ނުފޮހެވޭނެ ހިތާމައެއް..!

ލިޔުނީ: ފަތިސްތަރި ޞޮފާ / 27  ފެބްރުއަރީ 2014
ހިތާމައިގެ ކޮޅެއްވެސް ނެތް ! އިންތިހާއީ ބޮޑު ތަދެއް ލަގޮނޑިއަށް ލިބިގެން ދިޔައީ އެ އަންހެނާގެ އަމިއްލަ އެއްވެސް ކުށަކާނުލައި، އެ އަންހެނާ އަށް ލިބުނު ”އަނިޔާ“ ގެ ޚަބަރު ހެނދުނު ހެނދުނާ ހަވީރު ސައިޓުން ކިޔަން ފެށުމުންނެވެ.
މި ޚަބަރު ކީ ކޮންމެ އަންހެނެއްގެ ލޮލުން ކަރުނަ ހިލޭނެކަން ޔަގީނެވެ. ކޮންމެ މަންމައަކުގެ ހިތަށް ފުން ތަދެއް ލިބޭނެއެވެ. ކޮންމެ ފިރިހެނަކުގެވެސް ލޭ ހޫނު ވާނެއެވެ. ކޮންމެ ފިރިއަކު އޭނަގެ އަނބިމީހާއަށްޓަކައި ހިތް ބިރުގަންނާނެއެވެ.
މުޅި ޤައުމަށް މި ލިބުނީ ހާދަ ބޮޑު ހިތާމައެކެވެ. ކޮންމެ ދެމީހަކުވެސް މިއަދު ދައްކަނީ މިވާހަކައެވެ. ދެރައާއި މޮޅިން ކަރު އެލިފައި ތިބެގެންނެވެ. ނަމަވެސް ކޮންމެ މީހެއްގެ ވާހަކައިގެވެސް ނިމޭ ހިސާބުން ދެން އިވެނީ ރުޅިވެރި ބަސްތަކެކެވެ.
ކޮންމެ މީހަކުވެސް ރުޅި އަންނަނީ އައިޖީއެމްއެޗް ދެކެއެވެ.
އަހަރެން ދެކޭ ގޮތުގައި އެއީ ހަމަ މުޅިންވެސް ޙައްޤު ބަސްތަކެކެވެ.
ބުނަން ހެއްޔެވެ. އެއީ ތެދެކެވެ. އައިޖީއެމްއެޗްގެ ފަރުވާކުޑަކަން ފެނުނު މީހުންގެ ތެރެއިން ޚުދު އަހަންނަކީވެސް އޭގެ އެތައް ތަޖްރިބާއެއް ކޮށްފައިވާ މީހަކީމެވެ. ޚުދު އަހަންނަށް އެކަންޏެއް ނޫނެވެ. އެކަމަކު އަހަރެންގެ ޢާއިލާގެ އެކިއެކި މީހުންނަށެވެ. އެކަންކަމުގައި އަހަރެން ޝާމިލުވި އަހަރެންގެ ރަޙްމަތްތެރިންގެ ކަންކަމުގައެވެ. ވަރަށް ކުދިކުދި ކަންތައްތަކާއި ގުޅިގެން އެތަނަށް ދެއްކުމުންވެސް އޭގެ އާޚިރު ނަތީޖާއިން ލިބުނީ އިތުރު ވޭނަކާއި ހިތާމައެކެވެ. ވަރަށް ބޮޑެތި ކަންކަމާއި ގުޅިގެން އެތަނުން ފަރުވާލިބިގަންނަން ދިއުމުން، އެކަމުންވެސް ލިބިފައިވަނީ އެތަނާއި އެތަނުގެ މުވައްޒަފުންނާއި ދޭތެރޭ ހިތުގައި ނަފްރަތު އުފެދި ދުވަހަކުވެސް މަޢާފް ނުކުރެވޭނެކަހަލަ ކަންކަމެވެ.
