ޚިތުބާގެ މާނަ:

ކަނޑައަޅާ ވަކި އަންހެނަކާ ކައިވެނިވުމުގެ އެދުން އެއަންހެނާގެ ގާތުގައި ނުވަތަ އޭނާގެ ވަލީވެރިޔާގެ ގާތުގައި ފާޅުކުރުމެވެ. މިއެދުން ކައިވެނިވާން އެދޭމީހާ ނުވަތަ އޭނާގެ އަހުލުން މެދުވެރިކޮށްވެސް ފާޅުކުރެވިދާނެއެވެ. ކައިވެނިވުމުގެ އެދުން ހުށަހެޅުމުން އަންހެންކުއްޖަ ނުވަތަ އަންހެންކުއްޖާގެ ފަރާތުން އޭނާގެ ވަލީވެރިޔާ އެކަން ޤބޫލުކުރުމުން ކައިވެނިވާން އެދޭ ފިރިހެންކުއްޖާއާ ކައިވެނި ވުމަށް އެދި ހުށަހެޅުނު އަންހެން ކުއްޖާއާ ދެމެދު ޚިތުބާ ކުރެވުނީއެވެ. ނުވަތަ އެދެމިހުން އެކަކު އަނެކަކާ ކައިވެނި ވުމަށް އެއްބަސް ވެވުނީއެވެ. މިކަން މިގޮތައް ވެނިމި ދިއުމުން އެކަމާގުޅޭENGAGEMENއެއްބަސްވުމަށް ހުކުމްތަކާއި އެޙުކުމްތަކުގެ ޝަރުޢީ ނަތީޖާތަކެއް ނުކުމެގެންދެއެވެ.

ޚިތްބާ ވުމުގެ ޙިކުމަތް:

ޚިތުބާ ވުމަކީ ކައިވެނި ވުމުގެ ކުރިން ހިނގާ ގިނަ ކަންތައްތަކޭ އެއްފަދައިން ، ކައިވެނިވާން އުޅޭ ދެމީހުން އެކަކު އަނެކަކު ދެނެގަތުމަށް ކޮށޭމަގެކެވެ. މިކަމުގެ ސަބުން ، އެދެމީހުންގެ ސުލޫކާއި މިޒާޖާއި ހިތްކިޔާ ކަންކަމަކީ ކޮބައިކަން ދެނެގަނެވޭ ގޮތްވެދެއެވެ. އެކަމަކު، އެކެއް އަނެކަކު ދެނެގަތުމުގެ ގޮތުން ހުޅުވާލެވޭ މިފަދަ މަގެއްވެސް ހުޅުވިގެން ދާންވާނި ޝަރުޢީ އިމުން ބޭރުނުވާ ގޮތެއްގެ މަތިންނެވެ.  މިފަދަ މަގަކުން ހިނގާގެން އެދެމީހުންގެ މެދުގައި ދެނެގަތުން އުފެދިއްޖެނަމަ، ކައިވެނި ބާއްޖަވެރި ވުމަކީ ވަރަށް ގާތްކަމެކެވެ.

އެހެން މިހެއްގެ އިއްދާގައި އިން އަންހެނާއަށް ކައިވެނި ވުމަށްއެދި ހުށަހެޅުން:

އެހެން މީހެއްގެ އިއްދާގައި އިން އަންހެނަކު އެއި ފިރިމިހާ މަރުވެގެން ޢިއްދާގައި އިން އަންހެނެއްކަމުގައި ވިއަސް، ނުވަތަ ރަޖުޢީ ވަރިއަކުން ނުވަތަ ބާއިން ވަރިއަކުން ވަރިވެފައި އިނުމުގެ ސަބަބުން ޢިއްދާގައި އިން އަންހެނެއް ކަމުގައި ވިއަސް  ޢިއްދާގެ މުއްދަތު ހަމަނުވަނިސް އެފަދަ އަންހެނަކާ ކައިވެނިވުމުގެ ގޮތުން ހުށަހެޅުމަމަކީ ހަރާމް ކަމެކެވެ. ރަޖްޢީ ވަރިއަކުން ވަރިވެފައި އިން އަންހެނާއާ ކައިވެނި ވުމަށް އެދި އެހެން ފިރިހެނަކު ހުށަނޭޅޭނެ ސަބަބަކީ ، އެފަދަ އަންހެނަކު އެއިންނަނީ ، ޢިއްދައިގެ މުއްދަތު ނުނިމޭނަމަ ، ވަރި ކުރި ފިރިހެނާ ބޭނުން ވެއްޖެ ހިނދެއްގައި އެ އަންހެނާއާ އެކު ޒަވާޖީ ހަޔާތެއް ހޭދަކުރެވޭ ޙާލަތުގައެވެ. އެއީއެއަންހެނާ އެއިނީ ވަރިކުރި ފިރިހެނާގެ އިސްމަތުގައި ( ރައްކާތެރި ކަމާ ބެލެހެއްޓުމުގެ ދަށުގައި ) އިން އަންހެނެގެ ގޮތުގައެވެ. ހަމަ އެހެންމެ، ބާއިން ވަރިއަކުން ވަރިވެފައި އިން އަންހެނާއަށް ޞަރީހަބަހުން (ސީދާ ބަހުން) ކައިވެނި ވުމަށް އެދި ހުށައެއް ނޭޅޭނެއެވެ އެހެނީ، ކުރިން އިނދެގެން އުޅުނު މީހާއަށް އަދިވެސް ކައިވެނީގެ އާ ޢަޤްދަކާއެކު ޒަވާޖީ ޙަޔާތެއް އެ އަންހެނާއާ އެކު ފެށުން ހުއްދަވާނެތީއެވެ. މިފަދަ ހާލަތެއްގައި އިންނަ އަންހެނަކާ ކައިވެނި ވުމަށް ހުށަހެޅުމަކީ، ކުރިން އިނދެގެން އުޅުނު މީހާގެ ހިތުގައި ހިތްހަމަ ނުޖެހުމާއި ޢަދާވަތްތެރިކަން އުފެދިގެން ހިނގައިދާނެ ކަމެއް ކަމުގައި ވެދާނެއެވެ.

