ބިދޭސީން ގަވާއިދާ ޚިލާފަށް އުޅެން މަޖްބޫރުކުރީ ކުންފުނިތަކުން

ބިދޭސީން ގަވާއިދާ ޚިލާފަށް އުޅެން މަޖްބޫރުކުރީ ކުންފުނިތަކުންނެވެ. އަޅުގަނޑު މި ބުނަނީ ދިވެހި ހުރިހާ ކުންފުނިތަކާއި ވިޔަފާރިވެރިންގެ ވާހަކައެއް ނޫނެވެ. އެހެންނަމަވެސް ދިވެހިންގެ ގިނަ ކުންފުނިތަކުގެ ވާހަކައެވެ. އެމީހުންނާއި މެދު ރަނގަޅަށް އަމަލުކުރާ ވަރަށް ރަނގަޅު ކުންފުނިތަކާއި ވިޔަފާރިވެރިންވެސް އުޅެއެވެ.

އިންޑިޔާކަނޑުގައި ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ ދިވެހިރާއްޖެ ދުނިޔޭގެ ގިނަފަރާތްތަކުން ސިފަކުރަނީ އަމާންކަމާއި ސުލްހަވެރި އެއްބައިވަންތަ އެކުވެރި ރައްޔިތެއްއުޅޭ ޤައުމެއްގެ ގޮތުގައެވެ. ގައުމަށް އެކި ބޭނުންތަކުގައި އަންނަ އެކިފަރާތްތަކަށް މެހުމާންދާރީ އަދާކުރުމުގައި ނަމޫނާ ބައެއްގެ ގޮތުގައެވެ. ކޮންމެ މީހަކާވެސް ހިނިތުންވުމާއިއެކު ވާހަކަދައްކާ ހިތްހެޔޮބައެއްގެ ގޮތުގައެވެ. ޚާއްޞަކޮށް މިކަންފާހަގަކުރަނީ ޗުއްޓީ ހޭދަކޮށްލަން ނުވަތަ ވިޔަފާރީގެ މަސައްކަތުގައި ހުޅަނގުގެ ޤައުމުތަކުން އަންނަ މީހުންނެވެ. ވާނީވެސް އެހެންތާއެވެ. އެފަރާތްތަކާއި މެދު ދިވެހިން އަމަލުކުރަނީ އެބައިމީހުންގެ ރުހުމާއި ގާތްކަމާއި ތަޢުރީފް އެންމެ ބޮޑަށް ލިބޭނޭފަދަގޮތަށެވެ. ރާއްޖޭގެ ޖީޑީޕީގެ %28 ހިއްސާކުރާ ޓުއަރިޒަމްދާއިރާއަކީ ބިދޭސީން ގެ ބޮޑުބައެއް ހިއްސާވާ ދާއިރާއެކެވެ. ގިނައަދަދަކަށް ކޮންމެ ދުވަހަކު ބިދޭސީން އައިސް ގޮސްއުޅެއެވެ. މިފަދަ ގިނަފަރާތްތަކުން ރާއްޖެ ދޫކޮށްދަނީ ދެވަނަފަހަރަށް ރާއްޖެއައުމުގެ އުންމީދުގައެވެ. ދިވެހިން އެފަރާތްތަކާއި މެދު ބަހައްޓާ ގާތްގުޅުން ފާހަގަކޮށް ތަޢުރީފްކުރަމުންނެވެ. މިފަދަ ކަންކަމުގައި ރާއްޖެ އަންނަފަރާތްތަކާއި މެދުގައި ދިވެހިން ކަންތައްކުރަމުން އަންނަގޮތްކަމުގައި ވިއަސް މަސައްކަތް ކުރުމަށް އަންނަފަރާތްތަކާއި މެދުގައި ދިވެހިންގެ ގިނަބަޔަކު ވަރަށް އިޙާނެތިކޮން ހިތާކަން ފާހަގަކުރެއެވެ

