ރާއްޖޭގައި ހުރި އާޘާރީ ތަންތަނުގެ ތެރެއިން ނ. މިލަދޫ ރެދިންގެ ގައުފުނި އަދި އުސްގަނޑު

 ނ. މިލަދޫގައި“ ރެދިންގެ ގައުފުނި“ ކިޔާ ތަނަކާއި “ އުސްގަނޑު“ ކިޔާތަނެއް އޮވެއެވެ. 1987 ވަނަ އަހަރުގެ މެއިމަހުގެ ތެރޭގައި އާކިއޮލޮޖިކަލް ސާރވޭ އޮފް އިންޑިއާ ޓީމަކާއި އަލްއުސްތާޛް މުޙައްމަދު އިބުރާހިމް ލުތުފީ މިރަށް ތަޙުޤީޤު ކުރެއްވިއެވެ.

މި ސަރަހައްދުން ގޯތިދެވި، ސަރަހައްދުގެ ބޮޑުބައިވަނީ އާބާދީގެ ތެރެއަށް ވަދެފައެވެ. އަލްއަމީރު މުހައްމަދު އަމީނުގެ ވެރިކަމުގައި ބަޔަކުމީހުން މިތަނުން ގާނަގަނިކޮން، ހިރިގަލުން ހުރި ފޮއްޓަކާއި އޭގެތެރޭގައިވާ ތަކެތި ފެނިގެން، އެތަކެތި މާލެއަށް ފޮނުވުނުކަމަށް ރަށުއޮފީހުން އަލްއުސްތާޛް މުޙައްމަދު އިބުރާހިމް ލުތުފީއަށް މަޢުލޫމާތު އެރުވިއެވެ. ތަނުގެ ހުރަސްފާރުތަކާއި ސަރަހައްދުގެ ވަށާފާރުގެ ހުރަސްކޮޅުތައް، ގިރައިގެން ގޮސްފައިވާތަނުން ފެންނަން 1987 ވަނަ އަހަރު ހުއްޓެވެ. ރަށުގެ މެދު ތެރެއިން ކޮންނަމުންދާއިރު ބުޑިސްޓް ދީނުގެ ދުވަސްވަރުގެ ގަލާއި އެފަދަ ތަކެތި ނެގޭކަމަށް ބުނެއެވެ. ފެންނަފެނުމުގައި މިރަށަކީ ކުރީޒަމާނުގައި މުހިންމު ރަށެކެވެ. އަދި ފަހުންވެސް ހަރުދަނާބަޔަކު އުޅެމުން އައިސްފައިވާ ރަށެކެވެ. ނ. އަތޮޅުގެ ނަން“ މިލަދުންމަޑުލު“ ނިސްބަތް ކުރެވިފައިވަނީ މިރަށަށް ކަމަށްވާތި، އިހުޒަމާނުގައި އަތޮޅުގެ އެންމެ އިސްރަށަކީ މިލަދޫ ކަމަށް ބެލެވެއެވެ.

”ރެދިންގެ ގައުފުނި“ ކިޔާ ތަނަކީ އެރަށުގައި ބުޑިސްޓް މޮނާސްޓްރީއެއް ހުރި ތަނެއްކަމަށް އާރކިއޮލޮޖިކަލް ސާރވޭ އޮފް އިންޑިއާގެ ޓީމުން ވިދާޅުވިއެވެ. މިތަންހުރީ ރަށުގެ އިރުމަތި ފަރާތުގައެވެ. އެދިމާއިން 150 ވަރަކަށް ފޫޓް ގިރައިގެން ތަނުގެ ބޮޑުބައިވަނީ މޫދަށް ގޮސްފައެވެ. ކުރިން މިތަނާ ގޮނޑުދޮށާ ދެމެދު 180 ފޫޓް ނުވަތަ 200 ފޫޓް ހުންނާނެ ކަމުގެ ހެކި އިބްރާހިމް ލުތުފީއަށް ފެނިވަޑައިގަތެވެ. މިތަނަކީ ތަޙުޤީޤް ކުރަންވެފައިވާ މުހިންމު ތަނެކެވެ.

މިރަށުގައިހުރި ދެވަނަ އުސްގަނޑަކީ ކުނި އެޅުމުގެ ސަބަބުން ގޮނޑަކަށްވެ އުސްގަނޑަކަށް ވެފައިވާ ތަނެއް ކަމުގައި އަލް އުސްތާޛް އިބްރާހިމް ލުތުފީ ވިދާޅުވެފައި ވެއެވެ.

މިރަށުގައިވާ އާޘާރީ ތަންތަނަކީ އިތުރަށް ތަޙުޤީޤް ކުރުމަށް ބޭނުންވާ ތަންތަނެވެ.

މިއީ “ ދިވެހިރާއްޖޭގައި ހުރި އާޘާރީ ތަންތަން“ މިފޮތުން ނަގާފައިވާ ލިޔުމެކެވެ. އަދި މިއީ މިފޮތް ކިޔާލުމުގެ ފުރުޞަތު ލިބިފައިނުވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުމުގެ ގޮތުން ލިޔާ ސިލްސިލާ ލިޔުން ތަކެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ފައިސާއާ ޝަރަފަށްޓަކައި ދީންވިއްކާނުލި 124 އަހަރުގެ އަންހެނާ

Next Article

ރާއްޖޭގައި ހުރި އާޘާރީ ތަންތަނުގެ ތެރެއިން ނ. ކުރެދިވަރު ކުކުރު މިސްކިތް

Related Posts