ކައިވެނި ވުމަށް އެދޭ އަންހެނާގެ ކިބައިގާ ހުރުން އެދެވިގެނަވާ ސިފަތައް:

އިންސާނެއްގެ ހަޔާތުގައި އޭނާގެ އަމިއްލަ އިޚްތިޔާރާއެކު ނިންމާ އެންމެ މުހިއްމު ނިންމުމަކީ ހަޔާތުގެ ބައިވެރިއަކު އިޚްތިޔާރު ކުރުމެވެ. ޒަވާޖީ ޙަޔާތެއް ބާއްޖަވެރިކަމާއެކު ފަށައި އެޒަވާޖީ ޙަޔާތުގެ މަތީގައި ދެމިތިބެ ، ދުނިޔަވި ޙަޔާތް ނިންމާލުމީ ، އިސްލާމްދިން ވަރަށް މަތީ ދަރަޖައަކަށް ބާރުއަޅާ ކަމެކެވެ.

މިހަކާ އިނުމުގެ ޙިޔާލު އުފެދުމާއެކު ، ފިރިހެނަކުވިއަސް އަދި އަންހެނަކު ވިއަސް، ސަމާލުވާންޖެހޭ ކަނތައް ތަކެއް ހުރެއެވެ. މިގޮތުން ތިމާ ހިތްއެދޭ ، ޙަޔާތުގެ ބައވެރިޔާގެ ކިބައިގައި ހުރުމަށް އިސްކަންދޭ ސިފަތަކުގެ ތެރޭގައި މުއްސަނދި ކަމާ މުޖުތަމަޢުގައި ޤަދަރުވެރި ޢާއިލާއަކަށް ނިސްބަތްވާ މީހަކަށް ވުމާއި ޖިސްމާނީ ރީތިކަމާއި ދީންވެރިވުމާއި ޚުލްޤު ހެޔޮވުން ހިމެނެއެވެ. މި ސިފަތަކަކީ އާއްމުގޮތެއްގައި މީސްމިހުންގެ ޒަވާޖީ ހަޔާތުގެ ބައިވެރިޔާގެ ކިބާގައި ހުރުމަށް އެދޭ ސިފަތަކެއް ކަމުގައި ވެދެއެވެ. މީގެ ތެރެއިން ހުރިހާ ސިފައެއް ހަމަ ކޮންމެ މީހެއްގެ ކިބާގައި ހުރުމަކީ ވާނޭ ކަމެއް ނޫނެވެ. އެހެންކަމާއެކު އެކި މިހުން އިސްކަން ދެނި މީގެތެރެއިން އެކި ކަންކަމަށެވެ. އެގޮތުން ބައެއްމީހުން ޙަޔާތުގެ ބައިވެރިއަކު އިޚްތިޔާރުކުރާއިރު އިސްކަންދީ އުޅެނި އަނެކުންނަށް ދެއްކުމާއި ފަހްރުވެރި ވުމުގެ ގޮތުންނެވެ. ތިމާގެ ހަޔާތުގެ ބައިވެރިޔާއަކީ ހާދަ ރީތި މިހެކޭ ، ނުވަތަ ހާދަ ފައިސާ ގިނަ މީހެކޭ، ނުވަތަ ޤަދަރު ބޮޑު ޚާންދާނެއްގެ މިހެކޭ އެންމެންވެސް ބުނުމުގެ އުނއްމީދުގައެވެ. އެކަމަކު ވިސްނާލުން އެކަށިގެންވަނީ، މިއިން ކޮންމެ ސިފައަކިވެސް ވަގުތީ އަސަރުތަކެއް ހިމެނޭ  ސިފައެއްކަމެވެ. ކައިވެނި ވުމަށް އެދޭ މީހުން އިސްކަންދޭންވީ ސިފައާ ބެހޭގޮތުން  ކީރިތި ރަސުލާ ހަދީޘް ކުރައްވާފައިވަނީ {تنكح المرأة لإربع: لمالها، ولحسبها، ولجمالها، ولدينها، فظفربذات الدين، تربت يداك}މާނަ: “އަންހެނަކާ ކައިވެނިވެ އުޅޭއިރު ހަތަރު ސިފައަކަށް