ތިން ލައްކަ ދިވެހިންނަށް އެއްލައްކަ ބިދޭސީންގެ “މުސީބާތް” މިއީ ދިވެހި އޮންލައިން ނޫހެއްގައި ލިޔެފައިވާ ލިޔުމެއްގެ ސުރުހީއެވެ. ދިވެހިރާއްޖޭގައި ބިދޭސީންނާއި ބެހޭގޮތުން ލިޔެފައިވާ ލިޔުންތަކުގައި އާންމުކޮށް ހުރީ މިފަދަ އިބާރާތްތަކުން ހުސްވެސް އެމީހުންގެ ކުށްދެކުމުގެ ގޮތުން ލިޔެފައެވެ. ހަމަ އެހެންމެ ރާއްޖޭގެ ހުރިހާ ވަޒީފާއެއްގައި އެމީހުން އުޅޭ ވާހަކައެވެ. އެމީހުން ކުށްކުރާ ވާހަކައެވެ. އެމީހުން ގެނައި މީހުންނާއި އެމީހުން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެން މަޖްބޫރުކުރި މީހުންގެ ވާހަކަ ދަށްކާ ލިޔެ ހަދާ މީހަކު މަދެވެ. އެއީ ވިޔަފާރި ވެރިންނާއި ކޮންސްޓަރަކްޝަން މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންގެ ބޮޑު ސިއްރެވެ. އަޅުގަނޑުވެސް އެކި ފަހަރުމަތިން އެތައް ހާސް ބިދޭސީންނާއި ވާހަކަ ދަށްކާ ސުވާލުކޮށްފީމެވެ. ބިދޭސީންނަށް ރާއްޖޭގައި ދިވެހި ކުންފުނިތަކާއި ގުރޫޕްތަކުން ހަދާ އިހާނެތިގޮތްތައް އެތަކެއް ފަހަރު ދުށީމެވެ. އެބައި މީހުންނާއި މެދު ޖަނަވާރުންނަށްވުރެ ދެރަގޮތްތަކަށް އަމަލުކުރުމުގެ އެތަކެއް ހާދިޘާ ހިނގީ ހަމަ އަޅުގަނޑުގެ ކުރިމަތީގައެވެ.

މި ލިޔުން ލިޔުމުގެ ކުރިން ބިދޭސީންނާއި އެކު އެންމެ އާދައިގެ މަސައްކަތު މީހެއްގެ ގޮތުގައި މަސައްކަތް ކުރީމެވެ. އެމީހުންނާއި އެކު ކޮންކްރިޓް މެޝިނަށް ސިމެންތި އެޅުމާއި، ކޮންކްރިޓް އުފުލުމާއި ހިސާބުން ފެށިގެން އިމާރާތައް ރާނާ، ރާވާ ހިޔާކޮށް ފަންޖެހުމާއި، ވޯޓާ ވިލާ ކޮންކްޜިޓް އަދި ވެލްޑިން މަސައްކަތް ކުރީމެވެ. އެ ބިދޭސީންނަށް ޖައްސާ ނިކަމެތި ހާލާއި، ކުރާ ބުރަ މަސައްކަތް 4 ރިސޯޓް ޕުރޮޖެކްޓްގައި ތަޖްރިބާ ކުރެވުނެވެ.

ރާއްޖޭގެ ބޮޑުބައެއް ހިއްސާވާ ކޮންސްޓްރަކްޝަން ދާއިރާ، ރިސޯޓްތަކުގެ ބައެއް ވަޒީފާތަކާއި ޞިއްޙީ ދާއިރާގައި އަދި އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރުމައް ރާއްޖޭގައި 160،000 ބިދޭސީން އުޅެއެވެ. މީ ގައުމުގެ އާބާދީގެ ނިސްބަތުން ވަރަށްވެސް ބޮޑުއަދަދެކެވެ. ރާއްޖޭގެ 396,334 މީހުން އުޅޭއިރު 160،000 ބިދޭސީން ރާއްޖޭގައި މަސައްކަތްކުރުމަކީ  ކަންބޮޑުވާންޖެހޭފަދަ މައްސަލައެކެވެ. ރާއްޖޭގައި ގިނަބަޔަކު ވަޒީފާގެ ފުރުސަތު ނެތި މަގުމައްޗައް ގިނަވަމުންދާއިރު ދުވަހަކަށްވުރެ ދުވަހެއް މަސައްކަތްކުރާ ބިދޭސީން އަންނަނީ ރާއްޖޭގައި ގިނަވަމުންނެވެ. އަދި މީގެ ތެރޭގައި އެތައްހާސް ބަޔަކީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ މީހުންކަމަށް ގިނަފަރާތްތަކަކުން ދަނީ ބުނަމުންނެވެ. ސިޔާސީ ޕޯޑިއަމްތަކުގަޔާއި ތަފާތު ޖަލްސާތަކުގައި އަދި މަގުތަކުންނާއި ކެފޭ، ބާޒާރުފަދަ ތަންތަނުންވެސް އިވެމުންދާ އެއް އަޑަކީ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެވާހަކައެވެ.

ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފައް މަސައްކަތްކުރާ ބިދޭސީން ގިނަވަމުންދާކަން ފާހަގަކުރެވި ސަރުކާރުންވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެހެންނަމަވެސް ގަވާއިދާ ޚިލާފައް އުޅޭ ބިދޭސީން އިތުރުވާން ދިމާވާ އަސްލު ސަބަބު އެނގެނީ ކިތައްމީހުނަށްބާއެވެ. ބިދޭސީން މަގުމައްޗަށް ނުކުމެ ކަޅު ބާޒާރުގައި މަސައްކަތް ކުރަންޖެހެނީ ކޮންސަބަބުތަކަކާއި ހުރެތޯއެވެ. އެމީހުން ދިވެހިރާއްޖެއައް އަންނަނީ ހަމަ ގަވާއިދާއި ޚިލާފައް މަސައްކަތްކުރަންތޯއެވެ؟ މިއީ ހައްތަހާވެސް އުފެދޭ ސުވާލުތަކެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރޭން ގަވާއިދާ ހިލާފަށް މަސައްކަތްކުރުމުގެ މައްސަލަތަށް އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ ކޮންސްޓްރަކްޝަން ދާއިރާއިންނެވެ. ރާއްޖޭގައި އެދާއިރާގައި މަސައްކަތްކުރާ ގިނަ ބިދޭސީންނަކީ ބަނގުލަދޭސް، އިންޑިޔާއަށް ނިސްބަތްވާ ފަރާތްތަކެވެ. އެހެންނަމަވެސް އިލެކްޓްރޯނިކް މަސައްކަތާއި ފައިބަރ، އިންޖިނިއަރިން ފަދަ މަސައްކަތްތައް ކުރުމަށް އިންޑޮނޭސިއާ، ޕިލިޕީންސް، ލަންކާ ފަދަ ގައުމުތަކުގެ މީހުން އުޅެއެވެ. އަދި ރިސޯޓްތަކުގެ ތަފާތު ވަޒީފާތަކުގައި އިންޑޮނޭސިއާ ،ލަންކާ، ބަނގުލަދޭސް، އިންޑިއާ، ފަދަ ގައުމުތަކުގެ މީހުން މަސައްކަތް ކުރަމުންދެއެވެ. އެހެންނަމަވެސް ކޮންސްޓްރަކްޝަން ދައިރާ ފިޔަވާމި ބަޔާންކުރެވުނު ދާއިރާތަކުގައި މަދުފަހަރަކު ނޫނީ އެފަދަ މައްސަލަތައް ދިމާނުވެއެވެ.

ރާއްޖޭގެ ކޮންސްޓްރަކްޝަން ދައިރާގައި މަސައްކަތް ކުރާ ގިނަފަރާތްތަކަކީ ކޮންމެވެސް ކުންފުންޏަކުން މަސައްކަތްކުރުމަށް ނަގަންޖެހޭ ހުއްދަތައް ނެގުމައްފަހު ގެންނަ މީހުންނެވެ. ނަމަވެސް ބައެއްފަހަރަށް ޓްއަރިސްޓް ވިސާގައި އައިސް ރާއްޖޭގައި މަސައްކަތް ކުރަމުންދާ މީހުންވެސް އުޅޭކަން ފާހަގަކުރެވެއެވެ. މިގޮތަށް މަސައްކަތް ކުރުމަށް ޓުއަރިސްޓް ވިސާގައި އާންމުކޮށް އަންނަނީ ލަންކާ، ބަނގުލަދޭސް، އިންޑިއާ ފަދަ ގައުމުތަކުގެ މީހުންނެވެ. އެމީހުން ރާއްޖެއަންނަނީ ރާއްޖޭގައި މަސައްކަތްކުރަން އުޅޭ އެގައުމުތަކުގެ މީހުންނާއި ގުޅިގެންނެވެ. އަދި އެމީހުން ރާއްޖެއައުމަށްފަހު ރިސޯޓްތަކުގައި ކޮންސްޓްރެކްޝަން މަސައްކަތް ކުރާފަރާތްތަކާއި، ރަށްރަށުގައި އެފަދަ މަސައްކަތްކުރާ މީހުންނާއި ގުޅިގެން މަސައްކަތްކުރެއެވެ. ބައެއްމީހުން މާލޭން އެގައުމުތަކުގެ މީހުންނާއި ގުޅިގެން ކަޅު ބާޒާރުގައި މަސައްކަތްކޮށް ފައިސާ ހޯދަމުންދެއެވެ.