އެޕޮއިންޓްމެންޓެއް ހޯދުމަކީ މަރުފަދަ ކަމެކެވެ. ވިހަންވެފައި އިން މީހަކަށްވެސް، އެއް ދުވަހު ނުދެވުނަސް، ދެވަނަ ފަހަރަކު އެމީހާއަށް އެތަނަށް ދެއްކުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ. އަހަރެން މިއީ އަހަރެންގެ ކޮއްކޮއަށް އެޕޮއިންޓްމަންޓްހައްދަން އެކަމުގައި އުޅުނު މީހާއެވެ. މިވާހަކަ މިހެން މި ދައްކަނީ ކަންތައް ވެގެން ދިޔަގޮތް އަހަންނަށް އެނގޭތީއެވެ. ބަރާބަރު ތިންމަސް ވެގެން ދިޔައިރުވެސް އެތަނުން އެޕޮއިންޓްމަންޓެއް ނުލިބުނެވެ. މިއީ އެތަނުގެ ޙާލަތެވެ.
މެމޯއެއް ހައްދަން ބޭނުންވެއްޖެ މީހަކުގެ މުޅި ދުވަސް ދާނީ އެކަމުގައެވެ. ގިނަވާނީ ބަލިމީހާ ދައްކާ ވާހަކައަށް ހަޅޭއްލަވައިގަންނަ ޑޮކްޓަރުންނެވެ. އެމީހާއަކީ ބަލިމީހެއްކަމާއި، ބަލި ޙާލު ޖެހުމުން ބުއްދިވެސް ގޯސްވާނެ ކަމާއި، ހިތްމޮޅިވެ ބިރުގެންފައިވާނެކަމެއް އެ ޑޮކްޓަރުން ހިތަކަށް ނާރާނެއެވެ. މަލާމާތާއި ޖެއްސުން ކުރާ ޑޮކްޓަރުންވެސް އެހާ ގިނައެވެ. އޯގާތެރިކަމެއް އަމުދުން ނުހުރެއެވެ. ލެބޯޓަރީ އަކަސް އެހެން ތަނަކަސް ޓެސްޓެއް ހައްދަން ބޭނުންވިޔަސް، މުޅި ޢިމާރާތުގެ އެއްފްލޯރއިން އަނެއް ފްލޯރއިން އެއް ކައުންޓަރުން އަނެއް ކައުންޓަރުން އެތައް އިރަކު ދުވަން ޖެހެއެވެ. ހޮސްޕިޓަލެކޯއެވެ. އެކަމަކު ފާހާނާތަކުގެ މުޑުދާރުކަމާއި ބަލިމީހުންގެ ވޯޑްތަކުގެ މުޑުދާރުކަމާއި އެ ވޯޑުތަކުގައި ކާތަކެތި ބަހައްޓަން ހުންނަ ތަންތަން މުޑުދާރުކަމުގެ ވާހަކަ ދެއްކުމެއް ނެތެވެ.
ބަލިމީހާގެ އެނދުގެ ފޮތިތައް ބަދަލުކޮށްދޭން ކިތަންމެ އާދޭހެއް ކުރިޔަސް ހަދާނީ ހަމަ ބޭނުން ގޮތެކެވެ. އެހެންނަމަވެސް ތަންކޮޅެއް ތަނަވަސް ބައެއްހެން ހީވާ ބައެއްނަމަ، ނުވަތަ ކޮންމެވެސް މަޝްހޫރު ބައެއްނަމަ އެ ބަޔަކަށް ޑޮކްޓަރުންނާއި ނަރުހުންގެ އެހީތެރިކަމާއި އަޅާލުންވެސް ލިބެއެވެ. ކިތަންމެ ފަހަރަކު ޖެހިގެން ހުރި އެނދުގައި އޮތް ބަލިމީހާއަށް ގުޅަން ބަހައްޓާފައި ހުންނަ އިންޖެކްޝަންތައް އަނެއް ބަލިމީހަގެ އަތަށް އައިސް ގުޅައެވެ.
