މަސްތުވާތަކެތީގެ ނުރައްކަލާމެދު ދަރިފުޅު ހޭލުންތެރިކުރުވާނީ ބެލެނިވެރިޔާތަ

ޖަވާބަކީ ”އާއެކެވެ“
ހަމައެކަނީ އޭގެ ނުރައްކާތަކާ ބެހޭގޮތުން ވާހަކަދައްކަނީއެއް ނޫނެވެ. ނަމަވެސް ލިބޭގެއްލުންތަކާ އޭގެ ނުރައްކަލުން ސަލާމަތްވެ ތިބެވޭނެ ހުނަރުތައްވެސް އުނގައްނައިދޭނީއެވެ.
އާދޭހެވެ! މިކަމާ ޚިޔާލުތަފާތުވާ ގިނަޢަދަދެއްގެ ބެލެނިވެރިން އެބަތިބިކަން އަޅުގަނޑަށް އެނގެއެވެ. ނުރުހިގެން ރުޅިއާއެކީ ވަރަށް ގިނަ ޢަދަދެއްގެ ދިވެހި ބެލެނިވެރިން ތަފާތު ސުވާލު ކޮށްފައިވެއެވެ.
”ކީއްކުރަން ދަރިންނާ ޑްރަގް ގެ އެއްވެސް ވާހަކައެއް ދައްކަންވީ؟ ތިޔަވާހަކަ ދެއްކިވަރަކަށް ތިޔަކަން ކުރާމީހުން ގިނަވާނީ!“