ރާއްޖޭގައި މަސައްކަތް ކުރުމަށް ގަވާއިދާއި އެއްގޮތަށް އަންނަފަރާތްތައް ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބަޔަކަށް ވުމަށް މެދުވެރިވާ ސަބަބުތަކެއް އެބަހުއްޓެވެ. އެފަދަ ކޮންމެ މީހަކުވެސް ރާއްޖެއަންނަނީ ދިރިއުޅުމަށްޓަކައި އެމީހުންގެ އަނބިދަރީންނާއި މައިންބަފައިން ބެލެހެއްޓުމަށް ފައިސާ ހޯދޭނެ މަގެއް ގައުމުން ނުލިބުމުން ރާއްޖޭން އެމީހުންގެ ދިރިއުޅުމަށް ބޭނުންވާ ފައިސާލިބޭނެކަމުގެ އުންމީދުގައެވެ. ފައިސާ ލިބޭނެ މާގިނަ ގޮތްތަކެއް ފަހިވެފައި ނުވާ މިމީހުން ރާއްޖެގެންނަ ފަރާތުން ގިނަފަހަރަށް ފައިސާކޮޅު ނުދީ ގިނަ ދުވަސްތަކެއްވަންދެން ހިފަހައްޓައެވެ. ގިނަފަހަރަށް 8 މަސް ނުވަތަ އަހަރަކާއި ގާތްވާއިރުވެސް މުސާރަނުދީ ހިފަހައްޓައެވެ. އަދި އެހާ ގިނަދުވަހު މަސައްކަތްކުރުވާފަ 1 މަހުގެ މުސާރަދީފައި އިތުރު މުސާރައެއް ގިނަ މީހުންނަކަށް ނުލިބެއެވެ. އެކަމުގެ ސަބަބުން އެމީހުންނަށް ރާއްޖޭގައި އުޅުމަކީ ނުހަނު ދަތިކަމަކަށްވެއެވެ. އެހެންނަމަވެސް ރާއްޖެދޫކޮށް އަނބުރާ ޤައުމަށްދިއުމަކީވެސް ދަތިކަމަކަށްވެއެވެ. ގިނަމީހުން އެބައިމީހުން އާއިލާއާ ގުޅޭނެ ގޮތެއްނެތި މާޔޫސްކަމުގައި މަސައްކަތްކުރަމުންދެއެވެ. ގިނަފަހަރަށް މުސާރަ ނުލިބުމުން ސަކުވާކުރުމުން އެމީހުން މުސާރަނުދީ ފޮނުވާލުމަކީ އާންމުކަމެކެވެ. މިގޮތަށް ފޮނުވާލުމުން ގިނަފަހަރަށް އަތުގައި އެއްވެސް މިންވަރަކަށްފައިސާ ނުހުރެއެވެ. އޭގެ ސަބަބުން ކަޅު ބާޒާރުގައު މަސައްކަތްކުރުމަށް މަޖުބޫރުވާތަން އާދެއެވެ. ބިދޭސީ މަސައްކަތު މީހުންނަކީވެސް ހަމަ އިންސާނުންނެވެ. އެމީހުންނަށްވެސް ބަނޑުފުރާ މުއްތިކޮށްގެން ނޫނީ ދުނިޔޭގައި ނޫޅެވޭނެއެވެ.