ރަށުގައި ހުރެފައި ލޭފައިބާތީ އިމަޖެންސީ ޙާލުގައި ގެނައި މާބަނޑު އަންހެނަކުވެސް އިމަޖެންސީ ކޮޓަރީގައި ބާއްވައިގެން 4 ގަޑިއިރުވީއިރުވެސް ޑޮކްޓަރެއްގެ އަޅާލުމެއް ނުލިބި، އެންމެ ފަހުން ސްކޭން ކުރަން ފޮނުވި ދުވަހެއްވެސް ދުށީމެވެ. ސްކޭން ކުރަން ފޮނުވީވެސް އިމަޖެންސީ ގޮތެއްގައެއް ނޫނެވެ. ހަމަ ޢާއްމު އުޞޫލުންނެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ނަންބަރު ޖެހިގެން ސްކޭން ކުރަން ވެއްދުނު އިރު އެ ގޮނޑީގައި އިންނަތާ 2 ގަޑިއިރު ވެއްޖެއެވެ. ބަނޑުގައި އޮތް ދަރިފުޅު އޮތީ މަރުވެފައެވެ. މި ޚަބަރު ބަލިމީހާއަށް ދިނުމުގެ ބަދަލުގައި ސްކޭން ކުރި ޑޮކްޓަރު އިމަޖެންސީ ރޫމަށް ގުޅާފައި ބުނި އެއްޗެއް ބުނެފައި ނުކުމެގެން ދިޔައީއެވެ. މާބަނޑު މީހާގެ ޙާލު އެނގެން ބޭނުންވީ މީހާއަށް ޖެހުނީ ޑޮކްޓަރު ފަހަތުން ގޮސް އަތުލައިގަނެގެން އެ ސުވާލު ކުރާށެވެ. އިންތިހާ ފަރުވާ ކުޑަކަމާއެކު ބުނީ ”ނޯ މޯ ބޭބީ“ މިހެންނެވެ. އަދިވެސް އެހުމުން ދެން ބުނީ ”ބޭބީ އިޒް ޑެޑް“ މިހެންނެވެ. ރަޙުމެއް އޯގާތެރިކަމެއް އަމުދުން ނެތެވެ. ހުންނަންވީވެސް ކީއްކުރަންހެއްޔެވެ. އޭނަގެ ރަށުގެ އޭނަގެ ގައުމުގެ މީހެއްވެސް ނޫނިއްޔާއެވެ.
މުޅި ތަނުގައި އޮންނަނީ އިންޑިޔާ ލަންކާ މީހުންނެވެ. ސީނިއާ ނަރުހަކަށް ދިވެއްސަކު ހުއްޓަސް އެއީ ހަމަ ބޭކާރު މީހެކެވެ. އެމީހާގެ މަތިން އަރާ ކަންތައްތަކަށް ބޭނިގަނެގެން އުޅޭނީ ކޮންމެވެސް ބިދޭސީ ނަރުހެކެވެ. ހުރިހާ ކަމަކަށްވެސް އެމީހުން އަތްގަދަ ކުރެއެވެ. އެންމެ ކުޑަމިނުން ބަލިމީހާގެ އެހީތެރިޔާއަށް ދިވެހި ނަރުސް ކުއްޖާއާއި ވާހަކައެއް ދެއްކިޔަކަވެސް ނުދޭނެއެވެ. ޙާލު ދެރަވެފައި އޮންނަ ބަލިމީހާއަށް ފަރުވާއެއްދީ ރަނގަޅު ކުރާކަށް އެމީހުން މަސައްކަތެއް ނުކުރާނެއެވެ. ކުރަންޖެހޭ ރޫޓިން ކަންތައްތައް ކުރި ކަމުގައި ވިޔަސް، މާ ބޮޑު އަޅާލުމެއް އެމީހުންގެ ނުހުރެއެވެ.
އައިޖީއެމްއެޗުން ލިބޭ އެއްވެސް ފަރުވާއެއްގައި އަދި ދިމާވާ އެއްވެސް މީހެއްގެ ކިބަޔަކުން އޯގާތެރި ހިނިތުންވުމެއްވެސް ލިބުން އެއީ ހަމަ މުޅިން ނާދިރު ކަމެކެވެ. އެމީހުންގެ އެއްޗެއް ފޭރިގަންނަން ބަޔަކު އައިސްތިބިފަދަ ރުޅިއެއް ނޫނީ އެމީހުންގެ މޫނުމައްޗަކުން ނުފެނެއެވެ.