ބެލެވެއެވެ. އޭނާގެ މުދައުވެރިކަމަށެވެ. އޭނާގެ ޙަސަބަށެވެ. އޭނާގެ ރީތިކަމަށެވެ. އޭނާގެ ދީންވެރިކަމަށެވެ. ދީންވެރި އަންހެނާ ލިބިގަންނާށެވެ. ތިބާގެ އަތް ބާއްޖަވެރި ވެދާހުއްޓެވެ. (އެބަހީ ދީންވެރި ޚުލްޤުހެޔޮ އަންހެނަކާ ކައިވެނިވުމަކީ ، ޒަވާޖީ ޙަޔާތް ބާއްޖަވެރި ވެގެންދާނެ ކަމެކެވެ. )”މިޙަދީޘުން އެނގި ސާބިތުވަނީ ، ކައިވެނި ވުމަށްޓާކައި އިންސާނުންނ އިސްކަންދޭ ސިފަތަކުގެ ތެރެއިން ދީންވެރިކަމާއި ޚުލްޤު ހެޔޮވުމުގެ  ސިފަ ފިޔަވައި އެހެން ހުރިހާ ސިފަތަކަކީ ވަގުތީ ސިފަތަކެއް ކަމާއި ކައިވެނި ބާއްޖަވެރިވުން އޮތީ ދިންވެރިވުމާއި ޚުލްޤުހެޔޮ ވުމުގެ މައްޗަށެވެ.  ދީންވެރިކަމާއި ޚުލްޤު ހެޔޮކަމުގެ ސިފައެއް ނެތް އަންހެނަކާ ކައިވެނިވުން މަނާކުރައްވާފައި ވެއެވެ.  ޙާދީޘް ބަސްފުޅެއްގައި ވެއެވެ. {لا تنكحوا النساء لحسنهنّ، فلعلّه يرديهنّ، ولا لمالهنّ ، فلعلّه يطغيهنّ، وانكحوا  للدين، ولأمة سوداء خرقاء ذات دين  أفضل} މާނަ: އަންހެނުންގެ ރީތިކަމަށްޓަކައި އެކަނބަލުންނާ ކައިވެނި ނުކުރާށެވެ. ފަހެ، އެރީތި ސިފައަކީ އެކަނބަލުންނަށް ހުރި ހަލާކަކަށް ވެދާނެއެވެ. އަދި އެކަނބަލުންނަށް ލިބިގެންވާ މުދައުވެރި ކަމަށްޓާކައިވެސް ކައިވެނި ނުކުރާށެވެ. ފަހު، އެއީ އެކަނބަލުން މަގުފުރެދުމަށް ހުރި ސަބަބެއް ކަމުގައި ވެދާނެއެވެ. ދީންވެރި ކަމަށްޓަކައި އެކަބަލުންނާ ކައިވެނި ކުރާށެވެ! ކަޅު ނިކަމެތި އަޅު އަންހެނަކުވެސް ދީންވެރި ވެއްޖެނަމަ ( އެފަދަ އަންހެނަކާ) ކައިވެނި ކުރުން މާތްކަން ބޮޑެވެ.

އަޚްލާޤު ރަނގަޅު ހެޔޮ މިޒާޖުގެ އަންހެނުންގެ ކިބާގައި ހުންނާނެ ސިފަތައް ބަޔާން ކޮށްދެއްވަމުން ކީރިތި ރަސުލާ ޙަދީޘް ކުރައްވާފައި ވެއެވެ. ކީރިތި ރަސޫލާގެ އަރިހު ސުވާލު ދެންނެވުނެވެ. އެންމެ ހެޔޮ އަންހެނުންނަކީ ކޮބައިތޯއެވެ؟ ޙަދީޘް ކުރެއެވިއެވެ. އެއީއެކަބަލަކަށް ބަލާލެވޭހިނދު ހިތައް އުފާވެރިކަން ލިއްބައިދޭ ، ފިރިމީހާގެ ބަސް ޤަބޫލުކުރާ ، ފިރިމިހާ ހިތް ނޭދޭ ކަންކަމުގައި އެކަނބުލޭގެ މުދަލާއި ނަފްސު ހޭދަ ނުކުރާ އަންހެނާއެވެ.