”ތިޔަވާހަކަ ދެއްކީމާ، އެކުދިން ހައްތަހާބޮޑަށް އަޖުމަބަލަން ބޭނުންވާނީ، އަހަރެން ބޭނުމެއްނޫން ތިޔަވާހަކަ ދަރިންނާ ދއްކާކަށް!“
”ހީއެއްނުވޭ ތިޔައީ މާރަނގަޅުކަމެއް ހެނެއް، ކީއްކުރަންތަ ޑްރަގް ނަގާގޮތާ، އެނެގީމާ ވާގޮތް ދަސްކޮށްދޭންވީ، ކުރާނެ ކަންތައް ހުސްވީތަ؟ އަހަރެންވީ ޑްރަގް މާކެޓް ކޮށްދޭންތަ؟“
އާދޭހެވެ. ހުރިހާ ޝުޢޫރުތަކަށް އިޚްތިރާމް ކުރާ ޙާލު ބައެއް އިތުރު ޙަޤީޤަތްތަކާވެސް ކުރިމަތިލާން އެބަޖެހެއެވެ.
އެމީހެއްގެ ކުދިން ތަރުބިއްޔަތު ކުރާނީ ކިހިނެއްކަން އާޚިރުގައި ނިންމާނީ ބެލެނިވެރިޔާކަން ޔަޤީނެވެ. މިއަދު މިވަގުތުގައި، ފުރާވަރަށް އަރައިގެން އަންނަ ކޮންމެ ކުއްޖަކުވެސް މަސްތުވާތަކެއްޗާ ބެހޭ މަޢުލޫމަތަށް ކޮންމެވެސް ކޮންމެވެސް ގޮތަކުން ތަޢާރަފްވާނެއެވެ. ނެޓުން ނޫނީ ޓީވީން، ނޫނީ ފިލްމުތަކުން، ނޫނީ ރަޙްމަތްތެރިންގެ ފަރާތުންނެވެ. ދިވެހިރާއްޖޭގައި ކުރެވުނު ދިރާސާ (އާރ.އެސް، އޭ 2003) ދައްކާގޮތުން މަސްތުވާ އެއްޗިއްސާ ބެހޭގޮތުން އެމީހުންނަށް އެންމެ ފުރަތަމަ މަޢުލޫމާތު ލިބިފައިވަނީ ރަޙްމަތްތެރިންގެ ފަރާތުންނެވެ.
މި ރަޙްމަތްތެރިންގެ ތެރެއިން ގިނަޢަދދަދެއްގެ ބަޔަކީ މަސްތުވާ އެއްޗެހި ބޭނުން ކުރާ މީހުންނެވެ. ވީއިރު، މިމީހުން މި ތަޢާރަފްކޮށްދެނީ މަސްތުވާ އެއްޗެހިން ލިބޭ ގެއްލުންތައް ކިޔައިދީގެންނެއް ނޫންކަން ޔަޤީނެވެ. ބުހުތާން ދޮގުހައިގެން، ހިލޭ މިއެއްޗެހި ދީގެން މީފައިދާހުރި އެއްޗެއްކަން ވިސްނައި ދީގެންނެވެ.
ވީއިރު ބުއްދިވެރިންގެ ގޮތަކީ އެކުދިން މިފަދަ ނުރައްކާތެރި މަޅިތަކުން ރައްކާތެރިވުމަށް ރައްކާތެރިވެ ތިބެންވީ ސަބަބުތަކާއި، ރައްކާތެރިވެ ތިބުމަށް ހަދާނެގޮތް ޒިންމާދާރު މީހަކު ނުވަތަ ބަޔަކު އުނގަންނައިދިނުމެއް ނޫންތޯއެވެ؟ އެއްގޮތަކީ، މިވިއްކާ މީހުންނާއި، މިބޭނުންކުރާ މީހުންގެ ވާހަކަތަކުގެ ޝިކާރައަކަށް ވަންދެން ތުންބައްދައިގެން ތިބުމެވެ. އާދޭހެވެ. އަޅުގަނޑުމެންގެ ކުދީންނަކީ ރަނގަޅު ކުދީންނަށްވާތީ އެކުދީންނެއް މިފަދަކަމެއް ނުކުރާނޭކަމަށް ޤަބޫލުކޮށްގެން ތިބުން މީވެސް އެއްގޮތެވެ. އަނެއްގޮތަކީ، ދަރީން ހޭލުންތެރިކުރުވަން ބެލެނިވެރިޔާ އިސްނެގުމެވެ. އަދި އެހެނިހެން ނޭދެވޭ ނުފޫޒުތައް އެކުދިންނާ ހަމައަށް އައުމުގެ ކުރިން މިކަންތައްތަކުން ރައްކާތެރިވެ ތިބެގެން އޮތް ހުރިހާ ގޮތްތަކެއް ދަރިންނަށް ދުރާލާ އަންގައިދިނުމެވެ.
މިދެގޮތުންކުރެ ބުއްދިވެރި ގޮތަކީ ކޮބައިކަން ނިންމާނީ ބެލެނިވެރިންނެވެ. ބެލެނިވެރިޔާ އިޚްތިޔާރުކުރެއްވީ ދަރިފުޅު މިކަންކަމާމެދު ހޭލުންތެރިކުރުވުންނަމަ ތިރީގައި ފާހަގަކުރެވިފައިވާ ގޮތްތަކަށް ކަންތައް ކުރެއްވިދާނެއެވެ.