ރަނގަޅުވާނީ ކޮންކަމެއްހެއްޔެވެ؟ މިދިޔަ ޑިސެމްބަރުގައި އެތަނުން ޚިތާނު ކުރި ކުދިންގެ ތެރޭގައި އަހަރެންގެ ތިމާގެ ކުއްޖެއްވެސް ހިމެނެއެވެ. ހަމައެކަނި އެ ދުވަހުވެސް 8 ކުދިން ޚިތާނު ކުރިއެވެ. ނަމަވެސް އަހަރެންގެ މި ބުނާ ކޮއްކޮއަށް ލުޔެއް ނުލިބި 15 ދުވަސް މާލޭގައި ހޭދަކުރަން ޖެހުނެވެ. ޑޮކްޓަރަށް ދައްކާ ކޮންމެ ފަހަރަކު ބުނަމުން ދިޔައީ، އަދި ރަނގަޅުވާނެ. އެއީ މައްސަލައެއް ނޫން. ބައެއް ކުދިންނަށް އެހެންވާނެ. މިކަހަލަ ބަސްތަކެވެ. މިހާރު އޭގެ ފަހުން ތިންމަސް ވަނީއެވެ. އަދިވެސް މިއަދާއި ހަމައަށްވެސް އެ ތުއްތު ކުއްޖާ އެ އުޅެނީ އެކަމުގެ ވޭނުގައެވެ.
މިއީ ކުޑަ ކަމެއްހެއްޔެވެ؟ ފިރިހެންކުއްޖެއްގެ މުޅި ޙަޔާތަށް މިކަމުން ކުރާނެ އަސަރު ތިބޭފުޅުން އަމިއްލައަށް އިހްސާސްކޮށްލައްވާށެވެ. އެކަމަކު މިއިން ކަމަކަށް ފަރުވާލެއް ބަހައްޓާ ބަޔަކު އެތާކުވެސް އަދި ރާއްޖޭގެ ސިއްޙީ ދާއިރާއަކުވެސް ނެތެވެ.
އެތަނުގެ ގިނަ ޑޮކްޓަރުންގެ ކިބައިން ފެންނަނީ ބޮޑާކަމާއި ކިބުރުވެރިކަމެވެ. ދެއްކުންތެރިކަމާއި ވާނޭ ކަމެވެ. ޙަޤީޤަތަކީ، މާތް ﷲ ތިމަންނާމެންގެ ކޮނޑުގައި އަޅުއްވާފައި މިވާ ބުރަ މަސްއޫލިއްޔަތުގެ ބޮޑު ކަމާއި ނުރައްކާތެރިކަން ކުޑަކޮށްވެސް އެމީހުންގެ ހިތަށް ނުވަންނަ ކަމެވެ. ހުރިހާވެސް އެއްޗަކަށް ވެފައި މި އޮންނަނީ ރީތި ނަމާއި ބޮޑު މުސާރައެވެ. އިޚްލާޞްތެރި ހިތަކާއި އިންސާނިއްޔަތު ކަމެއް ހުރި މީހަކު އެއް އަތުގެ އިނގިލިތަކުންވެސް ގުނާލެވޭނެއެވެ. އެހާވެސް މަދެވެ.
އަދިވެސް ފާހަގަ ކުރެވޭ ކަމެކެވެ.
ބޭސް ސިޓީގައި ޑޮކްޓަރު ލިޔުއްވާ ބޭސް ނަގަން ކޮންމެ މީހަކުވެސް ދަނީ އާސަންދަ ލިބޭ ފާމަސީއަށެވެ. އެއީ އެސްޓީއޯ ފާމަސީއެވެ. އެކަމަކު އެތަނުން އެ މުހިއްމު ބޭސް ލިބުން އެއީ ނާދިރު ކަމެކެވެ. ދެން ނިކުންނާނީ ބޭރަށެވެ. ހޮސްޕިޓަލްގެ ދިމާކުރިމަތީގައި ހައެއްކަ ފާމަސީ ހުރެއެވެ. އާސަންދަ ލިބޭނީ އެއިން އެންމެ ތަނަކުންނެވެ. އެކަމަކު އެތަނަކުވެސް އެ ބޭހެއް ނުހުންނާނެއެވެ. އެންމެ ފަހުން އަތުން ލާރީދީފައި ބޭސް ގަންނަނީއެވެ. ކޮންމެ މީހަކުވެސް އެމީހަކުގެ ޢާއިލާ ދެކެ ލޯބިވެއެވެ. އަދި އަމުދުން ބައްޔެއް ކަމެއްވެއްޖިއްޔާ ދިގު ދަންމާކަށް ނުތިބޭނެއެވެ. އަތުން ދިނަސް، އެކަމެއް ވަގުތުން ވަގުތަށް ކުރާނެއެވެ. މިކަން އެންމނެންވެސް ދަނެއެވެ. އާސަންދަ ނުލިބޭ ފިހާރަތަކުގައި ބޭސް ހުރެފައި އާސަންދަ ލިބޭ ފިހާރަތަކުގައި ބޭސް ނުހުންނަނީ އިއްތިފާޤަކުންނޭ ބުނަން ވަރަށް ދައްޗެވެ.