މަސައްކަތްކުރާ ކޮންމެ މީހަކީވެސް އާންމުދަނީއެއް ހޯދުމުގެ ބޭނުމުގައި މަސައްކަތްކުރާމީހެކެވެ. ފުދިގެން އުފާވެރި ދިރިއުޅުމެއް ހޯދުމަށެވެ. ކޮންމެ އިންސާނަކީވެސް ކުރާމަސައްކަތުގެ މުސާރަ ނުލިބޭނަމަ މާޔޫސްވާނޭ މީހެކެވެ. ހަމަ އެފަދައިން މަސައްކަތްކުރުވާ ފަރާތްދެކެ ރުޅިއަންނާނެއެވެ. ނިކަން ވިސްނާލަމާ ހިނގާށެވެ. މުސާރަ ކުޑަވެގެން ސަކުވާކޮށް މުޒާހަރަތައް ދުނިޔޭގެ އެތަކެއް ގައުމެއްގައި ކުރަމުންދެއެވެ. މި ގޮތުން ރާއްޖޭގައިވެސް ސިވިލްސާރވީސް މުވައްޒަފުންގެ މުސާރަކުޑަކުރުމުން ކަންތައްތައް ވެގެން އައިގޮތް ހަމަކޮންމެ ދިވެއްސަކަށްވެސް އެނގޭނެވެ. މުޒާހަރާތައްކޮށް އިހުތިޖާޖްކުރުމުގެ ގޮތުން އެތަކެއް އެއްވުމެއް ބޭއްވިއެވެ. އެތަކެއް ޓީވީ ޕުރޮގުރާމްތަކެއްގައި އެވާހަކަތަށް ގޮވަމުންދިޔައެވެ. މީ ދިވެހިންގެ ގިނަބަޔަކު މުސާރައިން ބައެއް ކުޑަވުމުން ކުރަމުންއައި ކަންތައްތަކެވެ. އެހެންނަމަވެސް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރޭން މުސާރަ ހަމަޔަށް ލިބިގެން ޤައުމަށް ފޮނުވެނީ ވަރަށްމަދު މީހަކަށެވެ. މީ ކަންތައްތައް ހިނގަމުންއަންނަގޮތެވެ. ގަވާއިދަށް ޚިލާފަށް ބިދޭސީން މަސައްކަތްކުރުމަށް މެދުވެރިވާ އެންމެ ބޮޑުސަބަބެވެ. އެހެންނަމަވެސް ބިދޭސީން ގިނަވަމުން ދާވާހަކައާއި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ވާހަކަތަށް ސިޔާސީ ޕޯޑިއަމްތަކުގައި އަދި ޓީވީ ޕުރޮގުރާމްތަކުގައި ހާމަކުރަމުންދާ ފަރާތްތަކުން މިމައްސަލަތައް މެދުވެރިވާ އަސްލުސަބަބާއި މެދު ވިސްނާލާތޯއެވެ. އެމީހުންނަކީވެސް އިންސާނުންނެވެ. ޖަނަވާރުންނެއް ނޫނެވެ. އެހެނީ އެބައި މީހުންނަކީވެސް ޙައްގުތަކެއް ލިބެންޖޭނޭބައެކެވެ.