ބަޔާންވެދިޔަ ހަދީޘްގައި އަންހެނާގެ ސިފަތަކުގެ ވާހަކަ ނަންގަނެވިފައި ވިއަސް ދީންވެރި ކަމާއި އަޚްލާޤު ރަނަގޅު ވުމުގައި ފިރިހެނެކޭ އަންހެނެކޭ އެއްވެސް ތަފާތެއް ނެތެވެ. ކައިވެނިގެ މައުޟޫޢުއާ ގުޅިގެން ޢާއްމުކޮށް ވާހަކަ ދެކެވޭ ހިނދު، އަބަދުވެސް ފިރިހެނާގެ ވާހަކަ އަށް ވުރެ ބޮޑަށް އަންހެނާގެ ވާހަކަ ދެކެވޭ ގޮތްވުމީ އިންސާނީ މުޖުތަމަޢުގެ އާދައެވެ. ކައިވެނި ވުމުގައި ދީންވެރިވުމާއި އަޚްލާޤު ރަނގަޅުވުން އޮންނަންވީ ހަމއެކަނި އަންހެނާގެ ކިބާގައެއްނޫނެވެ. ފިރިމީހާއަކީވެސް ދީންވެރި އަދި ޚުލްޤު ހެޔޮ މީހަކަށް ވާންޖެހޭނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. ކައިވެނީގެ މައިދާނުގައި އަންހެނާގެ ސިފަތަކަށް ބޮޑަށް ބެލުމުގެ އެއްސަބަބކީ ރަނގަޅު ޖީލެއް  ބިނާކުރުމުގައި އެންމެ އިސްދައުރެއް އަދާކުރާ މީހަކީ އަންހެނާ ކަމުގަވާތިއެވެ. ކުއްޖާގެ ފުރަތަމަ މަދަރުސާއަކީ މަންމަގެ އުނގު ކަމަށްވާތީއެވެ.

ހަޔާތުގެ ބައިވެރިޔާ ހޮވުމުގައި ރަނގަޅު ހޮވުމަކަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމު ދެމަޤުޞަދެއް ހާސިލްކުރުމގެ ގޮތުން ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. އެދެ މަޤްޞަދަކީ ، ދެމަފިރިންނަށް ލިބޭ ހިތްހަމަ ޖެހުމާއި ހެޔޮލަފާ ދަރިން ތަރުބިއްޔަތު ކުރުމުގެ މަގު ފަހިވުމެވެ. ކިރިތި ރަސޫލާ ބައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. {تخيّروا لنطفكم، فانكحوا الأكفّاء، وانكحوا إليهم} މާނަ:” ތިޔަބައި މީހންގެ ނުޠުފާއަށްޓަކައި ރަނަގޅު ހޮވުމެއް އިޚްތިޔާރު ކުރާށެވެ! އަދި ކުފޫ ހަމަވާ މީހުންނާ ކައިވެނި ކުރާށެވެ. އަދި އެފަދަ މީހުންނާ ކައިވެނި ކޮށްދޭށެވެ!

ހަމަ އެހެންމެ  ކައިވެނިވާ އެދޭ މީހަކީ އަމިއްލަ ޢާއިލާއާ ދުރުމީހަކު ކަމުގައިވުމާއި އަދި ޚުލްޤު ހެޔޮ އާއިލާއެއްގެ މީހެއްތޯ ބެލުމަކީ ވަރަށްވެސް މުހިއްމުކަމެކެވެ. އެހެނީ ރަނގަޅު ގަހަކުން އަޅާމޭވާ ފޮނިވެފަ ފައްކާވާނެކަމީ ވަރައްވެސް ބޮޑު ހަޤިޤތެކެވެ.ހަމައެހެންމެ އެކަކަށްވުރެ ގިނަ އަނބިންނާ ކައިވެނި ނުކުރުން