1- އެންމެ ފުރަތަމަ މަސްތުވާތަކެއްޗާ ބެހޭގޮތުން ވީހާ ގިނަ މަޢުލޫމާތު އެއްކުރައްވާށެވެ! މިފަދަ މަޢުލޫމާތުތަކަކީ ޙަޤީޤީ އަދި ތެދު މަޢުލޫމާތުތަކެއްކަމުގައި ވާންޖެހޭނެއެވެ.
2- ގޭގައި މަސްތުވާއެއްޗެހި ބޭނުންކުރުމަކީ މުޅިންމަނާކަމެއްކަން އަންގާފައި ބާއްވާނީ، މިއީ މުޅި ޢާއިލާގެ އެންމެންގެ މައްޗަށް ހިނގާ ޤަވާޢިދެއްކަން ފާޅުކޮށް އެނގޭ ގޮތަށެވެ.
3- ކުދިން ކުޑައިރުން ފެށިގެން މިކަން އޮންނަންވާނީ އެނގިފައެވެ. ނަމަވެސް މިކަމާގުޅޭ ވާހަކައެއް ޚަބަރުން އަޑުއިވުމުން ނުވަތަ ނޫހަކުން ފެނުމުން މި މައުޟޫޢަށް ވާހަކަ ދައްކަވާށެވެ! ހުޅުވިގެން ބަހުސްކުރެވޭނެ ފުރުޞަތު ހުޅުވާލައްވާށެވެ.
4- މަސްތުވާތަކެތީން ލިބޭ ގެއްލުންތަކުގެ ވާހަކަ ދައްކަވާށެވެ! ޙަޤީޤަތާ ޚިލާފުވެ، ބުއްދި ޤަބޫލުނުކުރާ ވާހަކަ ނުދައްކަވާށެވެ! ނަމަވެސް އިތުބާރުކުރެވޭ ޙަޤީޤަތާ ޚިލާފުނޫން މަޢުލޫމާތު ފޯރުކޮށްދެއްވާނީއެވެ. ހުޅުވިގެން ޚިޔާލު ފާޅުކުރެވޭފަދަ މާޙައުލެއްގައެވެ.
5- ގިނަ ކުދިންނަށް މަސްތުވާ އެއްޗެހީގެ ވާހަކަތައް މާރަނގަކަށް ނޭނގޭނެއެވެ. މިވާހަކަތައް އެކި ޢުމުރު ފުރާގައި ކުދިންނަށް ވިސްނޭ ގޮތަކަށްތޯ ބައްލަވައިގެންނެވެ. ފުރާވަރަށް އަރައިގެން އަންނަ ކުދިންނާ މިވާހަކަތައް ދައްކަވަމުން ދާއިރު ޙަޤީޤީ ޙާދިޘާތައް މިސާލުގެ ސިފައިގައި ކިޔައި ދެއްވިދާނެއެވެ.
6- ކުއްޖެއްގެ ޚިޔާލުގައި މަސްތުވާ އެއްޗަކާ ބެހޭގޮތުން ސުވާލު އުފެދިއްޖެނަމަ އެފަދަ ސުވާލުތަކަށް ޖަވާބުދެއްވުމަށް ޖެހިލުންވެ ނުލައްވާށެވެ! ކެތްތެރި ކަމާއި އެކު ޖަވާބު ދެއްވާށެވެ!
7- ފުރުޞަތު ލިބިލައްވައިފިނަމަ، މިކަމާބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުވަން ބާއްވާ ޕްރޮގްރާމްތަކުގައި ދަރިފުޅާއެކު ބައިވެރިވެލައްވާށެވެ!
8- މަސްތުވާތަކެތި ބޭނުންކުރުމުން ޖިސްމާނީގޮތުންނާއި، ނަފްސާނީ ގޮތުން ލިބޭގެއްލުންތަކާއިމެދު ހުޅުވިގެން ވާހަކަ ދައްކަވާށެވެ! ޢާއިލާއަށާއި މުޖުތަމަޢަށާއި އަޚްލާޤީގޮތުން އަންނަ ބަދަލުތަކާ ބެހޭގޮތުން ވާހަކަ ދައްކަވާށެވެ!
9- މަސްތުވާތަކެތީގެ ޤާނޫނުތަކާއި ބެހޭގޮތުން ހޭލުންތެރި ކުރުއްވާށެވެ!

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ރާއްޖޭގައި ހުރި އާޘާރީ ތަންތަނުގެ ތެރެއިން ނ. ކުރެދިވަރު ކުކުރު މިސްކިތް

Next Article

ރާއްޖޭގައި ހުރި އާޘާރީ ތަންތަނުގެ ތެރެއިން ހއ. ބާރަށުން ފާހަގަ ކުރެވޭ ތަންތަން

Related Posts