ބިދޭސީންނަކީވެސް ރާއްޖޭގައި މަސައްކަތް ކުރިކަމުގައިވިޔަސް ޙައްގުތަށް ލިބެންޖެހޭނޭބައެކެވެ. އަދި ރާއްޖެއަކީ ބައިނަލްއަޤުވާމީ ލޭބާރ އޮގަނައިޒޭޝަން(އައި.އެލް.އޯ)ގެ މެންބަރުގައުމެކެވެ. އަދި އ.ދ ގެ އިންސާނީ ޙައްޤުތަކާއި ބެހޭ އެންމެހާ މުޢާހަދާތަކާއި ގަރާރުތަކުގައި ސޮއިކޮށްފައިވާ ޤައުމެކެވެ. އެހެންކަމަށްވާއިރު ރާއްޖޭގައި މަސައްކަތްކުރާ ކޮންމެ މަސައްކަތުމީހަކީވެސް މަސައްކަތު މީހަކަށް ލިބިދޭންޖެހޭނެ އެންމެހާ ޙައްޤުތަށް ލިބެންޖެހޭނޭ މީހެކެވެ. އެމީހެއްގެ ކުލަޔަށް އަދި ގައުމަށް ބެލޭނެ ޖާގައެއްނެތެވެ. ރާއްޖޭގައި މިފަދަ ގޮތަކަށް އެންމެ ބޮޑަށް އަމަލުކުރެވެމުން އަންނަނީ ޚާއްޞަގޮތެއްގައި ބަނގުލަދޭސް މީހުންނަށެވެ. ބައެއްފަރާތްތަކުން ފަހަރެއްގައި މިލިއުމަކީ ބިދޭސީންރާއްޖެ ގެނައުން ގިނަކުރަން ބާރުލާފަ ދިވެހިން ކުށްވެރިކުރާ ލިއުމެއް ގޮތުގައި ހީވެދާނެއެވެ. ބިދޭސީން މަސައްކަތް ކުރުމަށް ގެންނަކަމުގައިވާނަމަ އެބަޔަކަށް ދޭންވާ ޙައްޤު އުޖޫރަ ދޭންޖެހޭނެއެވެ. އެހެންނޫންނަމަ އެކަމަކީ ﷲ ގެ ހަސްރަތުގައި ޖަވާބުދާރީންވާންޖެހޭ ދުވަހު އެމީހަކު ހިތާމަކުރަންޖެހޭ ކަމެކެވެ. އަދި ކިއެއްތަ ދުނިޔޭގައިވެސް އެފަދަފަރާތްތަކަށް އެކަމުގެ ނަތީޖާ ދަށްކާވާނެއެވެ.

އެމެރިކާގެ ހިއުމަން ޓްރެފިކިން ވޮޗް ލިސްޓްގެ “ޓިއާ 2” ގައި ރާއްޖެ އޮންނަތާ ތިންއަހަރުވެއްޖެއެވެ. އެ ވޮޗްލިސްޓްގެ 3 ވަނައަށް ރާއްޖެ ވެއްޓިއްޖެނަމަ ރާއްޖޭގެ ނަން ކިލަނބުވެ މުޅި ގައުމަށް އޭގެ ލަދުވެތި ކަމާއި ގެއްލުން ކުރިމަތިވާނެއެވެ. ހަމަ އެހެންމެ ބޭރުގެ ލޯންތަކާއި އެހީތަށް ހޯދުމުގައި ހުރަސްތަކެއް ކުރިމަތިވާނެއެވެ.