އެދެވިގެންވެއެވެ.  ސަބަބކީ އިސްލާމްދީނުގައި އެކަން ހުއްދަ ކުރައްވާފަ ވިއަސް ބޮޑަށް އިސްކަން ދެވިގެން ވަނީ ވަފާތެރި ކަމުގެ ހަޔާތެއް އެކަކާއިއެކު ހޭދަކުރުމަށެވެ. އަދި އެކަކަށްވުރެ ގިނަ އަނބިން ތިބުމަކީ އަނބިންގެ މެދުގައި ޢަދުލުވެރި ވުމަށް އެޅިދާނެ ހުރަހެކެވެ. ކީރިތި ޤުރުއާނުގައި ވެއެވެ. وَلَن تَسْتَطِيعُوۤاْ أَن تَعْدِلُواْ بَيْنَ ٱلنِّسَآءِ وَلَوْ حَرَصْتُمْ فَلاَ تَمِيلُواْ كُلَّ ٱلْمَيْلِ فَتَذَرُوهَا كَٱلْمُعَلَّقَةِ وَإِن تُصْلِحُواْ وَتَتَّقُواْ فَإِنَّ ٱللَّهَ كَانَ غَفُوراً رَّحِيماً(النساء129). މާނަ: “ތިޔަބައި މިހުން ކިތައްމެ ވަރަކަށް އެދި ދަހިވެތި ވިއަސް ، އަނބިންގެ މެދުގައި ( ލޯބީގެ) ގޮތުން ޢަދުލު ވެރި ވުމަކަށް ތިޔަބައި މީހުނަކަށް ކުޅަދާނަވެގެން ނުވެއެވެ.”  ހަމައެހެންމެ ކީރިތި ރަސޫލާގެ ހާދީޘް ބަސްފުޅެއްގައި ވެއެވެ. { من كان له امرأتان، فمال إلى  إحداهما، جاء يوم القيامة، وشقّه مائل} މާނަ: “ދެމީހަކާ ( އެއްވަގުތެއްގައި )އިނދެގެން އުޅޭ މީހަކު، އެތަނުން އެކަކުގެ ފަޅިއަށް ލެނބިގެންފިމީހާ ޤިޔާމަތް ދުވަހު އަންނަހުށީ އެއްފަރާތައް އަރިއަޅާލާފައިވާ ޙަލުގައެވެ

ކައިވެނި ވުމަށް އެދި ހުށަހަޅާ އަންހެނާއަށް ބެލުން:

ޢާއްމު ގޮތެއްގައި ޝަހުވަތުގެ ނަޒަރުން ފިރިހެނަކު އަންހެނަކާ ދިމާއަށް އަދި އަންހެނަކު ފިރިހެނަކާ ދިމާއަށް ބެލުމަކީ އިސްލާމީ ޝަރީޢަތުގައި ޙަރާމް ކުރައްވާފަވާ ކަމެކެވެ. އެހެންނަމަވެސް ވަކި ޙުދޫދެއްގެ މަތިން ކައިވެނިވާން އެދޭ ދެމުހުން ތަޢާރަފް ވެލުމަކީ އިސްލާމްދީން ހުއްދަ ކުރައްވާފައިވާ ކަމެކެވެ.

އެގޮތުން ފުރަތަމަ ގޮތަކީ އިންނަން އުޅޭ ފިރިހެން ކުއްޖާގެ ފަރާތުން ، އަންހެން ކުއްޖަގެ ގާތައް އިތުބާރު ކުރެވޭ އަންހެނަކު ފޮނުވައިގެން އެ ކުއްޖާއާ ބެހޭޖިސްމާނީ ސިފަތަކާއި އެ ކުއްޖާގެ ކިބާގައިހުރި ރީތި ސިފަތައް ދެނެގަތުމަށް ފަހު ފިރިހެން ކުއްޖާ އަށް ކިޔާދިނުމެވެ. އަނަސްގެފާނުގެ އަރިހުން ރިވާވެގެން ވެއވެ. ކައި އިތުރު ރަސޫލާ އުއްމު ސުލައިމު ކިޔާ ޞަޙާބިއްޔަ ބޭކަނބަލަކު އަންހެނެއްގެ ގާތައް ފޮނުއްވަމުން ވިދާޅުވިއެވެ. ކަމަނާ ވަޑާއިގެން އެކަބުލޭގެ ފުންނާބުގެ މަތީގަވާ ފަލަ ނާރަށާއި ކަނދުރާއިން ދުވާ ވަސް ބައްލަވާ ދެއްވަވާށެވެ! ކައިވެނިވާން އެދޭ އަންހެނާއަށްވެސް ފިރިހެން ކުއްޖާއާ ބެހޭ ގޮތުން މައުލޫމާތު ލިބިގަތުމަށް ޓާކާ މިފަދައިން ޢަމަލުކުރުން ހުއްދައެވެ. އެހެނީ، މިބާވަތުގެ ކަންކަމުގައި ފިރިހެނުންނެކޭ އެއްފަދައިން އަންހެނުން ނަށްވެސް އެކަބަލުން ކައިވެނިވާން އެދޭ ފިރިހެން މިހާއާ ބެހޭ ގޮތުން އެނގެން ބޭނުނުންވާނެއެވެ.