މުޅި ތަނަށް ކެއުން ބުއިމުގެ ކަންތައް ހަމަޖެހެން ހުންނަނީ ހޮސްޕިޓަލްތެރޭގައި ހުންނަ ކެފޭއިންނެވެ. އެހެންނަމަވެސް އެތަނަކީ ބައެއްފަހަރަށް އެއްވެސް އިންސާނަކު ކައިބޮއި ހަދަން ހެޔޮވާވަރު ތަނެއް ނޫނޭ އަހަރެން ހިތަށް އަރައެވެ. ކައްކާފައި ހުރި ނޫޑުލްސް ޓްރޭ ހިފައިގެން ނުކުންނަނިކޮށް އެތާ ވެއިޓަރެއްގެ ގައިގައި ޖެހިފައި އޭތި ބަންޑުންވުމުން އަވަސް އަރުވާލާފައި އެ ބިންމަތީގައި ހުރި ނުޑުލްސްތައް ނަގާ އަލުން ޓްރޭއަށް އަޅައިގެން އައިސް ކަސްޓަމަރުންގެ ކުރިމަތީގައި ބެހެއްޓި ދުވަހަކީވެސް އަހަރެންނާއެކު އެތައް ބަޔަކު އެ މަންޒަރު ދުށް ދުވަހެކެވެ. އެކަމަކު އެތާ ތިބި ވެއިޓަރުންނަކަށް އެކަން ބޮޑު ކަމަކަށް ނުވެއެވެ. އެ މަންޒަރު ފެނުނު ބަޔަކު އޭގެއިން ނުކެޔަސް، އެތަނަށް ވަންނަ ކިތައް މީހުން އެ ނޫޑުލްސް އެތިން ކާނެހެއްޔެވެ؟ އެ ނޫޑުލްސް އެއްޗަކީ ހަމަ އެވަގުތު ކައްކައިގެން ގެނައި އެއްޗެކެވެ. އެހެންނަމަވެސް އެ ހަޑި ބިންމައްޗަށް ވެރުމުން، އަލުން ނަގާ އޭތި މީހުންނަށް ކާންދޭން އަޅެ ހެޔޮ ވެދާނެހެއްޔެވެ؟
މިކަހަލަ ކިތަންމެ ޙާދިސާއެއް ހަމައެކަނި އެ ކެފޭގައިވެސް ހިނގާފައި އެބަހުއްޓެވެ. ލިޔެ ހުހެއް ނުވާނެއެވެ.
އައިޖީއެމްއެޗް އިސްލާޙް ކުރަންވީ މިއަދަކު އިއްޔެއަކު ނޫނެވެ. އެތަނުގެ ސަބަބުން ގެއްލުމެއް ދެރައެއް ނުލިބޭ ޢާއިލާއެއް ރާއްޖޭގެ އެންމެ މީހުން ގިނަ މި މާލޭގައި ގައިމުވެސް މަދުވާނެއެވެ. އެ ތަނުގެ ފީކަޅާ ކަމާއި ފަރުވާކުޑަކަން ނުދަންނަ ބައެއް މަދުވާނެއެވެ. އެތަނުގެ ޙަޤީޤަތް ނޭނގޭނީ ރަށްރަށުން އަންނަ ނިކަމެތިންނަށެވެ. އެހެން އެންމެންނަށްވެސް އެކަން އެނގެއެވެ. ނަމަވެސް އާސަންދަ ލިބިފައި، ކޮންމެ މީހަކީ އަގުބޮޑު ކްލިނިކްތަކަށާއި ހޮސްޕިޓާތަކަށް ދެވޭނެ ފެންވަރުގެ ބަޔަކަށް ނުވާތީ އެތަނަށް ދެވެނީއެވެ. ނަމަވެސް ގިނަ މީހުން އެތަނުން ނުކުމެގެން އަންނަން ޖެހެނީ އެތައް ހިތްހަމަނުޖެހުމަކާއި ކަރުނައަކާއެކުގައެވެ.