ރާއްޖޭގެ ކޮންސްޓްރަކްޝަން ދައިރާ އަދި އެހެންދާއިރާތަކުގައި ބިދޭސީންނާ މެދު ވަރަށް އިހާނެތިކޮށް ހިތާކަން ފާހަގަކުރެވެއެވެ. ފަހަރެއްގައި އާންމުނަށް މިފަދަ ކަންތައްތައް ހިނގަމުންއަންނަ ގޮތް ނޭގިދާނެއެވެ. އެހެންނަމަވެސް މީ ހަމަ ޙަގީގަތެވެ. އަޅުގަނޑު މިހެން މިބުނަނީ މިފަދަ މަންޒަރުތަށް ކުރިމަތީގައި ފެނިފައި ހުރީމައެވެ. އެތަކެއް ބިދޭސީންނެއް ފައިސާކޮޅު ނުދީ ހަޑިބަހުން މުޢާމަލާތުކޮށް ފޮނުވާލީ އަޅުގަނޑުގެ ކުރިމަތީގައެވެ. މިފަދަ އެތަކެއް މަންޒަރުތަކެއް ވަނީ ގާތުން ފެނިފައެވެ. މި ގޮތުން ނ.އިރުފުށި ރިސޯޓަކަށް ހެދުމުގެ މަސައްކަތްކުރަމުން ދިޔަދުވަސްވަރު ނ.އަތޮޅުގައި ފުޅާކޮށް ބިދޭސީން ގެނެސް މަސައްކަތްކުރަމުންދިޔަ ގުރޫޕެއްގެ ވެރިޔަކު 6 މަސްދުވަސް ވަންދެން މުސާރަ ނުދީހިފެހްޓިއެވެ. އޭގެ ސަބަބުން އެފަރާތުން މަސައްކަތްކުރުމަށް ގެންގުޅުނު 60 ވަރަކަށް ބިދޭސީން ސަކުވާ ކުރަންފެށުމުން ބައްދަލުވުމެއް ބޭއްވުމަށްފަހު ހަޑިބަހުން މުޢާމަލާތު ކޮށް އެމީހުން 6 މަސްވަންދެންކުރި ބުރަމަސައްކަތަށް އުޖޫރަ ނުދީ ފޮނުވާލިއެވެ. ދެން ނިކަންވިސްލަމާތޯއެވެ. އެމީހުނަށް ދެން ކުރެވޭނީ ކޮންކަމެއްބާއެވެ. ކުރެވޭނޭ މާގިނަ ކަންތައްތަކެއްނެތެވެ. ހަމައެކަނި އޮތްގޮތަކީ ރަށަށް ދެވެންދެން އުޅޭނެ ގޮތެއް ހޯދަން ކަޅު ބާޒާރުގައި މަސައްކަތްކުރުމެވެ. އެފަހަރު އެފޮނުވާލި މީހުންތައް މާގިނަ ދުވަހެއްނުވެ ގަވާއިދާއި ހިލާފަށް އެހެން މީހަކާއި އެކުގައި ހަމަ އެރިސޯޓަށް އައިސް މަސައްކަތް ކުރަންފެށިއެވެ. ދެވަނަ ފަހަރަށް އެބިދޭސީން ގެނައި ފަރާތުންވެސް މުސާރަ ނުދީ އެމީހުން ފޮނުވާލިއެވެ. މިފަދައިން އެފަރާތުން ފައިސާނުދީ ފޮނުވާލީ ހަމަ އެކަނި އެފަހަރު ފޮނުވާލި 60 މީހުންނެއްނޫނެވެ. މިގޮތަށް އެތަކެއް ރިސޯޓެއްގައި ބިދޭސީން ގެނައުމަށްފަހު ފައިސާ ނުދީ ފޮނުވާލާފައިވެއެވެ. އެއްބަޔަކަށް ފައިސާ ނުދީ ފޮނުވާލުމަށްފަހު ދެވަނަ ބަޔަކު ގެނެއެވެ. މީ ހަމަ އެކަނި މި ބަޔާންކުރެވުނު ފަރާތުން ބިދޭސީންނާއި މެދުގައި ކަންތައްކުރަމުން އަންނަ ގޮތެއް ނޫނެވެ. އަދި ކިއެއްތަ އެފަދަ ކުންފުނިތަކާއި ގުރޫޕުތަށްހަދައިގެން އަދިވެސް އެހެނިހެން މަސައްކަތްކުރުމަށް ބިދޭސީންގެންގުޅޭ ގިނަފަރާތްތަކުން އަމަލުކުރާގޮތެވެ.

ބިދޭސީންނަށް މުސާރަ ނުދީ ފޮނުވާލުމުގައި ފާޅުގައި ޒުވާބުކޮށް ހަޑިބަހުން މުޢާމަލާތުކޮށް ފޮނުވާލުމާއި މާލެ ގޮސް މުސާރަދޭނެކަމަށް ބުނެ މާލެ ފޮނުވާލައެވެ. އަދި މާލެ ފޮނުވާލުމަށްފަހު އެމީހާ ފައިސާ ހޯދުމަށް ގުޅީމަ ފޯނު ނުނަގައެވެ. އަނެއްބައިފަހަރަށް ފައިސާ ދިނީމަ ނޫނީ އެނބުރި ނުދާނެކަމަށް ބުނެ ރޮއި އާދޭސްކުރަނިކޮށް ” ކަލެއައް ދޭންޖެހޭ ފައިސާއެއް ނުހުންނާނެ، ” ރިސޯޓްހަދާ ކުންފުނިން ފައިސާއެއް ނުދެ” މިފަދަ އިބާރާއްތަކުން ޖަވާބުދެއެވެ. އަދި އެމީހުންގެ ފޮށިތަންމަތި ގޭންބޭރަށް އެއްލާލައެވެ. ކެއުމާއި ނިދުމުން މަޙުރޫމުކޮށް ބާކީ ކޮށްލައެވެ. ރިސޯޓް ހަދާ ކުންފުނިން ފައިސާ ނުދިނުން އެއީ ބިދޭސީ މީހާޔަށް އޭގެ އަނިޔާ ދޭން ޖެހޭ ސަބަބެއްތޯއެވެ. މީ އެތަކެއް މިލިއަން ރުފިޔާގެ ބޮޑެތި ޕުރޮޖެކްޓްތަށް ނަގައިގެން މަސައްކަތު މީހުންނާއިމެދުގައި ކަންތައްކުރަމުންދާގޮތެވެ. އެހެންނަމަވެސް ކަޅު ބާޒާރުގައި ބިދޭސީން މަސައްކަތްކުރާ މައްސަލައިގައި އަބަދުވެސް ކުށްވެރިވަނީ ބިދޭސީންނެވެ. އެއްފަހަރުވެސް އެފަދަ މައްސަލަތައް ގިނަވަނީ މިމައްސަލަތަކާއި ހުރެކަން ފާހަގަނުކުރެއެވެ. މި މައްސަލަ ދިމާވާ އަސްލު ސަބަބާއި ހިސާބައް ދިއުމުގެ ބަދަލުގައި ހިފާ ހައްޔަރުކޮށް ގޮޅިތަކަށް ލާފައިވަނީ މަދު ބައެއް ނޫނެވެ.