ދެވަނަގޮތަކީ ކައިވެނިވާން އެދޭ ދެމީހުން އެއްވެސް ދުވެރިއެއްނެތި އެކަކު އަނެކަކާ ބައްދަލުކޮށް ތަޢާރަފް ވުމެވެ. މިގޮތުން އިސްކޮޅާއި މޫނާއި ދެއަތްތިލައަށް ބެލުން ހުއްދަވެގެންވެއެވެ. އެހެނީ މޫނުން މިހާގެ ރީތިކަން ،އަދި ދެއަތްތިލައިން އޭނާގެ މުރާލިކަމާއި ބަނިޔާދަންކަން އަދި އިސްކޮޅުން ކުރުކަމާއި ދިގުކަން އެނގިގެން ދާނެއެވެ. ކައިވެނިވާން އެދޭ ދެމީހުން އެކަކު އަނެކަކު އެނގި، ދެނިވެ، ތަޢާރަފްވުމުގެ ގޮތުން އެކަކު އަނެކަކަށް ބެލުމަކީ އިސްލާމީ ޝަރީޢަތުގައި ހުއްދަކަމެކެވެ. މިކަމުގެ ދަލިލަކީ عن المغيرةبن شعبة أنّه خطب امرأة ،فقال النبي صلى الله عليه وسلم: ” انظر إليها ، فإنه أحرى ان  يؤد م بينكما”މާނަ:” އަލް މުޣީރާ ބުން ޝުޢުބާ، ކައިވެނި ބައްލަވާ ގަތުމުގެ ގަސްދު ފުޅާއެކު އަންހެން ކަނބަލަކަށް ހުށަހެޅުއްވި ވާހަކަ އެކަލޭގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ފަހެ، ކީރިތި ރަސޫލާ (އަލްމުޣީރާއަށް) ވިދާޅުވިއެވެ. (ކައިވެނި ބައްލަވާ ގަތުމަށް ހުށަހެޅުއްވި) އެކަނބަލަކަށް ބައްލަވާ ލައްވާށެވެ! ފަހެ، ހަމަކަށަވަރުން އެކަމުގެ ސަބަބުން ތިޔަ ދެފަރާތުގެ (ކާވެނި) ދެމެހެއްޓެނިވި ކަމެއް ކަމުގައިވުން ގާތެވެ.

ޚިތުބާވެ ނިމިމަށްފަހު އެކަމުން އެއްކިބާވުމާއި އޭގެ ނަތީޖާ:

ޚިތުބާވެ ނުމުމަށްފަހު ، ދެމީހުންކުރެ ކޮންމެ މިހަކުވެސްއެކމުން ތަނާޒުލުވުން ނުވަތަ އެއްކިބާވުމަކީ ހުއްދަކަމެއްކަމުގައި ޖުމްހޫރު ޢިލްމުވެރިން ވިދާޅުވިއެވެ. އެހެނީ، ކަމެއް ކުރުމަށް ޢަޤްދެއް ނުވާހާ ހިނދަކު އެކަމެއް ކުރުމަށް އެއްބަސްވިއަސް އެ އެއްބަސްވުމުން އެއްކިބާވެ ތަނާޒުލުވެވިދާނެއެވެ. އެހެންނަމަވެސް އަޚްލާޤީ ނަޒަރަކުން ބަލާއިރު ދީނުގައި ހުއްދަވެގެންވާ ކަމެއް ކުރުމަށް އެއްބަސްވުމަށްފަހު ވަރަށް މުހިއްމު ޢުޛުރެއް މެދުވެރި ވުމުން މެނުވީ ، އެކަމުން އެއްކިބާވުމަކީ ރަނގަޅު ކަމެއް ނޫނެވެ. ވަކިން ހާއްސަގޮތެއްގައި ކައިވެނީގެ މައްސަލާގައެވެ. ކައިވެނިވާން އެދޭ ދެފަރާތުގެ ކަރާމަތާއި ދެފަރާތުގެ ޢާއިލާގެ ގަދަރަށްޓާކައެވެ. އެހެނީ އިސްލާމީ ޝަރިޢަތުގައި ، ވަޢުދާ ޢަހުދު ފުއްދުމަކީ ވަރަށް ގަދަޔަށް ބާރުއަޅުއަވާފައވާ ، އަދި އަމުރު ކުރައްވާފައިވާ ކަމެކެވެ. މާތް ﷲ ވަހީ ކުރައްވަފައިވެއެވެ. {وَلاَ تَقْرَبُواْ مَالَ ٱلْيَتِيمِ إِلاَّ بِٱلَّتِى هِىَ أَحْسَنُ حَتَّىٰ يَبْلُغَ أَشُدَّهُ وَأَوْفُواْ بِالْعَهْدِ إِنَّ ٱلْعَهْدَ كَانَ مَسْؤُولاً} (الإسراء34) މާނަ: “އަދި ތިޔަބައި މީހުން ޢަހުދު ފުއްދާށެވެ! ހަމަކަށަވަރުން ޢަޙުދަކީ، (އެއާމެދު) ސުވާލު ކުރައްވާނެކަމެއް ކަމުގައި ވިއެވެ.” އަދި ހައެހެންމެ ކީރިތި ރަސުލާ ޙަދީޘް ކުރައްވާފައިވެއެވެ.{اضمنوا لي ستّا من أنفسكم أضمنُ لكم الجنّة: اصدقوا إذا حدّثتم، واوفوا إذا وعدتم، وأدّوا إذا ائتمنتم، واحفظوا فروجكم وغُضّوا أبصاركم، وكُفّوا أيديكم} މާނަ: “ތިޔަބައިމީހންގެ ނަފްސުގައި ހުރި ހަކަމެއްގެ މައްޗައް (އެގޮތައް ނުވާނެކަމަށް) ތިމަންކަލޭގެފާނަށް ޖާމިނުކަން ދޭށޭވެ! ތިޔަބައިމީހުނަށް ސުވަރުގެ ލިބޭނެކަމަށް ތިމަންކަލޭފާނު ޖާމިނުވާ ހުށީމެވެ. އެއީ ވާހަކަދައްކާއިރު ތެދުބުނާށެވެ! ވަޢުދެއް ވެއޖެނަމަ، (އެވަޢުދު) ފުއްދާށެވެ! އަމާނަތެއް ތިޔބައިމީހުނާ ހަވާލުވެއްޖެނަމ، އެ އަމާނަތެއް އޭގެ ޙައްޤުވެރި ފަރާތައް ރައްދު ކޮށްދޭށެވެ! ތިޔަބައިމުހުންގެ ފަރުޖުތަކަށް ރައްކާތެރިވާށެވެ! ތިޔަބައިމހުންގެ ލޯތައް ތިރިކުރާށެވެ! ތިޔަބައިމިހުނގެ އަތްތައް (އަނިޔާވެރި ވުމާ ދިމާއަށް ދިޔަނުދީ) ހިފަހައްޓާށެވެ!