އަދިވެސް…ދެންވެސް އައިޖީއެމްއެޗްގެ ޙާލަތު ރަނގަޅުކުރަން ބަޔަކު މަސައްކަތް ކުރާކަށް ނުވޭހެއްޔެވެ؟ އަދިވެސް ދެންވެސް ބަޔަކު މިކަމާއި އުޅެގެން ނުވަނީހެއްޔެވެ؟ ހުމެއް އައިސް ރޯގާއެއް ޖެހޭ ކޮންމެ ފަހަރަކު ހަމަ އެންމެނަކަށް ފުރަފުރައިގެން ޤައުމުން ބޭރަކަށް ނުދެވޭނެއެވެ. ދެވޭ މީހުން އެގޮތަށް ދިޔަޔަސް، ނުދެވޭ މީހުންނަށްޓަކައި، މި ޒިންމާއާއި ހަވާލުވެގެން ތިބި މީހުން ތަންކޮޅެއް ފަރުވާތެރިވާން ވެއްޖެ ނޫންހެއްޔެވެ؟ މަސްއޫލިއްޔަތުގެ ދެވަނަ ނަމަކީ ބޮޑު މުސާރައެއް ނޫނެވެ. މަސްއޫލިއްޔަތުގެ ދެވަނަ ނަމަކީ ޒިންމާ އުފުލުމެވެ.
ސިއްޙަތާއި ބެހޭ މިނިސްޓްރީގެ ހަމައެކަނި ޒިންމާއަކީ ހޮސްޕިޓަލްތަކާއި ކްލިނިކްތައް ހިންގުންބާވައޭވެސް އަހަރެންގެ ހިތަށް އަރައެވެ. މާ ގިނަ ޤައުމުތަކަކަށް އަހަންނަށް ނުދެވުނުކަމުގައި ވިޔަސް، އަހަންނަކީ ފޮތްކިޔާ، ނޫސް ކިޔާ، ޚަބަރުތައް ކިޔާމީހަކީމެވެ. މި ނޫނިއްޔާ، ޢާއްމުން ހޭލުންތެރި ކުރުވުމާއި، ޢާއްމުންނަށް ސިއްޙަތާއި ބެހޭ މަޢުލޫމާތުތައް ދިނުމުގައި މަސައްކަތް ނުކުރާ ޤައުމެއްވެސް އޭގެތެރެއިން އަހަރެން ނުދެކެމެވެ. ސިއްޙަތަކީ އަމިއްލައަށްވެސް ބެލެހެއްޓޭނެ އެއްޗެއްކަން އަންގައިދިނުމެއް ރާއްޖެއަކު ނޯވެއެވެ. އަހަރެމެންނަށް ދަސްވެފައި މިތިބީ ބަލިޖެހެންދެން އުޅޭނެހާ ގޮތަކަށް އުޅެފައި ޑޮކްޓަރު ކައިރިއަށް ދިއުމަށެވެ.  ދާއިރަށް ބާރުގަދަހާ ބޭސްތައް ދެއެވެ. އަހަރެމެން އެ ބޭސްތައް ކަމުއެވެ. އޭގެ އަހަރުތަކެއްފަހުން، އެ ބޭހުގެ ސަބަބުން އެހެން އެތައް ބޮޑު ބައްޔެއް އަހަރެމެންގެ ކިބައިން ފެނެއެވެ. އަނެއްކާވެސް އަނެއް ބޭހެކެވެ. މިއީ އަހަރެމެންގެ ތެރެއިން ގިނަ ދިވެހިންގެ ޙަޤީޤަތެވެ. ޚާއްޞަކޮށް، 30 އަހަރުން މައްޗަށް ގޮސްފި ކޮންމެ މީހެކެވެ.
