން މަހަކީ އީމާންތެރިކަން ވަރުގަދަކޮށް ނަފްސުގެ ދުޅަހެޔޮކަން އިތުރު ކުރެވިދާނެ މޫސުމެކެވެ.ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ. ” ތިޔަބއިމީހުން ރޯދަ ހިފާށެވެ. (އޭރުން) ތިޔަބައިމީޙުންގެ ސިއްހަތު ސަލާމަތްވާނެއެވެ.”  މާތް ސާހިބާގެ މަތިވެރި ބަސްފުޅުތަކުންވެސް ރޯދައިގެ ފައިދާ ހާމަވެއެވެ.

ﷲތައާލާއަށް ކިޔަމަންތެރިވުމުގައިވާ އަމާންކަމާއި، މަޑުމައިތިރިކަމާއި، ވަރަޢަވެރިކަމާއި، ހަމަޖެހުމުގެ ރޫހާނީ ސާފްކަމުގެ މުގައްދަސް ހިޔާވަހިކަމުން ހިތައްފިނިކަން ލިބިގަންނަ ރޯދަވެރިޔާވާނީ އިންސާނީ ޙަޔާތައް ނުރައްކާތެރި އެތައް އެތައް ކަންތައްތަކަކުން ރައްކާތެރިކަން ލިބިގެންކަން ކަށަވަރެވެ. ހަމައެކަނި ހިތައްއެރީމާ ނުކައި ނުބޮއި ހުރުމަކުން މިރައްކާތެރިކަމެއް ނުލިބޭނެއެވެ. އަލް-ބަޤަރާ ސުރަތުގެ 184ވަނަ އާޔަތުގައި މާތް ﷲ އަންގަވާފައިވާ ގޮތުގައި “ތިޔަބައިމީހުނަށް ތިޔަބައިމީހުން ރޯދަހިފުން މާރަނގަޅެވެ. ދަންނަ ބަޔަކުކަމުގައި ތިޔަބައިމިހުންވާނެއެވެ. ” ކީރިތި ރަސުލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސުފުޅުތަކުން ބަޔަންވެގެންވާ ގޮތުގައި “އެމަހުގައި (ރަމަޟާންމަހުގައި) ފަރްޟް އަޅުކަމެއް އަދާކޮށްފިމީހާ އެނޫން މަހެއްގައި 70 ފަރްޟް އަޅުކަން އަދާކުރި މީހެއްފަދަވެގެން ވެއެވެ. “” އަދި ގަދަ ކީރިތިވަންތަ ﷲ އެކަލާނގެ ސުވަރުގެ ކޮންމެ ދުވަހަކު (ރޯދަވެރިންނަށްޓަކައި ) ޒީނަތްތެރި ކުރައްވައެވެ.” އަދި ރޯދަމަސް އައުމުން ” އޭ ހައްދަވާ ބޮޑުކުރެއްވި ރަސްލާކޮ! އަޅަމެނަށްޓަކައި މިމަހުގައި އިބަރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ފިރިން ލައްވާދޭވެ! ” ހޫރުލްޢީނުން ދުޢާ ކުރާކަމުގައި ވެއެވެ.

މާތް ﷲ އަޅަމެނަށްޓަކައިވާ  ނިޢުމަތެއްގަ ކަމުގައި ރަމަޟާން މަސް ލައްވާފައިވާއިރު އެމަތިވެރި މައްސަރުގެ ދަރުމައާ ޘަވާބު ހޯދުމަށް ކޮންމެ މީހަކުވެސް މަސައްކަތް ކުރުން ވަރަށް މުހިއްމެވެ. އެހެނީ ދުނިޔަވީ ދިރިއުޅުން އާރާސްތުކުރުމަށްވުރެ އާޚިރަތުގެ ގޮވައްޗައްޓަކައި މަސައްކަތްކުރުމީ ވަރަށް މުހިއްކަމެކެވެ.އެހެނީ މީހަކު މަރުވެގެންދާއިރު އޭނައާއކުގައި އޭނައެއްކުރި ގެދޮރާއި މުދާނުގެންދެވެއެވެ.  ރަމަޟާންމަސް އަލަމެނާބައްދަލުކުރާއިރު ކުރެވިފަވާ އެންމެހާ ފާފަތަކުން ތައުބާވެ އެމަހުގެ ގިނަގުނަ ޘަވާބު ހޯދުމުގެ ޢަޒުމުގައި ކުރިއަށް ދަމާހިނގާށެވެ! އެމައްސަރުގެ އަޅުކަން އަދާކޮށްފިމީހަކަށް ހުރި ދަރުމައާ ޘަވާބު މާތް ސާހިބާގެ މަތިވެރި ބަސްފުޅުތަކުންވެސް އެނގިގެންދެއެވެ. އެހެން މަސްމަހާ ހިލާފަށް ރަމަޟާން މަހުގައި އަޅުކަން އަދާކުރުން ގިނަކުރަންޖެހެއެވެ. އަޅުގަނޑުގެ ދުޢާއަކީ މި ލިޔުން ކިޔުއްވާ ކޮންމެ ބޭފުޅަކަށްވެސް  ރަމަޟާންމަހުގެ ދަރުމަ އާ ޘަވާބަށްއެދި މަސައްކަތް ކުރުމުގެ ރޫހު އެހިތްތަކުގައި އާލާވުމެވެ.

Leave a comment

Your email address will not be published. Required fields are marked *