 އެތަށް މިލިއަން ރުފިޔާއެއްގެ ބޮޑެތި ޕުރޮޖެޓްތައް ނިންމާފައި މާލޭން ބޮޑެތި ގެދޮރުގަނެ ލޯންޗުފަހަރާއި ކަންނެލި ދޯނިފަހަރު ގަނެގެން ސޯފާގައި ލެޕްޓޮޕް ހިފައިގެން އޮންނައިރު ހަމަ ހިތަށް އެއްޗެއް ހަމަ ނާރަނީ ބާއެވެ. އެފަދަ މީހުންގެ ސަބަބުން އެތަކެއްބަޔެއްގެ ހައްގު ގެއްލެމުންދާއިރު ހިތުގައި ކުޑަނަމަވެސް ރަޙުމެއް ހަމްދަރުދީއެއް ނެތީބާއެވެ. އެމީހުންނަށް ފައިސާކޮޅު ނުލިބުމުން ޖެހޭނެ ދަތިހާލު ހަމަ އިހުސާސް ނުވަނީބާއެވެ. އެފަދަ ފަރާތްތަކުގެ ސަބަބުން ދިވެހިން ކުރަން ހުންނަ އެތަށް މަސައްކަތެއް ގެއްލި ގަވާއިދާއި ޚިލާފަށް މަސައްކަތްކުރާ މީހުން ގިނަވެ އޭގެ ސަބަބުން އިޖްތިމާޢީ އިޤްތިޞާދީ އެތަކެއް ގެއްލުމެއްއަންނަނީ ކުރިމަތިވަމުންނެވެ. ބިދޭސީންގެ މައްސަލަ ހަމަ އެކަނި އެމީހުން ގަވާއިދާ ހިލާފަށް އުޅޭކަމަށް ބުނެ ނިންމާލެވޭކަށް ނެތެވެ. އެމީހުންގެ ސަބަބުން އިޖްތިމާއީ މައްސަލަތަށް ބޮޑުވެ ގައުމު ހަލާކުވާކަމަށް ބުނެ އެމީހުން ޑީޕޯރޓްކުރުން އެއީވެސް ހަމަ އެކަން ހައްލުވާ އޮތް މަގެއް ނޫނެވެ. ހަމަ އެހެންމެ އެކަން ހައްލުވާން އޮތީ އެބައި މީހުން ގެނެސް މުސާރަ ނުދީ މަގުމަތިކުރި ވިޔަފާރިވެރިންނާއި އެޖެންސީތަކުގެ ވެރިންނާއި މެދު ފިޔަވަޅު އަޅާ ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދީގެންނެވެ. ކުށް ކުރާ މީހާ ހައްޔަރުކޮށްފައި ކުށްކުރަން މަޖްބޫރުކުރި ފަރާތް ދެވަނަ ފަހަރަށް ހަމަ އެކުށް ކުރަން ދޫކޮށްލައިގެން މިކަމަށް ހައްލެއް ނެތެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Previous Article

އިބުރަތްތެރިވާހަކަ: އަވައްޓެރިންނަށް ހެޔޮ ޙަދީޘް ޢިލްމުވެރިޔާ

Next Article

ނަމާދުގައި ކިޔާތަކެތި މާނައާއެކު -ކުޑަކުދިންނަށް

Related Posts