ސުވާލަކީ، މިކަމުގައިވެސް ހެލްތު މިނިސްޓްރީއާއި، ސިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންނާއި ނަރުހުންވެސް ކުރައްވަންޖެހޭ އެއްވެސް މަސައްކަތެއް ނޯންނަނީތޯއެވެ. މި ދާއިރާގެ ބޭފުޅުންގެ ހަމައެކަނި ޒިންމާއަކީ ބޮޑު މުސާރައަށް ދަޢުވާ ކުރުންބާވައެވެ. ސިއްޙީ ދާއިރާއަކީ އެކައުންޓް ބެލެހެއްޓުމާއި ސްޓޮކް ބެލެހެއްޓުން ކަހަލަ ކަންކަމެއް ނޫނެވެ. ވީއިރު، މިދެންނެވި ފަދަ ކަންތައްތަކަށް ޢާއްމުން ލޯހުޅުވައި، ސިއްޙަތާއި ގުޅުންހުރި މުހިއްމުކަންތައްތައް ޢާއްމުންނަށް ބުނެދޭ ބަޔަކަށް މި ގައުމުގެ ސިއްޙީ ދާއިރާގެ ބޭފުޅުން ނުވަނީ ކީއްވެގެންބާއޭ އަބަދުވެސް ސުވާލު އުފެދެއެވެ.
އަހަރެމެންގެ މި ކުޑަކުޑަ ޤައުމުގެ ސިއްޙީ ޙާލަތު މިހާރު މިއޮތްގޮތުން އިންތިހާއަށް ހިތާމަ ކުރަމެވެ.
މިއީ މަޢާފް ކުރެވޭނެ ކަމެއް ނޫނެވެ. އަދި މި ހިތާމައެއް އަހަރެންގެ ހިތަކުން ދުވަހަކުވެސް ނުފޮހެލެވޭނެއެވެ.ބޭނުންވަނީ އައިޖީއެމްއެޗް ނައްތާލުމެއް ނޫނެވެ. ތަޅާލުމެއް ނޫނެވެ. އަލުން މަރާމާތު ކުރުމެއްވެސް ނޫނެވެ. އިސްލާޙް ކުރަންވީ އެތަނެވެ. އެތަނުގެ ޤަވާޢިދާއި އުޞޫލުތަކެވެ. ދެވޭ ފަރުވާ އާއި ބަލިމީހުންނަށްޓަކައި ކޮށްދެވޭ ކަންކަމެވެ. ވިޔަފާރިއަކަށްވުރެ ބޮޑަށް އިންސާނިއްޔަތަށް ކޮށްދޭ ކަމެއްގެ ގޮތުގައި ދެކެގެން ނޫނީ މިކަމެއް ނުވާނެއެވެ.
އަހަރެންގެ ދުޢާ އަކީ މިއަދު ފެތުރިގެން މިއުޅޭ ޚަބަރުގައި މި ހިމެނޭ، އެއިޑްސް ޖެހުނު އަންހެންމީހާއަށް ހެޔޮ ރަޙްމަތާއި ޝިފާދެއްވައި، ކެތްތެރިކަން އެ ޢާއިލާއަށް ދެއްވުމެވެ. އަދި އެ ނުރައްކާތެރި ބަލި އިތުރަށް ނުފެތުރުމެވެ.
އައިޖީއެމްއެޗްގެ ”ފީކަޅާ“ ކަމުގެ ސަބަބުން ގެއްލުން ލިބިފައިވާ ހުރިހާ ބަލިމީހުންނާއި ކުދިންނަށް އަވަސް ޝިފާދެއްވައި އެ އެންމެންނަށް އޯގާތެރި ބެއްލެވުމަކުން ބައްލަވާށި. އާމީން !
މި ޤައުމުގެ ޞިއްޙީ ޙާލަތު ރަނގަޅުކޮށްދެއްވައި، އަހަރެމެން އެންމެންވެސް ނުރައްކާތެރި ބަލިތަކުން ސަލާމަތްކޮށްދެއްވައި، އަހަރެމެންގެ ލޮލުގެ ކޮއިފަދަ ކުޑަކުޑަ ކުދިންކޮޅު އެފަދަ ބަލިތަކުން ސަލާމަތްކޮށްދެއްވައި ރައްކާތެރިކޮށްދެއްވާށި. އާމީން !
✩✩✩—✩✩✩
ލިޔުނީ: ފަތިސްތަރި ޞޮފާ / 27  ފެބްރުއަރީ 2014

 

Leave a Reply

Your email address will not be published. Required fields are marked *

Previous Article

މާރުކޭޓުން ގަންނަ މަހުގެ ކޮލެޓީ އާ މެދު ވިސްނާލެވޭތޯ؟

Next Article

އުފެދުމުގެ ނުކުޅެދުންތަކުން ދަރިފުޅު ރައްކާތެރިކުރުން

Related Posts