ޚިތުބާވުމަކީ ކައިވެނިވުމަށް ވެވޭ ވަޢުދެކެވެ. ޚިލާފުވުމަކީ މާއްދީ އެއްވެސް ޢުޤޫބާތެއް ކަނޑައެޅިފައޮންނަ ކަމެއްނޫނެވެ. ވަޢުދާ ޚިލާފުވުމަކީ، އަޚުލާޤީ ގޮތުން ދައް ފެންވަރުގެ ކަމެއް ކަމުގައި ވީނަމަވެހެވެ. އަދި އެއީ މުނާފިޤުންގެ ސިފައެއް ކަމުގައި ވުމާއެކުގައެވެ. ކަންމިހެން ހުރުމާއެކު، ޚިތުބާވުމަށްފަހު އެކަމުން އެއްކިބާވާންޖެހޭފަދަ މަޤުބޫލު ޢުޛުރެއް ދިމާވެއްޖެނަމަ، ވަގުތު ދެމިގެން ނުދާނޭގޮތުން އެކަމުން ތަނާޒުލުވުން އައުލާވެގެންވެއެވެ. އެހެނީ ވަޢުދެއް ވިއަސް ،އެކަން ނުފުއްދޭނެފަދަ ޢުޛުރެއް މެދުވެރި ވެއްޖެނަމަ، އެކަމުން އެއްކިބާވުމުގެ ޙައްޤު ކޮންމެ މީހަކަށްވެސް ލިބިގެން ވެއެވެ. އަދި ޚިތުބާވީ ހިނދު ، ރަނުގެ މިންވަރެއް ދެވިފައިވާނަމަ، ޚިތުބާއިން ތަނާޒުލު ވުމާއެކު އެ ރަން އަނބުރާ ހޯދުމުގެ ޙައްޤުވެސް ފިރިހެން ކުއްޖާއަށް ލިބިގެން ވެއެވެ. އެހެންނަމަވެސް ، އަންހެން ކުއްޖާއާށް ދެވިފައިވާ އެއްޗަކީ ހަދިޔާއެއްގެ ގޮތުގައި ދެވުނު އެއްޗެއްނަމަ ، އެހަދިޔާ އަތުލުމަކީ ހުއްދަ ކަމެއް ނޫނެވެ. އެހެނީ، ހަދިޔާއަކީވެސް އެއްޗެއް ހިބަކޮށް ދިނުމާ އެއްފަދަ ކަމެކެވެ. ދެވުނު ހަދިޔާއަކީ ، އެއްޗެއް ނުވަތަ ކަމެއްގެ ބަދަލުގައި ކުރެވުނު ހަދިޔާއެއް ކަމުގައި ނުވާނަމައެވެ. ހަޤީޤަތުގައި ، އެއްޗެއް މީހަކަށް ހިބަކޮށް ދެވިއްޖެނަމަ ، އެއްޗެއް ހިބަކޮށްދެވުނު މީހާގެ މިލްކަކަށް ވެގެން ދެއެވެ. ވީމާ އެހެންމީހެއްގެ މިލްކުގައިވާ އެއްޗެއް އެމިހާގެ ނުރުހުމުގައި ލިބިގަތުމުގެ ހައްޤު އެއްވެސް މިހަކަށް ލިބިގެން ނުވެއެވެ.

 

ޚިތުބާ ވުމަށްފަހު އެދެމީހުންނަކީކައިވެނީގެ ގޮތުން ގުޅިފައިވާ ދެމިހުން ކަމުގައި ނުވާނެއެވެ. އެގޮތުން އެދެމިހުނަށް ކައިވެނިގެ އެއްވެސް ގުލުމެއް ހުއްދަ ވެގެން ނުވެއެވެ. އެހެނީ ކައިވެނިވާންއެދޭ އަންހެން ކުއްޖާއާއި ފިރިހެން ކުއްޖާ އެއްވެސް ހައްދެއްނެތި މިނިވަންކަމާއެކު ދެމަފިރިން ފަދައިން އެކު އުޅުމަކީ އޭގެ ސަބަބުން ވަރަށް ގިނަ މައްސަލްތައް ނުކުމެދާނެކަމެކެވެ. ކައިވެނި ނުކުރާ ޙާލުގައި ދެމީހުން ކިތައްމެ ފަހަރަކު ބައްދަލުކޮށް އުޅުނެއް ކަމަކު ، ކައިވެނި ވުމަށް ފަހު، ފަށާ ޙަޔާތުގެ އިޙްސާސްތަކާއި ވިސްނުން ތަޖުރިބާ ކުރުމަކީވާނޭ ކަމެއް ނޫނެވެ. ކައިވެނި ވުމަށްފަހު ކުރުން ހުއްދަ ކަންކަން ، ކިތައްމެ ފަހަރަކު ކައިވެނި ނުކޮށް ތިބެ ކުރި ކަމުގައި ވިއަސް މެއެވެ. ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންގެ މި ކުޑަ ކުޑަ މުޖުތަމަޢުގައި އެންގޭޖްމަންޓު ނުވަތަ ޙިތުބާ ބަލާގަނެފައި ވަނީ ވެސްޓާން މުޖުތަމައު ތަކުގެ އާދަކާދައާ އެއްގޮތަށެވެ. އެކަމުގެ ސަބަބުން މި މުޖުތަމަޢުގައި ވަރި ގިނަވެ،ޒިނޭފަދަ ފާޙިޝް ޢަމަލުތައް ގިނަތަނަކަށް މިއަދު މިވަނީ ވެފައެވެ.  ކައިވެނިގެ ކުރިން ދެމިހުން އެކަކު އަނެކަކަށް ބައްދަލުވެ ދެމަފިރިން ގޮތުގަ އުޅުމަކީ ބައެއް މިހުން ދެކޭގޮތުގައި ވަރަށް ކޫލް ކަމެއްގެ ގޮތުގައެވެ. އެކަމަކުން ހިތިނަތިޖާއެއް ކުރިމަތިވުމުން މެނުވީ މިއަދު ގިނަ ބަޔަކަށް ނުވިސްނެއެވެ. އާދޭހެވެ. އިސްލާމްނުގައި އިރުޝާދު ދެއްވާފައިވަ ގޮތައް ދިރިއުޅުން ބައްޓަން ވެގެންމެނުވި އުފާވއެރި ކާމިޔާބު ޙަޔާތެއް ލިބުމެއް ނެތެވެ. ހަޔާތުގައި ތިމާ ގެ އަތުގައި ހިފަގެން ދަތުރުކުރުމަށް އަންނަ ބައިވެރިޔަކީ ތިމާއާއެކު އުފާވެރި ޒަވާޖެއްގެ މަތީގައި ދެމިހުންނާނެ މީހަކު ކަމުގައި ވާންޖެހެއެވެ. އެހެންނުނީ ލޯބިން އެކުގައި ބިނާކުރި ގަނޑުވަރު ބިމާހަމަވެދާނެއެވެ. ކައިވެންޏައްޓަކައި ކިތައްމެ ރީތި، މުއްސަނދި މީހަކު އިޚްތިޔާރު ކުރިކަމުގައި ވިއަސްޒަވާޖުގެ ފޮނި މޭވާ ނުލިބި ހިގައިދާނެއެވެ. ހަމައެހެންމެ ކިތައްމެ ބޮޑު ޕާޓީއެއް ބާއްވާ ކިތައްމެ އަގުބޮޑު ވެޑިން ޑްރެސް އެއްލާ، ބޮޑު ޕާޓީއެއް ބޭއްވި ކަމުގަވިއަސް އެކަމުން ކައިވެނީގެ ޙަޤިޤީ އުފަލާ ލައްޒަތު ނުލިބި ހިގައިދާނެއެވެ.  އާދޭހެވެ! ބާއްޖަވެރި އުފާވެރި ޒަވާޖަކަށް އެދޭނަމަ ކައިވެނީގެ ކުރިން އިޚްތިޔާރު ކުރާ ބައިވެރިޔާ އަކީ ސާދާ އަޚްލާޤެއްގެ ވެރިޔެއްތޯ ބަލާމާތޯއެވެ.ވަޅި ރީތީ ތޫނިއްޔާއެވެ. އަނބި ރީތީ ހެވިއްޔާއެވެ.

Leave a comment

Your email address will not be published. Required fields are marked *